ހަމަ އެހިނދު ކޮޓަރި ތެރޭގައިވީ ގަދަ އަލިކަން ނެތި ކަނު އަނދިރިކަން ވެރިވެގަތެވެ. ނިކްހާ ދެލޯ ތަންމިނަށް ހުޅުވާލީވެސް އެވަގުތުއެވެ. އޭނާގެ ލޮލުގެ ކަޅި ފެންނަން ނެތް އިރު ލޯ ވަށައިގެން ގަދަ ރަތް ކުލައިގެ ބައެއް ވިއެވެ. އަތުގެ ނިޔަފަތިތައް ދިގުވެ ބުޅިވަމުން އައެވެ. އޭނާގެ ހަށިގަނޑަށް ހަރަކައިތެއް ނުގެނެއެއް ކަމަކު އޭނާގެ ސިފަ ބަދަލުވެ ހުތުރު ވަމުން އައީ އެތާ އިންސާނަކު ހުރި ނަމަ ހެއަށް ގޮތްވާ ވަރަށެވެ.
ނަމަވެސް އޭގެ ކުޑަ ހިނދުކޮޅެއް ފަހުން ކޮޓަރި ތެރެ އަލިވެގެން ދިޔައިރު ނިކްހާގެ މޫނުމަތީވީ ކުރިންވެސް ހުރި މައުސޫމް ކަމެވެ. އިހު ހުރި ގޮތަށް ހުރިހާ ކަމެއް ބަދަލުވި ނަމަވެސް ނިކްހާގެ މޫނުމަތީވަނީ މާޔޫސް ކަމެވެ.
*** ** ***
“ކޮބާ މަންމާ އަހަރެން އެއިރުވެސް ބުނީމެންނު ނިކްހާ ރަނގަޅެއް ނޫނޭ… އެކަމަކު އޭނަ ނުއެއް ބުނާނެ… ނިކްހާ ހީކުރަނީތަ މީހެއް ކައިރީ ނުބުނެ ހުރީމަ ރަނގަޅު ވާނެ ކަމަށް… އަހަރެމެން މާ ދުރު ބައަކަށް ހަދައިގެން ތި އުޅެނީ ކީވެތަ… އަނެއް ކޮޅުން ނުއެއް ކައި..” ނިކްހާ ބޭއްވިފައި އޮތް އެނދުގެ އެއްފަރައިތުގައި ހުރެ ޔަނާލް ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ކައިރީ ގޮނޑިއެއްގައި ފަރީޝާވެސް އިނެވެ. ނިކްހާ ފަރީޝާމެންނާ ދުރުފަރައިތަށް އެނބުރި އޮތްއިރު އޭނާގެ ދެލޮލުން ފައިބަމުން އައި ކަރުނަ ތަކުން ބޯދަށުގައި އޮތް ހުދު ބާލީސް ތެންމަމުން ދިޔައެވެ.
ޔަނާލް ނިކްހާގާތު ކާނީ ކޯޗެއްތޯ އަހަން އޭނާއާ ވީފަރައިތަށް އެނބުރުނު ވަގުތު ހައިރާން ވިއެވެ. ނިކްހާގެ މެރިފައިވާ ދެލޮލުން ފައިބަމުން އައި ކަރުނަ ތައް ފެނި އޭނާގެ ހިތައް ގޮތެއް ވެލިއެވެ. ނިކްހާ ބަލިކޮށް އުޅެނި ކޮށް އޭނާއަށް ދެރަވާފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ޔަނާލް ދެރަވެސް ވިއެވެ.
“ނިކާ… ސޮރީ އަހަރެން އެހެން ބުނިއެއްޗެއް ނޫނޭ… ނިކާ ބަލިވީމަ…” ޔަނާލް ތަކުރާރު ކޮށް މަޢާފަށް އެދެމުން ވާހަކަ ދެއްކިއެވެ.
