މާފެއްނެތް
ލޮލަށް ޖަމާވަމުންއައި ކަރުނަތައް އަހަރެންނަކަށް ހިފަހައްޓައެއް ނުލެވުނެވެ. ފަސްއަހަރުވީ ކައިވެނި ރޫޅިގެންދިޔައީ އަހަރެން އެކަމަކަށް ތައްޔާރުވެގެން ހުއްޓައެއް ނޫނެވެ. އެހެނަސް އިތުރުގޮތެއް އަހަންނަށް ނެތީއެވެ. ރޫމާން އަހަރެން ވަރިކޮއްލީ އެވެ. އަހަރެންގެ އެއްވެސް ކުށަކާއިނުލައެވެ. ހަމަހުގެ ދަރިފުޅު މޭގައި ފޮރުވާލަމުން އަހަރެން ދިޔައީ ރަށަށް ދާންވެގެންނެވެ. މާލޭގައި އިތުރައް މަޑުކުރުމުގެ ބޭނުމެއް ނެތީތީއެވެ.
މަގުމަތިން ކާރެއް ހުއްޓުވާ ކާރަށް އެރީމެވެ. އަހަރެންގެ ދަބަހާއި ފޮށިގަނޑު ކާރުގެ ޑިކީ އަށް ލުމަށްފަހު އަހަރެން ދަތުރުފެށީ ރަށަށްދާ ބޯޓުތައް ތިބޭ ސަރަހައްދަށް ދިޔުމަަށެވެ. ޑުރައިވަރު ކާރުމަޑުކޮއްލީ ބޯޓުތައް ތިބޭ ސަރަހައްދާއި ދިމާލަށްކަމުން ދަރިފުޅު ސާރާ އުރާލަމުން އަހަރެން ކާރުން ފޭބީމެވެ. އަހަރެންގެ ދަބަހާއި ފޮށި ޑުރައިވަރު ކާރުން ބާލަދިނެވެ.
އަހަރެން ބޯޓަށް އެރީމެވެ. ހަތަރުގަޑިއިރުގެ ދަތުރަކަށްފަހު ރަށަށް ދެވޭނެތީ އަހަރެން ހުރީ ހިސާބަކަށް ހިންހަމަޖެހިފައެވެ. ބޯޓުން ދަތުރުކުރާ އެންމެހާ ދަތުރުވެރިން ހަމަވުމުން ބޯޓު މާލޭގެ ފަޅުން ނުކުމެ ދަތުރުފެށި އެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ބޯޓު ދަތުރުކުރަމުން ދިޔައެވެ. ޖެހެމުންދިޔަ މަޑުމަޑު ހިމޭން ވައިރޯޅި އާއިއެކު ވެސް އަހަރެންގެ ހިތުގަ ހެދިފައިވީ ފާރުގަނޑުގަ އަޅާ ރިހުމަކަށް ކުޑަނަމަވެސް ލުޔެއް ނުލިބުނެވެ.
ހަނދާނުގެ ރާޑަރައް އެރީ ރޫމާން އާއި ކައިވެނި ކުރުމަށްފަހު އަހަރެން މާލެ އައި ހަނދާނެވެ. ރޫމާން އާއި އަހަރެންގެ ކައިވެނި ކުރެވިގެންދިޔައީ އެއްގޮތަކަށްވެސް ލޯބިވެގެނެއްނޫނެވެ. އަހަރެންގެ ބައްޕަ ރޫމާންގެ ބައްޕަ އާއި ކޮއްފައިވާ ވައުދަކަށް ހުރުމަތްތެރިވުމަށްޓަކައި ކުރެވިގެންދިޔަ ކައިވެންޏެކެވެ. ކައިވެނީގެ ކުރީކޮޅު ރޫމާން އަހަންނަށް ވަރަށް ރަނގަޅެވެ. އަހަރެންނަށް ލޮތްބާއި އަޅާލުމާއި އޯގާތެރިކަން އޭގެ އެންމެފުރިހަމަ ގޮތުގައި ލިބިގެންދިޔައެވެ.
