އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ
ޔަހޫދީންނަކީ، މާތް ﷲ ގެ ދީނާމެދު ޣަދަރުވެރިކަމާއި ނުސިޔާނުކަން ފާޅުކުރަމުން ގެންދިޔަބައެކެވެ. އެ މާތް ދީނުގެ ހަތުރުންނެވެ. އިސްލާމްދީނުގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ނަބީކަމައިގެން ފޮނުއްވުމުގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުންނާމެދު އެބައިމީހުން ޢަމަލުކޮށްފައިވާ އިހާނެތި ގޮތްތަކީ، ސާދަވިލޭރޭގެ ހަނދުފަދައިން ފަދައިން ސާފުކޮށް ބަޔާންވެފައި ހުންނަ ވާހަކަތަކެވެ.
ކައުއިތުރު ރަސޫލާ މަދީނާއަށް ވަޑައިގެންނެވި އިރު މަދީނާގައި ތިން ޤަބީލާއެއްގެ ޔަހޫދީން ވަޒަންވެރިވެގެން އުޅުނެވެ. އޭގެތެރެއިން އެއްބަޔަކީ، ބަނުއްނަޟީރުވަންހައިގެ ޔަހޫދީންނެވެ. އެބައިމީހުންގެ އަދާވާތްތެރިކަމާއި ދެފުށްދެގޮތްކަން އޭގެ އިންތިހާއަށް ދިޔުމުން ކައުއިތުރު ރަސޫލާ އެބައިމީހުން މަދީނާއިން ބޭރުކޮށްލެއްވިއެވެ. ދެން އެބައިމީހުން ގޮސް ވަޒަންވެރިވީ ޚައިބަރޭ ކިޔުނުތަނުގައެވެ.
އުއްމުލް މުއުމިނީން ޞަފިއްޔަތުގެފާނަކީ މިދެންނެވި ބަނުއްނަޟީރުވަންހައިގެ ރަޢީސް ހުޔައްޔު ބުން އަޚްތަބު އާއި سموئيل ގެ ދަރިކަނބަލުން ޟައްރަތު އާ ކާވެނި ބައްލަވައިގެން ފުރަސޫތާވެނުފަން ދަރިކަނބަލުންނެވެ. އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ ފުރަތަމަ ކާވަނިބައްލަވައިގެންނެވީ ސަލާމް ބިން މިޝްކަމް އޭކިޔުނު ޔަހޫދީންގެ ބޮޑަކާއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ އެގާރަ އަހަރުފުޅެވެ. އޭނާ ދުވަސްކޮޅަކު ޞަފިއްޔަތުގެފާނާއެކު އުޅެފައި އެކަމަނާ ވަރިކުރިއެވެ. ދެން އެކަމަނާއާ ކާވެނިކުރީ ކިނާނަތު ބިން އަބިލްޙަޤީޤު އޭކިނު މީހެކެވެ. އޭނާއަކީ ޚައިބަރު ހަނގުރާމަ ހިނގިދުވަހު އެންމެ ވަރުގަދައަށް މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރި އެކެކެވެ.
ހިޖުރައިން ހަތްވަނަ އަހަރުގެ ތެރޭގައި ޞަފިއްޔަތުގެފާނުގެ ބައްޕާ ހުޔައްޔު ބުން އަޚްތަބު ޚައިބަރުގެ ޔަހޫދީންނާއި އަދި ޤުރައިޝުންނާ ގުޅިގެން މުސްލިމުންނަށް ހަނގުރާމަށް ތައްޔާރުވަމުންގެންދާ ޚަބަރު ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އަށް ލިބިވަޑައިގެންނެވިއެވެ. މި ޚަބަރުލިބިވަޑައިގެން މުސްލިމުން އެބައިމީހުން ތިބި ޚައިބަރުގެ ކިއްލާއަށްގޮސް އެބައިމީހުންނާ ހަނގުރާމަކޮށް އެބައިމީހުން ބަލިކުރިއެވެ. މިހަނގުރާމައިގައި ޔަހޫދީންގެ ބޮޑުންގެ ތެރެއިން ގިނަބަޔަކު ޤަތުލުވެގެންދިޔައެވެ. މީހުންގެ ތެރޭގައި ޞަފިއްޔާގެފާނުގެ ބައްޕާ ހުޔައްޔު ބުން އަޚްތަބު އާއި ފިރިކަލުން ކިނާނަތު ބިން އަބިލްޙަޤީޤު ހިމެނެއެވެ.
ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ ވެވަޑައިގެންނެވީ ޚައިބަރު ހަނގުރާމައިގައި ހައްޔަރުކުރެވިގެން ގެނެވުނު އަސީރުންގެ ތެރެއިންނެވެ. ހަނގުރާމައިގެ ޣަނީމާ މުދާ ބެއްސެވިއިރު صفيّة ގެފާނު ލިބިވަޑައިގެންނެވީ ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު އަށެވެ. ޞަފިއްޔަތުގެފާނަކީ ޔަހޫދީންގެ ޤަބީލާއެއްގެ އަމީރާއެކެވެ. އިންސާނީ ލޯތަށް މަދުން ނޫނީ ނުދެކޭފަދަ ރީތިފުޅު ބޭކަނބަލެކެވެ. ނަމަވެސް އެކަމަނާ އޭރު އިންނެވީ މުސްލިމުންގެ އަތްދަށުގައި ހައްޔަރުވެ އެންމެ ނިކަމެތިންގެ ސަފުގައެވެ. ދެންފަހެ، މިވާހަކަ ކައުއިތުރު ރަސޫލާގެ ކަންފަތްޕުޅާ ހަމައަށް ފޯރުމުން އެކަލޭގެފާނުގެ އާދަފުޅުގެ މަތިން އެކަމަނާއަށް ޙައްޤު ޤަދަރުދެއްވަން ޤަޞްދުކުރެއްވިއެވެ. ޖުވައިރިއްޔަތުގެފާނާމެދު ކަންތަށް ކުރެއްވި ބީދައިންނެވެ.
ދެން ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު އަށް، ބަދަލެއްގެގޮތުން ހަތްއަޅުން ދެއްވުމަށްފަހު އެކަލޭގެފާނުގެ އަތްޕުޅުން صفيّة ގެފާނު މިނިވަންކުރައްވައި ކައުއިތުރު ރަސޫލާގެ އަރިހަށް އެކަމަނާ ހާޒިރުކުރެއްވިއެވެ. އެކަމަނާ ހާޒިރުކުރެއްވުމަށްފަހު އެކަމަނާއަށް ދެ ގޮތެއް ހުށައެޅުއްވިއެވެ. އެއީ މިނިވަންކަމާއެކު އެނބުރި އަމިއްލަފުޅު ވަޒަނަށް ވަޑައިގެންނެވުމެވެ. އެހެންނާ އެކަމަނާ މިނިވަން ކުރައްވާ ކައުއިތުރު ރަސޫލާ އެކަމަނާއާއި ކާވަނި ބައްލަވައިގެންނެވުމެވެ. މިހެން ޙަދީޘް ކުރެއްވުމުން صفيّة ގެފާނު ވިދާޅުވިއެވެ.
” މިހާރު ޔަހޫދީންގެ ތެރެއަކު އަޅުގަނޑުގެ ފިރިއަކުވެސް ބައްޕަޔަކުވެސް ނެތެވެ. ކާފިރުކަމާއި އިސްލާމްކަމާއި ދެކަމުގެ ތެރެއިން ތިމަންކަމަނާ ޚިޔާރުކުރާނީ އިސްލާމްކަމެވެ. އަޅުގަނޑު މިނިވަންކަމާއި ޤައުމުގެ ތެރެއަށް އެނބުރި ދިޔުމަށްވުރެ ބޮޑަށް ލޯބިކުރަނީ މާތް اللّـه އާއި އެކަލާނގެ ރަސޫލާއަށެވެ.”
