Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަދީނީލޯބި

ޖުލައިބީބު ރަޟިޔަ ﷲ ޢަންހު

Ali Ihsaan Level 210 Stories100 Login
February 11, 2019 4 Mins Read
9 Comments

جُلَيْبِيب رضى اللّـه عنه، (ޖުލައިބީބު ރަޟިޔަ ﷲ ޢަންހު) އަކީ ކައުސާހިބާ صلّى اللّـه عليه وسلّم، ގެ ޞަޙާބީބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އަންޞާރިއްޔަ ބޭކަލެކެވެ. ނުހަނު ދަރަޖަ މަތިވެރި ޞަޙާބީބޭކަލެކެވެ. ނަމަވެސް އެކަލޭގެފާނުގެ ދަރަޖަމަތިވެރި ކަމާގާތަށްވެސް އެކަލޭގެފާނާ ބެހޭ މަޢުލޫމާތެއް ލިބޭކަށް ނުހުރެއެވެ. އިސްލާމީ ތާރީޚުގެ އެދުރުން އެކަލޭގެފާނުގެ ހަސަބުފުޅެއް ނަސަބުފުޅެއް ބަޔާން ކުރައްވާފައެއްނުވެއެވެ.

جُلَيْبِيب رضى اللّـه عنه، އަކީ މާރީތިފުޅު މީސްތަކުން ގަޔާވާކަހަލަ ބުރުސޫރަފުޅެއް ލިބިވަޑައިގެންފައިވާ ބޭކަލެއް ނޫނެވެ. އިސްކޮޅުފުޅުން ދިގު ބޭކަލެއްނޫނެވެ. އިސްލާމްދީން އައުމުގެ ކުރިން އެކަލޭގެފާނުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެކަލޭގެފާނު ވަނީ މުޖުތަމައިން ބާކީކޮށްލާފައެވެ. ޞިއްޙަތު ސަލާމަތުން ހުރި ކޮންމެ މީހަކުވެސް އެކަލޭގެފާނާ މެދު ދެކެމުންގެންދަނީ އެކަލޭގެފާނަކީ އެބައިމީހުންނާ އެކުވެ އުޅުން އެކަށީގެންވާ ބޭކަލެއްނޫންކަމުގައެވެ. ތުނޑުސުފުރާޔަށްއަތްހަމަނުވާ ބޭކަލެއް ކަމުގައެވެ.

މަދީނާގެ މީސްތަކުންގެ ޖެއްސުންކުރުމާއި، ފުރައްސާރަކުރުމުގެ އަމާޒު ފަތްގަނޑަކަށް ކޮންމެ ދުވަހަކު އެކަލޭގެފާނު ވެވަޑައިގަންނަވަމުން ގެންދެއެވެ. މަލާމާތާއި ނުރުހުމުގެ ކަޅިތައް އަބަދުވެސް ހުންނަނީ އެކަލޭގެފާނަށް އަމާޒުވެފައެވެ. ބައެއް ފަރާތްތަކުން އެކަލޭގެފާނު އެބައިމީހުންގެ ގެއަކަށް ވަތްކަމުގައިވިނަމަ އެކަލޭގެފާނަށް އެވެނި މިވެނި ގޮތެއް ހަދާނަމޭ ބުނެ އިންޒާރުވެސްދީ ހަދާފައިވެއެވެ.

جُلَيْبِيب رضى اللّـه عنه، ގެ ބޭރުފުށުން އައިބު ސިފަތަކާއި ނުކުޅެދުންތެރިކަން ފެނުނު ނަމަވެސް އެކަލޭގެފާނުގެ ހިތްޕުޅަކީ އެއްވެސް އައިބެއް މިލައެއް ދިލައެއް ނެތް ސާފު ހިތްޕުޅެކެވެ. އިސްލާމްދީނުގެ ދަޢުވަތު މަދީނާގެ އުދަރެހުން އުދަވުމުން އެންމެ ފުރަތަމަ އެދަޢުވަތަށް ލައްބައިކައޭ ވިދާޅުވެ އިޖާބަދެއްވި ބޭކަލުންގެ ތެރޭގައި جُلَيْبِيب رضى اللّـه عنه، ހިމެނިވަޑައިގެންނެވިއެވެ.

