ިއިންޒާރު ( ދެވަނަ ބައި )
(9 ޑިސެމްބަރާ ގުޅޭ )
އުމުރުން ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ބަނޑުއަޅާވިހޭ މައިމީހާގެ ނަޞޭޙަތްތަކުގައި ކޮޅުންފައިން ޖަހަމުން ލާހޫރެމުންދިޔަ އަހަރެންގެ ކާޅުކަން ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. ފޭރުމާއި ވައްކަންތަކުން ލިބޭ ކާމިޔާބީތައް އަހަރެމެން ފާހަގަކުރަނީ ހޭކެނޑޭވަރަށް މަސްތުވެގެން ކުރާ ޕާޓީތަކުންނެވެ. އަހަރެންނާ ނިމާލްގެ ގޭންގް ބޮޑުވެ، ގުޅެމުންދިޔަ އަންހެން ކުދިންވީ އަހަރެމެންގެ ރަން ދުނިޔެ އިތުރަށް ފުރިހަމަކުރުވި ކަމަކަށެވެ. ޖިންސީ ގުޅުމުގެ އުފާވެރިކަން އޭގެ އެންމެ ނުބައިގޮތުގައި ހޯދަމުންގޮސް މަސްތުގެ ހާލުގައި އެޔެއް މިއެއް ވަކިކުރަން ނޭނގި ނިމާލްގެ މަންމައާއި ގާތްވެވުނީ ކިހިނެއްކަމެއް ޚުދު އަހަރެންނަށްވެސް ނޭނގެއެވެ. ކަންކަށިމަތީގައި އަޅާލި ހޫނު އެތިފަހަރާއެކީ ލިބިގެން ދިޔައީ މަރުގެ އިންޒާރެވެ. ނިމާލްގެ އެ ވަރުގަދަ ނުރައްކާތެރި އިންޒާރެވެ.
*************************************************************************
ގަޔަށް ލެވުނުހާ ބާރެއްލާފައި އަތުގެ ގޮށް މުށުން ދޮންވެލިގަނޑުމަތީގައި އަހަރެންނަށް ޖެހުނީ ކުރެވުނު ކަންތަކާ، އުޅެވުނު ގޮތާމެދު ފުރަތަމަ ފަހަރަށް ލަދުވެތިވާ ޙާލުގައެވެ. ފާއިތުވި 20 އަހަރުގެ އެކި ދުވަސްތަކާއި، މަންޒަރުތައް އަހަރެންގެ ކުރިމަތީގައި ސިފަވަމުންދާންފެށީ ސްކްރީންގައި އަޅުވާފައިވާ ފިލްމެއް ފަދައިންނެވެ. އަޑުން އަޑުނަގައި ރޮއިގަންނަން ބޭނުންވިޔަސް، ކަރުނަ އަޅަން ފަސްޖެހުނީ ކުރިމަތިން ފެންނަންއޮތް ކަނޑުގެ ރާޅުތަކުގެ ކުރިމަތީގައި އަހަރެންގެ އެންމެ ކަރުނަ ތިއްކެއްގެވެސް އަގެއް ނުހުންނާނެކަން ޚުދު އަހަރެންވެސް ޤަބޫލުކުރާތީއެވެ. ކުއްލިއަކަށް އައި ޚިޔާލަކުން އަހަރެންނަށް ކޮޅަށް ތެދުވެވުނެވެ. މުޑުދާރު ޢަމަލުތަކުން ތަޣައްޔަރުވެފައިވާ އަގެއްނެތް ބޭކާރު ނަފްސެއްގެ، މި ނުޠާހިރު ހަށިގަނޑު ކަނޑުގެ ބިޔަ ރާޅުތަކާ ޙަވާލުކުރަން ނިންމުނީ އެނޫންގޮތެއް ނެތްކަމަށް އަހަރެންގެ ޒަމީރު ދިން ވަސްވާހުގެ ސަބަބުންނެވެ. ބަރުވެފައިވީ ދެފައި އުފުލާލަން މިއަދު އަހަރެންނަށް ހިއްވަރެއް ނުލިބެންވީ ސަބަބެއް ނެތެވެ. އެ ދެފައިން ކިތައް ފާފަޔާ ދިމާއަށް އަހަރެން ދުވުނިންހެއްޔެވެ. ބިންމަތީގައި ކޭއްތެމުން ކަހަލަގޮތަކަށް ގޮސް އެ މާސިންގާ ކަނޑާ އަހަރެން ހަވާލުވީ އިތުރު އެހެންގޮތެއް ނެތްކަމަށް ހީވުމުންނެވެ.
