ކޮޅިގަނޑު
ނޯޓު:މި ވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގެ ބޭނުންކޮށްފައިވަނީ އަސްލު ނަންތަކެއް ނޫނެވެ.
އައު ދުވަހަކަށް ދުނިޔެ މަރުހަބާކީ ޔުމްނާގެ މަންމަ އޭނައަށް ގޮވަން އޮއްވައެވެ. “ދަރިފުޅާ… ދަރިފުޅާ ތި ތެދުވެބަލަ! މިހާރު އެއޮށް ދާ ގަޑި ޖެހެނީ… މިހާރު އެންމެން ތިބޭނީ ބަނދަރުގަ!” މަންމަ ބުންޏެވެ.
“ކޮންތާކަށް ދާން؟” އަށް އަހަރުގެ ޔުމްނާ ކުރީ ސުވާލެވެ.
“ސުބުހާﷲ! އެހާ އަވަހަށް ހަނދާން ނެތުނީތަ؟ އަމްބަރާއަށް ދަތުރު ދާކަންނު މިއުޅެނީ… ނަމާދު ކޮށްގެން ހިނގޭ ނުކުންނާނީ” ދަމުން ދަމުން ޔުމްނާގެ މަންމަ ބުނެލިއެވެ. ދަތުރުދާ ވާހަކަ ހަނދާން ވުމުން ޔުމްނާގެ ލޮލުން ނިދި ފިލި ކަހަލައެވެ. އަބަދުވެސް ވާވަރަކީ އެއީއެވެ. ދަތުރު ދާން އުޅެންޏާ ޔުމްނާ ހީވާނީ ދުނިޔެ ރަންވެގެން އުޅޭހެންނެވެ. ވީ އުފަލެއްގެ ސަބަބުން އެނދުން ފުއްމައިލައިގެން ގޮސް ވުޞޫކޮށްހަދައިގެން ޔުމްނާ ނަމާދަށް އެރިއެވެ. ނަމާދުކޮށް ތައްޔާރުވެ ނިމުނު އިރު ފަހެއްޖަހަނީއެވެ. ދުވަމުން ދުވަމުން ކަހަލަ ގޮތަކަށް ޔުމްނާ ސިޓިންރޫމަށް ނުކުތެވެ. އޭރު ޔުމްނާގެ މަންމައާއި ބައްޕަ އަވަދިނެތި އުޅުނީ ދަތުރު ގެންދާ އެއްޗެހި ބަރޯއަށް އެޅުމުގައެވެ. ޔުމްނާ ގޮސް ސޯފަގައި އިން އޭނާއަށް ވުރެ ހައަހަރު ހަގު ކޮއްކޮ ގާތު އިށީނދެލިއެވެ.
“ވަރަށް މަޖާވާނެ ދޯ ދޮންތީ!” ޔުމްނާގެ ކޮއްކޮ ޝާނީ އެހިއެވެ. ޖަވާބުދާރީ ވުމުގެ ގޮތުން ޔުމްނާ ބޯޖަހައިލިއެވެ.
“މުހައްމަދު! ނުވޭތަ ދާކަށް.. މިހާރު ހަމްދާމެންވެސް ތިބޭނީ ގޮސް!” ޔުމްނާގެ މަންމަ ފާތުން ބުންޏެވެ.
“ކޮބާ! ހިނގާދަމާދޯ!” ދެކުދިންގެ ބައްޕަ ޖޯށުން ފުރިގެންވާ އަޑަކުން ބުނެލިއެވެ. ލަސްނުކޮށް ދެމީހުންވެސް ދުއްވައިގަތީ ބޭރަށެވެ. އޭރު ގަޑިން ފަސްގަޑި ބައިވާން ދިހަ ވަރަކަށް މިނެޓު އޮތެވެ.
ޔުމްނާމެންގެ އާއިލާ ބަނދަރަށް ދިޔައިރު ދަތުރުދާން އުޅޭ ބާކީ މީހުންތިބީ ގޮހެވެ. އެއީ ޔުމްނާގެ މަންމައާއި ބައްޕަގެ ވަރަށް ގާތް ހަތަރު އެކުވެރިންނެވެ. ޔުމްނާއާއި ޝާނީ ދުއްވައިގަތީ އެތާ ތިބި ކުދިންނާއި ދިމާލަށެވެ. އިރުކޮޅެއް ނުވެ ދޯނީގެ ކައްޕި ދޯންޏަށް އަރަން އަންނަން އިޝާރާތް ކޮށްލިއެވެ. ތިން ފިރިހެންވެރިން މަސްޢޫލުވެ އުޅުނީ ދޯންޏަށް އެއްޗިސް އަރުވާށެވެ. އޭރު އަންހެންވެރިން ކުދިވެރިން ގޮވައިގެން ދޯންޏަށް އަރަނީއެވެ.
