Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featured

ހިތް ރުހުނަސް – 03

Hussain Aslam Abudulla Level 1
October 22, 2019 5 Mins Read
2 Comments
“އަންމާ….” ކޮޓަރިތެރެއިން ކުޑަ އަންހެންކުއްޖެއްގެ މަންމާ އޭ ކިޔާފައި ރޯން ފެށިއެވެ. އެދެމީހުންނަށް ޚިޔާލީދުނިޔެއިން އެނބުރި އާދެވުނީވެސް އެއަޑަށެވެ. އަތުގެ ނުފުށުން ކަރުނަތަށް ފޮހެމުން އިރާދާ މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. ހަސަނުގެ ދެލޮލުގައި ކަސްތޮޅުއެޅިފައިވާ ކަރުނަތައް އެގޮތަށް ހައްޔަރުގައި ހުއްޓެވެ. އޮއްސާލާނެ ފުރުސަތު ގެއްލުނީކަމަށްވެސް ވެދާނެއެވެ. ހަސަނުގެ ހިތަށްވެސް ވޭނާއި ތަދުކުރުވިއެވެ. ހަޤީޤަތް ފޮރުވިފައިވާ އެދެމަފިރިންގެ ގުޅުމުގައި ވަނީ ކޮންފަދަ ކަޅު ވިލާގަނޑެއްހެއްޔެވެ. ދެމީހުންގެ މޫނަށް އަރަމުން ދިޔަ ކުލަވަރުތަކުން އެދެމެދުގައި ފޮރުވިފައިވާ ތޫފާނުގެ ބާރުގަދަކަންވެސް ދިޔައީ ފެންނަމުންނެވެ. އިޜާދާ ގޮސް ކޮޓަރީގެ ދޮރު ޖެހިއެވެ. ހަސަނަށް ދެލޯމަރައިލެވުނެވެ. ކަސްތޮޅު އެޅިފައިވާ ކަރުނައިގެ ކޯވަރެއް ހަސަނުގެ ލޮލުގެ ތެރެއިން ފުރޭނިގެން ކަންފަތާއި ދިމާލުން ފައިބައިގެންދިޔައެވެ.***

“އަދިވެސް.. މިހާރު ގަޑިންވީއިރެއް
އެނގޭތަ؟” ފައިރޫޒާ ދޮރުގައި ތަޅަމުން ދިޔައެވެ. “އިޝާ އަދިވެސް ނިދަނީތަ؟ މިހާރު މެންދުރު ބަންގިވެސް ގޮވައިފި… ސުކޫލުން ނިމުނު ފަހުން ނިދުންނޫން ކަމެއް ނުކުރޭ…” ފައިރޫޒާ ދޮރުގައި ތަޅަމުން ގޮވަމުންދިޔައީ އޭނަގެ ދަރިފުޅު އިޝާއަށެވެ. އެނދުމަތީގައި ނިދާލާފައި އޮތް އިޝާ ފުރޮޅިލިއެވެ. އޭރުވެސް ފައިރޫޒާ ދިޔައީ ދޮރުގައި ތަޅަމުންނެވެ. ހަށިގަނޑު ދަމާލަމުން އާފުރެމުން އިޝާ ދެލޯ ހުޅުވައިލިއެވެ. ފާރުގައި ހަރުކޮށްފައި އިން ގަޑިއަށް ބަލައިލަމުން ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވިއެވެ. ހީވަނީ ކަމެއް ހަނދާންވެގެން ތެދުވިހެންނެވެ. އިޝާއަކީ އާދައިގެ އިސްކޮޅަކާއި ދޮން ކުއްޖެކެވެ. ވަރުގަދަ ކަޅުކަންގަދަ ބުމައަކާއި ބޮޑު ދެލޮލެއް ޤުދުރަތުން ލިބިފައިވާ ރީތި އަންހެން ކުއްޖެކެވެ. އޭނަގެ ބޮލުގެ ދިގު ފަން އިސްތަށިގަނޑު ވަނީ އެގޮތް މިގޮތަށް ހޭވިފައެވެ. އިސްތަށިގަނޑު ދެއަތަށް ހެޔޮވަރުކޮށްލަމުން ބޮލުގެ މެދަށް ހުޅިއެއްޖަހާލަމުން ހިނގައިގަތީ ދޮރާއި ދިމާއަށެވެ. އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުމުން އޭނަގެ މޫނުމަތިން މައުސޫމުގޮތެއް ހުރިކަން ފާހަގަކުރެވުނެވެ. އޭނަ ލައިގެން ހުރީ ދިގު މަޑުނޫކުލައިގެ ހަރުވާޅަކާއި އަތްކުރު ހުދުކުލައިގެ ޓީޝާޓެކެވެ. އިޝާ ގޮސް ދޮރުހުޅުވައިލިއެވެ. ފައިރޫޒާ ފެނުމުން އިޝާ ހިނިތުންވެލިއެވެ.