ނިކްހާ ފަރީޝާމެން ގާތު ވާހަކަ ދައްކަން އިންތިހާއަށް ބޭނުން ވެއެވެ. ނަމަވެސް އޭނާގެ ދުގައި ތަޅު އެޅުވިފައި ވާފަދައެވެ. އޭނާ ދެލޯ މަރައިގެން އޮތްކަމުގައި ވީނަމަވެސް އެ ބިރުވެރި ސޫރަ ލޮލަށް ސިފަވަމުން ދިޔައެވެ. ލޯ ހުޅުވައި ފަރީޝާމެންނާ ކުރިމަތި ލާނެ ހިތްވަރެއްވެސް އޭނާގެ ނެތެވެ. ހަދާނެ ގޮތް ބޮޑުވެ ރޮވެން ފެށުނީ އެހެންވެއެވެ. ލޮލަށް ސިފަ ވަމުން ދިޔަ އެ ސޫރައިން އޭނާއަށް ދެލޯ މަރައިގެން އޮތުންވީ ދަތި ކަމަކަށެވެ. ކުއްލިއަކަށް ލޯ ހުޅުވާލި ވަގުތު ކައިރީގައި ހުރި ޔަނާލް ފެނި ލިބުނު ސިހުމުގައި ހަޅޭއް ލަވައި ނުގެނެވުނީ ކިރިޔާއެވެ. ޔަނާލް އިތުރު ސުވާލަކާ ނުލައި ކާއެއްޗެހި ގަންނަން ދަނީކަމުގައި ބުނެ އެތަނުން ނިކުތީ އެވަގުތު އައި އިލްހާމް އާއި އެކުގައެވެ.
ޑޮކްޓަރު އައިސް އައިވީ ހުސްވުމުން ގެއަށް ފޮނުވާނެ ވާހަކަ ބުންޏެވެ. ޑޮކްޓާރ ވެސް ޔަނާލްވެސް އެންމެންވެސް ކިއަނީ ނިކްހާ ނުކާތީ ވާގޮތެއް ކަމަށެވެ. އެހެނަސް އެކަން ދޮގުކޮށް ހަޤީގަތް ހާމަކުރަން އޭނާ ބޭނުމެވެ. ނަމަވެސް އެވަރުގެ ހިތްވަރެއް މިއަދު އޭނާގެ ގައަކު ނެތެވެ. އެ މަޚްލޫޤު އަބަދު އޭނާއަށް ފެންނަ ހިސާބުގައި އުޅެއެވެ. އޭނާއަށް ބިރުދައްކައެވެ. އިންޒާރު ދެއެވެ. އެކަމުގެ ސަބަބުން އޭނާގެ ނަފްސު ބަލިކަށިވެ މީހާއަށް އަބަދު ފުންހިޔާލެއްގެ ތެރޭގައި އިނދެވެއެވެ.
މިކަންތައްތައް ދިމާވާން ފެށިފަހުން ނިކްހާއަށް ނަމާދުތަކަށް ފަރުވާ ކުޑަ ކުރެވެން ފެށީ ހުދު އޭނާއަށް ވެސް ނޭނގިއެވެ. މިއީ އެމަޚްލޫޤަށް ނިކްހާއާއި ކައިރިވާން ފަހިކޮށްދެވޭ މަގެއްކަމެއް އޭނާ ނުދެނަހުއްޓެވެ.
*** ** ***
ބުރުނޭނގޭ ވަރަށް އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރު ހުސްކޮށްލައިގެން ނަޔާނީ އޮތްއިރު އެ ބޮޑު ދެލޮލުގައި މުތީ ތަކެއް ފަދައިން ކަރުނަތައް ވިދަމުން ދިޔައެވެ. ދަންވަރުގެ އެ ފިނި ފިނި ވަގުތު ކޮންމެ ނަފްސެއްވެސް ބޭނުންވާނީ ނިދީގެ ފޮނި މީރުކަން ހޯދާލަންކަން ހަމަ ޔަޤީނެވެ. ނަމަވެސް އޭނާގެ ދެލޮލާއި ނިދިވަނީ މާ ދުރުގައެވެ. އޭނާގެ ވިސްނުމާއި ސިކުނޑި ގުޅިފައި ވަނީ އޭނާގެ އެކަނިވެރި ހަޔާތުގެ ޞަފްޙާ ތަކާއެވެ.
**
އޭނާ ހަނދާން ހުންނަން ފެށީއްސުރެވެސް އޭނާ އުޅެމުން އައީ މަންމަ ގާތު އައްޑޫގައެވެ. ބައްޕައެއް އަދި އާއިލާގެ މީހަކު ދުނިޔޭގައި އުޅޭކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެއިރު އޭނާގެ އުމުރުން ވާނީ ގާތް ގަނޑަކަށް ހަތަރެއް ނުވަތަ ފަސް އަހަރެވެ. އޭނާއަށް އަބަދުވެސް ފެންނަނީ މަންމަގެ ނަފުރަތުން ފުރިފައިވީ ދެލޮލާއި މަންމަގެ ރަޙުމު ކުޑަ އަނިޔާތަކެވެ.