ފުރިއިރު ގަޑިން ހައެއް ޖަހަނީއެވެ. އެންމެން ސައިބޯން ގެނަ ތަކެތި ހިފައިގެން އެރީ ދޯނި މަތީބަޔަށެވެ. އޭރު ދޯނި ރަށުގެ ބަނދަރުން ނުކުންނަނީއެވެ. ތަށިތަށް އަތުރައިލައިފި ހުރި އިރު އެތާ ނެތް އެއްޗެއް ނެތެވެ. ކެއްކި ބިހާއި، ސޭންޑުވިޗާއި ރޮށްޓާއި މަސްހުންޏާއި މިހެންގޮސް ނަންހުސަވަންދެން ކިޔަސް ރަނގަޅުވާނެއެވެ. ސައިބޮއި ނިމިގެން އެންމެން ފެށީ ތާސް ކުޅޭށެވެ.
ދުވަހަކީ އުޑުމަތި ރީތި އަވިގަދި ދުވަހެކެވެ. ސާފު ބިއްލޫރިކޮޅެއްފަދަ ފާނާލައިފައި އޮތް ކަނޑުގައި އިރުގެ ދޯދިތައް ވިދާ ބަބުޅަމުންދެއެވެ. އުޑުގައި އެންމެވިލާ ރޮއްޖެއްވެސް ނެތެވެ. ލުއި ވައިރޯޅީތައް އައިސް ގައިގައި ބީހެލާއިރު ހިތަށްފިނިކަން ގެނުވައެވެ. އެހާމެ ހިތްގައިމު ދުވަހެކެވެ. ދޯނިމަތީގައި އެންމެން ދިޔައީ މަޖާނަގައި ސަކަރާތްޖަހަމުންނެވެ. އެއްފަހަރު ލަވަބާޒި ކުޅެފިއްޔާ އަނެއްފަހަރު ކުޅެނީ ބަސްބާޒިއެވެ. އެކެއްވެސް އަނެކާ ފޫހިވިޔަކަ ނުދެޔެވެ.
“މަންމީ! ބަލާބަ ޑޯލްފިން!” މަރީއާއި ޝިމާލްގެ ދަރިފުޅު އީޝަލް އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައިގަތެވެ. އެވަގުތު އެންމެންވެސް އެދިމާލަށް ލޯހިންގާލިއެވެ. ތެދެކެވެ. އެންމެ ކޯމަހެއް ނޫނެވެ. ބޮޑު ބައިގަނޑެކެވެ. އެއްބަޔަކު ވީޑިއޯކޮށް އަނެއްބަޔަކު ފޮޓޯނަގަނީއެވެ. “ކޯމަހާއި ކުޅިއެއްދައްކާ!” އިރު އިރު ކޮޅާ ކުދިވެރިން އެހެން ގޮވައިލާނެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެވެ. ހިތްހަމަޖެހުމެވެ.
އަށެއް ޖަހަން ގާތްވެފަ އޮއްވާ އަމްބަރާއަށް ލެފުނެވެ. ޖެޓީމަތިން ހިނގައިފައި އެންމެން ރަށަށް ފޭބިއެވެ. ވަކި ހިސާބަކަށް ހިނގައިލައިރަށް ދާންބޭނުންވި މަންޒިލަށް ދެވުނެވެ. އެއީ އެރަށުގައި ހަދައިފައި އިންނަ ގެއެއްކަހަލަ ތަނެކެވެ. އެތާނގައި އެރަށް ބަލަހައްޓާ ދެ ބަންގާޅިން އުޅެއެވެ. އެދެ ބަންގާޅިން ޔުމްނާމެންނަށް ވަރަށް ހޫނު މަރުހަބާއެއް ކިއެވެ. ކަންތައް ހަމައަކަށް އެޅުމުން އެންމެންވެސް ބޭނުންވީ ރަށުތެރެ ބަލައިލަން ދާށެވެ. އެހެންކަމުން ލަސްނުކޮށް އެންމެންވެސް ހިނގައިގަތެވެ.