“ސޮރީ މަންމާ…. ފަތިސް ނަމާދުކޮށްލައިގެން ޖައްސާލިތަނާ ނިދުނީ… މިދަނީ ފެންވަރާލައިގެން މެންދުރު ނަމާދުކުރަން.. މަންމަ ނަމާދުކޮށްފިންތަ؟ ބައްޕަ ޑިއުޓީއަށް ދިޔައީތަ؟” ފައިރޫޒާ ވާހަކަ ދެއްކުމުގެ ކުރިން އިޝާ ބުނަންޖެހޭ ހުރިހާ ވާހަކަތަކެއް ފަތިފައްޗަށް އޮއްސައިލިއެވެ. ފައިރޫޒާ އެއްވެސް އެއްޗެކޭ ނުބުނެ އިޝާއަށް ބަލަހައްޓާއިގެން ހުއްޓެވެ.

“ކިހާ އިރެއް މަންމަ މިތާ ހުރެ ގޮވާތާ… އިޝާ ނިދުމަށްފަހު މީހަކު ދޮރު ވައްޓާއިލިއަސް ހޭވެރިކަމެއް ނުވާނެ… ދެން ދޭ އަވަހަށް ފެންވައިގެން ވުޟޫކޮށްލައިގެން ނަމާދުކުރަން.. މަންމަ މިދަނީ ކާން ހަދާން….” އިޝާގެ ކޮލުގައި ފިރުމާލަމުން ފައިރޫޒާ ބުންޏެވެ. ފައިރޫޒާގެ އަމަލުތަށް ހުރިގޮތުން މައިވަންތަކަމުގެ ލޯބި ފެނިގެންދިޔައެވެ. ފައިރޫޒާ ވާހަކަ ދައްކަމުންވެސް ދިޔައީ އެހާމެ އޯގާތެރިކަމާއެކުގައެވެ. ވާނީވެސް އެހެންނެވެ. އިޝާއަކީ ފައިރޫޒާއާއި ފިރާޒަށް ލިބިފައިވާ ހަމައެކަނި ފުރާނައެވެ. އެދެމަފިރިން އިޝާދެކެ އިންތިހާއަށް ލޯބި ވަނީ އެއީ ހަމައެކަނި ދަރިފުޅުކަމުގައިވާތީއެވެ. އަޅައިގެން ހުރި ކަޅުކުލައިގެ ބުރުގާ ރަނގަޅުކޮށްލަމުން ފައިރޫޒާ ދިޔައީ ބަދިގެ ފަރާތަށެވެ. ކޮޓަރީގެ ދޮރު ލައްޕާލަމުން އިޝާގޮސްވަނީ ފާހަނާއަށެވެ.