*************************************************************************
އަހަރެންނަށް ކުރެވުނު ހީއަކީ ވަހުމެއްކަމަށް ވިސްނައިދިނީ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ﷲ މެދުވެރިކުރެއްވި ހެޔޮލަފާ މާތް ރަޙްމަތްތެރިއެކެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ހަސްކާއިން އަހަރެން ސަލާމަތްކޮށް ދެވަނަ ފަހަރަށް މިދުނިޔެއަށް އަހަރެންގެ ލޯ ހުޅުވާލަދިނީ ސިރާޖުއެވެ. ލޯ ހުޅުވާލުމާއެކު ސަލާމަތަށްއެދި އަހަރެންނަށް ލެވުނު ހަޅޭކުގެ އަޑުއަހައި ސަލާމަތުގެ ނިވަލަށް އަހަރެން ވައްދައިދީ ﷲ ގެ ހިޔާވަހިކަން މާ މަތިވެރިކަން އަންގައިދިނީ ސިރާޖުއެވެ. ކަންނެލި އޮޑިއެއްގެ ހީވާގި ފަޅުވެރިޔަކަށް އުޅެމުން އަދާކުރަމުންދިޔަ ފަރުޟު އަޅުކަންތަކާ، ދެމުންދިޔަ ދީނީ ނަޞޭޙަތްތަކުން ޙަޤީޤީ އުފަލަކީ ކޮބައިކަން ވިސްނައިގަންނާކަށް އަހަރެންނަކަށް ގިނަ ދުވަހެއް ނުނެގިއެވެ. ދިރިއުޅުމުގެ މިހުރިހާ ދުވަހު އުޅެމުންދިޔަ ވިޔާނުދާ އުޅުމުގެ ނަތީޖާއަކަށް ލިބުނު މަރުގެ އިންޒާރަކީ ހެއުކަމުގެ މަގަށް މަގުދެއްކުމަށް ﷲ މިންވަރުކުރެއްވި އަޖައިބެއްކަމަށް ސިރާޖު ވިސްނައިދިނީ ލޯތްބާއެކުގައެވެ. މަރުގެ އިންޒާރު ދިނީ ނިމާލުކަމަށްވިޔަސް އެއީ ހަތްއުޑުމަތިން ހުރިހާ ކަމައް ބައްލަވާ ވޮޑިގަންނަވާ ޖައްބާރުވަންތަ އިލާހުގެ އިންޒާރެއްކަމަށް އަހަރެންނަށް ޤަބޫލުކުރެވުނީ މެދުނުކެނޑި ސިރާޖު ދެމުންދިޔަ ނަޞޭޙަތްތަކުންނެވެ. ހާސްހާސްފަށުން ޝުކުރުވެރިވަމުން އެންމެ ފުރިހަމަ ތަޢުބާއިން ތަޢުބާވުމަށް ސިރާޖު ދިއްކޮށްލި އެހީތެރިކަމުގެ އަތުގައި އަހަރެންހިފީ އުފަލުގެ ކަރުނައިން ފޯވެފައިވާ ޙާލުގައެވެ. ދޯނީގެ ފަޅުވެރިންގެ މެދުގައިވީ އެއްބަނޑުއެއްބަފައިވަންތަކަމުގެ މަތިވެރި ގުޅުން އިތުރަށް ހަރުދަނާ ކުރުވި ސަބަބަކީ އަހަރެންކަމަށް ސިރާޖު ބުނާ ކޮންމެ ފަހަރަކު ސިރާޖަށްޓަކާ އަހަރެންގެ ހިތް އެތައް ފަހަރަކު ހެޔޮ ދުޢާކުރެއެވެ. އަހަރެންގެ މާޒީގައި ކުރެވުނު އެތައް ފާފަތަކަކުން ތަޢުބާވެ، ދީނީ އަޅުކަންތައް އަހަރެންނަށް