އަލްވިން ފާހަނައިން ނުކުތްއިރު ކޮޓަރީގައި އެކަކުވެސްނެތެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި އަވަހަށް ތައްޔާރުވެލިއެވެ. “އަލްވިން؟؟؟” ނަވާލްގެ އަޑު ބޭރުންއައެވެ. ” އާނ، ކީކޭ؟” އަލްވިން، އަތުގެ އިނގިލި ތަކުން އޭނާގެ ފަން އިސްތަށިގަނޑުގައި އަތްކާތުލަށްފަހު ޖަވާބުދިނެވެ. ” ކޮބާ އަދިވެސް ނުނިމެނީތަ؟ ” ” ނޫނޭ މިނިމުނީ ” ބޮޑީސްޕްރޭ ފުޅިން ގަޔަށް ބޮޑީސްފްރޭ ބުރުވާލުމަށްފަހުގައި ކޮޓަރިން އަލްވިން ނުކުތެވެ. ނަވާލް އާއި އެއްކޮށް އަލްވިން ގޮސް ދެން ވަނީ ކާގެއަށެވެ. އޭރު ހަލީމާ އަވަދިނެތި ސުފުރާމަތި ތައްޔާރު ކުރުމުގައިއުޅުނެވެ. ” އަނހާ.. އަވަހަށް އާދޭ ކާން!” ހަލީމާ ގޮވިއެވެ.
ނަވާލް ގޮސް ކާމޭޒުކައިރީގައި އިށީނެވެ. ހަމަ އެފަސް ފަހަތުން އަލްވިންވެސް ގޮސް ކާންއިށީނެވެ. އަލްވިންއަށް މޭޒުމަތި ފެނުނީ ވަރަށް ތިޔާގިކޮށެވެ. ކައްކަފައިވާ ބަނބުކޭލާ ، އޮޅުއަލައާއި މީގެ އިތުރުން ކައްޓަލަވެސް ފެންނާން ހުއްޓެވެ. އަދި މީގެ އިތުރަށް ގަރުދިޔަޔާ ބަތާ ، ލޮނު މިރުހާ ފިޔަޔާ، މިހުރިހާ އެއްޗެއްގެ އިތުރުން ފިހެފައިވާ ބޮޑު ތާޒާ ރަތް މަހެއް ސުފުރާގެ މެދުގައި ބޭއްވިފައި އޮތެވެ. މި ތަކެތިން އަރާ ވަހުންވެސް އަލްވިންގެ ބަނޑު ފުރިގެން ދިޔަ ކަހަލައެވެ. “ދެން އަވަހަށް ބަލަން ނުތިބެ ކާން ފަށާ! ” ހަލީމާ ތައްޓަށް ފެން އަޅަމުން ބުނެލިއެވެ.
ކައި ނިންމައިގެން ތެދުވި އިރު އަލްވިންގެ ނިތްކުރި މަތިވަނީ އުދާސް ވެފައެވެ. ފިހެފައިވާ މަހުގެ ކުޅިކަމުގެ އިތުރުން ބޯމަތީގައިވާ ފަންކާ ގެ މަޑުކަމުންވެސް މެއެވެ. އަތް ދޮވެ ލުމަށްފަހު ނަވާލް އާއި އަލްވިން ނުކުތީ ގޭގެ ދޮރުމަށްޗަށެވެ. ދުފާ މަޑިސީލަ ހިފައިގެން ނުކުތް ނަވާލް ގެ ފަހަތުން ގޮސް އަލްވިން ވެސް ދޮރުމަތީގައިވާ ޖޯލިފަތީގައި ޖައްސާލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ނަވާލް ދުފާލާ އަނގަ ރަތްކޮއްލިއެވެ. އަދި ދުފާމަޑިސީލަ އަލްވިންއަށް ދިއްކޮއްލިއެވެ. އިރުކޮޅަކު އޭގައި ވާ އެއްޗިއްސަށް ބަލަން އިނދެފައި އަލްވިން މަޑިސީލައިގައި ހިފިއެވެ. ފޯއްވަޅި ނަގައި ފޯއްކޮށުމަށް ޓަކައި މަސައްކަތް ފެށިއެވެ. އެކި ގޮތްގޮތަށް ފޯކިބަ ބާއްވައިގެން އަލްވިން ކުރަމުން ގެންދިޔަ ދަތި މަސައްކަތް ބަލަން އިން ނަވާލްގެ ހިނިގަނޑު ހިފެހެއްޓެނީ ހަމަ ކިރިޔާއެވެ.
” އައްސަލާމު އަލައިކުމް” ދެމީހުންގެ ސަމާލުކަން ދަމައިގަތީ އަންހެނެއްގެ އަޑެކެވެ. “ވަޢަލައިކުމުއްސަލާމް” ނަވާލް ސަލާމަށް ޖަވާބުދިނެވެ. އޭރު ދޮރުމަތީގައި ދެ އަންހެން ކުދިން ތިއްބެވެ. ” ކޮބާތަ ހަލީމައްތަ؟” އެތަނުން ކުރީގައި ހުރި ކުއްޖާ އަހާލިއެވެ. “އާނ… މަންމަ އެބައުޅޭ އެފަރާތުގައި، ހާދަ ނާދެޔޭ މިހާރު ، ނާދިޔާ އަހަރެމެންނާ ރުޅީތަ؟” ނާވާލް ސުވާލަށް ޖަވާބުދެމުން ސުވާލެއް ކޮއްލިއެވެ. ” ނޫނޭ ހަމަ ބިޒީ ކަމުން ، އޭ މަ އެބަ އަންނަން އިނގޭ، އެފަރާތައް ޖެހިލާފައި މަޑުކުރައްޗޭ!” ނާދިޔާ ގޯތިތެރެއަށް ހިނގައިގަންނަމުން ފަހަތުގައި ހުރި އަންހެން ކުއްޖާއަށް ބަލާލުމަށްފަހު ބުންޏެވެ.
