ނައިރާގެ ޑައިރީ
މިއަދަކީ ފަސް އަހަރު ވަންދެން ޑޮކްޓަރުކަން ކިޔެވުމަށް މެލޭޝިޔާގައި ހުރުމަށްފަހު މާލެއައިސް ބަލިމީހުންނަށް ޚިދުމަތް ކުރުމުގެ ވާޖިބު އަދާކުރުމަށް ފާރިހު ހޮސްޕިޓަލަށްއައި ފުރަތަމަ ދުވަހެވެ. އެހެންކަމުން ފާރިހު އަވަސްވެގަތީ ވޯޑްގައި ތިބި ބަލިމީހުންގެ ހާލުބެލުމަށެވެ. ވޯޑަށް ވަދެވުމާއިއެކު ފާރިހުގެ ނަޒަރު ހުއްޓުނީ ވޯޑްގެ އެއްފަރާތެއްގައި ބަހައްޓާފައިހުރި އެނދެއްގައި އޮތް ޒުވާން އަންހެންކުއްޖާއަށެވެ. އެއަންހެންކުއްޖާ ހީވަނީ އެތައްއަހަރެއްވަންދެން ބަލިވެއުޅެފައިވާ ކުއްޖެއްހެންނެވެ. ހަށިގަނޑު ވަނީ ހިކިއަނަރޫފަވެފައެވެ. ގިނަދުވަސްތަކެއްގައި ހިތާމަކުރުމުގެ ސަބަބުން ދެލޯކައިރި ކަޅުވެ މީހާގެ ސިފަ ވަކިކުރަންވެސް ނޭނގޭއެވެ. އޭރުވެސް އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުންދެއެވެ. އެހިތާމައިގެ އަސްލަކީ ކޮބާބާއެވެ؟ އެއީ ކޮން އަންހެންކުއްޖެއްބާއެވެ؟ ފާރިހުގެ ހިތުގައި އުފެދުނު އެސުވާލުތަކުގެ ޖަވާބު ހޯދުމަށް މަސައްކަތްފެށުނީ އޭނާ ހީވެސް ނުކުރާހާއަވަހަށެވެ. އަދި އޭނާގެ އެއްވެސް އިހުތިޔާރަކާނުލާ އެކުއްޖާގެ ގާތަށްގޮސް އެސުވާލުތައް ކުރަންފެށިއެވެ.
އަހަރެންނަކީ ދެމަފިރިއަކަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އަހަރެން ބަލަމުން އައީ ވަރަށް ލޯބިންނެވެ. އަހަރެންގެ ބައްޕައަކީ ކާރު ޑުރައިވަރެކެވެ. އަހަރެންގެ އުމުރުން ދިހަ އަހަރުގައި މާލޭގައި ހިނގި ނުރައްކާތެރި ކާރު އެކުސިޑެންޓެއްގައި އަހަރެންގެ ބައްޕަނިޔާވެއްޖެއެވެ. އެދުވަހަށްފަހު އަހަރެންނާއި މަންމަ ދިރިއުޅެމުން އައީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ ބުނާފަދައިން މިގޮތުގައި ފަސް އަހަރު ހޭދަވީފަހުން އަހަރެމެންގެ ދިރިއުޅުމަށްވެސް އުފާވެރިކަން އަތުވެއްޖެއެވެ. ސަބަބަކީ މަންމަ އެހެން ކައިވެންޏެއްކުރުމެވެ. އަހަރެންނަށް ނުލިބިފައިވާ ބައްޕައެއްގެ ލޯބި ހޯދާދިނުމުގެ ބޭނުމުގައެވެ.
ދޮންބައްޕައެއް ލިބުމުން އަހަރެންވެސް ވަރަށް އުފާވިއެވެ. ނަމަވެސް އެ އުފާވެރިކަން ދެމިއޮތީ ކުޑަދުވަސްކޮޅަކުއެވެ. ދޮންމަންމަ ދޮންނިޔަދުރެއްފަދައޭ ބުނާފަދައިން އަހަރެންނަށް އަހަރެންގެ ދޮންބައްޕަވެސްވީ ދޮންނިޔަދުރަކަށެވެ.
އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. ސިއްސައިގެންގޮސް އަހަރެންނަށް ހޭލެވުނީ ބޮލުގައި މީހަކު ފިރުމާހެން ހީވެގެންނެވެ. ނަމަވެސް އަހަރެންނަށް ހޭލެވުމާއިއެކު އެމީހަކު ކޮޓަރިން ނުކުމެއްޖެއެވެ. ކޮޓަރީގެ ނިދާބޮކިވެސް ވަނީ ނިއްވާލާފައެވެ. އެހެންވުމުގެ ސަބަބުން އެއީކާކުކަމެއް އަހަރެންނަކަށް ނޭނގުނެވެ. އެ ކަނުއަނދިރީގައި އަހަރެން ތެދުވެގެން ގޮސް ނިދާބޮކި ދިއްލުމުންވެސް ކޮޓަރިއަށް މީހަކު ވަދެފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ކޮޓަރިތެރެއަކުން ނުފެނުނެވެ. އަދި އެއީ އަހަރެންނަށް ހީވިގޮތެއްކަމަށް ނިންމާ އަހަރެން އެނދުގައި އޮށޯތީމެވެ. އަދި އެކަމުގެ އެއްވެސް ހަގީގަތެއް ނޭނގޭތީ އެވާހަކަ މަންމަގާތަކު ނުބުނަމެވެ. އެއީ އަހަރެންނަށް ކިރިޔާކަމެއް ވިޔަސް އެކަމާ މަންމަ ވަރަށްދެރަވާނެތީއެވެ.
އޭގެ ހަފްތާ ފަހެވެ. ކުރީރެއެކޭ އެއްގޮތަށް މިރޭވެސް އަހަރެންނަށް ހޭލެވުނީ އަހަރެންގެ ހަށިގަނޑުގައި މީހަކު އަތްލީމައެވެ. އަހަރެންނަށް ހޭލެވުމާއިއެކު އެމީހަކު ކޮޓަރިން ނުކުތުމަށް ދުއްވައިގަތެވެ. ނަމަވެސް ކޮޓަރީގެ ނިދާބޮކި ނިވާލާފައި ވުމުގެ ސަބަބުން އެތާ ހުރި މޭޒެއްގައި އަޅައިގެންފާ އެމީހަކު ވެއްޓިއްޖެއެވެ. އަހަރެންގޮސް ކޮޓަރީގެ ނިދާބޮކި ދިއްލާލުމާއެކު ހީވީ ފައިދަށުން ބިންގަނޑު ދެމިގެންހެނެވެ. އެވަގުތު އަހަރެންގެ ހިތުގެ ތެޅުންވެސް ހުއްޓިފައިވާކަހަލައެވެ. ބުނާނެއެއްޗެއްވެސް ނޭނގިފައި އެތައްއިރަކު އަހަރެންނަށް ހުރެވުނެވެ. ވާނީވެސް އެހެންތާއެވެ. ކުރިމަތީގައިހުރީ މިއަދު އަހަރެންނަށް ބައްޕައެއްގެ ލޯބިދެމުންގެންދާ އަހަރެންގެ ދޮންބައްޕައެވެ. އަހަރެން ބިރުގެންފައި ހުރިކަން އެނގުމުން ދޮންބައްޕަބުނީ އަހަރެންގެ ހެދުމުގައި ކުރައްޕެއް އިނީމަ ފައްސާލަން އުޅުނީކަމުގައެވެ. އަދި ދޮންބައްޕަ އެކޮޓަރިއަށް ވަންވާހަކަ މަންމަގާތު ނުބުނުމަށްވެސް ބުންޏެވެ. އޭރުއަހަރެންގެ އުމުރަކީ އެންމެ ފަނަރަ އަހަރެވެ. ނަމަވެސް ދޮންބައްޕަގެ އެބުނުމުގެ ސަބަބުން ދޮންބައްޕަ އެކުރީ މަންމަ ހިތްހަމަ ނުޖެހޭނޭ ކަމެއްކަން އަހަރެންނަށްއެނގުނަސް ދޮންބައްޕަގެ އެއަމަލަކީ ގޯސްއަމަލެއްކަމެއް އަހަރެންގެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ. އެހެންވެ މަންމަ ދޮންބައްޕަ ދެކެ ރުޅިއަންނަން އަހަރެންވެސް ނޭދޭތީ މިފަހަރުވެސް އެވާހަކަ މަންމަ ގާތުގައި ނުބުނެ ސިއްރުކުރީ އެކަމުން ނުކުމެދާނެ ނޭދެވޭ ނަތީޖާއަކަށް ނުވިސްނާ ހުރެއެވެ.