ހީސަކަރާތް ޖަހަމުން ދިޔަ ކުދިންތަކުގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދަތުރުގެ އަންހެންވެރިން މަރީއާއި ހަމްދާއާއި ފާތުން އުޅުނީ ދަތުރުގެ ހުރިހާ މަންޒަރުތަކާއި މަޖާތައް ފޯނުގައި ރައްކާ ކުރުމުގައެވެ. ފިރިހެންވެރިން ޝިމާލްއާއި އިލްހާމްއާއި މުހައްމަދު އުޅުނީ ކުދިންނާއި އެކުގައެވެ.
އެރަށަކީ ގުދުރަތީ ރީތި ކަމުގެ މިސާލެކޭ ބުންޏަސް ގޯހެއް ނުވާނެއެވެ. ރަށް ވަށައިގެންވާ ނޫކަންގަދަ މާކަނޑާއި، ހުދުބޯކިރުފަދަ ވެއްޔެވެ. މަގޫ ގަސްތަކާއި ކުރެދި ގަސްތަކެވެ. މިހުރިހާ ކަމަކުން އެދުވަހުގެ ހިތްގައިމުކަން ވަނީ ދެގުނައެވެ. ރަށްވަށައި ބުރުޖަހައިފައި އައިސް އެންމެން ފެށީ ފައިގައިތަޅާ ކުޅޭށެވެ. އަންހެން ފިރިހެން ދެބަޔަށް ބަހައިގެންނެވެ. ކުޅެ ނިމުނުއިރު އެންމެ ތިބީ ވަރުބަލިވެ ބަނޑުހައިވެފައެވެ. އެހެންކަމުން ކުޑަކުޑަ ބުރޭކެއް ނެގިއެވެ. ބޮޑު ދިއްގާ ގަހެއްގެ ހިޔަލުގެދަށުގައި އެންމެން އިށީނދެލައިގެން ތިބެ ޕެކެޓު ބޮއެ ބިސްކޯދު ކަނީއެވެ. ހީސަމަސާ ކުރަމުންނެވެ.
” މަންމީ! ދޮންތި ބޭނުން މޫދަށް އެރެން!” ޔުމްނާ ބުންޏެވެ.
“އަދި މޫދަށް އެރޭ ގަޑިއެއް ނުޖެހޭ… މެންދުރު ކައިގެން އެންމެން އެއްކޮށް އެރޭނީ.. އޭރަކުންނު މަޖާ ވާނީ!” ފާތުން ބުންޏެވެ.
“ދެން މަންމީ!” ޔުމްނާއާއި ޝާނީ ދެމީހުންވެސް ބޮޑާހާކާ ރާގަކަށް ބުންޏެވެ.
“ހިނގާ ހުރިހާ ކުދިން ވެލި ކުޅެންދަމާ!” ޝިމާލު ބުންޏެވެ. ހުރިހާ ކުދިން އުފަލުން ފޮޅުނެވެ. އަދި ހަޅޭއްލަވަމުން މޫދު ކައިރިއަށް ދިޔައެވެ.
“ތީ ރަނގަޅު ގޮތެއް!” ޝިމާލްގެ އަންހެނުން މަރީ ބުންޏެވެ.
“އަހަރުމެން މެންދުރަށް ކައްކަން ވާއިރަށް މުހައްމަދާ އިލްހާމް ދޭބަލަ ދަރު ކޮޅެއް ހިފައިގެން އަންނަން” ހަމްދާ ބުންޏެވެ.
“އާން! ހިނގާ ދާން މުހައްމަދު!” ގައިން ވެލިފޮޅަމުން ތެދުވި ހަމްދާގެ ފިރިމީހާ ބުންޏެވެ.
“ތިމީހުން ދަރު ހިފައިގެން އަންނަން ވާއިރަށް އަހަރުމެން އެއްޗިސް ރެޑީ ކޮށްފަ ބަހައްޓާނަން… އޭރަށް އަވަހަށް ކައްކައި ނިމޭނީ!” ފާތުންތެދުވަމުން ބުނެލިއެވެ.
“ކުދިން ގޮވައިގެން މާ ގިނަ އިރު އަވީގައި ނުތިބޭތި… އިރު ކޮޅަކުން އަންނާތި އެމީހުން ގޮވައިގެން ގެއާއި ދިމާލަށް” ދަމުން ދަމުން މަރީ ޝިމާލް ގާތު ބުންޏެވެ.