ފޯއް ކޮށުމަށްޓަކައި ފޯއްކިބައާއި ފޯއްވަޅި އަތައް ލައިގެން އިން އަލްވިން އިނީ ހުއްޓުން އަރާފައެވެ. އޭނާގެ ކަޅި ހުއްޓިފައި ވަނީ ދޮރުމަތީގައި ހުރި އަންހެން ކުއްޖާއަށެވެ. ރީތި ލޮލެކެވެ. ދޮން މޫނެކެވެ. ތިރި ބަލަހައްޓައިގެން ހުރެ އަތުގައި އޮތް މަލާ ކުޅެމުން ދިޔައިރު އޭނާ ހީވަނީ އުދަރެހުން ދިއްލާލަފައި ހުރި ހަނދެއްހެނެވެ. އަލްވިން ބަލަން އިންކަން އެންގުމުން އެމަޑު ފިޔާތޮށި ތުންފަތް މައްޗައް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ހަތަރުކަޅި ހަމަ ކޮއްލާ އެދިން ހިނިތުންވުމުން އަލްވިންގެ ހިތުގައި ކުރިން އިހުސާސް ނުކުރެވޭފަދަ ވިންދެއް ޖަހަން ފަށައިފި އެވެ.
“ނަވާލް މީ ކޮންކުއްޖެއްތަ ؟” އަލްވިން ގެ ހިޔާލުން ބޭރުކޮއްލީ ރާނބާ ފަތް ދެފަތް އަތު ލަފި ކޮއްގެން އައި ނާދިޔާގެ އަޑެވެ. ” މީ މާލޭން އައި އަހަރެންގެ ރައްޓެއްސެއް” ނަވާލް ޖަވާބުދިނެވެ. އަލްވިންވެސް ނަދީމާ އަށް ހިނިތުންވެލިއެވެ ” އެހެންތަ، ކީއްވެގެންތަ ތި އަތައް ލައިގެން ތި އިންނަނީ ، ދައްކަބަލަ މަގޭ އަތައް!” އަލްވިންގެ އަތުގައި އޮތް ފޯއްވަޅިއާއި ފޯއްކިބަ އަތުލުމަށްފަހު ނާދިޔާ ރަނގަޅަށް ދުފާލިއެވެ. “އޭ ދެންދިޔައްޔޭ އިނގޭ … ފަހުން ޖައްސާލާނަން” ހައްޕުނޑުތައް އަނގައިގެ ތެރޭގައި ބޮނޑި ކޮއްގެން ހުރެ ނަދީމާ ދާން ހިނގައިގަތެވެ. އެ ހަނދެއް ފަދަ އަންހެން ކުއްޖާ ނުކުތުމެ ކުރިން ފަހަތަށް އެނބުރި އަލްވިން އަށް އަދި އެއްފަހަރު ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ. މިފަހަރު ހަމަ ރަނގަޅަށްވެސް އަލްވިންގެ ހިތާ ކުޅެލައިފިއެވެ.
“ހޮހޯ… އަދި މިއުޅެނީ ރަށަށް އެރިތާ 24 ގަޑިއިރު ނުވެގެން ، މިހާރު އަންހެން ކުދިން ސެޓްކުރަން ފެށީދޯ؟” ނަވާލް އަލްވިން އަށް ފޯއްކޮޅެއް ކޮށާ ދިނުމަށް ފަހު ދެމުން، ސަމާސާ ކޮއްލިއެވެ. ” ނޫނޭ ، އަދި އެހެނެއް ނޫން ، އެހާ އެހާ އެއްނޫންދޯ؟” އަލްވިން ޖަވާބުގައި އަހާލިއެވެ. “ކަލޯ އެއީ މިރަށުގައި ހުރި އެންމެ ރީތި އަންހެން ކުއްޖާ، އަދި ހަމަ އެހާމެ އަޙްލާގް ރަނގަޅުވެފަ މީޙުނަށް ހެޔޮ ވާނެ. ހަމަ އެހާމެ-” ” ހޫން ހޫން ، އޯކޭ ، އެކުއްޖާގެ ނަމަކީ ކޮބާތަ؟ ” ނަވާލްގެ ވާހަކަ މެދު ކަނޑާލުމަށް ފަހު އަލްވިން އެހި އެވެ. “ހެހެ، އޭނަޔަށް؟، އޭނަޔަށް ކިޔަނީ ….. ރަނާ”
ނުނިމޭ
2 Comments!
Comments are closed.

Varah reethi..maa sha Allah.when is next part??waiting for the next part..
If i dont get too busy ill try to upload the next episode this friday but since my exams are going on i might not be able to so sorry in advance