އެރެއަށްފަހު ކޮންމެ ރެއަކުވެސް އަހަރެންނަށް ހޭލެވެނީ ދޮންބައްޕަގެ އެ ހަޑި މުޑުދާރު އަމަލުގެ ސަބަބުންނެވެ. މިގޮތުގައި އެއްހަފްތާވެގެން ހިގައްޖެއެވެ. އަހަރެންނަށް ރޭގަނޑުގެ ހަމަނިދި ނުލިބޭތާނގައި ހަމަޖެހިލައިގެން އެއްކަމެއްވެސް ނުކުރެވެއެވެ. ދުވަހެއްދުވަހަކަށް ކިޔެވުމަށް ފަރުވާކުޑަވުމާއި މީހުންނާއި ވާހަކަދެއްކުން މަދުވާންފެށިއެވެ. މިކަމާ މަންމަ އެތައްފަހަރަކު ސުވާލުކުރުމުންވެސް އަހަރެންގެ ޖަވާބަކަށްވީ ބަލިވެއުޅޭތީ ވާގޮތެއްކަމުގައެވެ. އެހެންވުމުން އަހަރެން ޑޮކްޓަރަށް ދެއްކުމަށްވެސް މަންމަ އެތައް މަސައްކަތެއްކުރިއެވެ. ނަމަވެސް އެކަންނުވީ ވެސް އަހަރެންގެ ސަބަބުންނެވެ.
ޖެހިގެން އައި ހަފްތާއަކީ މަންމަގެ ޑިއުޓީ ދުވާލަށް ބަދަލުވި ހަފްތާއެކެވެ. އެހަފްތާގައި އަހަރެންނަށް ހަމަޖެހިލައިގެން ނިދާލުމުގެ ފުރުސަތު ލިބުނެވެ. ސަބަބަކީ ދުވާލުގެ ގިނަވަގުތުތަކުގައި ކިޔަވާހިތްނުވިޔަސް އަހަރެން ސުކޫލުގައި ހޭދަކުރުމާއި ރޭގަނޑު މަންމަ ގޭގައި ހުރުމުން ދޮންބައްޕައަށް ފުރުސަތު ނުލިބުމެވެ. އަދި ދުވާލުގެ ވަގުތުގައި ދޮންބައްޕަވެސް އޮފީހުގައި އުޅުމެވެ. މަންމަގެ ކުރިމަތީގައި ދޮންބައްޕަ އުޅެނީ އަހަރެންނަކީ އޭނާގެ ދަރިއެއްކަމަށް ދެކިގެން ވަރަށްލޯބިންނެވެ. އެހެންކަމުން މަންމައަށް އެކަހަލަ ޝައްކެއްވެސް ނުވެއެވެ.
އަހަރެންގެ މަންމައަކީ ނަރުހަކަށްވުމުން ކޮންމެ ދެހަފުތާއިން މަންމަގެ ޑިއުޓީ ރޭގަނޑަށް ބަދަލުވެއެވެ. އެދުވަސް ތަކުގައި ދޮންބައްޕަގެ އުނދަގުލާއި އަހަރެންނަށް ކުރިމަތިލާންޖެހެއެވެ. ނަމަވެސް މަންމަ ގާތު އެވާހަކަ ބުނެފިނަމަ މަންމަ މަރާލާނޭކަމުގެ އިންޒާރު ދޮންބައްޕަ އަހަރެންނަށް ދީފައިވާތީ އަހަރެންނަށް އެކަންތައް ސިއްރުކޮށްގެން ހުރުންނޫން އެހެންގޮތެއްނެތެވެ.
މިގޮތުގައި ހަ އަހަރުދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ދޮންބައްޕަގެ ފަރާތުން އަހަރެންނަށްލިބޭ އަނިޔާތައްދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނެވެ. އެހެންކަމުން ގިނަވަގުތު އެކަނި ކޮޓަރީގައި އޮތުމާއި ކުރިން ފެންވަރާ ނަލަހެދޭގޮތަށް އެކަންކަންވެސް ނުކުރުމާއި މީހުންނާއި ވާހަކަދެއްކުންވެސް މުޅިން ހުއްޓިއްޖެއެވެ. މަންމަ އަހަރެންގެ ހާލާމެދު ހިތާމަކުރާކަން އަހަރެންނަށް އެނގެއެވެ. އަދި ދޮންބައްޕަގާތު މާ ގިނައިން އެވާހަކަ ދެއްކުމުން ދޮންބައްޕަގެ ކަންތައްތައް މަންމައަށް އެނގިދާނެތީ ދޮންބައްޕަ މަންމައަށް ވިސްނާދިނީ އަހަރެންނަށް ފަރުވާދިނުމަށް ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލަކަށް ފޮނުވުމަށެވެ. މަންމަ އަހަރެންގާތު އެވާހަކަ ބުނުމުން އަހަރެންނަށް ލިބުނީ ބުނަންވެސް ނޭނގޭފަދަ އުފަލެކެވެ. މަންމަ ކުރާނެ ހިތާމައަކަށް ވިސްނާލުމެއް ނެތިއެވެ. ސަބަބަކީ ދޮންބައްޕަގެ ވަކިތަކުގެ ދަށުން ސަލާމަތްވުމަށް ފުރުސަތު ލިބޭތީއެވެ. އޭގެ އެއްހަފުތާފަހުން އަހަރެންގެ މަންމަ އަހަރެން ގޮވައިގެން މިތަނަށް އައިސް ނަފުސާނީ ޑޮކްޓަރަކަށް ދެއްކިއެވެ. އަދި ޑޮކްޓަރުގެ ލަފާގެމަތިން ފަރުވާދިނުމަށް މި ހޮސްޕިޓަލުގައި އަހަރެން އެނދުމަތި ކުރެވުނެވެ. މިހާރު އަހަރެން މިހޮސްޕިޓަލުގައި އޮންނަތާ ދެ މަސްވީއެވެ. އެ ދުވަހަށްފަހު ފާއިތުވީ ދެ މަސްދުވަހުގެ ތެރޭގައި އަހަރެންގެ މަންމަ އަހަރެން ދެކެލާކަށް ނާދެއެވެ. އަދި އަހަރެންގެ ހާލުވެސް ބަލައެއް ނުލައެވެ. މަންމައަށް ވީގޮތެއް ވެސް އަހަރެންނަކަށް ނޭންގެއެވެ.
