އެހަނދާން…
(މިވާހަކަ އަކީ ސުނާމީ ކާރިސާގައި ދިމާވި ޙާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެެވެ)
އާދައިގެ މަތިން މިއަދުވެސް ޞޮބީޙާ ފަތިޙު ހޭލައިގެން ފަތިސް ނަމާދުކޮށްގެން ބަދިގޭގައި އަވަދިނެތި ސައިހެދުމުގެ މަސައްކަތާއިގެން ކުރިއަށްދިޔައެވެ. އާދަނު މަހަށްފުރާނީ އަބަދުވެސް ސައިބޮއެގެންނެވެ. ޞޮބީޙާ މިއަދު ސަޔަށް އެ ތައްޔާރުކުރަނީ އާދަނަށް އެންމެ މީރު ބަރަބޯ މަސްހުންޏާއި، ހުނިރޮއްޓެވެ.
އާދަނު ފުރަންދިޔުމުން، އަނާވެސް ނުހޭލާތީ، އަނާކައިރީ އޮށޯވެލައިގެން އޮއްވާ ޞޮބީޙާއަށް ވެސް ނިދިއްޖެއެވެ.
ޞޮބީޙާ އަށް ސިއްސައިގެން ގޮސް ހޭލެވުނީ ދޮރުގައި ކޮންމެވެސް މީހަކު ތަޅައިގަތް އަޑަށެވެ.
“‘ދޮންތާ! ދޮންތާ! ދޮެެރުހުޅުވަބަލަ!..” ރީނާގެ އަޑުގައިވަނީ ނުތަނަވަސްކަމެވެ.
ޞޮބީޙާ އަވަހަށް އައިސް ދޮރުހުޅުވިއެވެ.
“ދޮންތާ!.. މަންމަ ބުނީ ދޮންތަގޭގައި އުޅެންޏާ ބުނާށޯ އަންނާށޭ ކާފަގެއަށް! އެކޮޅުމަތިން ބޮޑު ރާޅެއް އެބައަރަޔޯ..”
އެއްނޭވާއިން މިހެން ބުނުމަށްފަހު 12 އަހަރުގެ ރީނާ ދުއްވައިގަތެެވެ.
ޞޮބީޙާ އަވަސް އަވަހަށް ނިދާފައި އޮތް އަނާ އުރާލައިގެން ގެއިން ނިކުތެވެ.
ރީނާ އެބުނީ ހަމަ ތެދެކެވެ. ގެއިން ނިކުންއިރު މަގުގެ އަނެއްކޮޅުން ބޮޑު ރާޅުގަނޑެއް ގެއާއި ދިމާލަށް އަންނަތަން ޞޮބީޙާއަށް ފެނުނެވެ. ސޮބީޙާ ބިރުން މޭގަނޑު އަނގައަށް އައިކަހަލައެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންގެ ހަޅޭއްކުގެ އަޑު ޞޮބީޙާއަށް އިވުނެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގި، ގަބުއަރާފައި އަނާ އުރައިގެން އަދިވެސް ޞޮބީޙާ އެގޭ ދޮރުމަތީގައި ހުއްޓެވެ. އިސާހިތަކު ރާޅުގަނޑު ޞޮބީޙާއާއި 5 ފޫޓެއްހާ ކައިރިވެއްޖެެއެވެ.
‘ޞޮބީޙާ! ‘ޞޮބީޙާ!.. ޞޮބީޙާގެ ދޮންބެގެެ އަޑު، މަގުގެ އަނެއްކޮޅުން ޞޮބީޙާއަށް އިވުނެވެ.
ޞަޮބީޙާ ހިތްވަރުލުމަށްފަހު ދޮންބެއާއި ދިމާލަށް ދިޔުމަށް ދުއްވައިގަތެވެ. އިސާހިތަކު ޞޮބީޙާއި، ޞޮބީޙާގެ ކޮނޑުގައިއޮތް 2 އަހަރުގެ އަނާ ރާޅުގަނޑުގެ ތެރެއަށް ގެނބިއްޖެއެވެ. ދޮންބެއަށް މިމަންޒަރު ފެނިފައި، ބާރަށް ހަޅޭލަވާއިގަތެވެ.
