ޝައުނާ އޮތީ އިކުރާމަށް ގުޅައިގެންނެވެ. އެތައް އިރެއް ވަންދެން ވާހަކަ ދައްކަން އޮތެވެ. ގަޑިން ރޭގަނޑު 12 ޖަހަނީއެވެ. ޝައުނާ ފޯނު ބާއްވައިފައި ފާޚާނާއަށް ވަދެފައި ނުކުމެ އޮށޯތީ ނިދާށެވެ. ހަމަ އޮށޯވެލިތަނާ ފޯނު ރިންގުވާން ފަށައިފިއެވެ. ނުދަންނަ ނަންބަރެއް ކަމުން ފޯނެއް ނުނަގައެވެ.
ޝަމްވީލް އެތަނުން ސިފައިންގެ މީހެއްގެ ފޯނުން މިގުޅަނީ ޝައުނާއަށެވެ. އޭނާ ފޯނެއް ނުނަގައެވެ. “ބައްލަވާ، އަޅުގަނޑު ކޮން އިރަކުންތޯ ފޮނުވާލާނީ…! އަވަހަށް ފޮނުވާލަދީ…” ޝަމްވީލް އެމީހުން ކައިރި އާދޭސް ކުރަމުން ދިޔައެވެ.
“ޝަމްވީލް ދޫކޮށްލާނަން މާދަމާ ހެނދުނު! ކެއްކޮށްލާ…!” ޝަމްވީލް މަންމައާއި ޝައުނާ ދެކޭ ހިތުން ކެއްމަދު ވެފައެވެ.
ގަޑިން 01 ޖަހަނީއެވެ. ޝައުނާ އުޅެނީ ނުނިދިގެންނެވެ. މިރޭ މިއީ އިކުރާމް ޝައުނާ އަށް ލޯބި ހުށަހެޅި ރެއެވެ. އަދި ޝައުނާ އެ ލޯބި ޤަބޫލު ކުރި ރެއެވެ. ވަރަށް އުފާވިއެވެ. އެހެންނަމަވެސް ޝަމްވީލްގެ ހަނދާންތައް އާ ވަނީއެވެ. ‘އެހެން ރޭ ރޭ ނުވާވަރަށް މިރޭ ޝަމްވީލް މަތިން އެބަ ހަނދާން ވެއެވެ. ޝަމްވީލް ރަނގަޅު ވަނީ ބާއެވެ. އެކަމަކު ޑަކުޓަރުން ވަނީ އުއްމީދު ކަނޑާލާފައެވެ. އެކަމަކު އަހަރެން މިހާރު މިއީ އިކުރާމްގެ މީހެކެވެ. ޝަމްވީލް މަތިން ހަނދާން ނައްތާލަންވީއެވެ. އެކަމަކު ހާދަ އުނދަގުލޭ’ ޝައުނާ ހިތަށް އަރަމުން ދިޔައެވެ. މާދަމާ ކިލާހެއް ނޯންނާނެއެވެ. ރަށަށް ގޮސްލަންވީއެވެ. ޝައުނާ ނިދީ އަނެއްދުވަހު ހެނދުނު ރަށަށް ދާން ނިންމައިގެންނެވެ.
ސަހީމާއަށް ހޭލެވުނީ ކުކުޅުހާ ގޮވާ އަޑަށެވެ. ގަޑިން ހެނދުނު 6 ޖެހީއެވެ. ތެދުވެ ފޯނު ބަލައިލިއިރު ނުދަންނަ ނަންބަރަކުން ގުޅާފަ އެބައިނެވެ. ރޭ ފަތިހެވެ. ސަހީމާ ނުގުޅާނަމޭ ހިތާ ތެދުވެ ގޮސް މަގުމަތި ކުނިކަހަން ފެށިއެވެ.
ޝައުނާ ތެދުވެ އަވަސް ކޮށްލައިގެން ދިޔައީ ފެރީ ޓާމިނަލަށެވެ. ޖާގައެއް ލިބޭތޯއެވެ. ޓާމިނަލުގައި 30 ވަރަކަށް މިނެޓު އިނުމަށްފަހު ފެރީއަކުން ޖާގަ ލިބުމުން އަރައިފިއެވެ. ޝައުނާ މިދަނީ ތުލުސްދޫއަށެވެ. ޝައުނާގެ ރަށަށެވެ. މަންމަމެން ކައިރި ނުވެސް ބުނެއެވެ. އިކުރާމް ކައިރިވެސް ނުބުނެއެވެ.
ސަހީމާ އެތެރެއަށް ވަނީ ފޯނު ރިންގު ވާތީއެވެ. “ހަލޯ!” ސަހީމާ ބުނެލިއެވެ. “މަންމާ….އަހަރެން މިދަނީ ރަށަށް” ވާހަކަ ދެއްކީ ޝަމްވީލެވެ. ސަހީމާ ހުރީ ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ. ބަސް ހުއްޓިފައެވެ. ޝަމްވީލް ރަނގަޅުވީއެވެ. ސަހީމާ ފޯނު ބާއްވާފައި ދިޔައީ ރަށުގެ ބަނދަރަށެވެ.
