ވާން ނެތް ކަމަކަށް ހިތް އެދި ގޮވާތީ…
ފޯނު ވައިބްރޭޓް ވީހެން ހީވެގެން އަހަރެން ފޯނަށް ބަލާލީމެވެ. ޑިސްޕްލޭ ވެސް ދިއްލިފައި އޮތުމުން ޔަޤީނުން ވެސް މެސެޖެއް އައީކަން އެނގުނެވެ. ފޯނު ނަގާފައި ހުޅުވާލީ ކޮންމެހެން މާ ޚާއްސަ މެސެޖަކަށްވާނެ ކަމަކަށް ނޫނެވެ. ސޭވްކޮށްފައި އިން ނަމްބަރެއް ނޫނެވެ. މާބޮޑަށް ނަމްބަރަށްވެސް ބަލާކަށް ނުހަދަމެވެ. މެސެޖު ހުޅުވާލައިފީމެވެ. ހީކުރި ގޮތަށް، އެއީ މާ ޚާއްސަ މެސެޖެއް ނޫނެވެ. ހަމަ އެކަނި “ހައި” އެކެވެ. ހިތަށް އެރިއެވެ. މީހުން “ހައި” އެއް މެސެޖުންވެސް ފޮނުވާ ހެއްޔެވެ؟ އަޅާނުލާ “ބެކް” އަށް ފިތާލިތަނާ މެސެޖު ފޮނުވާފައި އިން ނަމްބަރަށް ނަޒަރު ހުއްޓިއްޖެއެވެ. ސޭވް ނުކޮށް އިނަސް މިއީ ކޮން ނަމްބަރެއްކަން، ކާކުގެ ނަމްބަރެއްކަން އެނގިއްޖެއެވެ. އެ ނަމްބަރަކީ މީގެ ކުރިން “ބޭބީ” ގެ ނަމުގައި ސޭވްކޮށްގެން އުޅުނު ނަމްބަރެވެ. ދިމާވި ކަންތައްތަކެއްގެ ސަބަބުން އެ ނަމްބަރު “ޑިލީޓް” ކުރީވެސް އަހަރެން އަމިއްލައަށެވެ.
އެއީ ޖަވާބު ނުދީ ދޫކޮށްލާ ކަހަލަ “ހައި” އެއް ނޫނެވެ. އެއީ އެއްއިރެއްގައި އަހަރެންގެ “ބޭބީ” އެވެ. އާންމުކޮށް ކިޔާ ނަމުން ނަމަ ފަޒޫއެވެ. ވަގުތުން ޖަވާބު ފޮނުވާލެވިއްޖެއެވެ. ޖަވާބުގައި އަހަންނަށް ކުރެވުނީ ސުވާލެކެވެ. ހާލު ކިހިނެއްތޯ އަހާލެވުނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެކޮޅުން ޖަވާބު ފޮނުވައިފިއެވެ. ދިހަވަރަކަށް މިނެޓް ތެރޭގައި ލައްކަ ވާހަކަ ދެއްކިއްޖެއެވެ. ދެމީހުންގެ މިހާރުގެ ދިރިއުޅުން އެކަކު އަނެކަކަށް ކިޔާދިނެވެ. އެއީ މީގެ ދެމަހެއްހާ ދުވަސްކުރިން އަހަރެންނާއި ވާހަކަ ދެއްކުން ހުއްޓާލި ފަޒޫ ކަމެއް އެއްވެސް ވަރަކަށް އަހަރެންގެ ހަނދާނުގައި ނެތެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ފަޒޫގެ ވާހަކަ ދެއްކުމުގެ ރާގާއި، އެ ލާނެއްކަމަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. މެސެޖު ކުރި ނަމަވެސް ފަޒޫގެ ރާގު އަހަންނަށް އެނގެއެވެ. އެހާވެސް ބޮޑަށް އަހަރެންނަށް ފަޒޫ އެނގެއެވެ.