އެއީވެސް އޭގެތެރެއިން ދުވަހެކެވެ. ކުޅެން އުޅުނު ގޮތަށް ނިދިފައި އޮތް ނަޔާނީއަށް ސިހުންގެނުވީ ބާރު އަޑުފައްގަނޑަކުންނެވެ. އެއްޗެހި އުކާ އަޑާއި ހަޅޭއްލަވާއަޑުން މުޅި ތަނުގެ ހަމަހިމޭންކަން ނަގާލާފައި ވިއެވެ. ބިރުން ހުރެވެސް ނަޔާނީ ގޮސް ދޮރުހުޅުވައި ބަލައިލިއެވެ. ފެނުނީކީ އާ މަންޒަރެއް ނޫނެވެ. އަވަށްޓެރި މީހަކާއި މަންމައާ ޒުވާބު ކުރަނީއެވެ. އެމީހުން ކީއެއްޗެއް ނަޔާނީއަށް ފަހުމު ނުވި ނަމަވެސް އެ މަންޒަރުން އޭނާ އަށް އެތަކެއް ނޭދެވޭ އަސަރުތަކެއް ކުރިއެވެ.
ކިލަލުން ތަތްތެޅިފައިވާ އެ ކުޑަ ކުޑަ މޫނުގައި ވަނީ މޮޅިވެރި ކަމެވެ. އެ ބޮޑު ދެލޯ މަންމައަށް އަމާޒު ކޮށްލައިގެން ހުރި އިރު މަންމަ ހިނިތުންވެލަމުން އައިސް އޭނާ އުރާލާ މަންޒަރު ލޮލަށް ސިފަވިއެވެ. އެހެނަސް ނަޔާނީއަށް މަންމަގެ ފަރައިތުން ލިބެނީ ވޭނާއި އަނިޔާއެވެ. ހިތްދަތި ކަމެވެ. އެހެންކުދިން އެކުދިންގެ މަންމަ މެންނާއެކު ކުޅެ ސަކަރާތް ޖަހާ މަންޒަރުން އެހިތަށް ތަދުވެއެވެ. އެ ކުޑަ ހިތް ވަނީ ޖަވާބު ނުލިބޭ އެތަކެއް ސުވާލު ތަކަކުން ބަރާވެފައެވެ.
ނަޔާނީ ގިނަ ވަގުތު ހޭދަ ކުރަނީ އެތާ ކައިރި ގެއެއްގައި އުޅޭ ޝާމިލާ ދައްތަގެ ކުދިންނާއި އެކުގައެވެ. އެ ދައްތަގެ ހިތް ހެޔޮކަމުން ނަޔާނީ އަށް އަބަދުވެސް އެހީތެރި ވެއެވެ. ނަމަވެސް އެކަންވެސް ދެމި އޮތީ ދާދި މަދު ދުވަސް ކޮޅަކަށެވެ. މަންމަ އޭނާ ކޮޓަރިންވެސް ނުކުތުން މަނާކޮށް ބަންދު ކޮށްފައި ބެއިންދިއެވެ. ދުވާލަކު މަދު އެތިކޮޅެއް ފިޔަވައި ކާލާނެ އެއްޗެއް ނުދީ ބެއިންދުމުގެ ނަތީޖާއަކަށް ވީ ކުރިން ހުރިވަރަށް ވުރެ ވެސް އެކުއްޖާގެ ހަށިގަނޑު ނިކަމެތި ވުމެވެ.
ކޮޓަރީގެ ހަތަރު ފާރުތެރޭ ކުޑަ ކުޑަ ނަޔާނީ ބަންދު ކޮށްފަ ބަހައްޓަން އުފަން މައިމީހާއާށް ކެތްވޭބާއެވެ. ކޮންމެ ދުވަހަކު އެތަކެއް އަނިޔާ ތަކެއް އެމަންމަގެ ފަރައިތުން ނަޔާނީ އަށް ލިބެއެވެ. އަބަދާ އަބަދު ނަޔާނީ ރޯލަ ރޯލާ ހުންނަ އިރު އެ ކުޑަ ކުޑަ ފުރާނަ ފެންބޮވައި ގަނެފައި ވަނީ މަންމަގެ އޯގާތެރި އަތުގެ ފިރުމުން ތަކަށެވެ.