ޝައުނާ މިއަދު މާބޮޑަށް ޝަމްވީލް މަތިން ހަނދާން ވަނީއެވެ. ނުވިސްނަން އުޅުނަސް ވިސްނެނީއެވެ. “އަހަރެން މަރުވެދިޔަސް އެ ހަނދާންތަކެއް ނުފިލާނެ” ޝައުނާ ހިތަށް އަރަމުން ދިޔައެވެ.
ޝަމްވީލް ލާންޗެއްގައި ދަތުރު ފަށައިފިއެވެ. އަމިއްލަ ރަށަށް ދާށެވެ. ވަރަށް އުންމީދާއެކުއެވެ. މަންމަ ހުންނާނީ މިހާރު ލަސް ވެފައެވެ. އެހެންނަމަވެސް އަދި ވިއްސަކަށް މިނެޓު ވަންދެން ލާންޗުގައި އިންނަން ޖެހޭނެއެވެ.
ތުލުސްދޫ ފެރީ އަތުވެއްޖެއެވެ. ޝަމްވީލްގެ މަންމަ ހުރީ ޝަމްވީލްގެ އިންތިޒާރުގައި ބަނދަރުމަތީގައެވެ. ޝަމްވީލް ދަތުރު ކުރަމުންދާ ލާންޗު އައުމަށް ދެން ނަގާނީ ފަނަރަ ވަރަކަށް މިނެޓެވެ.
ފެރީން މީހުން ފައިބަނީއެވެ. އެންމެން ފައިބާ ނިމުމުން ފެރީ ފުރާނެއެވެ. ސަހީމާ ހުރީ ޝަމްވީލް ގެ އިންތިޒާރުގައި ނޭވާ ހިފަހައްޓަލައިގެންނެވެ.
މިހެން ހުއްޓާ ފުލުހުންގެ 5 ވަރަކަށް މީހަކު ބަނދަރަށް އަތުވެއްޖެއެވެ. ސަހީމާ ހިތަށް އެރީ ޝަމްވީލް އަންނާތީ އަންނަ ފުލުހުން ކަމަށެވެ. ނަމަވެސް ކަން ދިމާވީ މިހެނެއް ނޫނެވެ. ފުލުހުން ފެރީއަށް އަރާފައި ފޭބީ ހޭކެނޑިފައިވާ އަންހެނެއް ގޮވައިގެންނެވެ. ފެންނަ ފެނުމަށް އެއީ މާ ދުވަސްވީ މީހެއް ހެނެއް ހިއެއް ނުވެއެވެ. ތަންކޮޅެއް ކައިރިއަށް ގޮސް ބަލައިލަންވީއޭ ހިތާ ސަހީމާ ދިޔައެވެ. ސަހީމާއަށް ވީގޮތެއް ނޭނގުނެވެ. އެއީ ޝަމްވީލްގެ ލޯބިވާ ޝައުނާއެވެ. “މީނާއަށް ކިހިނެއްވީތަ؟” ސަހީމާ އެހިއެވެ.
“ދޯނިން ނުފައިބާ އިނީމާ ބަލައިލިއިރު އިނީ މަރުވެފައި” ދޯނި ކައްޕި ބުނެލިއެވެ. ސަހީމާ ވީ ދެރައެއް ނޭނގުނެވެ. ހީވީ އުފާވެރިކަމުގެ ކޮޅުމަތި ފެނުނު ވަގުތު ކުރިމަތީގައި ފާރެއް ހެދުނު ހެނެވެ.
ޝަމްވީލް އަންނަނީއެވެ. އެ އުފާވެރި މޫނު ފެނުމުގެ ބަދަލުގައި ފެންނާނީ ކޮން މޫނެއްބާވައެވެ. ޝައުނާ މަރުވިކަން އެގުމުން ޝަމްވީލަށް ވާނީ ކިހިނެއްބާއެވެ.
ސިފައިންގެ ކުޑަ ލާންޗެއް ފަޅުތެރެއަށް ވަދެއްޖެއެވެ. ޝަމްވީލް އައީއެވެ. ބަނދަރު މަތީ މީހުން ގިނައެވެ. އެމްބިއުލާންސް އަންނަތަން ވެސް ފެނުނެވެ. “ކިހިނެއް ވެގެންބާ މިއުޅެނީ؟” ޝަމްވީލް ހިތައް އެރިއެވެ. ލާންޗުން ފައިބައިފިއެވެ. ވެގެން އުޅޭ ގޮތެއް ބަލައިލާނަމޭ ހިތަށް އެރުމުން ޝަމްވީލް ދިޔައެވެ. އެމްބިއުލާންސަށް މީހަކު އަރުވަނީއެވެ. މޫނެއް ރަނގަޅަކަށް ނުފެނެއެވެ. އެނގުނީ އަންހެނެއް ކަމެވެ. ޝަމްވީލް މަޑުމަޑުން ހިނގަން ފެށިއެވެ. ގެއަށް ދާން ވެގެންނެވެ. ހިނގައިގަތް ވަގުތު ފަހަތުން މީހަކު ގޮވާލިއެވެ. ޝަމްވީލް ފަހަތް ބަލައިލިއެވެ. އެއީ މަންމައެވެ. މަންމައަށް ހުރީ ރޮވިފައެވެ. އަހަރެން ގޮސް ބައްދާލީމެވެ. “މަންމާ، ކޮބާތަ ޝައުނާ؟ އަހަރެން ޝައުނާ ދެކިލަން ބޭނުން! އޭނަ މިހާރު ހުންނާނީ އަހަރެން ނައިސްގެން ލަސް ވެފަ!”
