އޯގާވީ ހިތަކުން…52 (ފަހުބައި)
އެތަނަށް މީހުން ޖަމާވާން ފެށީ ވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ކާރު ދުއްވަން އިން ޒުވާނާ ވެސް އެތަނާ އަރާ ހަމަކޮށްލަމުން ހާސްވެފައި މޫނުގައި ފިރުމާލިއެވެ. އޭނަ އަވަހަށް ފޯނު ނަގަމުން އެމްބިއުލާންސަށް ގުޅާލިއިރު އަތުގައި މަޑުތުރުތުރު ލުމެއް ވެއެވެ. މީހުންތަކުގެ ދެތެރެއިން ގޮސް އޭނަ ފުރަތަމަވެސް ބެލީ އަލްޔަސް ނޭވާ ލާތޯއެވެ. އެއާއެކު އޭނަގެ ދެލޮލުން އުއްމީދުގެ އޮއެވަރު ފެނިގެން ދިޔައެވެ. ފުން ނޭވާއެއްލަމުން އޭނަ އިންތިޒާރު ކުރަން ފެށީ އެމްބިއުލާންސަށެވެ. އޭރު އެތަނަށް އެއްވެފައި ތިބި މީހުންތައް ފާޑުފާޑުގެ ވާހަކަތައް ދައްކާ އަޑުއިވެއެވެ. ކުރެވުނު ކުށާއި މެދު ދެރަވެފައި ހުރުމުން އޭނަ ރައްދު ދޭކަށް ނޫޅުނެވެ. އޭނަގެ ފަރުވާ ކުޑަކަމުގެ ސަބަބުން މީހަކަށް މިފަދަ ބޮޑު އަނިޔާއެއް ލިބުމުން ދެރަވީވެސް އިންތިހާއަށެވެ.
މަދު ވަގުތުކޮޅެއް ތެރޭގައި އެމްބިއުލާންސް އައިއިރު ވާރޭވެސް ބޯކޮށްލައިފިއެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި އަލްޔަސްއަށް ފަރުވާދެވުނު ނަމަވެސް ހަށިގަނޑުން ބޭރުވަމުން ދިޔަ ގިނަ އަދަދެއްގެ ލެޔާއި އެކު ދަށްވަމުން ދިޔަ ހާޓް ބީޓްގެ ސަބަބުން ޑޮކްޓަރުންގެ އުއްމީދުގެ ހުޅުކޮޅު ނިވުމަކާ ގާތަށް ދިޔައެވެ. ނަމަވެސް އެމީހުންނަށް ދެވެން އޮތް ހުރިހާ ފަރުވާއެއް ދެމުން ގެންދިޔަ އެވެ.
”އީނޫ….” ހާސްވެ ކަންބޮޑުވެފައި ހުރި މިސްބާ ދުވެލާފައި އައިސް ނަރުހުންގެ ޖަގަހައިގައި އިން އީނާއަށް ގޮވާލައިފިއެވެ. އޭރު އީނާ އިނީ އޭނައާއެކު އިން ހުސްނާއާ ވާހަކަ ދައްކާށެވެ. ހުދުވެފައިވާ މިސްބާގެ މޫނު ފެނި އީނާގެ މޭގަނޑު ފިނިވެގެން ދިޔައެވެ. ވަގުތުން ކަމެއް ގޯސް ވެއްޖެކަން އޭނަގެ ސިކުނޑިއަށް ނަގައިގަނެވުނެވެ.
”ކިހިނެއްވީ؟…” އީނާ ގޮނޑިން ތެދުވެލަމުން އަހާލިއެވެ. ހުސްނާ ވެސް މިސްބާގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ. ”އީ..ނޫ… އަލްޔަސް….” މިސްބާއަށް ރޮވިއްޖެއެވެ. އަލްޔަސްގެ ނަން އިވުމާއެކު އީނާގެ މުޅިހަށިގަނޑު ފިނިވެގެން ދިޔައެވެ. ހިތްވެސް ފުންމާލަފާނެހެން ހީވިއެވެ. އޭނަ ގޮސް މިސްބާގެ އަތުގައި ހިފެހެއްޓިއިރު ހޮސްޕިޓަލްގެ ބޭރުތެރެ ހަލަބޮލިވެފައިވާކަން ވެސް އެނގިއްޖެއެވެ.
”އެކްސިޑެންޑް ވެގެން ދެންމެ ގެނެސްފި…..” މިސްބާއަށް ބުނެވުނީ އަޅަގައިނަމުންނެވެ. އެއާއެކު އީނާއަށް ހީވީ ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ލިބުނު ޝޮކާއެކު އޭނައަށް ހުރެވުނީ ހަރަކާތެއް ވެސް ގެންނަން ނޭގިފައެވެ. ”ކީކޭ؟….” އީނާ ރޮވިފައިވާ އަޑަކުން ބުނިއިރު ދެފަރާތަށް ބޯހޫރާލެވުނެވެ. ހުސްނާ އައިސް އީނާ ގައިގައި ނުހިފެހެއްޓިނަމަ އޭނަ ވެއްޓުނީހެވެ. އީނާގެ ދެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް ފެނި މިސްބާއަށް ވެސް ރޮވުނެވެ.
”ބުނެބަލަ ތީ ދޮގެކޭ، ދެންމެ އަހަރެން ސޭމްއާ ވާހަކަ ދެއްކީމޭ…” އީނާ ކަރުނަތައް ފޮހެލަމުން ބުންޏެވެ. މިސްބާ ދެން ހުރީ ހިމޭނުންނެވެ. ”މިސޫ، ވާހަކަ ދައްކަބަލަ، ބުނެބަލަ ތީ ދޮގެކޭ، ޕްލީޒް….” އީނާއަށް ހަޅޭއްލަވައިގަނެވުނެވެ. ”އީނޫ….” މިސްބާ އީނާގެ އަތުގައި ހިފާލަމުން އީނާ އެއަތް ފޮޅުވާލިއެވެ. އީނާ ދެން އަވަސް ވެގަތީ އެމަރޖެންސީ ރޫމަށް ދިއުމަށެވެ.
”އީނޫ މަޑުކޮށްބަލަ….” ހުސްނާ ގޮސް އީނާ ހުއްޓުވަން އުޅުނެވެ. ”ހުސީ، ބުނެބަލަ އެއީ ދޮގެކޭ….” އީނާއަށް ރޮވިއްޖެއެވެ. އޭރު މިސްބާ ހުރީ ދެރަވެފައެވެ. އޭނަ ހާސްވެ ކަންބޮޑުވެފައި ހުރިވަރުން އީނާ ގާތު އެވާހަކަ ބުނެވުނުކަމުގެ މޮޔަ ހީވިއެވެ.
”އީނޫ އާދެބަލަ އަހަންނާއެކު….” ހުސްނާ މަސައްކަތް ކުރީ އީނާ ހުއްޓުވާށެވެ. ހޮސްޕިޓަލް ތެރެ ހަލަބޮލިވާން ފެށުމުން އީނާގެ ބިރުވެރިކަން އިތުރުވިއެވެ.
”އަހަރެން ހުއްޓުވަން ތިއުޅޭނީ ކީއްވެތަ؟….” އީނާ ރުޅިވެރިކަމާއެކު ބުންޏެވެ. އޭނަ ހުސްނާގެ އަތް ފޮޅުވާލާފައި ފަޔަށް ބާރުލިއެވެ.
”މިސްބާ ތީ މޮޔައެއްތަ؟ އީނޫ ގާތު ނުބުނެ ސިއްރުކުރިނަމަ، އީނޫގެ ފެމިލީ މީހުން އަންނަން ދެން މަޑުކުރިނަމަ…..” އީނާ އޭނަގެ ވާހަކަތައް އަޑު ނާހާނެކަން ޔަޤީންވިކަމުގައި ވިޔަސް އީނާ ހުއްޓުވަން އުޅުނު ހުސްނާ އޭނަގެ ފަހަތުން އައި މިސްބާއަށް ބުންޏެވެ. ހިތްހަމަ ޖުނެހިފައިވާކަން އޭނަގެ އަޑުން ހާމަވެއެވެ. އެހާ ނާޒުކު ވަގުތެއްގައި މިސްބާ އީނާ ގާތު އެވާހަކަ ބުނުމުން އޭނަ ހުރީ ރުޅިވެސް އައިސްފައެވެ. އަނެއްކޮޅުން އީނާ ބަލިވެ އިންދާ އެފަދަ ހިތާމައެއް ތަހައްމަލު ކުރަން ދަތިވާނެކަން ވެސް ވިސްނަން ޖެހޭނެ ނޫންހެއްޔެވެ؟
”ހުސީ، އަހަރެން ވަރަށް ބޮޑަށް ހާސްވެފަ ހުރީމަ ބުނެވުނީ، ސޮރީ…. ޑޮކްޓަރުން ބުނަނީ ސަލާމަތްވާނެ ކަމުގެ އުއްމީދެއް ނެތޭ…” މިސްބާ ކޯތާފަތް ފޮހެލަމުން ބުންޏެވެ. އެއާއެކު ހުސްނާގެ ދެލޯބޮޑުވެއްޖެއެވެ. އޭނަ ގޮސް އީނާ އަތުގައި ހިފެހެއްޓި ވަގުތަކީ ނަޒްޔަކްމެން ހޮސްޕިޓަލަށް ވަން ވަގުތުވެސް މެއެވެ.