‘ޞޮބީޙާ!.. އަނާ..!” ދޮންބެ ހަޅޭލަވަމުން ސޮބީޙާއާއި އަނާ ރާޅުގަނޑުން ސަލާމަތް ކުރުމަށް ދުވެފައި އައެވެ.
ރާޅުގަނޑުތެރޭގައި ބަކަތަޅަމުން، ޞޮބީޙާ އަޑުގެ ކޮޅަށް ރޯންފެށިއެވެ. އަނާއެއް ފެންނާކަށްނެތެވެ. ޞޮބީހާގެ އަތުން އަނާ ދޫވީއެވެ. ދޮންބެ ޞަބީޙާގެ އަތުގައި ހިފާ، ހިކިފަސްތާކަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ.
‘ދޮންބޭ! އަނާ!.. އަޅެ އަނާ!!.. ” ޞޮބީޙާ އަޑުގެކޮޅަށް ރޮމުން ގިސްލަމުން ދިޔައެވެ.
ދޮންބެވެސް އަނާ ފެނޭތޯ މަސައްކަތްކުރިއެވެ. ރާޅުގަނޑުން ސަލާމަތްވުމަށް އުޅުމުގެ ތެރޭގައި، ކުއްލިއަކަށް އަނާގެ ތުއްތު ފައި ޞޮބީޙާއަށް ރާޅުގަނޑުތެރެއިން ފެނުނެެވެ.
‘ދޮންބޭ! އަނާ! އަނާ! އަނާ! ” ޞަބީޙާ ބާރަށް ރޮމުން ހަޅޭއްލަވައިގަތެވެ.
އެއީ ތެދެެކެވެ. ޞޮބީޙާއަށް ރާޅުގަނޑުތެރެއިން އެފެނުނީ ހަމަ އަނާގެ ދެފައެވެ. އަނާ ރާޅާއެކު ގެންދަނީއެވެ. ޞޮބީޙާ އަކަށްވެސް، ދޮންބެއަކަށްވެސް އަނާ އަތެއްނުޖެހުނެވެ. ބަލަބަލާ ތިއްބައި އަނާ ރާޅާއެކު ގެންގޮސްފިއެވެ. އަނާ ސަލާމަތެއް ނުކުރެވުނެވެ.
ދޮންބެ، ރާޅުގަނޑުތެރެއިން ޞޮބީޙާ ސަލާމަތްކޮށް، އެގޮތްމިގޮތުން ރަށުގެ ބޮޑު މިސްކިތާއި ހަމައަށް ގެންދިޔައެވެ. މިސްކިތްތެރޭގައި ކުދި، ބޮޑު އަދި ދޮށީޢުމުރުގެ އެތަށް ބައިވަރު މީހުނެއް ތިއްބެވެ. ރޯއަޑާއި އަޑުގެ ކޮޅަސް “ޝަހާދަތާއި “ކުރުސި” އާއި އެކި ސޫރަތްތައް ކިޔަމުން ދާއަޑު އެއް އަޑަަަކަށް ހަރުލާފައި ހުއްޓެވެ.
ޞޮބީޙާ އަކަށް ކޮޅަަކަށް ނުހުރެވެއެވެ. ފަޔަކު ވާތްގެށް ނެތެވެ. ބާރަށް ރޮމުން ގިސްލެވެމުންދިޔައެވެ. ރީނާ ދުވެފައި އައިސް ރޮމުން ޞޮބީޙާގައިގައި އޮޅުލައިގަތެވެ.
“ދޮންތާ!.. އަނާކޮއްކޮ ކޮބާ.؟” ރީނާގެ ސުވާލަކަށް ޞޮބީޙާ އަކަށް ޖަވާބެއް ނުދެވުނެވެ. އަނާއަކީ، ރީނާގެ ހުރި ހަމައެކަނި ދެބޭންގެ ދެދަރި ކޮއްކޮއެވެ.