****

“ހާ ސަޖުދޭމޭ ހަމްނޭ މާންގާތާ،
އުމުރުބީ ހަމާރީ ލަގުޖާއޭ ތުމްކޯ،
ޚުދުސޭ ހީ ތޮއުބާ ކަރުތޭތޭ،
ނަޒަރުނާ ހަމާރީ ލަގުޖާއޭ ތުމްކޯ،
ހަމް އަޤަރު ނާގަވާރޯ ތުމްހީ އިސްތަރާ ހޯގައީ
ކެ ތުމްސޭ ޖުދާ ހޯކޭ ހަމް ތަބާ ހޯގައޭ……. ”

ގޭތެރެއިން އިވެމުން ދިޔައީ ހިންދީ ލަވައެއްގެ އަޑެވެ. ލަވައިގެ އަޑު ގެއިން ބޭރަށްވެސް އިވެމުންދިޔައެވެ. އެލަވަޔާއި އެއްވަރަށް އަންހެންކުއްޖަކުވެސް އަޑުނެތްތަނަށް އެލަވަ ކިޔަމުންދިޔައެވެ. މަގުމަތިން ހިނގަމުންދިޔަ ބައެއްމީހުންވެސް އެގެއަށް ވަންނަން ހުންނަ ދޮރާއި ދިމާއަށް ބަލައިލަމުން މަލާމާތުގެ ގޮތަކަށް ހެމުން ދިއެވެ. އެގެއަށް ވަންނަން ހުންނަ މައިދޮރާށިވެސް ހުރީ ހުޅުވާފައެވެ. އެލަވައިގެ އަޑު ބާރުކަމުން ހީވަނީ ޝޯއެއް ބާއްވައިގެން އުޅެނީހެންނެވެ. އެލަވަޔާއި އެއްވަރަށް ލަވަ ކިޔަމުންދިޔަ އަންހެންކުއްޖާގެ ކިޔުމުގައި އެއްވެސް އޮއްޓަރެއްނެތެވެ. ރާގެއްނެތެވެ. ބީޓެއް ނެތެވެ. ބައެއް ފަހަރު ލިރިކްސްވެސް ނުބައިކޮށް ކިޔައެވެ. އަޑުއަހާ މީހަކު ބަނޑަށް ހީ ހީ ހަލާކުވާނެކަން ކަށަވަރެވެ. ނަމަވެސް ލަވަ ކިޔަމުންދިޔަ އަންހެންކުއްޖާގެ އެއްވެސް ފަރުވާލެއްނެތެވެ. ކުއްލިއަކަށް ޖަހާފައިހުރި ލަވައިގެ އަޑު ކެނޑުނެވެ. އޭރުވެސް އެ ލަވަ ކިޔަމުންދިޔަ ކުއްޖާގެ ހަމަ އަޑުނެތްތަނަށް ލަވަ ކިޔަމުންދިޔައެވެ.

“ސާބަސް ތަންވީރު.. ބޮލާ ނުކުޅަދާނަ.. ދުނިޔެއަށް ހޭވެރިކަމެއްވާއިރަށް މި ލަވައެއް ޖަހައިގެން ކޮންމެ ދުވަހަކު… މި ސަރަހައްދު އަވައްޓެރިންނަށްވެސް ވިސްނާލަން ވާނެ އެންނު.. ކާޅެއްވެސް ތިއަށްވުރެ ރީތިކޮށް ލަވަކިޔާނެ… މީހުންނަށް ނުކުޅަދާނަ ނުވާވަރަށް ކުރާކަމެއް ކޮށްބަލަ.. ފެންވަރާލައިގެން ގައިން ތާހިރުވެލައިގެން ނަމާދެއްކޮށްބަލަ…. މަ ހިތަން އަރާ ސަހަރޯއޭ. ބޮޑުވެފަ ހުރި އަންހެން ދަރިއެކޭ… ކީއްތަ ވާނީ މަންމައަށް ފަށޭހައެއްކޮށްލަ ދިނީއްޔާ…” ޓީވީ ރެކުމަތީގައި އޮތް ރިމޯޓް ނަގަމުން އިރާދާ ޓީވީ ނިއްވައިލިއެވެ. ތަންވީރު ވަރަށް ހަމަޖެހިލައިގެން ސިޓިންރޫމުގައި ހުރި ސޯފާގައި އޮށޯވެލައިގެން އޮތެވެ. އެއްއަތް މޫނުމަތީގައި ބާއްވާލައިގެން ހަމަޖެހިލައިގެން އޮތެވެ. އޭރުވެސް އޭނަ ދިޔައީ ކިޔުނު އެންމެ ރީތިގޮތަކަށް ލަވަ ކިޔަމުންނެވެ. ތަންވީރަށް ކަހިރުވަކޭކެވެސް ހީނުވަކަހަލައެވެ. އިރާދާ ހަޅޭއްލަވަމުންދިޔައިރު އޭނަގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއްވެސް ދުވެލިއެވެ. ތަންވީރު ލައިގެންއޮތީ ފަލަމަސްގަޑާއި ހަމައަށް އަންނަ ކުރު ސޯޓުކޮޅަކާއި އަތްކުރު ކަޅުކުލައިގެ ޓީޝާޓުކޮޅެކެވެ. އެއްފައި މައްޗަށް އަނެއްފައި ނަގައިގެން ހެއްލާލާ ހެއްލާލާ އޮތްއިރު ބަނޑުގެ ތަންކޮޅެއްވެސް ފެންނަން ހުއްޓެވެ. އޭނަލައިގެން ހުރި ހެދުމުންވެސް އެއީ މިޒަމާނުގެ ފެޝަނަށް ލޯބިކުރާ ކުއްޖެކަން އެނގުނެވެ. ގޭތެރެއަށް ލޯ ހިންގާލައިފިނަމަ އެ އައިލާއަކީ ފޯރާ އައިލާއެއްކަން ފެންނަން ހުރި ފަރުނީޗަރުތަކުންވެސް ފެންނަން ހުއްޓެވެ. ސާފުތާހިރު ތަރުތީބު ސިޓިންރޫމެކެވެ. އިރާދާ ދިޔަގޮތަށްގޮސް ތަންވީރުގެ އަތް މޫނުމަތިންނެގިއެވެ.

