އެސިއްރު……….. ދެވަނަ ވަނަ ބައި
ފިޒާން ފުރަގަހަށް އެނބުރުނު ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވުމާއިއެކު ހީވީ ވަށައިގެންވާ މާހައުލު ހަމަހިމޭން ކަމުގެ ސުކޫތެއް ގެނުވިހެންނެވެ. މާއީގެ އެފުން ދެލޮލުގެ ތެރެއަށް ފިޒާން ގެނބިގެންދިޔައެވެ……..
ޓެންޓު މަތީ ބީހެމުން އެކިރާގު ކުޅެމުންދިޔަ ވާރޭތިކިތަކުގެ އެ ހިތްގައިމު އަޑުވެސް އެދެމީހުންގެ ކަންފަތާ ހަމަޔައް ނުފޯރާކަހަލައެވެ. އުނަގަނޑާއި ހިސާބުން ފިޒާންގެ އިނގިލިތައް އިހުސާސްވެފައި މާއީއަށް ނޭވާ ހިފަހައްޓާލެވުނެވެ. ފިޒާން މާއީ ގެނެސް ގައިގައި ޖައްސާ ފިއްތާލަމުން އަތުން ދޫކޮށްލާފައި މާއީގެ ކޮނޑުމައްޗައް ވިހުރިފައިހުރި އިސްތަށިތައް އެއްފަރާތް ކޮށްލަމުން މާއީގެ ކަނދުރާގަ ބޮސްދޭންފެށިއެވެ. މާއީއަށް ލޯމަރާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ އުނަގަނޑާ ހިސާބުގައި އޮތް ފިޒާންގެ އަތުގައިހިފާ ބާރުކޮށްލެވުނީ ފިޒާންގެ ކޮންމެ ހަރަކާތަކަށް އިޖާބަދެމުންނެވެ.
ގޭގެ ސިޓިންރޫމުތެރޭގައި ފިޒާންގެ މައިންބަފައިންގެ އިތުރުން ޝަހީމާއާއި ނަދީމްވެސް ތިއްބެވެ. ކުރިއަށްއޮތް ތިންދުވަސް ތެރޭގައި މާއީގެ އުފަންދުވަސް ޖެހޭތީ ހަތަރުމީހުންވެސް ތިބީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން ޕާރޓީ ބާއްވާނެތަނާއި ވާންޖެހޭ އިތުރު ތައްޔާރީތަކުގެ ވާހަކަ ދައްކާށެވެ.
“މޯމް ޑޭޑް ސޮރީ! މިފަހަރު ހިއެއްނުވޭ އަހަންނަށް ޕާރޓީގައި ބައިވެރިވެވޭނެހެން” ސިޓިންރޫމަށް ވަންނަމުން ފިޒާން ވާހަކަ ދެއްކިއެވެ. “އެއީ އަނެއްކާ ކިހިނެތްވީ ދަރިފުޅާ؟” ފިޒާންގެ ބައްޕަ ޝަރީފް ސުވާލުކޮށްލިއެވެ. “ހީވަނީ މާދަމާ ފުރަންޖެހޭނެހެން ހަތަރު ވަރަކަށް ދުވަަހަށް” ފިޒާންގެ ޖަވާބުން އެންމެންގެ މޫނުމަތިންވެސް މޮޅިވެރި ވެގެންދިޔައެވެ.
