ހިތަކުން ހަމަނުފިލާނޭ… (2ވަނަ ބައި)
ރަކިގޮތަކަށް ހިނިތުންވެގެން ހުރި ޝާން ފެނިފައި ނާޒް ގެ ޙިއްސުތައް ކުޑައިރުކޮޅަކަށް ނަމަވެސް ހުއްޓުނު ކަހަލައެވެ. ބުނާނެ އެއްޗެއް އެވަގުތު ނާޒުގެ ސިކުނޑިއަކަށް ނައެވެ. ޝާން ބަލަން ހުރީ ސީދާ ނާޒްގެ ދެލޮލަށެވެ. އެތޫނު ބެލުމުން ހިތުގެ އެންމެ ފުނުގައިވާ އެންމެ ހިމަނާރުތައްވެސް ވިރަމުންދާހެން ނާޒް އަށް ހީވިއެވެ. އެހެންކަމުން ކިތަންމެ ހިތްނޭދުނު ނަމަވެސް އަވަސްގޮތަކަށް ޝާންގެ ކުރިމަތިން ދުރަށް ދެވޭތޯ، ޖަވާބުގައި ހީލަމުން ދަނީއޭ ބުނެފައި ނާޒް އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ދޮރުން އެތެރެއަށް ދެމިގަތެވެ.
ގެއަށް ވަދެވުނުނަމަވެސް ނާޒްގެ ހިތައް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ހިތް އުފަލުންގޮސް ހީވަނީ ފުއްމައިގެން ބޭރަށް ނުކުމެދާނެހެންނެވެ. ޝާންއާ ބައްދަލުވެ އެވީ ކުޑަވަގުތުކޮޅުގެ މަންޒަރު އެތައްފަހަރަކު ތަކުރާރުކޮށް މޫނުމަތިން ސިފަވަމުން ދިޔައެވެ. “އަޅެ އަހަންނަނަށް ޖަވާބުގައި އެއްޗެއްވެސް ބުނެނުލެވުނު. އަހަރެން ކިހާ މޮޔަ.” ނާޒްގެ ހިތައްއެރިއެވެ. އެހެންކަމުން ޝާންއާ ދެންދިމާވާ ފަހަރަކުން ވާހަކަ ދައްކަން ކަމަށް ނާޒް ހުރީ ހިތާހިތުން ޢަޒުމް ކަނޑައަޅައިގެންނެވެ.
ޝާން އާއި ނާޒްގެ ގުޅުން އިތުރަށް ކުރިއަށް ދެވޭނެ ފުރުޞަތެއް ނުލިބުނު ނަމަވެސް، ނާޒްގެ ހިތުގައި ޝާން އަށްޓަކައި އުފެދިފައިވާ ލޯބީގެ ޝުޢޫރުތައް ދިޔައީ އިތުރުވެ އުތުރިއަރަމުންނެވެ. ޝާންގެ ކަންތައްތައް ކޮށްދިނުމަށާއި، ސީމާ ބުނާ ބައެއް އެހެން ކަންތައްތައް ކޮށްދިނުމަށް ކުރިއެކޭވެސް އެއްގޮތަށް ނާޒް އެބަޔަށް ވަދެ އުޅެއެވެ. އެގޮތުން ޝާންގެ ކޮއްކޮމެންނާ ނާޒްއާ ވަރަށްބޮޑަށް އެކުވެރިވެ ގުޅުން ބަދަހިވެއްޖެއެވެ. ނާޒްގެ ހިތުގައި ޝާންއަށް ޚާއްޞަ މަޤާމެއް ދެވިފައިވާކަން ޝާންގެ ކޮއްކޮމެންނަށް ވަރަށްބޮޑަށް ޝައްކުކުރެވެންވެސް ފެށިއެވެ. އެހެންކަމުން ދޭތެރެ ތޭރެއިން އެންމެ ކުޑަކޮއްކޮ ޝާނީ ދޮންބެ ދައްތާއޭ ކިޔާ ނާޒް އާ ދިމާކޮށްވެސް ހަދައެވެ. އެފަދަ ވަގުތު ތަކުގައި ނާޒްގެ ހިތައް ބަޔާންކުރަންވެސް ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބެއެވެ. ރަކިވެގެންގޮސް މީހާ ބޭޒާރުވާއިރުވެސް ދުލުން އެންމެ ފަހަރަކުނަމަވެސް