Skip to content
އެސްފިޔަ

ކިއަރާ (4 ވަނަބައި)…

ދޮރު ހުޅުވާލިއިރު ކުރިމަތީގައި އިސްޖަހާލައިގެން ފުރާވަރުގެ އަންހެންކުއްޖެއް ހުއްޓެވެ. ބޯ އަރިކޮށްލާ ހަބީބް އޭނާގެ މޫނު ބަލަން މަސައްކަތް ކުރާތީވެ އޭނާ އަވަސްއަވަހަށް އެނބުރިފައި ގޭތެރެއަށް ހިނގައިގަތެވެ. މާބޮޑު ކަމަކަށް ނަހަދައި ހަބީބް ދޮރު ލައްޕާލަމުން އެތެރެއަށް ވަނެވެ. ގެ ފަރިތަކޮށް ދަސްވެފައިވުމާއެކު ހަބީބްއަށް މާ ބޮޑު އުނދަގުލަކާއި ދިމައެއްނުވިއެވެ. ސިޓިންރޫމް ތެރެއަށް ނަޒަރު ހިންގަމުން ދަނިކޮށް ބަދިގެއާއި ދިމާލުން މީހަކު ހުރަސްކެނޑިތަން ފެނި އޭނާ އެދިމާލަށް ހިނގައިގަތެވެ.

“ބައްޕާ އައީތަ؟” ހަބީބް ފެނުމާއެކު އަފްރާ ފޮޅުނެވެ. އެއަޑަށް ވަފާވެސް އުނދުން ކައިރީހުރެ ފަސްއެނބުރި ފަހަތް ބަލާލުމަށްފަހު ހީލިއެވެ. އަދުހަމް އެނބުރިލާ ހަބީބްއާއި ސަލާންކޮށްލުމުން ހަބީބް ކިއަރާގެ ވާހަކަ އަހާލިއެވެ.

ހާސްވެފައިވާ ގޮތަކަށް އަހަރެން ކޮޓަރިއަށްވަދެ ޑްރެސިން ޓޭބަލް ކުރިމަތީގައި އިށީނީމެވެ. ވޫލުކޮޅުން ހަރުކޮށްފައި އޮތް އިސްތަށިގަނޑު މިނިވަން ކޮށްލުމަށްފަހު ހަތަރުއުދަރެސް ފެނުޖެހިފައިވާ ގޮތަކަށް ހިތާހިތުން ހަޅޭއްލަވައިގަނެވުނެވެ. އަދުހަމް އަހަރެން ދޫކޮށްލާނެބާވައެވެ؟ އަދުހަމް ހަބީބްގެ ބަސް އަހާނެބާވައެވެ؟ އަދުހަމްއާއި ވަކިވުން އަނެއްކާ ތަޤުދީރުގައި ލިޔުއްވާފައި އޮތީބާވައެވެ؟ އޭރުން އަހަރެން ހާދަ ދެރަވާނެއެވެ. އަދުހަމްދެކެ ލޯބިވިއެއްކަމަކު އެއީ ބޭކާރުކަމެއްހެންވެސް ހީވަނީއެވެ. އިންސާނަކާއި ޖިންނިއަކަށް ގުޅިގެން ނޫޅެވޭނެތީއެވެ. ނަސްލު އޮޅުވާލާ އަހަރެން އަދުހަމްގެ ލޮލުގައިވެސް އެޅީ އަނދުނެވެ. ހަގީގަތް އެނގުނީމާ ދެން އަދުހަމް ކަންކުރާނެ ގޮތެއްވެސް އެނގެނީއެއް ނޫނެވެ. ވަހުމުތައް އައިސް އަހަރެންނަށް ގޯނާކުރަމުންދިޔަ ވަރަކަށް ރޮވެންވެސް ގާތްވާން ފެށިއެވެ. ކޮޓަރިއާއި ދިމާލަށް އަޅަމުންދިޔަ ފިޔަވަޅުތަކެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. ގޮތްހުސްވެ އަހަރެން އިސްޖަހާލީމެވެ. އެތެރެއަށް ވަން އަދުހަމް ފެނިފައި އިހުތިޔާރަކާއިނުލާ އަހަރެންނަށް ފެށުނީ ރޯށެވެ. އަދުހަމްއަށް އަހަރެން ރޯ މަންޒަރު ފެނިފައި ހިތަށް ތަދުވިއެވެ. އަހަރެންގެ ދެކޮނޑުގައި ހިފާ ގޮނޑިން ނެގުމަށްފަހު ލޯތްބާއެކު ގާތްވެލާ ވީ ކިހިނެތްތޯ އަހާލިއެވެ. އަދުހަމްގެ ދެލޮލަށް ބަލާ ހިތުގައި އެނބުރެމުންދިޔަ ވާހަކަތައް ކިޔައިދޭން ބޭނުންވިއެވެ. ކަންވެގެން އުޅޭ ގޮތް އަލިފުން ޔާއަށް ކިޔައިދޭން ބޭނުންވިއެވެ. ހަގީގަތަކީ ކޮބާކަން ބުނެދޭން އެދެވެނީ އެހާމެ ބޮޑަށެވެ. އަދުހަމްދެކެ ލޯބިވާކަމާއި ވަކިވުން ނާދިރުކަމަށް އޭނާގެ މޭގައި ފޮރުވިގެންހުރެ އަންގާދޭ ހިތްވިއެވެ. ހިތްދަތިވެފައިވާ ނަޒަރަކުން އަހަރެންނަށް އަދުހަމްއަށް ބަލަން ހުރެވުނީއެވެ. އެއްޗެކޭ ބުނުމުގެ ކުރިން ކޮޓަރިއަށް އައިސް ވަނީ ހަބީބްއެވެ.

