ހިތި މާޒީ
“އެދުވަސް އަލުން ލިބޭނެނަމައެވެ. އެދުވަހު އެގޮތަށް ނޫޅެވުނުނަމައެވެ. އެދުވަހު މަންމަގެ ބަސްއެހުނުނަމައެވެ. އެދުވަހު ނުދެވުނު ލޯބި މަންމައަށް ދޭން ލިބޭނެ ނަމައެވެ. ނަމަވެސް ނަމައަކުން ދެންވާނެ ފައިދާއެއް ނޯންނާނެއެވެ. އެދުވަސް އެނބުރިއެއް ނާންނާނެއެވެ. އެދުވަސް ހިނގައްޖެއެވެ. މިހާރު މީ އާދުވަހެކެވެ.” ހިތަށް އަރަމުންދިޔަ އެތައް ވާހަކަތަކުން ލިވާންގެ ދެލޯވަނީ ކަރުނުން ފުރިފައެވެ.
ހުދު ބޯކިރު ކޮޅެއްފަދަ ސާފު ދޮންވެލިން ފުރިފައިވާ ރަށުގެ ތުނޑިއަށް ރާޅުތައް އައިސް ބީއްސާލާ އަޑަކީ ހިތްތަކަށް ހަމަޖެހުން ލިއްބައިދޭނޭ އަޑެކެވެ. ހަވީރުގެ މި ހިތްގައިމު ވަގުތުގައި އެތައްބަޔަކު ހިތްހަމަ ޖައްސާލަން އައިސް އެބައުޅެއެވެ. ކޮންމެ މީހަކުވެސް އަންނަނީ އާއިލާއާއި އެއްކޮށެވެ. ނަމަވެސް… ވެއްޓިފައި އޮތް ރުއްބުޑެއްގެ މަތީގައި އިށީންދެގެންއިން 26 އަހަރުގެ ލިވާން އިނީ އެކަންޏެވެ. ތުނޑިއަށް ލިވާން އައީ ހިތްހަމަ ޖައްސާލާށެވެ. ނަމަވެސް އެތައް ހަނދާނަކުން ފުރިފައިވާ މި ދޮންވެލި ތުޑިން ލިވާންއަށް ވަކި ހިތްހަމަޖެހުމެއް ނުލިބެއެވެ. ވަނީ ހިތްދައްޗެވެ. އެހިތި މާޒީގެ ސަބަބުންނެވެ. ލިވާން އޭނާގެ މާޒީގެ ތެރެއަށް ފީނައިގަންނަން ގިނަ ވަގުތެއް ނުނެގިއެވެ.
* * * * * *
“ދަރިފުޅާ ލިވާން. މިހާރު ތިއުޅެނީ ކޮންފާޑަކަށްތަ؟ ރަށުގައި އުޅޭ އެންމެ ގޯސްކުދިންނާ ޖެހިގެން ތިއުޅެނީ! ކޮންމެ ރެއަކުވެސް ގެއަށް ތިވަންނަނީ މަންމަ ނިދާފަހުން. ދުވާލު ގެއަށް ނުވެސް ވަދޭ.” ގެއަށް އައިސް ވަންތަނުން އަހަންނަށް އިވުނީ އަހަރެންގެ މަންމަގެ ޝަކުވާގެއަޑެވެ. އެބަސްތައް އަހަރެންގެ ކަންފަތާ ހަމައަށް ފޯރުމާއިއެކު އަހަރެން މަންމައާއި ދިމާލަށް އަޑުލައިގަތީމެވެ. “މަންމައަށް ކޮންކަމެއް އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް! ކޮންމެތާކަށް ދިޔަޔަސް ކޮންމެ ބަޔަކާއެއްކޮށް އުޅުނަސް މަންމައަށް ކީއްތަ! އަހަރެންވެސް މިއީ މިހާރު ކުޑަކުއްޖެއްނޫނޭ. މަންމަ އަހަރެންގެ ކަންކަމާ ނުބެހި ހުރޭ. އަހަރެން އުޅޭނީ އަހަރެން ބޭނުން ގޮތަކަށް.” “ތިހެން ނުބުނޭ ދަރިފުޅާ! ދަރިފުޅު އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލަން މި ނިކަމެތި މަންމަގެ މައި ލަނގޮނޑިއަކަށް ކެތެއް ނުކުރެވޭނެ! ދަރިފުޅަށް ދަރިފުޅު ބޮޑަކަސް ދަރިފުޅަށް އަދި އެންމެ ފަނަރަ އަހަރޭ!” ރޮވިފައިވާހާލު މަންމަދެއްކި އެއްވެސް ވާހަކައެއް އަޑުނާހައި އަހަރެން އަނެއްކާވެސް ބޭރަށް ދިޔައީމެވެ.