އެކަމަށް އިޤުރާރުވާކަށް ނުކެރެއެވެ. އެއަށްވުރެ ބޮޑަށް ނާޒް ބޭނުންވަނީ އޭނާގެ އިޙްސާސްތައް ދުނިޔޭގެ ލޯތަކަށް ފޮރުވާފައި ހިތުގެ އެންމެ އަޑީގައި ރައްކާކޮށްފައި ބޭއްވުމަށެވެ. ޝާން އޭނާއާ ދޭތެރޭގައި އެފަދަ ނަޒަރަކުން ދެކޭކަމެއްވެސް އަދި އެނގެނީއެއް ނޫނެވެ. އެހެންނަމަވެސް ލޯބިވާނަމަ ދުލުން ހާމަނުކުރިޔަސް އެކަން ބަހާއި ޢަމަލުންވެސް ދޭހަވެއެވެ. އަދި އެކަން އެކަކު އަނެކަމަށް އިޙްސާސްކުރެވެއެވެ. ނާޒްއަށްވެސް ވަނީ ހަމަ އެހެންނެވެ. ޝާންގެ ކަމެއްވިއްޔާ މާވަރެއް އަރުވާލައިގެން އެކަމެއް ކުރަނީ އުފަލާއެކުގައެވެ. ސިއްރު ސިއްރުން ޝާންގެ ކޮޓަރިއާ ދިމާއަށް ބަލާލައެވެ. ޝާން ނުފެނިއްޖެނަމަ ނޫންކަމަށް ހަދާފައި އެބަޔަށްވެސް ވަދެއެވެ. ގިނަ ގިނައިން ފެނިދެނި ވޭތޯ ކުރެވެން އޮތްހާ މަސައްކަތެއް ކުރެއެވެ. ނާޒްއާއި ޝާން މަދުންނަމަވެސް ބައްދަލުވެ ފެންނަ ކޮންމެ ފަހަރަރަކުވެސް އެކަކު އަނެކަކަށް ލޮލާއި ބޮލުން، ހިތުން ހިތައް އެތައް ހާސް މެސެޖުތައް ބަދަލުކުރެވެއެވެ. އެދެމީހުންނަށްވެސް ނޭނގޭ ކަމަކީ އެކަކު އަނެކަކަށްޓަކައި އެދެހިތުގައިވެސް އެއްވިންދެއް ޖަހަމުންދާ ކަމެވެ.
އުފާވެރިކަމާއި އަމާންކަމާއެކު ދުވަސްތައް ފާއިތުވަމުންގޮސް އަހަރުގެ ފަހު އިމްތިހާން ނިމި ޗުއްޓީދުވަސްތައް ފެށިއްޖެއެވެ. ޗުއްޓީ ލިބުމަކީ ކިޔަވަން މާލެ އައިސް ތިބޭ އަތޮޅުތެރޭގެ ކުދިންނަށް ލިބިގެންދާ ވަރަށްބޮޑު އުފަލެކެވެ. ލޯބިވާ މައިންބައިއިންނާއި ޢާއިލާއާ އެތަންހާސް މޭލު ދުރުގައި އުޅެފައި ދުވަސްކޮޅަކަށް ނަމަވެސް އެމީހުންނާ ބައްދަލުވާތީއެވެ. ގިނަ ކުދިންނަކީ މުޅިން ރުދުހިލޭ މީހުންގެ ކައިރީގައި، ގޭގޭގައި ގެންގުޅޭ ކުދިންގެ ގޮތުގައި، ސާހިބުންނަށް ނޯކިރީ ކޮށްދީގެން އުޅޭ ކުދިންނެވެ. އެހެންކަމުން އެފަދަ ކުދިން ތިބެނީ ޗުއްޓީ ދުވަސްވަރު ނުފެށިގެން ލަސްވެފައެވެ. ޗުއްޓީ ލިބުމުން ރަށަށް ދެވޭތީ ނާޒްވެސް ހުރީ ވަރަށް އުފަލުންނެވެ. މަންމައާއި ބައްޕަ އާއި ބައްދަލުވާނެތީއެވެ. ކުޑައިރުގެ އެކުވެރިންނާއެކު މަޖާކޮށްލެވޭނެތީއެވެ. އެހެންނަމަވެސް ހިތުގެ ކޮންމެވެސް ހިސާބެއްގައި ނޭނގޭ ރިހުމެއް އުފެދިފައިވެއެވެ. ޝާން ނުފެންނަ ހިސާބަށް ދާންޖެހޭނެތީއެވެ. ކުޑަދުވަސްކޮޅަކަށްނަމަވެސް އެރީތި މޫނު ފެނުމުން މަޙްރޫމްވާނެތީއެވެ.
