ހިތި ނިމުން 1
ފަތިސްނަމާދަށް ބަންގި ދިނީ އަހަރެން ހޭލާ މި ކުޑަކޮޓަރީގެ އަނދިރިކަމުގެ ތެރޭގައި ހުއްޓައެވެ. އިށީދެގެން ހުރި ގޮނޑިއަށް ދެފައި ނަގައިގެން މޭމައްޗާ ކައިރިކޮށްގެން ކަކޫމަތީ ފޮތް ބާއްވައިގެން އެފޮތުގެ މަތީ ބޯއަޅައިގެން އަހަރެންނަށް ރޯން އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ފޮތް ކިތަންމެ ބާ ނަމަވެސް އެ ފޮތުގެ ބޭރުގަނޑު އެ ފޮތުގެ ވެރިޔާ ހަދައި ފައިވަނީ ނުލާހިކު ރީތިކޮށް އެހާމެ މޮޅުކޮށެވެ. އެހެން ނޫންނަމަ މިހާރު އެފޮތް ގިރިގެން ހިނގައިދާނެކަން ޔަޤީނެވެ.
އިވެމުން ދިޔަ އަޑަށް އަހަރެން އެންމެ ފަހުން އިޖާބަ ދިނީ އަހަރެންގެ އުމުރުން ކިހާ ހިސާބެއްގަ ކަމެއްވެސް ބުނެދޭކަށް އަހަރެންނަކަށް ނޭނގެއެވެ. އެއީ ހަމަޔަގީނުންވެސް އަހަރެންގެ މައިންބަފައިންގެ ތަރުބިއްޔަތުގެ އުނިކަމެއް ހުރެގެން ނޫންކަން އަހަރެން ޤަބޫލު ކުރަމެވެ. އެއީ އަހަރެން އަމިއްލަ އަތުން ފުންމާލި އަނދަވަޅެކެވެ. އެ އަނދަވަޅުން ސަލާމަތް ކޮށްދޭން މަންމަ އެކިއެކި ގޮތްގޮތުން މަސައްކަތް ކުރިއެވެ. ނަމަވެސް މަންމަގެ އެއަތުގައި އަހަރެންނަށް ނުހިފުނީއެވެ.
ބަންގިދީ ނިމިއްޖެއެވެ. މިސްކިތައް ދާންވެސް އަހަރެން ނުލާހިކު ބޭނުމެވެ. ނަމަވެސް އެންމެ ފަހުން އަހަރެން މިސްކިތެއްގެ އެތެރެ ލޮލުން ދެކުނު ދުވަހެއްވެސް ހަނދާނަކަށް ނާދެއެވެ. އެންމެ ކުޑަމިނުން އަހަރެންނަކަށް މިހާރު ނަމާދަކީ ކޯއްޗެއް ކަމެއްވެސް ނޭނގެއެވެ. އަހަރެން މިހުރި ގޮތަށް ހުރެ ނަމާދު ކުރެވޭނެ ކަމާމެދުވެސް ސުވާލު އުފެދެއެވެ. މީހާގެ ބޮލުގެ އިސްތަށިގަނޑު ވަނީ ކޮނޑާހަމައަށް ދިގުކޮށްލެވިފައެވެ. ނިޔަފަތިތައްވަނީ ދިގުކޮށް ބޮޑުވާ އިނގިލީގެ ނިޔަފަތީގައިވަނީ ބޮޅެއް އެޅުވިފައެވެ. އަތުގެ ކޮންމެ އިނގިއްޔެއްގައިވަނީ ކޮންމެވެސް ކަހަލަ ނިޝާނެއް ޖަހާފައިވާ އަނގޮޓިއެއް އެޅުވިފައެވެ. އަތުގަޔާ ކަރުގައި ވަނީ ފަށްތަކެއް އަޅާފައެވެ. ލާގެން ހުރި ބެނިއަމް ޓީޝާޓު ހަށިގަނޑުގައި ހިފައިލާފައި ވުމުން ގައިގެ މަސްތަކާ ޝޭޕްސްތައް ހުރީ ރީތިކޮށް ފެންނާށެވެ. އުމުރުން ފަންސާސް އަހަރުވި ނަމަވެސް ހަށިގަނޑުން އެކަމެއް ދައްކާ ނުލައެވެ.
