މަގޭ ހިތުގެ ރިހުން
އިރުގެ އަލިކަން ދުނިޔެއާ އަލްވަދާޢު ކިޔައި، ކަނު އަނދިރިކަމުން މުޅި ކައުނު ބައްދައިލީ ޢަޒައްލިޔާ ގާނޫނުގެ އެންމެ ފުރިހަމަ ގޮތުގައެވެ. ޖައްވުގައި ޖެހެމުން ދިޔަ ފިނި ރޯޅިތަކުގެ ހަރަކާތްތައް އަވަސްވެ ، ކަޅުވިލާތަކުން ޖައްވު ބައްދާލީ ބޯވިއްސާރަޔަށް ތަންދެމުންނެވެ. އެނދުމަތީގައި ފުންނިންޖަކުން ނިދާފައި ތިބި، އަހަރެންގެ ފުރާނަ ފަދަ ދެ ދެރިންގެ ބޮލުގައި ފިރުމައިލަ ފިރުމައިލާ އަހަންނަށް އޮވެވުނީ ޖަހަމުން ދިޔަ ބާރު ގުގުރީގެ އަޑުތަކަށް ސަމާލުކަން ދީގެންނެވެ. އެއީވެސް ހަމަ މިކަހަލަ ފިނިފިނި ރެއެކެވެ. ބޯވިއްސާރައާއެކު ހޮނު ގުގުރީގެ އަޑުފައްގަނޑުން މުޅި ކައުނު ގުގުމަމުން ދިޔަ ރެއެކެވެ. މިރޭ ޖަހަމުން އެދާ ކޮންމެ ގުގުރިއެއްގެ އަޑު ވެސް އަހަންނަށް، އަހަރެންގެ މާޒީ ކިޔައިދެމުން ދިޔަ ކަހަލައެވެ. ކޮޓަރިއަށް އެޅިގެންދާ ކޮންމެ ވިދުވަރެއްގެ ގަދަ އަލިން އަހަރެންގެ މާޒީ، ކުރިމަތީގައި ސިފަވަމުން ދިޔަ ކަހަލައެވެ.
އޭރު އަހަރެންގެ އުމުރުން ނަވާރަ އަހަރެވެ. ލޯބީގެ ގުލްދަސްތާގައި ، ލޯބީގެ މާތަށް ފޮޅުވަން އެންމެ ހިތް އެދޭ އެ އުމުރުފުރައިގައި ، އަހަރެންވެސް ދިޔައީ ސިއްރުން ނަމަވެސް މާތަކެއް ފޮޅުވަމުންނެވެ. މައިންބަފައިންނާ ސިއްރުން ލޯބީގެ އެތައް ބައްދަލުވުންތަކެއް ބާއްވަމުންނެވެ. މަންމަ މެންނަށް އެކަން އަންގަން ބޭނުން ނުވީއެވެ. ފާޅުގައި އެގުޅުމަށް އިންކާރު ކުރާނެކަން އަހަންނަށް އެނގޭތީއެވެ.
ފާޒިލަކީ އަހަރެންގެ އަލަތު ލޯތްބެވެ. އަހަންނަށް ވުރެން އުމުރުން ތިން އަހަރު ބޮޑު ފާޒިލަކީ އަތުޅޮގެ އެހެން ރަށަކުން އައިސް ހުރި މީހެކެވެ. އިސްކޮޅުން ދިގު، ބައިމަތި ފުޅާމީހެކެވެ. ފާޒިލްގެ ކޮނޑާ ހިސާބަށް ދިގުކޮށްފައިވާ ބުޅި ބޮލާއި، ފާޒިލް ލައި އުޅޭ ގޮޅިޖެހި ގަމީސް ވެގެން ދިޔައީ އަހަންނަށް އެންމެ ކަމުދިޔަ ސިފަތަކަށްށެވެ. އަހަންނަކީ ބަދަލު ވަމުންދާ ޒަމާނީ އާދަތަކަށް ލޯބިކުރާ މީހެއް ކަމުން އަހަރެންގެ ނަޒަރުގައި އެއީ ފާޒިލްގެ ‘ހޭންސަމް’ އަދި ‘ކޫލް’ ކަމެވެ.
“ފާޒިލް ދެކެ ލޯބި ނުވާތީއެއް ނޫނޭ… ހައްތާވެސް މަންމަ ގަބޫލު ނުވެދާނެތީ…” އަހަރެން ފާޒިލަށް އޮޅުން ފިލުވައި ދެމުން ދިޔައީމެވެ.
އަހަރެމެން ތިބީ ރަށު ތުނޑީގައެވެ. މީހެއްގެ ހިލަމެއް ނުވާ އެތަނުން އަހަރެމެން ދެމީހުން ނޫން އެހެން މަހުލޫގެ ފެންނާކަށްނެތެވެ. މިލަ ހަނދުވަރުގެ ފަނޑު އަލިކަމެއް ބިއްމައްޗަށް ވެރިވެފައިވީ ނަމަވެސް އަހަންނާއި ފާޒިލް ދުރަށް ފެންނާން ހުންނާނީ ދެ ހިޔަނި ހެންނެވެ. ބޯކިރު ފޮދެއްފަދަ ހުދު ދޮންވެލި ގަނޑުގައި އަހަރެމެން އިށީންދެ ތިބިއިރު ވެލީގެ ތެތްފިނިކަން އިހުސާވަމުން ދިޔަ ނަމަވެސް ދެމީހުންގެ ޖިސްމުގެ ހޫނުކަން އެއަށް ވުރެ ގަދައެވެ.
“އަހަރެން ހާދަ ލޯބިވެއޭ ނީޝް ދެކެ… މަންމަ ގާތު ބުނަންވީނު…. އެނގިދާނެތާ ބުނާ އެއްޗެއް….” ފާޒިލްގެ އަޑު މަޑެވެ.