ޝަމްވީލް ދާން ހިނގާށޭ ބުނެ ހިންގައިގަންނަން އުޅުނެވެ. އެކަމަކު ސަހީމާ އޭނަ ހިފަހައްޓާފައި ބުނެލިއެވެ. “ޝައުނާ…..ޝައުނާ…..!”
“ޝައުނާއަށް ކިހިނެއްވީތަ؟” ޝަމްވީލް އެހިއެވެ. “ޝައުނާ މި ދުނިޔެއާ….. ވަކި ވެގެން ހިނގައްޖެ!” ޝަމްވީލް ހިތް ހުއްޓުނު ކަހަލައެވެ. ހީވީ ފައިދަށުން ބިންގަނޑު ކަނޑާލިހެންނެވެ.
“ކީކޭ މަންމާ؟ ޝައުނާއެއް ނެތޭ…؟ ހުންނާނެ! ބުނޭ ތިއީ ދޮގެކޭ، ބުނޭ!” ޝަމްވީލަށް ރޮވެން ފެށިއެވެ. “ނޫން ދަރިފުޅާ، ދެންމެ އެ ގެންދިޔައީ ޝައުނާއޭ…….އްނހް” ސަހީމާ މިހެން ބުނުމުން ޝަމްވީލް ގައިން ވަރު ދެރަވި ކަހަލައެވެ.
ޝައުނާ އަހަރެން ދޫކޮށްފައެއް ނުދާނޭ ކިޔަމުން ޝަމްވީލް ދުއްވައިގަތީ ހަސްފަތާލަށެވެ. “ދަރިފުޅާ…ދަރިފުޅާ….!” ސަހީމާ ގޮވުމުންވެސް އޭނާ މަޑެއް ނުކުރިއެވެ. ޝަމްވީލް ގޮސް ހަސްފަތާލަށް ވަދެއްޖެއެވެ. ޝައުނާ އޮތް ތަނަށް ވަދެއްޖެއެވެ. “ޝައުނާ………! އަހަރެން ދޫކޮށްފަ ނުދޭ…. އަހަރެން މި އައީ އޭ….. އަހަރެން މިހާރު ރަނގަޅޭ…. ލޯ ހުޅުވަބަލަ! އަހަރެން މިހުރީ އައީހޭ….” ޝަމްވީލް ހަޅޭއްލަވަމުން ދިޔައެވެ.
“އަހަރެން ކިހިނެއް ޝައުނާއާ ނުލައި ދިރިއުޅޭނީ…..! ޝައުނާ…………!!!!!!!! އެ ހަނދާންތަކާ ދުރަކަށް ނުދެވޭނޭނުން އަހަންނަކަށް؟ ކީއްވެ ތިހެން ތިހެދީ؟ އާދޭ، އާދޭ…..” ދެ މީހަކު އައިސް އޭނާ ހުއްޓުވިއެވެ. ދެން ޝައުނާ ނާންނާނެޔޭ ބުންޏެވެ.
އިރުކޮޅެއްނުވެ ޝައުނާގެ މަންމައާއި ބައްޕަވެސް އެތަނަށް އައެވެ. އެ ދެމީހުން ކައިރިވެސް ޝަމްވީލް ކިޔަނީ މިހެންނެވެ. “ބުނޭ އަންނާށޭ…. އަހަރެންގެ ޝައުނާ ކައިރި ބުނޭ އަންނާށޭ..” ޝަމްވީލް ހުއްޓާނުލައި ރޮނީއެވެ.
ޝަމްވީލް ރަނގަޅުވިކަން ނޭނގި ޝައުނާ މި ދުނިޔެ ދޫކުރީއެވެ. މިދުވަސް މިހެން އައުމުން ނުރޮވޭނީ ކާކަށް ހެއްޔެވެ؟ މިއީ ޝަމްވީލްގެ ތަޤުދީރެވެ. ތަޤުދީރަކާއި ދެކޮޅެއް ނުހެދޭނެއެވެ. އެކަމަކު އެ ހަނދާން ޝަމްވީލްގެ ހިތަކުން ފިލައިގެނެއް ނުދާނެއެވެ.
ނިމުނީ…
2 Comments!
Comments are closed.

Alheyy haada avahakah end kohli…gaimu mi 2kudhin life eh fashaafa ninmaali nama…so sad….
varah reethi ??