ބޭވަފާތެރި މަނުވަމޭ 1
އަނޫޝީ – އައްޒަ
ވިކާލް – ޖުމައްޔިލް
މީރާ – ނުޒުހަތު
ޝަަމަން – ދޮންއައްޔަ
ޝާފިޔާ – ޝަކީލާ
ނާފިޒާ – އައިންތު
އާސިފް – ރޯނު ހަސަން
އަސްމާ – އާރިފާ
ޝާމާ – ރިޝްމީ
” އަނޫ! އަވަސްކުރޭ… ޗެކިން ނިމެން ބައިގަޑިއިރަށްވީ… ” ފޮށިތައް ކޮޓަރިން ބޭރަށް ނެރެމުން ޝަމަން ތަންކޮޅެއް ބާރަށް ބުނެލިއެވެ. ލޯގަނޑުކައިރީގައި ތައްޔާރުވާން ހުރި އަނޫޝީ ވަކި ޖަވާބެއް ނުދެއެވެ. ފޮށިތައް ކާރަށް އަރުވާފައި އައިއިރުވެސް އަނޫޝީ ލޯގަނޑު ކައިރިން ދުރަށް ނުދެއެވެ. ޝަމަންގެ ނިތަށް ރޫއަރައިގެން ދިޔަވަގުތު ދެފަރާތަކަށް ބޯހޫރުވާލިއެވެ. ތުންފަތުގައި މަޑުފިޔާތޮށި ކުލައެއް ހާކާލުމަށްފަހު ޓިޝޫއަކުން ރީތިކޮށްލިއެވެ. ހިތްހަމަޖެހޭ ވަރުވުމުން އެނބުރި ޝަމަންއާއި ދިމާއަށް ބަލާލީ ހިނިތުންވުމަކާއި އެކީގައެވެ. އެރީތި ހިނިތުންފެނި ޝަމަން އެހެން ހުރިހާ ކަމެއްމަތިން ހަނދާން ނެތުނު ކަހަލައެވެ. ފައިން ފެށިގެން ބޮލާއި ހަމައަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ.
ވަށް، ދޮން މޫނުގައި އެންމެ ލަކުނެއްވެސް ނެތެވެ. ކަޅުކަން ގަދަ ބުޅިއިސްތަށިގަނޑުން އެދޮންމޫނުގެ ރީތިކަން އިތުރުވެގެންދެއެވެ. ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓު އެ ހިކި ތުނި ހަށިގަނޑަށްވަނީ ހިފާލާފައެވެ. އިސްކޮޅުން މާދިގު ނޫންނަމަވެސް ކުރެއްވެސް ނޫނެވެ. ހިމަހިމަ ތުންފަތުގައިވަނީ ހިތްތައް މޮޔަކޮށްލާފަދަ ހިނިތުންވުމެކެވެ.
” ބިއުޓިފުލް… އަނޫ ގެއްލި ދާނެތީ އަހަރެން ބިރުގަނޭ.. އަނޫޝީއާއި ކައިރިވެލާ އޭނާގެ ތުނި އުނަގަނޑުގައި އަތް ވަށާލާ ގަޔާ ކައިރިކޮށްލަމުން ޝަމަން ބުންޏެވެ. އެވަގުތު ދުވި ކްރީޑްގެ މީރުވަހުން ޝަމަންގެ ހިތް ފުރިގެން އައި ކަހަލައެވެ.
” މިހާރު ލަހެއްނުވޭދޯ ….” އަނޫޝީއަށް ޝަމަން ދުރުކޮށްލަން ޖެހުނީ ގަދަކަމުންނެވެ. އަނޫޝީގެ ތުންފަތްމަތީގައިވި ރަކި ހިނިތުންވުން ފެނި ޝަމަން ކައިރިއަށް އައީ ލާނެތް ހިންޏެކެވެ.
” އައި ޓޯލްޑް ޔޫ މެރީ ކޮށްގެންނޭ ތިގޮތަށް ކައިރިވެވޭނީ… ދުވަހަކު އަހަރެން ބުނާ ބަހެއް ނާހާނެ…” ޓީޝާޓު ރީތިކުރަމުން އެނދުމަތީގައި އޮތް އަތްދަބަސް އަޅުވާލުމަށްފަހު ލޮލުގައި އަވިއައިނު އަޅާލިއެވެ.