އެންމެންވެސް އެމީހުންނަށް ހަވާލު ކުރެވިފައިވާ ކަންތައް ކުރުމަށް ހިނގައިގަތެވެ. އެގާރަ ޖަހަން އުޅެނިކޮށް މުހައްމަދުމެން ދަރު ހިފައިގެން އައެވެ. ފަހަތުން ޝިމާލް ކުދިންތައް ގޮވައިގެން އަންނަތަން ފެނެއެވެ. ބާރަ ޖަހަން ވާއިރަށް ކައްކައި ނިމިއްޖެއެވެ. ނޫޑުލީހާއި ސްޕެގެޓީއާއި ދެވައްތަރެއްގެ ބުއިމެއް ހުއްޓެވެ. އެންމެންވެސް ކެއުންގަނޑުގެ ރަހައަށް ތައުރީފް ކުރިއެވެ.
“ހަމަ ހީވަނީ ފައިވް ސްޓާ ހޮޓަލަކުން ގެނެއްސަ ހުރިހެން!” މުހައްމަދު ސަމަސާ ކުރާ ރާގަކަށް ބުނެލިއެވެ.
“ތެދެއް މަންމީ.. ވަރަށް މީރު!” މަރީގެ ދަރިފުޅު ކަޔާން ބުންޏެވެ.
މެންދުރުގެ ހޫނު ގަދަ އަވިން ސަލާމަތްވުމަށްޓަކައި އެންމެން ތިބީ ހިޔަލުގައެވެ.
“އޭ! ހިނގާ ޖެޓީ މަތިން ފުންމަންދާން! ވަރަށް ޒަމާން ވެއްޖެ އެކަހަލަ ކަމެއް ނުކުރާތާ!” އިލްހާމް ބުންޏެވެ.
“އަސްލުވެސް! އަހަރެން ހަނދާނެއް ނުވޭ އެންމެ ފަހުން ޖެޓީ މަތިން ފުއްމި ދުވަހެއްވެސް! ޓަޗު ގެއްލިފަކަންނޭނގެ ހުންނާނީ!” ހެމުން ހެމުން ފާތުން ބުންޏެވެ.
“އޭ! ދެން ހިނގާ މޫދަށް އެރެންދާން! ކުދިވެރިން މިހާރު އެހެންކިޔާތާވެސް ކޮން އިރެއް!” މަރީ ބުންޏެވެ. އެންމެންވެސް ތެދުވެގެން މޫދާއި ދިމާލަށް މިސްރާބު ޖެހިއެވެ. މޫދަށް އެރިވެސް އެކި ކަހަލަ ކުޅިވަރު ކުޅުނެވެ.
“ޑެޑީ! ބަލާބަ އެއޮއް ކަޅު ކަޅު ވިލާގަނޑެއް” އިނގިލިން އިޝާރާތް ކުރަމުން ޔުމްނާ ދެއްކިއެވެ.
” އެ އެހެން އަންނަ ވިލާގަނޑެކޭ! އޭތި ދާނެ! އަޅާލާ އެއްޗެއް ނޫނޭ! ބަލަ މިހާރުވެސް ކިހާ އަވިގަދަ!” މުހައްމަދު ޔުމްނާއަށް ވިސްނައިދިނެވެ. އޭރު ބާކީ އެންމެން މުހައްމަދަށް ކުދިންތައް ހަވާލުކޮށްފައި ޖެޓީ އަށް އަރައި ތިއްބެވެ. އިސާހިތަކު އެކަޅު ވިލާގަނޑު މުޅި އުޑުމަތި ބައްދާލިއެވެ.
” އޭ އެއޮތް ވާގޮތެއް ބަލާބަލަ!” މަރީ ބުންޏެވެ. ” އަހަންނަކަށް ނުކެރޭނެ ދެން މިތާ ހުންނާކަށް… ފުންމާކަށްވެސް ނުކެރޭނެ! ބަލަ އޮޔެ ބާރުކަން!”
“މަރީ ތިހާ ފިޑިވެގެން ނޫޅެބަލަ! އެއީ އެހެންއަންނަ ވިލާގަނޑެކޭ! ތިހާ ވަރަށް ވިސްނާކަށް ނުވާންނު! ބަލަ މަރީގެ ދެދަރިންވެސް އެތިބެނީ ކިހާ މަޖާވެފަ! ހަމްދާ ބެލީ މަރީ ހަމަޖެއްސޭތޯއެވެ.