ކައިވެންޏަށް ތިން އަހަރު ވެގެންދިޔަ އިރުވެސް ރޫމާންގެ ފަރާތުން ރަނގަޅު ސިފައެއް ނޫނީ އަހަންނަށް ފެނިފައިނުވެއެވެ. ހިނިތުންވުމާ އެކުގައި ނޫނީ އަހަންނާއި ވާހަކަ ނުދައްކާނެއެވެ. އަހަރެންގެ ހެޔޮނަސީބާއިމެދު އަހަރެން އުފާކުރީމެވެ. ނަމަވެސް ކަންތައްތައް ބަދަލުވެގެންދިޔައީ ކުއްލިއަކަށެވެ. ރޫމާން އޮފީހުން ނިމިގެން ގެއައް އައުން ލަސްވި އެވެ. އަހަރެން ކިތަންމެ ވާހަކައެއް ދެއްކިޔަސް މަދުފަހަރަކުނޫނީ އަނގައިން ބުނެނުލާނެއެވެ. ރޫމާންގެ އުޅުމަށް ބަަދަލުއައި ސަބަބު އެނގެން އަހަރެން މަސައްކަތް ފެށީމެވެ.
ނަމަވެސް އަހަރެންނަކީ އެކަނި ގެއިން ބޭރަށް ދާމީހެއް ނޫނެވެ. ވުމާއެކު ރޫމާން އަށް ފާރަލުން އަހަންނަށްވީ ދަތިކަމަކަށެވެ. އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. އަހަރެން ރޫމާންއަށް ކާންހަަދައިގެން ރޫމާން ގެޔަށް އަންނާނެ ވަގުތަކަށް ބަލަބަލައި އިނީމެވެ. ގަޑިން ތިނެއް ޖަހަން ކައިރިވެފައި ވަނިކޮށް ރޫމާން ގެއައް އައެވެ.”ރޫމާން ހާދަލަހަކުން އޮފީހުން ނިމުނު ރެއެކޭ ދޯ?…ކާންހަދައިގެން މިއިނީ ހިނގާކާން. ރޫމާންއަށް އެންމެމީރު އަލުވި ރިހަޔާއި ރޮއްޓާއި މިރޭ ކާން ތައްޔާރު ކުރީވެސް. އެއްޗެހި ބަދަލްކޮއްގެން ކާން އާދޭ..” އަހަރެން ލޮތްބާއެކު ބުނީމެވެ.
“ހައިފާޔަށް ކޮންކަމެއް.
އަހަރެން ގެޔަށް އަންނާނެ ގަޑި އިނގޭނީ ހަމަ އަހަންނަށް. ހައިފާ ނުޖެހޭނެ ބަލާކަށް. ގެއައް އައިސް ވަންތަނާ ހަމަފެށީ އޭދޯ?.. އަހަރެންގެ މިނިވަންކަމާ ހައިފާ ނުޖެހޭނެ ބެހޭކަށް. އަހަރެންގެ ކުރިމަތީ ޒުވާބުކުރަން ހިތައްވެސް ނާރުވާތި. އަހަރެންގެ ނުބައިކަން ނޭނގިގެން އަދި ތިއުޅެނީ” ރޫމާން އަދި އެވަރަކުން ނިއްމާލީއެއް ނޫނެވެ. އަހަރެންގެ ކޮނޑުގައި ހިފައި ސިޓިންރޫމް ޓައިލްސް މައްޗައް އަހަރެން ކޮއްޕާލި އެވެ. ވިއްސަ އިގެންގޮސް އަހަރެންގެ ބޯޖެހުނީ ސިޓިންރޫމުގެ ހަރުކޮއްފައި ހުރި ޓީވީ ރެކުގައެވެ. އަހަރެންގެ ނިތުން ލޭ އައެވެ. ލޮލުން އައި ކަރުނަތައް އަހަރެން ފޮހެލީމެވެ. އެހެނަސް ކަރުނަ އައުން ހުއްޓިގެން ނުދިޔަ އެވެ.