ޗުއްޓީއަށް ނާޒް ރަށަށް ދާންއުޅޭކަން ޝާން އަށް އެނގުނީ އޭނާގެ ކޮއްކޮ ޝާނީގެ ފަރާތުންނެވެ. އެއީ ކުޑަކުޑަ އަނގަ ގަދަ މިތުރަށް ކަމެއް އެނގިއްޖިއްޔާ ދޫހިމޭނުން ބޭއްވުމަކީ އޭނާއަށް ކުރެވޭނެކަމެއް ނޫނެވެ. ނާޒް ރަށަށްދާން އުޅޭ ޚަބަރު ލިބުނީއްސުރެ ޝާން ހުންނަނީ ހިތްނުތަނަވަސްވެފައެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާގެ ހިތުގައި މަޑުމަޑު ރިހުމެއް އުފެދިއްޖެއެވެ. މިވާގޮތް ނޭނގުނުނަމަވެސް ފުރުމުގެ ކުރިން ނާޒްއާ ވާހަކަ ދައްކާލަން ޝާން ބޭނުންވިއެވެ. ވަރަށް މިސްވާނެކަމަށާއި، އަވަހަށް އެނބުރި އަންނާށޭ ބުނަން ބޭނުންވިއެވެ. ބައްދަލުނުވެ ވަދާޢީ ސަލާމްވެސް ނުކޮށް ނާޒް ފުރައިގެން ހިނގައިދާނެތީ ޝާން ނުހަނު ކަންބޮޑުވިއެވެ. އޭނާއަކީ އެހެން ނޫނަސް ނާޒްއާ ވާހަކަދައްކާ ހަދާމީހެއް ނޫންކަމުން ކޮންމެހެން އޭނާއާ ސަލާން ގަލާންކުރަން ނާޒް ނޫޅޭނެޔޭ ޝާން ހީކުރިއެވެ. އެހެންކަމުން ނާޒްއާ ވާހަކަ ދައްކާލާ ހަދާލާނެ ފުރުޞަތަކަށް ލިބޭތޯ ބޯކޮޅުބަލައިގެންވެސް ޝާން އަށް އެކަން ވާގޮތެއް ނުވިއެވެ. ނާޒްއަކީ އެއްވެސްވަރަކަށް ބޭރަށްގޮސް އުޅޭ ކުއްޖަކަށް ނުވުމާއި، ޝާންމެން ބަޔަށް އައިސްގޮސްއުޅުނު ނަމަވެސް މީހުންނަށް އެނގިގެން ނާޒްއާ ވާހަކަ ދައްކަން ޝާން އަށް ނުކުރިގެންނެވެ. ހިތް މާޔޫސްވެފައިވަނިކޮށް ޝާންއަށް ކުޑަކުޑަ އުއްމީދެއްލިބުނީ ކުރެވުނު މޮޅު ޚިޔާލަކުންނެވެ. ބުނަން ބޭނުންވާ ހުރިހާ އެއްޗެއް ލިޔެފައި ސިއްރުސިއްރުން ނާޒްއަށް ދޭނީއެވެ. އެއީ މޮޅުގޮތެއްކަމަށް ހިތާހިތުން އެއްބަސްވެވުމާއެކު ޝާން އަވަސްވެގަތީ ޑިޖާވް ފިހާރަ އަށް ދިއުމަށެވެ.
އަނެއްކޮޅުން ނާޒްގެ ޙާލަކީވެސް ހަމަމިއީއެވެ. ނާޒްވެސް ޑިޖާވް އަށް ދިޔައީ ދެވަނަ ކަމަކު ނޫނެވެ. ފުރުމުގެ ކުރިން، ޝާންއާމެދު ހިތުގައިވާ ޚާއްޞަ އިޙްސާސްތަކާގުޅިގެން އިޝާރާތެއްނަމަވެސް ކޮށްލުމުގެ ނިޔަތުގައި ޝާންއަށް ހަދިޔާކުރުމަށްޓަކައި ކާޑެއް ގަތުމަށެވެ. އިއްތިފާޤަކީވެސް ހާދަ އެހެންކަހަލަ ކަމެކެވެ. ޝާން އާއި ނާޒް އަށްވެސް ޑިޖާވް އަށް ދެވުނީ ހަމައެދުވަހުއެވެ. އަދި ހަމަ ދާދި އެއްވަގުތެއްގައެވެ. “ފޮރ ސަމްވަން ސްޕެޝަލް” އަށް ޚާއްޞަކުރެވިފައިވާ ކާޑުތައް ބަހައްޓާފައިވާ ހަރުގަނޑުކައިރީގައި ކާޑުތައް ބަލަންހުރި ނާޒްއަށް އޭނާގެ ކަނާތްފަރާތަށް ކުޑަކޮށް އެނބުރި ބަލާލެވުނީ ދާދި ގާނތުން ނޭފަތުގައި ޖެހުނު ސެންޓެއްގެ މީރުވަހުންނެވެ. އެއާއެކު ދެލޯ ބޮޑުވެގެންދިޔައީ ކުޑަތަންކޮޅެއް ދުރުގައިހުރި ހަރުގަނޑުގެ ކައިރީގައި ކާޑުތަކަށް ބަލަންހުރި ޝާން ފެނުމުންނެވެ. ހަމައެހިނދުކޮޅުގައި ނާޒް އަވަސް އަވަހަށް އިސްޖަހާލުމަށްފަހު