”ނިކް….” އީނާ ނަޒްޔަކްއަށް ގޮވާލިއެވެ. އަވަސް އަވަހަށް ކަރުނަތައް ފޮހެލި ނަޒްޔަކް އެމޫނުމަތީގައިވި ހިތާމަތައް ފޮރުވަން އުޅުނެވެ. ޢާއިލާގެ ހުރިހާ މެންބަރުން ފެނުމުން އީނާގެ ހިތުގައިވި ބިރުވެރިކަން ބޮޑުވެގެން ދިޔައެވެ. އޭނައަށް ނޭވާލާން ވެސް އުނދަގޫވިއެވެ. ލޮލަށް ޖަމާވާން ފެށި ބޮޑެތި ކަރުނަތިކިތައް އެސްފިޔަތައް ފޫއަޅުވާލާފައި ފައިބައިގަތީ ހުއްޓުމެއް ނެތިއެވެ.
”ނޫން….” އީނާއަށް މޫނުގައި އަތްއަޅާލެވުނެވެ. މަޑު ތުރުތުރުލުމެއް އުފެދިގެން ދިޔަ ހަށިގަނޑު ބެލެންސުން ނެއްޓި ނުވެއްޓުނީވެސް ކިރިޔާއެވެ.
”ދަރިފުޅާ…. ހާސްނުވެބަލަ، އިރާދަކުރެއްވިއްޔާ ސޭމްއަށް އެއްވެސް ކަމެއް ނުވާނެ….” ނަޒްޔަކްގެ އެހީގައި ގޮސް އެތާ ހުރި ގޮނޑިބަރިއެއްގެ އިށީން އީނާގެ ބުރަކަށީގައި ފިރުމާލަމުން ކުލްޘޫމް ބުންޏެވެ. ރޫޔާ ވެސް އައިސް އީނާއަށް ހިތްވަރު ލައިދިނެވެ.
އީނާ އެންމެ ބަހެއް ނުބުނެ އިންއިރު އެސިކުނޑީގެ ނާރުތަކަށް ވާންވަމުން ދިޔައެވެ. އަދިވެސް އޭނައަށް ލިބުނު ވަރުގަދަ ޝޮކު ފިލައިގެން ނުދެއެވެ. އިތުގައި އަޅާ ވޭނަށް ވެސް ކެތްނުކުރެވުނެވެ. ބަނޑުގައި އޮތް ދަރިފުޅު އާދަޔާ ޚިލާފަށް ތޮޅެން ފެށުމުން އީނާއަށް ބަނޑުގައި ފިރުމާލެވުނުއިރު މޫނު ހުދުވެއްޖެއެވެ.
”އީނާ…” އީނާއަށް އިއި ބަދަލުތައް ފެނި ރޫޔާއަށް ގޮވާލެވިއްޖެއެވެ. ”ބަނޑުގަ ރިއްސަނީތަ؟….” ރޫޔާ އެހިއެވެ. ހުސްނާ އާއި މިސްބާ އޭރުވީ މަޢުލޫމާތު ސާފުކުރަން އެމަރޖެންސީ ރޫމްގައެވެ. ”ނޫން، އަހަރެން ބޭނުން އެތެރެއަށް ވަންނަން…” އީނާ ގޮނޑިން ތެދުވެލިއެވެ. އުނަގަނޑުގައި ދެފަހަރަކު ފިރުމާލުމުން ތަދު ފިލައިގެން ދިޔައެވެ.
”ނޮޓް ނައު…” ރޫޔާ ނުރޯން ހިތްވަރުކުރަމުން ބުންޏެވެ.
ޢާއިލާގެ ކޮންމެ މީހަކުވެސް ވަނީ ހާސްކަމާއި ބިރުވެރިކަމެއް ތެރޭގައެވެ. ”ދޫކޮށްލާ….” ރޫޔާގެ އަތް ފޮޅުވާލާފައި އީނާ ރުންކުރު ރާގަކަށް ބުންޏެވެ. އޭނަ ބާރު ބާރަށް ހިނގާލާފައި ގޮސް އެތެރެއަށް ވަނުމާއެކު ހީވީ މޭގަނޑު އަނގަޔަށް އައިހެންނެވެ. އެތަކެއް މެޝިންތަކެއް ގުޅާފައި އޮތް އަލްޔަސް ފެނި އީނާ ބިމަށް ތިރިނުވީވެސް ހަމަ ކިރިޔާއެވެ. ވެންޓިލޭޓާރ ގުޅަފައި އޮތް އިރުވެސް އުނދަގޫމަކާއެކު ލަމުން ދިޔަ ނޭވާތަކާއެކު ލެއިން ފެވެމުން ދިޔަ ބެޑް ޝީޓްތައް ފެނި އީނާއަށް ކެތްނުކުރެވުނެވެ.
”އަލްޔަސް….” އީނާ އުނދަގުލުން ކުރިއަށް ފިޔަވަޅެއް އަޅާލާއިރަށް އޭނަ ހުއްޓުވައިފިއެވެ. ދެން އީނާއަށް ވެގެން ދިޔަ ގޮތެއް ނޭގުނެވެ. ހެޔަށް ގޮތްވެ އޭނަ ވެއްޓުނީއެވެ.
****
”ޕޭޝަންޓްގެ ހާލު ވަރަށް ސީރިޔަސް، ވީހާވެސް އަވަހަށް ބޭރަށް ގެންދަންވީ….” ތިރީސް މިނެޓް ފަހުން އެމަރޖެންސީ ރޫމުން ބޭރަށް ނިކުތް ޑޮކްޓަރު ބުންޏެވެ. އެއާއެކު ތާއިފްމެން އަވަސްވެގަތީ އަލްޔަސް ބޭރަށް ގެންދިއުމުގެ މަސައްކަތާއިގެންނެވެ. ގިނަ އިރުތަކެއް ނުވެ އެކަން ވެސް ނިންމާލެވުނެވެ.
އީނާއަށް ހޭލެވުނުއިރު އޭނައަށް ފުރަތަމަވެސް ގޮވާލެވުނީ އަލްޔަސް އަށެވެ. އީނާގެ މަގަތުގައި އިން ކުލްޘޫމް އީނާގެ ނިތުގައި ފިރުމާލަމުން ގަދަކަމުން ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވިއެވެ. އީނާ މުޅިތަން ހޯދާލިއެވެ. ނަމަވެސް އޭނަ ދެކެން ބޭނުންވި ސޫރައެއް ނުފެނުނެވެ. ”މަންމާ، އަލްޔަސް….” ފުންމައިގެން ތެދުވުނު އީނާއަށް ބުނެވުނެވެ.
”ރަގަޅު….” ފަޒްލާ މަސްލަހަތަށް ޓަކައި ދޮގެއް ހެދިއެވެ. އެއާއެކު އީނާ ފުން ނޭވާއެއްލި މަންޒަރު ފެނުނެވެ. އޭނަ ފަނޑު ހިނިތުންވުމަކާއެކު ލޮލުން ފޭދެން ތައްޔާރުވެފައި ހުރި ކަރުނަތައް ފޮހެލިއެވެ. ”ވޯޑަށް ބަދަލުކޮށްފިތަ؟….” އީނާ އެނދުން ތެދުވާން މަސައްކަތްކުރަމުން ބުންޏެވެ. ޔަޤީނުންވެސް ފަޒްލާގެ ޖުމްލައިން އީނާއަށް އުފާވެރިކަމެއް ލިބިއްޖެއެވެ.
”އަދި ނުކުރޭ، މީ އޮޕަރޭޝަނެއް ކުރަން ލަންޑަނަށް ގެންދަން އުޅޭނީ….” ފަޒްލާ ދޮގު މައްޗަށް ދޮގު ހެދީ ދަރިފުޅަށް އަލްޔަސްގެ ހާލަތު އެނގި އިތުރަށް ގޯސްވެދާނެތީއެވެ.
”އެކީއްކުރަން. މަންމަ ދެންމެ ބުނީމެއްނު ރަގަޅޭ، ދެން ކީއްކުރަން ބޭރަށް ގެންދަނީ؟….” އީނާގެ ބަލައިލުމުން ފަޒްލާއަށް ހީވީ އޭނަގެ ދޮގު ފަޅާއެރިހެންނެވެ. ތަނަށް ވެރިވެގެން ދިޔަ ހިމޭންކަމާއެކު ދޭނެ ޖަވާބަކާމެދު ފަޒްލާ ވިސްނަމުން ދިޔައެވެ. ގިނަ އިރުވާން ފެށުމުން އީނާގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިޔައެވެ.
”ދޮގު ދޯ؟…” އީނާ އެހިއެވެ.
”މީ، ފައިގެ އޮޕަރޭޝަނެއް ކުރަން….” ފަޒްލާ ބުންޏެވެ. އީނާ ބަލަހައްޓައިގެން ހުރި ގޮތުން އެ ޖަވާބު އޭނަގެ ސުވާލުތަކަށް ޖަވާބު ނުލިބުނުކަން އިނގެއެވެ.
