ހިތި ނިމުން 4
” މިހާރު އެބަކިޔާ.. މިއަންނައަހަރު ސްކޫލަށް ދާން މިރަށަށް އަންނަން ބޭނުމޭ… އަހަރެން ބުނިން އަމްނާގެ އުޅުން ތިހެން ހުންނަންޏާ ކިހިނެއްހޭ މިކަހަލަ ތަނެއްގަ އައިސް އުޅޭނީ.. ދެން އެހެން ބުނީމަ ބުނި ރަގަޅު ކުރާނަމޭ..” ހަލީލް އިތުރަށްވެސް ކިޔައި ދިނެވެ. ހަލީލްބެ ދެއްކި ވާހަކަތަކުން އަހަރެންގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. އަމްނާ އަތުވެއްޖެނަމަ އަހަރެންނަށް އަބަދުވެސް އަމްނާ ފެނިފެނި ހުންނާނެތީވެއެވެ.
**************************************************
އަމްނާ ތެދުވުނު އިރު އެގާރަގަޑި ބައިވެސް ވެއްޖެއެވެ. އޭނަ ބޭރަށް ނިކުތްއިރު އަހަރެން ހުރީ ހުކުރަށް ދާންވެގެން ހުދު ގަމީހަކާ ފަޓުލޫނެއްލައިގެން ބޭރު އަށީގައި ޤުރުއާން ކިޔަވާށެވެ. އަމްނާ ފެނުމުން އަހަރެން މުޞްޙަފް ލައްޕާލީމެވެ. ” ހާދަ ލަހަކުން ތެދުވުނީ… އަމްނާ އަހަރެންނާއެކު ރަށުތެރެ ބަލައިލަން ދާވާހަކަ ބުނީމަ އަހަރެން ވަރަށް ހެނދުނާ ތެދުވެއްޖައީން..” އަހަރެން ބުނެލީމެވެ. ” އެހެންތަ…އެހެންވިއްޔާ ހިގާ މިވަގުތު.. ތިހުރީ ރީތިވެސް ވެގެނެއްނު.. ހުދުކުލަ ސަމީރުއާ ވަރަށް ގުޅޭ..” އަމްނާ އަހަރެންގެ ރީތިކަމަށް ތަޢުރީފް ކުރުމުން އަހަރެން ވަރަށް އުފާވިއެވެ. އަމްނާ ބުނުމުން މިގަޑީގަވެސް އަހަރެން ދާން ބޭނުންވިއެވެ. ނަމަވެސް އޭރުން ހުކުރު ވަގުތު ފާއިތުވެދާނެތީ އަހަރެންނަށް މަޖުބޫރުވީ މަޑުކޮށްލާށެވެ. ” ދެން ހުކުރަށް ނުގޮހެއް ނުވާނެއެއްނޫން… ހުކުރުން އައިސް ކައިގެން ދާނި..” އަހަރެން ބުނީމެވެ. ” ތިހުރިހާ ކަމަކާހެދި ކަމެއް ވާކަށްވެސް ނޯވެއެއްނު.. ފަތިހު ޖެހޭ ނިދި ކޮޅު ނަގާލާފަ ތެދުވާން… މެންދުރުވެސް އެންމެ މީރު ނިދިކޮޅު ދޫކޮށްލާފަ ތެދުވާން… ހަވީރު ޖަހާ ބުރުތަކުގަ އެންމެ މަޖާވާ ހިސާބުން ހުއްޓާލަން.. ރޭގަނޑުގަ އެންމެން އެކީ ހަމަޖެހިލާގެން އުޅެލެވޭ ވަގުތު އަނެއްކާވެސް ނިދަން އޮށޯންނަން..” އަމްނާ ބުންޏެވެ. އެއްކޮޅުން އަމްނާ ދެއްކީ ދޮގުވާހަކަތަކެއް ނޫނެވެ. އަހަރެންވެސް ހަވީރު ފުޓުބޯޅަ ކުޅެން ގޮސްފައިވެސް އެންމެ ފޯރި ގަދަވެގަންނަ ގަޑީގައި ޖެހޭނީ ހުއްޓާލައިފައި އަންނާށެވެ. ނަމަވެސް އެއީ އަހަރެން ބޭނުންވެގެން އެކަން ކުރި ގޮތެވެ. އަމްނާ ބުނި އެންމެ ބަހަކުންވެސް އަހަރެންނަށްވެސް އަހަރެންނަށް އުފާވެރިކަން ނުވާކަން އިޙުސާސް ކުރެވުނެވެ.