މެންދުރު ދެގަޑިބައިވެއްޖެއެެވެ. އަދިވެސް ރަށުގެ ގިނަ މީހުންތިބި މިސްކިތުގައެވެ.
އާދަނަށް ރަށަށްއެރި ބޮޑުރާޅުގެ މަޢުލޫމާތު ލިބި، ދޯނިން ފައިބައިގެން، ރަށުތެރެއަށް ދުވެފައި އައިސް މިސްކިތާއަރާއި ހަމަވިއެެވެ.
“ޞޮބީޙާ..! ކޮބާ އަނާ…” އާދަނު ހިތްނުތަނަވަސްކަމާއެކު ސުވާލުކުރިއެވެ. ޞޮބީޙާ އަދިވެސް އިނީ މިސްކިތު ފާރުބުޑުގައި ބިއްޖެހިފައެވެ. ގަބުކައިފައެވެ. ގުޑިލަންވެސް ނޭނގިފައެވެ. އާދަނަށް ޞޮބީޙާ އިން ގޮތްފެނިފައި އަނާއަށް ކޮންމެސް ކަމެއްވެއްޖެެކަން އެނގުނެވެ. ސަމީރު ކައިރިން އާދަނު އަހާ، ސުވާލު ކުރިއެވެ.
“ދޮންބޭ އަނާކޮބާ؟! އަނާއަށް ވީ ކިހިނެތް؟”
ސަމީރުއަކަށްވެސް އެސުވާލަކަށް ޖަވާބެއް ނުދެވުނެވެ. ޅިޔަނުގެ ހިތަށްކުރާނެ އަސަރު އެނގޭތީއެވެ. ސަމީރުވެސް ފެންކަޅިވެ ބަސްހުއްޓިފައި ޞަބީހާގާތު އިނެވެ.
އާދަނުގެ ސުވާލަށް އެކަކުވެސް ޖަވާބެއް ނުދިނެވެ. އާދަނު ޞޮބީޙާގެ ކޮނޑުގައި ހިފާ ބާރަށް ތަޅުވައިގަތްފާއި ހަޅޭއްލަވާ ގަތެވެ.
“އަނާ ކޮބާހޭ”.. މަގޭ އަނާ ކޮބާހޭ؟..”
“އަނާ..ރާޅާއެކީ….” މިހިސާބަށް ބުނުމަށްފަހު ޞޮބީޙާގެ އަޑުގެނެތްތަނަށް ރޯންފެށިއެވެ.
އާދަނުގެ ފައިދަށުން ހީވީ ބިންގަނޑު ކެހިގެން ދިޔަހެންނެވެ. ހުރިތަނަށް އާދަނު ގަނޑުވިއެވެ. ލޮލުން ކަރުނައެެއްވެސް ނައެވެ.
އާދަނާއާއި ޞޮބީޙާގެ ދިރިއުޅުން އަނދިރިވީއެވެ. ފުނޑުފުނޑުވީއެވެ.