”މަންމަ ބޭނުމެއް ނޫން މިކޮޅުން އޮޕަރޭޝަން ކުރަން އެހެންވެ ބޭރަށް ގެންދަނީ…” ވަގުތާއި ހާލަތުގެ ގޮތުން ”ސްޓްރެސް” ވުން އީނާއަށް ރަގަޅު ނުވާނެތީ ކުލްޘޫމް ވެސް ދޮގެއް ހެދިއެވެ. އޭނަ ޕްލާސްޓިކް ހިނިތުންވުމެއްގެ ފަހަތުގައި ހިތާމަތައް ވަންހަނާ ކުރަން މަސައްކަތް ކުރިއެވެ. އެހެނަސް އެއީ އެހާ ފަސޭހަކަމަކަށް ނުވިއެވެ. ފުރާނައަށް ވުރެ ބޮޑަށް ލޯބިވާ ދަރިފުޅު މަރާ ހަނގުރާމަ ކުރަމުން ދާތަން ބަލަން އެއްވެސް މަޔަކަށް ކެތް ނުކުރެވޭނެއެވެ. އެކަމުގެ ސަބަބުން ހިތުގައި އަޅާވޭން ދުވަހަކު ބަޔާންކޮށެއް ވެސް ނުދެވޭނެއެވެ.
އީނާ ދެންވެސް ހުރީ ޝައްކައްގެ މަތީގައެވެ. އޭނައާއި ހަތަރުކަޅި ހަމަނުކުރަން އެއްމެން މަސައްކަތް ނުކުރާކަން އޭނައަށް ފާހަގަ ކުރެވުނެވެ. ރޫޔާ އާއި ނަޒްޔަކްގެ އިތުރުން ބައްޕަ ވެސް ފެންނާކަށް ނެތެވެ. ރާނިޔާ އާއި އަވްޝަން ވެސް ނެތެވެ. އެވަރުން އޭނަ ހިތްހަމަ ޖައްސާލާނީ ކިހިނެއް ހެއްޔެވެ؟
”ދަރިފުޅުގެ ޓިކެޓްގެ ކަންތައް ވެސް ހަމަޖެހިފަ އޮތީ…” ވެރިވެފައި އޮތް ހިމޭންކަމަށް ނިމުން ގެންނަމުން ކުލްޘޫމް ބުންޏެވެ. އޭނަ ޖޫސް ތައްޓެއް ދިއްކޮށްލަމުން އީނާ އޭގައި ހިފަމުން އެނދުގައި އިށީނެވެ. އެއްނޭވާއިން އެހުސްކޮށްލަމުން އީނާ ބަނޑުގައި ފިރުމާލިއެވެ. ދަރިފުޅުގެ ހަރަކާތްތައް މަދުކަން އީނާއަށް ފާހަގަ ކުރެވެން ފެށުނީ ދެނެވެ. އެއާއެކު ސިކުނޑީގައި ޓައްކެއް ދިނީ ޚަބަރު ހުސްވުމުގެ ކުރިން އޭނައަށް ފެނުނު މަންޒަރުތަކެވެ. އެއާއެކު އޭނައަށް ރޮވިއްޖެއެވެ. މަންމަމެން ދޮގުހަދަމުން ދާކަން ވެސް އޭނަ ވިސްނައިގަތީ ކުލްޘޫމް ސިއްރުން ކަރުނަ ފޮހެލިތަން ފެނިފައެވެ. އީނާ ތުންފަތުގައި ދަތް އަޅަމުން ކަރުނަތައް އޮއްބާލަން މަސައްކަތް ކުރިއެވެ. ހިތާއިވީ ފަޅީގައި ރިއްސަން ފެށީވެސް ހަމަ އެވަގުތުއެވެ. އޭނައަށް މިހިތާމަތައް ބަރުދާސްތުކުރެވޭ ވަރެއް ނުވިއެވެ. އަލްޔަސްއަށް ކަމެއް ވެއްޖެނަމަ އޭނައާއި ދަރިފުޅަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެތުއްތު ފުރާނަ މިދުނިޔެއަށް އުފަން ވުމުގެ ކުރިން ބައްޕަގެ ލޯބީން މަހްރޫމް ވާކަށް ހިތެއް ނޭދުނެވެ.
”މަންމަމެން ދޮގުހަދަނީ އަހަންނަށް އެހިތާމަ ތަހައްމަލު ނުކުރެވޭނެކަމަށް ހީކޮށްތަ؟ ދޮގު ހަދައިގެން އަހަރެންގެ ހިތަށް ހަމަޖެހުމެއް ގެނެސްދިނުމުގެ ބަދަލުގައި ތެދުހާމަކުރުމުން އަހަރެންގެ ހިތުގައި އަޅާވޭނަށް ވުރެ ހާސްބައި ރަގަޅުވާނެ……..” އީނާ އިސްދަށަށް ޖަހާލި ހިނދު ކޯތާފަތް ތެމިއްޖެއެވެ. ކުލްޘޫމް އާއި ފަޒްލާ އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.
”ދަރިފުޅާ މާތް ﷲގެ އިރާދަފުޅާއެކު ހުރިހާ ކަމެއްވެސް ރަގަޅުވާނެ…..” ކުލްޘޫމް އައައިސް އީނާގެ ބޮލުގައި ފިރުމާލިއެވެ.
އީނާ އަޒުމު ކަނޑައެޅީ ކެތްތެރިވާށެވެ. ދިރިއުޅުމުގައި މާތް ﷲ އެކަލާނގެ އަޅުތަކުން އިމްތިހާނު ކުރައްވަނީ އެކި ގޮތްގޮތަށެވެ. މިއީވެސް އެފަދަ އިމްތިހާނެކެވެ. ކެތްތެރިވެ މާތް ﷲ އަށް ދުޢާ ކުރަންވީއެވެ. އެކަލާނގެއީ ހުރިހާކަމަކަށް ވެސް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
އީނާ އަވަސް ނޭވާތަކެއް ލަމުން ތެދުވެލިއެވެ. ”ކޮންތަނަކަށް؟ ދަރިފުޅު އަރާމުކޮށްލަބަ….” ކުލްޘޫމް އީނާ ހުއްޓުވަން އުޅުނެވެ. ”މަންމާ އަހަރެން ބޭނުން އަލްޔަސް ފެންނަ ހިސާބުގައި ހުންނަން، އަހަރެން ކެތްތެރިވާނަން، ނުރޯނަން، އަހަރެން ރޮންޏާ ސޭމްވެސް ދެރަވާނެ ބޭބީވެސް ދެރަވާނެކަން އިނގޭ…. ފްލޭޓް އޮތީ ކޮންއިރަކުންތަ؟…..” އީނާ ބުންޏެވެ. އެވަރުންވެސް ކުލްޘޫމް އެއްބަހެއް ނުވިއެވެ. އީނާ އައިސް އެނދުގައި ޖައްސާލީ މަންމަމެންގެ އާދޭސްތަކަށް ބީރުކަންފަތެއް ނުދޭންވެގެންނެވެ. އަނެއްކޮޅުން ފުރަންދާ ވަގުތު އޭނައަށް އަލްޔަސްއާއި ބައްދަލު ވެވޭނެއެވެ.
ފުރުމުގެ ކަންތައް ހަމަޖެހިގެން ދިޔައީ ދަންވަރު ތިނެއް ޖަހަން އުޅެނިކޮށެވެ. އަލްޔަސް އާއެކު ދިޔައީ އީނާގެ އިތުރުން ނަޒްޔަކް، ތާއިފް އައި ކުލްޘޫމް އެވެ. އަށާރަ ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ލަންޑަނަށް ދެވުމާއެކު އެންމެ މިނެޓެއް ވެސް ނަގާނުލައި އަލްޔަސް އެން.އެޗް.އެން.އެން އަށް ބަދަލުކުރެވުނެވެ. އެތަނުން އަލްޔަސްއަށް ރަގަޅު ފަރުވާލިބޭނެކަމުގެ އުއްމީދު އެންމެންގެ ހިތުގައި އާލާވެގެން ދިޔައެވެ.
ތިން އޮޕަރޭޝަން ކުރެވުނު ފަހުން އަލްޔަސްގެ ފުރާނަ ސަލާމަތް ކުރެވުނު ކަމުގައި ވިޔަސް އަލްޔަސް ކޯމާއަކަށް ދިޔަ ޚަބަރު ލިބުމުން އީނާ ހުރީ ހުއްޓުން އަރާފައެވެ. އޭނަގެ އުފާވެރި ދުނިޔެ ފުނޑުފުނޑުވެގެން ދިޔަ ބިރުވެރި ހިނދުކޮޅެކެވެ. އެބަސްތަކުން އޭނަގެ ކަންފަތަށް ހޮނު އެޅިއެވެ. އީނާ ދެއަތުން މޫނު ފޮރުވާލާއިރަށް ގިސް ލެވިއްޖެއެވެ. އޭނައަށް އަލްޔަސްއާ ނުލާ ނޫޅެވޭނެއެވެ. އަލްޔަސްގެ ލޯތްބާއި އަޅާލުން އޭނަ އާއި ދަރިފުޅަށް އިންތިހާއަށް ބޭނުމެވެ………. އޭނަ ކެތްތެރިވާނެއެވެ. ކޮންމެވެސް ދުވަހަކުން މާތް ﷲ އޭނަގެ ދުޢާތައް އިޖާބަކުރައްވާނެއެވެ.