އެ ކަޅު ވިލާގަނޑު ފެންނަން އޮންނަ އިރުވެސް އެމީހުން އެ އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟ އެމީހުންގެ ބޯމަތިވާން އުޅޭ ތޫފާނުގެ ހިލަމެއްވެސް އެމީހުންނަށް ނުވާ ކަހަލައެވެ.
“ކޮބާ ކުދިން ހިނގާ ދެން އަރަމާ ދޯ! ބަލަ މިހާރު އެއޮތް ވިއްސާރަވެސް ވަނީ އެންނު!” މުހައްމަދު ކުދިންތައް ގޮވައިގެން މޫދުން އަރަމުން ބުނެލިއެވެ.
“މުހައްމަދުބޭ! ދެން ވިއްސާރަ ވީމަ ރަށަކަށް ނުދެވޭނެތަ! ރަޔާން ވަރަށް ބިރު ގަނޭ އެބަ!” ހަމްދާގެ ދަރިފުޅު ރަޔާން ބުންޏެވެ. މުހައްމަދު ވިސްނާލިއެވެ. ތެދެކެވެ. ހުރިހާ ކުދިން އެހެންނުބުނި ނަމަވެސް އެތިބެނީ ބިރުންނެވެ. ވާނީވެސް އެހެންތާއެވެ. އެވިލާގަނޑު އެހާބިރުވެރިއެވެ. ކުދިންތައް އެއްގަމަށް ލާފައި މުހައްމަދު ދުވަމުން ދުވަމުން ގޮސް ޖެޓީއަށް އެރިއެވެ.
“އަދިވެސް ތިތާ ދޯ؟ ފުއްމަން ކެރޭ ވަރު މީހެއް ނެތްދޯ؟” މުހައްމަދު އެހިއެވެ.
“ފުއްމަން ކެރޭނެތަ އަޅެ؟” މަރީ ބުންޏެވެ. “ނިކަން ބަލާބަލަ އޮޔެބާރުކަން! އަހަރެން މި ހުންނަނީ އެކެއްވެސް ފުއްމިޔަ ނުދީ! އޮޔާ ދިޔައީމަ މާކަށް ރީއްޗެއް ނުވާނެ! ދެންވެސް ހިނގާބަލަ އެއްގަމަށް އަރަން. އަހަރެން ވަރަށް ބުރި ގަނޭ އެބަ!”
” އަހަންނަށް ވެސް ފެންނަނީ ތިގޮތް!” މުހައްމަދު ބުންޏެވެ.
އެންމެން އެއްބަސްވީ އެއްގަމަށް އަރާށެވެ. ފިވަޅެއްވެސް ނޭޅެނީސް ކުއްލިއަކަށް ވައި ބާރުވާން ފެށިއެވެ.
“ޑެޑީ! ޑެޑީ!” ޔުމްނާ ވަރަށް ބާރަށް ގޮވިއަޑު އިވުނެވެ. އެންމެންވެސް އެދިމާލަށް ދުއްވައިގަތެވެ. ނަމަވެސް ވައި ބާރުކަމުން ދުވަން އުދަނގޫވިއެވެ. އެއްގަމަށް އެރިއިރު ލޯހުޅުވޭ ވަރެއް ނޫނެވެ. ވައި ގަދަ ކަމުން ލޮލަށް ވެލި ވަންނަނީއެވެ.
“މަންމީ! ކޮއްކޮ ބިރު ގަންނަނީ!” ރަޔާން ރޯން ފެށިއެވެ. އެތާ ބޮޑުކޮށް ހުރި ހަމައެކަނި ކުއްޖަކީ ޔުމްނާއެވެ. އެހެން ހުރިހާ ކުދިންނަކީ ފަސް އަހަރުން ދަށުގެ ކުދިންނެވެ. ޔުމްނާގެ މަންމަމެނަށް ތިބީ ވައި ގަދަ ކަމުން ކުރިއަށް ނުދެވިފައެވެ. އިރު ކޮޅެއްނުވެ އެ ދެބަންގާޅިން އައިސް ކުދިންތައް ގޮވައިގެން އެތެރެއަށް ވަންނަން ދުއްވައިގަތެވެ. ފާތުންމެންވެސް ލަސްފިޔަޅު ތަކެއްގައި އައިސް ގޭތެރެއަށް ވަނެވެ. ގަހުގައި އެލުވައިފައި އިން އުދޯލި ވިއްސައިގެން ދިޔަ އަޑަށް އެންމެން ދިޔައީ ސިއްސައިގެންނެވެ. މަރީގެ ކުޑަ ދަރިފުޅު ރޯވަރުން އެކުއްޖާ ނިންދެވިއެވެ.
