މުޅިން އައު ދުވަހަކަށް އިރު އަރައިގެން އައިއިރު އަހަރެންގެ ވިސްނުން ހުރީ އޮޔާއި ވަޔާއެކު ލޮލު ކޮޅަށް ގޮސް އޮބަމުންދާ އަހަރެންގެ ދިރިއުޅުން ސަލާމަތުގެ އައްސޭރިއަކަށް ގެންނާނެ ގޮތެއް ހޯދުމުގައެވެ. ދިރިއުޅުމުގެ ގަދަ ކަނޑުގައި ފަތަފަތާ އަހަރެން ވަރުބަލި ވާން ކައިރި ވެފައި ވީއިރު ކޮންމެ ވަގުތެއްގައިވެސް ކަނޑުވެދާނެކަން ގަބޫލުކުރަން ސިކުނޑި މަޖުބޫރު ކުރުވީއެވެ.
“އާހްހްހްހް” ވިސްނުންތަކުން ފުރިފައިވި ސިކުނޑިން ހުރިހާ ކަމެއް ކެހިގެންދިޔާއި އަތުގެ ހުދު ހަމުން ނަގައިގަތް ގަދަ ދިލައިންނެވެ. “ކޮން އާހްހްހްހެއް ކިޔާކަށް. ކިހާއިރެއްވެއްޖެ މިތާ އިނެ ކޮފީއެއް ހަދައިދޭން ކިޔާތާ. ހަމަ އަޑު ނީވޭކަމަށް ހަދައިގެން ތި ހުންނަނީ.” އަހަންނާ ދިމާލަށް ހަޅޭލަވާ ގެންފައި ނީލާ ދުރަށް ޖެހުނީ ކޮފީ ހަދާށެވެ. ނީލާ އަކީ މާއިޒްގެ ދޮންބެގެ އަންހެނުންނެވެ. އޭރު އަތުން ނަގަމުންދިޔަ ގަދަ ދިލައިން އަހަރެން ހުރީ އެބުރުންއަރާ ވަރު ވެފައެވެ . ” އަހަންނަށް އަޑު ނީވުނީމަ ނޫނީ ނޭނގޭ ކަމަށް ހަދާގެން ހުރީމަ އޭގެ މާނައަކީ ނީލާ އައިސް ޖެހޭނީ މަގޭ އަތް ހޫނު ތަވާގަ ޖައްސާށޭތަ.” ވޭނަން ކެތްކުރަމުން އަހަރެން ބެލީ ރީތިކޮށް ވާހަކަ ދެއްކޭތޯއެވެ. އެހެނަސް ވެފައި ހުރި ދެރައިންނާއި ވަމުންދިޔަ ދިލަ ތަދުން އަހަންނަށް ފާޑަކަށް ހަޅޭ ލަވާގަނެވުނީއެވެ. “ކޮންމެހެން މަށާ ދިމާލަށް ވަށްވަށް ޖަހާނެކަމެއްނެތް. ކަލޭ ކޮންމެ އެއްޗެއް ކިޔަސް ގަބޫލު ކުރާނެ މީހަކު މިގެއަކު ނުހުންނާނެ. އަދި ހަޔާތް ކުޑަކަމުން މަށާއި ދިމާލަށް ހަޅޭލަވާ ގެންފިއޭ”
“ކޮންހާ ހަޅޭކެއްތަ ތިލަވަނީ. މިހާ ހެނދުނާވެސް ކުޑަބެ ދައްތައާ ފަށާގަންނަން ދޯ ތިއުޅެނީ” ނީލާގެ ހަޅޭކުގެ އަޑު ނުކެނޑެނީސް ބަދިގެ ދޮރުމަތިން އިވުނީ މިންނާގެ އަޑެވެ. މިންނާއަކީ މާއިޒްގެ ހަގަށް މިއާއިލާގައި ހުންނަ ހަމަ އެކަނި އަންހެން ކުއްޖާއެވެ. މުޅި މިގެއިންވެސް އަހަންނާ ހެޔޮހިތުން އަގައިން ބުނެލާނީ މިންނާއެވެ. އެކަމަކު އެ ހިތްހަމަ ޖެހުންވެސް އަހަންނަށް ގެއްލިގެން ދިޔައީ މީގެ ހަމަސްކުރިން ކައިވެނިކޮށްގެން މިންނާ މިގެއިން ނިކުމެގެން ދިޔަ ހިސާބުންނެވެ. “ކޮންމެހެން މިންނާވެސް މި ކޫޑި މިޝަލް ދިފާއު ކުރާނެކަމެއްނެތް” ނީލާ އެހެންބުނެ ބާރުބާރަށް ބަދިގެއިން ނިކުމެގެން ދިޔައީ ގިރާފައިހުރި ކޮފީތަށި މޭޒުމައްޗަށް ބަނޑުން ކޮށްލާފައެވެ. އެހުރިހާ ތަނެއް ސާފުކުރަން މިންނާ އަހަންނަށް އެހީވީތީ އަހަރެން އަވަސްވެ ގަތީ އަތުން ނަގަމުންދިޔަ ދިލައިން ސަލާމަތް ވެވޭތޯއެވެ.