އަހަރެންގެ މޫނު ފެނުމާއެކު ހަބީބް ދުރުވާށޭ ބުނެ އަދުހަމްގެ މުލައްދަނޑީގައި ހިފާ ދުރަށް ހޫރާލިއެވެ.

“ބައްޕާ! އެއީއޭ ކިއަރާއަކީ. ކިހިނެއްވެގެންތަ ތިއުޅެނީ؟” އަދުހަމް ކުޑަ ރުޅިވެރިކަމަކާއިއެކު ހަބީބްއަށް ބަލާލިއެވެ.

“މި ކިއަރާއާއި އަހަރެންގެ އެއްވެސް ދަރިއެއް ގާތްވެގެން ނުވާނެ!” އަޑަށް ބާރުލާ ހަބީބް އަދުހަމްއަށް ބަލާލާ އެހެން ބުނި ވަގުތު އަރީންއާއި އަރާޔާއާއި އަފްރާ ވަނެވެ. ވެގެން އުޅޭގޮތް ނޭނގޭތީ އެމީހުންވެސް އިހުތިޔާރުކުރީ ހިމޭނުން ތިބުމަށެވެ.

ދެވަނަ ސިކުންތުގައި ހަބީބްގެ ރުޅިވެރި ބެލުމާއި އަހަރެންގެ ހަތަރުކަޅި ހަމަވިއެވެ. އަދުހަމްއާއި މިހާރުން މިހާރަށް ދުރުވާން އޭނާ އަހަރެންނަށް އަމުރުކޮށްލިއެވެ.

“މަގޭ އެއްވެސް ދަރިއަކާ ވައި އެޅިގެން ނުވާނެ. އަހަރެން ކަލޭގެ ބައްޕަ މަރާލީތީ ބަދަލު ހިފަންވެގެން ދޯ މިގެއަށް ވަދެގަނެގެން ތިއުޅެނީ؟ ހަބަރުދާރު! މިގޭ އެއްވެސް…” ހަބީބް އަހަރެންނަށް ބުނަމުން ދިޔަ ޖުމުލަތައް ފުރިހަމަ ނުވަނީސް މުސްކުޅި އުމުރުގެ ފިރިހެނަކާއެކު ވަފާ އެތެރެއަށްވަނެވެ. ހަބީބްއަށް މަހުދީ ފެނުމާއެކު ތިއައީ ރަނގަޅު ގަޑިއެއްގައި ކަމަށްބުނެ އޭނާއަށް އަހަރެން ދައްކާލިއެވެ.

