Skip to content
އެސްފިޔަ

ޖަޒްބާތުގައި…

ގޭގެ ދޮރުމަތީގައި ސައިކަލް ބެހެއްޓުމަށްފަހު އަތުގައި އޮތް ޑީޖާވޫ ކޮތަޅު ހިފައިގެން ކޮޓަރިއަށް ވަދެ ބާރަށް ދޮރުޖަހާއިލުމާއި އެކު ބަޑިފަޅައިގެން ހިގައްޖެއެވެ. އިތުރަށް އެންމެ ޓްރެފިކްލައިޓެއްގައި ޖެހުނު ނަމަވެސް މަގުމަތީގައި ހުއްޓާ ރޮވުނީހެވެ. ދިޔގޮތަށްގޮސް ކޮތަޅުގައި ހުރި ބޮލިތަކާއި، ރަންކެވެލިކޮޅު އެނދުމައްޗަށް އޮއްސާލުމަށްފަހު ބެގީ ނައްޓާލައި ފާރުގައި ދެއަތް އަޅާ ރޯން ފެށީމެވެ. އެވަގުތު ޙާލުހުރީ ރަނޑުއަނަހެނަކަށްވުރެ ދެރަކޮށެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ. ކެވެލިކޮޅުގައި ފިރުމާލެވުނެވެ. އަދިވެސް ޝާރުދާގެ އަތުގައި ދުވާ އެންޝޯންޓަރ ލޯޝަންގެ ވަސް އެކެވެލިކޮޅުގައި އެބަހުއްޓެވެ. މީގެ ހަމަސްކުރިން ޝާރުދާއަށް ދިންއިރު ހުރި އޮފްކަމަށް ބަދަލެއް ނާދެއެވެ. ޝާރުދާގެ އުފަންދުވަހަށް އަހަރެން ތައްޔާރުވީ ވަރަށް ފުރިހަމަކޮންނެވެ.
މުޅިމަޖީދީ މަގު ކުޑަކޮށްގެން ހިތްހަމަޖެހުނު އެއްޗެއް އެރޭ ލިބުނީ ހާދަ މަސައްކަތުންނެވެ. އުފަންދުވަހުގެ ހަދިޔާ އަނބުރާ ރައްދުކުރަންވީ ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ. ބޮލިތަށް އަތުރާލީމެވެ. ލޮލުން ފައިބާ ކަރުނަތަށް ގޮސް ބޮލިތަކުގައި ޖެހުމުން އޭގެ އޮފްކަން ފަސްގުނަޔަށް އިތުރުވިކަހަލައެވެ. އޭގެ އޮފްކަމުގެތެރެއިން އަހަންނަށް ފެންނަނީ އެރީތި ދޮންވެލި ތުނޑިމަތީގައި އަހަންނާއި ޝާރުދާއާއި ދެމީހުން އެބޮލިތަށް ހޮވަން އުޅުނު މަންޒަރެވެ.
އަހަރެމެން ދެމީހުން ފުރަތަމަ ދިމާވީ “އެލްސިއޯން ބޭކަރީ” ކައިރިންނެވެ. ފުރަތަމަ ފެނިލުމާއި އެކުވެސް ހިތް ޒަޚަމްކޮށްލިއެވެ. އަހަންނަށް ބޭއިޚްތިޔާރުގައި ނިތް އަރުވާލެވުނެވެ. އަދި އެވަގުތު ޝާރުދާ ދިން ހިތްގައިމު ހިނިތުންވުން ވެގެން ދިޔައީ އަހަރެންގެ ހިތަށް ލިބުނު އިތުރު ބާރަކަށެވެ. ހިތުގައި އޮތީ ހަމަ އެންމެ އެދުމެކެވެ. ލޯބިހުށަހެޅުމެވެ. ލޯބި ވެވުނީއެވެ. އެދުވަހަށް ފަހު ދެމީހުން ފެނުން ބައްދަލުވުމަށް ބަދަލްވެ ވާހަކަދައްކާ އެސް.އެމް.އެސް ކުރަން ފެށީމެވެ. އަހަރެންގެ ފިނޑިކަމާއިހުރެ ގުޅުން އިތުރަށް ބަދަހިނުވެ އުޅެނިކޮށް އިސްވެ ލޯބި ހުށަހެޅީވެސް ޝާރުދާއެވެ. ސަމާސާ ރާގަކަށް އޭނަގެ ހިތުގެ ގޮވުން އަހަންނަށް އިއްވާލިއެވެ. “ވަރަށް ލޯބިވޭ އިގޭ” ދުލުގެ ކުރީގައި އެބައި އޮއްވާ އަހަރެންވެސް ވަރަށް ލޯބިވެޔޭ ބުނީމެވެ. އެދުވަހަށްފަހު އަހަރެމެން ދެމީހުން ދަރުބާރުގެ ކައިރީގައި ހުންނަ ގާޑިޔާތަކަށް ނަފާކޮށްދޭ ލޯބިވެރިންގެ ލިސްޓްގައި ހިމެނުނެވެ.
