Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެންދީނީ

ބަހަނާ

Faathii Level 410 Stories100 Comments100 Login
May 17, 2019 4 Mins Read
9 Comments

ކަން ކަމުގައި ބަހަނާ ދައްކާ އުޅުމަކީ ވަރަށް އާދައިގެ ކަމެކެވެ. އަދި އެހާ އާންމުވެސް ކަމެކެވެ. އަހަންނަށްވެސް ކަންތައް ކުރެވުނީ ހަމަ އެހެންނެވެ. ރެކެން ބޭނުންވާ ކޮންމެ ކަމަކަށް ބަހަނާ ދެއްކުނީއެވެ. އަދި ކުރަން ބޭނުން ނުވާ ކަންކަމަށްވެސް މެއެވެ. ބައެއް ފަހަރު ކުރެވެނީ ކިހާ ވަރު ކަމެއްކަންވެސް ވިސްނާނުލެވެއެވެ.

އަހަރެން އުޅެ ބޮޑުވީ ވަރަށް އާދައިގެ ދިރިއުޅުމެއްގައެވެ. މާ މުއްސަނދި ކަމެއް އަހަރެންގެ މައިންބަފައިންނަށް ލިބިފައި ނުވިނަމަވެސް، އަހަރެމެން ބޭނުންވާ ކަންތައްތައް ރަނގަޅަށްވެސް ފުއްދާލައިގެން އުޅެވުނެވެ. އެގޮތުން އަހަރެން ގްރޭޑް ދިހައެއް ނިންމާފައި ކޯސް ހަދަން ފެށި ހިސާބުން އަމިއްލަ ލެޕްޓޮޕެއްވެސް ލިބުނެވެ. އަދި ދިހައެއް ނިމުމާއެކީ ފޯނެއްވެސް ބައްޕަ ގަނެދިނެވެ. އަހަންނަށް ހީވީ އެތައް ދުވަހެއްގައި ނުލިބިހުރި މިނިވަންކަމެއް ލިބުނު ހެންނެވެ. އަހަރެންގެ މައިންބަފައިންނަކީ ބަރާބަރަށް ނަމާދުކޮށް ހަދާ ބަޔެކެވެ. އަދި އަހަރެމެން ބޮޑު ކުރީވެސް ރަނގަޅަށް ނަމާދުކުރަން ދަސްކޮށްދީ، އަދި ގަދަކަމުންވެސް ނަމާދު ކުރުވަމުންނެވެ.

ނަމަވެސް އަހަންނަށް ފޯނާއި ލެޕްޓޮޕް ލިބުމުން މަޑުމަޑުން ނަމާދާއި ދުރުވާން ފެށުނެވެ. އަބަދު ވައިބާއިން ނުވަތަ ފޭސްބުކުން ރަށްޓެހިންނާއި ޗެޓް ކުރުމުގައި ނުވަތަ ލެޕްޓޮޕުން އިނގެރޭސި ސީރީޒްތައް ބެލުމުގައި މުޅިދުވަސް ހޭދަކުރަމުން ދިޔައީ ނަމާދުތައް މަތިން ހަނދާން ނައްތާލާ، އެއީ ބޭކާރު ކަމެއްކަމުގައި ހަދަމުންނެވެ. މަންމަމެނަށް އެކަން ފާހަގަ ކުރެވުމުން ނަމާދު ކުރުމަށް ވަރަށް ނަސޭހަތްދީ ހަނދާން ކޮށްދީވެސް ހެދިއެވެ. ނަމަވެސް އަހަރެން އެކަހަލަ ވަގުތެއްގައި އެއް ނަމާދު ނުވަތަ ދެ ނަމާދު ކޮށްލައިގެން ފުއްދާލަނީއެވެ.

