Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަދީނީ

އައްޔޫބު ޢަލައިހިއްސަލާމްގެ ކެތްތެރިކަން

Ali Ihsaan Level 210 Stories100 Login
January 31, 2019 4 Mins Read
3 Comments

އައްޔޫބު ޢަލައިހިއްސަލާމްއަކީ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ނަބީބޭކަލެކެވެ. މާތް الله سبحانه وتعالى، أيّوب عليه السّلام އަށް ވަނީ މިބިންމަތީގެ ހުރިހާ ނިޢުމަތެއްދެއްވާފައެވެ. މުދަލާއި ދަރީންދެއްވާފައެވެ. ޝާމްކަރައިގެ އުސްވާދީތަކާއި، ބާދިޔާތަކާއި ބިންތަކުގައިވާ ހުރިހާ ރޯދިބަރަކާތްތަކެވެ. އެކަލޭގެފާނުގެ މިލްކުވެރިކަމުގެ ދަށުގައި ގެރިބަކަރި ޖަމަލާއި ޙިމާރާއި މިނޫވެސް ފެހާމާނު މުދާ ހުރީ އެޒަމާނުގެ އެއްވެސް އިންސާނަކަށް ދެއްވާފައިނުވާ މިންވަރަށެވެ.

މިދެންނެވި ފަދަ ގިނަގުނަ ނިޢުމަތްތައް މީހަކަށް ލިބިއްޖެނަމަ ވަރަށް އަވަހަށް އޭނާ، އޭނާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ މަތިން ހަނދުމަނެތި ކުރެއެވެ. ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި އެނިޢުމަތްތަކަށް ކުފުރުވެސްވެއެވެ. ނަމަވެސް، އައްޔޫބު ޢަލައިހިއްސަލާމްއަށް ސުމާރެއްނެތްހާގިނަ މުދާދެއްވުމުންވެސް އެކަލޭގެފާނު އެކަމަކަށް ބޮޑާވެވަޑައިގެން ފަޚްރުވެރިވެވަޑައިގެން ނޫޅުއްވައެވެ. މުދާ ހުސްވެދާނެތީ މުށްބާރު ކުރައްވައިގެން ނުހުންނަވައެވެ.  އެކަލޭގެފާނުގެ އަރިހަށް މީހަކު ސަލާންޖަހަން އަތުވެއްޖެނަ އެކަލޭގެފާނުގެ ދީލަތިފުޅުކަމުގެ ސަބަބުން އެމީހެއްގެ ހިތްފުރާލަދެއްވައެވެ. ނަތީޖާއެއްގެ ގޮތުން މާތް ﷲ އެކަލޭގެފާނުގެ މުދާތައް އެތަށް ގުނައަކަށް އިތުރުކޮށްދެއްވަމުން ގެންދަވައެވެ.

ތަފްސީރު ފޮތްތަކުގައި މުފައްސިރުން ލިޔުއްވާފައިވެއެވެ. މަލާއިކަތުންގެ ޖަމާޢަތެއްގެ ބޭކަލުން މާތް الله سبحانه وتعالى، ގެ މަޚްލޫޤުންނާއި މެދު  މަޝްވަރާ ކުރެއްވިއެވެ. ނުކިޔަމަންތެރި އަޅުން ﷲ ގެ ރުހިވޮޑިނުގަތުން ހޯދަމުންގެންދާއިރު، ﷲ އަށް ކިޔަމަންތެރި އަޅުން އެއިލާހުގެ ރުއްސެވުމާއި ފުއްސެވުން ހޯއްދަވަމުން ގެންދަނީއެވެ.

އެތަނުން އެއް މަލާއިކަތަކު ވިދާޅުވިއެވެ. މިއަދު ދުނިޔޭގައިވާ އެންމެ ރަނގަޅު މަޚްލޫޤަކީ أيّوب عليه السّلامއެވެ. އެކަލޭގެފާނަކީ މާތް الله سبحانه وتعالى، ހަނދުމަކޮށް ޒިކުރު ކުރައްވާ ބޭކަލެކެވެ. މުޞީބާތްތަކަށް ކެތްތެރިވެވަޑައިގަންނަވާ ޚުލުޤުފުޅު ހެޔޮ ބޭކަލެކެވެ. މީސްތަކުންނަށްވާ ދިރިހުރި މިސާލެކެވެ. އޭގެ ބަދަލުގައި އެކަލޭގެފަނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް އެތައް ޚާދިމުންނެއްދެއްވިއެވެ. އެކަލޭގެފާނުގެ އުމުރުގައި ބަރަކާތްލެއްވިއެވެ. އެހެންކަމުން އެކަލޭގެފާނުގެ ތަނަވަސްކަން، ފަޤީރުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ޙިއްޞާކުރައްވައެވެ. އެކަލޭގެފާނު، ނިކަމެތިންނަށް ކާންބޯންދީ އަނައުނުދެއްވައެވެ. އަޅުންބައްލަވައިގަންނަވައި މިނިވަން ކުރައްވައެވެ.

ޝައިޠާނާ މިހުރިހާ  ވާހަކަތައް  އަޑު އެހުމަށްފަހު ވަރަށް ހިތުގައިޖެހި، ރުޅިއަތުވެއްޖެއެވެ. އޭނާގެ ޙަސަދަވެރިކަން އިތުރުވެގެން ދިޔައެވެ. أيّوب عليه السّلام މަގުފުރައްދާލެވޭތޯ އޭނާގެ ކެހިވެރި ކުޅިގަނޑުރާވާލިއެވެ. ޝައިޠާނާ މާތް الله سبحانه وتعالى، ގެ ހަޟުރަތުގައި، أيّوب عليه السّلام ގެ ޝަކުވާ ދެންނެވިއެވެ. އެކަލޭގެ ބުންޏެވެ. ” أيّوب عليه السّلام އަބަދާއިއަބަދު ﷲ އަށް ތަސްބީޙަ ކިޔަނީ އެއްވެސް ހާލެއްގައި އެކަލޭގެފާނުގެ އިޚްލާސްތެރިކަމަކުން ނޫނެވެ. ދެއްކުންތެރިކަމުގެ ގޮތުންނެވެ. އެކަލޭގެފާނުގެ މުދާތައް އުނިކުރައްވަފާނެތީ އިބަރަސްކަލާނގެ ރުއްސެވުމަށްޓަކައެވެ. އެހުރީ އެކަލޭގެފާނުގެ ދަހިވެތިކަން ހުރި މިންވަރެވެ. އިބަ އިލާހު އެކަލޭގެފާނުގެ މުދާ ހިތްޕަވައިފިނަމަ އެކަލޭގެފާނުގެ ދޫފުޅުން އިބަރަސްކަލާނގެ ނަންފުޅުވެސް ނުގަންނާނެތެވެ. އަޅުކަން ކުރުން ހުއްޓާލައްވާނެއެވެ.”

ދެން މާތް الله سبحانه وتعالى، ޝައިޠާނާއަށް އެންގެވިއެވެ. ” أيّوب عليه السّلام އަކީ ތިމަން އިލާހުގެ އެންމެ އިޚްލާސްތެރި އަޅުތަކުންގެ ތެރެއިން އަޅެކެވެ. އެކަލެގެފާނު އަޅުކަންކުރަނީ އިޚްލާސްތެރިކަމާއެކު ނުހަނު ސާފު ޠާހިރު ހިތްޕުޅަކުންނެވެ. ތިމަން ﷲ ގެ ޙަޟުރަތުން ބަދަލެއްލިބިވަޑައިގެންނެވުމުގެ ބޭނުންފުޅެއްގައެއް ނޫނެވެ”.