“ހިނގާދޯ ދެންދާން… މަންމަ އުޅޭނެ ލަސްވެގެން… ފާތުން ކައިރިއަށްށޭ ކިޔާ ދޮގު ހަދާފަ މިއައީވެސް….” މުޅި ހިސާބު ވަށާ ހޯދާލަމުން އަހަރެން ވެސް ތެދުވީމެވެ.
“އަހަރެން ދަންތަ ނީޝްއާ އެކު… ނީޝް ގެއަށް ލައިދޭން….” ފާޒިލް ތެދުވަމުން ބުންޏެވެ.
އަހަރެންވެސް އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހައިލީމެވެ. ފުދޭވަރަކަށް ދަންވެފައި ވުމުން މިވަގުތު މަގުމަތީގައި މީހުން ނޫޅޭނެ ކަމަށް ނިއްމާފައެވެ. އަހަރެމެން ހިނގާފައި ދިޔައީ ދުރުދުރުންނެވެ. ހީކުރިގޮތަށް މަގުމަތީގައި މީހުންނެއް ނެތެވެ. އަހަރެންގެ ގެ ހުންނަ ގޯޅިއާ ހިސާބަށް އަރާފައި އަހަރެމެން މަޑު ޖެހެލީމެވެ. ދަނީކަމަށް ބުނެ، މަގުގެ ދެކޮޅު ބަލާލުމަށްފަހު ފާޒިލްގެ ގައިގައި ބައްދާލީމެވެ. ފާޒިލް ވެސް އަހަރެންގެ ގައިގައި ބައްދާލުމަށްފަހު މޫނުގައި ބޮސްދިނެވެ. ވަރަށް ވެސް ލޯބިންނެވެ. ހިނިތުން ވެލުމެއް ރައްދުކޮށްލުމަށްފަހު އަހަރެން އެނބުރިލީ ގެއާ ދިމާލަށް ދިޔުމަށްށެވެ.
އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. ރުޅި މޫނު ހަދައިގެން ކުރިމަތީގައި ހުރި އަހަރެންގެ މަންމަ ފެނުމުން ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނުކެރި އަހަންނަށް ހުރެވުނީއެވެ. މަންމަ އަހަރެންގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެއަށް ވެއްދިއެވެ.
“ނީޝް މިހާރު މަންމައަށް އޮޅުވާލަން ފެށީތަ… މަންމަ ކައިރީ ދޮގުހަދާފައި ގޮސް ތިދިޔައީ އެ ފާޒިލް ގާތަށް ދޯ… ” މަންމަގެ ރުޅި ގަދަވިއެވެ.
“ދަރިފުޅާ… ފާޒިލް ނުވާނެ ރަނގަޅެއް… އެހުރީ ހުންނަ ގޮތް … ޔަގީން ޑްރަގްސް ވެސް ބޭނުން ކުރާނެ…” މަންމަ ދައްކަމުން ދިޔަ ވާހަކަތައް ، އަހަރެންގެ ކަންފަތުގެ ހިނދުރި ތޮރުފަމުން ދިޔަ ކަހަލައެވެ.
ލޯފުރި ކަރުނައިން ބަންޑުންވީ މަދު ސުކުންތު ކޮޅެއްގެ ތެރޭގައެވެ. މަންމަ ކުރިމަތީގައި ނުރޯން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ.
“އެކަމަކު މަންމާ… މީހަކު ހުންނަ ގޮތަކުން މީހެއް މިޒާޖު ހާދަ އަވަހަކަށްށޭ ތި ދެނެގަތީ… މީހަކު ހުންނަ ގޮތުން އެމީހާއަކީ ކޮންކަހަލަ މީހެއް ކަމެއް ނޭންގޭނެ.. ފާޒިލް ވަރަށް ލޯބިވޭ އަހަރެން ދެކެ… އަހަރެން ވެސް … ވަރަށް ލޯބިވޭ… ފާޒިލާ ނުލާ ނޫޅެވޭނެ މަންމާ…” އަހަރެންގެ ދޫ ހަރަކާތްތެރި ކުރަމުން ދިޔައީ އުނދަގުލުން ނަމަވެސް މަންމަގެ ކުރިމަތީގައި ހިތް ބަންޑުން ކޮށްލީ ފާޒިލް ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ.
“މަންމައަށްޓަކާ ތިކަން ހުއްޓާލާ…. ދަރިފުޅު ކިތަންމެ ބޭނުން ވިޔަސް ތިކަމެއް ނުވާނެ…” މަންމަ އެހެން ބުނުމަށްފަހު ގޮސް ވަނީ ކޮޓަރިއަށްށެވެ.
އަހަރެން އެރޭ ވަރަށް ރުއީމެވެ. މީހުންނަށް މީހުން ‘ޖަޖް’ ކޮށްލުމަކީ ހާދަ ފަސޭހަކަމެކެވެ. ބޯދިގުކޮށް ކަރުފަށް އަޅާފައި ހުންނަ ނަމަ ޔަގީނުންވެސް އެއީ ‘ޕާޓޭ’ އެކެވެ. ބޮޑު ތުނބުޅިލައި، ފައިގެކަށިމައްޗާ ހަމައަށް ފަޓުލޫނު އަރުވައިފައި ހުންނަނަމަ އެއީ ‘ހާބީ’ އެކެވެ. މީ ބަދަލުވުމެއް ނެތް ގިނަ ދިވެހިންގެ ވިސްނުން ހުންނަ ގޮތެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އަހަރެން އެކަން ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އަހަރެން ހުރީ ފާޒިލާ އެއްކޮޅަށްށެވެ
އެރޭ އަހަރެން ފާޒިލަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. މަންމަ ފާޒިލަކީ ‘ޑުރަގު’ ބޭނުން ކުރާ މީހެއް ކަމަށް ބުނި ވާހަކަ ވެސް އަކުރުން އަކުރަށް ކިޔައިދިނީމެވެ. ފާޒިލްގެ ރުޅި ހުރީ އިންތިހާއަށްށެވެ. ފާޒިލް ބޭނުންވީ މަންމަމެންނާ ފިލައިގެން އަހަރެން ފާޒިލްގެ ރަށަށް ގެންގޮސް އަވަހަށް ކައިވެނިކުރުމަށްށެވެ. ފުރަތަމަ އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. ނަމަވެސް ފާޒިލް ދެކެ ވެވިފައިވާ ލޯތްބެއްގެ ބޮޑު ކަމުން އަހަރެން އެކަމަށް އެއްބަސް ވާކަށް މާގިނަ އިރުތަކެއް ނުނެގިއެވެ. ގިނަ މަޝްވަރާތަކަކާއެކު އަހަރެމެން ނިންމީ ޖެހިގެން އައިރޭ ދަންވަރު ފުރުމަށްށެވެ. ފާޒިލްމެން ރަށުން ޑިންގީ އެއްގައި އޭނާގެ ރައްޓެއްސެއް ގެނެސް އޭގައި އަހަރެމެން އެރަށަށް ދިޔުމަށްށެވެ.