އަމްނާ އަހަރެންނާ ވާހަކަ ދައްކަން ހުރީތީވެ އަހަރެން ކިޔަވަން ހުރި ސޫރަތްވެސް ނުނިމި ޖެހުނީ މުޞްޙަފް ލައްޕާލާށެވެ. ” އަހަނ! އެހެން ދުވަހު ބައްޕައަށް ވުރެ ކުރިން މިސްކިތައްދާނެ.. ކިހިނެއްވީ މިއަދު ގަޑި ޖެހުނުއިރުވެސް އަދި ތިހުރީ ގޭގަ..” ބައްޕަ ބުންޏެވެ. ” އަމްނާއާއި ވާހަކައިގައި ހުރެވުނީ…މިއަންނަނީ މުޞްޙަފް ބާއްވައިފައި..” އަހަރެން އަވަހަށް ތެދުވެގެން އެތެރެއަށް ވަދެ މުޞްޙަފް ބާއްވާފައި ނިކުތީމެވެ. އަހަރެންނަށް ނަމާދު ކުރެވުނީވެސް ރަގަޅަށް ކަމެއް ނޭނގެއެވެ. ނަމާދުގެ ހުރިހާ ރަކްޢަތެއްގައި ފުރިހަމަ ކުރަންޖެހޭ ޙަރަކާތްތައްވެސް ފުރިހަމަ ވިކަމެއް ނޭނގެއެވެ. އެނގޭނީވެސް ކިހިނަކުން ހެއްޔެވެ.؟.. އަހަރެންގެ މުޅި ސިކުނޑި ތެރޭގައި އެއްތަސްވީރަކަށް ފެވިފައިވަނީ އަމްނާއެވެ. ނަމާދުގައި ހުރެވެސް އަހަރެންނަށް އަމްނާގެ ހިޔާލުތައް ބޭރުކޮށެއް ނުލެވުނެވެ. ނަމާދުގައި ވާންޖެހޭ ހުޝޫޢަތްތެރިކަމެއް އަހަރެންގެ ގައިގައި ނެތެވެ. ހަފްތާ ތެރޭގައި އަންނަ އެންމެ މާތް ނަމާދު އަހަރެންނަށް ލިބުނު ކަމާމެދުވެސް އަހަރެންނަށް ޝައްކެވެ.
އަހަރެންނަށް ހޭވެރިކަމެއް ލިބުނީ މިސްކިތުން ނިކުންނަމުން މީހަކު އަހަރެންނާ ސަލާން ކުރުމަށް ގައިގައި ކޮއްޓާލައިފައި އަތްދިއްކޮށްލުމުންނެވެ. އަހަރެންވެސް އަވަހަށް ސަލާމް ބަލައިގަތުމަށްފަހު ތެދުވެގެން ނިކުންނަން ހިނގައިގަތީމެވެ. އެހެން ދުވަސްދުވަހު އަހަރެންވާނީ އެންމެ ފަހުން މިސްކިތުން ނިކުމެވޭ މީހާއަށެވެ. މިސްކިތައް އާ އެންމެނާ ސަލާމް ނުކުރެވެނީސް އަހަރެން ހިތްހަމަ ނުޖެހޭތީއެވެ. ނަމަވެސް މިއަދު މިސްކިތުގައި މަޑުކުރާހިތެއް ވެސް އަހަރެންގެ ނެތެވެ. އަވަހަށް ގެއަށް ގޮސް ކައިލައިގެން ނިކުންނަން ބޭނުންވަނީއެވެ. އަހަރެން ފައިވާނަށް އަރައިގެން ބާރުބާރަށް ހިނގާލައިފައި ގެއަށް އައީމެވެ. އެ ހޫނުގަ އެހާ ބާރަށް އައުމުން އަހަރެންގެ ގަމީސް ވަނީ މުޅިން ދާހިއްލާ ފޯވެފައެވެ. އަވަހަށް ކޮޓަރިއަށްވަދެ އެއްޗެހި ބަދަލުކޮށްލައިގެން ކާން ބަދިގެއަށް ވަނީމެވެ. އޭރު މަންމަ މޭޒު މައްޗަށް ކާއެއްޗިހި ހޯދަން ހުއްޓެވެ. މޭޒު ދޮށުގައި ހުރި ގޮނޑިއެއްގައި އަމްނާ އިށީދެގެން ހުއްޓެވެ. ސޯޓަކާ މަތިކޮޅެއް ލައިގެން އެއްފައި މައްޗަށް އަނެއްފައި ނަގައިގެން މަތީއޮތްފައި ހެއްލަ ހެއްލާ ހުއްޓެވެ.