އަލްޔަސް ބާއްވާފައި އޮތް ވޯޑަށް ވަންނައިރަށް އީނާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމް ދޫކޮށްފައިބައިގަތެވެ. އޭނަ އަލްޔަސްގެ އަތުގައި ހިފަހައްޓާލަމުން އެއަތަށް ބޮސްދިނެވެ. އަލްޔަސްއަށް ލިބިފައިވާ ހާނިކަތައް ގާތުން ފެނި ހިތަށް ވީ ތުރާލެކެވެ. އެރީތި ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުން އޭނަގެ ހިތާމަތައް އިތުރަށް ފުންވެގެން ދިޔައެވެ. އަލްޔަސްގެ މޫނަށް ބޮސްދެމުން އީނާ ތުންފަތުގައި ދަތް އެޅިއެވެ. އަލްޔަސް ގާތު އިނދެ ރޯކަށް އޭނަ ބޭނުމެއް ނުވިއެވެ.
”ސޭމް، ކަމް ބެކް… އަހަންނަށް ނޫޅޭވޭނެ ސޭމްއާ ނުލާ، ފޯރ އަވާރ ބޭބީ ޕްލީސް ކަމް ބެކް…..” އީނާ އަލްޔަސްގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލިއެވެ. ފިނިވެފައިވާ އެއަތްތިލައިގައި އޭނަ ފިރުމާލަމުން ގެންދިޔައެވެ. ”ސޭމް، އަހަރެން ދޫކޮށްލާފަ ތި ދިއައީ ކީއްވެތަ؟ ބުނީމެއްނު އަބަދު ގާތުގަ ހުންނާނަމޭ، އެކަމަކު މިއަދު އެންމެ ބޭނުންވި ވަގުތު ދުރަށް ތިދިޔައީ…..” އީނާ ފުން ނޭވާއެއް ލިއެވެ. އޭނަ އިރުގަނޑެއް ވަންދެން އަލްޔަސްއާއި ވާހަކަ ދައްކަން އިނެވެ. އޭނަ އަލްޔަސްގެ އަތްތިލަ ގެނެސް ބަނޑުގައި ޖައްސާލުމުން ދަރިފުޅު ތޮޅެލިކަން އިހުސާސްވުމާއެކު ރުއިމުގެ އަޑު ބޭރުވެދާނެތީ އޭނަ ބޭރަށް ނިކުތެވެ.
”ދަރިފުޅާ…. ހިތާމަކުރުމުން ބޭބީއަށް ގެއްލުންވާނެ، މަންމަ ބުނެނުދިނަސް އެކަމުން ކުރާނެ ނޭދެވޭ އަސަރުތައް ދަރިފުޅަށް ވެސް އިނގޭނެ، ހިތާމަކުރަނިކޮށް ބޭބީއަށް ކަމެއް ވެއްޖެނަމަ ކިހާ ދެރަ؟….” ކުލްޘޫމް އީނާއަށް ވިސްނައިދިނެވެ. އީނާ ކުލްޘޫމްގެ ވާހަކަތައް އަޑުއަހަން އިނީ ހިމޭނުންނެވެ. ކުލްޘޫމް ދައްކަން ބޭނުންވިހާ ވާހަކައެއް ދައްކާ ނިމުނިއރުވެސް އެންމެ ބަހެއް ބުނިނުލި ތާންގައި ހަރަކާތެއްވެސް ކޮށްލީކީ ނޫނެވެ.
އީނާ ދެން މިސްރާބު ޖެހީ ބޭރަށް ނިކުމެލުމަށެވެ. ފިނި މޫސުން ކަމުން ކޮންމެ ދިމާލެއްގައި ފަތުރާލެވިފައި ވަނީ ސްނޯގެ ޝީޓް ތަކެކެވެ. ހަމަހިމޭންކަމާއެކު ފައިބަމުން ދިޔަ ސްނޯތައް ވީރާނަކަން ވެރިވެފައިވާ މާހައުލަށް ދިރުން ގެނެސްދެމުން ދިޔައެވެ. އީނާ ގޮސް އެތާ ހުރި ބެންޗެއްގައި އިށީންނައިރަށް ގިސްލެއްވިއްޖެއެވެ. އަޑުން އަޑުނަގާފައި އޭނަ ރޯން ފެށީ ދެނެވެ. ހިތާއި ސިކުނޑީގައި ފުނިޖެހިފައި ވާހާ ހިތާމައެއް ކަރުނައިގެ ސިފައިގައި ބޭރުވާން ފެއްޓިއެވެ. އީނާ ރޯތަން ފެނި އެތަނުން ދާ މީހުންވެސް ބަލަނީ ހަމްދަރުދީން ފުރިގެންވިފަދަ ނަޒަރަކުންނެވެ.
”ޕްލީސް ކަމް ބެކް…..” ތުރުތުރުލަމުން ދިޔަ ތުންފަތުގެ ތެރޭން ބޭރުވެގެން ދިޔައެވެ. ފިނި ގަދަކަމުން އީނާގެ މޫނުގެ ކުލަވަރު ވެސް ބަދަލުވެފައި ވިއެވެ. ނަމަވެސް އޭނަ އެތަނުން ދާކަށް ނޫޅުނެވެ. އޭނަ ހިތް ފުރެން ދެން ރުޔެވެ.
”އީނޫ…..” ނަޒްޔަކް އައިސް އެތާނގައި އިށީންނަމުން އީނާއަށް ގޮވާލިއެވެ. އީނާ ބަލާވެސް ނުލިއެވެ. ”ނިކް އަހަރެން ބޭނުންވަނީ އެކަނިވެލަން، ޕްލީޒް ގޯ….” އީނާ އެތެރެއަށް ނޭފަތް ދަމާލިއެވެ. ރޮމުން ގޮސް އެދެލޯ ވަނީ ފާރުވެފައެވެ.
”ޔޫ ނީޑް ޓު ބީ ސްޓްރޯންގް، އުއްމީދު ކަނޑާލާކަށް ނުވާނެ…..” ނަޒްޔަކް ވިސްނައިދޭން އުޅުނެވެ. ކޯމާ އިން އަނބުރާ އަންނަ އެތައް މީހުންނެއް ދުނިޔޭގައި އެބަތިއްބެވެ.
”ސޭމް ވިލް ކަމް ބެކް، އިން ޝާ ﷲ…..” ނަޒްޔަކް ބުންޏެވެ. ނަޒްޔަކް ދެމުން ގެންދިޔަ ހިތްވަރުގެ ސަބަބުން އީނާއަށް އިތުރަށް ރޮވުނީއެވެ. ނަޒްޔަކް ވެސް ފެންކަޅި ވިއެވެ. އީނާއާއި އަލްޔަސްގެ އުފާވެރި ދިރިއުޅުން ރޫޅިގެން ހިނގައްޖެއެވެ. އެދެހަޔާތަށް އައި ބަހާރު މޫސުމުގެ މާތައް މިލާ މޯޅިވެއްޖެއެވެ. މިހާރު ހަތަރެސް ފަރާތުން ވެސް ފެންނަނީ ހަނަފަސް ކަމެވެ. ހާދަ ދެރައެވެ.
”އެކާރު ދުއްވަން އިން މީހާގެ ކޭސް ވީ ކިހާ ހިސާބެއްގަ؟….” އީނާ އެހިއެވެ. ”ތަހުޤީޤުކުރިއަށް ދަނީ…. އޭނަގެ ފޯލްޓުން އެކްސިޑެންޓްވެސް ހިނގީ… މީހުންގެ ފަރުވާ ކުޑަކަމުގެ ސަބަބުން ފަނާވެގެން ދަނީ ކިތައް ދިރިއުޅުން…..” ނަޒްޔަކް ބުންޏެވެ.
”އޭނައަށް ހައްޤުވެގެންވާ އަދަބު ނުލިބެނީސް ދޫކޮށްނުލާނަން….” އީނާ ރުޅިވެރި ރާގަކަށް ބުންޏެވެ. މިއިން ޒަމާނެއްގައި ވެސް މީހަކު ދެކެ މިހާ ބޮޑަށް ރުޅި އާދެވިފައި ނެތެވެ. އޭނަގެ މުޅި ދިރިއުޅުން އެމީހާ ބަރުބާދުކޮށްލައިފިއެވެ. އޭނަގެ ދަރިފުޅު މިދުނިޔެއަށް އުފަން ވުމުގެ ކުރިން ބައްޕަގެ ލޯބިން މަހްރޫމްކޮށްލައިފިއެވެ. އެމީހާއަށް ދުވަހަކު އޭނަ މާފްނުކުރާނެއެވެ.
****
އޭގަ މައްސަރެއް ފަހުން އަލްޔަސް މާލެ ގެނެސް ފުރަތަމަ ބަދަލު ކުރެވުނީ ހޮސްޕިޓަލަށެވެ. އޭގެ ދެހަފްތާ ފަހުން އަލްޔަސް ގެއަށް ބަދަލު ކުރެވުނު އިރު އަދިވެސް ލިބުނު ހިތާމަ ފިލައިގެން ނުދެއެވެ. މިފަހަކަށް އައިސް ނުހައިކް ވެސް އުންނަނީ ވަރަށް މަޑުމަޑުންނެވެ. އަބަދު އޭނަ އުޅޭނީ އީނާގެ ފަހަތުންނެވެ.