” ދެން ކުރާނީ ކީއް؟” އިލްހާމް އެހިއެވެ.
“މަޑުވާއިރަށް ނައްޓާލަންވީ!” ދޯނީގެ ކައްޕި ބުންޏެވެ.
“ނައްޓާލަންވީއޭ؟ މިވާ ގޮތެއް ނުފެނޭތަ؟ ހަމްދާ ބުންޏެވެ. “ކޮން ޔަގީން ކަމެއް އޮތީ މަޑުވުމަށް ފަހު އަނެއްކާވެސް ގަދަ ނުވާނުކަމުގެ؟ އަނެއްކާ މިއުޅެނީ ކުޑަ ކުޑަ ކުދިންތަކެއް ގޮވައިގެން އައިސް! އަހަރުމެން އެކަނި ނަމަ އެންމެ ރަނގަޅު މަޑުވާއިރަށް ދާން”
“ހަމްދާ އެބުނީ ތެދެއް! ރޭ ކުރަން ޖެހުނަސް އަހަންނެށް ކުދިން ކޮޅު ގޮވައިގެނެއް ކަނޑު މައްޗަކަށް ނާރާނަން!” މަރީ އިތުރުކޮށްލިއެވެ.
“އެންމެ ރަނގަޅު ވާނީ ނުގޮސް އެހައް މަޑު ކުރިއްޔާ! ރޭ ކުރަން ޖެހުނަސް މައްސަލައެއް ނެތް.. އަހަރުމެން ތިކަމާ ވިސްނާނަން” ޝިމާލް ބުންޏެވެ.
“ތިމީހުން ތި ހީކުރަނީ އަހަރެން ވިސްނާނުލައި ބުނެލާ އެއްޗެއް ކަމަށްތަ؟ ބަލަ އަހަރެން ހަމަ ގައިމުވެސް ތިމީހުންނަށް ވުރެ ތަޖުރިބާކާރު ވާނެ! މިކަހަލަ ދުވަސް ދުވަހު އަހަރެންވެސް ދުއްވައިގެން ސަލާމަތުން މިހުންނަނީވެސް!” ކައްޕި ބުނެލިއެވެ.
” ކޮންމެ ފަހަރަކު ވާގޮތަކަށް ނުވާނެ! މިބުނީ އަހަރުމެންނެށް ނުދާނަމޭ!” ފާތުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެހިސާބުން ބޮޑު ޒުވާބުގަޑެއް ފެއްޓުނެވެ. ދާން ނުދާން ހުއްޓާ ވައި މަޑުވިއެވެ.
” ކޮބާ! އެއޮއް މަޑުވީ… ދެންވެސް ފުރަން ހިގާބަލަ! މިތާ ތިބެގެން ވެވޭނެ ވަކި މޮޅެއްނޯންނާނެ! ތިމީހުން ނުދަންޏާ ހެޔޮ! އަހަރެން ބޭނުމެއްނޫން މިތާ މަޑުކުރާކަށް! ތިމީހުން އަންނަން ބޭނުމިއްޔާ އަންނަންވީ! އަހަރެން މިދަނީ ފުރަން ދާން!” އެހެން ބުނެފައި ކައްޕި ޖެޓީއާއި ދިމާލަށް ނައްޓައިލިއެވެ. އެމީހުންނަށް ވެސް މަޖުބޫރުވީ ދާށެވެ. ހިތާއި ދެކޮޅަށެވެ.
” އަދިވެސް ވަގުތު އެބަ އޮތް! އަހަންނަކަށް ނުފެނޭ ދާކަށް” މަރީ ބުންޏެވެ.
” މިނޫން ގޮތެއް ނެތް! އަހަރުމެން މިތިބީ މަޖުބޫރުވެފަ!” ޝިމާލް ބުންޏެވެ.
“އަދި ގޮތެއް ހުހެއް ނުވޭ! ތިމީހުން ދޭ އަހަންނެށް ނުދާނަން!” އެހެން ބުނެފައި އޭނަ ގެ ދެ ދަރިން ގޮވައިގެން އަބުރާލިއެވެ. ޝިމާލް އޭނަ ފަހަތުން ދުއްވައިގަތެވެ.