ދެން ހުރީ އަހަރެންގެ ބޭބެއެވެ. ބޭބެއަށް އެކަން ފާހަގަ ވާން ފެށި ހިސާބުން އަހަރެންގެ ބޮލަށް އުނދަގޫވާވަރަށް އެވާހަކަ ދައްކަން ފެށީއެވެ. ނަމާދު ނުކުރުމުން ލިބޭނެ އަޒާބުގެ ވާހަކަވެސް ދޭތެރެ ދޭތެރެއިން ހަނދާންކޮށްދެއެވެ. ނަމަވެސް އަހަރެންދިނީ ބީރު ކަންފަތެކެވެ. ފަހުންފަހުން އައިސް ބޭބެ ވާހަކަ ދައްކަން ފަށާއިރަށްވެސް އަހަރެންނަށް ބޭ އިޚްތިޔާރުގައި ރުޅި އާދެވެނީ ބޭބެ ދައްކަން އެ އުޅެނީ ނަމާދުގެ ވާހަކަޔޭ ހިތައް އެރުމުންނެވެ. ބޭބެ ފެނުނަސް ބައެއް ފަހަރު ފޫހިވާ ފަހަރު އާދެއެވެ. އެނޫން ވާހަކައެއް ދައްކަން ނޭނގޭނެވިއްޔާއޭ ހިތައް އަރައެވެ.

ބޭބެ އެންމެފަހުން ނަސޭހަތްދިނުން ހުއްޓާލިއެވެ. ފަހަރެއްގައި އަހަރެންގެ ރުޅި މޫނު ދެކެން ބޭބެއަށް އުނދަގުލީ ކަންނޭނގެއެވެ. އަހަރެންގެ ހިތައް ހަމަޖެހުމެއް ލިބުނު ފަދައެވެ. ނަމަވެސް ދެން ބޭބެ ކުރަންފެށީ އެހެންކަމެކެވެ. ފޭސްބުކުންނާއި ވައިބާރ އިން އަހަންނަށް އެކި ކަހަލަ ނަސޭހަތްތައް ހިއްސާ ކުރަން ފެށިއެވެ. ޝެއިޚުން ނަމާދުގެ މުހިންމުކަމާއި ބެހޭގޮތުން ކިޔައިދީފައިވާ ހަދީޘްތައް ފަދަ ތަކެއްޗެވެ. އެކަމުގެ ސަބަބުން އަހަރެން ބޭބެ ދެކެ އެކީގައި ފޫހިވިއެވެ. ފަހަރެއްގައި އަހަރެންގެ ނުބައި ސިފައެއް މާ ގިނައިން ހަނދާން ކޮށްދޭތީ ކަންނޭނގެއެވެ. ވާ ފޫހިން ބޭބެޔާއި އެކީގައި ކަހަލަ ގޮތަކަށް ވާހަކަ ދެއްކުން ހުއްޓުނެވެ.

ބައެއް ފަހަރު ގެއަށް ވަންނަންވެސް ފޫހިވެއެވެ. ބޭބެ އިންނާނީ ޓީވީއިން ކޮންމެވެސް ދަރުސެއް އަޑުއަހާށެވެ. އަހަރެން ހިތައް އަރައެވެ. “އަޅެ އެ އެއްޗެއް އަޑުއަހާ އަހާވެސް ބޭބެ ފޫހި ނުވާ ކަމެވެ. ދެ ޝެއިޚަކު އެކައްޗެއް ނުކިޔާއިރު ދެން އެމީހުންގެ ބަސް ޤަބޫލު ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟”

އެ ގޮތުގައި ދުވަސްތައް ފާއިތުވަމުން ދަނިކޮށް ކުއްލިއަކަށް އަހަރެން ވަރަށް ބޮޑައް ބަލި ވެއްޖެއެވެ. މާގަދަ ހުމެއް ޖެހުނީއެވެ. ހުންގަދަކަމުން ޑޮކްޓަރަށް ގެންދިޔުމުން ޑެންގީ ކަމަށް ޝައްކު ކުރެވެޔޭ ބުނެ ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. އެތަކެއް ބޭސްތަކެއް ދިން އިރުގައިވެސް އަހަރެންގެ ހުންގަނޑަށް ގޮތެއް ނުވާ ފަހަރު ގިނަ ވަމުން ދިޔައެވެ. އަނގައިގައި ހިތި ރަހަލާތީ އެއްޗެއް ނުކެވުމުގެ އިތުރުން، ގައިގައި ވަރުނެތި ލޭވެސް މަދުވާން ފެށިއެވެ. އެހެންކަމުން ކޮޅަށް ތެދުވެ އިންނާނެ ހަކަތަވެސް ގައިގައި ނުހުރެއެވެ. އެގޮތުގައި ހަފްތާއެއް ވޭތުވެގެން ދިޔައެވެ.