” ތިހިރީ މެރީ ނުކުރާއިރު ވާވަރު.. ހިތަށް އަރާ މެރީ ކުރީމަ ކިހާވަރެއް ވާނެބާއޭ… އޭރަށް ފެންނާނެ ކަންނޭނގެ މާރީތި މާދޮން ތަންތަން” ލާނެތް ގޮތަކަށް ޝަމަން ބުންޏެވެ.
” ދެން ޝަމަން ގަނޑު… ޝަމަން ހުރޭ މިތާނގަ އަހަރެން ދަނީ” އަނޫޝީ ހުރީ ލަދުންގޮސް ޝަމަންއާއި ދިމާއަށް ބަލާލަންވެސް ނުކެރިފައެވެ. އަވަހަށް ކޮޓަރިން ބޭރަށް ނިކުތީ ޝަމަން ކުރިމަތީގައި ހުންނަން ނުކެރިގެންނެވެ. އަނޫޝީ ފަހަތުން ޝަމަންވެސް ހެމުން ހެމުން ނިކުތެވެ.
ފްލައިޓްގައި ހަނިމާދޫއަށް ދިއުމަށްފަހު ހަނިމާދުއިން ޝަމަންގެ އުފަންރަށް ހޯރަފުއްޓަށް ދާންޖެހުނީ ކުންފުނި ލޯންޗްގައެވެ. ގަޑިއެއްހާއިރުގެ ދަތުރަކަށްފަހު ރަށުގެ މަލަމަތި ފެންނަފެށިއެވެ. ޝަމަންގެ ކޮނޑުގައި ބޯއަޅައިގެން އޮވެފައި އަނޫޝީ ތެދުވީ ކުއްލިއަކަށެވެ. އެއީ ރަށްހެއްޔޭ އަހާލެވުނުއިރު ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ. ޝަމަން ބޯޖަހާލުމުން އަނެއްކާވެސް އަނޫޝީ ބަލަންފެށީ ރަށާ ދިމާއަށެވެ.
މިދަތުރަކީ އަނޫޝީއަށް ވަރަށްވެސް މުހިންމު ދަތުރެކެވެ. ޝަމަންއާއި އެކު މިރަށައް އައީ ލޯބިވެރިޔާގެ ހައިސިއްޔަތުން ނަމަވެސް އުނބުރި ދެވޭއިރު އަނޫޝީ ހުންނާނީ ޝަމަންގެ އަނބިމީހާގެ މަގާމުގައެވެ. މާގިނަ ދުވަހެއްނުވެ އެތަކެއްދުވަހެއްވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވާންއުޅޭތީ އަނޫޝީ އިނީ އުފަލުން ފޮޅިފައެވެ. ލޯންޗު ޖެޓީއާއި ކައިރިކުރުމުން ޝަމަން އޭނާގެ ލެޕްޓޮޕް ބޭގް އަޅުވައިގެން ނިކުތީ އަނޫޝީގެ އަތުގައި ހިފައިގެންނެވެ. އެންމެ ފުރަތަމަ ޝަމަން ފޭބުމަށްފަހު އަނޫޝީގެ އަތުގައި ހިފާފައި އެއްގަމަށް އެރުވިއެވެ. ޝަމަންގެ އެސިސްޓެންޓް ފަހަދް ކައިރީގައި ލަގެޖްތައް ގެއަށް ގެންދިއުމަށް ބުނުމަށްފަހު އަނޫޝީގެ އުނގަނޑުގައި އަތްއަޅުވާލައިގެން އެއްގަމަށް ހިނގައިގަތެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގަމުން ކުރިއަށް ދިޔައިރު ހިތްފަސޭހަ ކަމުން ތުންފަތްމަތިން ހިނިތުންވުން ނުފިލައެވެ. އެއްކޮޅުން އަނެއްކޮޅަށް ބަރިއަކަށް ހުރި ރުއްތަކުގައިވާ ފަނުން ފުރޭނިގެން އައިސް ޖެހޭ ތާޒާވައިން އާދިރުމެއް ލިބޭކަހަލައެވެ. ހޫނުގަދަ ނަމަވެސް ޖެހޭ ފިނި ވައިރޯޅިން ހަށިގަނޑަށް އަރާމުވަމުން ދިޔައެވެ. އެކި ވައްތަރުގެ ދޫނިތައް ގޮވަމުން ދިޔައިރު ހިތްގައިމު މިއުޒިކެއް ފަދައެވެ.