އެއީވެސް އެފަދަ ރެއެކެވެ. ވިދުމުގެ އަލި ނުކެނޑެނީސް ގުގުރުމުގެ އަޑުން މުޅި ފަޒާ ގުގުމާލަލަނީ ދުލުން ބަޔާން ކޮށްދެވޭ ވަރަށް ވުރެވެސް ބާރަށެވެ. ނަޔާނީއަށް ވެސް ސިއްސައިގެން ގޮސް ހޭލެވުނީ ގުރުމުގެ އަޑަށެވެ. ގުގުރާނަމަ އިންތިހާއަށް ބިރުގަންނަ ނަޔާނީއަށް ފުރަތަމަވެސް ގޮވާލެވުނީ މަންމައަށެވެ. ދެވަނަ ފަހަރަށް ގުގުރާލުމާއެކު ނަޔާނީއަށް ބިރުން ރޮވެންފެށުނެވެ. އެނދުން ފައިބާ ދޮރާދިމާއަށް ދުއްވައިގަތްއިރު އެ ކުޑަކުޑަ ހިތް ޑަން ޑަން ލާފައިތެޅެއެވެ. ދުވެފައި ނުކުތް ނަޔާނީއަށް ނިކުމެވުނީ މަންމަގެ ކުރިމަށްޗަށެވެ. މަންމަގެ ހިމާޔަތް ނުހަނު ބޭނުން ވެފައިހުރެ ނަޔާނީ މަންމަގެ ފައިގައި އޮޅުލައިގަތެވެ.
އެހެނަސް އެމަންމަ ކަންތައް ކުރީ ކިހިނެތް ތޯއެވެ. ހަޑިއެއްޗެއް ޖެހުމުން ފޮޅާލާ ޒާތަކަށް ނަޔާނީ ދުރަށް ހޫރާލިއެވެ. ނަޔާނީ ރޮއެގަތުމުން ހަޅޭއްލަވައިގަނެފައި ގޮސް އޭނާގެ އަނގަ މަތީ ހިފިއެވެ. އެއިރު ނަޔާނީ އޭނާގެ މަންމައަށް ބަލަންއޮތީ ތިހެން ނަހަދާށޭ ބުނާ ފަދައަކުންނެވެ.
ވެއްޓުނު ގޮތަށް ނުތެދުވެވިފައި އޮތް ކުޑަ ކުޑަ ނަޔާނީ ދަމާފައި ގެންގޮސް ގެއިން ނެރެ ހޫރާލީ އޭނާގެ އުފަން މަންމަގެ ދެއަތުންނެވެ. މިފަދަ ވިއްސާރަ، ވިދާ ގުގުރާ ރެއަކު ތިމާގެ އަމިއްލަ ދަރިއަކަށް އެހެން ހަދަން ކެރިދާނެ ހެއްޔެވެ؟؟ އޭނާގެ ހިތުގައި މައިވަންތަ ކަމުގެ ކުޑަވެސް ލޮއެތްބެއް ނެތީބާއެވެ؟؟ މަންމަގެ ލޮއެތްބަށް އެދި ސަލާން ޖަހަމުން ދިޔަ ކުޑަ ކުޑަ ދަރިއަކަށް އެހެން ހަދަން ހެޔޮވާނެ ހެއްޔެވެ؟؟
ބިރުން އެ ކުޑަކުޑަ ހިތް ތެޅި ފޮޅެމުން ދިޔައެވެ. ބޯވާރޭ ތެރޭ އެ ކުއްޖާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނާގެ ލޮލުން ފައިބަމުން އައި އެތައްހާސް ކަރުނަތައް ވާރެއާއި އެކުވެ ދޮއެވެމުން ދިޔަ ނަމަވެސް އެ ހިތުގައި އެވާ ޝަކުވާތަށް އެހާ ފަސޭހައިން ފިލާފާނެ ހެއްޔެވެ؟؟
އިރެއް އިރަކަށް ވާރޭ ބޯކުރަމުން އައި އިރު ގުގުރުންވެސް ދިޔައީ ގިނަވަމުންނެވެ. ގޭގެ ދޮރު ކައިރީ ދެކަކުލުގައި ބޯއަޅާލައިގެން ނަޔާނީ އޮތް އިރު އެ ކުޑަ ހިތަށް ކުރާނޭ އަސަރު އަންދާޒާވެސް ކޮށް ނުލެވޭނެއެވެ.