ކޮންމެ ދުވަހަކު އަހަރެން ފޫހިފިލުވާދޭ ވައިބާ ގްރޫޕްތަކާއި ސީރީޒްތަކާއި ދުރަށްދާން މަޖުބޫރުވީއެވެ. އަހަރެން އެ އަޑުން  ނަސޭހަތެއް އަޑުއަހާ ހިތްނުވާ މީހާޔާއިއެކު މުޅި ދުވަސްތައް ހޭދަކުރަން ޖެހުނެވެ. މަންމަޔާއި ބައްޕަ ދުވާލަކު ދެ ފަހަރު އަހަރެން ދެކިލާ ހާލު ބަލާލަން އައި ނަމަވެސް މުޅި ދުވަސް އަހަރެން ކައިރީ ފުރަމުން ދިޔައީ ބޭބެ އެވެ. އަހަންނަށް އެތިކޮޅުކޮޅުން ކާންދީ ބައެއް ފަހަރު ގައިގައި ފެންފޮތި އުނގުޅައިދީ ހެދީ ލޯބިވާ މަޔަކު ފަދައިންނެވެ. އަހަރެންގެ ބަލި ހާލުގެ ގޮތުން ވާހަކަ ދައްކާނެހާ ވަރުވެސް ގިނަ ފަހަރަށް އަހަރެންގެ ނުހުރެއެވެ. އެކަމަކުވެސް ފޫހިކަމެއްނެތި އެ ބޭބެ ދެ ހަފްތާ ވާންދެން އަހަރެންނަށް އަޅާލުމާއި، އޯގާތެރިކަން ފޯރުކޮށްދޭން އޭނާގެ ވަޒީފާ ދޫކޮށްލާފައި އައިސް އިނީއެވެ. ބޭބެގެ އޯގާތެރިކަމުން އަހަރެންގެ ހިތުގައި ބޭބެއަށްޓަކައިވީ ފޫހިކަން މަޑުމަޑުން ނެތިގޮސް ލޯތްބަށް ބަދަލު ވިއެވެ. ބޭބެޔަށްޓަކައި އަހަރެންގެ ހިތުގައި ހާއްސަ ޤަދަރެއް އާލާވިއެވެ.

އެ ޤަދަރުގެ ސަބަބުން ބޭބެ ދީފައިވާ ނަސޭހަތްތަކާއިމެދު ވިސްނެން ފެށިއެވެ. އެއްވެސް ރަނގަޅު އުޒުރަކާއި ނުލާ ބޭބެ އަށް ރުޅި މޫނު ދެއްކިފައިވާތީ ހިތުގައި ރިއްސިއެވެ. ބޭބެއާއި ހަތަރު ކަޅި ހަމަކުރަން ލަދު ގަންނަން ފެށިއެވެ. ބޭބެގެ އިތުރު ނަސޭހަތަކަށް އިންތިޒާރު ކުރި ނަމަވެސް ބޭބެގެ އިތުރު ނަސޭހަތެއް ނުލިބުމުން ބޭބެ ކުރިން ހިއްސާ ކޮށްފައިވާ ނަސޭހަތްތައް ބަލާ ކިޔަންފެށުނެވެ. އޭގައިވާ ބަސްތައް ސިކުނޑިއަށްވަދެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޭގެ ނަތީޖާއަކަށްވީ އަހަރެންގެ ހުންގަނޑު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލުމާއިއެކު އަހަރެން އަލުން ނަމާދު ކުރަން ފެށީއެވެ.

އާނއެކެވެ. އޯޤާތެރިކަމަކީ އެތައް ސިއްރު ވާހަކަތަކެއްވާ ލޮބުވެތި އަމަލެކެވެ. ދެމީހުންގެ ގުޅުން ރަނގަޅު ކޮށްދޭ މުހިންމު ސިފަޔެކެވެ. ބަހަކާއި ނުލާ ބުނެދޭ އެތައް ވާހަކައެކެވެ. މީހެއްގެ ނުބައި އެތައް ސިފައެއް މަތީން ހަނދުމަ ނައްތާލުވަދޭ އެއް ސިފައެވެ.

އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަހަރެން ބަރާބަރަށް ނަމާދު ކުރަމެވެ. އެދުވަސްތަކާއިމެދު ވިސްނާލާ ކޮންމެ ފަހަރަކު ހަނދާންވާ އަދި ލިބިދެވޭ އިތުރު ފިލާވަޅެއް އެބައޮތެވެ. އެއީ މީހަކު ނުވަތަ ބަޔަކު ދެކެ ރަނގަޅު އުޒުރެއް ނެތި ރުޅި އައުމަކީ ނުވަތަ ފޫހިވުމަކީ ވަރަށް މޮޔަ އަމަލެއް ކަމެވެ. އަހަރެންނަށް ބޭބެ ދެކެ ރުޅި އާދެވުނީ ބޭބެ ތަކުރާރުކޮށް ދިން ހެޔޮ ނަސޭހަތެއްގެ ސަބަބުންނެވެ. ބޭބެގެ ނިޔަތުގައިވީ އަހަރެން ނަރަކައިން ސަލާމަތްކޮށްދީ، ހެޔޮ މުސްލިމެއްގެ ގޮތުގައި ނިމިދިޔުމަށް އެދޭ އެދުމެވެ. ނަމަވެސް އަހަރެންނަށް އެކަން އިހްސާސް ކުރެވުނީ ތަކުރާރުކޮށް އަހަރެންގެ ނުބައި ވާހަކައެއް ބޭބެ ދައްކަނީ ކަމުގައެވެ. އެ ނުބައިކަން ރަނގަޅު ކުރުމުގެ ބަދަލުގައި ބޭބެގެ ނަސޭހަތްތައް ދޭނެ ދޮރުތައް ބަންދުކުރެވޭތޯ އަހަރެން އުޅުނީމެވެ. ބޭބެޔާއި ވާހަކަ ދެއްކުން ހުއްޓާލީވެސް އެފަދަ ނަސޭހަތްތައް އަޑުއަހަން ބޭނުން ނުވެގެންނެވެ. އެދުވަސްކޮޅު އަހަރެންގެ ހިތުގައި ބޭބެގެ ނަސޭހަތްތަކަށް ކުރެވުނު ނަފްރަތެއްގެ ސަބަބުން، ބޭބެ ކުރާ އެއްވެސް ކަމެއް އަހަރެންނަކަށް ކަމުވެސް ނުދެއެވެ. ނަފްރަތަކީ އެފަދަ އެއްޗެކެވެ. ލޯބީގައި މީހާ ކަނު އަނދިރިވާ ފަދައިން ނަފްރަތުގައިވެސް ކަނު އަނދިރިވެދެއެވެ.

މިއަދު އަހަރެންގެ ބޭބެއަކީ އަހަރެން ފަހުރުވެރިވާފަދަ އެފަދަ ދެވަނަ އެއްނުވާ ބޭބެއެކެވެ. އަހަންނަށް ހެޔޮމަގު ދައްކުވައިދީ އަދި ރާއްޖޭގެ އެތައް ބަޔަކަށްވެސް ހެޔޮމަގަށް ގޮވާލަމުންދާ ތެދުވެރި އިލްމުވެރިއެކެވެ. ނުވަތަ ޝެއިޚެކެވެ. އަހަރެންނަށް މިހާރުވެސް މީހުންބުނާތީ ފެނި އަޑުއިވެއެވެ. “ޝެއިޚުން ދައްކާ ވާހަކަ ޤަބޫލު ކުރާކަށް ނުވާނެއެވެ. ދެމީހަކު އެކައްޗެއް ނުކިޔާނެއެވެ.” އެއީ އެއް އިރެއްގައި އަހަރެންވެސް ޤަބޫލު ކުރިގޮތެވެ. ނަމަވެސް ހަޤީޤަތަކީ އެއީ އެމީހުން ދައްކާ ވާހަކަ އަޑު އަހަން ބޭނުން ނުވާތީ އަހަރެންނަށް ދެއްކުނު ބަހަނާއެއް ކަމެވެ. އެމީހުން ދޭ ނަސޭހަތައް އަމަލު ކުރަން ބޭނުން ނުވާތީ ދެއްކޭ ބަހަނާ އެއްކަމެވެ. ނުބައި ކަމެއް ދޫކޮށްލުން އަހަރެންފަދަ ގިނަ މީހުންނަށް ވަނީ އުނދަގޫ ކަމަކަށެވެ. އަދި ހެޔޮކަމެއް ކުރަން ފެށުންވެސް ވަނީ އެފަދަ އުނދަގޫ ކަމަކަށެވެ. އެހެންކަމުން އެކަމަށް ކޮންމެވެސް ބަހަނާއެއް ދެއްކެނީއެވެ. އެހެޔޮ ކަމުން ދުރުވާނެ މަގެއް ހޯދުމަށް ޝައިޠާނާ ސިކުނޑިއަށް އަޅައިދޭ ވިސްނުމެއް ކަން ޔަޤީނެވެ.