މަހުދީގެ ދެލޯ ބޮޑުވިއެވެ. ހައިރާން ނުވާށެވެ. ބައްޕަ މަރާލަން މެދުވެރިވި ސަބަބަކީވެސް އަހަރެންނެވެ. އަހަރެން އަންދާލުމަށްޓަކައި މަހުދީ އަހަރެންނާއި ދިމާލަށް ފޮނުވާލި އެންމެ ފަހު ހަމަލާއައިން އަހަރެން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެހަމަލާގެ އަމާޒުފަތްގަނޑަކަށް ވީ އަހަރެންގެ ބައްޕައެވެ. އަލިފާނުތެރޭ އަނދައަނދާ ބައްޕަ އޮވެ އަހަރެންގެ ގާތުގައި އެނބުރި ނަސްލަށް ދިއުމަށް އާދޭސްކުރިއެވެ. ވޭނާއެކު ދަހުގެ ސަލާން ކުރުމަށްފަހު އަހަރެންނަށް ޖެހުނީ ބައްޕަ އެހާލުގައި ދޫކޮށްލާފައި ދާށެވެ.

“ފެންތަށްޓެއް! ދޮރުމަތީ އެހެރަ މާގަސްތަކުގެ ތެރޭން ރަތް ފިނިފެންމަލެއްވެސް ގެނޭ!” މަހުދީ އަމުރުކޮށްލިއެވެ. ހަބީބް ދުއްވައިގަތެވެ. އަދުހަމް މެން ތިބީ އަދިވެސް ވާނުވާގައެވެ. ފިނިފެންމަލަކާއި ފެންތަށްޓެއް ގެނައުމާއެކު މަހުދީ ދެފައި އޮޅާލުމަށްފަހު އިށީނެވެ. ތުން ތަޅުވަމުން އޭނާ ކޮންމެވެސް އެއްޗެއް ކިޔަވަން ފެށުމާއެކު ކިއަރާއަށް އިތުރަށް ރޮވެންފެށުނެވެ.

“ބޭބޭ، އަހަރެންނަށް އޮޅިގެންނޭ ރައުފާއަށް ގޯނާކުރެވުނީ. ބޭބެގެ ކޮއްކޮއެއްކަން އެނގުނުހާ އަވަހަކަށް ރައުފާ ރަނގަޅުވެސް ކުރީމެއްނު؟” ގިސްލަމުން ކިއަރާ ދެއްކި ހުރިހާ ވާހަކަތަކަށް ސަމާލުކަން ދީގެން ތިއްބެއްކަމަކު މަހުދީއާއި ހަބީބް ފިޔަވާ އެހެން އެއްވެސް މީހަކަށް ވާނުވައެއް ނޭނގެއެވެ.

ފެންތަށީގެ އެއްބައި ތަޅުންމައްޗަށް ވަރާލުމަށްފަހު އިރުކޮޅަކަށް މަހުދީ ކިޔަވާލިއެވެ. އެއަށްފަހު އަތުގައި އޮތް ފިނިފެންމަލުގެ ފިޔަތައް ނައްޓާ ފެންތަކުގެ މައްޗަށް ބުރުވާލުމާއެކު ހަށިގަނޑުގައި އަޅަންފެށި ދިލަ ވޭނުގެ ސަބަބުން ކިއަރާއަށް ހަޅޭއްލަވައިގަނެވުނެވެ.

“ބައްޕާ! އެ ބެއްޔާ ކައިރީ ބުނޭ ކިއަރާއަށް އެހެން ނުހަދާށޭ. ކިއަރާ މިވީހާ ދުވަހުވެސް އަހަރެމެން އެއްވެސް މީހަކަށް ގެއްލުމެއް ނުދޭ. ބައްޕައަށް ހީވަނީތަ އަހަރެންނަށް ކެތްވެއޭ ކިއަރާއަށް އަނިޔާ ކުރާއިރު؟” އަދުހަމް ހަބީބްއަށް އާދޭހުގެ ރާގަކަށް ބުންޏެވެ.

“މި ކިއަރާއަކީ ޖިންނިއެކޭ. އެހެން ނަސްލެއްގެ ރައްޔިތެކޭ. ކެތްވޭހޭ އަހާއިރު އަދުހަމް ލަދެއް ނުގަނޭތަ؟” ހަބީބް ލޯ ހަނިކޮށްލުމަށްފަހު އަދުހަމްއަށް ބުނެލި އެއްޗަކުން އެންމެން ދިޔައީ އެއްލިގެނެވެ.

