އަހަރެންގެ ބައްޕައަކީ ސޭކެއް ނޫން!
މިއަދު މިއީ އަހަރެންގެ ޙަޔާތުގައި އައި ވަރަށް އުފާވެރި ދުވަހެކެވެ. މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީއިން ދީނީ ތަޢުލީމް ފުރިހަމަކޮށްގެން އަމިއްލަ ވަޒަނަށް ޚިދުމަތް ކުރަން އާދެވުނު ދުވަހެވެ. އެންމެ ބޮޑަށް އުފާވީ އަހަރެންގެ ނަމުގެ ކުރިޔަށް “އައްޝެއިޚް” ކިޔާނެތީއެވެ. މާލެ އާދެވުނުތާ މާ ގިނައިރުތަކެއް ނުވެ ގެޔަށް ދެވިއްޖެއެވެ. ގެޔަށް ގޮސް ވަދެވުމާއެކު ގެއިން މަރުޙަބާ ކީ ލޯބިވާ މަންމައާއި ބައްޕައެވެ. އަދި އެއްބަނޑު އެއްބަފާ އަޚުންނާއި އުޚުތުންނެވެ. ބޮޑުދައިތައިންނާއި ބޮޑުބޭބެއިންނާއި އެ މީހުންގެ ދަރިންނާއި، ދަރިންގެ ދަރިންނެވެ. ހިސާބުގަނޑުގެ ބައެއް އަވަށްޓެރިންވެސް ތިއްބެވެ. އޭގެތެރޭގައި ކުޑައިރުއްސުރެން އެކުގައި އުޅުނު ރަޙްމަތްތެރިޔާ މުރާދު ވެސް ހިމެނެއެވެ.
ހުރިހާ އެންމެންނާ ސަލާންކޮށް މަރުޙަބާގެ ބަސްތަކުން އުފާވެރިކަން ގެނުވަމުންގޮސް މުރާދުއާއި ވެސް ސަލާން ކޮށްލައިފީމެވެ. ނިކަން ފުޅާ ހިނިތުންވުމަކާއެކު، “އަހަރުމެންގެ ހަމްޒާވެސް މިހާރު މީ ސޭކެއް ދޯ” އޭ މުރާދު ބުނެފިއެވެ. އަޑު އިވުނު އެންމެން ހޭން ފަށައިފިއެވެ. އަދި އެހެން ތިޔަ ބުނީ ކީއްވެތޯ ސުވާލުކުރަން ފަށައިފިއެވެ.
ޖަވާބުގައި ވާހަކަ ދެއްކީ އަހަރެންގެ ބައްޕައެވެ. އަހަރެންގެ އުމުރުން ފަސް އަހަރުގައި ބައްޕަ ދީނީ ތަޢުލީމު އުނގެނިގެން ރާއްޖެއައެވެ. އޭރުއްސުރެން ފެށިގެން ބައްޕަގެ ނަމަކީ އައްޝެއިޚް ޙަކީމްއެވެ. އޭރު އަހަރެން ކަންމަތީ ފިހާރައަށް ކުދިކުދި އެއްޗެހި ގަންނަން ދިޔުމުން ފިހާރައިގެ ސޭޓުން މަޖަލަކަށް “ހަމްޒާގެ ބައްޕަ އަކީ ޝޭޚެއްދޯ؟” ބުނެއުޅެއެވެ. ކަންދިމާކުރިގޮތުން އެ ދުވަސްވަރަކީ އަހަރެންގެ “ކިރުބުއި ދަތް”ތައް ވެރިފައި ހުރި ދުވަސްކޮޅެވެ. އަދި އުމުރުގެ ގޮތުން މިމީހުން މި ކިޔާ އެއްޗެއް ވިސްނައި ގަންނާކަށް ނޭނގެއެވެ. އެހެން އަހާ ކޮންމެ ފަހަރަކު އަހަރެން ރުޅިއަރައިގަނެފައި “އަޅުގަނޑުގެ ބައްޕައަކީ ސޭކެއް ނޫން!” ކަމަށް ބުނެއެވެ. އެހެން ކިޔޭތީ ފިހާރަ މީހުންނަށް މަޖާވެގެން އަހަރެން ފެންނަ ކޮންމެ ފަހަރަކު އެ ސުވާލު ކުރެއެވެ. ކޮންމެ ފަހަރަކުވެސް އަހަރެން ދެނީ ހަމަ އެ ޖަވާބެވެ. އަދި ގެޔަށް އައިސް ބައްޕަ ކައިރީގައި ޝަކުވާކޮށް ރޮއި ހަދަމެވެ. ކޮންމެ މީހެއްވެސް އެ މީހެއްގެ ބައްޕައަކީ ސޭކެއް ކަމަށް ބުނަންޏާ ދެރަވާނެ ނޫންހެއްޔެވެ؟
އޭރު އަހަރެންނާ އެ ސުވާލުކުރުމުން މުރާދުވެސް ވަރަށް ރުޅިއާދެއެވެ. މުރާދުވެސް ރުޅިއަރައިގަނެފައި ބުނާނެއެވެ. “ހަމްޒާގެ ބައްޕައަކީ ސޭކެއް ނޫން. އެއީ ވަރަށް ދުރު ރަށަކުން ކިޔަވައިގެން އައިސް ހުރި ވަރަށް މޮޅު މީހެއް!”
އެއީ ކުޑައިރެވެ. އެ ހަނދާންތައް އާކޮށްލުމުން މިހާރު ލަދުވެސް ގަނެއެވެ. އެންމެ ފަހުން އަހަރެން ވެސް މިހުރީ ޝެއިޚްއަކަށްވެފައެވެ. މާތްﷲގެ އިރާދަފުޅުން އަހަރެންނަށް ދަރިން ލިބެން ވާއިރަށް “ޝެއިޚް” ކިޔަން ދަސްކޮށްދޭނަމެވެ. އަހަރެންނަށް ދިމާވިގޮތް އަހަރެންގެ ދަރިންނަށް ވާކަށް ނޭދެމެވެ. (ނިމުނީ)
