އެންމެގާތް މިތުރުންމިއީ
ދެހާސް ތޭރަވަނަ އަހަރު އަހަރެންނަށް މުޅިންއާ ރަހުމަތްތެރިންތަކެއް ލިބިގެން ދިޔައެވެ. އެންމެ ފުރަތަމަ އަހަރެމެންގެ މެ ދުގައިއޮތީ އެހާގާތް ގުޅުމެކޭ ނުބުނެވޭނެއެވެ. އެހެނަސް ފާއިތުވެގެން މިދިޔަ ހަތްއަހަރު ދުވަހަކީ އަހަރެމެންގެ ގުޅުންބަ ދަހިވެ އިތުރައް ކުރިލައި ހެދުނު އަހަރުތަކެކެވެ. ހަނދާނުން ދުވަހަކުމެ ފޮހެވިގެން ނުދާނެ އުފާވެރި ހަނދާންތައް އަހަރެމެން ފަސް އެކުވެރިން މިއަންނަނީ ރައްކާކުރަމުންނެވެ.
ޝެރީން އިކީ, ލަމް އަދި ނަޝްއަކީ އަހަރެންގެ އެންމެގާތް އެންމެ ލޯބިވާ އެކުވެރީންނެވެ. ހާލަތުނިޔާ ކުރާގޮތުން އަހަރެމެން އެއްފަސްގަނޑެއްގައި އުޅުމުގެ ނަސީބު ނުލިބުނަސް އަހަރެމެންގެ މެދުގައި އޮތްގުޅުމަކީ ބަދަހި ވަރުގަދަ ގުޅުމެކެވެ. ލިބޭ ޗުއްޓީތަކުގައި އެންމެން ރަށަށް އައިސް އުޅޭއިރު އެންމެން އެކީގައި ވަގުތުހޭދަކުރުމީ އަހަރެމެން ވަރަށްގަޔާވެ ކުރާހިތުން ކުރާކަމެކެވެ.
އެންމެންއެކީގައި ކައްކައިގެން ކެއުމާއި ފޮޓޯނަގަން ދިޔުމާއި މޫދަށް ދިޔުމަކީ އަހަރެމެން ފަސްމީހުން ހަމަވެއްޖެނަމަ އަހަރެމެން އާންމުކޮށް ކޮށްއުޅޭ ކަންތައްތަކެވެ. ނުރުހުމެއް ދެކޮޅުވެރިކަމެށް މިއެކުވެރިކަމުގައި ނުވުމަކީ އަހަރެން އެންމެ އުފާކުރާ އެއްކަންތަކެވެ. ހިތުގެ އަޑިޔާއިން ފުންމިނުން ތާއަބަދުވެސް އަހަރެން ދުޢާކުރަމެވެ. އެންމެ ފަހުނޭވަޔާއި ހަމަޔަށް މިއެކުވެރިކަން ދެމިއޮތުން އެދިގެންނެވެ.
އަހަރެންގެ އެހެންވެސް އެކުވެރިން ތިބޭމެއެވެ. އެހެނަސް މިއެކުވެރިން އަހަންނަށް ވަރަށް ހާއްސަވެފައި މުހިންމެވެ. ދެރަވެކަމަކާއި ހިޔާލުބަދަލު ކުރުމަށް ބޭނުންވިޔަސް ފަސްޖެހުމެއްނެތި މިއެކުވެރިންނާއި ހިއްސާކުރެވޭތީއެވެ. އަދި އެހެންމެ ހިތުގެއަޑިން މިއެކުވެރިން ދެކެ ލޯބިވާތީވެސް މެއެވެ. ދުވަސްތަކަކަށްފަހު އަހަރެމެން ދިމާވި ނަަމަވެސް އެއްވެސްކަހަލަ ދުރުކަމެއް ކުންޏެއް ޖެހުމެއް އަހަރެމެންގެ ތެރޭގައި ނޯވެއެވެ.
އެކަކު އަނެކެއްގެ ހުންނަ އުނިސިފަތާއެކުވެސް އަހަރެމެން އެންމެން އެކަކުއަނެކަކު ދެކެ ވަރަށް ލޯބިވެއެވެ. ދިމާވާ ކޮންމި އުފަލަކާއި ހިތާމަޔަކު އެކުގައި އެއްތަނެއްގައި ނުތިބެވުނަސް އަހަރެމެންގެ އޮތީ ވަރަށްވެސް މަތިވެރި ގުޅުމެކެވެ. އެކަކު އަނެކަކާއި ދިމާވެ ވާހަކަ ދައްކައިލެވުމުން ހިތައް ފިނިކަން ލިބިގެން ދެޔެވެ. އެންމެން އެއްތަނެއްގައި ނޫޅުނުކަމުގައިވިޔަސް އަހަރެމެންގެ އޮތީ ހިތާއި ހިތުގެ ގުޅުމެކެވެ.
އަހަރެމެން އަބަދުވެސް އެކުގައި އުފާވެރި ހަދާންތައް ރައްކާކުރަމެވެ. އެކަކު އަނެކަކާ ދާއިމީކޮށް ވާހަކަ އަބަދު ނުދެކެވުނަސް ހާލުއަހުވާލު ބަލާހަދަމެވެ. ހަނދާންވާ ވާހަކައާއި ލޯބިވާވާހަކަ ބުނެއުޅެމެވެ. އެކަކައްޓަކައި އަނެކަކު އަބަދުވެސް ހުރިކަމުގައި ބުނެދެމެވެ. ތެދުވެރިކަމާއިއެކު ފެށުނު މިއެކުވެރިކަން ދާއިމަށް ދެމިއޮތުމަކީ އަހަރެމެންގެ އުއްމީދެވެ.
މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާގެ ބަލިމަޑުކަމާއިއެކު އަހަރެންގެ އެކުވެރިންވެސް ރަށަށް އައުންވީ އަހަންނަށް ލިބުނު ބޮޑު އުފަލަކަށެވެ. ޝެރިން ފިޔަވައި ދެންތިބި އެކުވެރިންނާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ލިބިގެން ދިޔައެވެ. ގާތުގައި ނެތްކަމުގައިވިޔަސް ޝެރިންއާއި ފޯނުން ގުޅައި ވާހަކަ ދައްކަމުން ގެން ދިޔައީމެވެ. ކޮވިޑްގެ ސަބަބުން ރަށަށް މާލޭގެ ދިރިއުޅޭ މީހުންތައް ގެނައުމަށް ނިންމި ހިސާބުން އަހަރެމެން އެންމެން ދިމާވާން ނިއްމީމެވެ.
ފަތިހުގެ ހިމޭންވަގުތެވެ. ފަތިސްނަމާދު ކުރުމަށްފަހު މޫދައްދާން އަހަރެމެން ތައްޔާރުވީމެވެ. ސައިބޯނެ އެއްޗިއްސާއެކު އަހަރެމެން ހަތަރުމީހުން ދިޔައީ ރަށުގެ ތުނޑީކޮޅަށެވެ. އިރުއަރައިގެން އަންނަ މަންޒަރު ދެކިލުމަށް އަހަރެމެންތިބީ އުފަލުންނެވެ. އެންމެން އެކުގައި ފޮޓޯތައްނެގީ ހަނދާނަކަށް ފަހަށް ރައްކާކުރުމުގެ ބޭނުމުގައެވެ. އެކަކު އަނެކަކާ ދިމާކޮށް ސަކަރާތް ޖެހުމަށްފަހު އެންމެން ހެނދުނުގެ ނާސްތާ ކުރީމެވެ.
ހުދު ދޮންވެލިގަނޑުމަތީ އިށީނދެތިބީ ގުދުރަތުގެ ފުރިހަމަކަމަށް ގެއްލިފައެވެ. މާގިނަ އިރުތަކެއް ނޮކޮށް އަހަރެންނާއި އިކީ, ނަޝް އަދި ލަމް މޫދަށް އެރުނީމެވެ. ވައިބާރުވެ އޮއިވަރު އޮއްގޮތުން އެހާފުނަށް ދާކަށް އަހަރެމެން ގަސްތެއް ނުކުރަމެވެ. އެކަކު އަނެކަކާއި ސަކަރާތްޖަހަމުން މޫދުގައި ކޮންމެވެސް ވަރަކަށް ކުޅިވަރުވެސް ކުޅުނީމެވެ.
ދުވަސްތަކަކަށްފަހު އަހަރެމެން ދިމާވީތީ އޮލަވާހަކައިގައި ވަގުތުތައް ދިޔަނުދިޔަ ގޮތެއްވެސް ނޭނގެއެވެ. އަހަރެމެން އެކުގައި ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮއްލެވުނީތީ އަހަރެންހުރީ ވަރަށް ހިންހަމަޖެހިފައެވެ. ޝެރިން އަހަރެމެންނާއެކު ބައިވެރިވިނަމައޭ އަހަރެންގެ ހިތައްއެރިއެވެ. އެހެންނަމަ އަހަރެމެން ފަސް އެކުވެރިން އެކުގައި އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮއްލެވުނީހެވެ.
ދިރިއުޅުން އަބަދަކު އެއްގޮތަކަށް ނުހިނގާނެއެވެ. އަހަރެންގެ އަބަދުގެވެސް ދުޢާއަކީ އަހަރެމެންގެ މިއެކުވެރިކަން މިގޮތުގައި ދާއިމަށް ކުރިޔަށް ދިޔުމެވެ. ދުނިޔެއިން ނިމިގެން ދިޔަސް ދާއިމީ މަންޒިލުންވެސް އަހަރެމެންނަކީ އެކުވެރިންގެ ގޮތުގައި ﷲ މިންވަރުކުރެއްވުމެވެ. އަދި އަހަރެންގެ އެދުމަކީ އަހަރެންގެ ދެގޮތެއްނުވާ ލޮބުވެތި އެކުވެރިންނަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރެއްވުމެވެ.އަދި އެހެންމެ އެންމެގާތް މިތުރުންގެ ގޮތުގައި އަބަދުވެސް އަހަރެމެން ތިބުމެވެ. ހިތްހެޔޮކަމާއި ލޮތްބާއި ކުލުނުވެރިކަމުގެ މިސާލެއްގެ ގޮތުގައި އަހަރެމެންގެ އެކުވެރިކަން ލަހައްޓަވާށިއެވެ.
އެއް އެކުވެރިޔަކަށްޓަކައި އަބަދުވެސް ގުރުބާންވާނެ ފަދަ އެކުވެރިންތަކެއްގެ ގޮތުގައި މާތްﷲގެ ރަހުމަތުން އަހަރެމެންވާނަމެވެ. ހަސަދަޔާއި ރުޅިވެރިކަމެއް ނެތިމެ ޝަރުތުތަކެއްނެތި އެކަކު އަނެކަކަކައްޓަކައި ދެތުވެރިހިތަކުން ލޯބިވާ އެކުވެރިންތަކެއް ގޮތުގައި އަޅަމެން ލަހައްޓަވާށިއެވެ. ދިރިހުރިހާ ހިނދަކު އަހަރެން އިރާ ދަކުރެއްވިޔާ ވާނީ ތިޔަ އެކުވެރިންނާއި އެކުގައެވެ. އަބަދުވެސް އަހަރެމެންނަކީ އެންމެގާތް މިތުރުންނެވެ.
ނިމުނީ