އަހަރެންނަކީ އަހަރެންގެ މަންމައާއި ބައްޕައަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އަހަރެންގެ އާއިލާއަކީ އޭރުގައި ރަށުގައި އޮތް އެންމެ ފުދުންތެރި އެއް އާއިލާއެވެ. އަހަރެންގެ ބައްޕަގެ މިލްކުގައި ދޯންޏެއް އޮވެއެވެ. އެއީ އޭރުގައި ރަށުގައި އެންމެ މަސްވެރިކަން ރަނގަޅު އެއްދޯންޏެވެ. މަންމައާއި ބައްޕަގެ އަހަރެން ނޫން އިތުރު ކުއްޖެއް ނެތުމުން އެމީހުން އަހަރެން ގެންގުޅެމުން ދިޔައީ ބުނި ކޮންމެ ކަމެއް އެއްވެސް ޝަކުވާއަކާނުލާ ކޮށްދީގެންނެވެ. ނަމަވެސް.. އާހް!.. ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި ބައްޕަ ނިޔާވެގެން ދިޔައީ އަހަރެންގެ އުމުރުން އެންމެ އަށް އަހަރުގައެވެ. ބައްޕަ މަހަށް ގޮސްއުޅެނިކޮށް ބައްޕަ ނިޔާވެ ދޯނި ދެންނުހެދޭ ވަރަށް އަނދައިގެން ދިއުންވީ އަހަރެންނާއި އަހަރެންގެ މަންމައަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށެވެ.
މިހިތާމަވެރި ހާދިސާގެ ސަބަބުން އަހަރެންގެ މަންމަ ދުނިޔެއިން މޮޔަނުވީ ކިރިޔާއެވެ. ނަމަވެސް އަހަރެންނަށްޓަކައި އަހަރެންގެ މަންމަ ކެތްކުރަމުން ދިޔައީ ސާބަސް ދޭހައިވަރަށެވެ. ބައްޕަގެ ދޯނި ހަލާކުވުމުން އަހަރެމެންނަށް ފައިސާ ލިބޭނެ ހުރިހާގޮތެއް ބަންދުވީއެވެ. މަންމަގެ ޅައުމުރުގައި ކިޔެވުމުގެ ފެންވަރުދަށްކަމުން މަންމަ އަށް ވަޒީފާއެއް ނުލިބުނީއެވެ. މަންމައާއި ބައްޕަގެ ފަރާތުންވެސް މާބޮޑު އާއިލާއެއް ވާރުތަވެފައި ނެތުމުން އަހަރެންނަށްޓަކައި މަންމަ ގޭގެއަށް ގޮސް މަސައްކަތް ކޮށްދޭންފެށިއެވެ. މަންމަ ގޭގެއަށްގޮސް މަސައްކަތް ކުރުމުން އަހަރެމެން ދެމައިންނަށް އުޅެވޭވަރަށް ލާރިލިބެން ފެށިއެވެ.
ދުވާލުދާ ހަތަރުދަމު އެކި މަސައްކަތުގައި އުޅެފައި ގެއަށް އާދެވެނީ އިރުއޮއްސޭ ފަހުންނެވެ. އެހެންކަމުން މަންމައަށް އަހަރެންނަށް އަޅާލެވޭ މިންވަރު މަދުވާންފެށިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ އަހަރެންގެ އުމުރުން ބާރަ އަހަރުވީއިރު އަހަރެން ވަނީ ގޯސްއެކުވެރިންނާ ޖެހިފައެވެ.