އެރެ އަށްފަހު ރޫމާން އަހަރެންނާއި އެއްގޮތަކަށްވެސް އަނގަޔަކުން ނުބުނެއެވެ. ގެއައް އަންނަގޮތައް ފޯނުކަންފަތުގައި ޖަހައިގެން ރޭހަތަރުދަމު ހުންނަނީ ހޭލައެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ރޫމާންގެ އުޅުމަށްއައި ކުއްލި ބަދަލް ރޫމާންގެ މަންމަ ފަރުޒީނާއާއި ހިއްސާކުރީމެވެ. ރޫމާންގެ އުޅުމަށް ހެޔޮބަދަލު އަންނާނެކަމުގެ ފޮނި އުއްމީދުގައެވެ. އެހެނަސް ކަންތައްތައް ވެގެންދިޔައީ ދިމާ އިދިކޮޅަށެވެ. ރޫމާން އަހަންނަށް އަނިޔާކުރަން ފެށި އެވެ. ކައްކާ އެއްޗެހީގެ ރަހަ ކަމުނުދާކަމަށްބުނެ ތަށިތަކާއި ކާއެއްޗެހި ވަރައި ކާގޭތެރޭގައިވެސް އަހަރެންނަށް އެތިވަރުގޮވައިލަ އެވެ.
އަހަރެންނާއި ރޫމާންގެ ކައިވެންޏަށް ފަސް އަހަރުގައި އަހަރެން ބަލިވެއިނެވެ. އަހަރެން އުއްމީދުކުރީ ދަރިޔަކު ލިބުމުން ނޫމާންގެ އުޅުން އިސްލާހުވާނެ ކަމަށެވެ. އެހެނަސް ރޫމާންގެ ފަރާތުން ލިބެންޖެހޭ ލޮތްބާއި އޯގާތެރިކަމުގެ ޒަރެއްގެ މިންވަރުވެސް އަހަންނަކަށް ލިބިގެންނުދިޔައެވެ. ބަނޑުގައި ރިއްސާވަރުން ނުނިދިގެން އަހަރެން އުޅޭއިރުވެސް ރޫމާން އޮންނާނީ ފޯނުނަގައިގެން ގޭމް ކުޅޭށެވެ. ޑޮކުޓަރަށް ދައްކަން ދާންޖެހެނީ ރޫމާންގެ މަންމަ ފަރުޒީނާއާއި އެކުގައެވެ. ރޫމާން އަހަރެންނާއި އެކުގަދާން އެއްބަހެއް ނުވުމުންނެވެ.
އަހަރެން ބޯއަނބުރައި ހޮޑުލައި ހަދާއިރު ރޫމާން އަށް ކަމެއް ވާހެންވެސް ހީނުވެ އެވެ. އަހަރެންގެ ހިތްފަޅައިގެން ދާވަރުވެ އެވެ. ފާހާނާޔަށްވަދެ ސިއްރުން ރޯލަމެވެ. ރޫމާންގެ ކުރިމަތީ ރުޔަސް ވާނެ ފައިދާއެއް ނެތީމައެވެ. އަހަރެން ވިހަން ބަނޑުގައި ރިއްސުމުން ރޫމާން އަށް ގުޅީމެވެ. ފޯނެއް ނުނެގިއެވެ. އެންމެފަހުން ހަދާނެގޮތް ހުސްވެ ރޫމާންގެ މަންމައަށް ގޮވީމެވެ. ކުޑަމިނުން އަހަރެން ވިހައިގެން ދަރިފުޅު ދެކިލުމަށްވެސް ރޫމާންއަށް އާދެވުނު ކަމަކަށްނުވި އެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. ދަރިފުޅުގެ މޫނުފެނުމުން ރޫމާން ސިފަވެގެންދިޔަ އެވެ. އެބޮޑު ދެލޮލެވެ. އެފަން އިސްތަށިގަނޑެވެ. އެލޯބި މޫނެވެ. ރޫމާން އާއި އެއްވެސް ތަފާތެއްނެތެވެ. އެހެނަސް ރޫމާން ދަރިފުޅު ދެކިލުމަށް އެންމެ ފަހަަރަކުވެސް ހޮސްޕިޓަލަކަށް ނާދެއެވެ.
