މަސައްކަތުގެ ވަރުބަލިކަމާއި، މެންދުރުގެ ހޫނުކަން އިހުސާސްވުމުން ސްކޫލުން ނިކުމެގެން ގެއާއި ދިމާލަށް ހިނގައިގަތްއިރު، ގޭގައި އިޔާޒްއަށް އިންތިޒާރު ކުރަމުންދަނީ ކާކުކަމެއް، ކޮންއެއްޗެއްކަމެއް ފަހަރެއްގައިވެސް އޭނާގެ ހިތަކަށް ނާރައެވެ.އެމީހެއްގެ މޫނު އަބަދު ފެނި ފެނި، އެ މީހެއްގެ މަތިން ފޫހިވެފައިވާ އަނބިމީހާއާއި އޭނާގެ ދެ ދަރިން ފިޔަވާ ގޭގައި ހުންނާނީ ހޯދާފައިވާ ހަރުމުދާ އެކަންޏެވެ. އެހެންވެ އެކަމާ އިޔާޒް އެއްވެސް ޚިޔާލެއް ނުކުރެއެވެ.
ގޭތެރެއަށް އައިސް ވަން އިރު އިޔާޒްގެ ކުޑަ އަންހެން ދަރިފުޅު ގިސްލަ ގިސްލާފައި ރޯން އިނެވެ. އައި ރުޅިން އަދާއަށް ގޮވާ ގޮވާ އަނގައިނަކުން ނުބުންޏެވެ. އެންމެ ފަހުން ތުއްތު އިނާ އުރާލައިގެން އޭނާ ކޮޓަރިއަށް ވަނެވެ. އޭރު ފިރިހެން ދަރިފުޅު އިކާން ކޮމްޕިއުޓަރ ގެ އަވައިގައި ޖެހިފައި އިނެވެ. ދަރިފުޅު ގާތުގައި މަންމަ ކޮބާހޭ އެހުމުން އަތަށް ދިއްކޮށްލީ ސިޓީއުރައެކެވެ.އޭގައި ހިފިޔަސް އެ ކިޔުމުގެ ޝައުގުވެރިކަމެއް ހިތަކު ނެތެވެ. އެނދުމައްޗަށް އެއްލާލުމަށްފަހު ފާހާނައަށް ވަދެ ފެންވަރާލައިގެން ނިކުތެވެ. އިކާން މީހަކާ ވާހަކަ ދައްކާހެން ހީވެގެން ބަލާލިއިރު އެއްކަލަ ސިޓީ ކިޔަން އޭނާ އިނެވެ. އިޔާޒް އިކާންއަށް ނުފެންނާނެހެން އޭނާ ކިޔާއެއްޗެއް އަޑުއަހަން އިނެވެ.
“މަންމާއެވެ. އަހަރެން އިޔާޒްއާއި ކައިވެނި ކުރީ ފަހަރެއްގައިވެސް އޭނާދެކެ ލޯބިވެގެންނެއް ނޫނެވެ. މަންމަމެންގެ ނިންމުމާ ދެކޮޅުހަދަން ބޭނުން ނުވާތީއެވެ. ދަރިންނަށް މައިންބަފައިން ދެރަގޮތެއް ނުހަދާނޭ ބުނާތީ އަޑު އަހަމެވެ. ނަމަވެސް އަހަރެންގެ ހަޔާތުގައި އެ ބަހުގެ މާނަ މުޅިންހެން އޮތީ ބަދަލުވެފައެވެ.މަންމައާއި ބައްޕަ ވަކިވާން މެދުވެރިވި ސަބަބު އަހަންނަށް ފޮރުވާފައި އޮތެއްކަމަކު އަހަންނަށް އެ ހުރިހާ ކަމެއްވެސް އެނގެއެވެ.ނަމަވެސް މަންމަގެ ކުށަކަށްވީ އޭގެ ފަހުން އަހަންނާއި ކޮއްކޮގެ ހާލު ބަލާނުލުމެވެ. ދުނިޔޭގައި އެބަ ހުރިތޯ ބަލާލަން ކައިރި އަވަށްޓެރިއަކަށްވެސް މަންމަ ނުގުޅައެވެ. ހަޔާތުގެ އެންމެ މުހިންމު ދުވަސްތަކުގައި މަންމަ އަހަރެން ގާތުގައި ނެތުމަކީ އަހަންނަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި އަހަރެން މިހާރު ދެކެމެވެ.