އަހަރެންގެ ކިޔެވުން ދަށަށްދާން ފެށިއެވެ. ގިނަ ދުވަސް ދުވަހު މަންމަ އަހަރެން ސްކޫލަށް ފޮނުވުމުން ރަށުގައި އުޅޭ ގޯސްކުދިންނާއެކު ތަންތަނަށް ދާން ފެށީމެވެ. ސްކޫލުގެ ގަޑި ނިމޭހާއިރުކޮށްފައި ގެއަށް ދަނީއެވެ. 2500 މީހުންގެ އާބާދީއެއް އޮންނަ ރަށެއް ކަމުން މިޚަބަރު މަންމައާއި ހަމައަށް ފޯރާކަން މާގިނަ ދުވަހެއް ނުނެގިއެވެ. ސީދާ ސްކޫލުން ވެސް ގުޅާފައި މަންމައަށް އެޚަބަރު ދިނެވެ. އެދުވަހު އަހަރެން ގެއަށް އައިރު މަންމަހުރީ ގޭގައެވެ. އެހެންޏާ މަންމަ ނުފެންނަ ގަޑިއެއްގައި ފެނުމުން އަހަރެން ދިޔައީ ސިއްސައި ގެންނެވެ. ނަމަވެސް ހަމަޖެހޭގޮތް ދައްކާލަމުން މަންމައަށް ހިނިތުން ވެލީމެވެ.
“ދަރިފުޅާ ކޮންތާކުންތަ ތިއައީ؟” ހިތްހަމަ ނުޖެހިފައިވާ ރާގަކަށް މަންމަ އަހަރެއްނާއި ސުވާލުކުރިއެވެ. “މަން..މާ! އަހަ… އަހަރެން… މިއައީ ސްކޫލުން.” މަންމަ ދެންކޮންފާނެ ސުވާލަކާއި މެދު ބިރުން ހުރިވަރުން އަހަރެންނަށް ވާހަކަ ވެސް ދެއްކުނީ އަޅައަޅާ ގަންނަމުންނެވެ. “ކީއްވެ ދަރިފުޅު މަންމައަށް ދޮގު ތިހަދަނީ؟ މަންމައަށް އެނގޭ ދަރިފުޅު ތިއައީ ސްކޫލުން ނޫންކަން. ދަރިފުޅު ތިއައީ އެއުޅޭ އައިސަގޯތީ ވިޝާހުމެންނާ އެއްކޮށް އުޅެފައެއްނު އެއީ ރަށުގައި މިހާރު ތިބި އެންމެ ގޯސް ކުދިންނޭ! ދަރިފުޅު ހީކުރަނީތަ މަންމައަށް ނޭނގޭނޭ.” ހިތްހަމަ ނުޖެހި ހުރި މަންމަ އަޑުލިއެވެ. “އާން އަހަރެން މިއައީ ވިޝާހުމެންނާއެކީ އުޅެފަ. މަންމައަށް ކީއްކުރެވޭނީ. އަހަރެން ބޭނުންގޮތަކަށް އުޅެން އަހަރެން ދޫކޮށްލާ.” މަންމައަށް ވުރެ ބާރަށް އަހަރެން ހަޅޭލަވައި ގަތީމެވެ. “އާދޭސްކޮށްފަ ބުނަށް ތިއުޅުން ދޫކޮށްލާ! މިއަދު ސްކޫލުން ގުޅާފަބުނީ ދަރިފުޅު ސްކޫލުން ވަކިކޮށްފީމޭބުނެފިއޭ ދަރިފުޅާ! ރަށުގައި އުޅޭ އެންމެ ގޯސް ކުދިންނާއި ޖެހިގެން ވާނެ މޮޅެއް އަދި ކުރާނެ އެއްވެސް ފައިދާއެއް ނޯނާނެ. ވިޔަސް ވާނީ ގެއްލުން.” ރޮއެ ގަންނަމުން މަންމަ ބުނެލިއެވެ. ސްކޫލުން ކަނޑާލުމުން އަހަރެންނަށް ލިބުނީ ހިތްހަމަ ޖެހުމެކެވެ.
އެދުވަހަށްފަހު އަހަރެންގެ އުޅުން ކުރިއަށްވުރެ ގޯސްވިކަހަލައެވެ. ކުރިން ނަމާދުކޮށް ހެދިއަސް ފަހުން ނަމާދެއްވެސް ނުކުރަމެވެ. އަހަރެން އުޅެމުން ދިޔައީ އަހަރެންގެ ހިތަށްއެރިގޮތަކަށެވެ. މިކަމާހުރެ މަންމަ ކުރާހުރިހާ އާދޭހަކަށް ބީރުކަންފަތެއްދީގެންނެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ އުމުރުން ސާދަ އަހަރު ވީއިރު އަހަރެންވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނިމިފައެވެ.
