Skip to content
އެސްފިޔަ

ނަމޫނާ

އަހަންނަކީ ދީނާއި ދުރު މީހެކެވެ. ﷲ އޭނާ އަހަރެންގެ ދިރިއުޅުމަށް ގެނެސްދެއްވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް އަހަންނަށް ލިބުނު އެންމެ ބޮޑު އަދި އުފާވެރި ހަދިޔާ އަކީ އަހަރެންގެ އަނބިމީހާއެވެ. އަހަރެންގެ އަނބިމީހާއަކީ ކަޅު ނަމަވެސް ވަރަށް ރީތި އަންހެނެކެވެ. އެކަމަކު އަހަރެން މާ ވަރަކަށް އޭނާގެ މޫނަކަށް ނުބަލަމެވެ. ސަބަބަކީ އޭނާ އަށް ލިބިފައިވާ ތަނަވަސް، ރީތި، ބޮޑު ހިތް އެ މޫނަށްވުރެ ހިތްގައިމުވީމައެވެ.

އަހަރެންގެ އަންހެނުންނަށްވުރެ އުފާވެރި ދެވަނަ މީހަކު އަހަރެން ނުދެކެމެވެ. އަހަރެމެން އަތުގައި އުފާކުރުމަށް ބޭނުންވާ އެއްވެސް އެއްޗެއް ނެތް އިރުވެސް މެއެވެ. އަހަންނަކަށް އޭނާއަށް ދަރިއަކުވެސް ހޯދައެއް ނުދެވުނެވެ. ނުވަތަ މުއްސަނދި ދިރިއުޅުމެއްވެސް ހޯދައެއް ނުދެވުނެވެ. އެކަމަކުވެސް އޭނާ ދުވަހަކުވެސް އެއްވެސް ކަމަކާ ޝަކުވާއެއް ނުކުރެއެވެ. އަހަރެން ހިތްހަމަ ޖައްސައިދިނުމަށްޓަކާ އޭނާ ބުނަމުން އައީ، “ﷲ އަހަރެމެންނަށް ދަރިއަކު ނުދެއްވަނީ އަހަރެމެންގެ ފަރާތުން، އަހަރެމެންފަދަ އެހެން ފަޤީރުންނަށް އެހީތެރިވެދޭން ފުރުސަތު ދިނުމަށް ކަމުގައެވެ.”

އޭނާއަކީ ހުރިހާ އެންމެނަށްވެސް ވަރަށް އަޅާލާ އަންހެނެކެވެ. އަހަރެމެންގެ އަވަށުގައި މީހަކު ބަލިވެއްޖެނަމަ އޭނާ ކޮންމެހެންވެސް އެ ގެއަކަށް ދާން ޖެހޭނެއެވެ. އޭނާއަށް އެނގިގެން ބަނޑުހައިވެފައިވާ ފަޤީރެއް ހުސްއަތާ ދިއަޔަކަ ނުދޭނެއެވެ. އަހަރެމެންގެ ކާއެތިކޮޅު ކިތަމެ މަދަސްމެއެވެ. ރޯދަމަހު ގިނަގިނައިން ނަމާދުކޮށް، ރޯދަހިފާ އަދި ފަޤީރުންނަށް ކާންދިނުމަށް އޭނާ ވަރަށް ލޯބި ކުރިއެވެ. ކޮންމެ ދުވަހަކުވެސް އޭނާ ކޮންމެވެސް ސަލާންޖަހާ ހަތަރު މީހަކަށް ކާންދޭނެއެވެ. އަދި އެމީހުންނާއިއެކު ރޯދަވެސް ވީއްލާ ހަދާނެއެވެ.

އޭނާ އަބަދުވެސް އަހަންނަށްވެސް ނަމާދު ކުރުމަށާއި ރޯދަ ހިފުމަށް ހިއްވަރު ދޭނެއެވެ. އެކަމަކު ރޯދަ ހިފުން އަހަންނަށް ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެންކަމުން އަހަރެން އަބަދުވެސް މަޖަލަކަށް ހަދާފައި ބުނަމުން އައީ ރޯދަ ހިފާ ނަމާދު ކުރުމަށް އަހަރެންގެ އުމުރުގައި އަދި ބައިވަރު ދުވަސް އެބަ އޮތް ކަމުގައެވެ. އަހަރެން އޭނާދެކެ ހިތުގެ އަޑިން ވަރަށް ލޯބިވަމެވެ. އަހަރެންގެ ހުރިހާ އުފަލަކީ އަހަރެންގެ އަނބިމީހާއެވެ. އެކަމަކު މީގެ ބާރަ އަހަރު ކުރިން ރަމަޞާން މަހެއްގައި އޭނާ އަހަރެން ދޫކޮށްފައި ހިނގައްޖެއެވެ. އެ ރޯދަމަހު އޭނާގެ ބަލީގެ ސަބަބުން އޭނާއަށް ރޯދައެއް ނުހިފުނެވެ. އެކަމާ އޭނާ ވަރަށް ދެރަވެ ހިތާމަކުރިއެވެ. އަދި އެ ބަލިން ރަނގަޅުވިހާ އަވަހަކަށް އޭނާގެ ރޯދަތައް ހިފާނެ ކަމުގައި ބުންޏެވެ.