މާލޭގައި އަހަރެން ކިޔަވަން އުޅުނީ ވަރަށް ހާލުގައެވެ.ބައްޕަ ފޮނުވާ ލާރިން އަހަރެންގެ ބޭނުންތައް ނުފުދި އޮތަސް ކޮއްކޮއަށް ބޭނުންވާ ހުރިހާ ކަމެއް އަހަރެން އައީ ފުރިހަމަ ކޮށްދެމުންނެވެ.އަހަރެން ސްކޫލްއިން ވަކިވާން ޖެހުނީ އޯލެވެލް ޓެސްޓް ހަދަން ދައްކަންޖެހޭ ފައިސާ ދައްކައިދޭނަމޭ ބުނެ، އަހަރެން ބަލަން ގެންދިޔަ ގޭ މީހުން ފައިސާ ނުދައްކާ އޮތީމައެވެ. މަންމާއެވެ. އަހަރެން ދެރަވާނެވަރު ނިކަން އިހުސާސް ކޮށްލަބަލާށެވެ.
ހަޔާތުގައިވެސް އަހަރެން ލޯބިވީ ހަމަ އެންމެ މީހަކާއެވެ. އެ ލޯބީގައި ކޮޅުފައިން ޖަހާފައި މަންމައާއި ބައްޕަގެ ބަސްއެހީ ފަހަރެއްގައިވެސް ހިތްހަމަޖެހިފައި ހުރެގެންނެއް ނޫނެވެ.އަހަރެެންގެ ހިތުގައި ވަރަށް ވޭން އެޅިއެވެ. އެންމެ ލޯބިވާ މީހާ އަހަރެންގެ ފައިބުޑަށް ވެއްޓި އާދޭސްކޮށް ރޮއެ ހެދިއިރު އަހަރެންގެ ހިތަށް ކުރާނެއަސަރު މަންމައާއި ހިއްސާ ކުރިކަމުގައި ވިޔަސް އަހަރެންގެ ހިތަކަށް އެއްވެސް ހަމަޖެހުމެއް މިއަދަކު ނުލިބެއެވެ.
ދެންވެސް ދައްކަން ޖެހެނީ އެހާމެ ހިތްދަތި ވާހަކައެކެވެ. އަހަރެންގެ ހަޔާތެވެ.ފިރިމީހާގެ ވާހަކައެވެ. މަންމާއެވެ. އަހަރެން ކުރިން ހީކުރި ފަދަ މީހަކަށް އިޔާޒްވީނަމަ ކޮންފަދަހޭ މި ސިޓީ ލިޔަމުން ގެންދިޔަ އިރުވެސް އަހަރެންގެ ހިތަށް އެރިއެވެ.ކައިވެނީގެ ފުރަތަމަ ދުވަސްތަކުގައި އެހާމެ ހެޔޮކޮށް އަހަންނާ ދޭތެރޭ ކަންތަށް ކުރަމުން ގޮސް ފަހުން ހިތު ހުރިހާ ގޮތެއް ހަދަން ގެންގުޅޭ ބުދަކަށް އަހަރެން ހަދައިފިއެވެ.ކިޔަވައިދޭނަމޭ ކިޔާފައި ކުރި ވައުދު ފުއްދައިދިނެއްކަމަކު އެއްގޮތުން ނުވިއްޔާ އަނެއްގޮތުން އަހަންނަށް ޖެއްސުމާއި އުނދަގޫތައް ކުރަމުން ގެންދިޔައީ އުފަލެއްކަމުގައި ދެކިގެންނެވެ.އެހީއަކަށް އެދުމުންވެސް އެހީވެދެނީ މަޖުބޫރުވެފައި ހުރެގެންނެވެ. އެ އެކަނިވެރިކަން ފިލުވުމަށް ދަރިއަކު ހޯދިއެއް ކަމަކު އަހަންނަށް އެއްވެސް އުފަލެއް ނުލިބުނެވެ.