ތަންވީރު ދެލޯ ހުޅުވައިލިއެވެ. ކުޑަ ދެލޮލެވެ. ޒާމާނި ވަސީލަތްކުގެ ބޭނުން ހިފަމުންދާކަން އޭނަގެ ހިމަ ބުމަވެސް ހެކިވާނެއެވެ. ބޮޑު ތުންފަތެވެ. ދޮންމިން ހެޔޮވަރުގެ ހަންގަނޑެކެވެ. އުމުރުން އަށާރަ ނޫނީ ނަވާރައަހަރުވެދާނެއެވެ. މޫނުމަތިން ޅަގޮތެއް ހުއްޓެވެ. އިރާދާ އައިސް އަތް ނެގުމުން ތަންވީރު ސޯފާއިން ތެދުވިއެވެ. އޭރުވެސް އެކިޔަމުންދާ ލަވައެއް ކިޔަމުންދިޔައެވެ. ތަންވީރު ސޯފާއިން ތެދުވިއެވެ. ތަންވީރު އުޅެމުންދިޔަ ގޮތުން އޭނަގެ މަންމަ އިރާދާ ދެއަށް އުނަގަނޑުގައި ވިއްދާލައިގެން “ޕިސް ޕިސް” ލައްވަމުންދިޔައެވެ. ތަންވީރު އެލަވައިގެ ތަންތަންކޮލު ކިޔަމުން އެލަވައިގެ “ސްޓެޕްސް” ޖައްސަމުން އޭނަގެ ކޮޓަރިއަށް ގޮސްވަނެވެ. އިރާދާ އެއްޗެކޭ ކީކަމެއް އޭނައަށް ހީވެސްނުވިއެވެ. އެއްވެސް އަޅާލުމެއް ކަހާލުމެއްނެތި ގޮސް ކޮޓަރިއަށް ވަނެވެ.

“ދަރިއެއް މަށަށް ލިބިފަ މިހުރީ.. ދެން މާދުރީ ނެތްތާކަށް މިވަރުވެސް ފުދޭ…” އިރާދާ ހެމުން ހެމުން ގޮސް ނުކުތީ ގެއިން ބޭރަށެވެ.