އެއް ފަހަރު ނަމަވެސް އެ ބަހެއް ނުވަތަ ނަސޭހަތެއް ސިކުނޑިއާއި ހިތް ހުޅުވާލައިގެން އަޑުއަހާ އެޔަށް ވިސްނައިފިނަމަ ނަސޭހަތް ތެރިޔާގެ ބަހުގައިވާ ތެދުކަން ހާމަވާނެއެވެ. އަދި އެއިން ތިބާއަށް އެތައް ފައިދާއެއް ކުރާނޭކަން ޔަޤީނެވެ. ސަބަބެއް ނެތި ނުވަތަ އުޒުރެއްނެތި ހިތުގައި ނަފްރަތު އުފެދިއްޖެނަމަ ދޭ ހެޔޮ ނަސޭހަތެއްވެސް ފެންނާނީ ނުބައި ނުލަފާ ވާހަކައެއްގެ ގޮތުގައެވެ. ވީމާ ހެޔޮ ނަސޭހަތްތަކަށް އަހަރެމެންގެ ހިތް ހުޅުވާލާ، ބަހަނާއެއް ދައްކައިގެން އެކަމުން ރެކެން އުޅުމުގެ ބަދަލުގައި ހެޔޮ އަމަލުގައި ދެމި ހުރެވޭތޯ ބަލަމާ ހެއްޔެވެ.

**ނިމުނީ**

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ…..29

Next

ލޯބިވަން

Next
May 17, 2019

ލޯބިވަން

Previews
May 17, 2019

ބުނާށެ ލޯބި ނުވަނީހޭ…..29

9 Comments!

  1. ?RABBIT? says:
    May 17, 2019 at 4:03 pm

    Wow nice

  2. jiji says:
    May 17, 2019 at 4:22 pm

    ?Vvv iburaiytheri

  3. malsamalkkomal says:
    May 17, 2019 at 4:43 pm

    Varah reethi.?

  4. Haa? says:
    May 17, 2019 at 4:44 pm

    Ma Sha Allah❤?

  5. bestie says:
    May 17, 2019 at 8:29 pm

    Masha Allah..keep it up???

  6. Dhonthee says:
    May 18, 2019 at 12:46 am

    Vvvvv iburaitheri vaahakariy ingey
    ….I rally love this story
    Mikahala vaahakathakakee dhonthi enme kiyaa hithun kiyaa vaahakathah
    ❤❤❤❤????????????????????Faathii ge faraathun mikahala vaahakathah kiyaalan libeynekamau ummeedhukuran
    ……Love you so much

  7. Faathii says:
    May 18, 2019 at 8:32 am

    Jazaakumullah khair
    (May Allah reward you all for good). ??❤️❤️

  8. Cherrie says:
    May 18, 2019 at 10:34 pm

    Vvvvv reethi mi vaahaka ingey…??? Love it ❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Rai says:
    May 22, 2019 at 11:38 am

    Alhamdulilllaahi. Alhungandah mi vaahakain varah bodu Ibratheh haasil kurevihje. Alhungadu mee Th I vaahaka aa gulhuvaigen dhehkeyne dhiri huri misaaleh.
    May Allah bless you Faathii sis

Comments are closed.



All Right Reserved!