” އެތިބީ މަންމަމެން…” ޝަމަންގެ އަޑަށް އޭނާ އިނގިލި ދިއްކޮށްގެން ހުރި ދިމާލަށް އަނޫޝީ ބަލާލިއެވެ. ކަޅު އަބާޔާއެއްގައި ކަޅުކުލައިގެ ބޮޑު ބުރުގާއެއް އަޅައިގެން ހުރި އަންހެނެއް ހުއްޓެވެ. އެމީހާ ކައިރީގައި އެމީހާއަށްވުރެ ފަލަ އަންހެނެއް ހުއްޓެވެ. ކުރުތާއަކާއި ފައިކުރި ފުޅާ ހަރުވާޅެއްގައި ހުރިއިރު އިސްތަށިގަނޑުވަނީ ހުޅިއެއްޖަހާލާފައެވެ. އެތަނުން ޝަމަންގެ މަންމަ ވަކި ކުރާކަށް އަނޫޝީއަކަށް ނޭނގުނެވެ. އެދެމީހުންގެ އިތުރުން ދެން އެތާނގައި ތިބީ މުސްކުޅި ވަރެއްގެ ފިރިހެނަކާ އަނޫޝީއާއި އެއް އުމުރުފުރާއެއްގެ ރީތި އަންހެން ކުއްޖެކެވެ. ލާފައި ހުރީ ކަކުލުން މައްޗަށް ހުރި ސޯޓަކާއި ކުރު ގަޔަށް ހިފާލާފައި ހުރި ޓޮޕްކޮޅެކެވެ. ދެންހުރީ ތަންކޮޅެއް އުމުރުން ހަގު ފިރިހެން ކުއްޖެކެވެ. އެމީހުންނާ އަރާ ހަމަވުމާއެކު އެންމެ ފުރަތަމަވެސް ޝަމަން ބައްދާލީ ކަޅު އަބާޔާ ހެދުމުގައި ހުރި އަންހެން މީހާ ގައިގައެވެ. އެހެންކަމުން ޝަމަންގެ މަންމައަކީ އެއީކަން އަނުޝީއަށް އެނގުނެވެ. އެއަށްފަހު މުސްކުޅި ފިރހެންމީހާ ގައިގާ ބައްދާލުމަށްފަހު އަނޫޝީއަށް އެދެމީހުން ތައާރަފްކޮށްދިނެވެ.
” އަނޫ… މީ އަހަރެންގެ މަންމައާއި ބައްޕަ… ދެން އެހުރީ މަންމަގެ ދެބޭންގެ ދެދަރިކޮއްކޮ އަދި މަންމަގެ އެންމެ ގާތް އެކުވެރިޔާ ނާފިޒާއްތަ އާއި ނާފިޒާއްތަގެ ހުރި އެންމެ ދަރި މީރާ… ދެން އެހުރީ…. މްމްމްމްމ… ނޭނގުނޭ… މަންމާ މީ ކާކުތަ…. ” އަނގަޔަށް ގޮތެއް ހަދާލަމުން ޝަމަން ބުނެލުމުން ދެންތިބި މީހުން ހޭންފެށިއެވެ. އެކުއްޖާ ކައިރިއަށްވެސް ހިނި އައުމާއެކު ދުވެލާފައި އައިސް ޝަމަން ގައިގާ ބައްދާލިއެވެ.
” މީ އަހަރެންގެ އެންމެ ލޯބިވާ ކޮއްކޮ ޝިރަން… ” ޝިރަންގެ ބޮލުގައި ފިރުމާލަމުން ޝަމަން އަނޫޝީއަށް ބަލާލަމުން ބުންޏެވެ.