މަންމަ ހުރުމުން އަމްނާއަށް ބަލާކަށް އަހަރެންނަކަށް ނުކެރުނެވެ. ” ދަރިފުޅާ މިއަދު މާ އަވަހަށް ހުކުރު ނަމާދު ނިމުނު ދުވަހެއްތަ؟..” އެ ސުވާލް ނުއުފެދޭނެ މީހަކު ހުންނާނެ ކަމެއްވެސް ނޭނގެއެވެ. ” ނޫން.. މާ ބޮޑަށް ބަނޑުހައިވެފަ ހުރީމަ އަވަހަށް އައީ..” މަންމަ ކައިރީ މަދުން ނަމަވެސް މިހާރަކަށް އައިސް އަހަރެންނަށް ދޮގުބުނެވެއެވެ. މަންމަ ހީކުރީ ހަޤީގަތުގައިވެސް އަހަރެން ބަނޑުހައިވެފަ ހުރީ ހެންނެވެ. އަހަރެން ބަދިގެއަށް ވަނީއްސުރެ ދެތަނަކަށް އަމްނާ ނުބަލައެވެ. ފިރިހެނަކަށް ވިޔަސް އަހަރެން ލަދުގަންނަ ގޮތްވެސް ވިއެވެ. ނަމަވެސް އެކަން ދަނެހުރި ކަމަކަށް އަހަރެން ނަހަދަމެވެ. ” އަވަހަށް އާދޭ ކާން… މިއަދު މިހުރީ ދަރިފުޅަށް އެންމެ މީރު ދިވެހި ކުކުޅާ ފެންބަތް.. ދެން މަންމަޔަށް އެނގޭ ދަރިފުޅު ދިވެހި ކުކުޅޭ ބުނެފިއްޔާ ކަސްޓަޑް ބޭނުންވާނެކަން… އެހެންވެ ކަސްޓަޑްވެސް ކައްކާފަ މިހުރީ..” މަންމަ ކިޔައި ނުދިނަސް ވަހުންވެސް އަހަރެންނަށް މަންމަ ކެއްކި އެއްޗިހި އެނގެއެވެ. އަމްނާ ވެސް އަހަރެންނާ އެކުގައި ކެއެވެ. ބައްޕަމެންނަށް ގެއަށް އާދެވުނީ އަހަރެން ކައި ނިމުނު ފަހުންނެވެ. ” ހާދަ އަވަހަކަށް ނިންމާލީ…އެހެން ދުވަހު ބައްޕަ ބަނޑަށް ހާންތި ވާއިރުވެސް ދަރިފުޅަށް ގެއަށް ނާދެވޭ..” ބައްޕަ ބުންޏެވެ. އަހަރެން މަންމަ ކައިރީ ބުނި ގޮތަށް ބައްޕަ ކައިރީވެސް ބުނީމެވެ.