އިރުގެ އަލިން މުޅި ކައުނު ހުޅުދާން ކުރީ އަހަރެންގެ ހަޔާތުގެ މުހިއްމު ސަފުހާއެއް ލިޔަމުންނެވެ. ފިލައިގެން ދާން އެއްބަސް ވެވިފައިވީ ނަމަވެސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އެދުވަހު ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން އިންވަގުތުވެސް މަންމަ އަހަންނަށް ނަސޭހަތް ދެމުން ދިޔައީ ފާޒިލާ ދުރުވުމަށްށެވެ. އެއްބަނޑު އެއްބަފާ ދެ ބޭބެ އާއި ދައްތަގެ އާދޭހަކީވެސް އެއީއެވެ. މިއަދު މިއޮތީ އަހަންނަށް ކޮންމެވެސް އެއްފަރާތެއް ނެގުމުގެ ފުރުސަތެވެ.
އެއްފަރާތުގައި ތިބީ އުމުރު ދުވަހު ، ފޮނި އުއްމީދާއި އެކު އަހަރެން ބަލާ ބޮޑު ކުރި، ލޯބިވާ މަންމަ އާއި ކުރިމަތިވާ ކޮންމެ ބޮޑު މުސީބާތަކުން އަހަރެން ސަލާމަތް ކުރުމަށް އަތުކުރި އޮޅައިލައިގެން ތިބި އަހަރެންގެ އެއްބަނޑު އެއްބަފާ މީހުންނެވެ. އަނެއް ފަރާތުގައި ހުރީ ހަމަހެއް ހާ ދުވަސްކުރިން އަހަރެންގެ ހަޔާތަށް އާތް، އަހަރެންގެ ފުރާނަފަދަ އަލަތު ލޯބިވެރިޔާއެވެ. ދާނީ ކޮންފަރާތަކަށް ކަމާމެދު ވިސްނައިލުމާއެކު އަހަރެންގެ ބޮލުގައި ރިހިގަތެވެ. ފަޔަށް ލެވުނުހާ ބާރެއްލައި ތެދުވެގެން އަހަރެން ދުއްވައިގަތީ ކޮޓަރިއާ ދިމާލަށްށެވެ.
ދުވާލުގެ ދަންފަޅިނިމި ދުނިޔެ އަނދިރިވާން ފެށީ ބޯވިއްސާރަ ވިލާ ތަކުން ޖައްވު ބައްދާލަމުންނެވެ. އޭރުވެސް އަހަންނަށް ފިކުރު ކުރެވެނީއެވެ. ކުރެވެން މިއުޅެނީ ރަނގަޅު ކަމެއް ކަމާމެދު ޝައްކާއި ވަހުމުގެ ހުޅުކޮޅު ރޯވިއެވެ.
އެރޭ އައްގަޑި ބައި ވާން އުޅެނިކޮށް ފާޒިލް އަހަންނަށް ގުޅިއެވެ. އޭރު ވިއްސާރައިގެ ކުޅިގަނޑު ފެށިއްޖެއެވެ. ވެހެމުން ދިޔަ ބޯވިއްސާރަޔާއެކު ޖަހަމުން ދިޔަ ހޮނު ގުގުރީގެ އަޑުން ފިއްކަނޑައިގެން ދާވަރުވެއެވެ. މިރޭ ދާނެކަމެއް ނެތް ކަމަށް ބުނެ އަހަރެން ފާޒިލް ކައިރީ އާދޭސް ކުރީމެވެ. އަހަރެންގެ ވާހަކަ ތަކަށް ފާޒިލް ދިނީ ބީރު ކަންފަތެކެވެ. ދަންވާވަރަކަށް ވިއްސާރައިގެ ކުލަވަރު އެއްކޮށް ފިލައިގެން ދާނެ ކަމަށްށާއި، ތައްޔާރު ވެގެން އިނުމަށް ބުންޏެވެ.
ދަންވެއްޖެއެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އަހަރެން ބޭރަށް ނުތީ ވަގެއް އުޅޭހާ ވަގުންނެވެ. ގޭތެރެއިން މީހެއްގެ ހިލަމެއް ވޭތޯ ބެލުމަށްފަހު ، ތެޅިތެޅި އޮތްހިތަކާއެކު ގޯތިތެރެއިން ހިނގާފައި ގޮސް މަގުމައްޗަށް ނުކުތީމެވެ. އޭރު ފާޒިލް އަހަރެންގެ އިންތިޒާރުގައި، އިނެވެ. އަހަރެން އަވަސް އަވަހަށް ފާޒިލްގެ ސައިކަލު ފަހަތަށް އެރީމެވެ. އޭރުވެސް ވެހެމުން ދިޔަ ވިއްސާރަޔަކަށް ބަދަލެއް ނާދެއެވެ. ގުގުރީގެ އަޑުވެސް އެހާ ބާރެވެ. ބިމަށް އެޅެމުންދާ ވިދުވަރުގެ އަލިން ގައިން ހީބިހި ނާގާހާވެއެވެ.