ޝަމަންގެ މަންމަ ޝާފިޔާ ކުރިއަށް ޖެހިލާ އަނޫޝީގެ އަތުގާ ހިފާލިއެވެ. ޝާފިޔާ އަނޫޝީއަށް ބަލާލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ.
” މާޝާﷲ… ވަރަށް ފުރިހަމަ… ދަރިފުޅުގެ ހޮވުން ހަމަ އެއްވަނަ… ” އަނޫޝީގެ ބޮލުގައި ފިރުމާލަމުން ޝާފިޔާ ބުނެލީ ޝަމަން އަށް ބަލާލަމުންނެވެ. އަނޫޝީގެ ދެކޯތާފަތް ވަގުތުން ރަތްވެގެން ދިޔައެވެ. މީރާވެސް ކުރިއަށް ޖެހިލާފައި އަނޫޝީއާއި ސަލާމްކޮށްލިއެވެ.
“އަސްލުވެސް ޝާއްތާ… ޝަމަންގެ އަނޫޝީ ވަރަށް ލޯބި” މީރާގެ ބުނިއެއްޗަކު އަނޫޝީ އިތުރަށް ލަދުގަންނަގޮތްވިއެވެ. މިމަންޒަރު ބަލަން ހުރި ޝަމަންއަށް ހުރެގެން ހެވެނީއެވެ. ހަމައެހިނދު ނާފިޒާ ކުރިއަށް ޖެހިލާ މީރާގެ އަތުގައި ބޮނޑިއެއް އަޅާލިއެވެ. މީރާގެ އަނގައިން އާހެއް ނިކުތުމާއެކު ޝިރަން ޕަކަޕަކަ އަޅާފައި ހޭންފެށިއެވެ. ޝާފިޔާ ޝިރަންއަށް ބަލާލާފައި އަތުގެ ހަރަކާތުން އެކަން މަނާކުރިއެވެ.
” ކިތައް ދުވަހު ބުނެފިން ޝަމަން އަށް ބޭބެކިޔާށޭ… މިކުއްޖާއަށް ދުވަހަކު އަޑުއިވޭ ކަމަކަށް ނުވާނެ… ” މީރާގެ ކަންފަތުގައި ހިފާލުމާއެކު މީރާ މަންމާއޭ ކިޔާ ބޮޑާހާކާލިއެވެ.
” ދެން ނާފިވެސް ދޯ… އަނޫޝީވެސް ހުއްޓަ ތިހެން ނުހަދަބަލަ އެކުއްޖާއަށް.. އެހެންނޫނަސް ޝަމަންއާއި އެމަންޖެއާއި ދޭތެރެ ނެތެއްނު މާބޮޑު އުމުރުގެ ތަފާތެއްވެސް…” ނާފިޒާގެ އަތް ދުރުކޮށްލަމުން ޝާފިޔާ ބުންޏެވެ.
” ދެން ކަލޭމެން މިތާ ތިބެގެން ހުރިހާ ވާހަކަ ނުދައްކާ ހިނގާ ގެޔަށް… އެމަންޖެއަށް ހޫނުވެސް ވާނެ.. އެހެންނޫނަސް މަންމަ އިނީ މިމަންޖެ ދެކިލާހިތުން ކެތްމަދުވެފަ.. ޝަމަންގެ ދޮންތަވެސް ވަރަށް އަންނަން ބޭނުންވި.. މާމަ ކައިރީގަ ދޮންތަ މަޑުކުރީ… އަވަހަށް ހިނގާ ދާން.. ” ބައްޕަ އާސިފް ބުނުމުން އެންމެންވެސް ކާރަށް އަރަން ހިނގައިގަތެވެ.
” ދޮންބޭ ހަ……….” ޝިރަން އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ މީރާ ޝިރަންގެ އަނގަމަތީގައި އަތްއެޅިއެވެ.
” ކީކޭ ޝިރަން ބުނަން އުޅުނީ” ކަމެއް ޝައްކުވެގެން ޝަމަން އަހާލިއެވެ.
” އިޓްސް އަ ސަޕްރައިޒް… ގެޔަށް ދިޔައިމަ އެނގޭނެ… ދޯ ޝާއްތާ” މީރާ ޝާފިޔާއަށް ދޯ ދިނުމުން ޝާފިޔާވެސް އެބައިވުމުގެ ގޮތުން ބޯހަޖަހާލިއެވެ.