ހެނދުނު ހިނގާދިޔަ ކަންތަކު ރޯޅި އަހަންނަށް އައީ އެރޭގެ ކެއުމުގެ ވަގުތުގައެވެ. މާއިޒްގެ މަންމަގެ ނުރުހުމުގެ ބަސްތަށް އަހަންނާދިމާލަށް އުކަމުންދިޔައިރު އެތަނުގައި ކަމެއްވާހެން ހީވި ހަމަ އެކަކުވެސް ނެތެވެ. ކޮންމެ މީހަކުމެ އަހަންނާ ދިމާލަށް ބަލަމުންދިޔައީ މަލާމާތުގެ ނަޒަރުންނެވެ. އެންމެފަހުން ކެތްނުވެގެން މޭޒުމަތި ދޫކޮށްލުމަށްފަހު އަހަރެން ނިކުމެގެން އައީއެވެ. “އެހުރިހާ ކަމެއް ވީއިރު މިޝަލް ކީއްވެ އަހަރެން ކާރި ނުބުނީ. ދައްކަބަލަ ތި އަތް ބަލާލަން.” “މާއިޒް ސުވާލަށް ބުނާނެ އިތުރު އެއްޗެއް އަހަންނަކަށް ނޭނގެ. މީ މާއިޒަށް ނޭނގި މިގޭގަ ވާ ކަންކަމެއް ނޫނެއްނު ކޮންމެ ކަމެއް ވަކިން މާއިޒަށް ކިޔާދޭކަށް. މަށާ ދޭތެރޭ މިގޭގަ ވާ އެއްވެސް ކަމަކީ މާއިޒަށް ސިއްރުން ހިނގާ ކަންކަމެއް ނޫނެއްނު. އެކަމަކު މާއިޒަށް ކުރެވުނު ކަމެއް އެބޮތްތަ. އެންމެ ކުޑަމިނުން އެއިން މީހަކާ ދިމާލަށް އެއްޗެއް ބުނެލަންވެސް ނުކެރޭ. މާއިޒަށް ހީވަނީތަ އަހަންނަކީ ހިލައިން ހެދިފަ ހުރި ބުދެކޭ. އަހަރެންގެ އެއްވެސް އިހުސާސެއް ނުވާނޭ. މަގޭވެސް އޮންނަނީ ހިތެއް. އެހެން މީހުންހެން އެހިތަށްވެސް އަސަރުކުރޭ. އަހަނަން ތަދުވެސް ވޭ. އެކަމަކު މިގޭގަ އަހަރެންގެ ދަރަޒައަކީ ފައިފުއްސެއްގެ ދަރަޖަ.” ކޮށްފައި ހުރި އަސަރުން ހުރިހާ އެއްޗެއް އަހަންނަށް ގޮވާލެވުނީ މާއިޒްއާއި ދިމާލަށެވެ. ހަމަ ހަޤީޤަތުގައިވެސް އަހަންނަށް ހައްޤުވާ މިންވަރަށްވުރެއް އިތުރަށް އެއްވެސް ކުށެއްނެތި އަނިޔާތަކެއް ލިބިއްޖެކަމަށް މާއިޒަށް ވިސްނާދޭން އަހަންނަނަށް މަޖުބޫރުވީއެވެ. “މާއިޒް ވިސްނާލަބަލަ. ކިހިނެއް މިހެން އުޅޭނީ. އަހަރެމެން ދެމީހުން ވަކިވެގެންދާކަށް އަހަންނެއް ބޭނުމެއް ނޫން. އެކަމަކު މިއަދު ނޫނީ މާދަން ކޮންމެވެސް އެހެންގޮތެއް ހޯދަން އަހަނަށްވެސް މަޖުބޫރު ވާނެ. ” އަހަރެންގެ ވާހަކަތަކުން މާއިޒަށް އަސަރު ކުރިކަން އިގުނީ އެ ދެލޯ ފެންކަޅިވި ގޮތުންނެވެ. “މިޝަލް ދެން ދުވަހަކުވެސް އަހަރެން ދޫކޮށްލާފަ ދާން ހިޔާލު ނުކުރާތި. މަންމަމެންނާ ތި ވާހަކަ ދައްކާނަން. ގޮތެއް ނުފެނުނީއާ ދެން އެހެން ގޮތެއް ވޭތޯ ބަލާނީ. އާދޭ އަތުގަ ބޭސް އުގުޅަން ” މާއިޒުގެ ވާހަކަތަކުން ހިތްހަމަ ޖައްސާލާގެން އެރޭ ނިދީ ކޮންމެވެސް ރަގަޅުގޮތެއް ފިރިމީހާ ހޯދާދޭނެ ކަމުގެ އުންމީދުގައެވެ. އެކަމަކު އަހަންނަށް ނޭނގުނީ ހުވަފެންތަކެއް ދެކި ރީތިހާ ކުލަތަށް އޭގައި ޖައްސަމުން އަހަރެން ދިޔައިރު ކުރިމަތިވަމުން އައި ކަޅު ބޯ ވިލާތަކާއި އޭގެ ގަދަވައި އަހަންނަށް އިހުސާސްވެސް ނުވާ ކަމެވެ. އަދި އެކޮޅިގަނޑު އަހަރެންގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލާނެ ކަމެވެ. (ނުނިމޭ)
2 Comments!
Comments are closed.

Vrh reethi mi part ves curiously waiting for the next part..❤️❤️?????
Vv salhi waitinggg????