އަހަރެމެން ބަނދަރާ ހަމައަށް ދިޔަ އިރު ޑިންގީވެސް އޮތީ ތައްޔާރަށްށެވެ. އަވަހަށް އެއަށް އެރީމެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ޑިންގީ ދަތުރު ކުރަމުން ދިޔައެވެ. ރުޅިގަދަ ވެފައިވާ ބޮޑެތި ރާޅުތައް ޑިންގީއަށް ހަމަލާ ދެމުންދިޔައީ ހަނގުރާމައެއް ކުރާ ކަހަލަ ގޮތަކަށްށެވެ. ކަނޑުގެ ބިޔަ ބާނިތަކާ ހަނގުރާމަ ކުރަމުން އަހަރެން މިދަނީ އަހަރެންގެ ލޯބިވާ އާއިލާ ދޫކޮށް، ލޯބިވެރިޔާ އާއިއެކު ލޯބީގެ އާ ބާބެއް ފެށުމަށްށެވެ. ފާޒިލް ދެކެ އަހަރެން ވާ ހަޤީގީ ލޯބި ސާބިތުކޮށްދޭން މިނޫން ގޮތެއް ނެތެވެ. ފާޒިލްގެ ލޯބި ހާސިލުކޮށް އުފާވެރި ޙަޔާތެއް ފާޒިލާއެކު އާރާސްތު ކުރުމަށް އަހަރެން ހުރީ ކޮންމެފަދަ ބޮޑު ގުރުބާނީއެއް ވާންވެސް ތައްޔާރަށްށެވެ. ކަނޑުގެ ކިތަންމެ އަޑިއަކަށް ފީނާން ޖެހުނަސް އެކަން ކުރާން ވެސް ތައްޔާރަށްށެވެ.
އެރަށަށް ދެވުމާއެކު އަހަރެން ފޯނުނަގައި ދައްތައަށް މެސެޖުކޮށްލީމެވެ. އަހަރެން މިހުރީ ފާޒިލާއެކު ފާޒިލްމެން ރަށުގައި ކަމަށްށާއި ހަފުތާއެއްގެ ތެރޭ ކައިވެނިވެސް ކުރަން ނިއްމާފައިވާ ވާހަކަ ވެސް ބުނީމެވެ. މީ އަހަރެން ފާޒިލް ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން ނެގި ފިޔަވަޅެއް ކަމަށްށާއި، މިއީ ކުށަކަށް ވާނަމަ އަހަންނަށް މަޢާފުކޮށްދިނުމަށް ވެސް އެދުނީމެވެ. އެމެސެޖުގެ އެއްވެސް ރައްދެއް ނާދެއެވެ.
އެދުވަހުން ދުވަހަށް އަހަރެމެން ރަންކީމެވެ. އޭގެ ހަތް ދުވަސް ފަހުން ކައިވެނީގެ އަގު މާތް ގުޅުމުން އަހަރެމެން ގުޅުމަށްފަހު، ޙަޔާތުގެ އާ ބާބެއް ފެށުމަށް މާލެ ބަދަލުވީމެވެ. އޭރުވެސް އަހަރެންގެ އާއިލާގެ އެކަކުވެސް އަހަންނަކަށް ނުގުޅައެވެ. އަހަރެން ދެރަވިނަމަވެސް ފާޒިލާއި އޭނާގެ އާއިލާގެ ފަރާތުން ލިބެމުން ދިޔަ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން އަހަންނަށް ހިތްހަމަ ޖެހުން ލިބެމުން ދިޔައެވެ.
އަހަރެމެން އާރާސްތު ކުރަމުން ދިޔައީ ވަރަށް ވެސް އުފާވެރި ހަޔާތެކެވެ. ކައިވެންޏަށް އަހަރެއް ވީތަނާ އަހަރެމެންގެ ލޯބީގެ ގުލްދަސްތާގައި އުދުހިލާނެ ކުޑަކުޑަ ކޮކާލެއް ލިބިއްޖެއެވެ. ފުރަތަމަ ދަރިފުޅަށް އަހަރު ވީތަނާ ދެވަނަ ދަރިއަކަށް ބަލިވެ އިނީ ދެމީހުންވެސް ބޭނުން ވެގެންނެވެ. ފާޒިލް އަހަންނަށް ވަރަށް ރަނގަޅެވެ. ކުދިން ދެކެ ވެސް އިންތިހާއަށް ލޯބިވެއެވެ. އަހަރެމެންގެ ކުޑަކުޑަ ދުނިޔޭގައި އަހަރެމެން އުފަލުގައި އުޅެމުން ދިޔައީމެވެ. އަހަރެންގެ އާއިލާ މީހުން އަހަންނަށް ގުޅަން ފެށީ ދެވަނަ ދަރިފުޅު ވިހޭ ފަހުންނެވެ. އުފާވެރިކަމުގެ ކޮޅެއްވެސް ނެތެވެ. ދުނިޔެވީ ހުރިހާ އުފާތަށް އަހަންނަށް ކުރުނީސް ކުރަން ފެށިކަހަލައެވެ.
ފާޒިލްގެ އުޅުމަށް ބަދަލު އަންނަން ފެށީ އަހަރެމެންގެ ކައިވެންޏަށް ހަތް އަހަރު ވާން ގާތްވެފައި ހުއްޓާއެވެ. ބޭރުގައި ހޭދަކުރާ ވަގުތުތައް ގިނަވެ އާއިލާއަށް ދެމުން ދިޔަ ވަގުތުތައް މަދުވާން ފެށިއެވެ. އޮފީސް ދަތުރު ތަކުގައި ކަމަށްބުނެ ރިޒޯރޓު ތަކަށްށާއި ރަށްރަށަށް ކުރާ ދަތުރުވެސް ގިނަވާން ފަށައިފިއެވެ. ހިތުގައި ޝައްކުގެ ހުޅުގަނޑު ރޯވެ އަނދަމުން ދިޔަ ނަމަވެސް ފާޒިލަކަށް އެކަމެއް ނާންގަމެވެ. ފާޒިލް ހިތްހަމަ ނުޖެހިދާނެތީއެވެ.