” ބައްޕަ ދާންވީނު މަންމަމެން ގޮވައިގެން ކާރުގަ… އަހަރެން ދާނަން އަނޫޝީ ގޮވައިގެން ސައިކަލުގަ…” ޝަމަން އެދުނެވެ.
” ނުވާނެ ތިކަމެއް.. އަހަރެންގެ ވާންއުޅޭ ދަނބިދަރި ދާނީ އަހަންނާއެކު… ޝަމަންއާދޭ މީރާ ގޮވައިގެން ސައިކަލުގަ.. ” މިހެންބުނަމުން ޝާފިޔާ އަނޫޝީ ގޮވައިގެން ކާރާއި ދިމާއަށް ދާންހިނގައިގަތެވެ. ދަމުން އަނޫޝީ ފަހަތަށް އެނބުރި ޝަމަންއަށް ބުމައަރުވާލިއެވެ. ޝަމަންގެ ނިތްކުރިމައްޗަށް ރޫއަރުވާލިނަމަވެސް ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ.
ސައިކަލު ފުދޭވަރަކަށް ބާރުމިނެއްގައި ދުއްވަމުން ދިޔައިރު ޝަމަންގެ މޫނުމަތިން ފެންނަމުންދިޔައީ ހިތްހަމަނުޖެހުމެވެ. މީރާވެސް ޝަމަން އާއި ވާހަކަ ދައްކަން ނުކެރިގެން އުޅޭކަހަލައެވެ.
” ޝަމަން… އަދިވެސް ރުޅިއައިސްފަތަ… އަހަރެން ކިތައްފަހަރުތަ ސޮރީ ބުނަންވީ.. ޕްލީޒް އަހަންނާ ވާހަކަދައްކަބަ… ވަރަށް ދެރަވޭ ޝަމަން ތިގޮތަށް ކަންތައްކުރާތީ…” ހިތްވަރުކޮށްލާފައި މީރާ ވާހަކަދައްކަން ފެށިއެވެ.
” މީރާ ދެރަވާކަށް ނުޖެހޭނެ… އެއީ މީރާ ބޭނުންވި ގޮތް… މީރާ އެގޮތަށް ކަންތައް ކުރުމަށްފަހު އަހަރެން ބޭނުމެއްނޫން މީރާއާއި ވާހަކަ ދައްކާކަށް… ” ޝަމަން އިއްވާލިއެވެ.
” ކަމޯން ޝަމަން… ވީއާރ ކަޒިންސް.. ކިހާ ދުވަހެއްދެން ތިގޮތަށް ވާހަކަނުދައްކާ ހުންނާނީ…” މީރާގެ ސުވާލަށް އިތުރު ޖަވާބެއް ނުދީ ޝަމަން ސައިކަލުގެ ދުވެލި ކުރިއަށްވުރެ ބާރުކޮށްލިއެވެ.
ސައިކަލު ޕާކު ކުރުމަށްފަހު ޝަމަން ގެއަށް ވަންނަން ހިނގައިގަތްއިރު މީރާ ގެއަށް ވަދެގެން ދަނީއެވެ. ފަހަތުން ޝަމަންވެސް ގޮސް ވަނުމާއެކު އެންމެ ފުރަތަމަވެސް ޝަމަން ގައިގާ ބައްދާލީ ޝަމަންގެ ދޮންތަ ޝާމާއެވެ. އޭރު ކޮރުޖަހަމުން ކަހަލަ ގޮތަކަށް މާމަ އަސްމާވެސް އާދެއެވެ. އަސްމާއަށް އިތުރު ބުރައެއް ނުޖައްސާ ޝަމަން ބާރަށް ހިނގާލާފައި ގޮސް އަސްމާއާއި އަރާ ހަމަކުރިއެވެ. ދުވަސްފަހުން އެންމެ ލޯބިވާ މާމަދަރިފުޅު ފެނުމުން އަސްމާގެ ލޮލުން ކަރުނަ ނީރާލިއެވެ. މޫނުގައި ފިރުމާލާފައި ދެއަތަށް ބޮސްދިނެވެ. ޝަމަންވެސް އަސްމާ ގައިގާ ބާރަށް ބައްދާލިއެވެ.