ނުފެންނަކަމަށް ހަދާފައި ކާޑުތައް ބެލުމުގައި އުޅެގަތެވެ. އެހެންނަމަވެސް އެގޮތަށް ހުރެވުނީ ހަމަ ކުޑަ ހިނދުކޮޅަކަށެވެ. އަނެއްކާވެސް ސިއްރުސިއްރުން ޝާން ހުރި ދިމާއަށް ބަލާލެވުނެވެ. އޭރު މިއިން އެއްވެސް ކަމެއް ނޭނގޭހާލު ކާޑުތައް ބެލުމުގައި ގެއްލިފައިހުރި ޝާން މަޑުމަޑުން ނާޒް ހުރި ދިމާއަށް އާދެއެވެ. ނާޒްގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ތިންވަނަ ފަހަރު ޝާންއާ ދިމާއަށް ބަލާލެވުމާއެކު ނާޒްއަށް ލިބުނީ ކުއްލި ޙައިރާންކަމެކެވެ. ހީވީ ވައްކަމެއް ކުރަންއުޅެނިކޮށް ފަޅާއެރިހެންނެވެ. ޝާން ހުރީ ސީދާ ނާޒްއަށް ބަލަހައްޓައިގެންނެވެ. ނާޒް ބަލާލުމާއެކު މަޑުމަޑު ހިނިތުންވުމެއް ހަދިޔާކޮށްލިގޮތުން ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް ފިދާވާނެއެވެ. އެއަށްފަހު ކުރިއަށްވުރެބޮޑަށް ނާޒް ޙައިރާންކޮށްލާފައި އައިސް ހުއްޓުނީ އެކަކުއަނެކެއްގެ ގައިގައި ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި ނާޒުގެ ކައިރީގައެވެ.
“ހައި. ކީއްކުރަނީ މިތާ” އިސްވެ ވާހަކަ ދެއްކީވެސް ޝާންއެވެ. “ހައި. މި… މީ ރައްޓެއްސެއްގެ ބާތްޑޭއަށް ދޭން ކާޑެއް ހޯދާލަނީ.” ކާޑެއް ނަގާ ހުޅުވާލަމުން މަޑުމަޑުން ނާޒް ބުނެލިއެވެ. “ޝާން ކީއްކުރަނީ މިތާ” ހާސްކަން ފޮރުވުމަށްޓަކައި ހިއްވަރުކޮށްލާފައި ނާޒް އަނހާލިއެވެ. އެވަގުތު އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. ދެމީހުންނަށްވެސް ބޭއިޚްތިޔާރުގައި އެގޮތުގައި ކުޑަ ހިނދުކޮޅަކަށް ތިބެވުނެވެ. އެވީ ކުޑަ ހިނދުކޮޅުގެ ތެރޭގައި އެކަކު އަނެކެއްގެ ހިތުގެ ވިންދުވެސް ހީވީ މަޑުޖެހިލިހެންނެވެ. އަދި ވަށައިގެންވާ މާޙައުލުގައި ހިނގަ ހިނގާހުރި ހުރިހާ ކަމެއްވެސް އެމީހުންނާއެކު އެހިނދުކޮޅުގައި ބައިބެރިވިކަހަލައެވެ. ޝާންގެ ތޫނު ބެލުމަށް ކެތްނުކުރެވިގެން ނާޒް އަށް އިސްޖަހާލެވުނެވެ. ނާޒް ލަދުގަތީކަން އިޙްސާސްކުރެވުމުން ޝާން އަށް ހިނިތުންވެލެވުނެވެ.
“މީ ޚާއްޞަ މީހަކަށް ދޭން ކާޑެއް ހޯދާލަނީ އަހަރެންވެސް” ޝާން މަޑުމަޑުން ބުނެލިއެވެ. “މިއުޅެނީ ރަނގަޅު ކާޑެއް ހޯދާލަން އުނދަގޫވެގެން. ނާޒް ހެލްޕެއް ވެދޭންވީނު.” އެހާ ހިސާބަށް ބުނުމާއެކު އަނެއްކާވެސް އެކަކު އަނެކަކަށް ބަލާލެވުނެވެ. “އެކަމަކު ވަގުތު އޮތިއްޔާ.” ނާޒްގެ މޫނުން ނަޒަރު ވަކިކޮށްނުލާހުރެ ނާޒްގެ އަތުގައި އޮތް ކާޑު މަޑުމަޑުން ޖަހައިގަންނަމުން ޝާން އިއްވާލިއެވެ. ޝާންގެ މިޙަރަކާތާއެކު އިތުރު ޙައިރާންކަމެއް ލިބުނު ނަމަވެސް، ދާދިކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހީލާފައި ބޯޖަހާލަމުން ނާޒް އަނެއްކާވެސް ކާޑުތައް ބަލަން ފެށިއެވެ.