ހުކުރު ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އޮފީހަށް ދާން ނުޖެހުމާއެކު ފާޒިލް އަދި ނުހޭލައެވެ. އަހަރެން ވެސް ސައި ތައްޔާރު ކުރުމަށްފަހު ކޮޓަރިއަށް ވަދެ ހަމަ ޖެހެލީމެވެ. ފާޒިލަށް އުނދަގޫކުރަން ބޭނުން ނުވާތީ ފާޒިލް ހޭލަން ދެން އޮތީއެވެ. އެވަގުތު ފާޒިލްގެ ފޯނު ހިފައިގެން ގޭމު ކުޅެން އިން އަހަރެންގެ ހަތަރު އަހަރުގެ ދަރިފުޅު އުރައިލައިގެން އައިސް އަހަރެން އިށީންނީ ސޯފާގައެވެ. ފާޒިލްގެ ފޯނު އަތުލުމަށްފަހު އަހަރެން އެފޯނާ ކުޅެމުން ދިޔައީމެވެ. އެއީ މީގެން ދުވަހަކުވެސް އަހަރެން ކޮށްފައިވާ ކަމެއް ނޫނެވެ. ނަމަވެސް މިއަދު އެކަން ކުރަން ހިތަށް އެރީ ކީއްވެ ކަމެއް ނޭންގުނެވެ.
ފޯނުގެ ‘ސްކްރީން’ ގައި އަތުގައި އިނގިލިތައް ހިންގާލަމުން ‘ގެލަރީ’ އަށް ވަނީމެވެ. ފެނުނު މަންޒަރަކުން އަހަރެންގެ މޭ ޖެހޭ ގޮތްވިއެވެ. ފަރުވާތެރިކަމާއިއެކު ފޮޓޯއަކަށްފަހު ފޮޓޮއެއް ބަލަމުން ދިޔައިރު ދެލޮލުން ފައުޅުވި ކަރުނައިގެ ރާޅު ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. އެއީ ޝަމްރާއެވެ. ފާޒިލްގެ ރަހުމަތްތެރިއެއް ކަމަށްބުނެ ދެތިން ދުވަހު ގެއަށްވެސް ގެނައެވެ. ފޯނުގައިވަނީ އެދެމީހުން ގައިގޯޅިވެހުރެ ނަގާފައި ހުރި ފޮޓޯތަކެކެވެ. ރިޒޯރޓު ތަކުގަޔާއި ރަށްރަށުގެ ގޮނޑުދޮށްތަކުގައެވެ. ޝަމްރާއާއި ފާޒިލްގެ ދެމެދުގައި އެފަދަ ގުޅުމެއް އޮންނާނެ ކަމަކަށް ދުވަހަކުވެސް އަހަރެން އުއްމީދެއް ނުކުރަމެވެ.
ދެލޯ ފުހެލަމުން ‘ކޯލް ލިސްޓު’ ބަލައިލާނަމޭ ހިތާ ހުޅުވާލީމެވެ. ‘ މައި ކުއީން’ ޖަހާފައި ސޭވްކޮށްފައި އިން ނަންބަރުގައި އިނީ ޝަމްރާގެ ފޮޓޮއެކެވެ. ހިތް ކުދިކުދިވި ކަހަލައެވެ. ފާޒިލް އަހަންނަށް ބޭވަފާތެރި ވާނެޔެކޭ ދުވަހަކުވެސް ހީއެއްނުކުރަމެވެ. އަހަރެންގެ ހުރިހާ އެއްޗެއް ގުރުބާންކޮށް ފާޒިލާއެކު ދިރިއުޅެން އައީ ހާދަ ފޮނި އުއްމީދު ތަކެއް ކޮށްފައެވެ.
އަވަސް އަވަހަށް ޝަމްރާގެ ނަންބަރު އަހަރެންގެ ފޯނުގައި ޖަހައިލުމަށްފަހު ގުޅައިލީމެވެ. ތެޅިތެޅި އޮތް ހިތަކާއެކު ، އަހަރެންގެ ދިރިއުޅުން ބަރުބާދު ނުކޮށްލުމަށް އެދި ސަލާން ޖަހާންށެވެ.
“ހަލޯ..” ޝަމްރާގެ އަޑު އިވުނެވެ.
އަހަންނަކަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
“ކާކު ބާ؟” އަނެއްކާ ޝަމްރާ ވާހަކަ ދެއްކިއެވެ.
” ޝަމްރާ ތަ…؟ ” ހިތްވަރުކޮށްފައި އަހަރެން ވާހަކަ ދެއްކޭތޯ މަސައްކަތްކުރީމެވެ.
“މިއީ… ނީޝް… ފާޒިލްގެ… ވައިފް…” އަހަރެންގެ އަޑު ބެދޭ ގޮތްވިއެވެ.
“ނީޝް… ކިހިނެއްވީ އަނެއްކާ ތިގުޅާލީ…” ޝަމްރާގެ އަޑު އޯގާތެރިއެވެ.
“ހެޔޮނުވާނެ ޝަމްރާ… އަހަންނާއި އަހަރެންގެ ފިރިމީހާގެ ދިރިއުޅުމަށް ނުވަދޭ… އަހަރެންގެ އެތިބި ކުޑަ ދެދަރިންނަށްޓަކާވެސް… ހެޔޮނުވާނެ… ތިހެން ކަންތައް ނުކޮށްބަލަ…” އަހަންނަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
އެކޮޅުން އިވުނީ ޝަމްރާގެ ހުނުމުގެ އަޑެވެ. އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ.
“ބަލަ ކަލޭ ފިރިމީހާ މައިތިރިކޮށްބަލަ… އޭނައޭ މަށާ ހެދި ހޭބަލިވެގެން އުޅުނީ…” ޝަމްރާ ހުރީ ފަހުރުވެރިވެފައެވެ. އޯގާތެރިކަން އެކުލެވިގެންވި އެއަޑު ބަދަލުވީ ކުއްލިއަކަށްށެވެ.