ދެން އޮތީ ދެމަފިރިންގެ ދޭތެރޭގައި ސިއްރުކުރަންޖެހޭ ވާހަކަތަކޭ ކިޔާފައި މަންމަ އަހަރެންގާތު ދެެއްކި ވާހަކައެވެ. އިޔާޒްގެ ބަލި ހާލަތު ހުރި ގޮތުން އަހަރުމެން ދެ މީހުންގެ ދޭތެރޭގައި މި ވަނީ ހުރަހެެއް އެޅިފައެވެ. މި ވާހަކަ ދެއްކުމުންވެސް ކުށް އޮތީ އަހަރެންގެ ކަމަށާއި އެ ކަމަށް ބޭސް ކުރަން ޖެހެނީވެސް އަހަރެން ކަމަށް ބުނެ އިތުރަށް ދުރުކޮށްލީއެވެ.ނަމަވެސް އަހަރެން ހިއްވަރު އެލުވާނުލާ އިޔާޒް ބުނި ބަސް ގަބޫލު ކޮށްގެން ބަލި ހުރީ އަހަރެންގެ ގައިގަތޯ ބެލީމެވެ. ނޫނެކެވެ. އަހަރެން ކުރިންވެސް ބުނި ފަދައިން ބަލި މީހަކީ އިޔާޒްއެވެ.އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. ގިނަ ވަގުތު އެކަނި ހުންނަން ބޭނުންވެއެވެ.
އެފަދައިން އެކަނި ޖޯލީގައި އޮންނަތަން ފެނިގެން އަހަންނާއި ގުޅުން ބަދަހި ކުރީ ގެ ކައިރީ ހުންނަ އޮފީހުގައި މަސައްކަތް ކުރާ ސާހިލްއެވެ. އެ ދުވަހުގެ ފަހުން ސާހިލްއާއި އަހަރެންނާ ދެމެދު ގާތް ގުޅުމެއް އުފެދުނެވެ.މަންމާއެވެ. އަހަރެންދެކެ އެންމެން ނަފްރަތު ކުރާނެފަދަ އެތަށް ކަމެއް އަހަންނަށް މިއަދު ކުރެވިއްޖެއެވެ.”
އިކާން ސިޓީގެ އަނެއްބައި ކިޔަން ފެށުމުގެ ކުރިން އިޔާޒް ގޮސް ސިޓީ އަތުލިއެވެ.އަދި ފާހާނަތެރެއަށް ވަދެ ސިޓީގެ ނުނިމި އޮތް ބައި ކިޔަން ފެށިއެވެ.
” އަހަންނަށް ސާހިލްދެކެ ލޯބިވެވުން އެއީ އަހަންނަށް ކުރެވުނު ކުށެވެ.އިޔާޒްގެ ދައްތަގެ ފިރިމީހާކަން އެނގި ހުރެ އޭނާދެކެ ލޯބިވެވުނީއެވެ.ނޭންގި ނަމަވެސް އޭނާގެ މޫނު ދެކިލަން އަބަދުވެސް ހިތްއެދެއެވެ.އެ ފިރިހެންވަންތަ އަޑު އަހަން އަހަންނަށް ކިތަންމެ ގިނަ އިރަކުވެސް ހުރެވިދާނެއެވެ.އިސާހިތަކު ސާހިލްގެ ލޯބި ހިނިތުންވުމާއި ލޮލުގެ ޖާދޫގައި އަހަންނަށް ޖެހެވުނީ ކީއްވެކަމެއް ނޭންގެއެވެ.އަހަރެންގެ އެކަނިވެރިކަން ފިލުވާދޭ މީހަކީ އެއީއެވެ. އަހަރެން އެންމެ އުފާކޮށްދޭ މީހަކީވެސް އެއީއެވެ.ހުރިހާ ބޭކާރު ވިސްނުން ތަކުން ދުރުކޮށްދެނީވެސް ސާހިލްގެ ބީހިލުންތަކެވެ.ނަމަވެސް.. ކަންތައްތައް ބޮއްސުންލައިގެން ދިޔައީ ސާހިލްގެ އަސްލު މާނަ އަހަންނަށް އެނގުމުންނެވެ.