ކައުސާހިބާގެ އަރިހުގައި

ޢާލަމުތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރައަށް ވަޑައިގެން އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވިއެވެ. އިސްލާމްދީނުގެ ނަބިއްޔާ އެކަލޭގެފާނުގެ ޞަޙާބީބޭކަލުންނަށް އެންމެހައި މަކާރިމުލް އަޚްލާޤުގެ ސިފަތައް ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. ޖާހިލިއްޔަ ޒަމާނުގެ އެންމެހައި ހުތުރު ފާފަތަކާއި އާދަތައް ދޫކޮށް އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވުމަށް މީސްތަކުންނަށް ޢަމުރުކުރައްވަމުން ގެންދެވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ޖާހިލިއްޔަ ޒަމާނުގައި އަނިޔާގެ އަމާޒު ފަތްގަނޑަކަށް ހަދަމުން ގެންދާ ބައެކެވެ. އެބައިމީހުންނާ ދޭތެރޭގައި މުއާމަލާތް ކުރަމުންގެންދަނީ ޖަނަވާރުންނާ ދޭތެރޭގައި ކަންކުރަމުން ގެންދާ އުސޫލުންނެވެ. އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ ގެންނެވި ރިސާލަތުގެ ސަބަބުން އެފަދަ މީހުންގެ ހިތްތަކަށް ދިރުން ލިބިގެންދިޔައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ސާހިބާ ވަރަށް ސަމާލުކަން ދެއްވައެވެ. އެބައިމީހުންނަކީވެސް މުޖުތަމަޢުގައި ބޭނުންތެރި ބައެއްކަމުގައި މީސްތަކުންނަށް ވިސްނަވައިދެއްވިއެވެ. ޚުދު އެކަލޭގެފާނު އެކަމުން މިސާލު ދެއްކެވިއެވެ. އެގޮތުން އިތުރު ސާހިބާ ދަތުރުފުޅަކު ނިކުމެވަޑައިގަންނަވާ ނަމަ ލޯފަން ޞަޙާބީބޭކަލެއްކަމުގައިވާ عبد اللّـه بن أمّ مكتوم رضى اللّـه عنه  މުއައްޒިނެއްކަމުގައި ހަމަޖައްސަވައެވެ. މީސްތަކުންނާއިގެން އެކަލޭގެފާނު އިމާމުވެވަޑައިގެން ނަމާދުކުރައްވައި ހައްދަވައެވެ.

މީގެ އިތުރުން ކައުސާހިބާ صلّى اللّـه عليه وسلّم  ބަޔާންކޮށްދެއްވަމުން ގެންދެވި އެއްކަމަކީ، މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ތަޤްވާވެރިކަން ބޮޑު މީހާކަމުގައެވެ. اللّـه سبحانه وتعالى މީސްތަކުންގެ ބޭރުފުށައް ބައްލަވައިވޮޑިނުގަންނަވާ ކަމުގައެވެ. އެއިލާހު ބައްލަވައިވޮޑިގެންވަނީ އިންސާނާގެ އެތެރެފުށުގެ ރީތިކަމަށް ކަމުގައެވެ. އަމަލުތަކަށް ކަމުގައެވެ. މިދެންނެވި ކަންތައްތަކުގެ ސަބަބުން جُلَيْبِيب رضى اللّـه عنه، ގެ ހިތްޕުޅަށް ފަރުވާލިބެމުންދިޔައެވެ.

جُلَيْبِيب رضى اللّـه عنه،ދިރިއުޅުއްވަމުން ގެންދިޔައީ ނުހަނު އެކަނިވެރި ދިރިއުޅުއްވުމެކެވެ. އެކަލޭގެފާނުގެ އަނބިކަނބަލަކު ދަރިކައުކަނބަލަކު ނުހުރެއެވެ. އެހެންކަމުން، އިތުރު ސާހިބާ صلّى اللّـه عليه وسلّم  އެކަލޭގެފާނަށް އެކަމުގައި އެހީތެރިކަމުގެ އަތްޕުޅެއް ފޯރުކޮށްދެއްވަން ޤަޞްދުކުރެއްވިއެވެ. އެއްދުވަހަކު އިތުރު ސާހިބާ އެކަލޭގެފާނުގެ އަންޞާރިއްޔަށް ޞަޙާބީބޭކަލެއްގެ ގެކޮޅަށް ވަޑައިގެން ވިދާޅުވިއެވެ.