އަތުގައި އޮތްފޮތް ނަގާ މޭޒުގެ ޑްރޯވަރުގެ ތެރެއަށް އަޅާލީމެވެ. އަހަރެން މަޑުމަޑުން އެ ކުޑަ ކޮޓަރި ތެރެއިން ނިކުތީމެވެ. މުޅިގެއަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ކުދި ފަނިތަކުގެ ގޮވުން ނޫނީ އިތުރު އަޑެއް ނުއިވެއެވެ. އަހަރެން ރޭގައި ރަށަށް އައިގޮތަށް ފެންވެސް ނުވަރާ ނުވެސް ނިދާ ހުރުމުގެ ސަބަބުން ލޮޑުކަމެއް ހަށިގަނޑަށް ވެރިވެފައި ހުއްޓެވެ. މަޑު ހިނގުމެއްގައި ގޮސް އަހަރެންނަށް އެގޭގައި ޚާއްސަ ކުރެވިފައިވާ ކޮޓަރިއަށް ވަނީމެވެ. އަހަރެން ގެނެސް ވެއްދި ގޮތަށް އަހަރެންގެ ފޮށިހުއްޓެވެ. މަޑު ހިނގުމެއްގައި ގޮސް ފެންވަރާލަންވެގެން ހެދުމަކާ ތުވާއްޔެއް ނެގުމަށް ފޮށި ހުޅުވާލީމެވެ. ނަމަވެސް އަނެއްކާވެސް އަހަރެންނަށް އެހުރިތާ ބިންމަތީ އިށީދެވުނެވެ. އެއި މުށިޖަހާ ރީއްޗަށް ހަދާފައިވާ ތަނެއް ނޫނެވެ. މިހުރިހާ ދުވަހު އަހަރެން އުޅެމުން އައި ދިރިއުޅުމާއި ހާސްބައި ތަފާތު ތަނެކެވެ.
ނަމަވެސް އަހަރެންނަށް އަހަރެންގެ ފެންވަރު އޮޅިފައި ވި ނަމަވެސް މިއީ އަހަރެން ކުޑައިރުއްސުރެ ބޮޑުވިތަނެވެ. އަހަރެންގެ ކުޑައިރުގެ އެތައް ހަނދާނެއް މިތަނުގައިވެއެވެ. ޅައިރު އެކީގައި އުޅުނު ހުރިހާ ރަޙުމަތްތެރިން މަތިންވެސް ހަނދާންވާން ފެށިއެވެ. އެއީ މީގެ އެތައް އަހަރެއް ކުރިއެވެ. އަހަރެންގެ ޅައިރެވެ.
” ދަރިފުޅާ ސަމީރު، މިއަދު މީ ބައްޕަ މަހަށް ގޮސްފައި ލަފާ ދުވަސް… މަންމަ މިއުޅެނީ އަތިރި މައްޗަށް ދާން… ދަރިފުޅުވެސް ދާނަން ދޯ؟..” އަހަރެންގެ މަންމަ މޫނިސާ އަހާލިއެވެ. ” އާނ! މަންމާ ދާނަން..” އަހަރެން ބުނެލީމެވެ. ” އިހަށް ބައްޕަ މަސް ގެއަށް ގެންނަން ވާ އިރަށް މި އުނދުން ތައްޔާރުކުރަން މަންމައަށް އެހީވެދޭން އާދެބާ..” މަންމަ ބުންޏެވެ. ދަރުން ކެއްކޭ ގޮތަށް ބައްޕަ ވަލީދު ވަނީ ރީތި ބަދިގެއެއް އަޅާފައެވެ. މަސްކެއްކޭނެހާ ވަރަށް މަންމަޔާއެކު ދަރުބަދިގެއިން ދަރުތައް ހިފައިގެން އައިސް އުނދުންދޮށުގައި ބަހައްޓައި ދިނީމެވެ. އަހަރެން އެންމެ ފަހުން މަންމަ ނުކުންވާ ދީފަ ހުރި ދަރުތައް ނަގައިގެން އައިރު މަންމަ ހުރީ މަސްކައްކަން ގެންގުޅޭ ބޮޑު ތެލި ދޮންނާށެވެ. ތެލިދޮވެގެން އައިސް އަށިމަތީ ބޭންދުމަށްފަހު އަނެއްކާވެސް މަންމަ ބަދިގެއަށް ވަނެވެ. ބަދިގޭގައި އުނދުނާ ދިމާލަށް މަތީގައި މަސްހިއްކަން ހަދާފައި ހުންނަ އަށިމަތި ރީތި ކުރުމަށްފަހު، ބޮލުގައި ޖަހައިގެން ހުރި ހުޅި ރީތި ކުރަމުން ގޮސް ގޭތެރެއަށް ވަނެވެ. އިރުކޮޅަކުން މަންމަ ނިކުތީ ބޮލުގައި ބުރުގަލެއް އަޅައިގެންނެވެ.