ދުވަސްތައް މަސްތަކަކަށް އަދި އެމަސްތައް އަހަރުތަކަށް ބަދަލުވަމުން ގޮސް އަހަންނަށް ސަތާރަ އަހަރު ފުރުނީ ހީވެސްނުކޮށް ހުއްޓައެވެ. އޭރު އަހަރެންނާ ދިމާލަށް މީހަކު ބަލާލަންވެސް ބިރުގަންނަ ވަރަށް އަހަރެންގެ ސިފަވަނީ ހުތުރުވެފައެވެ. އަހަރެން އިސްތަށިގަނޑެކޭ ކާޅު ހާއްޔެކޭ ތަފާތެއްނެތެވެ. ކަރުގަޔާއި އަތުގައި އަޅާފައި ހުރި ފައްތަކުގެ ސަބަބުން ރަށުމީހުން ވަނީ އަހަންނަށް ” ޕާޓޭ ” އެއްގެ މަގާމުދީފައެވެ. އަބަދުމެ ސިގިރޭޓު ބުއިމުގެ ސަބަބުން ތުންފަތްވަނީ ކަޅުވެފައެވެ. އަހަރެންގެ ގައިގައި އެއްވެސް ތާޒާކަމެއެނެތެވެ.
“މިފަހަރު ބަހާނީ ލިވާން.” އަހަރެންނާއި އަހަރެންގެ އެކުވެރިން ފޯރީގައި ތާސްކުޅެމުން ދިޔައީ ވިޝާހުމެންގޭގައި ތިބެގެންނެވެ. ރޭގަނޑުގެ ވަގުތުކަމުން އަހަރެމެން ކިތަންމެ ފޯރިނެގިއަސް މައްސަލަޖައްސާނެ މީހަކު މިގޭގައި ނޫޅެއެވެ. އަހަރެމެން ކައިރީގައި ވިޝާހު ހުއްޓެއްކަމަކު އޭނާހުރީ ހަމަހެއަކު ނޫނެވެ. އުފަލާއި މަޖަލުގައި ތާސްކުޅެން ތިބި އެންމެން ސިހިގެން ދިއައީ އެގޭ ދޮރުވައްޓާލާފައި ފުލުހުން ވަނުމުންނެވެ. އަހަރެމެން ގުރޫޕުގައި ތިބޭ ހަމީހުން ފިލަން ދުއްވައިގަތް ނަމަވެސް އެމީހުން ހުށިޔާރުކަމާއިއެކު އަހަރެމެން ހިފެހެއްޓައި ބިޑިއެޅުވިއެވެ.
އޭގެ ދެދުވަސްފަހުން އަހަރެންނާއި އަހަރެންގެ އެކުވެރި ޒައިކް ނޫން އެހެން މީހުންނަށް މަސްތުވާތަކެތި ބޭނުންކުރުމާއި އެގެންގުޅުމުގެ ކުށް ސާބިތުވެ ދިހަ އަހަރަށް ޖަލަށްލެވުނެވެ. އެމީހުންނަށް އޭރު އަށާރަ އަހަރު ވެއްޖެއެވެ. އަހަރެމެން ދެމީހުންނަށް އަދި ސަތާރަ އަހަރެވެ. އެދުވަހު އަހަރެމެން ދެމީހުން ދޫކޮށްލީ އަހަރެމެންނަށް އަށާރަ އަހަރުވާދުވަހު އަހަރެމެންނަށް ހުކުމް އަންނާނެކަމަށް ބުނެފައެވެ.
އޭގެ ފަހުންވެސް އަހަރެންގެ އުޅުމަކަށް ބަދަލެއްނައިތާ އިސްލާހުވާންވެސް ހިތަށްނޭރިއެވެ. ކޮންމެދުވަހަކުވެސް އަހަރެންގެ މަންމަ އަހަރެންގާތު އިސްލާހުވުމަށް އެދި އާދޭސްކުރެއެވެ. ނަމަވެސް އަހަރެން ކޮންމެ ދުވަހަކުވެސް ގެއިން ނުކުމެގެންދަނީ މަންމަ ރޮއްވާލާފައެވެ. އަހަރެމެންގެ އެއެކުވެރިން ޖަލަށްލުމުން އަހަރެމެން އިތުރަށް ގޯސްވިކަހަލައެވެ. އަހަންނަށް ވައްކަންކުރަން ނުކެރުނަސް ޒައިކް އެކަންވެސް ކުރެއެވެ. އަހަރެމެން މަސްތުވާތަކެތި ބޭނުންކުރުންވެސް ހުއްޓައެއްނުލަމެވެ. އެއެއްޗެހި ހުންނަނީ ޒައިކްގެ ގޭގައެވެ. އެގޭގައި އިތުރު މީހަކު ނޫޅުމުން އަހަރެމެން ނަށް އެގެ އޮންނަނީ ހިތަކަށް ލިބިފައެވެ. އާއެކެވެ. ޒައިކްގެ މައިންބަފައިން ވަނީ ޒައިކް ކުޑައިރު ނިޔާވެފައެވެ.
ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުންގޮސް އަހަރެންނާއި ޒައިކް އަށް އަށާރަ އަހަރުފުރެން އެއްދުވަހަށް ވެއްޖެއެވެ. ދެމީހުންގެ އުފަންދުވަހަކީވެސް އެއްދުވަހެއްކަމުން ފާހަކޮށްލަން އުޅުނަސް އެހެން އެކުވެރިން ނެތުމުން ފާހަގަކުރާކަށް ބޭނުމެއްނުވިއެވެ. އެރެއެވެ. އަހަރެމެން ދެމީހުން ތިބީ ޒައިކްގެ ގޭގައި ރާބޮއިގެން މަސްތުވެފައެވެ. ކުރެވޭ ނުކުރެވޭއެއް ނޭންގޭވަރުވެފައެވެ. މިގޮތުގައި އަހަރެމެން ދެމީހުން ތިއްބައި ފުލުހުން އައިސް އަހަރެމެން ތިބި ކޮޓަރީގެ ދޮރުހުޅުވާފައި ވަނެވެ. ކޮޓަރީގެ ދޮރު ތަޅުނުލެވޭކަންވެސް ހަނދާންވީ ދެނެވެ. އަހަރެން ފުންމައިގެން ތެދުވުމާއިއެކު އެމީހުން ދައްކާލީ އެމީހުންގެ އަތުގައި އޮތް ކޯޓުއަމުރެވެ. އަދި އައިސް އަހަރެމެން އަތުގައި ބިޑިއަޅުވައިގެން ފުލުހުންގެ އިދާރާއަށް ގެންދެވުނެވެ. އޭރުވެސް އަހަރެމެން ދެމީހުން ތިބީހަމަޔަކުނޫނެވެ.
އަހަރެމެންގެ އަށާރަވަނަ އުފަންދުވަސް ވެގެންދިޔައީ އަހަރެންގެ މުޅިހަޔާތް އަނދިރިކޮށްލި ދުވަހަކަށެވެ. ހިތާމަޔާ ހިތްދަތިކަން ފެށުނުދުވަހަށެވެ. އެކަނިވެރި އާހަޔާތަކަށް މަރުހަބާކީދުވަހަށެވެ. “ހެކިވެރިންގެ ހެކިބަހުގެއިތުރުން ލިވާން މަސްތުވާތަކެތި ބޭނުންކުރިކަމަށް އެއްބަސްވެފައިވާތީ އަހުމަދު ލިވާން މުހައްމަދު މަސްތުވާތަކެތި ބޭނުންކުރުމާއި އެގެންގުޅުމުގެ ކުށްސާބިތުވެ ދިހަ އަހަރުދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފީމެވެ.” ކޯޓުގައި އެވަގުތު ހުންނެވި ގާޒީ ޝަރީފު ވިދާޅުވިއެވެ. މިއާއެކު ކޯޓުގައި ތިބި އެންމެންނަށް ސިހުމެއް ލިބުނީ ބާރު އަޑެއް އިވުމުންނެވެ. އޭރު އަހަރެންގެ މަންމަ އޮތީ ބިންމަތީގައެވެ. އެއަޑަކީ މަންމަ ވެއްޓުނު އަޑެވެ. “انا الله وانا اليه راجعون” ކޯޓުގައި އެވަގުތު ތިބި ފުލުހުންނާއި އާންމުން ގޮސް ބެލިއިރު އަހަރެންގެ މަންމަވަނީ މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔާފައެވެ. އާއެކެވެ. އަހަރެންގެ ސަބަބުން ލިބުނު ހިތާމައާއި ހިތްދަތިކަން ބަރުދާސްތު ނުކުރެވިގެން އެމަންމަ ނިޔާވީއެވެ. އަހަރެން މުޅިން އެކަނިވެރި ވީއެވެ.