“ކަލޭގެފާނުގެ ދަރިފުޅުގެ ކާވެނިފުޅުގެ ކަންތައްތައް ތިމަންކަލޭގެފާނަށް ދޫކޮށްލައްވާނުތޯއެވެ؟” އަންޞާރިއްޔަ ޞަޙާބީގެ ހިތްޕުޅު ވަރަލައިގެން އުދުއްސައިގެން ކަހަލައެވެ. އެ ޞަޙާބީ ވިދާޅުވިއެވެ. “ކިހާބޮޑު އުފަލެއްތޯއެވެ. ކިހާބޮޑު ބަރަކާތެއްތޯއެވެ. ތިޔައީ، އަޅުގަނޑުގެ ލޮލަށް ލިބުނު ފިނިކަމެކެވެ.” އޭނާ އެހެން ދެންނެވީ އިތުރު ސާހިބާ صلّى اللّـه عليه وسلّم  އޭނާގެ އަންހެން ދަރިކަނބަލުންނާ ކާވެނި ބައްލަވައިގަންނަވަނީ ކަމަށް ހީފުޅު ކުރައްވައެވެ. އެކަން ކައުސާހިބާ އަށް ވިސްނިވަޑައިގެން ޙަދީޘު ކުރެއްވިއެވެ. “އަޅުގަނޑު ކަލޭގެފާނުގެ ދަރިކަނބަލުންނާ ކާވެނި ކުރާކަށްނޫނެވެ. އޭނާ ދެންނެވިއެވެ. ދެން ކާކުތޯއެވެ. ޙަދީޘު ކުރެއްވިއެވެ. ” جُلَيْبِيب އަށެވެ.”

ކައުސާހިބާ صلّى اللّـه عليه وسلّم  ގެ ދޫފުޅުން جُلَيْبِيب ގެ ނަންފުޅު ބޭރުވާއިރަށް އަންޞާރިއްޔަ ޞަޙާބީ މާޔޫސްވެއްޖެއެވެ. މޫނުފުޅުމަތީ ހުރި އުފާވެރިކަން މިލައި މޯޅިވެއްޖެއެވެ. އޭނާގެ ލޮލުގެ ނޫރުކަމުގައިވާ ދަރިކަނބަލުން ނުކުޅެދުންތެރިކަން ހުންނަ މީހަކާ ކާވެނިކޮށްދޭން ބޭނުންނުވާތީއެވެ. އެކަމުގައި ކައުސާހިބާއަށް ޖަވާބެއް އެރުވޭނީ އޭނާގެ އަނބިކަނބަލުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމުގައި އޭނާ ވިދާޅުވެ، އޭނާގެ އަނބިކަނބަލުންނަށް އެ ޚަބަރު ދެއްވައިފިއެވެ. އެކަމަނާ ވިދާޅުވިއެވެ. “މާތްކަލާނގެ ގަންދެމެވެ. އަހަރެންގެ ދަރިފުޅު ދުވަހަކުވެސް جُلَيْبِيب އަކާ ނުދެވާނަމެވެ.”

މިދެބޭކަނބަލުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް ދަރިކަނބަލުން ފަރުދާގެ އަނެއްފަރާތުގައި ހުންނަވައިގެން އަޑުއައްސަވަމުން ގެންދެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. “އަޅުގަނޑުގެ ކާވެނިކޮށްދެއްވާށޭ ވިދާޅުވީ ކާކުތޯއެވެ؟” ކައުސާހިބާ صلّى اللّـه عليه وسلّم  އަންހެންކުއްޖާގެ ކާވެނިފުޅު جُلَيْبِيب އާ ކޮށްދެއްވަން ބޭނުންފުޅުވެގެން އެދިވަޑައިގެންނެވި ވާހަކަ މަންމާފުޅު ވިދާޅުވިއެވެ.

ކައުސާހިބާ އެ އަންހެން ކުއްޖާގެ ކާވެނިފުޅު ޖުލައިބީބަށް ކޮށްދެއްވަން ޤަޞްދުކުރައްވާކަން އެނގިވަޑައިގެން އަދި އެކާވެނިފުޅާ އެ އަންހެން ކުއްޖާގެ ބެލެނިވެރިން ނުޤަބޫލުވެ ނުރުހުން ފާޅުކުރައްވާކަން އެނގިވަޑައިގެންނެވުމުން ހިތާމަކުރައްވައި އޭނާ ބުންޏެވެ.

“މަންމާފުޅާއި ބައްޕާފުޅު މާތް ﷲ ގެ ރަސޫލާގެ އެދިވަޑައިގެންނެވުމާއި ދެކޮޅު ހައްދަވަނީތޯއެވެ؟ އަޅުގަނޑު އެކަލޭގެފާނުގެ އަރިހަށް ފޮނުވާށެވެ. އެކަލޭގެފާނު އަޅުގަނޑަށް ދެރައެއްލިބޭ ކަމެއް ނުކުރައްވާނެއެވެ.”