ދުވަހަކަށް ފަހު ދުވަހެއް ވޭތުވަމުން ދެއެވެ. ނަޔާނީއަށް ލިބެމުން އައި އަނިޔާތަކައް ނިމުމެއް ނައެވެ. ކޮޓަރީގެ ފާރުކައިރީ ވިސްނުމަކަށް ގެއްލިފައި އިން ނަޔާނީއަށް ސިހުންގެނުވީ ކޮޓަރި ދޮރުގައި ޓަކިޖަހާ އަޑަށެވެ. މަޑުމަޑުން ދޮރު ހުޅުވާލި އިރު ކުރިމަތީ ހުރި މީހާފެނި އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ޝާމިލާއްތަ..” ވައިއަޑެއްގެ ސިފައިގައި ނަޔާނީއަށް ގޮވާލެވުނެވެ. މަންމަ ދީފައި އޮތް އިންޒާރު ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ސިކުނޑިން އެއްފަރާތް ވިއެވެ. ޝާމިލާދައްތަގެ ގައިގައި ބައްދާލައިގެން ހުރެ ނަޔާނީ ހިތްފުރެންދެން ރޯލިއެވެ.
ޕާރުސަލް ކޮއްފައި އޮތް މެދުވަރެއްގެ ފޮށި އުގަށްލައިގެން ނަޔާނީ އިނީ ލުއި ހިނިތުން ވުމަކާއި އެކުއެވެ. އެއީ އޭނާގެ ހަވަނަ އުފަންދުވަސް ކަން އޭނާއަށް އެނގުނީ ވެސް ޝާމިލާއްތަ ބުނުމުންނެވެ.
އޭނާއަށް އުފަންދުވަހު މަންމަދިނީ މުޅިން ތަފާތު ހަދިޔާއެކެވެ. ދުވަހަކު ހަނދައިނުން ފިލައިގެން ނުދާނެފަދަ ހަދިޔާއެކެވެ. މުޅި އުމުރަށްވެސް އޭގެ އަސަރު އޭނާއާށް ކުރާނެފަދަ ހަދިޔާއެކެވެ. އޭނާ އެގެއިން ނެރެ، ނުވެސް ދަންނަ މީހަކާ އެއްކޮށް ފޮނުވާލީ ދުވަހަކު މަގޭ ކުރިމައްޗަށް ނާރައްޗޭކިޔާފައެވެ.
ޒާހިރާ ނަޔާނީ ގެންދިޔަފަހުން އަހަރެއް ވީއިރުވެސް ނަޔާނީއަށް އޭނާގެ މަންމަގެ ހަބަރެއް ވެނުލައެވެ. އެމަންމަގެ ފަރައިތުން ކިތަންމެ އަނިޔާއެއް ލިބުނަސް ނަޔާނީގެ ހިތުގައި މަންމައާދޭތެރޭ ލޯބިއޮތެވެ. ކޮންމެސް ދުވަހަކުން އެމަންމަ އޭނާއަށް ލޯބިން ދަރިފުޅާއޭ ކިޔާ ގޮވާލާނެ ކަމުގެ އުންމީދު ކުރެވުނެވެ. ނަމަވެސް އޭނާ ގެއިން ނެރެލި ހިސާބުން އޭނާގެ ހިތުގައި މަންމައާ ދޭތެރޭ އޮތް ލޯބި ނަފްރަތަށް ބަދަލުވީއެވެ.
މަންމަގެ ފަރައިތުން ނުލިބުނު ލޯބި ޒާހިރާގެ ފަރައިތުން ލިބޭނެ ކަމަށް ނަޔާނީއަށް ހީކުރެވުނެވެ. އެހެނަސް އޭނާގެ ފަރައިތުންވެސް ލިބުނީ ވޭނާ ހިތާމައެވެ. އެކުއްޖާގެ ދިރިއުޅުމުގައި އުފާވެރިކަމާއި ހިނިތުން ވުމަކީ ނެތް އެއްޗެއް ފަދައެވެ. އެގެއަށް ރައިޝާ ގެނައުން ވެގެންދިޔައީ ނަޔާނީގެ ހިތައް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނު ކަމަކަށެވެ.