ދަސްކޮށްދީ، ޚުލްޤުހެޔޮ މީހަކަށްވުމަށް އަހަރެންނަށް ހިތްވަރުދިނުމުގައި ދޯނީގެ ފަޅުވެރިން އެކުގައި އެ ހޭދަ ކުރި ވަގުތުތައް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެކަން ގައިމެވެ. މަސައްކަތްތަކުގައި އަވަދަނެތި އުޅެމުން އެންމެން އެކުގައި ބަރާބަރަށް ފަރުޟު ނަމާދުތައްކުރުމާއި، ދަމުނަމާދާއި ޟުޙާ ނަމާދުފަދަ ސުންނަތް ނަމާދުތަކަށް އިސްކަންދީ ކީރިތި ޤުރުއާން ކިޔެވުމަށް ހޭދަކުރެވޭ ކޮންމެ ވަގުތަކީ ﷲ އާއި ކުއްތަންވެވޭ ކަމުގެ އުފާ އަހަރެންނަށް ލިބިގެންދާ ވަގުތުތަކެކެވެ. މިފަދަ ކޮންމެ ވަގުތެއްގައި އަހަރެމެންގެ ތެރޭގައިވީ ގުޅުން ވަރުގަދަވަމުންދިޔަތަން ފެނުމުން ލޮލުން ކަރުނަ ހިލިގެންދެއެވެ.
“މިރޭވެސް ނިދާނުލަނީތަ؟” ހަމަހިމޭން ކަމުގެ ތެރެއިން އިވިގެން ދިޔަ އިޤްބާލުގެ އަޑަށް ސިހިފައި އަހަރެންނަށް ބަލާލެވުނެވެ. ލުއި ހިނިތުންވުމަކާއެކު އިޤްބާލާއި ދިމާއަށް އެނބުރިލަމުން އަނެއްކާވެސް ފެންނަން އޮތް ކަނޑަށް ނަޒަރުހުއްޓާލީމެވެ. މެންދަމުގެ ހަމަހިމޭން ވަގުތުތަކަކީ އަހަރެންގެ ނަފްސަށް އިތުރު ތާޒާކަމެއް ގެނެސްދޭ ވަގުތުތަކެކެވެ. ރީތިކޮށް ފަރުމާކޮށްފައިވާ އެ ދޯނީގެ ހިޔާގަނޑަކީ ދަމު ނަމާދަށްފަހު ފަތިސްވުމާ ހަމައަށް ކޮންމެރެއަކު އަހަރެން ހޭދަކުރާ ތަނެވެ. ޙަޔާތުގައި ހޭދަކުރެވުނު ވަގުތުތަކުގެ މައްޗަށް ހިތާމަކޮށް ތަޢުބާވުމާއި، ﷲ މަތިން ހަނދުމަކުރުމުގައި އެތައް ވަގުތެއް ހޭދަކުރުމަކީ އަހަރެންގެ އުފަލަކަށްވެއްޖެއެވެ. އެހެންނަމަވެސް އަބަދުވެސް އެއްކަމެއް ތަކުރާރުކޮށް އަހަރެންނަށް ހަނދާންވަމުންދިޔައެވެ. އެކަމަކާނުލާ އާޚިރަތް ލިބުން ދަތިވާނެކަން އަބަދު އަބަދު ވިސްނެމުން ދިޔައެވެ. “އަރުޝަދް..އަބަދު ތިހެން ހިތާމަކުރާކަށް ނުވާނެ. އެއީ މާޒީ. މިހާރު ތީ އެހެންމީހެއް. ﷲ ހެޔޮ މަގު ދައްކަވަން އިރާދަކުރެއްވީތީ މިއަދު އަރުޝަދު އުފާކުރަންޖެހޭނެ.” އަހަރެންގެ ކޮނޑުގައި އަތް ބާއްވާލަމުން އޯގާތެރިކަމާއެކު އިޤްބާލު ބުނެލިއެވެ. “އިޤްބާލް. ކިތައްމެ ހިއްވަރެއްކުރިޔަސް އަހަރެންގެ މާޒީ އަހަރެންނަކަށް ހަނދާންނައްތައެއް ނުލެވުނު. އަހަރެންގެ މަންމަ އެންމެ ނިކަމެތިވީ ދުވަހު އެ މަންމަ ދޫކޮށްލާފައި އެފަދަ ވިޔާނުދާ އުޅުމެއް ޚިޔާރުކުރެވުނުކަމާމެދު މިއަދު އަހަރެން ދެރަވެ، ލަދުވެތިވަން. އަހަރެންގެ ކުރިމަތީގައި އެ މަންމަ އެޅި ކަރުނަތައް އޭރު އަގެއް ހުރި އެއްޗަކަށް ނުވި. ކިތައްމެ ވަރަކަށް ތަޢުބާ ވިޔަސް އެ މަންމަގެ ރުހުން ނުލިބި ސުވަރުގެއަށް ދެވޭނެކަމަށް ހީކުރަންވީތަ؟” އަބަދުހެން ވިސްނަމުން ދިޔަ ކަންތައް ފުރަތަމަ ފަހަރަށް އިޤްބާލާއި ޙިއްސާކުރީ އިޤްބާލުގެ ފަރާތުން އެހީތެރިކަން ލިބޭނެކަމަށް ޔަޤީންކުރާތީއެވެ. ލޮލުން އޮހޮރޭ ކަރުނަތައް ހިންދާލަން މަސައްކަތްކުރިޔަސް އަހަރެންގެ އަޑުން ހިތުގައި އަޅަމުންދިޔަ ރިހުން ވަންހަނާއެއް ނުކުރެވުނެވެ. “އިޤްބާލް..އިންޒާރެއްގެ ސަބަބުންވިޔަސް އަހަރެންގެ ދިރިއުޅުން ބަދަލުވެގެންދިޔައީތީ ﷲއަށް ޙަމްދުކުރަން. ކުފުރު މަރަކުން މަރުނުވެ ސަލާމަތްވި ކަމަށްޓަކައި ޝުކުރުވެރިވަން. އެކަމަކު އަހަރެން އެންމެ ދެރަވަނީ..މަންމަގެ ހިތުގައި ޖެއްސުނު ކަން ހަނދާންވުމުން. މަންމަގެ މަޢާފް ނުލިބޭހާ ހިނދަކު އަހަރެންނަކަށް ދެން ހިތްހަމަޖެހުމެއް ނުލިބޭނެ. އިޤްބާލް. އަހަރެން އަހަރެންގެ މަންމަ ކައިރިއަށް ގެންގޮސްދީ. ހެޔޮނުވާނެ. ﷲ އަށްޓަކާ…” ވާހަކަ ދައްކަން ކިތަންމެ ބޭނުންވިޔަސް ހުއްޓާލީ ހިތްދަތިވެގެންގޮސް ވާހަކަ ނުދެއްކޭވަރުވުމުންނެވެ. އެހީއަކަށް އެދި ކޮންމެ ވަގުތަކު އަހަރެން އަތް ދިއްކޮށްލިނަމަވެސް އުފަލާއެކު ހިފަންތިބީ ހެޔޮލަފާ އެކުވެރިން ތަކެއްކަން އެވަގުތުވެސް އިޤްބާލް ހަނދާންކޮށްދިނެވެ. ވީ އެންމެ އަވަހަކަށް އަހަރެންގެ ރަށަށްގޮސް އަހަރެންގެ މަންމައާއި ބައްދަލުކުރުމުގެ ފުރުޞަތު ﷲގެ އިރާދަފުޅާއެކު ހޯދައިދޭނެކަމަށް އިޤްބާލު ބުނެލީ ނުހަނު އޯގާތެރިކަމާއެކުގައެވެ. މައިންގެ ހިތުގައި ދަރިންނާމެދު ދުވަހަކުވެސް ބުރަކަމެއް ނުވާނެކަމަށް ވިސްނައިދީ، ހިތްހަމަޖައްސާލުމަށް ނަޞޭޙަތްތެރިވީ ބޭބެއަކު ކޮއްކޮއަކަށް ނަޞޭޙަތްދޭފަދަ ގާތްކަމާ ލޯތްބާއެކީގައެވެ.