ދެން، އެ އަންހެންކުއްޖާ ކައުސާހިބާގެ އަރިހަށް ވަޑައިގެންނެވިއެވެ. އިތުރު ސާހިބާ އެ އަންހެން ކުއްޖާގެ ކާވެނިފުޅު جُلَيْبِيب رضى اللّـه عنه، އާކޮށްދެއްވިއެވެ.

ޝަހީދުވުން

ކައުސާހިބާ ބައިވެރިވެވަޑައިގެން ޣަޒުވާއެއްގައި جُلَيْبِيب رضى اللّـه عنه، ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ހަނގުރާމައިގައި ނުހަނު ހިތްވަރުފުޅާއި ފަންވަރުފުޅާއެކު ހަނގުރާމަކުރެއްވިއެވެ. ނުހަނު ފިރިހެންވަންތަ ކަމާއެކު މުޝްރިކުންނާ ހަނގުރާމަކުރައްވައި،  މުޝްރިކުންގެ ސަފުތައް ހާވިޔާ ކުރައްވަމުން ކަނޑިކޮޅުގެ ވިދުވަރު ކަނޑުއްވަމުން ވަޑައިގެންނެވިއެވެ. މާތް اللّـه سبحانه وتعالى ގެ ވާގިފުޅާއެކު ހަނގުރާމައިގައި ނަޞްރާއި ކާމިޔާބު ލިބުނީ މުސްލިމުންނަށެވެ.

ހަނގުރާމަ ނިމުމުން، އިތުރު ސާހިބާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އަޞްހާބުންނާ މުޚާތަބު ކުރައްވައި ޙަދީޘުކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން ޝަހީދުވެގެން ދިޔައީ ކޮންބައެއް ހެއްޔެވެ؟” އަޞްޙާބު ބޭކަލުން އެބޭކަލުންގެ ތިމާގެފުޅު ބޭކަލުންގެ ތެރެއިން ޝަހީދުވި ބޭކަލުންގެ ނަންތައް ވިދާޅުވެދެއްވަމުން ގެންދެވިއެވެ. އިތުރު ސާހިބާ އެ ސުވާލު ތަކުރާރުކުރައްވަމުން ވަޑައިގެންނެވިއެވެ. އަޞްޙާބުބޭކަލުންވެސް އެބޭކަލުންގެ ތިމާގެފުޅު ބޭކަލުންގެ ތެރެއިން ޝަހީދުވި ބޭކަލުންގެ މައުލޫމާތު ކައުސާހިބާއަށް ދެއްވަމުން ގެންދެވިއެވެ. ބައެއް ބޭކަލުން އެބޭކަލުންގެ އާޢިލާގެ ބޭފުޅުންގެ ތެރެއިން އެއްވެސް ބޭކަލަކު ޝަހީދުނުވާ ކަމުގައި ދެންނެވިއެވެ.

އެއަޑު އައްސަވައި އިތުރު ސާހިބާ صلّى اللّـه عليه وسلّم  ޙަދީޘު ކުރެއްވިއެވެ. “އެކަމަކު އަހަރެންނަށް جُلَيْبِيب ގެއްލިއްޖެއެވެ. އޭނާގެ އެއްވެސް ޚަބަރެއްވޭތޯ ހަނގުރާމައިގެ މައިދާން ބަލާފަ އަންނަން ދާށެވެ.” އަޞްޙާބުބޭކަލުންގެ ޖަމާޢަތެއްވަޑައިގެން ހަނގުރާމައިގެ މައިދާން ބައްލަވަނިކޮށް جُلَيْبِيب رضى اللّـه عنه، ގެ ހަށިކޮޅުފެނިވަޑައިގެންފިއެވެ. ޝަހީދުވެފައިވައި ވަނިކޮށެވެ. އެކަލޭގެފާނުގެ ވަށަވަށައިގެން ޤަތުލުވެފައިވާ ހަތް މުޝްރިކުން އޮތެވެ. އެއީ އެކަލޭގެފާނު ޝަހީދުވުމުގެ ކުރީން ޤަތުލުކުރައްވާފައިވާ ހަތް މީހުންނެވެ.

އެ ޚަބަރު އިތުރު ސާހިބާގެ ކަންފަތްޕުޅާ ހަމައަށް ފޯރުމުން ވަރަށް ހިތާމަފުޅު ކުރައްވައި، އެކަލޭގެފާނު ޝަހީދުވެފައިވާ ތަނަށް ވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނުގެ ބަރަކާތްތެރި ލޯފުޅުން ކަރުނަފޮދު އޮހޮރި އޮހޮރި ހުއްޓެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ.