“ފާޒިލް ނޫޅޭނެ ކަލޭއާ ހެދިއެއް… އޭނަގެ ދެދަރިން ދެކެ އޭނާ މާ ލޯބިވާނެ…” އަހަރެންގެ އަޑު ގަދަ ކޮށްލެވުނެވެ.
“ހައްހައްހަހަ… ތީހަމަ ކަލޭއަށް ހީވާ އެއްޗެއް… އޭނަ އެހުރީ މަގޭ ކުޅިގަނޑުގަ ޖެހިފަ.. ކަލޭ ބަލައްޗޭ… އޭނަ އަހަރެން ބުނެފިނަމަ ކަލޭ ވަރިވެސް ކޮށްލާނެ….” އެހެން ބުނުމަށްފަހު ޝަމްރާ ފޯނުކަނޑައިލިއެވެ.
އަހަރެންގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ފާޒިލަކީ ބޭވަފާތެރިއެއް ކަމަކަށް އަދިވެސް އަހަރެންގެ ހިތެއް ނުބުނެއެވެ. އަހަރެން ފާޒިލް ދެކެ ވީ ލޯބީގެ އަގަކީ އެއީ ބާވައެވެ.
އަހަރެން ހިތާމައިގެ ކަނޑުގައި ފީނަމުން ދިޔައީ އެކަނިމާ އެކަންޏެވެ. އަހަންނަށް ހަޤީގަތް އެނގުނު ވާހަކަ އަހަރެން ފާޒިލަކަށްވެސް ނާންގަމެވެ. އަހަރެންގެ އާއިލާ މީހަކަށްވެސް، އެންމެ ކުޑަ މިނުން އެކުވެރިޔަކާވެސް ހިއްސާއެއް ނުކުރަމެވެ. ފިރިމީހާގެ ބޭވަފާތެރިކަމުގެ ވާހަކަ ދެވަނަ މީހެއްގެ ގާތުގައި ދައްކަން ކުޅެދޭނީ ފަހެ ކޮން ދުލެއް ހެއްޔެވެ؟ އަހަންނަކަށް އެ ހިތްވަރެއް ނުލިބުނެވެ.
ޖެހިގެން އައި ދުވަހުގެ އިރު އަރައިގެން އައީ ޢަޒައްލިޔާ ގާނޫނުގެ އެންމެ ފުރިހަމަ ގޮތުގައެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށްފަހު އަހަރެން ސޯފާގައި ޖައްސާލީމެވެ. ތަފާތު ޙިޔާލު ތަކާއި ފިކުރުތަށް ހިތަށްށާއި ސިކުނޑިއަށް ވެރިވަމުންދާ ހާލުގައެވެ. ހަށިދަމާލަމުން އަހަރެން ވިސްނަމުން ދިޔައީ ވީރާނާ ވަމުންދާ އަހަރެންގެ ޙަޔާތާއި މެދުގައެވެ. ބިކަވަމުންދާ އަހަރެންގެ ލޯބިވާ ދަރިންނާ މެދުގައެވެ.
“ނީޝް…. ނީޝް….” ސިހިގެން ގޮސް އަހަންނަށް ބަލާލެވުނީ ފާޒިލް އަހަންނަށް ގޮވަމުން ކޮޓަރިން ނުކުންނަ އަޑަށްށެވެ.
އަހަރެންގެ ހިތް ތެޅެމުން ދިޔައީ އިންތިހާއަށްށެވެ. އަނގައިން ބަހެއްވެސް ނުބުނެ ފާޒިލް އަންނަ ދިމާލަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނީ ވާން މިއުޅެނީ ކިހިނެއް ކަމެއް ނޭންގޭ ހާލުގައެވެ.
“ނީޝް މިހާރު މަގޭ ފޯނުގަ ވެސް އަތްލަން ފެށީތަ؟” ފާޒިލްކޮށްލި ސުވާލަކުން އަހަރެންގެ މޭޖެހޭ ގޮތްވިއެވެ.
“ފާޒިލް… އެއީ ކާކުތަ…؟ ފާޒިލް ކިހިނެއްތަ މިހާރު ތިއުޅެނީ… ފާޒިލް…. ހެޔޮނުވާނެ.. ތިގޮތަށް ކަންތައް ކުރާކަށް… ” އަހަންނަށް ވާހަކަ ދެއްކުނީ އިހުތިޔާރުން ބޭރުންނެވެ.
“އަހަރެން އުޅޭ ގޮތަކާ ނީޝް ބެހޭކަށް ނުޖެހޭނެ.. އަހަރެން ޝަމްރާ ދެކެ ވަރަށް ލޯބިވޭ… އަހަރެން ބޭނުން ދެ އަންބަށް އިންނަން.. ނީޝް ބޭނުމިއްޔާ… އަހަރެން ނީޝް ވަރިކޮށްދީފާނަށް.. އެކަމަކު… ޝަމްރާ ދޫކޮށްލާން ނުބުނާތި… އެކަމެއް ނުވާނެ..” ފާޒިލް ވާހަކަ ދައްކަމުން ދިޔައީ އަހަންނަށް ފުރަގަސްދީގެން ހުރެ ނަމަވެސް، އެއިން ކޮންމެ ޖުމުލައެއް ތޫނު ތީރުތަކެއް ހެން އައިސް އަހަރެންގެ ހިތް ޒަޙަމް ކުރަމުން ދިޔަ ކަހަލައެވެ.
“ކީއްވެ…؟ ކީއްވެ ފާޒިލް…” އަހަންނަށް ވާހަކަ ދެއްކެނީ ވަރަށް އުނދަގުލުންނެވެ.