ހިމޭންކަމުގެ ވަގުތުކޮޅެއް ދިޔައެވެ. ހަބީބްގެ އެންގުމަކަށް މަހުދީވެސް މަޑުޖެހިލައިގެން އިންކަމުން އަހަރެންނަށް ލުއިވަން ފެށިއެވެ. މޭގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރަމުން އަހަރެން މޭގައި އަތްއަޅައިގެން ތެދުވަން އުޅުނީމެވެ. ނަމަވެސް ހަށިގަނޑު ވަރަށް ބައްޔެވެ. ތެދުވަން އުޅުނެއް ކަމަކު ނުތެދުވެވުނެވެ. އަދުހަމްއަށް މަންޒަރު ފެނުމުން އައިސް އަހަރެން ނެގިއެވެ. ދެވަނަ ސިކުންތުގައި ހަބީބް ލޯ އަޅާލި މަންޒަރު ފެނުމުން އަދުހަމް އަހަރެން އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

“ކިއަރާ އުޅެނީ ބަދަލު ހިފާކަށް ނޫން! ބައްޕަ ތިބުނާގޮތަށް ބަދަލު ހިފަން ބޭނުމިއްޔާ ކިއަރާއަށް އެކަން ކުރާނެހާ ވަގުތުވެސް ލިބުނު. އެކަމަކު އަހަރެމެން އެކަކަށްވެސް ގެއްލުމެއް ނުދެއެއްނު؟ އެހެންވީމަ ހަމަމިހާރު ތި ކިޔަވާ ކިޔެވެލި ހުއްޓާ! ކިއަރާ މިގެއިން ނެރެލިޔަސް ގެއްލުމެއްދިނަސް އަހަރެން މިގެއިން ނިކުމެގެން ދާނަން” އަދުހަމް އިންޒާރުގެ ރާގަކަށް ހަބީބްއަށް ބަލަމުން ބުންޏެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަބީބް އަތުގެ އިޝާރާތުން މަހުދީއަށް ހުއްޓާލުމަށް އެންގިއެވެ. މަލުގެ ފިޔަތަކާއި ފެންފޮދު ކުޑަދޮރުން ބޭރަށް އުކާލުމަށްފަހު ހަބީބް ބިއްލޫރިތަށި މޭޒުމަތީގައި ބޭންދިއެވެ.

“ގެއްލުމެއްނުދީ ދޫކޮށްލަފާނަން. އެކަމަކު އަދުހަމް ކިއަރާއާއި ގުޅިގެން އުޅޭކަށް ބައްޕަ ބޭނުމެއްނޫން” ހަބީބް އަދުހަމްއަށް ކިއަރާއާއި އެއްކޮށް އުޅެން ނުރުހޭކަން ހާމަކުރިއެވެ.

“ކީއްވެ ބައްޕާ؟ ކިއަރާ ނުކުރާނެ އެއްވެސް ކަމެއް. ބައްޕަ މި ދައްކާ ވާހަކަ ގަބޫލުކޮށްބަލަ” އާދޭހާއެކު އަދުހަމް ހަބީބްގެ ކައިރީގައި ކިޔަންފެށިއެވެ. އެއާއިއެކު ހަބީބް ކިއަރާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ކިއަރާ ބަލާލިގޮތުން އޭނާވެސް އަދުހަމް ބޭނުންވާވަރު ހަބީބް ދެނެގަތެވެ.

އެއްޗެކޭ ނުބުނެ ހަބީބް ކާން ހިނގާށޭ ބުނެ ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. އެންމެން އެއްތަށިމަތީގައި ކަމުން ދިޔަ އިރުވެސް އަނގައިން ބަހެއް ނެރުނު އެކަކުވެސް ނެތެވެ. މަހުދީ ކައިނިމިގެން ގެއަށް ދަނީ ކަމަށްބުނެ ގެއިން ނިކުތުމުން ހަބީބް ދޮރު ޖަހާ އެނބުރިލުމަށްފަހު ކިއަރާއަށް އިށާރާތް ކޮށްލާފައި އައުމަށް ބުންޏެވެ. އަދުހަމްއަށް ބަލާލުމަށްފަހު ކިއަރާ މަޑުމަޑުން ހަބީބްގެ ފަހަތުން ސިޑީގެ ހަރުފަތްތައް ގިރާކުރަމުން މައްޗަށް އެރިއެވެ.