“ކޮންކަހަލަ އޮކޭޝަނަކާ ގުޅުވައިގެން. އޯ… ސޮރީ. މިހެން މިއެނހީ އަސްލު އޭރުންދޯ ކާޑެއް ހޮވަން ހެލްޕެއް ދެވޭނީވެސް.” މިކުރެވުނީ ކޮންކަހަލަ ސުވާލެއްބާއޭ ހިތަންއެރުމުން، ކުޑަކޮށް ލަދުންހުރެ ނާޒް އަނހާލިއެވެ. “ދެން ހަމަ ޚާއްޞަ ކުއްޖަކު ކުޑަދުވަސްކޮޅަކަށް ވަކިވެގެން ދާތީ. ވަރަށް މިސްވާނެ އެކުއްޖާ ދިޔައިމަ. ޖަސްޓް ވޮންނަ ޓެލް ހަރ ދެޓް ހައު މަޗް އައި އެމް ގޮއިންޓު މިސް ހަރ” ގަސްތުގައި ނާޒް ތަޅުވާލުމުގެ ގޮތުން ޝާން ސީދާ ހަމަ އޭނާ ނާޒް ގާތުގައި ބުނަން ބޭނުންވާ ގޮތަށް ބުނެލިއެވެ. ނާޒްގެ ހިތައް ޙަޤީޤަތުގައިވެސް ވަރަށް ތަދުވެއްޖެއެވެ. ޝާން ލޯބިވާ އަންހެންކުއްޖަކަށް ދޭން ކާޑެއް ހޮވައިދޭނީ ކިހިނެތްބާވައެވެ. ހަމަގައިމުވެސް އެއީ ޝާން ލޯބިވާ ކުއްޖެއްކަމުގައި ނުވާނަމަ އެހާ ޚާއްޞައެއް ނުވާނެއެވެ. އަދި އެވަރުން ކުޑަ ދުވަސްކޮޅަކަށް ވަކިވެގެން ދިޔައޭ ކިޔާފައި އެވަރަށް މިސްވާނެޔޭ ބުނަން ބޭނުންވާނީ ހާދަ ޚާއްޞަ ކުއްޖެއް ވީމައެވެ. ހިތަށް އަރާފައިބަންފެށި ހިތްނޭދޭ ޚިޔާލުތަކަކުން ނާޒްގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އެހެން ނަމަވެސް ހަމަޖެހޭގޮތް ދައްކަމުން ޝާން އަށް ކާޑެއް ހޮވުމުގައި އޭނާއަށް ވެވެން އޮތް އެންމެ ރަނގަޅަކަށް އެހީތެރިވެދިއެވެ. އެހެންކަމުން ޝާންގެ އެންމެ ފަހުގެ ހޮވުމަކަށްވީ ނާޒްއަށް ރީތިވި ނާޒްއަށް އެންމެ ރީތި މަޑުނޫކުލައިގެ ކާޑެކެވެ. “ތޭންކްސް އަލޮޓް. ނާޒްގެ ތިއެހީތެރިކަމާނުލައި މިކަން އެހާ ފަސޭހަނުވީސް.” ޝުކުރު އަދާކޮށްލަމުން “ދެން ދަނީ” އޭ ބުނެލާފައި ޝާން ދިޔައީއެވެ. އެންމެކުޑަމިނުން ނާޒް ފުރަން އުޅޭކަން އެނގޭއިރުވެސް އެކަން އެނގޭކަމަށްވެސް ހަދާނުލި ތާނގައި، ޝާން ގޮތްދެއްކީކަން ނާޒްއަށް ރޭކާވެސް ވިޔަނުދީއެވެ.
ޝާންގެ މިއަޅާލުން ކުޑަކަމާހެދި ނާޒް ހުރީ ވަރަށް ބޮޑަށް ދެރަވެ ހިތުގައި ޖެހިފައެވެ. އެހެންކަމުން ޝާން އަށް ދޭންވެގެން ގަންގަންއުޅުނު ކާޑުވެސް ގަންނާކަށް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް އެއީ އޭނާއަށް ކުރެވުނު ކުށް ޚިޔާލަކަށް ވެދާނެތީއާއި އެފަދަގޮތަކަށް މެދުވެރިވެރިވުމަށް އެދި ހިތާހިތުން ދުޢާކުރަމުން ޝާން އަށް ދިނުމަށްޓަކައި ކުޑަކުޑަ ހަދިޔާއެއް ގަނެލިއެވެ.