ދެން ކައުއިތުރު ރަސޫލާ އެކަމަނާއާ ކާވެނި ބައްލަވައިގެންނެވިއެވެ. ރަސޫލުންނާއި ނަބީބޭކަލުންގެ ސުންނަތާ އެއްގޮތްވާގޮތުގެ މަތީން ކާވެނީގެ ވަލީމާ ތައްޔާރުކުރައްވައި ވަލީމާދެއްވިއެވެ.
ރަސޫލާ އެކަމާއާއި ކާވެނިބައްލަވައިގެން ނެވިފަހުން އެކަމަނާގެ ލޯފުޅުގެ މަތީގައި ނޫފަގެންފައިވާތަނެއް ދެކެވަޑައިގެންނެވިއެވެ. އެތަން ދެކެވަޑައިގެން އެއީ ކިހިނެތް އުފެދުނު ނިޝާނެއްތޯ ސުވާލުކުރެވުމުން އެކަމަނާ ވިދާޅުވިއެވެ. ” އެއްރެއަކު ތިމަންކަމަނާއަށް ޔަޘްރިބާދިމާއިން ހަނދެއް އަރައިގެން އައިސް ތިމަންކަމަނާގެ އުނގުފުޅަށް ވެއްޓުނީތީ ދެކެވަޑައިގެންނެވީމެވެ. އެހުވަފެންފުޅުގެ ވާހަކަ އޭރުގެ ފިރަކަލުން ކިނާނަތުގެ ގާތު ބުނުމުން އޭނާ ރުޅިއައިސްގެ ތިމަންކަމަނާގެ މޫނުމަތީގައި ޖައްސަވައި ބުންޏެވެ. ޔަޘްރިބުގެ ރަސްގެފާނާ ކާވެނިވުމަށް ހިތްއެދެނީ ހެއްޔެވެ؟ ތިޔަދެކެވަޑައިގެންނެވީ އެކަމުގެ ސަބަބުން އުފެދިގެން ދިޔަ ނިޝާނެކެވެ.
ދެންފަހެ، صفيّة ގެފާނު ކައުއިތުރު ރަސޫލާއާއެކު މަދީނާއަށް ވަޑައިގެންނެވިއެވެ. އެނގިވަޑައިގަންނަވާނެފަދައިން صفيّة ގެފާނުގެ ކުރީގެ ފިރަކަލުންނާއި ބަފައިކަލުންނަކީ މުސްލިމުންނަށް ދުއްތުރާކޮށް މުސްލިމުންނާ ދެކޮޅަށް ހަނގުރާމައަށް މީސްތަކުން އެއްކޮށް އުޅުނުދެމީހުންނެވެ. ޚައިބަރުގެ ދުވަހު އިސްލާމްދީން ނައްތާލަން މޭ އައްޑަނައަކަށް ހަދައިންގެ ހަނގުރާމަ ކުރި ދެމީހުނެވެ. ނަމަވެސް މުސްލިމުންގެ އަތްދަށުގައި صفيّة ގެފާނުގެ ހައްޔަރުވުމުން އެކަމަނާއަށް ރަސޫލާ ނުހަނު ކަމޭހިއްތެވިއެވެ. މިނިވަން ކުރައްވައި ކާވެނި ބައްލަވައިގެންނެވިއެވެ. އެހެންކަމުން صفيّة ގެފާނުގެ ހިތްޕުޅުވަނީ އިސްލާމްދީނާއި އެދީނުގެ ނަބިއްޔާގެ ލޯބިފުޅުން ފުރިފައެވެ. އެކަމަނާ ވިދާޅުވެއެވެ.