“ކިއަރާގެ ބައްޕައަކީ ޖިންނިއެއްކަަމަށް ގަބޫލުކުރަންތަ؟” ހަބީބް އުޅޭ ކޮޓަރިއަށް އަހަރެން ވަނުމުން ކޮޓަރި ތަޅުލާފައި ހަބީބް އެއްސެވެ.

އަހަރެން ބޯ ޖަހާލީމެވެ. ހަބީބް އަހަރެންނަށް ބަލަން ހުރި ގޮތުން އޭނާގެ މަޤްސަދު އަހަރެންނަށް އެއްގޮތަކަށްވެސް އޮޅުމެއް ނުފިލިއެވެ.

“މިވީހާ ދުވަހު އެހެންވީމަ ކަވްޔާ އުޅުނީ ކިއަރާއަށް ކިއަރާގެ ބައްޕައަކީ ކާކުކަން އޮޅުވާލައިގެން ދޯ؟” ހަބީބްގެ އެ ބަސްކޮޅު ވަގުތުން އަހަރެންގެ ހުރިހާ ސަމާލުކަމެއް ދަމައިގަތެވެ. އާޝޯހްވެފައިވާ ޒާތަކަށް އަހަރެން ދެލޯ ބޮޑުކޮށްލަމުން މަންމަ އެނގެނީ ކިހިނެއް ހެއްޔޭ އަހާލީމެވެ. އަހަރެންގެ މަންމަގެ ނަން ހަބީބްއަށް އެނގުނީތީ އަހަރެން ހުރީ ކުޑަވަރެއްގެ ޝޮކެއްގައެވެ. ކަވްޔާ އަހަރެންނަށް ހުރިހާ ވާހަކަތަކެއް ވަންހަނާ ކުރީކަމަށް ނިންމާފައި ހަބީބް ކަންތައް ހިނގާފައިވާ ގޮތް ކިޔައިދޭން ނިންމިއެވެ. ހަބީބް އެންމެ ފުރަތަމަ ބުނެލި ޖުމްލައިންވެސް އަހަރެން ދިޔައީ އެއްލިގެނެވެ. ވެރިވެގަތް ސިހުމާއެކު ކީއްވެހޭ ހީވާ ކިތަންމެ ސުވާލުބޮޅުތަކެއްވެސް   ސިކުނޑިތެރޭ އެތުރުނެވެ. ބޮލުގައި ރިއްސާލި ސިކުންތުގައި އަހަރެންނަށް އިހުސާސްކުރެވުނު ތަދާއެކު ބޮލުގައި އަތް އަޅާލެވުނެވެ. ލޯ މައްޗަށް އަނދިރިވާންފެށިއެވެ. ލޯ މެރެމުން ދިޔަ އިރު އެންމެ ފަހު މަންޒަރަކަށް ފެނުނީ އަހަރެންނަށް ގޮވަމުން އަދުހަމް ދުވެފައި އަހަރެންނާއި ދިމާލަށް އައި މަންޒަރެވެ.

Comments (13)

  1. Lee???

    Mi Bai V reethi waiting for the next part love you sis ?? ?

    1. ayeshathh._
      Lee???

      Yess.. love you too. Varah avahah and Bai ves up kohdheynan❤️

  2. Lee???

    Thanks sis but do it fast it’s an older ???? love you more ????????

  3. Lee???

    This is one of my favorite story ?thats why ??

  4. Lee???

    Sorry I meant order

    1. ayeshathh._
      Lee???

      Yes. I will upload it awahah meege fahun

  5. Lee???

    Sis you uploaded this story on August 5 and today is August 23?????????? please please upload it soon ??????????????????mashaa Allah ???this story is beautiful ?????????but please upload the next part soon???????

    1. ayeshathh._
      Lee???

      Alheyy..ebaiwess submit koffin. Ofc I will upload avahah❤️?

  6. Lee???

    Awwwww sorry don’t mind ingee tanks my lawbi sis ??????? ? ?

    1. ayeshathh._
      Lee???

      Thankyou for your support❤️

  7. ?Lee?

    My support is always with you my lawbi sis

  8. ?Lee?

    Hey sis How many years old are you and from Wich island are you hey don’t mind just asking

    1. ayeshathh._
      ?Lee?

      15. From Rasdhoo

Comments are closed.