ހިތި ނިމުން 3
” ދައްތާ.. މިހާ ހޫނުއިރު ވަރަށް ދާހިއްލާ… ދެން ގައިގަ ދުވާނީ ކުނިވަސް… އަނެއްކޮޅުން މާގިނައިން ދާހިއްލަންޏާ ގައިން ބިހިވެސް ނަގާ..” އަމްނާ ހިނިތުންވުމަކާއެކު މަންމައަށް ބަލާލަމުން ބުންޏެވެ. ” އަންހެން ކުދިން އައުރަ ނިވައި ނުކޮށް އުޅެންޏާ މިއަށް ވުރެން ހޫނު ދުވަހަކާ ކުރިމަތިލާން ޖެހޭނެ.. އަމްނާ ތި ވިސްނުން ބަދަލުކޮށްލާ… ބުރުގާ އެޅިޔަސް މިހާރުވެސް ވާ ހޫނެއް ވާނީ… ދައްތަމެންވެސް ބުރުގާ އަޅައިގެން އުޅޭތާ ކިތައް އަހަރު..” މަންމަ ބުންޏެވެ.
*************************************************
އަމްނާ އިތުރަށް މަންމަ ދައްކާ ވާހަކަތަކަށް ވާހަކަ ދައްކަން ގަސްދެއްނުކުރެއެވެ. ” މަންމާ އަމްނާ ރަށުތެރެ ބަލާލަން ދާހިތުން އެހުރީ..” މަންމަގެ ވާހަކަ ތަކުން އަމްނާއަށް އުނދަގޫވާކަން އެނގުމުން ބޭއިޚްތިޔާރުގައި އަހަރެންނަށް ބުނެވުނެވެ. ” ރަށުތެރެ ބަލާލަން އަދި ދާނަން އިންޝާﷲ… ހަވީރު ވީމަ އަމްނާ ބައްޕަ ބުނި ނިކުންނަ ވާހަކަ..” މޫނިސާ ބުންޏެވެ. ” ދައްތާ! ސަމީރުއަށްވެސް އެނގޭނެއެއް ނު ރަށުގަ ތަންތަން… އަހަރެން ސަމީރުމެންނާއެކު ދިޔަޔަސް އޯކޭތަ؟…” އަމްނާ ހުރި ޖެހިލުން ކުޑަކަމާ ކެރޭކަން އެއީ އަހަރެންގެ ހިތުގައި ވަކިން ބޮޑަށް ބިންވަޅު ނެގެމުން ދިޔަ ކަމެކެވެ. ” ސަމީރުމެންނާ އެކު އުޅޭނީ ހުސް ފިރިހެން ކުދިން… އަމްނާ އަންހެން ކުއްޖަކު އެމީހުންނާއެއްކޮށް ފޮނުވަން ދައްތަ ހިތްހަމައެއް ނުޖެހޭ..” މޫނިސާ ބުންޏެވެ. ” ދައްތާ އަހަރެންގެ ބައްޕަވެސް އޯކޭވާނެ.. ސަމީރު ހުރިއްޔާމު..” އަނެއްކާވެސް އަމްނާ ބުންޏެވެ. ސަމީރުއަށް ދެވޭނީ ބަންދު ދުވަހެއްގަ ކުރިއަށް އޮތް ތިން ދުވަހަކީވެސް ސްކޫލް ދުވަސް.. އަމްނާ ހިތްހަމަ ނުޖެހުނުކަން ދައްތައަށް އެނގޭ.. އެކަމަކު ފިރިހެން ކުދިންނާ އަންހެން ކުދިން އެއްކޮށް އުޅުމަކީ ރަގަޅު ކަމެއް ނޫން..” މަންމަގެ ވާހަކަތަކަށް އަހަރެންނަށް ރަގަޅު ވިޔަސް އަހަރެންގެ ހިތް އަމްނާ ބޭނުންވާ ގޮތާމެދުވެސް ދެކޮޅެއް ނެހެދުނެވެ. އަހަރެންވެސް ބޭނުންވަނީ އަމްނާ ގޮވައިގެން ރަށުތެރެ ބަލަން ދާށެވެ. އަމްނާ އަހަރެންނާއެކު ދާން ބޭނުންނަމަ ޖެހޭނީ އަދި ދެތިން ދުވަހަށް މަޑުކޮށްލާށެވެ.