އަނެއް ދުވަހުގެ އިރުއެރުމާއެކު ނާޒް އުޅުނީ ވަރަށް އަވަދިނެތިއެވެ. ރަށަށްދާން ފުރަން އެންމެ 03 ދުވަހަށް ވެފައިވާތީ، ހެނދުނުކޮޅު ގޭގައި އުޅޭ އެހެން ކުއްޖަކާއެކު ނާޒް އުޅުނީ ކުޑަކޮށް ޝޮޕިންގ ކުރުމުގައެވެ. މެންދުރު ނަމާދު ބަންދިއަށް ފިހާރަތައް ބަންދުކުރުމުން ގެއަށް އާދެވުނުއިރު ތިބީ ހޫނުވެގެންގޮސް ބްރާންތިވެފައެވެ. “މިކަމެއް ނުވާނެ.” އަތުގައި ހުރި ކޮތަޅުތައް އެނދުމައްޗަށް ހޫރާލަމުން ހެނދުމައްޗަށް ވެއްޓިގަންނަމުން ނާޒް ބުންޏެވެ. “ޔާ…ދޯ.. ހާދަ އަވިހަދައޭ. ބްރާންތިވެއްޖެ.” ނާޒްއާއެކު ޝޮޕިންގ މަސައްކަތުގައި ބައިވެރިވި ސަނާ ބުނެވިއެވެ. އެހެން ކިޔަމުން ފިނިކޮށްލުމަށްޓަކައި ދެމީހުންވެސް އެނދުމަތީގައި އޮށޯވެލައިގެން ތިއްބެވެ. އެވަގުތު ހުޅުވާލާފައިހުރި ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކިޖަހާލަމުން ވަންނަންހޭ އަނހާލި އަޑަށް ދެމީހުން އެއްފަހަރާ ދޮރާ ދިމާއަށް ބަލާލިއެވެ. އޭރު ހިނިތުންވެލައިގެން ކޮޓަރީގެ ދޮރުމަތީގައިހުރީ ޝާންގެ އެންމެ ކުޑަ ކޮއްކޮ ޝާނީއެވެ. އޭނާގެ އަތުގައި ކަރުދާސް ކޮތަޅެއް އޮތެވެ. “އަނހާ… ޝާނީތަ؟ އާދޭ އިށީންނަން. ކިހިނެތްވީ. ކަމަކުތަ؟” ހިތްހެޔޮކަމާއެކު ނާޒް ވާހަކަދެއްކިއެވެ. ޝާނީ އައިސް މަޑުމަޑުން ނާޒްމެން އޮށޯވެގެން ތިބި އެނގުގައި އިށީދެއްޖެއެވެ. “އަހަރެން ކައިރިއަށްތަ؟ ނޫނީ ސަނާގެ ކައިރިއަށްތަ؟” އަނެއްކާވެސް ނާޒް ސުވާލުކޮށްލީ ޝާނީއާއެވެ. “ނާޒްދައްތަ ކައިރިއަށް މިއައީ” ޅަގޮތަކަށް ޝާނީ ޖަވާބު ދިނެވެ. “އޯކޭ. ނާޒްގެ ތިކަމާއުޅޭ. މަމިދަނީ ފެންވަރާލައިގެން ނަމާދުކޮށްލަން.” މިހެން ބުނަމުން ސަނާ ތެދުވެގެން ވަނީ ފާޚާނާއަށެވެ.
“ކީކޭ. ނާޒްދައްތަގެ ދޫނިގަނޑު ބުނެބަލަ.” ނާޒް ހުރިހާ ކުދިންނާވެސް ވާހަކަ ދައްކާ ހަދަނީ ނިކަން ލޯބިން ނުހަނު ގާތްގޮތަށެވެ. “ދޮންބެ ދެއްވި ކޮތަޅެއް ދޮންބެ ދައްތައަށް. އުޕްސް…. ނާޒްދައްތައަށް.” އަތުގައި އޮތް ކޮތަޅު ދިއްކޮށްލަމުން ލާނެތްގޮތަކަށް ޝާނީ ބުނެލިއެވެ. “އެހެންތަ؟ ތޭންކްސް” ކުއްލިއަކަށް ބުނާނެ އެއްޗެއް ހިތައް ނައުމުން ޝާނީ ދިއްކޮލި ކޮތަޅުގައި ހިފަމުން ނާޒް ބުނެލިއެވެ. “ދެން ޝާނީ ދަނީ. ޝަނީ އަކަށް ނޭނގެ ތީގަ އޮތް އެއްޗެއް. އަދި ދޮންބެ ބުނި އެކަކު ކައިރީގައިވެސް މިކޮތަޅު ނާޒްދައްތައަށް ދިންވާހަކަ ނުބުނާށޯ ޝާނީ ކައިރީގައި. އަދި ބުނި ކޮތަޅު ތެރޭގައި އޮތީ ކޯއްޗެއްތޯ ނުވެސް ބަލާށޯ. ސީދާ ނާޒްދައްތަގެ އަތަށް ގެންގޮސްދޭށޯ. އެކަމަކު ޝާނީ އަށް އެނގޭ ތީގައި އޮތީ ކޯއްޗެއްކަންވެސް.” އުފަލުން ހެވިދިއްލިފައިހުރެ ޝާނީ ކިޔައިދިނެވެ. ނާޒްއަށް އިނދެވުނީ ޝާނީގެ މައުސޫމް މޫނަށް ބަލަހައްޓައިގެންނެވެ. “އަދި އެނގޭތަ، ދޮންބެ ބުނީ ޝާނީ މީ ދޮންބެގެ ކުޑަކުޑަ ބެސްޓް ފްރެންޑޯ. އެހެންވީމަ ދޮންބެގެ ސީކްރެޓް އެކަކަށްވެސް ކިޔައިނުދެއްޗޯ.” ޝާނީގެ ވާހަކަތައް އަޑުއިވުމުން ނާޒް ގާތަށްވެސް ހިނިއައެވެ. “އަސްލުވެސް ތީ ހަމަ ކުޑަކުޑަ ބެސްޓް ފްރެންޑެއް.” ޝާނީ އިތުރަށް އުފާކޮށްލުމަށްޓަކައި ނާޒްވެސް ބުނެލީ ހަމަ ޝާންވެސް ބުނެލިހެންނެވެ. އެއާއެކު ޓާ..ޓާ… ކިޔަމުން ޝާނީ ނުކުމެގެން ހިގައްޖެއެވެ.
