އައުސް 1
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސުމަށްޓަކާ ޖައްވުން އަލިކަން ފަނޑު ކުރަމުން، މޫދުގެ ލޮނުގަނޑާ ގާތަށް ތިރިވަމުން ދަނީއެވެ. ގުދުރަތުގެ މި ހިތްގައިމު މަންޒަރު ބަލަން ރަސްފަންނުގައި އިން އައުސް އެދަނީ ފޮޓޯ ނަގަން ތައްޔާރު ވަމުންނެވެ. ކޮންމެ ދުވަހެއްގެ އިރުއޮއްސޭ މަންޒަރު ބަލާ، އެ ހިތްގައިމު މަންޒަރުތައް ރައްކާ ކުރުމަކީ އައުސްގެ އާދައެކެވެ. އައުސް އޭނާގެ އަތަށް ކެމެރާ ހެޔޮވަރުކޮށްލަމުން، އެކި އޭންގަލް ތަކުން ފޮޓޯ ނަގަން ފެށިއެވެ. މިގޮތުން އޭނާ އަށް ނެގުނު ފޮޓޯތަށް ބަލަމުން ދަނިކޮށް، އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. އައުސް އަށް ނެގިފައިވާ ފޮޓޯގަނޑުގައި ވަނީ އައުސް އާއި ދާދި އެއް އުމުރެއްގެ ފިރިހެން ކުއްޖެކެވެ. އެފޮޓޯގައި އެކުއްޖާ ހުރީ އޭނާގެ މަންމަ ގެ އަތުގައި ހިފައި، އެ މަންމަ އަށް ވަރަށް އޯގާތެރި ހިނިތުން ވުމެއް ހަދިޔާ ކޮށްގެންނެވެ. މިހެން އިންދާ، އޭނާގެ ކުރިމަތީ މާޒީގެ ޞަފްޙާތަށް އުކެން ފެށިއެވެ. އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. އައުސްގެ މުޅި ޙަޔާތް ބަދަލު ވެގެންދިޔައީ އޭނާގެ “ދޮންމަންމަ” ނަފީސާ މި ދުނިޔެއިން ވަކިވުމާ ގުޅިގެންނެވެ.
ނަފިސާ އަކީ އައުސް ގެ ދޮންމަންމަ އެވެ. އައުސް ގެ މަންމަ ވަނީ މީގެ ފަސް އަހަރު ކުރިން ދިމާވި ހިތާމަވެރި ހާދިސާއެއްގައި މި ފަނާކުރުވަނިވި ދުނިޔެއިން އަލްވަދާޢު ކިޔާފައެވެ. އެހެންކަމުން އިސްމާޢީލު އެހެން މީހަކާ ދެވީ، އައުސް އަށް ރަނގަޅު މައެއްގެ ލޯބި ހޯދައި ދިނުމުގެ ނިޔަތުގައެވެ. މައެއްގެ ފަޅުކަން ފިލުވާދެމުން އައި، ނަފީސާ އައީ އައުސް އަށް ނުހަނު ލޯތްބާއި ކުލުނު ދެމުންނެވެ. ނަމަވެސް އައުސްގެ ހިތަކުން ނަފީސާ އަށް އޭނާގެ މަންމަގެ މަޤާމެއް ނުދެވުނެވެ. އައުސް ދެކޭ ގޮތުގައި، ދޮންމަންމައިންނަކީ އަނިޔާވެރި އަދި އެހާމެ ޒީލަގަދަ ބައެކެވެ. މިވީ ފަސް އަހަރު ދުވަހު ތެރޭ އައުސް ނަފީސާ އާއި ހަތަރު ކަޅި ހަމަކޮށް ވާހަކަދައްކާލާފައި ނުވާ ތާނގަ، އެ މަންމަ އަށް އެހާމެ ހިތިކޮށް ކަންތަށް ކުރަމުން ދިޔައެވެ. ނަފީސާ އަކީ ވަރަށް ވެސް ކެތް ގަދަ މައެކެވެ. ކޮންމެ ދުވަހެއް ކަހަލައިން އައުސް އެދޭ ބަހުގެ ހަމަލާތަކަށް ނަފީސާ ކެތްކޮށްލިގެން ހުންނަނީ އައުސްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެ މަންމަ ކުރާ ހިތާމަތައް ދެނެވޮޑިގެންވާނީ ހެއްދެވިފަރާތެވެ. ނަފީސާ ކޮންމެ ނަމާދަކަށްފަހު ﷲ ގެ ހަޟްރަތުގައި އެ ދަރިފުޅަށް ހެޔޮ ދުޢާކޮށް، އެ ދަރިފުޅުދެކެ އެ މަންމަ ވާ ލޯބި އިޙުސާސް ކޮށްދެއްވުމަށް އެދި ދަންނަވައެވެ.
(ނުނިމޭ)
4 Comments!
Comments are closed.

Vrh reethi……. Masha Allah……. Waiting for the next part
❤️ޝުކުރިއްޔާ
Salhi
❤️ޝުކުރިއްޔާ