އަހަރެންނަށް ނޭނގުނީ މިއީ އަހަރެންގެ ހަޔާތުގައި ފެށެން އުޅޭ އާބާބެއް ކަމެވެ. އަހަރެންނަށް ކުރިން ވަމުން ނާންނަ އެތައް ގޮތެއްވާކަން އަހަރެންނަށް އިޙުސާސްވަމުން އައީ ހުވަފެނެއްގައި ހެން ހީވެއެވެ. ސްކޫލު ކިޔެވުން އޮތް ތިން ދުވަސް ނިމިއްޖެއެވެ. ފާއިތުވި ތިން ދުވަހުވެސް އަމްނާ އެއްވެސް މީހަކާއެކު ތަނަކަށް ދާކަށް އެއްބަހެއް ނުވިއެވެ. ހުކުރު ދުވަހު ފަތިސްނަމާދަށް ދާން އަހަރެން ތެދުވީމެވެ. އޭރު މަންމަ ހުރީ ކަޅު ސައިތައްޓެއް ހަދައިގެން ބޭރު އަށީގައި އިށީދެގެންނެވެ. އެއީ މަންމަގެ އާދައެވެ. އަހަރެންނަށް ފަތިސްވާނީވެސް މަންމަ ހަދައިދޭ މީރު ސައިތައްޓަކުންނެވެ. ” މިއަދު މާ ލަހުން ހޭ އެރި ދުވަހެއްތަ؟. މިހާރު ސައިތަށި ފިނިވެސް ވެދާނެ..” މަންމަ ބުންޏެވެ. ” ފިނިވެފަ ހުއްޓަސް މަންމަ ހަދާ ސައިތައްޓަށްވުރެ މީރު ސައިތައްތެއް ނުލިބޭނެ..” އަހަރެން ބުނެލީމެވެ. ސައިތަށި ބޯލައިގެން އަހަރެން ދިޔައީ މިސްކިތަށެވެ. ފަތިސްނަމާދުކޮށްލައިގެން އަބަދުވެސް މިސްކިތުގެ އިމާމު ހަސަންބެ ކުޑަކުދިންނަށް ނަސޭޙަތްދޭން ހުންނާނެއެވެ. އަހަރެންނާ އަހަރެންގެ އެކުވެރިންވެސް ކޮންމެ ދުވަހަކު ހަސަންބެ ދައްކާ ވާހަކައިގެ ޖާދޫގައި ޖެހިފައި ތިބެމެވެ. ނަމަވެސް މިއަދު އަހަރެން މިސްކިތުގައި މަޑުކުރާ ހިތެއް ނުވިއެވެ. “ސަމީރު މާ އަވަސް އަރުވާލައިގެން ކޮންތާކަށް ދާން ތިއުޅެނީ؟..” އަހަރެންގެ އެކުވެރި ޒާހިދު އަހާލިއެވެ. ” ގެއަށް މިދަނީ.. ހިނގާ މިއަދު ނިކުމެލަން..” އަހަރެން ބުނީމެވެ. ” މިއަދު ކިހިނެއް ދާނީ… ބައްޕަ އެބައުޅޭ މިއަދު ގޭގެ ފުރާޅު ރޫޅާލަން ވެގެން.. އަދި ބައެއް ފަންތައްވެސް ހުރީ ނުވިޔެ.. ސަމީރު އަންނަންވީއެއްނު އަހަރެމެން ގެއަށް މިއަދު.. އުމައިރުއާ ރަޝީދު ވެސް ބުނި އަންނާނަމޭ..” ޒާހިދު ބުންޏެވެ. ” މިއަދު ނެތް ދެވޭކަށް.. ” އަހަރެންނަކީ ރަޙުމަތްތެރިޔަކު ކަމަކަށް އެދިއްޖެއްޔާ އެކަމެއް ދުވަހަކުވެސް ނުވާނެއޭ ބުނި މީހެއް ނޫނެވެ. ނަމަވެސް މިއަދު އެއްގޮތަކަށްވެސް ދާކަށް ބޭނުމެއް ނުވީއެވެ. ޒާހިދުގެ މަސައްކަތު ދަންޏާ ދެން ތިބި ދެމީހުންވެސް ނިކުމެލާކަށް ނުދާނެއެވެ.