” އިރާދަކުރެއްވިއްޔާ އަހަރުމެންނަކަށް އެއްވެސް ގޮތެއްނުވާނެ! ލައިފް ޖެކެޓުވެސް ހުންނާނެ!” ޝިމާލް މަރީއަށް ވިސްނައިދިނެވެ. އެންމެފަހުން މަރީވެސް ގޮތްދޫ ކުރީއެވެ.
ފުރިތާ ފަސް މިނެޓުވެސް ނުވަނީސް ގަދަވާން ފެށިއެވެ. މިފަހަރު މާ ގަދައެވެ. އެންމެންވެސް އާދެވުން މޮޔަ ހިތަށް އަރައިފައެވެ. ނަގާ ކޮންމެ ރާޅެއް ދޯންޏަށް ވުރެ ބޮޑެވެ. މުޅި ދޯނި ތެރެއަށް ލޮނު ވަދެއްޖެއެވެ. ނެގި ރާޅެއްގައި ޖެހި ދޯނި އަރިއަޅައިލިއިރު ތެލިތަކާއި އެއްކޮށް ނަގައިފައި ހުރި ލައިފް ޖެކެޓުތަށްވެސް ވިއްސިވިހާލެވިގެން ދިޔައެވެ. ބާކީ އޮތީ އެންމެ ހަ ލައިފް ޖެކެޓެވެ. ނަސީބަކުން ކުދިންނަށް ވާވަރަށް ހުއްޓެވެ.
“އަހަރެން ސަލާމްތް ނުކުރިޔަސް އަހަރެންގެ ދެ ދަރިން ސަލާމަތް ކޮށްދޭތި!” މަރީއަށް ރޯވެންފެށުނެވެ. ހަމްދާ ހޮޑުލަނީއެވެ. އެދެމީހުންގެ ކުދިންވެސް ރޮއެނަގަނީއެވެ. މި މަންޒަރު ބަލަންއިން ޔުމްނާ މާ ހިތްވަރުގަދައެވެ. ނުރޮއެވެ. ނަމަވެސް ބިރުގަތެވެ. ނަސީބަކުން ޝާނީ އޮތީ ނިދައިފައެވެ.
“މަންމާ! ދޮންތިމެން މަރުވަންތަ މިއުޅެނީ؟” މަންމަގެ އަތުގައި ބާރު ބާރަށް ހިފަހައްޓައިގެން އިން ޔުމްނާ އެހިއެވެ.
” ނޭނގެ ދަރިފުޅާ މަންމައަކަށް! އިރާދަ ކުރެއްވިއްޔާ މަންމަމެން އެންމެން ސަލާމަތްވާނެ!” ފާތުން ބުންޏެވެ.
“ރަށު މީހަކަށް ގުޅޭތޯ ބަލާބަލަ ކޮންމެސް މީހެއް… އަހަރެން މިގުޅަނީ ކޯސްޓް ގާޑަށް!” މުހައްމަދު ބުންޏެވެ.
” އަހަރެން އެބަ ގުޅަން ރަށަށް” އިލްހާމް ބުންޏެވެ.
“ސުބުހާﷲ! ރޭންޖު ނުވެސް ލިބޭ… ދެން ކިހިނެއް ކޯސްޓް ގާޑަށްވެސް ގުޅާނީ؟” މުހައްމަދު ބުންޏެވެ.
” އޭ އަހަރެން ފޯނަކަށްވެސް ނުލިބޭ!” އިލްހާމް ބުންޏެވެ. އެކެއްގެވެސް ފޯނަކަށް ރޭންޖެއް ނުލިބުނެވެ. ހަމްދާ ރޮއެގަތީ އަނބުރާ އަމްބަރާއަށް ދިއުމަށް އާދޭސް ކުރާ ހާލުއެވެ.
” ދެނެއް އަނބުރައެއް ނުލެވޭނެ! މާ އޮޔެ ބާރު! އަނބުރައިލައިފިއްޔާ ދޯނި ބަންޑުން ޖެހިދާނެ” ކައްޕި ބުންޏެވެ. ވަކި ހިސާބަށް ދެވުނުތަނާ ކުއްލިއަކަށް އިންޖީނު ހުއްޓުނެވެ. ހަމްދާއާއި މަރީމެން ފެށީރޯށެވެ. އެންމެންވެސް އަމިއްލަ ފުރާނައިގެ ސަލާމަތަށްޓަކައި މާތް ﷲ ގެ ހަޞްރަތަށް ދުޢާ ކުރަނީއެވެ. އެހެންތިއްބާ ނެގި ރާޅަކުން މުޅި ދޯނި އަރިއަޅައިލިއެވެ. އެވަގުތު މުޅިތަން ހެޅޭކުގެ އަޑުން ގުގުމާލިއެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމެވެ. ދޯނި ބަންޑުން ޖަހައެއްނުލައެވެ.