ބައްޕަ ރަށަށް އަންނަ ދުވަސް ދުވަހު މަންމަ ވަކިން ރީތިކަމަށް ދައްކައެވެ. ފެހި ކުލައިގެ ލިބާހެއް ލާގެން ކަޅުކުލައިގެ ކަނޑިކިއެއް އަނދެލާގެން ހުންނައިރު މަންމަ ވަރަށް ރީއްޗެވެ. ޚާއްސަކޮށް ކުދި ފެހިކުލައިގެ މާތަކެއް ޖަހާފައިވާ ހުދު ބުރުގާ ބޮލުގައި އަޅައިގެން ހުރިއިރު މަންމަގެ ދޮންމޫނާ ވަރަށް ގުޅެއެވެ. ” ކޮބާ ދަރިފުޅާ، ހިނގާ ދާން.. މިހާރު ދޯނި ލަފާފާނެ ކަންނޭގެ.. ބައްޕަ ހުރީ ބުނެފަ މިފަހަރު ބައްޕަގެ ރައްޓެއްސަކާ އޭނަގެ ދަރިއެއްވެސް މިކޮޅަށް އަންނަ ވާހަކަ.. އެހެންވެ އެމީހުންނަށް މަންމަ ހުންނާނެ ދަރިފުޅުގެ ކޮޓަރި ޖެހިގެން ހުރި ހުސްކޮޓަރި ސާފުކޮށްފަ..އެމީހުން އައިމަ ދަރިފުޅު އެމީހުންގެ ތައްމަތިތައް އެކޮޓަރިއަށް ވައްދާތި އިނގޭ… ރައްޓެހިންނަށް ކަމޭ ހިތަން ވާނެ..” މަންމަ ބުންޏެވެ.
” މަންމާ އެއީ ކިހާ ވަރެއްގެ ކުއްޖެއްތަ؟ އޭރުނެއް ނޫންތަ އަހަރެންނާ އެއްކޮށް އުޅެވޭނީ..” އަހަރެން ބުނި ވާހަކައިން މަންމައަށް ނުހީއެއް ނުހުރެވުނެވެ. ” ދަރިފުޅު އަބަދުވެސް ބަލާނެ.. ދަރިފުޅާއެކު ސަކަރާތްޖަހާލާނެ ކުއްޖަކު ލިބޭތޯ ދޯ؟.. މިފަހަރު އަންނަނީ ދާދި ދަރިފުޅުމެން އުމުރުގެ ކުއްޖެއް.. އެކަމަކު އެއި އަންހެން ކުއްޖެއް..” މަންމަ ބުންޏެވެ. ” ކުރިން ފަހަރުވެސް މާ ކުޑަކުއްޖެއް.. ނުވިތާކަށް އަހަރެމެންނާއެކު ފުޓްބޯޅަ ކުޅެން އަންނާށޭ ބުނީމަވެސް ނައި.. މިފަހަރު އަންހެން.. އަމުދުން ނޭނގެ ބަހެއްވެސް ކިޔާނެ ކަމެއް ދޯ މަންމާ!” އަހަރެން މަންމައަށް ދޯއެއް ދެމުން ބުނެލީމެވެ.