އަހަރެންގެ އެސްފިޔަތައް ފޫއަޅުވާލާފައި ކަރުނަ އޮހިގެން އައިރު އަހަރެންގެ ބަޑި ފަޅާގެންގޮސް ބާރުބާރަށް ރޮވިއްޖެއެވެ. އަހަރެންގެ ރުއިމުގެ އަޑަށް މަންމަ ކައިރީ އެއްވެފައި ތިބި މީހުން އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އެބެލުމުގައި ރުޅިވެރިކަން ވީއިރު ދެންރޯނެކަމެއް ނެތޭ ބުނާފަދައެވެ. އެހެންނަމަވެސް އަހަރެންގެ ސަބަބުން އަހަރެންގެ މަންމަ ނިޔާވުމުން އަހަރެންނަށް ނުރޮއެ ހުރެވޭނީ ކިހިނަކުން ހެއްޔެވެ؟
މަންމަގެ ޖަނާޒާއަށްފަހު އެދުވަހު އަހަރެން ޖަލުގައި ބަންދު ކުރެވުނުއިރު ވެސް އަހަރެންގެ ލޮލުން ކަރުނަ ނުހިކެއެވެ. އަހަރެންގެ ޚިޔާލަށް އަހަރެން އުޅުނު ވިޔާނުދާގޮތްތަށް ސިފަވަމުން ދިޔައެވެ. “ދަރިފުޅާ! ހެޔޮނުވާނެ ތިއުޅުން ދޫކޮށްލާ! މީހާ ތިއޮށް ހަލާކުވަނީ.” “ދަރިފުޅާ ތިހެން ނޫޅެބަލަ މަންމަ ހާދަ ދެރައެއްވެޔޭ ދަރިފުޅު ތިއުޅޭގޮތަކުން.” “ހެޔޮނުވާނެ ﷲ އަށް ބިރުވެތިވޭބަލަ! ދަރިފުޅު ކުރާ ކޮންމެ ކަމެއް ﷲ ދެނެވޮޑިގެންވާކަން ހަދުމަކޮށްބަލަ! އެކަލާންގެ ދަރިފުޅުގެ ފުރާނަ ކޮންމެ ވަގުތަކު ވެސް ގެންދަވާފާނެ. “އެތައް ދުވަހެއްގެ މަތިން އަހަރެންގެ މަންމަ ރޮއެފައި ކުރި އާދޭސްތައް އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އަހަރެންގެ ކަންފަތުގައި އަހަރެން ބާރަށް އަތްއެޅި ނަމަވެސް އެއަޑު ހުއްޓޭގޮތެއް ނުވިއެވެ.
އެކަނިވެރިކަމާއެކު ފާއިތުވަމުން ދިޔަ ދުވަސްތަކުން އަހަރެންނަށް ހެޔޮ ވިސްނުން ލިބެމުން ދިޔައެވެ. މަންމަ އޭރު ބުނަމުން ދިޔަ ބަސްތަކުގެ މުރާދު ވިސްނެމުން ދިޔައެވެ. އަހަރެންގެހިތް މާތްﷲ އަށް ބިރުވެތިވެ ނަމާދުކޮށް ހެޔޮކަންތައްކުރުން އަވަސްކުރުމަށް ގޮވަމުންދިޔައެވެ. ނަމަވެސް…! އަހަރެންނަށް ނަމާދުކުރާކަށް ނޭންގުނެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން ނަމާދަކަށް ނާރާތާ މިހާރު ހަވަރަކަށް އަހަރުވެދާނެއެވެ. އަހަރެންނަށް ރޮވއންފެށުނެވެ. މިއަޑައަށް ޖަލުބަލަހައްޓާ މީހަކު އައިސް ވީގޮތްބުނެދިނުމަށް އެދުނެވެ. “އަހަރެން ބޭނުން ނަމާދުކުރަން. އެކަމަކު އަހަރެންނަށް ނަމާދުކުރާކަށް ނޭނގޭ. އަހަރެންނަށް ނަމާދުކުރަން އެހީވެދީ! އާދޭސްކުރަން” ރޮއިފައި އަހަރެން ކުރަމުންދިޔަ އާދޭސްތަކުން އެމީހާގެ ހިތަށްވެސް އަސަރު ކުރީކަމަށް ވެދާނެއެވެ. “އަހަރެން ކިޔައިދޭނަން” އެމީހާބުންޏެވެ.