ދެދުވަސް ހޮސްޕިޓަލުގައި ހޭދަކުރުމަށްފަހު އަހަރެން ގެއައް ދޫކޮއްލިއެވެ. ރޫމާންގެ މަންމައާއި ބައްޕަގެ އެހީތެރިކަން ނުލިބުނުނަމަ އަހަރެން އުޅޭނެހާލު ހިތައް ގެންނަންވެސް ދައްޗެވެ. ދަރިފުޅު އުރާލައިގެން އަހަރެން ކޮޓަރިޔަށް ވަނީމެވެ. އެނދުގައި ރޫމާން ނިދާފައި އޮތެވެ. ދަރިފުޅަށް ހަމަސްވެގެން ދިޔަ އިރުވެސް ރޫމާން ދެތިން ފަހަރަކުނޫނީ ދަރިފުޅުގައިގަ އަތްލާފައިވެސް ނުވެއެވެ. އަހަރެން ދުނިޔޭގައި ހުއްޓެ އްކަމަކު އަހަރެންގެ ރޫހުވަނީ މަރުވެފަ އެވެ. ރޫމާން އަހަންނާއިމެދު ކަންތައް ކުރާގޮތުން ދުނިޔެމަތިންވެސް ފޫހިވެއްޖެއެވެ.
ކޮންމެގޮތަކަށް ކަންތައްވިޔަސް ވަރިހަމަކަމަށް ނިއްމައި އަހަރެން ރޫމާން އާއި ވާހަކަދައްކަން ނިއްމީމެވެ. އަހަރެންގެ ކުށެއްނެެތި ރޫމާން އަހަންނާ އިމެދު އިހާނެތިކޮށް ކަންތައް ކުރަންޖެހުނު ސަބަބެއްބަލަން އަހަރެން ބޭނުމެވެ. ދަރިފުޅު ސާރާ ނިންދެވުމަށްފަހު ދާނުގައި ބޭއްވީމެވެ. ރޫމާން ކޮޓަރިޔަށް ވަނީ އަހަރެން ފާހާނާއިން ނުކުތްތަނާ ހެންނެވެ. “ރޫމާން. އަހަރެން ބޭނުން ވާހަކައެއް ދައްކާލަން. ވަގުތު އޮތިއްޔާ މަޑުކޮއްލަދެވިދާނެތަ އިހަށް.” ރޫމާންގެ ޖަވާބު އަންނާނެގޮތެއް އަހަންނަކަށް ނޭނގެއެވެ.
“ހޫމް.. ތިކިޔަން އުޅޭއެއްޗެ އް ކިޔާބަލަ. ބޭރައްދާން އެބަޖެހޭ މިރޭ.” ރޫމާންގެ ޖަވާބުލިބުމުން ލަސްނުކޮށް އަހަރެން ވާހަކަދައްކަން ފެށީމެވެ. “ރޫމާން… ބުނެދީފާނަންތަ ރޫމާން އަހަންނާއިމެދު އިހާނެތިކޮށް ކަންތައް ކުރަންޖެހުނު ސަބަބު. އަހަރެންމީ ރޫމާންގެ ހަލާލު އަނބިމީހާ. އަހަންނަށް ކޮންކުށެއް ކުރެވުނީ. ބުނެދީބަލަ. އަހަރެން ރޫމާން ދެކެ އިންތިހާޔަށް ލޯބިވަން. ރޫމާން… ބުނެދީބަލަ އަހަރެންގެ ކުށް. ހާދަ ހިތުގައިޖެހެޔޭ. ހާދަކަރުނަޔެއް ލޮލުން އާދެޔޭ. އަހަރެންނަށް ތިހެން ހަދަން ހެޔޮވާނެތަ. މިރޭ މިތަނުން ނުކުމެގެން ރޫމާން ދާންޖެހޭނީ މިހުރިހާކަމެށް އަހަންނަށް ރޫމާން ކުރަންޖެހުނު ސަބަބު ސާފުކޮއްދީފަ.” ލޮލަށް ޖަމާވި ހޫނުކަރުތައް އަތުގެނުފުށުން ފޮހެލަމުން އަހަރެން ބުނީމެވެ.