ރޭގަނޑުގެ ނާސްތާ ކޮށްނިންމާލާފައި ފިޒާން މާއީގެ ގެއަށް ދިޔައީ ޕާރޓީގައި ބައިވެރި ނުވެވޭ ވާހަކަ ބުނާށެވެ. އެއަޑު މާއީގެ ކަންފަތުގައި ޖެހުމާއިއެކު މާއީގެ ގާތަށް ރުޅިއައެވެ. އަދި އެދޮންމޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އެނދުމަތީ އިށީނދެގެން އެއިންގޮތަށް އިނދެ ކައިރީގައި އޮތް ބާލީސް ނަގާ ފިޒާންގެ ގައިގާ ތަޅަންފެށިއެވެ. ފިޒާން މާއީގެ އަތުގައި އޮތް ބާލީސް އަތުލައިގެންފައި ބިންމައްޗަށް އެއްލިއެވެ. އަދި ވަރަށް ލޯބިން މާއީގެ މޫނުގައި ދެއަތުން ހިފަހައްޓާ މާއީގެ ނިއްކުރިއަށް ބޮސްދިނެވެ. “ބޭބް ރިއަލީ ސޮރީ، ބަޓް މި ޓްރިޕް ކެންސަލް ކުރެވޭ ވަރަށް ވުރެން މުހިންމު” ފިޒާން މާއީއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު މާއީގެ ގާތަށް އައިސްފައިވާ ރުޅި މައިތިރި ވާވަރެއްނުވިއެވެ. އެންމެފަހުން ރުޅިއައިސް ކެތްނުކުރެވިގެން ޕާރޓީހެދުންވެސް ނަގާ ކުޑަދޮރުން ބޭރަށް އެއްލާލާފައިގޮސް ފާހާނާއަށް ވަދެ މާއީ ދޮރުލެއްޕިއެވެ. ފިޒާން އެހުރިގޮތަށް އެނދުމަތީ އިށީދެގެން ހުރީއެވެ. މަޑުހިނިތުން ވުމަކާއިއެކު ފިޒާން އެއިން ގޮތުން މާއީ ދެން ކަންތައް ކުރާނެގޮތް ވެސް އޭނާއަށް އެނގޭ ކަހަލައެވެ. ފާހާނާއަށް ވަދެ މިނިޓެއް ނުވަނީސް މާއީ ނިކުތެވެ. އަަދި ބާރު ހިނގުމެއްގައި ސިޑިންފައިބައިގެން އެދިޔަގޮތަށް ގޮސް ގެއިން ނިކުތެވެ. މާއީގެ ފަހަތުން ފިޒާން ވެސް ނިކުތެވެ. ފިޒާންއަށް ފެނުނު އިރު މާއީ އިނީ ކުޑަދޮރުން ބޭރަށް އެއްލާލި ހެދުން ނަގާ ފޮޅާށެވެ. ހެދުން ފޮޅަމުން މާއީ އެނބުރުނު އިރު ފިޒާން ދެއުކުޅުގަ އަތް ވިއްދާލައިގެން ހިނިތުންވެފައި މާއީގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ.
“ހެދުން ދެރަވާނެ އެ އެއްޗާމެދު އެހާއިހާނެތިކޮށް ކަންތައް ކުރީމަ، އެކަމް އަދިވެސް ލޯބި ދެކެ ރުޅި” މާއީ ފިޒާން އާއި ކައިރިވެލަމުން ބުންޏެވެ.
” ހްމް! މިހާރު އެނގިއްޖެ ރުޅިއެއް ނޫންކަން، އެހެންނޫންނަމަ ތިހާ ލޯބިން ލޯބިއޭ ކިޔާ ނުގޮވާނެ”
ޕާރޓީގެ ތައްޔާރީތަކުގައި އެންމެ ކުރީސަފުގައި އުޅޫނީ ކޭޓްއެވެ. އެހެންއަހަރުތަކާ ހިލާފަށް މިއަހަރު ޕާރޓީ ހޮޓަލެއްގައި ބޭއްވުމުގެ ބަދަލުގައި އޮތީ މާއީގެ ގޭގައެވެ. އެކިކުލަކުލައިގެ ބޮކިތަކުން މުޅިގެވަނީ ޖަރީކޮށްފައެވެ. އެންމެ ފުރަތަމަވެސް ގެއަށް ވަންނަ ކޮންމެ މީހެއްގެ ލޮލުގައި އަޅައިގަންނާނީ ކުރިމަތީފާރުގައި ބޮޑުއަކުރުން ހެޕީ ޓުވެންޓީއެތު ބާތް ޑޭ މާއީ އޭ އަޅާފައިފައި އޮތްތަނެވެ. އޭގެ ކަނާއަތްފަރާތުގައި ހުރި ބޮޑު މޭޒެއްގެ މަތީގައި ތަފާތު އެކިވައްތަރުގެ ކާތަކެތި އަތުރާފައި ހުއްޓެވެ.