”ދޮންތީ، ކޮންދުވަހަކުތަ ހައިކްގެ ކޮއްކޮ އަންނަނީ؟… މިހާރު އެއިޓް މަންތް ވެއްޖެއެއްނު…..” އީނާ ލައްވާ ވާހަކަ ފޮތެއް ކިޔުންވަން އިން ނުހައިކް ސުވާލުކުރިއެވެ. ”އަދި މަންތެއް ފަހުން، ބޯއި އެކޭ އަންނަނީވެސް…..” އީނާ ފަނޑު ހިނިތުންވުމަކާއެކު ބުންޏެވެ.
”ވާއު އޭރުން ހައިކްއާ ކޮއްކޮ އާ ދެމީހުން އަބަދު ކުޅޭނީ…..” އީނާގެ ގައިގައި ބައްދާލަމުން ނުހައިކް ބުންޏެވެ. ”ހޫމްމްމް….” އީނާ ކުރު ޖަވާބެއް ދިނެވެ. ވަޒީފާއިން އައުމާއެކު ނުހައިކްއާއެކު އީނާގެ ދުވަހުގެ ބޮޑުބައި ހޭދަވެގެން ދެއެވެ.
އަލްޔަސް މަތިން އީނާ އެންމެ ބޮޑަށް ހަނދާން ވަނީ ރޭގަނޑު ވީމައެވެ. އޭނަ ނުނިދާ އެތައް ރެޔަކު ރޯން އޮވެއެވެ. އަދިވެސް އެހިތާމައާއި ދުރަށް ދާން އޭނައަށް އުނދަގުލެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް މަހެއް ނިމިގެން ދިޔައިރު ވިހާ ދުވަސް ވެސް އޮތީ ކައިރިވެފައެވެ. ވަޒީފާގައި ބުރަކޮށް އުޅުމުގެ ސަބަބުން އީނާއަށް ވަގުތެއް ނުވެފައި ވަނިކޮށް މިރޭ ލިބުނު ހުސް ވަގުތުގައި ރޫޔާއާއި ދެމީހުން ދިޔައީ ބޭބީއަށް ބޭނުންވާ ހެދުންތަކާއި ސާމާނުތައް ގަންނާށެވެ. ބާޒާރުކޮށް ނިމުނީ ރޭގަނޑު ދިހައެއް ވެސް ޖަހިފަހުންނެވެ.
”އީނޫ ބަނޑުގަ ރިއްސަނީތަ؟….” ފިހާރައިން ނިކުތް ތަނާ އީނާ ބަނޑުގައި ފިރުމާލި މަންޒަރު ފެނި ރޫޔާ އަހާލިއެވެ. އޭރު ދެމީހުންގެ ބަލާ އައި ނަޒްޔަކް ކާރުން ފައިބަމުން ކޮތަޅުތައް ގެންގޮސް ކާރަށް ލިއެވެ.
”ކުޑަކޮށް އެބަ ރިއްސާ….” އީނާ ބުންޏެވެ. އީނާއަށް ކުރިއަށް ފިޔަވަޅެއް ނޭޅެނީސް އެރި ތަދާ އެކު އޭނައަށް ހަޅޭއްލަވައިގަނެވުނެވެ. ރޫޔާ އާއި ނަޒްޔަކްގެ އެހީގައި އީނާ ކާރަށް އެރިއިރު ރިހުން ގަދަވެ އީނާއަށް ތަނެއްދޮރެއް ވަކިވާ ވަރެއް ނުވިއެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ރޫޔާ ޢާއިލާގެ މެންބަރުންނަށް ގުޅިއެވެ.
ވިއްސާ ކޮޓަރިއަށް ވެއްދިތާ ވިހި މިނެޓް ފަހުން ބޭބީގެ ހާޓް ބީޓް ދައްވެ އެމަރޖެންސީގައި އީނާ ފަޅާކޮޓަރިއަށް ގެންދެވުނެވެ. އެންމެން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.
ދިގު އިންތިޒާރަކަށް ފަހު ޢާއިލާގެ މެންބަރުންނަށް ދައްކާލަން ބޭބީ ބޭރަށް ނެރެވުނެވެ. ކުލްޘޫމް އެކުއްޖާ އުރާލުމާއެކު އެސްފިޔަތައް ފޯވެއްޖެއެވެ. އޭނައަށް ހުރެވުނީ އެމައުސޫމް ފުރާނައަށް ބަލާށެވެ. ހަމަ އަލްޔަސްގެ ކޮޕީއެކެވެ. އެކަޅުގަންގަދަ ބުމައާއި އެހަތަރެސްކަން މޫނެވެ. މުށި ކުލައިގެ ދެލޮލުން ބަލަން އޮތްގޮތުން ކުލްޘޫމްގެ ހިތް ބަންޑުން ވިއެވެ.
”ހަމަ އަލްޔަސްގެ ކޮޕީއެއް، މާޝާﷲ….” ކުލްޘޫމް އެދޮންދޮން މޫނުގައި ބޮސްދިނެވެ.
އީނާ ރޫމަށް ބަދަލު ކުރެވުނެވެ. އީނާ ހިނިތުންވެލައިގެން އޮތް ކަމުގައި ވިޔަސް އޭނައަށް ފަޅުކަން އިހުސާސް ކުރެވުނެވެ. އަލްޔަސް ހުރިނަމަ ދަރިފުޅާއިގެން ހާދަ ވަރަކަށް އުޅުނީހެވެ. އެއުފާވެރި ހިނިތުންވުން ވެސް އޭނައަށް ފެނުނީހެވެ. އޭނައާއި ދަރިފުޅު ގެނެސް އެތަނަވަސް މޭގައި ޖައްސާލަމުން ލޯބިވާވަރުވެސް ހާމަ ކުރީސްކަން ކަށަވަރެވެ. އެހެނަސް އޭނަގެ އެހުވަފެންތައް ވެގެން ދިޔައީ ބިލާހަކަށެވެ. އަލްޔަސްގެ ލޯތްބާއި އަޅާލުން އޭނައަށް އެންމެ ބޭނުންވި ވަގުތުގައި ވެސް ނުލިބުނެވެ. އީނާ ލޮލުން ފޭބި ކަރުނަތައް އަވަސް އަވަހަށް ފޮހެލަމުން ބޭބީގެ ފަހަތުން ވިއްދާލާފައި ހުރި ނުހައިކްއަށް ބަލާލިއެވެ. އެމަންޒަރު ފެނި އޭނައަށް ހެވުނެވެ.
އެތައް ދުވަހަކަށް ފަހު އުފާވެރިކަން އަނބުރާ އައިސްފިކަމުގެ ނިޝާންތައް އީނާއަށް ފެނުނެވެ. ޔަޤީނުންވެސް އެތުއްތު ދަރިފުޅާއެކު ގެއަށް ބަހާރު މޫސުން ގެނެސް ދީފިއެވެ. އީނާ ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ.
ނަންކިޔުމުގެ ރަސްމިއްޔާތަށް ފަހު އީނާ އައިސް ކޮޓަރިއަށް ވަނެވެ. އޭރު ޔަޝްޢަލް އޮތީ ނިދާށެވެ. ދަރިފުޅުގެ ކުޑަ އެނދު ކައިރިއަށް ހުއްޓިލަމުން އީނާ ދަރިފުޅުގެ މޫނަށް ބޮސްދިނެވެ. ހަމައެއާއެކު ދަރިފުޅު ދެލޯ ހުޅުވާލަމުން އީނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އީނާގެ ހިތް މައިވަންތަކަމުގެ ލޯބިން ބަންޑުން ވެގެން ދިޔައެވެ.
”ޔަޝް ދާންނަންތަ މަންމިއާއެކު ޑެޑީއާ ބައްދަލުކުރަން….” އީނާ މިހެން ބުނާއިރަށް ޔަޝްޢަލް ދެއަތާއި ދެފައި ތަޅުވަން ފަށައިފިއެވެ. އީނާ ލުއި ހިނިތުންވުމަކާއެކު ދަރިފުޅު އުރާލިއެވެ.
އީނާ ގޮސް ކޮޓަރިއެއްގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. އޭނަ ލަސް ފިޔަވަޅުތަކެއްގައި ގޮސް އަލްޔަސް ބާއްވާފައި އޮތް އެނދު ކައިރިއަށް ހުއްޓުނެވެ. އަލްޔަސްގެ މޫނަށް ބޮސްދެމުން އަލްޔަސްގެ މަގަތުގައި އޭނަ އިށީނެވެ. ދެން އޭނަ އަލްޔަސްގެ އަތްތިލަ ގެނެސް ޔަޝްޢަލްގެ މޫނުގައި ޖެއްސިއެވެ.
”އަހަރުމެންގެ ދަރިފުޅު، މުހައްމަދު ޔަޝްޢަލް ބިން އަލްޔަސް….” އީނާ ބުންޏެވެ.