“އަހަރެންނަށް ރަސޫލާ ވުރެ ޚުލުޤުހެޔޮ މީހަކާ ދިމާވެފައެއްނުވެއެވެ”
މަދީނާގައި ރަސޫލާ أއުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ އެންމެ ފުރަތަމަ ބޭންދެވީ ޙާރިޘަތު ބިން ނުޢުމާން ރަޟިޔަﷲ ޢަންހުގެ ގެކޮޅުގައެވެ. ދެންފަހެ، ރަސޫލާ أއުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ އާއި ކާވެނިބެއްލެވި ޚަބަރު ލިބިވަޑައިގެން ރަސޫލާގެ އެހެން އަނބިއަނބިކަނބަލުން ޙާރިޘަތު ބިން ނުޢުމާން ރަޟިޔަﷲ ޢަންހު ގެ ގެކޮޅަށް އެކަމަނާ ދެކޭންދިޔައެވެ. އޭގެ ތެރޭގައި ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނާއި ޒައިނަބު ބިންތި ޖަޙުޝް ހިމެނިވަޑައިގްނަވައެވެ. އެބޭކަނބަލުން ވަޑައިގެންނެވީ މޫނުބުރުގާ ތުރުކުރައްވައިގެން ރަސޫލާއަށް އެއީ އެބޭކަނބަލުންކަން ދެނެނުގަނެވޭފަދަ ގޮތްތަކަށް ފޭރަން ތުރުކުރައްވައިގެންނެވެ.
ނަމަވެސް ރަސޫލާއަށް އެބޭކަނބަލުން އެނގިވަޑައިގެންނެވިއެވެ. އެބޭކަނބަލުން އެނބުރި ވަޑައިގެންނެވުމުން، أمّ المؤمنين السّيّدة عائشة رضى اللّـه عنها ގެ ގެކޮޅަށްވަޑައިގެން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. “صفيّة ގެފާނާމެދު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯއެވެ؟” އެކަމަނާ ވިދާޅުވިއެވެ. އަޅުގަނޑު ޔަހޫދީ އަންހެނަކު ދުށީމެވެ. ޙަދީޘް ކުރެއްވިއެވެ. ތިޔަހެން ވިދާޅުނުވާށެވެ! صفيّة އަކީ ތެދުހިތްޕުޅަކުން އިސްލާމްވެވަޑައިގެން އިންނެވި މުސްލިމު ބޭކަނބަލެވެ. މިހާރު އެކަމަނާއަކީ ޔަހޫދީއެއް ނޫނެވެ.”
އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާއަކީ ނުހަނު ހިތްޕުޅުމަޑު ދީލަތު ބޭކަނބަލެކެވެ. އެކަމަނާ މަދީނާއަށް ވަޑައިގެން ޚައިބަރުން އެކަމަނާ ގެންނެވި ބައެއްގަހަނާ ފާޠިމަތުގެފާނާއި ރަސޫލާގެ އަނބިއަނބިކަނބަލުންނަށް ދެއްވިއެވެ. މަޤްޞަދަކީ ރަސޫލާގެ އެހެން އަނބިއަނބިކަނބަލުންނާ ގާތް ގުޅުމެއް ބޭވެވުމެވެ. ނަމަވެސް އެކަމަނާ ރަސޫލާގެ އަނބިކަނބަލަކަށްވެ ވަޑައިގެންނެވުމުގެ އެންމެ ކުރީކޮޅުގައި ރަސޫލާގެ އެހެން އަނބައަނބިކަނބަލުންގެ ފަރާތްޕުޅުން އެކަމަނާ ހިތްޕުޅު ދަތިވާފަދަ ކަންތައްތައް ކުރިމަތިވެ ވަޑައިގެންނެވިއެވެ. އެހެނީ صفيّة ގެފާނާ ރަސޫލާ ކާވެނި ބައްލަވައިގެންނެވުމުގެ ކުރީން އެކަމަނާގެ ޤަބީލާގެ މީސްތަކުންނާއީ އެހެން ޔަހޫދީ ޤަބީލާތަކުން ގެންދިޔައީ ރަސޫލާއަށް އެކިކަލަށް ދުއްތުރާކޮށް އަނިޔާދެމުންނެވެ. އަދި ކީއްތޯ! ރަސޫލާގެ އަނބިއަނބިކަނބަލުންގެނާ ގުޅުވައިގެން ހިތަށް ގެންނަންވެސް ނުފާވަދަ ވާހަކަތަށް ވެސް ދައްކަމުން ގެންދިޔައެވެ. އޭގެ އެއް މިސާލަކީ އިފްކުގެ ޙާދިސާއެވެ.