***

މެންދުރުގެ އެންމެ ހޫނު ގަދަވަގުތެވެ. އެރަށުގެ ބަނދަރުމަތީގައި ހެދިފައިވާ ދިއްގާ ގަސްތަކުގައި އެލުވާފައިވާ ޖޯލި ފަތިތަކުގައި އެރަށުގެ ޒުވާންފުރައިގެ ފިރިހެންކުދިންތަކެއް ސިނގިރޭޓް ބުއިމުގައާއި ސަކަރާތުގައި ތިއްބެވެ. ރަށުގެ ކައުންސިލް އިދާރާވެސް ހުންނަނީ ބަނދަރު ފަރާތުގައެވެ. ބަނދަރުގައި ދތިންހަތަރު ދޯންޏަކާއި ތިންލޯންޗު އަޅާފައި އޮތެވެ. އެސަރަހައްދުގައި އެލުވާފައިވާ ޖޯލިތަކުގައި ތިބި ފިރިހެންކުދިންނަށް ބަލައިލުމުންވެސް އެމީހުންނަކީ ރަށްފުށުގައި މިއުޅޭ “ދާދާ” ވައްތަރުގެ ކުދިންނޭވެސް ބުނެވިދާނެއެވެ. އެމީހުންގެ ބޮލުގެ އިސްތަށިގަނޑާއި ހަށިގަނޑުގެ ގުނަވަންތަކުގައި އަޅާފައިވާ ތަކެތިންވެސް އެމީހުންގެ ހައިބަތު އަންގައިދެއެވެ. އެތަނުގައި އިން ޒުވާނަކު ސިނގިރޭޓް ދަމާލަމުން ހިނިގަނޑެއް ޖަހައިލިއެވެ. އޭނަގެ ތުންފަތުންވެސް ސިނގިރޭޓް ބޮއިފައިވާ މިންވަރު ހާމަވާނެއެވެ. އޭނަގެ ތުންފަތެއްކޭ ދެތިންމަސްވަންދެންނުދޮވެހުރި ކަޅުދެލިހެން ހުރި ތެއްޔެއްގެ ފުލެކޭ އެއްވަރެވެ. އެހާވެސް އޭނަގެ ތުންފަތްކަޅެވެ. ކަންފަތުގެ ދެތިން ތަނަކަށް ބޮޅު ޒާތުގެ ކަންފަތު މުދިތަކެއް އެލުވާފައި ހުއްޓެވެ. އެކުއްޖާ އަނގަޔަށް ވައްތަރު ތަކެއް ޖައްސައިލިއެވެ.

“ކޮބާ އަބޭ…. މިރޭ ނެތްތަ ކަމެއް…..” އެޒުވާނާއި އެތަނުގައި ހުރި ޒުވާނަކަށް ބަލައިލަމުން ބުންޏެވެ. އެޒުވާނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭނަގެ ހުނުމުގައި އަންހެންކުދިން އަޅައިގަންނަ ކަހަލަ ފިރިހެންވަންތަ ގޮތެއް ހުއްޓެވެ. ބޮލުގެ އިސްތަށިގަނޑު ބުޅިވެފައި ދިގެވެ. ވާއަތު ބުމައިގެ އެއްފަރާތުން ތަންކޮޅެއް ކަނޑާލާފާއި އިނެވެ. ތުނބުޅިވެސް އާދައިގެ ވަރަކަށް ދިގެވެ. އިސްކޮޅުން ދިގު ޒުވާނެކެވެ. ވާއަތުގައި ފެންވަރުގެ ގަޑިއަކާއި ތަފާތު ވައްތަރުގެ އަތުގައަޅާ އެއްޗެހިވެސް އަޅާފައި އޮތެވެ. ދެކަންފަތުގައިވެސް މުދި ލައްވާފައި ހުއްޓެވެ. ކަރުގައި ވަރުގަދަ ރިހިފަށެއްވެސް އޮތެވެ. ލައިގެން އިނީ ތަންތަނުން ޥީދާފައިހުރި ޖީންސަކާއި ގޮޅި ޖެހި ވަޅުފެހި ކުލައިގެ ގަމީހެކެވެ. ހަމަ މިޒަމާނުގެ “ޕާޓޭ” އެކެއެވެ. ލޮލުގައި އަޅާފައިވާ ރޭބަން ކަޅު އައިނު ލޮލުން ނެގިއެވެ. އެސްފިޔަތަށް ދިގު ރީތި ލޮލެކެވެ. އަންހެންކުއްޖެއްގެ ލޮލަކަށްވުރެ އެޒުވާނާގެ ލޯ ރީއްޗެވެ. އަތުގައި އޮތް ސިނގިރޭޓް ބިންމައްޗަށް ނިއްވާލަމުން ޖޯލީގައި ހަމަޖެހުނެވެ.