އާދަނާއި ޞޮބީޙާގެ ކައިވެންޏަށް 12 އަހަރު ވީއިރު، ލިބިފައިވަނީ ހަމައެކަނި އަނާ އެވެ. ކައިވެންޏަށް 1 އަހަރުވީތަނުން ޑޮކްޓަރަށް ދެއްކުމުން ދަރިން ނުލިބެނީ އާދަނަށް ކަމަށް ބުންޏެވެ. ނަމަވެސް، އޭގެ ސަބަބުން ޞޮބީޙާއާއި އާދަނު އެކަކު އަނެކަކު ދެކެ ވާ ލޯތްބަކަށް އޭގެ ސަބަބުން ކުޑަވެސް ބަދަލެއް ނާދެއެވެ. އާދަނަށް ހިތްވަރުދީ، ދަރިއެއް ލިބޭނެކަމުގައި ޞޮބީީޙާ އައީ ބުނަމުންނެވެ. އުއްމީދު އާލާކޮށްދެމުންނެވެ. މީގެ 6 އަހަރު ކުރިން އާދަނު ރިސޯޓް މަސައްކަތް ދޫކޮށް މަހަށްދާން ފެށީވެސް ޞޮބީޙާއާއެކު ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ދިއުމަށެވެ. މިގޮތުން މީގެ 2 އަހަރު ކުރިން އެ ދެމަފިރިން އިންޑިޔާއަށް ގޮސް އިންވިޓްރޯ ފަރޓިލައިޒޭޝަން ނުވަތަ އައި. ވީ. އެފް ހެދިއެވެ. އަދި އަނާ އަކީ އެމީހުންނަށް މިގޮތުން ލިބުނު ފުރަތަމަ ދަރިފުޅެވެ. އަނާދެކެ ޞަބިޙާއާއި އާދަނު އެމީހުންގެ ފުރާނައަށްވުރެ ބޮޑަށް ލޯބިވެއެވެ.
އިއްޔެ އެއީ އަނާއަށް 2 އަހަރު ފުރުނު އުފާވެރި ދުވަހެވެ. އެ އުފާވެރި ދުވަސް އެ ކުޑަކުޑަ އާއިލާ ހޭދަކުރީ މިއަދު މިހިން ވާނެކަމުގެ ކުޑަވެސް ޚިޔާލެެއް ނެތިއެވެ. ޤުދުރަތުގެ ނިޔާ ނިކަން ދެކެބަލާށެވެ.
މިއަދު މިއީ އޭގެ 13 އަހަރު ފަހެވެ. ޞޮބީޙާއާއި އާދަނު އަދިވެސް ތިބީ އެކައިވެނި މަތީގައެވެ. އަނާ ވަކިވެދިޔަ ހިތި ހަނދާންތައް އަދިވެސް އެދެމަފިރިންގެ ހިތުގައި އާވެ، އާލާވެއެެވެ. އަނާ ރާޅާއެކު، އޮޔާ ދިޔަ މަންޒަރު އަދިވެސް ޞޮބީޙާގެ ހިތަކުން ނުފިލައެވެ. އަދިވެސް ބައެއް ރޭރޭ ނިދާފައި އޮވެފައި ސިއްސައިގެން ގޮސް ޞޮބީޙާއަށް ހޭލެވެއެވެ. ކުޑަ ކުޑަ އަނާގެ ހަނދާންތައް ދުވަހަކުވެސް ޞަބީޙާއާއި ވަތްކެތް ނުވާނެއެެވެ. މިއަދު އަނާ ދުނިޔޭގައި ހުރިނަމަ ވާނީ 15 އަހަރެވެ.
ޞޮބީޙާ އާއި އާދަނު މިހާރު ބަލަމުންދަނީ އާދަނުގެ ކޮއްކޮ ހަސަނުގެ ދަރިފުޅު، ލައިހާއެވެ. ހަސަނުގެ އަންހެނުން ވަނީ ލައިހާގެ ޢުމުރުން 9 މަހުގައި އުރަމަތީ ކެންސަރުގައި ނިޔާވެފައެވެ. އެދުވަހުން ފެށިގެން ލައިހާ ބަލަމުން އަންނަނީ، އާދަނުމެންގެ ދެމަފިރިންނެވެ. 13 އަހަރުގެ ލައިހާ ފެންނަ ކޮންމެ ފަހަރަކު ސުނާމީގެ ބިރުވެރި ޙާދިސާއާއި، އަނާގެ ހިތްދަތި ވަކިވުން، ލޯމައްޗަށް ސިފަވެގެންދާކަމުގައި ޞޮބީޙާ އަދިވެސް ބުނެއެވެ.
– ނިމުނީ-
2 Comments!
Comments are closed.


maasha allah vv reethi mi stry vx…. nd v dheravx vey…❤❤??????
Masha allah vvvvv reethi mi vaahaka ves…. Keep it up my dear… And hope to see a new story of urs soon