މައުސޫމު ސިފައެއް ލިބިފައި ހުއްޓަސް ހަމަ އެއްވަނައިގެ ޑްރަގް ޑޯޒަރއެކެވެ.ހުރިހާކަމެއް އެނގި ދަސްވި އިރު އަހަރެންގެ ބަނޑުގައި ސާހިލްގެ ލެއިން އުފެދިފައިވާ ކުޑަ ކުޑަ ފުރާނައެއްވެސް އަށަގަނެއްޖެއެވެ.އެ ވަގުތު އަހަރެން ދުނިޔެއިން މޮޔަވާހާ ވަރުވިއެވެ. ނޭންގިނަމަވެސް ފައި އެޅުނީ ވިހަގަދަ ހަރުފައެއްގެ ގައިމަތީގައެވެ.ރޮއެ ރޮއެ ދެލޯފާރުވިއެވެ.ބޮލުގައި ހުރި އިސްތަށްޓަށް ދާންދެން ދަމާހެދީމެވެ.އަމިއްލައަށް މަރުވާން ހިތަށް އެރީ ކިތަށް ފަހަރު ކަމެއްވެސް ނޭންގެއެވެ.
މަންމާއެވެ.އެ ކުޑަ ކުޑަ ފުރާނަ އަހަރެންގެ ދެއަތުން މަރާލިވަގުތު ގަބުކައިފައި އަހަންނަށް އިނދެވުނީ އަހަރެންގެ ގައިގައި މައިވަންތަ ކުލުނުގެ ކަންފުޅެއްވެސް ނެތްކަން އިހުސާސްވުމުންނެވެ.އެ ދަރިފުޅު އަލުން އަނބުރާ ގެންނަން ފަހުން އަހަރެން ކިތަންމެ ބޭނުންވިޔަސް އޮތީ ފާފައެއްކޮށް އެ ފާފައިން ދުރުވުމަށް ކުރި އަނެއް ފާފައިގެ ޝިކާރައަކަށްވެފައެވެ.
އަހަރެން މި ވާހަކަތަށް ހިއްސާ ކުރާނީ ވަކި ކާކާހެއްޔެވެ؟ އެއްކޮޅުން މައިންބަފައިންގެ އުފަލަށްޓަކައި ކުރި ކައިވެންޏެކެވެ. އަނެއްކޮޅުން އަމިއްލަ ދެ އަތުން ކުރެވިފައި ހުރި އަދަދު ނުކުރެވޭހާ ފާފަ ތަކެވެ.އިތުބާރު ކުރެވޭ ފަދަ މޫނެއް ނެތެވެ. ފައިބުޑަށް ވެއްޓި އާދޭސް ކުރާނީ ވަކި ކާކު ގާތުގައިހެއްޔެވެ؟
ވަރަށް ވިސްނައިފީމެވެ. ކުރެވުނު އެންމެހާ ނުބައި ކަންކަމުން ދުރުވެ ތަޢުބާ ވެއްޖައީމެވެ.އަހަރެން ބޭނުންވީ މަންމައަށް މިކަން ހިއްސާކޮށްގެން ނަމަވެސް ހިތުގައި އަޅަމުންދާ ވޭނަށް ލުޔެއް ލިބޭތޯއެވެ.”
ސިޓީ ކިޔާ ނިންމާލި އިރު އިޔާޒްގެ ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. އަމިއްލަ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރިކަން އިހުސާސް ކުރެވުނެވެ.އަނބިމީހާއާއި ދޭތެރޭ އިހުމާލު ވެވިއްޖެކަން ޚުދު އަމިއްލަ ނަފްސަށް ދެނެނެގަނެވިއްޖެއެވެ.އޭނާ އަދާއަށް އިހާނެތިކޮށް ކަންތަށް ކުރި ދުވަސްތަށް ލޯ ކުރިމަތީގައި ފިލްމެއްހެން ސިފަވާން ފަށައިފިއެވެ.