އޭގެ ކުޑަދުވަސްކޮޅެއްފަހުން ބޮޑު ޢީދު ޗުއްޓީގައި އަހަރެންގެ ރަށް “މާމިގިއްޔަށް” ދަމުން ދިޔައީ ވަރަށް މަސައްކަތުން ހިތުގެ އާދޭހާއި އެކު ޝާރުދާވެސް ގޮވައިގެންނެވެ. ރަށުގެ ހުޅަނގުއުތުރު ކަންމަތީގައި އޮންނަ “ލޯކެހިތުނޑި” އޭކިޔާ ބޮޑު ތުނޑީގައި ދެމީހުން އެކުގައި ގޮސް އުނަގަނޑުގައި އަތްލައިގެން ހިނގާލާފައި ދިޔައިރު އަލިކޮޅެއް ނުކުންނަހާ ޖާގައެއްވެސް ދެމީހުން ދޭތެރޭގައި ނުހުންނާނެއެވެ. އެހާވެސް ލޯބިންނެވެ. ދެމީހުން އެކުގައި ގޮސް މޫދަށް އެރި މަޖާކުރިއިރު ހުދުޓީޝާޓްގައި ހުރި ޝާރުދާގެ ތުނިތުނިހަށިގަނޑުގެ ނަޔާ ކިއްސަރުފާޅުވުމުން އިހުނަށް ވުރެ ލޯބިގަދަވިއެވެ. ތުނޑިމަތީގެ އެކި ދިމަދިމާއިގައި ހުރި ރިހާކުރުބޮލިތަކާއި ފެންކައްކާ ބޮލިތައް އެއްކޮށްގެން ކައިރީގައި ބަހައްތައިގެން ހީސަމާސާކޮށް ހެދި އިރު އެބޮޑުރަށުގައި ތިބީ އަހަރެމެން ދެމީހުން އެކަންޏޭވެސް ހިތަށް އަރައެވެ. އެހާވެސް އަމިއްލަވަންތަކަން ބޮޑެވެ. އެއޮއްބޮޑު ތުނޑީގައި އަހަރެމެން ދެމީހުން ނޫން މީހެއްގެ ހިލަމެއްވެސް ނެތެވެ. ލޮނާއި ތެމިގެން ތިބެ އެކަކު އަނެކަކަށް ވަކިނުވާންކުރި ވަޢުދުތަކާއި އަޙްދުތަށް އަދި ހުވާތަށް ކުރެވުނީ މިރޭ އެނދުމަތީގައި އަތުރާލެވިފައިމިވާ ބޮލިތަކުގެ ހާޟިރުގައެވެ. އެހެން ނޫންނަމަ މި ފެންކައްކާ ބޮލިތަކާއި ރިހާކުރުބޮލިތައް ފެނިގެން މާޒީވި ފޮނި ފަލްސަފާގެ ސޮފްޙާތަށް ހުޅުވި ހިތުތެރޭގައި އުކައެއް ނުލެވޭނެއެވެ.
އަދިވެސް އަހަރެންގެ ކުށެއް ނުވިސްނުނެވެ. ކައިވެނީގެ ފޮނިއުއްމީދު ހިތުތެރޭގައި އާލާވަމުންދާ ދުވަސްވަރުގައި ބައްދަލުކުރަން ދިއުމުން ރުޅިއައިސް ދެކޯފުއްޕާފައި ހުރެގެން ދީފައި ހުރި ހުރިހާ އެއްޗެއް އަތަށް މިޖެހީ ކީއްވެބާވައެވެ. ކައިފައިހުރި ފްރައިޑް ނޫޑުލްސްތަކާއި، ސަބްމެރިންތަކާއި އަދި ދުފާފައިހުރި މީރު ބިލެތްތައްވެސް ބަނޑުން ނެރެވޭނަމަ އެވަގުތު ނެރުނީހެވެ. ދެން އިތުރަކަށް ނުވެސް ރޯނަމެވެ. ނުވެސް ވިސްނާނަމެވެ. ވީކަމެއް ވިއްޔެވެ. މާދަމާ އެހެން އަތަކަށް ހިތް ދީލާލީމަ ނިމުނީއެވެ. އޭނަވެސް ހެދީ އެހެންނެވެ. ކާފިޔު ނުހިންގާ އޮތިއްޔާ އެލްސިއޯން ބޭކަރީ ކައިރިން މިހާރުވެސް ރީތި އަންހެންކުދިން ހިނގާނެއެވެ. ހާހެއް ނުވާނެއެވެ.

Comments (16)

  1. nanaa

    hehe so true love it

  2. xilaa

    nice

  3. athoo..

    sifakohdhinun v kamudhey maashaa allah. you can be a good writer.

  4. shaam

    thanx nanaa and xila

  5. shaam

    thanx athoo kiyuntherinnakee liyuntherikamuge dhirun

  6. Anonymous

    Eyy salhi ey ngey

  7. hamxaa

    Ooooh thery

  8. athoo

    Yuck

  9. yash

    He he he varah salhi

  10. mustho

    varah salhi ingey

  11. khushuu

    Eyna ah filaaavalheh dheefa nimmaalaga . Btw v nice :”)

  12. Anonymous

    Tha haadha lahungey vaahake up kerennu

  13. faahira

    varah obi …….. de vana part kobaa………..thankoleh avavhai aneh part nelachey…………………………..’

  14. Shammu

    Kobaa second part?? I want to read ,,, v v v reehchey :p

  15. NASMA

    varah obi nice. intesting story

  16. Sana

    ohhh… aharumen rah dhw…

Comments are closed.