“މަންމީ.. ދޮންތި ވަރަށް ބިރު ގަނޭ އެބަ!” ޔުމްނާ އޭނާގެ މަންމަ ގާތު ބުންޏެވެ.
“ދަރިފުޅާ! ބިރު ނުގަނެ މާތް ﷲ އަށް ވަކީލު ކުރޭ! ކުރުސި ކިޔަންފަށާ!” ޔުމްނާގެ މަންމަ ޔުމްނާއަށް ނަސޭހަތްދިނެވެ. ޔުމްނާގެ މަންމަ އެހެން ބުނަމާއިއެކު ޔުމްނާ ކުރުސި ކިޔަން ފެށިއެވެ. މެދުނުކެނޑި ދެލޯ މަރައިގެން އިނދެ ޔުމްނާ ކުރުސި ކިޔަނީއެވެ. އިރުކޮޅެއް ނުވެ އިންޖީނު އިސްޓާޓުވިއެވެ. ގަޑިއެއްހާ އިރުފަހުން ކަނޑުމަޑު ވާން ފެށިއެވެ. އޭރުވެސް ޔުމްނާ ހަމަ ކުރުސި ކިޔަނީއެވެ. އެއްލޯހުޅުވައަފިއި ޔުމްނާ ބަލައިލިއިރު ކުރިއަށް ވުރެ މަޑެވެ. ޔުމްނާ ކުރުސި ކިޔުމައިގެންކުރިއަށް ދިޔައެވެ. އިރުކޮޅެށް ނުވެ ތަންކޮޅެއް ދުރުން މަސްދޯންޏެއް ފެންނަން އޮތެވެ. ކައްޕި އަވަހަށް މިސްރާބު ޖެހީ އެދިމާލަށެވެ. ދޯނި މަސްދޯނި ކައިރިއަށް ގޮސް އޭގެ ފަޅުވެރިންގެ ފަރާތުން އެހީ ހޯދިއެވެ. ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. އެއްވެސް ފަސްޖެހުމެއް ނެތި އެމީހުން ތިބީ އެހީވެދެން ތައްޔާރަށެވެ. ނަސީބަކުން އެމަސްދޯންޏަކީ ޔުމްނާމެންގެ ރަށާއި ދާދި ކައިރީގައި އޮންނަ ރަށުގެ މަސްދޯންޏެކެވެ.
މެންދުރު ތިނެއްޖަހަނިކޮށް ފުރި މީހުންނަށް ރަށަށް އާދެވުނީ ރޭގަނޑު ހަތްގަޑި ބައި ވަނިކޮށެވެ. މުޅިންވެސް ހަމަ މާތް ﷲ ގެ ކުޅަދުންވަންތަކަމެވެ. އެންމެން ސަލާމަތްވިއެވެ. ކުޑަމިނުން އެކަކައްވެސް އެއްވެސް އަނިޔާއެއް ނުވެއެވެ. މިހާދިސާ ހިނގިތާ ހަތް އަހަރުވީ ނަމަވެސް ޔުމްނާ މި ހާދިސާ މިއަދުވެސް ހަނދާންކުރާއިރު ހީވަނީ އިއްޔެ ހިނގި ކަހަލަ ކަމެއްހެންނެވެ. މިއީ ޔުމްނާގެވެސް އަދި ދަތުރުގައި ބައިވެރިވި އެކެއްގެވެސް ހަޔާތުން ފޮހިވިގެންދާނޭ ކަމެއް ނޫންކަން ކަށަވަރެވެ. އެދުވަހު ޔުމްނާ މަންމަގެ އިރުށާދުގެ ދަށުން ކުރުސި ނުކީނަމަ އެ މީހުން ސަލާމަތް ވާނެކަން ޔުމްނާއަށް މިހާރުވެސް ޝައްކެވެ.
-ނިމުނީ-
One Comment
Comments are closed.



Varah reethi vaahaka eh..masha allah