*************************************************************************
ފުރިހަމަ 6 މަސްދުވަހަށް ފަހު ރަށުގެ މަލަމަތި ފެނުމުން ކުޑައިރުގެ އެތައް ހަނދާންތަކެއް އަހަރެންގެ ސިކުނޑީގައި ހިލުވާލިއެވެ. ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ އަހަރެންގެ ރަށަކީ މަލަމަތި ރީތި ފެހި ރަށެކެވެ. ގޭތެރޭގެ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ބޯކޮށް ހެދިފައިވާ ގަސްތަކުގެތެރޭގައި ކޮއްކޮމެންނާއެކު ކުޅެ މަޖާކުރި ދުވަސްތައް ހަނދާނުގެ ޞަފްޙާތަކުން އުކެންފެށިއެވެ. ކޮއްކޮމެންގެ ޒިންމާ ނަގަންޖެހުނު ދުވަހު ކޮއްކޮމެން ދޫކޮށް ނުބައި އެކުވެރިންނާއެކު ވަލުތެރޭގައި ހޭވި ހަޑިތައްވެސް އައި ނައި ދިމާލެއްނޭނގި ބޮލުތެރޭގައި އެނބުރެން ފެށިއެވެ. ޒުވާން ޢުމުރު ހަފުސްކުރީ ނިކަމެތި މައިމީހާގެ އާދޭސް ތަކާ ނަޞޭޙަތްތަކަށް ބީރު ކަންފަތެއްދީގެންކަން ހަނދާންވުމުން ހިތުގައި ހެދިފައިވީ ފާރުގަނޑަށް އިތުރަށް ރިހުން އައިކަހަލައެވެ.
ރަށުގެ ބިމުގައި ފައި ޖެހުމާއެކު ނިމާލްގެ ބިރުވެރި އިންޒާރު ހަނދާންވެ އަހަރެންގެ ހަށިގަނޑަށް އެޅި ރޫރޫ އެންމެ ކައިރީގައި ހުރި ސިރާޖަށް އިޙްސާސްކުރެވުނުފަދައެވެ. ދެއަތުން އަހަރެންގެ ދެކޮނޑުގައި ހިފައި، ކުރިއަށް ހިނގާށޭ ބުނެ ދިން ހިތްވަރުން އަހަރެންގެ ދެފަޔަށް ހީވީ އިތުރު ބާރެއް އައިހެންނެވެ. މަރުގެ އިންޒާރު ދިންނަމަވެސް ތަޤްވާވެރިކަމާއި އީމާންތެރިކަމުން ޒީނަތްވެފައިވާ އަޅަކު ހާސްވާން ނުޖެހޭނެކަމާއި، ﷲ ރައްކާތެރިކުރައްވާނެކަން ސިރާޖު ވިސްނައިދިނީ ބަފަޔަކު ފަދައިންނެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އަހަރެން ކުރިއަށް ހިނގަމުންދިޔައީ އާ ޢަޒުމަކާއިއެކުގައެވެ. ސިރާޖާއި، ކަންނެލީއޮޑީގެ ފަޅުވެރިންގެ ނަޞޭޙަތުގައި ހިފައި މަންމައަށް ޚިދުމަތްކުރުމުގައި އުމުރުގެ ބާކީ އޮތްބައި ހޭދަ ކުރުމުގެ މާތް މަޤްޞަދު ޙާޞިލްކުރުމުގެ އުއްމީދުގައެވެ.
( ނުނިމޭ)
8 Comments!
Comments are closed.

V furihama
Shukuriyyaa dhaththa… ??
Vaahaka varah Reethi
Shukuriyyaa umny.. ?
Alheyy haadha loabi vaahaka ekey Maasha Allah❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????❤️❤️❤️❤️❤️❤️
Shukuriyya chocolate lover… ?
masha allah… mi baives v reethi
Dambee I know how to start a story but couldn’t finish don’t say you are busy cuz it’s been years