އެދުވަހު އަހަރެން ޖަލުބަލަހައްޓާމީހާގެ އެހީގައި ނަމާދުކުރީމެވެ. އެއާއި އެކު އަހަރެންގެ ނުތަނަވަސް ވެފައިވާ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެދުވަހުން އެދުވަހަށް އަހަރެން ނަމާދުގައި ކިޔާތަކެތި ދަސްކުރީމެވެ. “އަހަރެން.. އަހަރެންގެ ބޭނުން ތައުބާވާން. “އަހަރެން ބުނީމެވެ. “ލިވާން! މިހާރު ތިހުރީ ތައުބާވެވިފައި ކަމަށް ހީކުރޭ. ދެން ދުވަހަކުވެސް ނަމާދެއް ނާޅާނެ ކަމަށް އަޒުމް ކަނޑައަޅާ!” އެމީހާ ދައްކަމުން ދިޔަ ވާހަކަ ތަކުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބެމުން ދިޔައެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ ތިވެދިން އެހީއަށް. އަހަރެންނަށް ހަތިމެއް ލިބިދާނެތަ؟” އަހަރެން ބުނުމުން އެމީހާ ވަގުތުން އަހަރެންނަށް ހަތިމެއް ގެނެސްދިނެވެ.
އެދުވަހަށްފަހު ފާއިތުވެދާ ކޮންމެ ދުވަހަކީ އަހަރެންގެ ފާފަ ފުއްސެވުމަށް އެދި އަދި އަހަރެންގެ މަންމައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި މާތްﷲ ގެ ކިބައިން ދުޢާ ދަންނަވާ ޙާލު ނިމިގެންދާ ދުވަހެކެވެ. ކޮންމެ ދުވަހަކީވެސް އަހަރެންގެ ޙަޔާތުން އާކަންތައްތަކެއް ތަޖުރިބާ ކުރެވެމުންދާ ދުވަހެކެވެ. ކީރިތި ޤުރުއާން ހިތުދަސް ކުރެވޭތޯ ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރެއް ދަސްކުރަމުން ގޮސް އަހަރެން ޖަލުގައި ހުންނަތާ ހަތްއަހަރު ވީއިރުވަނީ މުޅި ޤުރުއާން ހިތުދަސް ކުރެވިފައެވެ. އަހަރެންނަށް މިއައި ހެޔޮ ބަދަލާއެކު އެއަހަރުގައި އަހަރެން ޖަލުން މިނިވަން ވެއްޖެއެވެ. އަހަރެންގެ ޖަލުހުކުމުން ތިންއަހަރު ކެނޑުނީއެވެ.
* * * * * *
މާޒީގެ ތެރެއަށް ގޮސް ގެއްލިފައިއިން ލިވާން ސިހިގެން ދިޔައީ މީހަކު ލިވާންގެ ކޮޑުގައި އަތްއަޅާލުމުންނެވެ. ލޮލުން އޮހޮރެމުންދާ ކަރުނަތައް ފުހެލުމަށްފަހު ފަސް އެނބުރި ބަލާލިއެވެ. އޭރު ކައިރީގައި ހުރީ މަންމަ ފަރާތުން ހުރި ހަމައެކަނި ދޮންބެ މާނިޢުއެވެ.
ލިވާންގެ ރަތްވެފައިވާ ދެލޮލާއި އެދެލޮލުން އޮހިގަންނަން ތައްޔާރަށް ހުރި ކަރުނަތައް މާނިޢުއަކަށް ސިއްރެއް ނުވިއެވެ. ލިވާން ރުއިފައި ހުރިކަން ދެނެގަންނަށް މާނިޢުއަކަށް ގިނަވަގުތެއް ނުވިއެވެ. “ހިތްވަރު ކުރޭ! ލިވާން. ދެން ރޮއެގެން އެކަމެއް ބަދަލެއް ނުވާނެ! ދެން އަހަރެމެންނަށް އޮތީ މަންމައަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާ ކުރުން!” އެ ހިތަށް އަސަރުކުރި ނަމަވެސް ލިވާނަށް ވިސްނައި ދެވޭތޯ މާނިޢު މަސައްކަތް ކުރިއެވެ. “ކީއްކުރާނީ! މިއަދު މަންމަ މަތިން މާބޮޑަށް ހަދާންވީ އެ ހިތި މާޒީމަތިން ހަދާންވީ! އެހެންވެ ރޮވެނީ! ކެއްކުރެވޭތޯ ވަރަށް މަސައްކަތް ކުރިން” ކުރެހިފައިވާ އަޑަކުން ލިވާން ބުނެލިއެވެ. “ހިނގާ ގެއަށްދާން” ތުނޑީ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލަކާއި ދިމާލަން ހިގައި ގަންނަމުން މާނިޢު ބުނެލިއެވެ. އެއާއިއެކު ލިވާން އިށީދެގެން އިން ރުއްބުޑުމަތިން ތެދުވެގެން ހިގައިގަތެވެ.