ކޭޓް ކޮށާފައިވާ ދެ މޭވާތަބު ހިފައިގެންއައިސް މޭޒުމަތީ ބެހެއްޓި ވަގުތަކީ ޝަރީފް އާއި ޒުހުރާ މާއީގެ ބާތްޑޭ ކޭކު ހިފައިގެން އައިސް ވަންވަގުތެވެ. އެމީހުން ވަނުމާއެކު ކޭޓް އެދިމާލަށް ދުވެފައި ދިޔައެވެ.
“ވާއު! ސޯ ބިއުޓިފުލް، އައި ވިލް ކޯލް މާއީ، ޝީ ވިލް ބީ ސޯ ހެޕީ ޓު ސީ ދިސް” ކޭޓް މާއީގެ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. “ހެއި ސްވީޓްސް، ދޭ ބޯޓް ޔުއާރ ކޭކް، ލެޓްސް ގޯ!” ކޭޓް ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ. އެއާއިއެކު އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. މާއީ އިނީ ހަމަ އެއިން ގޮތަށް އެނދުމަތީ ފައިވަށް ކޮށްގެން އިށީނދެގެންނެވެ. އެހެން ކޮންމެ އަހަރަކު ޕާރޓީ ފެށުމުގެ ދެ ތިން ގަޑިއިރު ކުރިން މާއީ ހުންނަނީ ތައްޔާރުވެ ނަލަހެދިލައިގެންނެވެ. އެކަމަކު މިރޭ އޭނާ އެއިނީ ކަކުލަށްތުރެ މައްޗަށް އޮތް ހުދު ސޯޓަކާ ފިޔާތޮށި ކުލައިގެ ޓީޝާރޓެއް ލައިގެން މިލާ މޯޅިވެފައިވާ މަލެއް ހެން މޫނު ހަދައިގެންނެވެ. އޭނާގެ މޫނު މަތިން އުފާވެރި ކަމުގެ އެއްވެސް ކުލަވަރެއް ފެންނާކަށްނެތެވެ. މާއީ ފެނުމާއެކު އޭނާ އެއިނީ ފިޒާންއަށް ޕާރޓީގައި ބައިވެރި ނުވެވޭތީ އެކަމާ މާޔޫސްވެފަަކަން ކޭޓްއަށް އެނގުނެވެ.
“ސްވީޓްސް، ޕްލީޒް ގޯ އެންޑް ގެޓް ރެޑީ، އެވްރީ ވަން އިޒް ހިޔާރ” ކޭޓް މިހެން ބުނެފައި ހިނގައި ގަންނަމުން ވަރަށް އުނދަގުލުން ދިވެހި ބަހުން މަށައްޓަކާ އޭ ބުނެލި އަޑު އިވުމުން މާއީއަށް ވަރަށް ބާރަށް ހީގަނެވުނެވެ. ކޭޓް އެހެން ބުނެލިގޮތާ އަލަށް ވާހަކަ ދައްކަން ދަސްކޮށްގެން އުޅޭ ކުޑަ ކުއްޖަކު އެހެން ބުނެލާނެ ގޮތާ އެއްވެސް ތަފާތެއްނެތެވެ.
މާއީ ވަރަށް ކަންނެތް ގޮތަކަށް ތެދުވެގެން ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ އެރެއަށް ހާއްސަކޮށްފައިވާ ހެދުން ލައިގެން ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ކަކުލާ ހަމައަށް އޮތް އެމަޑުނޫކުލައިގެ ހެދުން ލައިގެން ހުންނައިރު މާއީގެ ރީތިކަން އިތުރަށް ފާޅުވެގެން ދެއެވެ. އެއްވެސް މޭކަޕަކާ ނުލާވެސް އެދޮން ރީތި މޫނުގެ އުޖާލާކަން ތަންކޮޅެއްވެސް ފަނޑުވެގެން ނުދެއެވެ.