އޭނާ ފާހާނައިން ނިކުމެ އަދާ ކިޔަވަން އިންނަ ކޮޓަރިއަށް ވަނެވެ. އިސާހިތަކު އިޔާޒްގެ ހިތަށް ފިނިކަން ލިބުނެވެ.މުސައްލަ މަތީގައި ދުއާއަށް އަތް ނަގައިގެން އިން އަދާ ފެނުމުން ހިތް ކަފަކޮޅެއްހާ މަޑު ވިއެވެ.ކުރެވުނު ކުށަށް އިއުތިރާފުވާ ހާލުގައި ލަސް ފިޔަވަޅު ތަކެއް އަޅަމުން ގޮސް އަދާގެ ގާތުގައި އިށީންދެއްޖެއެވެ.އަދާއަށް ސިހިފައި އިޔާޒްގެ މޫނަށް ބަލާލެވުނެވެ.އިސާހިތަކު އޭނާއަށްވެސް ރޮވިއްޖެއެވެ.ކުރެވިފައިވާ ކުށްތަކަށް މަޢާފަށް އެދޭ ހާލު އިޔާޒްއާއި ވާހަކަ ދައްކަން ހުޅުވި އަނގައިގައި އަތް އެޅުމަށްފަހު އަދާގެ ގައިގައި އިޔާޒް ބައްދާލިއެވެ.
” ނޫން އަދާ.. އަހަރެން އެއްވެސް ވާހަކައެއް އަޑު އަހާކަށް ބޭނުމެއް ނޫން. އަހަންނަށް އަހަރެންގެ ކުށް އިހުސާސްވެއްޖެ. އަދާއާ ދޭތެރޭ ކަންތަށް ކުރެވުނީ ވަރަށް ގޯސްކޮށް. އަހަރެންގެ ސަބަބުން އަދާގެ މުޅި ދިރިއުޅުން ބަރުބާދުވީ.އަހަންނަށް މާފު ކުރޭ. އަދާ އަހަންނަށް މާފުކޮށްދީ.އަދާއަށް ތިހެން ވާން ޖެހުނީ އަހަރެންގެ ގައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން. އަހަރެން އެކަމަށް ބޭސް ކުރާނަން. މިއަށްވުރެރަނގަޅު ފިރިއަކަށް އަދި ބައްޕައަކަށްވެސް ވާނަން.މާފު ކުރޭ އަދާ. އަހަރެން ހީކުރިވަރަށްވުރެވެސް މާ ބޮޑަށް އަދާ އަހަންނާ ދޭތެރޭ ވިސްނައިފި. ކުރެވިފަ ހުރި ކުށްތަކަށް ތަޢުބާވުމުން މާތް ރަސްކަލާންގެ އެ ކުށްތަށް ޢަފޫ ކޮށްދެއްވާ އިރު އަހަރެމެންކަހަލަ ނިކަމެތި އިންސާނުންނަށް މައާފު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް. އަހަރެންގެ ހިތުގެ އަޑިން އަދާއަށް މައާފު ދީފިން.މީގެ ފަހުން އަހަރެން އަދާއަށް ލޯބި ދޭނަން. ދެރަވާ ވަރު އެއްވެސް ކަމެއް ނުކުރާނަން.”
އަދާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.އަނދިރިވެފައިވާ ހަޔާާތަށް އުޖާލާކަން ލިބިއްޖެއެވެ.އިޔާޒްގެ ގައިގައި ބާރަށް ބައްދާލީ އާ އުންމީދުތަކަކާއި އެކު އެތަށް ދުވަހެއްވަންދެން ދެކުނު ހުވަފެންތަށް ހަޤީގަތަކަށް ވާން އުޅޭ ކަމުގެ ފޮނި ހިނިތުންވުމަކާއި އެކުގައެވެ.
( ނިމުނީ)
8 Comments!
Comments are closed.

Vrh reethi vhk eh…saabahey???❤️
Thank yuh very much Joolia❤
maasha allah keep it up ☺????
Thank yuh shaan
Ma sha allah keep it up ??❤
Amana is that yuh? Thank yuh ❤
Maasha Allah!! keep it up
Thank yuh ❤