” ދަރިފުޅާ ދުނިޔޭގައި އުޅޭއިރު ކުރަންޖެހޭނީ ތަފާތު ތަޖުރިބާތައް.. އުޅޭނީވެސް ތަފާތު ވިސްނުމާ ތަފާތު ގޮތް ގޮތަށް އުޅޭ މީހުން.. މިޒާޖުވެސް ތަފާތުވާނެ.. އެއީ ހުސް އިމްތިހާން.. އެކަމަކު އެއިން ކޮންމެ މީހަކާވެސް އަހަރެމެން ޖެހޭނެ ގުޅުން ބާއްވަން…އެކަމަކު ގާތް ރައްޓެހިން ހޯދާއިރު ޖެހޭނެ އެމީހަކީ ތިމާގެ ދެދުނިޔޭގައިވެސް ފައިދާއެއް ހޯދައިދޭނެ މީހަކަށް ވާން..” މަންމަ ބުންޏެވެ. އަހަރެންގެ މަންމަޔާ ބައްޕަގެ ހުންނަނީ އަހަރެން އެކަންޏެވެ. ރަށުން އޯލެވެލް ހެދޭތީ އަހަރެން ކިޔަވަމުން އައީ ރަށުގައެވެ. އޭރުވެސް އަހަރެންނާއެކު ގްރޭޑް ހަތެއްގައި ކިޔެވި ބައެއްކުދިން ގްރޭޑް އަށަކަށް ވަންނަން ދިޔައީ މާލެއަށެވެ. ނަމަވެސް އަހަރެންނަށް ރަށުން ލިބޭ ތަޢުލީމުވެސް ވަކި ދެރައެއް ނޫނެވެ. އެހެން ނޫނަސް އަހަރެން ދާންބޭނުންވިޔަސް ދެވޭނީއެއްވެސް ނޫނެވެ. އަހަރެންގެ ބައްޕަ މަސްވެރިކަން ކޮށްގެން ލިބޭ މަދު އެތިކޮޅަކުން ދެކޮޅުޖައްސައިގެން އަނގަޔާ އަތާ ކިރިޔާ ދިމާވަނީއެވެ. ނަމަވެސް މަންމައާ ބައްޕަ އަހަރެން ބޭނުން ހުރިހާ އެއްޗެއް ހޯދައިދީ އަހަރެންގެ ހުރިހާ ކަމެއް ފުރިހަމަ ކޮށްދެވޭތޯ މަސައްކަތް ކުރެއެވެ.
އަހަރެމެންނަށް އަތިރިމައްޗަށް ދެވުނު އިރު ދޯނި ލަފާގެން ބައްޕަމެން މަސްވިއްކަން ތިއްބެވެ. މަންމަ ބުނެގެން އަހަރެން އަތިރިމައްޗަށް އައީ ގޭގަ ހުންނަ ބަރޯވެސް ހިފައިގެންނެވެ. އޭރު ބައްޕަގެ ރަޙުމަތްތެރިޔާއާ އޭނަގެ ދަރިފުޅު އެއްގަމުގައި ތިއްބެވެ. ” އަހަނ! މިއޮތް އައީއެއްނު މޫނިސާ.. އަހަރެން މިކަން ކޮށް ނިމެންދެން ދޭ އަށީގައި ޖައްސައިލަން..ވަރަށް ވަރުބަލިވެފައެއްނު ތިބޭނީ..” ބައްޕަ ބުންޏެވެ. ބައްޕަމެން ދޯނި މަސްވިއްކާ ނިމެންދެން އަހަރެމެން އަތިރިމަތީގައި ހުރި ދިއްގާ ގަސްދޮށުގައި ބަހައްޓާފައި ހުރި އަށީގައި އިށީދެތިބީމެވެ. އަހަރެންނަށް އިރުއިރުކޮޅާ ބެލެމުން އައީ މަންމަގެ އެއްފަރާތެއްގައި އިށީދެލައިގެން ހުރި އަންހެން ކުއްޖާއަށެވެ. ކިޔެވުންމިހިސާބަށް އައިރު ރަށުގެ އެކިއެކި އަންހެން ކުދިންނާ އަހަރެންނާ ދިމާވެފައި ވެއެވެ. ނަމަވެސް އަހަރެންނަށް މިގޮތަށް ބެލުނު އެއްވެސް ކުއްޖަކު އަދިނެތެވެ. އިސްކޮޅުން އަހަރެންނަށް ވުރެ ކުޑަތަންކޮޅެއް ކުރުކޮށް ހުރި ދޮން އެއަންހެން ކުއްޖާގެ ރާޅުބާނީއެއްފަދަ އިސްތަށިގަނޑު ވިއްސައިލައިފައި އޮތް އިރު ވަޔާ އިރުއިރުކޮޅާ ހެލިލައެވެ.