“އަހަރެން މަތިން ތި ފޫހިވީ ކީއްވެތަ؟ ކޮބާތަ ފާޒިލް އަހަރެން ދެކެ ވާ ލޯބި.. ދުވަހަކުވެސް ދޫކޮށް ނުލާން ކުރި ވަޢުދާއި އަހުދުތައް ކޮބާތަ؟ ތީތަ އަހަރެން ފާޒިލް ދެކެ ވީ ލޯބީގެ އަގަކީ..” އަހަންނަށް އަޑުން އަޑު ނަގައި ރޯންފެށުނެވެ.
“ނޭންގެ މަށަކަށް…” ފާޒިލް ހަޅޭލަވައިގަތެވެ.
“މަށަކަށް ނީޝް ކަމަކު ނުދޭ… ތިހުރީ މީހާ ހުރިގޮތް… އެއްވެސް ވަރަކަށް ސިއްހަތަށް ބަލާލުމެއް ނެތް… ފަލަވެގެން ގޮސް ތިއޮށް ފަޅައިގެން ދަނީ. އަހަރެން ކައިރީ ހުންނައިރު ހާދަ މުސްކުޅި ފާޑު ޖަހައޭ… ދެން ނޭންގެ… މަގޭ ރައްޓެހިންވެސް ހާދަ މަލާމާތެއް ކުރެއޭ… ” އަހަރެންގެ ހިތް ފަޅައިގެން ދާވަރުވިއެވެ.
އާންއެކެވެ. އަހަރެން މިހާރު ވަރަށް ފަލައެވެ. މުސްކުޅި ފާޑުވެސް ޖަހައެވެ. ކީއްވެ ހެއްޔެވެ؟ އަހަރެން ފާޒިލްގެ ދެދަރިން ދުނިޔެއަށް އުފަން ކުރުމުގެ ބޮޑު ބުރަ ޒިއްމާ އުފުލީމެވެ. ތެދެކެވެ. އަހަންނަކަށް ސިއްހަތާ މެދު ފަރުވާއެއް ނުބެހެއްޓެއެވެ. ކީއްވެ ހެއްޔެވެ؟ ފާޒިލާއި ދެދަރިންނަށް ހިދުމަތް ކުރުމުގައި އަހަރެންގެ ހުރިހާ ވަގުތެއް ޤުރުބާން ކުރީމެވެ. އަމިއްލަ ނަފުސާމެދު ފަރުވާލެއް ނެތިއެވެ.
“އެންމެ ރަނގަޅު ފާޒިލް… ފާޒިލަށް ފެންނަ ގޮތަކަށް ކަންތައް ކުރީމަ ހުންނާނީ ރަނގަޅަށް…” އަހަރެން ދެލޯ ފުހެލީމެވެ.
“ނީޝް… ނީޝް ތިހުރީ ވަރިކޮށްފަ… ދަރިންކޮޅުވެސް ނީޝަށް… މިއަދު އިރުއޮއްސުމުގެ ކުރިން ގެއިން ނުކުންނާތި….” ފާޒިލް އެހެން ބުނެލީ ވަރަށް ފަސޭހަކޮށްށެވެ. އެއްވެސް އަސަރެއް އެހިތަށް ނުކުރާ ކަހަލައެވެ.
އަހަރެންގެ އަރުތެރެ ބެދޭގޮތްވިއެވެ. ވާހަކަ ދައްކަން އަނގަ ހުޅުވާލިއެއް ކަމަކު ދޫ ޙަރަކާތެއް ނުކުރިއެވެ. ލޮލުން ފައުޅު ވި ބިޔަ ކަރުނައިގެ ރާޅު ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. އަހަރެން އެހާލަށް ދޫކޮށްލާފައި ފާޒިލް އެތަނުން ދިޔައީ އެއްވެސް ރަޙުމެއް ނެތިއެވެ.
އަހަރެން އެގެއިން ނުކުތީ ހަވީރު 5 ޖަހަން ގާތްވެފައި ވަނިކޮށްށެވެ. ދެކުދިން ގޮވައިގެން، ދާނެ ވަކިތަނެއް ނޭނގިހުރެ ގެއިން ނުކުތް އިރު އުޑުމަތި ބަނަ ވާންފަށައިފިއެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް ވެސް ބާރުވަމުން ދިޔައެވެ. އަހަރެން ނުކުންނަން ހިނގައިގަތް އިރު ފާޒިލް ސިޓިންގ ރޫމްގައި ހުއްޓެވެ. އެކަމަކު އެއްފަހަރުވެސް ނުދާށޭ، މޫސުން ރަނގަޅުވަންދެން މަޑުކޮށްލާށޭވެސް ނުބުންޏެވެ. ތެދެކެވެ. އަންހެނަކު ހަލާކު ކުރަން ހުރެއްޖެޔާ ، ފިރިހެނަކު ހަލާކުވާކަށް ގިނަ ދުވަސްތަކެއް ނުނަގާނެއެވެ. ފާޒިލް ވެސް މިހާރު އެވަނީ ބަދަލުވެފައެވެ.
ދާން ވަކި މިސްރާބެއް ނެތި އަހަރެން ހިނގަމުން ދިޔައީމެވެ. އޭރު ބޯވިއްސާރަ އޮއްސައިގަންނަން ވަރަށް ގާތް ވެއްޖެއެވެ. ބާރު ގުގުރިތައް ވެސް ޖަހަމުން ދިޔައެވެ. ދެކުދިން ހީއަށްތެޅެމުން ދިޔައެވެ. މަންމައަށް ނުވަތަ އާއިލާ މީހަކަށްވެސް ގުޅާކަށް އަހަންނަކަށް ނުކެރުނެވެ. އަހަރެން މިއީ އެއްވެސް ރަހުމަކާއިނުލާ، އެމީހުންގެ އުއްމީދުތައް ފުނޑުފުނޑު ކޮށްލުމަށްފަހު ފާޒިލާއެކު އާތް މީހާއެވެ. އަހަރެން އެމީހުން ކައިރިއަށް ދާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟
ބޯވިއްސާރަޔާއެކު ގުގުރީގެ އަޑުތައް ބާރުވަމުން ދިޔައެވެ. ހިޔާވަހިކަމެއް ހޯދުމަށް އަހަރެމެންނަށް ލިބުނީ ގެއެއްގެ އަސްކެނިދަށެވެ. ގަޑިން އަށްގަޑި ބައިވާން ގާތް ވެއްޖެއެވެ. ފާޒިލް އެއްފަހަރުވެސް ގުޅައިނުލައެވެ. އަހަރެން އުއްމީދުކޮށްގެން ހުރީ ،އަހަރެން ކޮބާތޯ ނުބެލިޔަސް އަހަރެން ކައިރީގައި މިތިބި ފާޒިލްގެ ދެދަރިންގެ ހާލު ބަލާލަން ގުޅާލާނެ ކަމަށްށެވެ.
