ވަކިކުރުވި ފާޞްލާ
ހޫނުގަދަ ދުވަސްތަކެކެވެ. މޫސުން ހަރުޖެހިފަ އެވެ. ނަމަވެސް އެއް ދުވަސް އަތުވެއްޖެ އެވެ. ތަފާފު އަލިކަމެއް ފަތުރުއްވާފަ އެވެ. ހުދު އައްޔެކެވެ. ހަނދާައި އިރު އެކުވެ އުފެއްދުވި އީޖާދުވެރިކަމެކެވެ. ހަމަ މިއާއެކު ވައިގަނޑުތައް ނުކުމެއްޖައޫ އެވެ. ރުއްގަސްތައް ހެލިގަނތްފި އެވެ. މީސްތަކުންގެ ހަށިތައް ނިވާކުރަމުން ދިޔަ ފޭރާންތައް ނަށު ގަންނުވާ ގުނަންތައް އޮރިޔާން ކުރުވައިފި އެވެ. ހަރަކާތްތަކަށް ހަކަތަވެރިކަމެއް ލިބެއްޖައޫ އެވެ. އަދި ފުރާނަތައް ހާސްކުރުވައިފި އެވެ.
އެއީ ފާލަމެވެ. މާ ދުރު ބަޔެކެވެ. ތުންފަތްތަކުން އިވޭ ޚަބަރުތަކެކެވެ. ދޯންޏެއް ފަޅަށް އެރީ އެވެ. މީހަކު ހަމަހޭނެތް ކުރުވީ އެވެ. އެ ގެނުވި ވަރުގަދަ ތޫފާނަކީ އެވެ. ނަމަވެސް އަހަރެންގެ މޫނުމަތީގަަިވީ ޖޯޝުވެރިކަމެކެވެ. ތަފުތީޝްކުރުމުގެ ރޫޙުވެރިކަމެކެވެ. ޒަމާނެއް ވެއަތުވެ ދިޔަ ފަދަ އެވެ. ހިތް މުޅިން ޤަތަލުވެ ފަޅުވަންތަކަމެއްގަ އެވެ. އޮޔާބެހި ކުނިތަކެއްގެ ތެރޭ ލެއްގިފަ އެވެ.
ގާދޮށަށް އެ ވެއްޓުނު ކެވެލިކޮޅު ލޮލަށް ފޭދުނެވެ. ފަައިން ވެލިގަނޑު ކަހަން ފެށީމެވެ. އަނހާ. އެއޮއް ފެނުނީ އެވެ. އެ ހުރީ އަހުރެންގެ އެކުވެރިޔާ އެވެ. މަރުޙަބާ ވެދުން ކުރާނީ ކިހިނަކުން ބާވައެވެ. ކެވެލިކޮޅު ފަދައިން މަޢުނަވީ އެއް ނުކުރެވުނެވެ. ހަމައެކަނި ބަދަލުކޮށްލެވުނީ ހިނިތުންވުމެކެވެ.
‘ވަރަށް ދުވަސްކޮށްފަ ދޯ މި ބައްދަލުވެވުނީ..’ ހަތަރުކަޅި ހަމަވުމެކެވެ. ‘ކިހިނެއްތަ ހުރިހާކަމެއް?’
‘އަލަޙަމްދުލިﷲ, ހަމަ އޯކޭ.” ވެލިގަނޑު ކޮންނަމުން ނާސަމާލުވެރިކޮށް ރައްދުދިނީމެވެ. ކުރިން އޮތީ ރައްޓެހި ކަމެކެވެ. ނަމަވެސް މިއަދު ދެއްކުނީ ތަފާތުކުރުމެކެވެ.
‘ކިހިނެއްތަ އެނގުނީ އަހަރެން މިތާގަކަން?’ ވާހަކަ އެއް ފެށުމަށް އަހަންނަށް އަހާލެވުނެވެ.
‘ފެރީ އިން ފެއިބި ގޮތަށް ދިޔާގެ ގެ އަށް ވަތުމުން ދިޔާގެ މަންމަ ބުނީ ގޮނޑުދޮށުގަ ކަންނޭނެގެއޭ ވާނީ,’ ކުޑަ މަޑުޖެހިލުމެއް ސަލަމާގެ މޫނުމަތިން ފާޅުވި އެވެ.
‘އަހަރެން އަސްލު ހައިރާންވެފަ މި ހުރީ ދިޔާގެ މަންމަ އަހަރެން ފެނުނު ފެނުމަށް އެއްވެސް ކަހަލަ އިޖާބަވެރިކަމެއް ނުދިނުމުން.’ އަޑުގަައިވީ އަސަރީވަންތަ ކަމެކެވެ. އަދި އަހަންނަށް އޭނާގެ ވާހަަކަދެއްކުންތައް ރަޖިސްޓަރީ އެއް ނުކުރެވުނެވެ.
‘ކޮންކަމަކާ ހައިރާންވާވީ. މިހާރު މިވީ ތިން އަހަރު. ފޯނަކުން ވެސް ނޫނީ އެހެން ގޮތަކުންވެސް މުޢާމަލާތެއް ހިނގާފަ އެއް ނޯންނާނެ.’ އަހަންނަށް ދިފާއުވެރިވެވުނެވެ. މާޒީގެ ޢައިބުތައް ފޮރުވުމަށް ސަލަމާ މަސައްކަތްކުރަމުން ދިޔަތީ އެވެ. ނަމަވެސް ފަސްއެނބުރި ގެއްލިއްޖެ އެވެ.