ކޮންމެއަކަސް މިދެންނެވި ކަންތައްތައް ހިނގާފައި ހުރުމާއެކު އެބޭކަނބަލުން صفيّة ގެފާނާ ދޭތެރޭ ދެކެވަޑައިގަންވަވުން ގެންދެވިގޮތް ބަދަލުވާ ދުވަސްކޮޅެއްނެގިއެވެ. އޭގެކުރުން ހިނގި ހާދިޞާއެކެވެ. އެއްފަހަރަކު ޙަފްޞާގެފާނު صفيّة ގެފާނަކީ ޔަހޫދީއެކޭ ވިދާޅުވެ ވާހަކަފުޅެއް ދެއްކެވި ޚަބަރު އެކަމަނާ އެއްސެވިއެވެ. އެއަޑު އިވިވަޑައިގެންނެވުން އެކަމަނާ ވަރަށް ދެރަފުޅުވެ ކީރިތި ކުރައްވަން ފެއްޓެވިއްޖެއެވެ.
މި ޙާލުކޮޅެއްގައި އިންނަވަނިކޮށް ރަސޫލާ އެކަމަނާގެ އަރިހަށް ވަޑައިގެން ވީކީއްތޯ އެއްސެވުމުން ޙަފްޞާގެފާނު ވިދާޅުވި ވާހަކަ ދެންނެވިއެވެ. މި އަޑު އައްސަވައި ޙަދީޘް ކުރެއްވިއެވެ. ދެން އެފަދަ ވާހަކައެއް ދެކެވޭ ފަހަރަކުން ވިދާޅުވާށެވެ. “ތިމަންގެ ބައްޕައަކީ هارونގެފާނެވެ. ތިމަންގެ ބޮޑުބޭބެއަކީ موسىގެފާނެ ވެ. ތިމަންގެ ފިރިކަލަކީ محمّد ގެފާނެވެ. އެހެންވީއިރު ތިޔަބޭކަނބަލުން ތިމަންކަމަނާއަށްވުރެ މޮޅުވާނީ ކޮންގޮތަކުންތޯއެވެ؟”
މިހެން ރަސޫލާ ޙަދީޘް ކުރެއްވުމުން އެކަމަނާގެ ހިތްޕުޅަށް ތަސައްލީ ލިބިވަޑައިގެންނެވިއެވެ. ކޮންމެ ޙާލަތެއްގައިވެސް އެކަމަނާގެ ފިރިކަލުން ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާ ދިފާޢުކުރައްވާނެކަން އެނގިވަޑައިގެންނެވިއެވެ.
ކުރިންވެސް ދެންނެވުނު ފަދައިން، ޞަފިއްޔާގެފާނަކީ ވަރަށް ހިތްޕުޅު މަޑު ބޭކަނބަލެކެވެ. އެހެން މީހުންގެ އިޙްސާސްތަށް ދަނެވަޑައިގަންނަވާ ބޭކަނބަލެކެވެ. ކައު އިތުރު ރަސޫލާ ސުވަރުގެވަޑައިގެންނެވި އާލާސްކަންފުޅުގައި އެކަލޭފާނުގެ ޙާލުކޮޅު ވަރަށް ބޮޑުވި ދުވަހަކު އެކަމަނާ ވަޑައިގެން ވިދާޅުވިއެވެ. “ކަލޭގެފާނަށް ތިޔަ ލިބިވަޑައިގަންނަވާ ވޭންތަށް އެކަލޭގެފާނުގެ ބަދަލުގައި އަޅުގަނޑަށް ލިބޭނަމަ އަޅުގަނޑު އެކަމާ އުފާފުޅު ކުރެއްވީމުހެވެ.” އޭރު އެތަނުގައި ރަސޫލާ ގެ އެހެން އަނބިއަނބިކަނބަލުން ތިއްބެވިއެވެ. މިބޭކަނބަލުންނަށް އެ އަޑުފުޅު އިވިވަޑައިގެންނެވުމުން އެބޭކަނބަލުންގެ ލޯފުޅުތަކުން ނުހުރުނެތެރިކަން ފާޅުކޮށް އެއްބޭކނބަލަކު އަނެއްބޭކަނބަލަށް ލޯފުޅުން އިޝާރާތް ކުރައްވަންފެއްޓެވިއެވެ. އެހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ.