އަހަރެންގެ ދެދަރިން ބަނޑުހައިވެގެން ޝަކުވާ ކުރަމުން ދިޔައެވެ. އަހަރެން އަތު ފެންފުޅިއެއް ގަނެލާނެހާވެސް ނެތެވެ. ހިތަށް އަސަރުކުރީ އިންތިހާއަށްށެވެ. ދެދަރިން ބަނޑުހައިވެ، ހީއަށް ތެޅެމުންދާ މަންޒަރު ބަލާކަށް އަހަންނަކަށް ކެތެއް ނުކުރެވުނެވެ. އިތުރުގޮތެއް ނެތްހާލު އެއްބަނޑު އެއްބަފާ ބޭބެއަކަށް ގުޅީމެވެ. އެހީއަށް އެދި އާދޭސް ކުރީމެވެ. އަހަންނަށް އެހީވީ ހަމަ އަހަރެންގެ އާއިލާއިންނެވެ. އެރޭ އަހަރެމެންނަށް ނިދަން ޖެހުނީ އެ އަސްކެނި ދަށު، އެބޯ ވިއްސާރައިގައެވެ. އަހަރެންގެ އާއިލާއިން އަހަންނާއި ދެދަރިން ރަށަށް ގެން ދިޔައީ އޭގެ އަނެއް ދުވަހުގައެވެ.
***************
އަހަންނަށް ހޭވަރިކަމެއްވީ ފޯނު ރަނގަބީލުވާން ފެށިއަޑަށްށެވެ. ފޯނު ބަލައިލީ އިރު ގުޅަމުން ދިޔައީ އަހަރެންގެ ދެބޭން ދެދަރި ކޮއްކޮއެކެވެ. އަހަންނަށް ބަލައިލެވުނީ ގަޑިއަށްށެވެ. އެގާރަ ޖަހަން ގާތްވެއްޖެއެވެ. މިވަގުތުގައި އެގުޅަނީ ކީއްވެގެން ބާއޭ ހިތަށް އަރައި ފޯނު ނެގީމެވެ.
“ހަލޯ… ނީޝް ކުޑާ ތަ…؟” އެކޮޅުން ވާހަކަ ދެއްކިއެވެ.
“އާން… ކިހިނެއްވީ ހުދާ…” އަހަރެން ވެސް ވާހަކަ ދެއްކީމެވެ.
“ކުޑާ.. އަހަރެން މެރީ ކުރަން މިއުޅެނީ… ވެޑިންނަށް އިންވައިޓްކުރަން މި ގުޅާލީ… މާލޭގަ އޮންނާނީ… އަންނާނަށްދޯ؟” ކޮއްކޮ ދަޢުވަތު ދިނެވެ.
“އެހެންތަ… ކުޑާ ބުނަން ވާހަކައެއް… ކޮންމެސް ކޮންމެސް އާއިލާއަށް ދެކޮޅަށް ކަމެއް ނުކުރާތި… އެމީހުންގެ ރުހުމުގަ ނޫނިއްޔާ ތިކަން ނުކުރާތި… އާއިލާ މީހުން ކޮއްކޮއަށް ދެރަގޮތެއް ނޭދޭނެ… ކުޑާއަކަށް މާލެއެއް ނުދެވޭނެ… އެކަމަކު ހީކޮށްލާ ތިއުފަލުގަ ކުޑާވެސް ބައިވަރިވެޔޭ… ދެކުދިން ރަނގަޅަށް އުޅެއްޗޭ…” ނަސޭހަތް ދިނުމަށްފަހު އަހަރެން ފޯނުބާއްވައިލީމެވެ.
މިއީ އަހަންނަށް ހަޔާތުން ލިބުނު ފިލާވަޅެކެވެ. އާއިލާއަށް ދެކޮޅަށް ކުރާ އެއްވެސް ކަމެއްގައި ބަރަކާތެއް ނުލައްވާނެއެވެ. އެމީހުން ބުނާނީ އަބަދުވެސް އެންމެ ރަނގަޅު ގޮތެވެ. އެމީހުންނާ ދެކޮޅަށް އެޅޭ އެންމެ ކަތިފިޔަވަޅަކުން ވެސް މުޅި ޙަޔާތް ބަރުބާދު ވެދާނެއެވެ.
އަހަރެން މިއީ ފާޒިލަށްޓަކާ، އެއޮއް ގަދަ ވިއްސާރައިގައި، ބޮޑެތި ބާނިތައް ނަގަމުން ދިޔަ އެކަނޑުގެ ލޮނުގަނޑު ކަފަމުން ދަތުރުކުރި މީހާއެވެ. ހުރިހާ އުފަލެއް ފާޒިލްގެ ލޯތްބަށްޓަކައި ޤުރުބާން ކުރި މީހާއެވެ. އެކަމަކު އަހަންނަ ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟ ހިތުގައިވީ ރިހުން ފިޔަވައި އެއްވެސް އެއްޗެއް އަހަންނަކަށް ނުލިބުނެވެ. ހަމަ އެގަދަ ވިއްސާރައިގެ ތެރެއަށް މަރުވާން ، ފާޒިލް އަހަންނާއި ދެކުދިން ދޫކޮށްލީ އިރު އަހަރެން މިއީ އެއްވެސް އަގެއް ހުރި މީހެއް ނޫނެވެ.
(ނިމުނީ)