”ސޭމްއަށް އިނގޭތަ ޔަޝްޢަލް ބޮޑަށް ވައްތަރީ ސޭމްއާ…. ވަރަށް ލޯބި…. އެކަމަކު ރޭގަނޑު އެއްގޮތަކަށް ވެސް ނުނިދާ…..” އީނާ އެކިއެކި ވާހަކަތައް ކިޔައިދޭން ފެއްޓިއެވެ. އީނާ އޭނަގެ ދުވަހުގެ ބޮޑުބައި ހޭދަކުރަނީ އަލްޔަސްއާއެކު ގައެވެ. އަލްޔަސްއަށް ވާހަކަ ކިޔައި ދިނުމަކީ އޭނަ އެންމެ ކުރާހިތްވާ އެއްކަމެވެ.
”ޔަޝް ބޭނުންވޭ ބައްޕަގެ ލޯބި…. ކަމް ބެކް ސޭމް….” އީނާ ޔަޝްޢަލްގެ މޫނަށް ބަލައިލަމުން ބުންޏެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ޔަޝްޢަލް އަޑުލައްވަމުން ދިޔައެވެ. އެލޯބި މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދޭތެރެއަކުން އެތުންފަތް މައްޗަށް ވެރިވެގެންދާ ހިނިތުންވުން ފެނި އީނާއަށް ވެސް ހެވެއެވެ.
”ލަވް ޔޫ….” ދަމުން އަލްޔަސްގެ ނިތަށް އީނާ ބޮސްދިނެވެ. އަލްޔަސްގެ ފަރާތުން ބަދަލެއް އަތުވެދާނެ ކަމުގެ އުއްމީދާއެކު އޭނަ މަޑުކުރިއެވެ. ނަމަވެސް އޭނަ ނިކުމެގެން ދިޔައީ މާޔޫސް ކަމާއެކުގައެވެ.
****
ދުވަސްތައް މާޒީވަމުން ގޮސް ތިން އަހަރު ފާއިތުވެގެން ދިޔައިރު ވެސް އަލްޔަސްއަށް އެއްވެސް ބަދަލެއް ނާދެއެވެ. ނަމަވެސް އަލްޔަސްގެ ވަށައިގެން ވި ދުނިޔެއަށް ތަފާތު ބޮޑެތި ބަދަލުތަކެއް އައިސްފައި ވެއެވެ.
”ޔަޝް މަންމިގެ އަތުގަ ހިފާބަލަ….” ކުޑަކުދިންގެ ބަގީޗާއިން ނިކުންނަން ދިޔަ އީނާ ބުންޏެވެ. ޔަޝްޢަލް ހަމަ ވަގުތުން އީނާގެ އަތުގައި ހިފިއެވެ. އޭރު ނުހައިކް ބަސްނާހާތީ ރޫޔާ ނުރިހިފައި އެއްޗެއް ބުނެލި އަޑަށް އީނާ ފަސްއެނބުރި ބަލައިލިއެވެ. ”ހައިކް ދެން ހިނގާ އަވަހަށް ގެއަށް ދާން، ދެނަމާދު ތެރޭ ކުޑަކުދިން ބޭރުގައި އުޅޭކަށް ނުވާނެ….” އީނާ ބުންޏެވެ. ނުހައިކް ރޫޔާއާއެކު ދާން ހިނގައިގަތީ ބޮޑާހާކާފައެވެ.
ގެއަށް ދެވުނުއިރު އިޝާ ނަމާދަށް ބަންގި ގޮވަން ކައިރި ވެއްޖެއެވެ. އީނާ މަޢުރިބް ނަމާދަށް އަރަން ދިއުމުގެ ކުރިން ޔަޝްޢަލް ކުލްޘޫމްއާއި ހަވާލުކުރިއެވެ. ޔަޝްޢަލް ބައިންދައިގެން އޭނައަށް ނަމާދު ނުކުރެވޭނެއެވެ.
އީނާ ނަމާދުކޮށްގެން ޔަޝްޢަލް ބަލާއައިރު އިނީ ކުލްޘޫމްއާއެކު ކުޅޭށެވެ. މިމަންޒަރު ބަލަން އިރުކޮޅަކު ހުރުމަށްފަހު އޭނަ ދިޔައީ ބަދިގެއަށެވެ. ކޮފީތައްޓެއް ތައްޔާރުކޮށްގެން އޭނަ ފެންޑާއަށް ނިކުތް އިރު ވިއްސާރައިގެ ހަމަލާތައް ދޭން ފަށައިފިއެވެ. ބޯކޮށް ވާރޭ ވެހެން ފެށުމުން އީނާ އެތެރެއަށް ވަނެވެ. އޭނަ ކޮފީ ބޮއެގެން ބޮޑުކޮޓަރިއަށް ވަންތަނާ ޔަޝްޢަލް ދުވަމުން އައިސްފިއެވެ.
”މަންމީ، ޔަޝް ބޭނުން ޑެޑީ ގާތަށް ދާން….” އީނާގެ އަތުގައި ހިފަމުން ޔަޝްޢަލް ބުންޏެވެ. ދަރިފުޅުގެ އެދުމަށް ނޫނެކޭ ބުނަން އީނާއަށް ނުކެރުނެވެ. އޭނަ ނޫނެކޭ ބުނެފިނަމަ ޔަޝްއަލް ކުރަން ފައްޓާނެ ކަންތައްވެސް އޭނައަށް ރަގަޅަށް އިނގޭތީ ޔަޝްޢަލް ގޮވައިގެން އެކޮޓަރިއަށް ދިޔައެވެ.
ކޮޓަރިއަށް ވަދެވުމާއެކު ޔަޝްޢަލް ދުވެލާފައި ގޮސް އަލްޔަސްގެ މަގަތުގައި އިށީންނަމުން އޭނަގެ ޅަވާހަކަތައް ދައްކަން ފެށިއެވެ. އީނާ ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ.
”މަންމީ ކީއްވެތަ ޑެޑީ އަބަދު ނިދަނީ؟….” ޔަޝްޢަލް އަލްޔަސްގެ މޭގައި ބޯއަޅާލިއެވެ. އެދެލޮލުން ބައްޕަގެ ލޯތްބަށް ބޭނުންވެފައިވާ މިންވަރު ހާމަވެއެވެ. އީނާ ކިތަންމެ ވަރަކަށް ޔަޝްޢަލްއަށް މަންމައާއި ބައްޕަގެ ލޯބި ދޭން މަސައްކަތްކުރި ކަމުގައި ވިޔަސް އެއީ ވުންއެކަށީގެން ވާނެކަމެއް ނޫންކަން އޭނައަށް އިނގެއެވެ.
”މަންމަ ބުނީމެއްނު ޑެޑީ ބަލިވެގެންނޭ އުޅޭނީ، އަދި އަންނާނެޔޭ ޔަޝް ގާތަށް….” އީނާ ޔަޝްޢަލްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުންޏެވެ. ޔަޝްޢަލް ދެން އިތުރު ސުވާލެއް ފެންމަތި ނުކުރުމުން އީނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ގިނަ ފަހަރު ޔަޝްޢަލް ކުރާ ސުވަލުތަކަށް ޖަވާބު ނުދީގެން އޭނައަށް ޖެހެނީ ދޮގު ހަދާށެވެ.
އީނާ އަލްޔަސްގެ މޫނަށް ބަލާލިއެވެ. އަދިވެސް އޭނަ އިންތިޒާރުކުރަމުން އެދަނީ އަލްޔަސް އެނބުރި އަންނާނެ ދުވަހަކަށެވެ. އޭނަ އަދިވެސް އުއްމީދު ކަނޑާނުލައެވެ. ޔަޝްއަލް ނިކުމެގެން ދިއުމުން އީނާ އޭނަގެ ޝަކުވާތައް ބަންޑުން ކުރަން ފެށިއެވެ.
”ވަރަށް ބޮޑަށް ލޯބިވޭ، ސޭމް އަންނާނެ ދުވަހަކަށް އަހަރެން ހާދަ ވަރަކަށޭ އިންތިޒާރުކުރަން ޖެހިފައި މިވަނީ، ގިނަފަހަރު ހީވޭ އެދުވަސް ދުވަހަކު ނާންނާނެހެން، އެކަމަކު އަހަރެން އުއްމީދު ކަނޑާނުލާނަން، މުޅި އުމުރު ދުވަހުވެސް ސޭމްއަށް އިންތިޒާރު ކުރާނަން، ތި ލޯތްބަށް އަހަރެން ބޭނުންވެފައިވާވަރު އިހްސާސް ނުކުރެވޭތަ؟ ސޭމް ފެންނަ ކޮންމެފަހަރަކު އަހަރެންގެ ހިތަށް ވަރަށް ތަދުވޭ…… ތިން އަހަރު…. ތިން އަހަރު ވެއްޖެ…… ޔަޝް ވެސް އެހުންނަނީ ސޭމްގެ ލޯބި ބޭނުންވެފައި، ތިދެއަތުން އެމޫނުގައި ފިރުމާލާނެ ދުވަހެއްގެ އިންތިޒާރުގައި…… އޭނައާއެކު ކުޅެން އަންނާނެ ދުވަހެއްގެ އިންތިޒާރުގައި، ޔަޝް ގާތު ދޮގު ހަދަންވީމަ އަހަރެންގެ ހިތުގައި ހާދަ ވަރަކަށޭ ވޭން އަޅާނީ……” އީނާ އޭނަގެ ހިތް ބަންޑުންކޮށްލިއެވެ. އޭނަ އެތައް އިރެއް ވަންދެން ރޯން އިނެވެ. މިނޫނީ އޭނަ އަލްޔަސް ގާތު އިނދެގެން ރޮއިފަކާ ނެތެވެ. ނަމވެސް މިއަދު އެހިތުގައި އެޅި ވޭނެއްގެ ސަބަބުން އިހުސާސްތައް ކޮންޓްރޯލް ނުކުރެވުނީއެވެ. އީނާއަށް ގިސްލެވެމުން ދިޔައެވެ. އޭނަ އަލްޔަސްގެ މޭގައި ބޯއަޅާލަމުން ވަރަކަށް ރުޔެވެ. ގިސްލިއެވެ.