“އަހަރެންގެ ބަލި އިތުރު ވެއްޖެއެވެ.” އެބޭކަނބަލުން ދެންނެވި އެއީ އަނެއްކާ ކޮންކަމަކުންތޯއެވެ. ޙަދީޘް ކުރެއްވިއެވެ. “ޞަފިއްޔަތު ވިދާޅުވި އެއްޗަކަށް ތިޔަބޭކަނބަލުން ނުރުހުތެރިންކަން ފާޅުކުރައްވައި ލޯފުޅުތަކުން ޢިޝާރާތްކުރެއްވުމުންނެވެ. މާތް ﷲ ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން ޞަފިއްޔަތުގެފާނަކީ ތެދުވެރި މުޢުމިނެކެވެ.”
ޢުމަރުގެފާނުގެ ޚިލާފަތުގައި އެއްފަހަރަކު ޞަފިއްޔަތުގެފާނު ގެންގުޅުއްވި ޖާރިޔާއަކު އައިސް ޢުމަރުގެފާނަށް ދެންނެވިއެވެ. ޞަފިއްޔާގެ ކިބައިގައި އަދިވެސް ޔަހޫދީންވަންތަކަން އެބަހުރެއެވެ. އެހެނީ އެކަމަނާ ހޮނިހިރުދުވަހަށް ލޯބިކުރައްވައެވެ. ޔަހޫދީންނާ ގާތް ގުޅުމެއް ބަހައްޓަވައެވެ. މިކަން ތަޙްޤީޤު ކުރައްވަން ޢުމަރުގެފާނު މީހަކުފޮނުއްވައިގެން އެކަމަނާއާ ސުވާލުކުރެއްވުމުން ވިދާޅުވިއެވެ. ހޮނިހިރު ދުވަހުގެ ބަދަލުގައި މާތް ﷲ އަޅުގަނޑަށް ދެއްވާފައިވަނީ ހުކުރު ދުވަހެވެ. ޔަހޫދީންގެ ތެރޭގައި އަޅުގަނޑުގެ ތިމާގެމީހުން އެބަތިއްބެވެ. އެމީހުންނަށް ގުޅުންބާއްވާ ހެޔޮ ފޯރުކޮށްދީއުޅެމުއެވެ. އެހެންވިދާޅުވެފައި އެ ޖާރިޔާއަށް ދެންނެވިއެވެ. ކަމަނާ ތިޔަ ޝަކުވާ ޢުމަރުގެފާނުގެ އަރުހުގައި ކުރަންމެދުވެރިވީ ކޮންކަމެއްހެއްޔެވެ؟ އެ ޖާރިޔާ ދެންނެވިއެވެ. ޝައިޠާނާއެވެ. ޞަފިއްޔަތުގެފާނު ވިދާޅުވިއެވެ. ތިބާ އަހަރެންގެ ގާތުން މިނިވަން ކޮށްފީމުއެވެ. ބޭނުންތަނަކަށްް ދާށެވެ. ޢުމަރުގެފާނަށް ޞަފިއްޔަތުގެފާނުގެ ޖަވާބު އެނގިވަޑައިގެންނެވުމުން އުފާފުޅު ކުރައްވައި އެއްޗެއް ވިދާޅުނުވެ ހުންނެވިއެވެ.
ދީންވެރި ތަޤްވާވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު أمّ المؤمنين صفيّة رضى اللّـه عنــها އަވަހާރަވީ މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ދުވަސްވަރު ހިޖުރައިން ފަންސާސްވަނަ އަހަރުއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅުން ފަސްދޮޅަސްފަސް އަހަރުފުޅެވެ.
އަރަހުށި މާތް ﷲ އެކަމަނާއަށް ރުއްސުންލައްވާށިއެވެ! އާމީން.
2 Comments!
Comments are closed.



Thanks for precious information
Keep up the good work brother
love these stories