އަހަރެންނަށް ވިސްނުނީ އެމީހުންނަށް ނުދެވުނީ އެއީ އަހަރެންނަށް ރަގަޅަކަށް ވި ކަމެއްގެ ގޮތުގައެވެ. ނަމަވެސް އަހަރެންނަށް ނޭނގުނީ އަހަރެންނާ ކުރިމަތިލާން މިއުޅެނީ ކިހާވަރެއްގެ ކަމަކާއެވެ. އަހަރެން އަމްނާއާއެކު އެކަނިވާން ބޭނުން އިރު ހަތް އުޑުމަތިން އަހަރެން ހެއްދެވި ފަރާތް ބައްލަވާނެކަން އަހަރެންނަށް ކުޑަކޮށްވެސް އިޙުސާސް ނުވަނީ ހެއްޔެވެ.؟ މިހުރިހާ ދުވަހު މަންމަ ދިން ނަޞޭހަތްތައްވެސް އެއްވެސް އެއްޗަކަށް ނުވީހެއްޔެވެ.؟.. ތިމާ އެކަނި ހުރެ ފާފައެއް ކުރިނަމަވެސް މީހަކަށް ނޭނގިދާނެއެވެ.. ނަމަވެސް ތިމާ ހެއްދެވި ފަރާތް އެކަން ދެނެވޮޑިގެންވާކަން މަންމަ އަބަދުވެސް ދައްކައެވެ. ނަމަވެސް އަހަރެންގެ ހިތަކުން އަމްނާގެ ނަން ބޭރެއް ނުވިއެވެ. އަމްނާމެން ފުރަން ހަމަޖެހިފައިވަނީ އާދީއްތަ ދުވަހު ފަތިހުއެވެ. އަހަރެންނަށް ދެން އަމްނާ ފެންނާނީވެސް ދެދުވަހުއެވެ.
އެކި ހިޔާލު ތަކުގައި ހުރެ އަހަރެން ގޮސްގެއަށް ވަނީމެވެ. އޭރު ކައްކާ ބަދިގެ ތެރެއިން ދުން އަރަމުން ދިޔައެވެ. އަހަރެންނަށް ގެއަށް ނުވަދެވެނީސް މަންމަ ބަދިގެ ތެރެއިން ނިކުތެވެ. ” ދަރިފުޅާ މިއަދު ހާދަ އަވަހަކަށް.. ހަސަންބެ މިއަދު މިސްކިތައް ނުދަނީތަ؟..” މަންމަ އަހާލިއެވެ. ” ނޫން.. މިއަދު ތަންކޮޅެއް ނިދި އަންނަ ގޮތްވާތީ އައީ.. މަންމާ ހަތެއް ޖެހީމަ އަހަރެންނަށް ގޮވާލައްޗޭ…” އަހަރެންމީ ދުވަހަކުވެސް މަންމަ ކައިރީ ދޮގު ހެދި މީހެއް ނޫނެވެ. ނަމަވެސް އަހަރެން ގެއަށް މިހާ އަވަހަށް އައި ސަބަބު ބުނެދޭނީވެސް ކިހިނަކުން ހެއްޔެވެ. ” އެހެންވީމަ މިއަދު ފުޓްބޯޅަ ކުޅެންވެސް ނުދަންދޯ؟..” މަންމަ އަހާލިއެވެ. ” އާނ! މިއަދު ޒާހިދު ގޭގަ މަސައްކަތެއް އޮވެގެން އުމައިރުއާ ރަޝީދުވެސް މިއަދު ދާނީ އެގޭދޮށަށް..” އަހަރެން ބުނެލީމެވެ. ” ދެން ދަރިފުޅު ނުދަންތަ؟..” މަންމަ ހީވަނީ އަހަރެން ނިދަން ފޮނުވަން ބޭނުން ނުވެގެން އުޅޭ ހެންނެވެ. ” އާނ! މަންމާ ވަރަށް ނިދި އައިސްފި” އަހަރެންނަށް އެތެރެއަށް ނުވަދެވެނީސް އަނެއްކާ ބައްޕަޔާ ހަލީލްބެ އައިސް ވަނެވެ. ” އަހަނ! މަގޭ ސަމީރު މިއަދު މާ އަވަހަކަށް މިސްކިތުން އާދެވުނީ.. ކިހިނެއްވީތަ؟..” ބައްޕަވެސް ކޮށްލީ ހަމަ އެއްސުވާލެކެވެ. އަހަރެންނަށް ވުރެ ކުރިން ބައްޕަގެ ސުވާލަށް ޖަވާބު ދިނީ މަންމައެވެ. ” އެހެންތަ.. އެހެންވިއްޔާ އަވަހަށް ދޭ ނިދަން.. ހަލީލް ހިނގާ ސައިތައްޓެއް ބޯލަން..” ބައްޕަ އަހަރެން ކައިރީ ނިދަންދާން ބުނުމަށްފަހު ހަލީލްބެ ކައިރީ ބުންޏެވެ.