ނައިރާގެ ވާހަކަ ނިމުނު އިރު ފާރިހަށްވެސް ވަނީ ރޮވިފައެވެ. ނަހުލާ އާއި ފާރިހަކީ ކުޑައިރުގެ ދެރަހުމަތްތެރިންނަށް ވުމުގެ އިތުރުން ނައިރާއަކީ ފާރިހުގެ ހަޔާތުގެ ބައިވެރިޔަކަށް ހެދުމަށް ފާރިހު ހޮވާފައިވާ އަންހެންކުއްޖާއެވެ. އެހެންކަމުން ނައިރާ އެ ހޭދަކުރި ހިތާމަވެރި ދުވަސްތަކުގެ ވާހަކައިވުމުން ފާރިހަށްވަނީ ފުންއަސަރުތަކެއް ކޮށްފައެވެ. އަދި ނައިރާ އެކަމުން ސަލާމަތްކޮށް ނަހުލާއަށް އެ އަނިޔާތައް ދިން މީހާއަށް ހައްގު އަދަބު ދިނުމަށް ފާރިހު މަސައްކަތް ފެށިއެވެ.
ޖެހިގެންއައިދުވަހު ނައިރާ ހޮސްޕިޓަލުން ދޫކޮށްލުމުން ނައިރާގެ މަންމައާއި ބައްދަލުކޮށް ހުރިހާވާހަކައެއް ކިޔާދިނުމަށް އެގެއަށް ފާރިހުއާއި ނައިރާ އެގެއަށް ދިޔައެވެ. ގެއިން މީހަކާ ބައްދަލު ނުވިއިރު ގެވެސް ވަނީ ތަޅުލާފައެވެ. އެތަނުން ދިޔުމަށް ހިނގައިގަތްތަނާ އަވައްޓެރިއަކު އައިސް ގޭގެ ތަޅުދަނޑިޔާއިއެކު ދިއްކޮށްލި ކަރުދާސް ކޮޅެއް ނައިރާ ބަލާލިއެވެ. އެކަރުދާސް ކޮޅުގައި މަންމަ ލިޔެފައިވަނީ ނަހުލާ ހޮސްޕިޓަލަށް ގެންގޮސްފައި އައި ދުވަހުން ނައިރާގެ ކޮޓަރިން މަންމައަށް ނައިރާގެ ޑައިރީފެނި ހުރިހާއެއްޗެއް އެނގިއްޖެ ކަމަށާއި މަންމައަށް މާފުކުރުމަށެވެ. އަދި އެކަން އެނގިގެން މަންމަ ދޮންބައްޕަ މަރާލުމުގެ ސަބަބުން މަންމަ މިވަނީ ޖަލުގައި ތޭރިތަކުގެ ތެރޭގައެވެ.
ރޮވިފައިވާހާލު މަންމަ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް އަޒުމު ކަނޑައަޅަމުން ފާރިހާއެކު ފާރިހުގެ ގެއަށް ނައިރާ ދިޔައީ ކުޑައިރުގެ އެ އަނިޔާވެރި ހަނދާންތަކާއި މަންމަގެ ހަނދާންތަކާއި އެކު އޭނާއަށް އެ ގޭގައި އުޅެން އުނދަގޫވާނެތީއެވެ.
ނިމުނީ…….