“މިރޭ މީ ފްރައިޑޭ…. ގޭގަ ޕާރޓީއެއް ބާއްވަން ވާނެ.. މަންމަވެސް ވީ މެލޭގަ… މިރޭ ސަޅިވާނެ ކަމެއްރާވާލަން…” އެޒުވާނާގެ އަޑުވެސް ބަރުވެފައި ފިރިހެންވަންތައެވެ. ހިތްގައިމު ރީތި ފިރިހެނެކެވެ. އަންހެންކުދިންގެ ހިތްތަށް ވިރިގެން ފައިބާވަރުގެ ރީތިކަމެއް އޭނައަށް ލިބިގެންވެއެވެ. އެރަށުގެ ހުރިހާ އަންހެންކުދިންވެސް ތިބެނީ އަބުރާމާއި ހެދި މޮޔަވެފައެވެ. ކޮންމެ އަންހެންކުއްޖަކުވެސް ހިތް އެދި އާދޭސްކުރާހާ އަބުރާމް ފުރިހަމައެވެ. އެޔޭ ހުތުރީ މިޔޭ ހުތުރުތަނަކީ އޭ ބުނެވޭވަރުގެ އެއްވެސް އައިބެއް ބޭރުފުށުންވެސް ފެންނާކަށް ނެތެވެ.

“އެހެންތަ؟ އެކަމު ކޮޕުންގެ ބަލާވެސް ވަރަށް ބޮޑެއްނު….” އެތަނުގައި ހުރި އެހެންޒުވާނަކު މޫނަށް ގޮތެއް ހަދައިލަމުން ޖަވާބުދިނެވެ. އަބުރާމަށް އަނެއްކާވެސް ހެވުނެވެ.

“ކަލޯ.. އެމީހުންގެ ސިނކުޑި މިއަށްވުރެއް ހަރެއްނުވާނެ… ” އަބުރާމު އޭނަގެ ބޮލުގައި އަތްޖަހާލަމުން ބުންޏެވެ. “ޕާރޓީއެއް ހިންގާނުލާތާ މިހާރު ދެމަސް.. އެދެމަސްދުވަސް ހިނގައިދިޔަގޮތް ކަލޭމެންނަކަށް ނުވެސް އެނގޭނެ. މިރޭ މައެ ކައެމެންނަށް ޕާރޓީއެއް ހިންގާލާނަން… ކޮޕުންނަށް ހީނުވާ އެތަނުގައި ކަމެއް ކުރާކަމެއްވެސް.. އެހެންނޫނަސް މަށާކުޅެވޭނެ ވަރުގެ ޅ*އެއް މިރަށަކު ނުހުންނާނެ.. އެ އާތުން ޖެހޭނީ ފ**ން..” އަބުރާމުގެ ބަސްމަގުވެސް ހުރީ ހަމަ އެންމެ ޒަމާނީ ވައްޓަފާޅިއަށެވެ. އޭނަގެ ވާހަކަތަކުން ހީވަނީ ކޮންމެވެސް ވަރުގަދަ ހަފުލާއަކަށް ތައްޔާރުވެފައިވާހެންނެވެ. އޭނަގެ ވާހަކަތަކުން އެގޭގައި މިހާރު ދިރިއުޅެމުންވެސް ދަނީ އޭނަ އެކަންޏެވެ.