މަންމަ ކައިރީގައި ގޮވަން ބުނި ނަމަވެސް އަހަރެންނަށް ނިދޭނެ ހެއްޔެވެ. މަޑުމަޑުން ހިމުން ވެލިތަކުގެ މަތިން ހިނގާލާފައިގޮސް އެނދުގައި ޖައްސައިލީމެވެ. ގޭގެ ހުރިހާތަނަކަށްވެސް އަޅާފައިވަނީ ހުދު ހިމުން ވެލިއެވެ. ވެލިލާ ދުވަސްކޮޅެއްނަމަ މަންމަ އަތިރިމަތިން ސަލާމަތް ނުވާނެއެވެ. ގޭގެ ހުރިހާތަނެއް ހެން އޮންނާނީ ހުދު ކޮށްލާފައެވެ. އެނދުގައި ޖައްސައިލައިގެން ލޯފިޔައިލައިގެން އޮތަސް ލޮލުގެ ތެރެއިންވެސް އަހަރެންނަށް ފެންނަމުން ދިޔައީ އަމްނާއެވެ. އަހަރެންނަށް މިވާ ގޮތްތައް ބުނެދޭންވެސް ދައްޗެވެ. ބައެއްފަހަރު އަހަރެންނަށް މިކުރެވެނީ ރަގަޅުކަމެއް ނޫންކަންވެސް އެނގެއެވެ. ނަމަވެސް އަހަރެންގެ ސިނކުޑި އެހެން ބުނިޔަސް އަހަރެންގެ ހިތް އެކަމާ އެއްބަހެއް ނުވެއެވެ. މަންމަގެ ވާހަކަ ތަކުން އަމްނާގައިގައި މަންމައަށް ކަމުދާފަދަ ސިފަތަކެއް ނެތެވެ.
މަންމަ އެންމެ އިސްކަމެއްދޭން ބުނާ ނަމާދުވެސް އަމްނާކޮށެއް ނޫޅެއެވެ. މިކޮޅަށް އައިސްގެން ހަލީލްބެ މިސްކިތައް ދިޔުމުން މަންމަ އެތައް ފަހަރަކު އަމްނާ ކައިރީވެސް ނަމާދުކުރަން ދާން ބުނެއެވެ. ނަމަވެސް ފަހުން ކުރާނެ ކަމުގައި ބުނެ ހުރިތަނުން ގުޑިވެސް ނުލައެވެ. އަމްނާ ނަމާދެއް ނުކުރެއެވެ. ލާއިގެން އުޅޭނީ އެހާމެ ކުރު އެއްޗެއްސެވެ. ބުރުގާގެ ވާހަކަ ދައްކާފިއްޔާ ހޫނުކަމުން ނޭޅޭނެ ވާހަކައެވެ. މިހުރިހާކަމެއް ހުދު އަހަރެންނަށްވެސް ފެނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އަހަރެންނަކަށް ބޮޑެއް ނުވެއެވެ. އަދި އެއީ އަހަރެން ނުރުހުންވާ ފަދަ ކަންތަކަކަށްވެސް ނުވިއެވެ. ނަމަވެސް އަހަރެންނަށް ނުވިސްނުނުކަމީ އަހަރެން ދިރިއުޅުން ކުރިއަށް ގެންދަންޖެހޭނީ މިގޮތަށް ނޫންކަމެވެ. އަންހެނަކު އިޚުތިޔާރު ކުރަންޏާ ދީންވެރި އަންހެނަކު ހޯދަން އިސްލާމްދީނުގައި އޮންނަކަމެއް އަހަރެން ދެނަހުރި ކަމަކަށް ނުވިއެވެ. މަންމަވެސް އެފަދަ ވާހަކައެއް އަހަރެންނާ އެހާ ވަރަށް ހިއްސައެއް ނުކުރެއެވެ. އެއީ އަދި އަހަރެންމީ ސްކޫލުގައި ކިޔަވަމުން އަންނަ ކުއްޖަކަށްވާތީ އެފަދަ ގުޅުމަކާމެދު އަހަރެން ވިސްނާނެ ކަމަކަށް މަންމައަށް ވިސްނިފައި ނެތުމުންނެވެ.