” ބައްޕާ އަހަރެން މިދަނީ ސަމީރުއާ އެކީ ރަށުތެރެ ބަލާލަން ދާން..” އަމްނާ އޭނަގެ ބައްޕަ ގާތު ބުންޏެވެ. ޚަލީލްބެ ހޫމް އެއް ލައްވައިލުމުން އަމްނާ ދުވެފައި އަހަރެން ހުރި ދިމާލަށް އައެވެ. ޒަމާނަށް ބަލާފަ އަންހެން ކުދިން އަޅާ ހެދުމާ އަމްނާ ހެދުން އެޅުމުގެ ވައްޓަފާޅި ވަރަށް ތަފާތެވެ. އަމްނާ ގޮތަށް ހެދުން އަޅާ އަންހެން ކުދިން ވަރަށް މަދުވާނެއެވެ. ކޮންމެއަކަސް އަހަރެންނަށް އަމްނާ ލާކޮންމެ ހެދުމެއްވެސް އަމްނާއާ ވަރަށް ގުޅެއެވެ. އަހަރެންނަށް ނޭނގުނީ އަހަރެމެންގެ ދީނުގައި އެކަން އޮތް ގޮތެވެ. އެއީރީތިކަމެއް ނޫންކަން މަންމަ ބުންޏަސް އަހަރެންނަށް އަމްނާ އަޅާ އުޅޭ ހެދުން ރީއްޗެވެ. މަންމަ ބުނާ ގޮތުންނަމަ އެއީ އޮރިޔާމުން ތިބުމެވެ. އެކަހަލަ އަންހެނުން ދާނީ ނަރަކައަށެވެ. އެހެން ވެއްޖެއްޔާ މިނިވަންކަމެއްވެސް ނެއްތާއޭ އަހަރެންގެ ސިކުނޑި ބުނަމުން ދިޔައެވެ. އަހަރެންނަށް ވެސް އެކަމުގައި ބުރަވެވެނީ އަމްނާގެ ކޮޅަށެވެ. އަހަރެން ތުނި ޓީޝާޓަކާ ސޯޓެއްލައިގެން ހުންނައިރުވެސް ވާ ހޫނު އިހުސާސް ކުރެވެއެވެ. އަމުދުން ބުރުގާ އަޅައި މުޅި ހަށިގަނޑު ނިވާކޮށްގެން އެ ހޫނުން ސަލާމަތްވާނެ ވަގުތެއްވެސް ނުވާނެތާއެވެ.
މިއިން ކޮންމެ އިރެއްގައިވެސް އަހަރެންނަށް ނުވިސްނެނީ މީ ވަގުތީ ދުނިޔެއެއް ކަމެވެ. މތަނަށް އަހަރެމެން އައީ އިމްތިހާނަކަށެވެ. މިހުރިހާކަމެއްވެސް ކުރިމަތި ކުރައްވަނީ އިމްތިހާނެއްގެ ގޮތުގައެވެ. މިއަދު ހޫނުވިޔަސް މާދަމާ ދާއިމީ އާލަމަކަށް ދެވުމުން ލިބޭނެ ހިތްހަމަޖެހުން އަހަރެންނަށް ވެސް އެނގޭނަމަ މިހެން ނުވިސްނާނެކަން ކަށަވަރެވެ. ނަމަވެސް އަހަރެން މަޑުމަޑުން ޖެހެމުން މިދާ ޖާދޫއިން ސަލާމަތްވާކަށް ނޭނގުނެވެ. ދެމީހުން ހިނގަމުންގޮސް ރަށުގައި ހެދިފައި އޮންނަ ރީތި ދޮންވެލި ތުނޑިއަށް އާދެވިއްޖެއެވެ. ހުކުރުން ނިމިގެން އެހިސާބަށް އަންނަނީ މަދު މީހެކެވެ. އާންމުކޮށް މި ގަޑިއަކީ ހުކުރުން ފައިބައިގެން ކައިގެން އެންމެވެސް އަރާމުކޮށްލަން ޖައްސައިލާ ގަޑިއެކެވެ.
ގޮނޑުދޮށަށް ފޭބުމަށް އެހިސާބުގައި ހެދިފައިވަނީ ވަރަށް ހަނި މަގެކެވެ. ދެފަރާތުގައިވެސް އެއްސަފަކަށް މަގޫގަހާއި ކެޔޮގަސްތަކުން ވަނީ ފުރިފައެވެ. ވަކި ހިސާބަކަށް ގޮސްފައި އަމްނާ އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެންނަށް ހީވީ ކަރަންޓް ޝޮކެއްގައި އަހަރެން ޖެހުނީ ހެންނެވެ. އަހަރެންގެ ފައިތިލަ ބިންމަތީގައި ހަރުލިއެވެ. އަމްނާގެ އަތް ނައްޓުވާކަށްވެސް އަހަރެން ބޭނުމެއް ނުވިއެވެ. އެބީހިލުން އަހަރެންނަށް އާތަޖުރިބާއަކަށް ވިއެވެ. ނަމަވެސް މީހަކަށް ފެނި މަންމަ ކައިރީ ބުނެފިނަމަ މަންމަ ހިތްހަމަ ނުޖެހޭނެވަރު އަހަރެންނަށް އެނގެއެވެ. އަހަރެންނަށް މަޑުމަޑުން އަމްނާއަށް ގޮވައިލެވުނެވެ. ދެމީހުންނަށް ވެސް ހަތަރުކަޅި ހަމަކޮށްލެވުނީއެވަގުތުއެވެ. އަމްނާގެ މަޑު މުށި ކުލައިގެ ކަޅި އަހަރެންގެ ލޮލުން ކަސިޔާރުވެގެން ނުދިޔައެވެ. ” ކިހިނެއްވީ..މީވެސް ގޯސްކަމަކީތަ.. ސަމީރުތީ މިހާރު އަހަރެންގެ ރަޙުމަތްތެރިއެއް ނޫންތަ؟.. ރަޙުމަތްތެރިން އަތުގައި ހިފައިގެންވެސް އުޅެއެއްނު.. މީ މައްސަލައަކީތަ؟..” އެއްފަހަރާ އެތައް ސުވާލެއް އަމްނާ އަހަރެންނާއި ކުރިއެވެ.