”އިންތިޒާރު ކުރާނަން…..” އީނާ ރުއިމުގެ ތެރެއިން ބުންޏެވެ. އަދި ވަދާއުގެ ސަލާމުގެ ގޮތުން އަލްޔަސްގެ އަތަށް ބޮސްދޭން އެއަތްތިލައިގައި ހިފެހެއްޓިއެވެ. ”އައި ލަވް ޔޫ….” ލޯމަރާލައިގެން ހުރި އީނާއަށް އަލްޔަސް ހަރަކާތެއްކޮށްލިކަން އެނގުމުން ސިހިފައި ލޯހުޅުވާލެވުނެވެ. އޭނަ ދެލޯބޮޑުކޮށްލަމުން ބަލަން އިނީ ދެވަނަ ފަހަރަށްވެސް ހަރަކާތްކޮށްލާނެ ކަމުގެ އުއްމީދުގައެވެ. ދެވަނަ ފަހަރަށް އަލްޔަސްގެ އިނގިލިތައް ހަރަކާތް ކުރި މަންޒަރު ފެނި އީނާއަށް ތެދުވެވިއްޖެއެވެ.
”އަލްހަމްދުއްލިﷲ….” އީނާއަށް އުފަލުން ގޮސް ރޮވުނެވެ. މާތް ﷲ އޭނަގެ ދުޢާތައް އިޖާބަކުރައްވައިފިއެވެ.
”މަންމާ، ބައްޕާ….” އީނާއަށް ގޮވާލެވުނީ ބާރަކަށެވެ. އޭނަ ފޯނުން ޑޮކްޓަރަށް ވެސް ގުޅާލައިފިއެވެ. އީނާގެ އަޑަށް ތާއިފްމެން އެތަނަށް އައައެވެ. އެމީހުން ހީކުރީ ކަމެއް ގޯސްވީކަމަށެވެ. ”މަންމާ، ސޭމްއަށް ބަލާބަ….” އުފަލުން ގޮސް އީނާއަށް ވާހަކައެއް ނުދެއްކުނެވެ. އޭރު ލަސްލަހުން ހަރަކާތް ކުރަމުން ދިޔަ އަލްޔަސް ފެނި ކޮންމެ މީހެއްގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ. ހެއްދެވި ފަރާތަށް ޝުކުރުކުރަމުން ކުލްޘޫމް އައިސް އަލްޔަސްގެ ބޮލުގައި ފިރުމާލިއެވެ. އޭރު އަލްޔަސް ލޯހުޅުވާލައިގެން އޮވެ ފަހަރަކު މީހެއްގެ މޫނަށް ބަލަނީއެވެ. ފެންކަޅިވެފައި ހުރި އީނާ ހިނިތުންވެލިއެވެ.
ޑޮކްޓަރު އައިސް ބެއްލެވުމަށްފަހު ބުނީ އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަގަޅު ކަމަށެވެ. އެއާއެކު އީނާ މާތް ﷲއަށް ޝުކުރުކުރިއެވެ. އެދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.
ފުރަތަމަ ވެސް އަލްޔަސް އާއި ބައްދަލު ކުރަން ވަނީ އީނާއެވެ. އަލްޔަސް އަށް އީނާ ފެނުމުން އޮތީ ބަލާށެވެ. އެތުންފަތް މަތީގައި ހިނިތުންވުމެއް ވިއެވެ.
”ސޭމް….” އީނާ ދުވެލާފައި ގޮސް އަލްޔަސްގެ އަތުގެ ތެރެއަށް ވަނެވެ. ”އައުޗް….” އަލްޔަސް އަށް މިހެން ބުނެވޭއިރަށް އީނާ ދުރަށް ޖެހިލިއެވެ. ”ތަދުވީތަ؟ ސޮރީ، އުފަލުން ގޮސް…..” އީނާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އަލްޔަސް ހިނިތުންވެލަމުން އީނާގެ މޫނުގައި ފިރުމާލިއެވެ.
”ސޭމްއަށް ގިފްޓެއް ދެންތަ؟….” އީނާ ކުދިދަތްތައް ދައްކާލަމުން ޔަޝްޢަލްއަށް ގޮވާލިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ކޮޓަރިއަށް ވަދެގެން އައި ކުޑަ ފިރިހެން ކުއްޖާއަށް އަލްޔަސް އޮތީ ބަލާށެވެ.
”ސޭމް މީ ޔަޝްޢަލް…. އަވާރ ޗައިލްޑް….” އީނާ ބުންޏެވެ. އަލްޔަސް ޔަޝްޢަލްގެ މޫނުގައި ފިރުމާލާއިރަށް އެދެލޮލުން ކަރުނަ ހިލިއްޖެއެވެ. ދައްކަން ކިތަންމެ ވާހަކައެއް ހުރިކަމުގައި ވިޔަސް ފަށާނެ ގޮތެއް އަލްޔަސްއަކަށް ނޭގުނެވެ.
އީނާގެ އެހީގައި އަލްޔަސް އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. ޔަޝްޢަލް ނުހަނު އުފާވެފައި އިނދެ އޭނަގެ ބައްޕައާ ވާހަކަ ދެއްކިއެވެ. ޢާއިލާގެ އެންމެން އަލްޔަސްއާ ވާހަކަ ދެއްކިއެވެ. ކޮންމެ މީހަކުވެސް އުފާވެރިވާ މިންވަރު މޫނުމަތިން ފާޅުވެއެވެ.
އަލްޔަސްއަށް ހިނގަން ފުރަތަމަ ކޮޅު އުނދަގޫވީނަމަވެސް ފިޒިއެތޮރޮޕީ ނަގަން ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައި ހިނގަން މުޅިން ފަސޭހަ ވިއެވެ. ނަމަވެސް އަލްޔަސްއަށް ހުރިހާ ކަމެއް ދަސްވާން ދުވަސް ނެގިއެވެ. އަދިހަމައެއާއެކު ތިން އަހަރު ދުވަހުގެ ފަޅުކަން ފިލަންވެސް ދުވަސް ނެގިއެވެ. އީނާ ނެތްނަމަ އޭނަގެ ޒަރޫރީ ބެނުންތައް ފުރިހަމަ ކުރަން ވެސް އުނދަގޫވީހެވެ. އީނާ އަލްޔަސްގެ ހިޔަނި ފަދައިން ގާތުގައި ހުރެއެވެ. އީނާ ވާލޯބި ފެނި އަލްޔަސް ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. އަދި ޔަޝްޢަލް ފެނި އޭނަގެ އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދެއެވެ. އެއީ އޭނަގެ މުޅި ދުނިޔެ އެވެ.
އާދައިގެ މަތިން ޔަޝްޢަލް ނިންދަވާލާފައި އީނާއާއި އަލްޔަސް ތިބީ ސޯފާގައި ވާހަކަ ދައްކާށެވެ.
”ޔޫ އާރަ ދަ ޕްރައިސްލެސް ޖުވެލް އޮފް މައި ލައިފް…. ތިހާ ކެއަރިންގް ވައިފްއެއް ލިބުމުން މިއަދު އަހަރެން ވަރަށް ބޮޑަށް އުފާވެއްޖެ، ތިން އަހަރު ދުވަހުގެ ފަޅުކަން ފިލުވާލަން އުނދަގޫވާނެކަން އިނގޭ، އިފް އައި ވޯޒް އޭބަލް އަހަރެން އެހުރިހާ ހިތާމަވެރި ދުވަސްތައް އުފާވެރި ދުވަސްތަކަށް ބަދަލު ކުރީމުސް، ނަމަވެސް އެއީ ވުން އެކަށީގެންވާނެކަމެއް ނޫން، އެކަމަކު މާޒީ މަތިން ހަނދާން ނައްތާލާފައި އުފާވެރި ދުވަސްތަކެއް އިޢާދަ ކުރެވޭނެ، އީނޫ ތީ އޯގާވެރި ހިތެއްގެ ވެރިއެއް. ތިފަދަ އަންބަކު އަހަންނަށް މިންވަރު ކުރެއްވީތީ މާތްﷲއަށް ހަމްދާއި ޝުކުރުކުރަން….. އައި ލަވް ޔޫ….” އީނާގެ ކޯފާފަތުގައި އަލްޔަސް ފިރުމާލިއެވެ. އެވާހަކަތަކުގެ ތެރޭން އޭނަގެ އެސްފިޔަތައް ތެމިއްޖެއެވެ.