” ހަލީލް..މިދަތުރު އައިއިރު އަދި ސްކޫލްވެސް ބަންދެއް ނުވެއެއްނު..” މަންމަ އަބަދުވެސް އެހެން ހުރިހާ ކަމަކަށްވުރެންވެސް ބޮޑަށް ކިޔެވުމަށް ވިސްނާނެއެވެ. ” އާނ! އަދި ސްކޫލް ބަންދުވާން ގާތެއްވެސް ނުވެއެއްނު… އަހަރެން މިކޮޅަށް އަންނަން އުޅުމުން ދޫނުކޮށް ކިޔާތީ.. ނަފީސާ ބުނެފި، ދެން މިފަހަރު ގޮވައިގެން ދާށޭ.. ހަފްތާއަކަށް ނޫންހޭ ތި ދަނީ.. އެހެންވެ މިއައީ..” ހަލީލް ބުންޏެވެ. ނަފީސާއަކީ ހަލީލްގެ އަންހެނުންނެވެ. ” ދަރިފުޅާ ކޮންނަމެއްތަ ކިޔަނީ؟..” މޫނިސާ އަހާލިއެވެ. ” އަމްނާ ” އެއަންހެން ކުއްޖާގެ ނަމާ ސިފައާވެސް އެހާ ގުޅެއޭ އަހަރެންގެ ހިތައް އަރަމުން ދިޔައެވެ. މަސްވިއްކާ ނިމުމުން ބައްޕަ އަހަރެންނަށް ގޮވާފައި ބަރޯ ހިފައިގެން ކައިރިއަށް އައުމަށް ބުންޏެވެ. އަބަދުވެސް ބަރޯގައި މަސް ގެއަށް ގެންދާނީ ބައްޕައެވެ. ” ދަރިފުޅާ! ސައިބޯގެންތަ ބައްޕަ ހޯދަން ތިއައީ؟..” ބައްޕަ އަހާލިއެވެ. އެއީ ބައްޕަ އަބަދުވެސް ރަށަށް ފައިބާ އެންމެ ފުރަތަމަ ވެސް ކުރާނެ ސުވާލެވެ. މަންމަޔާ އަހަރެން ކައިގެން ހުރިތޯ ނުވަތަ ސައިބޮއިގެން ހުރިތޯއެވެ. ” އާނ! ފުރަތަމަ ފަތިސްނަމާދު ކޮށްލައިގެން މަންމަ ދިން ކަޅު ސައި ތައްޓެއް ބޮއިލައިގެން.. ދެން ހެނދުނު މަންމަ ހުރި ވަރަށް މީރުކޮށް މަސްހުންޏާ ރޮއްޓާ ކަޅުސައި ހަދާފަ.. އެހެންވެ ވަރަށް މީރުކޮށް ސައިބޮއިލާގެން މިހުރީ..” އަހަރެން ބުނީމެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Assalaam Alaikum. Miothy kudhoo ge aa ????vaaahakaige furathama baa… unmmeedhukuran kodhooge vaahaakathakah shaguverivaa kiyun therinnah kamudhaane kamah… kiyaafa coment eh kollaathi???
Maasha allah vvvv reethi mibai next part ple.???????
??? Thank you so much Ram… for reading my story…???
V reethi?
Masha allah
Stay home stay safe❤❤
??? I appreciate your kind word… Thank you Am❤❤❤
Wow vr reethi mi bai vx…. Waiting for next part ???
?Thank you ? ?BLACKPINK?… Insha Allah…
Masha allah kudhu nibai ves varah furihama
???Thank you thiththaaa?
Vrh reethi Masha Allah……….. stay safe and sound
?? Thank you naako?