” ރަޙުމަތްތެރިޔަކަށް ނުވާތީއެއް ނޫން…އަންހެން ކުދިންނާ ފިރިހެން ކުދިން މިހެން އުޅުން ރަގަޅެއް ނުވާނެތީ…މީހަކަށް ފެނިއްޖެއްޔާ މަންމަ ކައިރީ ބުނާނެ.. އޭރުން މަންމަ ވަރަށް ރުޅި އަންނާނެ..” އަހަރެން ބުނީމެވެ. ” ތީ އަބަދުވެސް މަންމަގެ އުގުގައި ބުތް ބޯން އޮންނަ ވަރު ކުއްޖެއްތަ؟.. ބަލަ މިހާރު ސަމީރުވެސް ތީ ބޮޑު މީހެކޭ.. އަބަދު މަންމަ ބުނާ ހުރިހާ ގޮތަކަށް ނެހެދުނަސް ސަމީރު ނުވާނެޔޭ މަންމަ ބުނާބަސް ނާހާ މީހަކަށް.. ޅައިރު އުޅުނުހެން އެއްވެސް މީހަކު ބޮޑުވީމައެއް ނޫޅޭނެޔޭ..” އަމްނާ ބުންޏެވެ. އަހަރެންނަށް އަމްނާ ދެއްކި ވާހަކަ ތަކުގައި ގޯހެއްނެތެވެ. ނަމަވެސް އަހަރެން ކިތަންމެ ބޭނުން ކަމަކަށް ވިޔަސް އަހަރެންގެ އަތުން އަމްނާގެ އަތް ނައްޓުވާލީމެވެ. އަމްނާ ހުރީ އެކަމާ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އިރުކޮޅެއް ފަހުން ތުނޑިއަށް ގުރޫޕު ގުރޫޕަށް މީހުން އަންނަން ފެށިއެވެ. ” ހާދަ ބައިވަރު މީހުން އެއްފަހަރާ..” މީހުން ގިނަވާން ފެށުމުން އަމްނާއަކަށް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވީ އަވަހަށް އެހެން ތަނަކަށް ދިޔުމަށެވެ. ” ހުކުރު ދުވަހަކީ މިރަށު އެންމެން ގޮތަށް ޕިކްނިކް ހަދަން މިތަނަށް އަންނަ ދުވަހެއް..” އަހަރެން ބުނެލީމެވެ. ” ދެން އެހެން ވިއްޔާ ހިނގާ އެހެން ތަނަކަށް.. މީހުނަށް ފެނުނީމަ ސަމީރުއަކަށް ކަމަކު ނުދެއެއްނު..” އަމްނާ ބުންޏެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



hey me first tha? masha alah vvv reethi mi prt vx… kudhoo vvv molhu… alhey amna e uhleny dhn kihineh tha… e gothah ulhey kah nuvaane eii dhiinuga vx manaa kuravvaafa hunaa kanthah… waiting for the nxt prt dear… lysm… stay safe nd tc
?? Thank you shaayan???
Masha allah kudhu nibai ves varah reethi ❤️❤️❤️❤️❤️❤️
??Thank you thiththaaa??
Masha Allah ???????? Vara reeti mi part ves ????????????
?? Thank you Nuzu??