ކެތްތެރިކަމެއްނެތި އެކޮތަޅުގެ ތެރޭގައި އޮތީ ކޮންއެއްޗެއްތޯ ނާޒް ބަލާލިއެވެ. އޭގެތެރޭގައި އޮތީ ކުޑަކުޑަ ޕާރުސަލަކާއި މަޑު ނޫކުލައިގެ ސިޓީއުރައެއްގެ ތެރޭގައި އޮތް ކާޑެކެވެ. އެންމެ ފުރަތަމަވެސް ނާޒް ނެގީ ސިޓީއުރައިގެ ތެރޭގައި އޮތް ކާޑެވެ. ހިތުގައި އުފެދުނު ޝައްކަކުންނެވެ. އެވަގުތު އެޝައްކު ޔަޤީނަށް ބަދަލުވީ އެކާޑު ފެނުމާއެކުގައެވެ. އާއެކެވެ. އޭގެ ތެރޭގައި އޮތީ ރޭ “ޑިޖާވް” އިން ނާޒްއަށް ރީތިވެގެން ޝާން ހޮވި ކާޑެވެ. ތެޅިތެޅި އޮތް ހިތަކާއެކު އެކާޑުގެ އެތެރޭގައިވާ އެއްޗެއް ކިޔާލުމަށްޓަކައި ނާޒް އަވަސްވެގަތެވެ. އެވަގުތު އޭނާގެ އަތް ތުރުތުރުލަމުންދިޔަކަން ޚުދް އޭނާއަށްވެސް ފާހަގަކުރެވުނެވެ. އެކާޑުގައި ޝާންގެ އަތުން ލިޔެފައިވާ ޢިބާރާތްކޮޅު ތަކުރާރުކޮށް އެތައް ފަހަރަކު ކީއިރުވެސް އަދިވެސް އެތައްފަހަރަކު ނާޒް އެކިޔަން ބޭނުންވިއެވެ. އުފަލުންގޮސް އެވަގުތު މިއުޅެވުނީ މިދުނިޔޭގައި ކަމެއްވެސް ކުޑަހިނދުކޮޅަކަށް ނާޒް ހަދާންނެތް ކަހަލައެވެ. ޝާން ފޮނުވި ޕާރުސަލްތެރޭގައި އޮތީ ވަރަށް ލޯބި ލޯބި ކުޑަކުޑަ ގިފްޓެކެވެ. އެއްވެސް މީހަކަށް ނުފެންނާނޭހެން އެކުޑަކުޑަ ގިފްޓް ނާޒްގެ ފޮތްލާ ކަބަޑުގެ އެންމެ ބިތްދޮށުގައި ބަހައްޓާލީ ނިކަން ފަރުވާތްތެރިކަމާއެކުގައެވެ. އަދި ނާޒް ގެންގުޅޭ ފައިލުގައި ރައްކާކުރިއެވެ. ޝާންގެ ފަރާތުން މިލިބުނު އިޝާރާތާ ގުޅިގެން ދެހިތުގައިވެސް ޖަހަމުންދަނީ އެއްރާގެއްކަމާއި ކިޔަމުންދަނީ އެއްލަވައެއްކަން މިހާރު ނާޒްއަށް އެނގި ޔަޤީންވެއްޖެއެވެ. އަދި ކުރީރޭ ފިހާރަތެރޭގައި ޝާން ދެއްކި ހުރިހާ ވާހަކައެއްވެސް ދައްކާފައިވަނީ ނާޒް އަށް ނިސްބަތްކޮށްކަންވެސް މިހާރު ނާޒްއަށް ދޭހަވެއްޖެއެވެ. އެހެންކަމުން އޭނާ ޝާން އަށް ދިނުމަށް ގަނެފައިވާ ކުޑަކުޑަ ހަދިޔާ ޕާރުސަލްކޮށް ކުޑަ ނޯޓަކާއެކު އެދެމީހުންގެ “ކުޑަކުޑަ ބެސްޓް ފްރެންޑް” އާ ޙަވާލުކޮށް ޝާން އަށް ފޮނުވިއެވެ.
ދާދިކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޖަވާބު ލިބޭނެކަމަށް ޝާން އުއްމީދެއްވެސް ނުކުރެއެވެ. އެހެންކަމުން ނާޒްގެ ފަރާތުން ލިބުނު ޖަވާބާ ގުޅިގެން ނާޒްގެ ހިތުގެ ޙާލު ޝާންއަށް އެނގުމުން އޭނާއަށްވެސް ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ނާޒްގެ ކުރު އެހެނަސް މާނަފުން ނޯޓްކޮޅުގައިވާ ޢިބާރާތްތައް ތަކުރާރުކޮށް ދެތިން ފަހަރަކު ކިޔާލެވުނެވެ. ޝާން މަތިން ނާޒްވެސް ވަރަށްބޮޑަށް ހަނދާންވާނެކަމަށާއި، މިހާރު މިފުރަންޖެހުނީ އެއްގޮތަކަށްވެސް ބޭނުންވެގެން ނޫންކަމަށާއި، ވަރަށް އަވަހަށް އެނބުރި އަންނާނެކަމަށް ނާޒްގެ ނޯޓުގައި ލިޔެފައިވެއެވެ.
ހިނގާދިޔަ މިކަންތަކަށްފަހު، ޝާން އާއި ނާޒް އެކަކު އަނެކަކަށް ފެންނަ ކޮންމެ ފަހަރަކު ލޯތަކަށް ސިއްރުން އެކަކު އަނެކެއްގެ ދެމެދުގައި އެތައް ވާހަކަތަކެއް ބަދަލުކުރެވޭ ކަހަލައެވެ. ޝާންގެ ބެލުންތައް އިހުނަށްވުރެ ތޫނުވެފައި ލާނެއްކަން ނާޒްއަށް އިޙްސާސްކުރެވެއެވެ. އެބެލުންތަކަށް ކެތްނުކުރެވިގެން ނާޒްއަށް އިސްއޮބާލެވެނީ ދަލުންގޮސް މީހާ ވިރޭހެން ހީވެގެންނެވެ. އެއާއެކު، ޝާންއަށް ކުރެވިގެންދާ ފޮނިފޮނި އިޙްސާސަކުން ބޭއިޚްތިޔާރުގައި އޭނާގެ ގާތަށް ހިނިއަންނަގޮތްވެއެވެ.
ކިތަންމެ ސިއްރު ސިއްރުން ދެމީހުން އުޅުނުކަމުގައިވިޔަސް އަދި އެއްވެސް މީހަކަށް އެކަމުގެ ޚަބަރެއް ހިލަމެއް ނުވިކަމުގައިވިޔަސް ޝާން އާއި ނާޒްގެ ދެމެދުގައި ކަންތައްތަކެއް ހިނގަމުންދާކަން ތިންވަނަ ފަރާތެއްގެ ލޮލުގައި އަޅައިގެންފިއެވެ. ހިތާއިހިތުން ލޮލާއި ބޮލުން ބަދަލުކުރެވެމުންދާ މެސެޖްތަކާއި ދެކެވެމުންދިޔަ ހަމަހިމޭން ވާހަކަތައް އެހެން ފަރާތެއްގެ ދުރުމީއަށް އެރީ އެދެމީހުންނަށްވެސް ނޭނގިއެވެ.
12 Comments!
Comments are closed.

Woww hama furihama alhey haadha reechey mi vaahaka…. ekam thankolheh avaha up kohdhyba pls…. mivaahak vvvv habeys…. hope u will updat next part soon… love the story….
Thank you. Mivaahaka kiyaa hurihaa kudhinah vs. Ragalhu kuran abadhuves binaa kuruvanivi khiyaalah marhabaa kiyan. And v v b Sorry 2nd part lahun up kurevuneema. Actually was very sick. and kuda technical error eh araigen yesterday ga up nuvee.
Iraadhakurehviyaa, next part avaskuran massakath kuraanan
vvvv reethi…. waiting for the next part
Kiyuntheri eh 01 April 2015
Jazubaathun mussandhivefaivaa vahakaeh.Liyuntheriya Afra ah thahuiyaa kiyan.
Mi rongun varah kuriyah dhevidhaane kamah feney.Ithuru vaahakathah
fennane kamah ummeedhukuran.Heho edhnuthakaa eku
Lovely….
Habeyx kah… nice stry…
vrh salhi mi bai vex
m waiting 4 the next part
koba anehbai..varah kiyaa hithun mi iny ? ? avahah genesdheeba 🙂
O M G… v v v v v v v v salhi
Varah reethi vaahakaeh thigothuga kuriah dhoumah edhen
v reethi mi part ves
Awesome Ingey..:)