“ދޮންބޭ. މިއުޅެނީ މިރޭ ފުރަބޯޓުން މާލެދާން!” ސައިކަލަން އަރައި ހަމަޖެހިލަމުން ލިވާން ބުނެލިއެވެ. “އެޔޯ! ކިހިނެއްވީ އަނެއްކާ؟” ހައިރާންވެފައި މާނިޢު ބުނެލިއެވެ. “އަހަރެން ޖަލުން ނުކުމެވުނުތާ މިހާރު ތިންމަސް ވެއްޖެ! އެތާންގައި އަހަރެން ހޭދަކުރަން ޖެހުނު ދުވަސްތަކުގައި އަހަރެން ކީރިތި ޤުރުއާން ހިތުދަސްކުރީމޭ ބުނީމެންނު! މިހާރު އަހަރެން ހިތަށް އަރަނީ ޤުރުއާން ކިޔުންވައިދޭން މާލެ ދާންވީއޭ” ލިވާން ބުނެލިއެވެ. “ތިއީ ވަރަށް ރަނގަޅު ޚިޔާލެއް! މިރޭ ކިހާއިރަކު ފުރަނީ؟” މާނިޢު ބުނެލިއެވެ. “ނުވައެއް ޖަހާއިރު” ލިވާން ބުނެލިއެވެ.
ގަޑިތަކުން 9 ޖެހިކަން އިޢުލާނުކުރުމާއެކު ދޯނި ފުރައިފިއެވެ. ދުރަށް ގޮސް އޮބެމުންދާ ރަށަށް ބަލަން ހުރި ލިވާންގެ ދެލޮލުގައި ވަނީ ތާޒާ ކަރުނައެވެ. އެހިތުގައިވާ ހުރިހާ ހަދާނަކުން ފުރިފައިވާ އެރަށް ދޫކޮށްފައި ލިވާން އެދަނީ ހަމަ އެންމެ މަޤުޞަދެއްގައެވެ. މިހާރު ދެކެމުން އަންނަ ހުވަފެން ޙަޤީޤަތަކަށް ހެދުމަށެވެ. އާއެކެވެ! ޙާފިޒަކަށް ވުމަށް ޤުރުއާނާއި ބެހޭ މަރުކަޒަށް ޤުރުއާން ކިޔުންވައި ދޭށެވެ. ދެން އަނބުރާ ރަށަށް އަންނައިރު ޙާފިޒުކަމުގެ ސަނަދު ހިފައިގެން އައުމުގެ މަތިވެރި އުއްމީދުގައެވެ. ހިތި މާޒީއަކަށްފަހު އުފާވެރި ހަޔާތެއް އުޅުމަށް ކުރެވޭ އުއްމީދު ޙާޞިލްކުރުމަށެވެ.
- – ނިމުނީ –
11 Comments!
Comments are closed.

Hello everyone this is my second short story.. Hope everyone will like this short story. Leave a comment after ready this story. ❤❤??☺
Yeye me first dhw? mi story vrh reethi kyp it up bestoo❤️❤️❤️xoxo
Thank you so much Mal??❤️❤️
Varah reethi mi vaahaka ves curiously waiting for a next story of Yours
Thank you so much Starlight vixx ❤️❤️♥️
Insha Allah vrh avahah ithuru story eh kiyaalan libeyne Insha Allah ???
Vvvvvv reethi keep it up dear ♥️♥️?
Thank you so much unknown queen ♥️♥️♥️?☺️
Insha Allah
Vaahaka Varah Reethi
Waiting for next story
Thank you Maesara ♥️♥️
Iburaiytheri vaahaka eh.. Varah ufaakuran mikahala Iburaiytheri vaahaka kiyaalan libeythyve.. Thankyou so much
Thank you Rai♥️♥️