ދުވަހަކަށްފަހު ދުވަހެއް ވޭތުވަމުން ދެއެވެ. އެ އަނިޔާއާއި އެވޭނުގައި އޭނާ ކެތްކުރީ ކޮންމެވެސް ދުވަހަކުން އެކަމުން ސަލާމަތް ވެދާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ދެން އޭނާއެއް މަންމަގެ ލޯބި ލިބޭނެކަމަށް އުންމީދެއް ނުކުރާނެއެވެ. މިހައިރު އެހިތުގައި މަންމައާމެދު ނަފްރަތު ނޫން އެއްޗެއް ނުވެއެވެ. އެމަންމަ ދުވަހަކު ހެވެއް ނޭދޭނެކަން މިއަދު އޭނާއަށް ޔަޤީންވެ ކަށަވަރު ވެއްޖެއެވެ.
*** **
ނަޔާނީއަށް އޭނާގެ ހަޔާތާމެދު ވިސްނާލެވޭ ކޮންމެ ފަހަރަކު ގިސްލާ ރޮވެއެވެ. އެމަންމަގެ އަނިޔާވެރިކަމާއި ރަހުމު ކުޑަ އަމަލުތައް ހިތަށްވެރިވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އޮހޮރެއެވެ. މަންމަގެ ލޮއެއްބަށް އެދި ތެޅި ފޮޅުމުން އޭނާއަށް ލިބެންޖެހެނީ މި ހިތްދަތި ކަން ހެއްޔެވެ؟؟
*** ** ***
ޓެސްޓަކަށް ފަހު ޓެސްޓެއް ނިމި ނިކްހާ މެންނަށް ޗުއްޓީ ވެއްޖެއެވެ. ޔަމާންގެ ކައިވެންޏަށް ފަހު އަދި މިވީހާދުވަހު ނިކްހާއަށް ހަމަނޭވާއެއް ލެވޭ ވަރެއް ނުވެއެވެ.
ނިޝާގެ ޑައިރީ ހިފައިގެން ނިކްހާ އިނީ ކޮޓަރި އެނދު މަތީގައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަވަސް ވެފައިވީ ހިތަކާއެކު ފޮތުގެ ފުރަތަމަ ގަނޑު ހުޅުވާލިއެވެ. އެފޮތުގައި ނުހަނު ރީތި އަތުލިއުމަކުން ލިއެވިފައި އެވަނީ ނިޝާގެ ކުލަނެއް ހަޔާތުގެ ޞަފްޙާތަކެވެ.
*** ** ***
އެނގޭ ހެއްޔެވެ؟؟ އަހަރެންވެސް އަހަރެންގެ ދިރިއުޅުމަށް ޓަކައި ހާދަ ފޮނި އުންމީދު ތަކެއް ކުރީމެވެ. ހާދަ ހުވަފެން ތަކެއް ދުށީމެވެ. އެކަމަކު އެ ހުރިހާ ކަމެއް ފެނަށްވީ ދާދި މަދު ދުވަސް ކޮޅެއް ތެރޭގައެވެ. އަހަރެންގެ ދިރިއުޅުން ހިތި ޒަހަރަށް ވީ ހުދު އަހަރެންނަށްވެސް ނޭނގި ހުއްޓައެވެ.
އަޑުއަހާށެވެ.. މި ކިޔައިދެނީ އަހަރެންގެ ހަޔާތުގެ ޞަފްޙާތަކެވެ.. އެހިތި ދުވަސް ތަކެވެ..
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.




V reethi maashaa allah
thankxx Ram
V reethi mi part vx….. Waiting fr nxt…..
thankxx kylie…
Kn irakun next part??
Kobaa yamaan dhin kothalhu. Wedding onna reyga holhuvaashey bunyennu. Mi vaahaka varah interesting varah reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
thankxx lamee.. oh e kothalhu dhw??
Thedheh kobaathr e kothalhu.. VR reethi ingey mi part vs.. kon irakun aneh part dhn..
thankxx @b@n…??
V loabi vhk eye mee this Gotha vhk Libyan dhaskohddayn V ehnnu❤️❤️