”އީނޫ އަހަންނަށް އެންމެ ބޭނުންވި ވަގުތު ވެސް އީނޫއާއެކު ނުހުރެވުނު، އައިމް ސޮރީ….” އަލްޔަސްގެ ލޮލުން ފޭބި ކަރުނަތައް ފެނި އީނާގެ ހިތަށް ވީ ގޮތެއް ނެގުނެވެ. އޭނަ އެކަރުނަތައް ފޮހެލަމުން އަލްޔަސްގެ މޫނުގެ އެކިތަންތަނަށް ބޮސް ދިނެވެ. ހިތް ފުރެން ދެނެވެ.
”ސޮރީއޭ ނުބުނެބަލަ….”
އީނާ އަލްޔަސްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އަލްޔަސް ލުއި ހިނިތުންވުމަކާއެކު އީނާގެ ތުންފަތަށް ބޮސްދިނެވެ. އަލްޔަސްގެ ފަރާތުން ފެނުނު އިޝާރާތްތަކާއެކު އީނާ އަލްޔަސްގެ އެދުންތަކަށް އިޖާބަ ދިނީ އުފަލާއެކުގައެވެ. އޭނަ އެލޯތްބަށް ވަރަށް ގިނަ ދުވަހު އިންތިޒާރު ކޮށްފިއެވެ. އީނާ އަލްޔަސްގެ ތުންފަތަށް ބޮސް ދިނެވެ.
”އޯގާވީ ހިތަކުން،
އެދުނީމޭ އުފަލުން،
”ފޮރުވީމޭ ހިތުގާ، ވީ ލޯބި ނުފޮހެވޭހެން…”
-ނިމުނީ-
36 Comments!
Comments are closed.


މި ވާހަކަ ނިންމުމުގެ ތައުފީޤު ދެއްވިކަމަށް ޓަކައި މާތް ﷲއަށް ހަމްދާއި ޝުކުރުކުރަން، ދެން އެއަށްފަހު ވިހާކަ ފެށިގެން ނިމެންދެން ޝައުޤުވެރިކަމާއެކު ކިޔާލި ހުށިހެއި ކުދިންނަށް ވަރަސް ބޮޑަށް ޝުކުިރއްޔާ، ލައިކް އެންޑް ޝެއާރ ކުރި ދުނިންނަށް ވެސް ޝުކުރިއްޔާ އެންޑް ވާހަކަޔަށް ކޮމެންޓް ކުރި ދުނިނަށް ވަރަށް ބޮޑަށް ޝުކުިރއްޔާ، ހޯޕް ޓު ސީ އެ ފީޑްބެކް ފޯރ ދަ ލާސްޓް އެޕިސޯޑް، މާތް ﷲ ގެ އިރާދަފުޅާއެކު މުތާގެ އައު ވާހަކައެއް އަންނަ ހަފްތާގައި ގެނެސްދޭން މަސައްކަތްކުރާނަން…. ނައު ވޯކިގް އޮން ދި ސްޓޯރީ، އާދިއްތަ ދުވަހު އަޕްވާނެ އިން ޝާ ﷲ 3> 🙂 ސޯ ފޯރ ނައު ގުޑް ބާއި… ހޯޕް ޓު ސީ ޔޫ އޯލް ސޫން 🙂
Uuuuu
zalaf ge bai ves kommes gothaka genai nama….mi bunee rooya dhookoh levuneema ekamaa regret kuri goi……..
Rythi
v sallhi …
🙂
tnx muthaa story eh fashaaty….. vv salhi
މިހާރު ހަތަރެސް ފަރާތުން ވެސް ފެންނަނީ ހަނަފަސް ކަމެވެ. hihihi kon hatares faraateh tha???? hataru faraaiy kiyaabala. den anehka alyas ge gaiga blood hury ethi kolhu thakakhtha???? an ehn heevaanehnun gina adhadhehge ley aeema dhw… :p any ways den ok
wow habeyx
Rovihjje 🙂 varah asaru gadha and magey lyf er vr gulhey
heevee hama maazee thakraaru vihen 🙁
furathama ves mi kiyaalee last part. heevanee mee varah reethi story eh hen.
Feshigen nimendhen ves varah furihama story ehi loved this story to maxxxx, awsme ending gona miss all the couples in this hope to see a new story of y nd best of luck
i love this story a lot…..hope to see the new story of muthaa soon …mee vvv asarugadha story eh….gudluk muthaa…see u soon
V.v.v.v,salhi ingay ehkon vaahaka kiyaalaafa mi comment konlee dhen fashaa vaahakayakeevess mikahala asarugadha vaahakaeh kaman unmmeedhu kuran
masha allah!!!!!wow!!wow!!vvvvvvvvvvvvvv reethi story eh!!! maee aky comnt nukurias vahaka feshunee sure kiya kuhjej!!!masha allah!!v.salhi ingey!!!!mutha ge new story ah wait kuran!!!ALL DA BEST 4 U
v reethi… aslu heekuree ehen gothakah ehn firihenakah iinu gulhuvan ulhunyyy kamah… … ehn nuvyma v hapi… v reethi mi vaahakaves.. <3
ވާހަކަ ލިޔުންތެރިޔާއަށް (މުތާއަށް) ޝުކުރާއި މަރުޙާބާ ކިޔަމެވެ! އަހަރެންނަކީވެސް ވަރަށް ގިނަ ވާހަކަ ކިޔާ މީހަކީމެވެ. އަދި މި ވާހަކަވެސް ފެށުނީއްސުރެ ބަރާބަރަށް ކިޔައި އަދި އަޕްވާތޯ ކެތްތެރިކަމެއްނެތި ކޮންމެ ދުވަހަކު ޗެކްކުރާ ކިޔުންތެރިއަކީމެވެ. ވާހަކައާމެދު ބުނެވޭނީ މިއީ ސިފަކުރުން ރީތި ކިޔައިދިނުންވެސް ރީތި މޮޅު ވާހަކައެއްކަމަށެވެ. ހަމައެހެންމެ މިއީ ދެންވާނެގޮތް ބެލުމަށް ކިޔުންތެރިން އިންތިޒާރުކުރުވާގޮތަށް ޝައުޤުވެރިކަން ހިފެހެއްޓިފައިވާ ވަރަށް ރީތި، މޮޅު ވާހަކައެކެވެ. އަދި ބަސްކޮށާރު މުއްސަނދި އަޚްލާޤީ މިންގަނޑު ހިފެހެއްޓިފައިވާ ވަރަށް އަސަރުގަދަ ވާހަކައެކެވެ. އުއްމީދުކުރިގޮތަށް ބަރާބަރަށް މިވާހަކަ އަޕްކޮށްދެއްވީތީ ބުނެވޭނީ ވާހަކައަށް އިތުރު ފުރިހަމަކަމެއް ގެނެސްފައިވާކަމަވެ. ކައިރި މުސްތަގުބަލެއްގައި މުތާގެ އާ ވާހަކައެއް ކިޔާލަން ލިބޭނެކަމަށް އުއްމީދުކުރަމެވެ! މުތާ އަކީ ލިޔުންތެރިކަމުގެ ރޮނގުން ކުރިއަރައިދާނެ، އެކަމުގެ ހުނަރުހުރި މޮޅު ލިޔުންތެރިއެކެވެ!
Fleyt eh nooney flaitu ey kiyanee! Dhen alyas whaa hasluga ovvaa 18hrs he dhigu dhathureh koffa london ah nugengos singapore or bangkokah gendhiyanama thanolheh vaahaka hama jehunees. Overall koh vaahaka reethi. All the best with new story.
Vv reethi! V intresting story eh! Thanks for the nice story! Hope next one wud be the same! Good luck :)) .a
vvvvvvvvvv salhi mi story ehvx foohi kamehnethi v asaraaeku kiyaahithum kiyaa ninmaavx mily,,thanx for the nice story …..waiting for the next story by muthaaaaa…:0
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvsalhi ingey .waiting for next story….evaahakaves kiyun therin shaugu verivaane gothah avahah up kurahche ..muthaa u r the best .
vvvvvv…………………nice storyeh …………………keep it up
wowwwwwwww… muthaa jxt luv u a lt… this is the most amazing story i hv ever reead. 🙂 thank u fr gvng us a story like this… 🙂
V reethi. Thanks mutha… Manadhoo livega fashaafa in muthage hithakun nufilaane complete kohdeebala.
omg!!warah salhi miwaahaka..<3
v nice good storyfeeling sad cox it ended
still waiting for the new story, when will it be started? sunday ves hingahje
Varah rythi..ekam varah same scenes ebahuri..like portico thern car nerey scene..ragalhu kohlan jehe thankolhu thah ebahuri..over al nice story eh
mutha habareh veba? i miss your stories
varah reethi story
Alhamdhulillaahi….finally vaahaka kiyaa nimumakah aisi…maasha allah…v salhi…n beynun kohfa huri nan tahah ves v reethi….rahgalhu ibrah thakey ves libigen dhiya vaahaka ey…thnk u for the nice story muthaa 🙂 🙂
rythi
Story was awesome… love this story…
Love this. ??
Wow…this is beautiful
Love this ❤❤❤❤???
Vara vara reethi mi story
Loved it ❤️❤️
zalaf n nooral ah v gotheh neyguneynun