…………..
އެއީ އަހަރުމެން އެކުގައި ކިޔަވަމުން ދިޔަ ދުވަސްވަރެވެ. ހަވީރުވެއްޖެނަމަ އަތިރިމަތިތަކުގައި ކުޅެނެގުމުގަ އެވެ. ފަސްހަވަރަކަށް ކުދިން އެކުވެއެވެ. ގުރޭޑު ހައެކެވެ. އަހަރުމެން ގޭތެރެތަކުގައި ވެސް ކުޅެ އުޅުނީމުއެވެ. މަންމަ ބައެއްކަހަލަ ކެއުމުގެ އެއްޗެތި ހަދާ އެކުވެރިންނަށް ވެސް ދީ ހެދޫ އެވެ. އެންމެންގެ ލޯތައް ބޮޑުވެދެއެވެ. އެއީ މައުސޫމީ ދުވަސްތަކެވެ.
ނަމަވެސް އެ އެކުވެރިކަން ކެނޑިގެން ދިޔަގޮތް ދަންނަމުތޯއެވެ. މަޖާވެރިކަން ވިހަ ވެގެންނެވެ. ކުއްޖެއްގެ ދަބަހެއްގެ ތެރެއަށް ސިޓީއުރައެއް ވެއްދިގެންނެވެ. ސިޓީ އެތެރޭގައި ލިޔެވިފައި ހުރި ވާހަކަތަކަކީތޯ އެވެ. ޣީބަ އެވެ. ޖައްސާލުމުގެ ގޮތުން ދޮގު ވާހަކަ ހެދުމެވެ. މަލާމާތުގެ ރާގު އިސްކުރުމެވެ. އެވެނި މިވެނި ކުއްޖަކާ ހިތާވެގެން އުޅެނީކަމަށް ބުނެ ލަދުގެންނުވި އެވެ. ޓެސްޓުގައި ކޮޕީކުރި މަންޒަރެއް ފެނުނު ކަމުގެ ވާހަކައެވެ. ނޫނީ ލައިއުޅުނު ފޭރާމަކަށް ހަޖޫކިޔުމެވެ. ގަނާތަކެވެ.
މިހުރީ ކޮންފަދަ ޣާފިލުކަމެއްގައިތޯ އެވެ. ނަފުސުތައް ޝައިޠާނީވެ ސިކުނޑިތައް ޚަސާރާވެވިފަ އެވެ. މަސްއޫލިއްޔަތުތަކުގައި ބެލެނިވެރިންނަށް ނަޡަރުއަންދާޒް ކުރެވިފަ އެވެ. ހަމަމަގު ދައްކުވައިދިނުމަަށް އަދު ދެން ތިބީ ކޮންބަޔެއްބާވައެވެ. ހިއްސުތައް ވީ ނިދާފައެވެ. ހޭވެރިކަން ގެނުވި އިރު, މައްސަލަގައި ހުޅުހިފަާފަ އެވެ.
ގުޅުންތައް ކެނޑި ވެލިދަށުވެއްޖެ އެވެ. ދައުރުވަމުންދިޔަ އަހަރުތަކާ އެކު ކުދިންގެ މަޙަލްތައް ވެސް ބަދަލުވެއްޖެ އެވެ. ދެން އެއާއެކު ކުދިންގެ ސަހުޝިއްޔަތުތަކެވެ. ފަހަރުގައި އެ ގުޅުންތައް ކެނޑުމުގެ އަސްލު މެދުވެރިވީ ރަނގަޅަކަށެވެ. އެހެނީ, ކަމެއް ދަސްވެގަތުން ގިނަފަހަރު ގުޅިފައި އޮންނަނީ އެ ފަދަ ހައިޖާނުގަނޑަކާ އެވެ. އެކުވެރިންގެ މެދުގައި އޮވެވެން ޖެހޭ ޙުދޫދުތައް ދެނެގަތުމެވެ. އެކުވެރިންގެ ބާވަތްތަކަށް ބަލަައި އެ އެކުވެރިކަމުގެ ގުޅުމެއްގައި ބޭއްވެންޖެހޭ ސިފަތަކެވެ. ޢަމަލުތަކުގައި މަޒުހަބު ހިފެހެއްޓުމެވެ.
ހިތާމައަކީ މިއަދު މާ ފަސްވެފައިވާ ކަމެވެ. ހިޖުރާތަކުގެ ފެށުންތައް ހިތްތައް އަނދިރިކުރުވައިފި އެވެ. ރޫޙުތައް ދުރުކުރުވީ ކެނޑުނު އެކުވެރިކަމުގެ ގުޅުމެއް ނޫނެވެ. އެ އެކުވެރިކަން ޞުލުޙަކުރުމަށް ނުލިބުނު ތަންވަޅުތަކެވެ. ފާޞްލާ އެވެ.
(ނިމުނީ)
2 Comments!
Comments are closed.


Varah reethi
v salhi?keep going dear