މަސައްކަތު ދާން ތައްޔާރުވާން ކަމަށްބުނެ، އަހަރެން ފެންވަރަން ދިޔައީމެވެ. ފެންވަރަން ހުރިއިރު، އަހަރެންގެ ހަނދާނަށް އައީ ފަޒޫ އަހަރެންނާއި ވާހަކަ ދެއްކުން ހުއްޓާލި ސަބަބެވެ. އަހަރުމެން ދެމީހުންނަކީ އެއްވެސް އިރެއްގައި ލޯބީގެ ގުޅުމެއް އޮތް ބައެއް ނޫނެވެ. ސްކޫލް ދައުރުން ފެށިގެންވެސް ފަޒޫގެ ލޯބިވެރިޔެއް ހުރެއެވެ. އަހަރެން ފަޒޫއާއި ވާހަކަ ދައްކަން ފެށީ އެއްވެސްކަމެއް ނެތި “ވައި” ވެގެން އުޅުނު ދުވަސްކޮޅެއްގައެވެ. މެސެންޖާއިން ވާހަކަ ދައްކާލީ ކޮންމެހެން ފަޒޫ ރިޕްލައި ކުރާނެ ކަމަކަށް ނޫނެވެ. އަހަރެންނަށް ކޮންމެހެން ފަޒޫ ރީތިވެގެން އަޅައިގަނެގެންނެއްވެސް ނޫނެވެ. ފަޒޫގެ ރިޕްލައި ތައް މަޖާކަމުން އަހަރެންނަށް ފަޒޫއާއި ގަޔާވެވުނެވެ. ގިނައިން ވާހަކަ ދައްކާހިތް ވާން ފެށިއެވެ.
އެގޮތަށް ވާހަކަ ދެއްކުމުގެ ތެރެއިން އަހަރެންނަށް ފަޒޫ އާއި ދޭތެރޭ ލޯބީގެ ނަޒަރުން ދެކެވޭން ފެށުނެވެ. ފަޒޫގެ ލޯބިވެރިޔެއް ހުންނަކަން އެނގިހުރެއެވެ. އެއީ މާބޮޑު މައްސަލައެއް ކަމަކަށް އަހަރެން ނުދެކެމެވެ. އަހަރެންނަށް 25 އަހަރު ވީއިރު ހައެއްކަ ކުދިންނާ ރައްޓެހިވެ ރުޅިވެވިއްޖެއެވެ. އެހެންކަމުން ދެން އަހަރެންގެ ލޯބިވެރިޔަކަށް ހަދާނީ ފަޒޫ ކަމަށް އަހަރެން ނިންމީމެވެ. އަދި ފަޒޫ އަހަރެންނާ ދޭތޭރޭ ދެކެނީ ކިހިނެއްތޯ އެހީމެވެ. އެ ވާހަކަ ބުނުމުން ފަޒޫ އަހަރެންދެކެ ރުޅިއެއް ނާދެއެވެ. އެކަމަކު ފަޒޫގެ ލޯބިވެރިޔާ ދޫކޮށްލަން ބޭނުންނުވާ ކަމަށް ބުންޏެވެ. އެހާ ހިސާބުން އަހަރެންނަށް އިތުރަށް ފަޒޫއާއި ވާހަކަ ދައްކާ އުޅުން ފަސޭހައެއް ނުވިއެވެ. ހިތުގައި ޢިޝްޤީ ލޯބި އުފެދިފައި އޮއްވާ، ރަޙްމަތްތެރިޔެއްގެ ގޮތުގައި ދެކޭނީ ކިހިނެއް ހެއްޔެވެ؟
އަހަރެން ފަޒޫއާއި ލޯބީގެ ގުޅުން ނޫން އިތުރު ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށް ބުނީމެވެ. ކިތަންމެ ބޭނުން ނުވިޔަސް އަހަރެން ހުންނާނީ ފަޒޫ ބެހެއްޓި ހިސާބެއްގައި ކަމަށް ހިތާހިތުން ނިންމީމެވެ. އެ އަޒުމުގައި އަހަރެން ހުއްޓާ، ފަޒޫ އަހަރެންނާއި ދުރަށް ދިޔައެވެ. ފަޒޫގެ އެއްވެސް ޚަބަރެއްވެސް ނުވެއެވެ. އަހަރެންނަށް ކެތްނުވެގެން ދޭތެރެއަކުން މެސެޖެއް ފޮނުވާލެވެއެވެ. ނަމަވެސް ފަޒޫގެ ޖަވާބެއް ނުލިބެއެވެ. ދުވަސްކޮޅެއްފަހުން އަހަރެންގެ ޢަޒުމު ވަރުގަދަ ކުރުމުގެ ގޮތުން ފަޒޫގެ ނަމްބަރު ފޯނުން ފުހެލީމެވެ. އެކަމަކު، ހިތުން ދަސްވެފައިވާ ނަމްބަރެއް، ހަނދާނުން ފޮހެލާނީ ކިހިނެއް ހެއްޔެވެ؟