ކުޑައިރުކޮޅެއް ފަހުން މާއީ ވަރަށް ސާދާ ގޮތަކަށް ތައްޔާރުވެގެން ތިރިޔަށް އައެވެ. އޭނާ ސިޑިން ފައިބައިގެން އައިއިރު އެންމެންގެ ލޯވެސް ހުއްޓިފައިވަނީ އޭނާއަށެވެ. އެތާނގައި ތިިބި އެތަށް ޒުވާނުންތަކެއްގެ ހިތްތައް ކަތިލާކަހަލަ ހިނގުމެއްގައި އައިސް އޭނާ ޝަހީމާ ގާތުގައި ހުއްޓުނެވެ. ފަހަރަކު މީހަކު އައިސް މާއީއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައި އެކި ތަފާތު ތައުރީފު ކުރަމުން ދިޔައެވެ.
ކޭޓް ދެތިން ރައްޓެހިންނާއެކު ޑާންސް ކުރަންހުރެ އަތުގެ އިށާރާތުން މާއީގާތު އެތަނަށް އައުމަށް އެންގިއެވެ. އެކަމަކު މާއީ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. މާއީ އިރުއިރުކޮޅާ އަތުގައި އޮތް ފޯންސްކްރީނަށް އެބަލަނީ ފިޒާންގެ އެއްވެސް ހަބަރެއްވޭތޯއެވެ. އެކަމަކު އެރޭ އުފަންދުވަހުގެ ތަހުނިޔާ ކިޔަންގުޅިފަހުން އޭނާެގެ އެއްވެސް ހަބަރެއް އަދި ނުވެއެވެ. މާއީ ސިއްސައިގެންގޮސް ފަހަތަށް އެނބުރުނީ މީހަކު އައިސް އޭނާގެ ކޮޑުގަައި ހިފުމުންނެވެ. އެވަގުތު ކުރިމަތީ ހުއްޓިހުރި އަންހެން ކުއްޖާ މީހަކު މާއީ ހޯދަން އައިސްސަ ހުރި ވާހަކަ ބުންޏެވެ. ތަންކޮޅަކަށް ދެވުނުތަނާ ދޮރުމަތީ ހުއްޓިލައިގެން ހުރި ފިރިހެން ކުއްޖާ މާއީއަށް ފެނުނެވެ. މިއައީ ޕާރުސަލެއް ހިފައިގެންނޭ ބުނެ އެކުއްޖާ ސޮއި ކުރުވަން މާއީއާ ދިމާލަށް ފައިލް ދިއްކޮލިއެވެ. މާއީ ސޮއިކޮށް ނިންމާލާފައި ޕާރުސަލް ކޮބާހޭ އެހުމުން އެކުއްޖާ އަތުގެ އިޝާރާތުން ބޭރުގަައި އިން ހަތްފޫޓަށްވުރެ ކުރުނޫން ބޮޑު ޕާރުސަލެއް ދެއްކިއެވެ. މާއީ އެ ޕާރުސަލް ފެނުމުން ވަރަށް ހައިރާންވިއެވެ. މާއީ ބަލަހައްޓައިގެން ހުއްޓާ ތިން ފިރިހެން ކުދިން ވެގެން އެޕާރުސަލް ގެންގޮސް ސިޓިންގ ރޫމްގެ މެދަށް ވާގޮތަށް ބެހެއްޓިއެވެ. މާއީ ވަރަށް މަޑުމަޑުން ގޮސް އޭގައި އިން ރިބަން ނައްޓާ ޕާރުސަލް ހުޅުވާލިއެވެ. އެއާއެކު މާއީގެ އިތުރުން ޕާރޓީގައި ތިބި އެންމެންްގެ ދެލޯ ބޮޑުވެގެންދިޔައެވެ. ޕާރުސަލް ތެރޭގަައި އެއްކަކޫ ޖައްސާ ތިރިވެގެން އެން އަތުން އަނގޮޓިއެއް ހިފައިގެން ހުރީ ފިޒާންއެވެ. “މާއީ، ވިލް ޔޫ ސްޕެންޑް ދި ރެސްޓް އޮފް ޔުއަރ ލައިފް ވިތް މީ؟” ފިޒާންއަށް ހުއްޓުން އެރީ މާއީ ނޫނެކޭ ބުނާކަހަލަ ގޮތަކަށް ބޯހޫރާލުމުންނެވެ…….
(ނުނިމޭ)
2 Comments!
Comments are closed.

ވާވް.. ހާދަ ރީއްޗޭ…..
ތޭންކްސް ރޯސް 🙂