“ހަތް މުޝްރިކުން ޤަތުލުކޮށް ޝަހީދުވެވަޑައިގެންނެވީ ހެއްޔެވެ؟ ހަމަކަށަވަރުން މީނާ ވަނީ އަހަރެންގެ ކިބައިންނެވެ. އަހަރެންވަނީ މީނާގެ ކިބައިންނެވެ.” މިހެން ޙަދީޘު ކުރައްވައި އެނބުރިވަޑައިގެން ހިނިވަރުނަ ކުރައްވައިފިއެވެ. އަޞްޙާބުބޭކަލުން ވީކީއްތޯ ސުވާލު ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ.

“އަހަރެން ރުއީ އަހަރެންގެ އަޚް جُلَيْبِيب ގެ މައްޗަށް އަހަރެންވާ ގަދަ ލޯބީގެ ބޮޑުކަމުންނެވެ. އަހަރެން އުފާވީ އޭނާ ސުވަރުގޭގައި ވަޑައިގެންވަނިކޮށް ފެނުމުންނެވެ. އަހަރެން، އޭނާގެ ފަރާތުން އެނބުރުނީ އޭނާގެ އަރިހަށް ހޫރުލްޢީނުންތައް ދުވެވަޑައިގެންފައި ވަޑައިގަންނަވާތަން ފެނުމުންނެވެ. އެކަނބަލުން ވަޑައިގަންނަވާލެއް ބާރުކަމުން އެކަނބަލުންގެ ފުންނާބުތައްވެސް ވަނީ ކަޝްފުވެފައެވެ.”

ދެން ކައުސާހިބާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ ދެ އަތްޕުޅުން جُلَيْبِيب رضى اللّـه عنه، ގެ ހަށިކޮޅުންނަގަވައި އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން އެކަލޭގެފާނު ފަސްދާނުވެޑުވިއެވެ.

އިސްލާމްދީނުގެ ނަބިއްޔާގެ މި ޢަމަލުފުޅުން ނުކުޅެދުންތެރިކަން ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް މުޖުތަމައިން ބާކީ ނުކޮށް އެބައިމީހުންގެ ޙައްޤުތަކުގައި ވަކާލާތުކުރުމުގެ މުހިއްމުކަން ހާމަވެގެންދިޔައެވެ. މީހެއްގެ ބޭރުފުށުން ފެންނަށް ހުންނަ އައިބުތަކަކީ އިންސާނީ ޙައްޤުތަކުން މަހްރޫމުވާންޖެހޭ ކަމެއްނޫންކަން ދޭހަވެގެން ދިޔައެވެ. އިސްލާމްދީނުގައި އިންސާނުން މިނެދޭ ނާޅިއަކީ ތަޤްވާގެ ނާޅިކަން މި ޞަޙާބީގެ ޙަޔާތްޕުޅުން ހާމަވެގެން ގޮސްފިއެވެ.

 

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ބުނާށޭ ލޯބި ނުވަނީހޭ….4

Next

ހިތި ހަނދާން

Next
February 11, 2019

ހިތި ހަނދާން

Previews
February 11, 2019

ބުނާށޭ ލޯބި ނުވަނީހޭ….4

9 Comments!

  1. INAA says:
    February 11, 2019 at 8:38 pm

    Vvvv reethi… unmeedhu kuran mikahala ehn vaahaka eh adhivx genesdheyne kamah..

  2. Kitty says:
    February 11, 2019 at 9:29 pm

    Varah reethi iburatheh libey liyumeh mee.. I hope that u will write more and more stories like this.. Adhives ehfaharu masha allah

  3. ismail ali kaleyfaanu says:
    February 11, 2019 at 11:11 pm

    ihsaan ge masahkathugai ﷲ barakath lavvashieve.

    1. Kitty says:
      February 14, 2019 at 8:24 am

      Aameen

  4. Lotus says:
    February 12, 2019 at 7:23 am

    Masha Allah.. keep up the good work

    1. Lotus says:
      February 12, 2019 at 7:25 am

      I have another request.. if possible can u pls write abt the Hooruleens of paradise

  5. Kitty says:
    February 14, 2019 at 8:13 am

    Masha allah varah reethi iburaitheri adhi dheeny vaahakaeh.. Isse bunifadhain maai allah ihsaange massahkathugai barakaai lavvaashi Aameen

  6. Ali Ihsaan says:
    February 15, 2019 at 1:03 am

    THANK YOU ALL

  7. jamna says:
    February 26, 2019 at 12:35 pm

    Maa Shaa Allah. v reethi, iburaiytheri vaahka eh

Comments are closed.



All Right Reserved!