“އޭތް ދެން ހިނގާ ގެއަށް ބިންދާލަން… މިހާރު ވަރަށް ލަސްވެސް ވެއްޖެ.. މިއަދު އަދި ނިދިގަނޑެއްވެސް އަޅާލަންވާނެ.. އޭތް ޕާޓީ އޮތީ ކޮންއިރަކުން..” އެތަނުގައި އިން ޒުވާނަކު ޖޯލިން ތެދުވަމުން ބުންޏެވެ. އަބުރާމާއެކީ އެތަނުގައި ހަތަރު ވަރަކަށް ކުދިން ތިއްބެވެ. އެންމެންވެސް ޖޯލިތަކު ފޫކޮޅު ހިއްލައިލިއެވެ. އޭރުވެސް އަބުރާމު ޖޯލީގައި ހަމަޖެހިލައިގެން އިނެވެ.

“އޯކޭ.. ކައެމެން ނައްޓާލާ.. މަ ދާނީ ތަންކޮޅެއްފަހުން… މިރޭ އެގާރަގަޑި ބަޔަށް އަހަރެމެންގޭ ކަންމައްޗަށް.. ކޮންމެ މީހަކުވެސް ގެއަށް ވަންނަންޖެހޭނީ ވަކިން.. ވަގުލޯތަކަށް ރައްކާތެރިވާން ޖެހޭނެ..” އަބުރާމު އެހެން ބުމުން އެކުދިންތައް ސިނގިރޭޓް ދުންއަރުވަމުން ސައިކަލުތަކުގައި ގެއަށްދާން މިސްރާބުޖެހިއެވެ. އާބާދީ ގޮތުން ކުޑަ ރަށެއް ނަމަވެސް އެރަށުގައިވެސް ސައިކަލު ގެންގުޅެއެވެ. ހާއްސަކޮށް އެރަށުގައި އުޅޭ ޒުވާން ފުރައިގެން ކުދިންނެވެ.

އެމީހުން ދިއުމުން އަބުރާމު ޖޯލީގައި ބުރަކަށި ދަމައިލަމުން ހަމަޖެހުނެވެ. ދުވަހަކީ އުޑުމަތި ސާފު ވައިރޯޅިވަމުންދިޔަ ހޫނު ދުވަހެކެވެ. ޖެހެމުންދާ ފިނި މަޑުވައިރޯޅީގެ ހިތްގައިމުކަމުގައި ހަމަޖެހިލިއެވެ. ކަނޑުވެސް މަޑު ދުވަހެކެވެ. ބަނދަރުމަތީގައި ހޮވައިކައި އުޅުނު ކާޅުތަކަކަށް ބަލަހައްޓައިގެން ޚީޔާލަކަށް ގެއްލިފައި އަބުރާބު އިނެވެ.

“އަބޫ…” ފިރިހެނަކު ފަހަތުން އަބުރާމު ގެ ނަމުން ގޮވައިލިއެވެ. އަޑު އައީ ފުރަގަހުންނެވެ. ޖޯލި ފަތި އަނބުރައިލަމުން އަބުރާމު ހިނިތުންވެލިއެވެ. އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުމުން ހީވަނީ ވަރަށް ގާތްމީހެއް ފެނިގެން ހިނިތުންވެލިހެންނެވެ. އޭނަގެ އެހިނިތުންވެލުމުގައި ޖާދޫއެއް ހުއްޓެވެ. ހިނިތުންވެލާ ވަގުތު ލޯ ކުޑަވެގެންދާއިރު އޭނަގެ މޫނުގެ ހިތްގައިމުކަމެވެ. ބޮލުގެ އިސްތަށިގަނޑު ގައިގެ ކުރިމައްޗަށް ރަނގަޅުކޮށްލަމުން ޖޯލިން ތެދުވިއެވެ.

“މައި ބަޑީ……

(ނުނިމޭ)

Share Article

Follow Me Written By

Hussain Aslam Abudulla

Level 1

Other Articles

Previous

ވާނަން އުމުރަށް – 35 –

Next

ރިއާން…!

Next
October 22, 2019

ރިއާން…!

Previews
October 21, 2019

ވާނަން އުމުރަށް – 35 –

2 Comments!

  1. amin says:
    October 22, 2019 at 10:40 pm

    your descriptions re awsome. its like hama partey kudhinthakeh fenna hen hama lolah.. waiyong for the next part.

    1. Aslam says:
      October 26, 2019 at 2:16 am

      Thank you so much ?

Comments are closed.



All Right Reserved!