މަންމަ އަހަރެންނަށް ގޮވައިލީވެސް އަހަރެން މިފަދަ ވިސްނުމެއްގައި އޮތްވައެވެ.. އަހަރެން ހީކުރީ އެހާއިރަށް އަމްނާވެސް ތެދުވެދާނެ ކަމަށެވެ. އަހަރެން ސައިބޯން ބަދިގެއަށް ވަންއިރު ބައްޕަޔާ ހަލީލްބެވެސް ވާހަކައިގައި ތިއްބެވެ. ” އަދިވެސް އަމްނާ ނުތެދުވަނީތަ؟.” މަންމަ ހަލީލްބެ ކުރެން އަހާލިއެވެ. ” އާނ! ނުވެސް ތެދުވާނެ.. ސްކޫލަށް ދާން ހެނދުނު ތެދުވާނީވެސް ނަފީސާ ހަންކެޑޭފަހުން.. ކިތަންމެ ވަރަކަށް ގޮވިޔަސް ނުތެދުވާނެ،.. ގިނަ ދުވަހު ސްކޫލަށް ނުދެވޭ…ދާ ދުވަހެއްގަ ގަޑި ޖެހިގެން… ތެދުވާއިރު ހުންނާނީ މެންދުރުވެފަ..” ހަލީލް ކިޔައި ދިނެވެ. ހަލީލްބެގެ ވާހަކަތަކުން އަމްނާގެ ގައިގައި ރީތި އުޅުމެއްވެސް ނެތްކަން އެނގުނެވެ. ނަމަވެސް އެކަންތައްވެސް އަހަރެންނަކަށް ބޮޑެއް ނުވިއެވެ.
” މިހާރު އެބަކިޔާ.. މިއަންނައަހަރު ސްކޫލަށް ދާން މިރަށަށް އަންނަން ބޭނުމޭ… އަހަރެން ބުނިން އަމްނާގެ އުޅުން ތިހެން ހުންނަންޏާ ކިހިނެއްހޭ މިކަހަލަ ތަނެއްގަ އައިސް އުޅޭނީ.. ދެން އެހެން ބުނީމަ ބުނި ރަގަޅު ކުރާނަމޭ..” ހަލީލް އިތުރަށްވެސް ކިޔައި ދިނެވެ. ހަލީލްބެ ދެއްކި ވާހަކަތަކުން އަހަރެންގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. އަމްނާ އަތުވެއްޖެނަމަ އަހަރެންނަށް އަބަދުވެސް އަމްނާ ފެނިފެނި ހުންނާނެތީވެއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



V. Reethi ingey Maasha Allah ?
?? Thank you Laiba ??
Maasha allah vvv reethi mibai ves ingey ❤❤❤❤????❤❤❤❤?????
??? Thank you Ram ???
Maasha Allah ?? vvvv reethi mibai ves igey ??????????
???Thank you nuzu ???
masha allah kudhu …vrah reethi mibaives
??? Thank you thiththaa???