” ސަބަބު އެނގެންދޯ ބޭނުމީ. މައްސަލައެއްނެތް މިކިޔަ އިދެނީ ސަބަބު. އަހަރެން ހައިފާ އާއި ކައިވެނިކުރީ ލޯތްބަކުންނެއްނޫން. މަޖުބޫރުވެގެން. ހައިފާގެ ސަބަބުން އަހަރެންގެ ލޯބިވެރިޔާއި އަހަރެން ހިތާދެކޮޅަށް ވަކިވާންޖެހުނީ. ހައިފާ އަށް ލޯބިދީގެން ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯ އަހަރެން މަސައްކަތްކުރިން. އެކަމެއްނުވި އަހަންނަކަށް. ހައިފާއެކު ދިރިއުޅުން ވޭތުކުރަން ދެން އަހަރެންނެތިން. އަހަރެންގެ ލޯބިވެރިޔާ އަހަރެންގެ ހަޔާތައް ގެންނަން މިއުޅެނީ. ހައިފާ ތިހިރީ ވަރިކޮއްފަ. ސަބަބު އެނގިއްޖެކަމަށް މިބަލަނީ .” ރޫމާންގެ ވާހަކަ ނިމުނުހިނދު އަހަންނަށް ހީވީމީހަކު އަހަރެންގެ މޭގައި ބާރުބޮޑިއެއް އަޅާލިހެންނެވެ. ހުރިތަނަށް ތިރިވެވުނެވެ. އަނޑުން އަޑުނަގައި ރޯންފެށުނީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭ އަހަރެންގެ ހަޔާތް ވިއްސިވިހާލިވެގެން ދިޔައީ އެވެ.
އެހެނަސް ރޫމާންގެ ދެފައިގައިހިފައި އާދޭސް ކުރާކައް އަހަރެން ނެތީމެވެ. ” އެކޮއި މިއާދެވުނީ ރަށަށް.” އަހަރެން ހިޔާލީދުނިޔެން ނެރެލީ ބޯޓުގެ ވެރިމީހާާ ތައްހާނުގެ އަޑުންނެވެ. ރޫމާންގެ ނަންސިކުނޑިން ފޮހެލައި ދަރިފުޅު ސާރާ އަށްޓަކައި އަހަރެން ދިރިއުޅުމާއިގެން ކުރިޔަށް ދާނަމެވެ. ހިތްކުދިކުދިވިޔަސް ދިރިއުޅުމުގެ ދަތުރުގައި ހިތްވަރާއެކު ކުރިޔަށް ދާނަމެވެ. ރޫމާން ގާތަށް އަނބުރާދިޔުމީ އަހަރެން ކުރާނޭކަމެއް ނޫނެވެ. އަހަރެންގެ ހިތުގައި ރޫމާން ލައްވާލި ލަކުނުތައް ދުވަހަކު ފިލައިގެން ދިޔުމެއް ނުވެއެވެ. އަހަރެންގެ މާފެށް ދުވަހަކުވެސް ރޫމާން އަކަށް ނުލިބޭނެއެވެ. އަހަރެންނާމެދު ރޫމާން ކަންތައްކުރި އިހާނެތިގޮތް ހަދާންނައްތާލެވުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނޭކަމެއް ނޫނެވެ. ދަރިފުޅު އުރާލައިގެން އަހަރެން ބޯޓުން ފޭބީމެވެ. އާފެށުމަކުން ދިރިއުޅުން ފެށުމަށް ހިތުންނިޔަތް ގަނެގެންނެވެ.
ނިމުނީ