” ޝަމަން… ބަލާބަލަ ފަހަތުގަ ތިހިރަ މީހަކަށް” ޝާމާ ބުނިއަޑަށް ޝަމަން އެނބުރި ފަހަތް ބަލާލިއެވެ. ފެނުނު މަންޒަރު ޝަމަންއަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. ކުރިމަތީގައި ފެންނަން ހުރީ އަވަހަކަށް ފެންނާނެކަމަށް އުއްމީދުކުރި މީހެއް ނޫނެވެ. އެންމެ ގާތް އެންމެ ލޯބިވާ ދެދުނިޔޭގެ ރަޙުމަތްތެރިޔާ ވިކާލް އެހުރީ ޝަމަންގެ ކުރިމަތީގައެވެ.
” ބުނީމެއްނު ޝައްމު މެރީ ކުރާއިރު އަހަރެން ހުންނާނަމޭ…” ވިކާލް ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ހުރި ޝަމަން ގައިގާ ބައްދާލަމުން ބުނެލިއެވެ. ޝަމަންވެސް ހަމަހޭވެރިކަންވެ އެންމެ ގާތް ރަޙުމަތްތެރިޔާ ގައިގާ ބައްދާލިއެވެ.
” ސޯ… ކޮބާ އަހަރެންގެ ވާން އުޅޭ ފަހަރި… ފޮޓޯ ފޮނުވަން ބުނީމަވެސް ނުފޮނުވި ވިއްޔަ ދެކެން ބޭނުމިއްޔާ އަންނާށޭ ކިޔާފަ… މިހިރީ ދެކެން އައިސް… ދެން ދައްކަބަލަ ފަހަރި…” ޝަމަންގެ ކޮނޑުގައި ޖަހާލަމުން ވިކާލް ބުންޏެވެ. ޝަމަންވެސް ބޯޖަހާލި ވަގުތު ގެއަށް ވަދެގެން އަންނަ މީހުން ފެނުނެވެ. އެންމެ ކުރީގައި ހުރީ އަނޫޝީގެ އަތުގައި ހިފައިގެން ހުރި ޝާފިޔާއެވެ.
” ދެއަރ ޝީ އިޒް ވިތް މައި މަމް” އަނޫޝީއާއި ދިމާއަށް އިނިގިލި ދިއްކޮލަމުން ޝަމަން ބުންޏެވެ. ވިކާލްވެސް އެދިމާއަށް ބަލާލީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. އަނޫޝީ ފެނުމާއި އެކު ވިކާލްގެ މޫނުމަތި ހުދު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ދުނިޔަ ހުއްޓުނު ކަހަލަ އިހުސާސެއް ކުރެވުމާއެކު ފައިން ވަރުދޫވާހެން ހީވިއެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.
” މައި ޑޯލީ” ވިކާލްއަށް ވައި އަޑުން ބުނެވުނެވެ.
-ނުނިމޭ-
15 Comments!
Comments are closed.

Me first dw …wow what a whacking
vikaall ge kokko tha noony ex tha anooshy aky
In Sha Allah engeyne next part ga ?
Most prolly ex
Koniraku dhen in part up vaany?
Varah reethi vaahaka eh Mee ❤❤
Next part in Sha Allah tommorow. Thanks Sasha ♥️
Vikaal ex kanneyge dhw….v curious.. waiting for the next part..pleezu avahah up kohdhehchey next part …I just luv it???
Dhw ge javaabu libeyny next part ga.. till then keep waiting ❤️ thank you jiji ❤️
Vikaal ge Ex hn hevanii… waiting for the next part
Thank you baby ♥️
Varah curious ? waiting for nxt part ❤️❤️❤️ BTW varah salhi mi story
Next part when
Liyoosha kobaatha next part
Varah reeti.dhen part 2 kon irakun?
kobaaaaaaaaaaaaaaaa story plx avas kobaaaa
Liyoosha..kobaa thr story?..Plx avahah upkohbaa?