ފެންވަރައިގެން ނިކުމެ ތައްޔާރުވާން ފެށިތަނާ، ފޯނެއް އައެވެ. ގުޅީ ޝީރީން އެވެ. އެއީ އަހަރެންގެ މިހާރުގެ ލޯބިވެރިޔާއެވެ. ޝީރީންގެ ފޯނު ކޯލް ނިމުމުން އަހަރެން ހިތަށް އެރިއެވެ. އަހަރެންގެ ހިތުން ފަޒޫގެ ހަނދާންތައް ފޮހެލުމަށް މަސައްކަތް ކުރާނީއެވެ. ފަޒޫއާއި އިސްވެ ވާހަކަ ނުދައްކާނަމޭ ހިތަށް އެރިއެވެ. ޝީރީން އަހަރެންނަށް ނުލާހިކު ރަނގަޅެވެ. ޝީރީންގެ އެއްވެސް ކުށެއްނެތި، އެއްވެސް ދެރައެއް ދޭކަށް ބޭނުމެއް ނޫނެވެ. އަދި އަމުދުން ނުލިބޭނެ އުފަލަކަށް އިންތިޒާރު ކުރުމުގެ ބޭނުމެއް ނެތެވެ. ތަޤްދީރުގައި ވާން ނެތް ކަމަކަށް ، ކިތަންމެ ވަރަކަށް ހިތް އެދި ގޮވިޔަސް ކުރެވޭނެ ކަމެއް ނެތެވެ. އެކަމުން ވޭނާއި ހިތާމަ ނޫން އެހެން އެއްޗެއް ނުލިބޭނެއެވެ.
މި ޚިޔާލުތައް އައުމުން ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނެވެ. އެއްވެސް އަޅަކަށް މާތްﷲ ދެރަގޮތް މެދުވެރި ނުކުރައްވާނެއޭ ހިތަށް އަރުވާލާފައި، އަހަރެންގެ މަސައްކަތަށް ދިޔައީމެވެ.
5 Comments!
Comments are closed.

Hazel… Haadha reethi vaahaka ekeyy dhww thi up kohladhinee…. Kuriahh oththaaga Hazel ge new vaahaka fennrne kamahh unmeedhu kurann….. Lysssssm… Love this story… Vrhh salhi ibaarath kurunn genehhsa huri gohh… ?????????❤????❤???❤???????????????????❤?❤???❤???❤???❤???❤?❤?
Masha Allah.. vaahaka varah reethi.. ❤❤
Omg the what a beautiful story????????…..i hope that we can read ur new storys❤️❤️hama habeysss.
Mi story ge name vc varah meaning full n varah reehi….. I love it❤️❤️??❤️❤️?❤️??… Hazel all the best….. Ly❤️❤️
vrh rythi mi stry ma sha allah?.?.?. vrh rangalhu ibratheh e libuniii .. hope hazel ge ehn stry eh vx fennaane kamah … keep it up hazel ?
Wow v loabi heevany hama❤️❤️