އެކަމަކު އޭނާގެ ތަޤުދީރުގައި އެކަން ވާން ނެތުމުން އޭނާއަށް އެކަން ނުވެ އެ ވަޢުދު ނުފުއްދުނެވެ. އެހެންކަމުން ފާއިތުވެ ދިޔަ ބާރަ އަހަރުގައި އޭނާއަށްޓަކައި، އޭނާގެ މަތިން އަހަރެން އެ ރޯދަތައް މި ހިފަނީއެވެ. އަދި އޭނާ ކަންކުރަމުން ދިޔަ ގޮތައް ކޮންމެ ދުވަހަކުވެސް ސަލާންޖަހާ ހަތަރު މީހަކާއިއެކު އަހަރެން ރޯދަވެސްވީއްލަމެވެ. މިގޮތައް ކަންތައްކޮށްގެން ރަނގަޅުވާނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އަހަންނަށް އެނގޭ ކަމަކީ އޭނާޔަށް އަހަރެން މިކަން ކުރާކަން އެނގޭނަމަ، ސުވަރުގޭގައި ހުރެވިޔަސް އޭނާ ހިނިތުންވާނެ ކަމެވެ.
– އަބުދުލް މުއްޠަލިބު –

މިވާހަކައަކީ މަޝްހޫރު ފޮޓޯގްރާފަރެއް އަދި ޖާނަލިސްޓެއް ކަމުގައިވާ “ޖީ.އެމް.ބީ އާކާޝް” އޭނާގެ ފޭސްބުކްގައި އާންމުކޮށް ގެނެސްދޭ ހަޤީޤީ ވާހަކަތަކުގެ ތެރެއިން ވާހަކައެއްގެ ތަރުޖަމާއެކެވެ.

މިވާހަކަ އަޅުގަނޑުގެނެސްދިނުމަށް ގަސްތުކުރީ ރޯދަމަހާއި ގުޅޭ ވާހަކައަކަށްވެފައި މީގައި އެކިޔައިދޭ އަންހެންމީހާގެ ދިރިއުޅުން ހިތްގައިމުކަމުންނެވެ. އާންމުކޮށް އަހަރެމެނަށް ހީވެފައި އޮންނަނީ އެފަދަ ރިވެތި އަޚްލާޤުގެ ވެރިން އުޅެފައިވަނީ ސަހާބީންގެ ދައުރުގައި އެކަނި ކަމުގައެވެ. ނަމަވެސް މިއީވެސް ހަޤީޤީ މިސާލެއް ނޫންތޯއެވެ. މިޒަމާނުގައި ފެނި، އަދި އިވިދިޔަ ރިވެތި ނަމޫނާއެކެވެ. ﷲ އެންގެވި މަގުގައި ދިރިއުޅުން ބިނާކުރި ރިވެތި މިސާލެއްގެ ވާހަކައެވެ. އަހަރެމެން ހިތްވަރު ލިބެންވީ މިފަދަ މިސާލު ތަކުންނެވެ. ނަމޫނާ ނަގަންވީވެސް މިފަދަ ރިވެތި އަޚްލާޤުގެ ވެރިންގެ ކިބައިންނެވެ. މާތް ﷲ އަޅަމެންނީ، އަޅަމެންގެ އަމަލުތަކާއިމެދު އެކަލާނގެ ރުހިވޮޑިގެންވާ ބަޔަކު ކަމުގައިލައްވާދޭވެ.

Comments (5)

  1. Anonymous

    Reethi me first dhw

  2. jiji

    Vv iburaiytheri….Vv furihima…Jazakillah khairan dear??

  3. Ibsha

    Varah reethi. Varah ibraiy theri

  4. Dhonthee

    Varah reethi adhi varah iburaitheri
    Mikahala reethi reethi vaahakathah genesdheythee dhonthi varah ufaavey
    Adhi mikahala vaahakathah kiyumun dhonthi ge life au heyo badhaluthah annaathee dhonthi varah ufaavey
    Adhives mikahala reethi vaahakaeiy kiyaalan libeynekamau ummeedhukuran
    ????❤??????❤??????❤?????❤????❤??

  5. Faathii

    Jazaakumullah khair (May Allah reward you all for good). ?❤️❤️

Comments are closed.