މާތް الله سبحانه وتعالى، އިރާދަކުރެއްވީ ޝައިޠާނާއާއި އިންސާނުންނަށް އައްޔޫބުގެފާނުގެ ޙަޔާތްޕުޅުން މިސާލުޖެއްސެވުމަށެވެ. أيّوب عليه السّلام ގެ އިޚްލާސްތެރިކަމާއި ކެތްތެރިކަމުގެ ބޮޑުކަން ދެއްކެވުމަށެވެ. އެހެންކަމުން، މާތް الله سبحانه وتعالى ޝައިޠާނާއާއި އޭނާގެ ބައިވެރިންނަށް أيّوب عليه السّلام ގެ މުދަލަށް ބޭނުން ގޮތެއް ހެދުމުގެ އިޒުނަދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އައްޔޫބުގެފާނުގެ މުދާތަކަށް އެކިސިފަސިފައިގެ އާފާތްތައް މެދުވެރިވާން ފަށައިފިއެވެ. ދަނޑިބިންތައް ހިކި އަނަރޫފަވާންފަށައިފިއެވެ. ނަޢަމުސޫފިތައް މަރުވެ ނެތެންފަށައިފިއެވެ. ދަރިދަރިކައުކަނބަލުން އަވަހާރަވާންފަށައިފިއެވެ.

އެންމެފަހުން އެކަލޭގެފާނަށް ވަރަށް ސުންޕާ އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. އައްޔޫބުގެފާނުގެ މާލީ ޙާލަތު ދަށައްދާން ފެށުމުންނާއި ޖެހިވަޑައިގެންނެވި އާލާސްކަންފުޅުގެ ސަބަބުން އެކަލޭގެފާނުގެ ޚާދިމުންނާއި ނޯކަރު އެކަލޭގެފާނު ދޫކޮށްލައްވައިފިއެވެ. އަނބިއަނބިކަނބަލުންތައްވެސް އެކަލޭގެފާނުގެ އަރިހުން ވަރިވެވަޑައިގެން ވަޑައިގެންފިއެވެ. އެންމެ އަނބިކަނބަލަކު ފިޔަވައެވެ. ޚާދިމަކަށްވެސް ނޯކަރަކަށްވެސް އެކުވެރި ރަޙްމަތތެރިއަކަށްވެސް ހުންނެވީ ހަމަ އެކަމަނާއެވެ.

އައްޔޫބުގެފާނަށް ކިތަންމެ ބިޔަދޮވި ޙާލުކޮޅެއް ޖެހިވަޑައިގެންނެވި ކަމުގައިވިނަމަވެސް އެކަލޭގެފާނު އެކަންތައްތަކަށް ކުރިމަތިލައްވަމުން ގެންދެވީ ނުހަނު ސާބިތުކަންމަތީގައެވެ. ނިތްކުރިއަށް ރުލެއްވެސް އަރުއްވާލެއްވުމެއްނެތި ނުހަނު ތަނަވަސް ހިތްޕުޅަކާއެކުގައެވެ. ދުވަހަކުވެސް އެކަލޭގެފާނުގެ ދޫފުޅަކުން ޝަކުވާގެ އެންމެ ލަފްޒެއްވެސް ބޭރެއް ނުކުރައްވައެވެ.

ޒަމާނުގެ ބުރު އޭގެ އެންމެ ބާރުމިނުގައި އެނބުރެމުން ދިޔަ ދިޔަހެން އައްޔޫބުގެފާނުގެ ހަށިކޮޅުގައި އުފެދިފައިވާ އާލާސްކަންފުޅުވެސް ދިޔައީ ބޮޑުވަމުންނެވެ. ވޭންތައް އިތުރުވަމުންނެވެ. ހަށިކޮޅުގެ ވަރުފުޅުދެރަ ކުރަމުންނެވެ. ނަމަވެސް އެކަލޭގެފާނުގެ އެންމެ ބޮޑު އުފާފުޅެއްކަމުގައި ހައްދަވާފައިވަނީ ތަސްބީޙާއި، ތަޙްމީދާއި ، ތަކްބީރު ވިދާޅުވެ މާތް ﷲ އަށް އަޅުކަން ކުރެއްވުމެވެ. އެކަލާނގެ ހަނދުމަކުރައްވައި ޒިކުރުކުރެއްވުމެވެ.

އައްޔޫބުގެފާނުގެ ނިކަމެތި ޙާލުކޮޅު ފެނިވަޑައިގެން އެންމެ ބޮޑު ހިތާމަފުޅެއް ބަރުދާސްތުކުރައްވަމުން ގެންދެވީ އެކަލޭގެފާނުގެ އަނބިކަނބަލުންނެވެ. ބައެއްފަހަރު އެކަމަނާ އެކަލޭގެފާނުގެ އަރިހުގައި ދަންނަވައެވެ.

“އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މުޞީބާތް ކަލޭގެފާނު ކިހާ ދުވަހަކު ތަހައްމަލު ކުރައްވާނަންތޯ އެވެ؟ މުދަލާއި، ދަރިނާއީ، ރަޙްމަތެރީންގެ ބަޔަކު ނެތި މުޅި ޢުމުރަށް މިހެން ތިބެންވީތޯއެވެ؟ މި މުޞީބާތުން ދިންނަވާތޯ، މާތް الله سبحانه وتعالى ގެ ހަޟުރަތުގައި ނުދަންނަވަނީ ކީއްވެގެންތޯއެވެ؟”

أيّوب عليه السّلام  ވިދާޅުވިއެވެ. ” ހަމަކަށަވަރުން ޝައިޠާނާ ކަނބުލޭގެއަށް ވަސްވާސްދީ ހިތްނުތަނަވަސް  ކުރުވީއެވެ. ރަނގަޅު ޞިއްހަތާއި މުއްސަނދިކަމުގައި އަހަރެން ކިހާ ދުވަހަކު އުޅުނީމު ހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. “އައްޑިހަ އަހަރެވެ”. ދެން أيّوب عليه السّلام  ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު މި ވޭނުގައި އުޅުއްވާތާވީ ކިހާދުވަހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. “އެންމެ ހަތް އަހަރު ދުވަހުއެވެ.”

أيّوب عليه السّلام ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް މި މުޞީބާތުން ސަލާމްތްކުރެއްވުން އެދި ދުޢާކުރައްވަން ތިމަން ކަލޭގެފާނު ލަދުފުޅުގަނެއެވެ. އެއީ ތިމަން ކަލޭގެފާނު ރަނގަޅު ޞިއްޙަތާއި ނިޢުމަތުގައި ހޭދަކުރެއްވި ވަރާގާތަށްވެސް މިވޭނުގައި ހޭދަކުރެވިފައިނުވާތީއެވެ. ”

أيّوب عليه السّلام  އެބަލީގައި އުޅުއްވީ ކިހާ ދުވަހަކު ކަމާއިމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފެއްވެއެވެ. ވަހުބު ބިން މުނައްބިހު ވިދާޅުވާ ގޮތުން އެކަލޭގެފާނުގެ އިމްތިޙާނުގެ މުއްދަތަކީ ބަރާބަރު 3 އަހަރެވެ. أنس بن مالك رضى اللّـه عنــه  ވިދާޅުވަނީ أيّوب عليه السّلام  ހަތްއަހަރާއި އެތަށް ދުވަހެއްވަންދެން އާލާސްކަންފުޅާ އުޅުއްވިކަމަށެވެ. ޙުމައިދު ވިދާޅުވަނީ އެކަލޭގެފާނު 18 އަހަރު އާލާސްކަންފުޅާ އުޅުއްވިކަމުގައެވެ.

أيّوب عليه السّلام  އާލާސްކަންފުޅާ އުޅުއްވި ދުވަސްވަރުގެ ތަފްސީލެއް ކީރިތި ޤުރުޢާނުގެ ނެތްކަމުގައިވިޔަސް އެކަލޭގެފާނުގެ އާލާސްކަންފުޅު ފަސޭހަވިގޮތުގެ ކުރު ތަފްސީލެއް މާތް ﷲ ބަޔާން ކުރައްވާފައިވެއެވެ. ކީރިތި ޤުރުޢާނުގެ سورة ص ގެ 41 ވަނަ އާޔަތުންފެށިގެން 43 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَاذْكُرْ عَبْدَنَا أَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ ﴿٤١﴾ ارْكُضْ بِرِجْلِكَ ۖهَـٰذَا مُغْتَسَلٌ بَارِدٌ وَشَرَابٌ ﴿٤٢﴾ وَوَهَبْنَا لَهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُولِي الْأَلْبَابِ﴿٤٣﴾

“ތިމަންރަސްކަލާނގެ އަޅު أيـّوب ގެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطان އާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ. (އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައްޔާއި، ބުއްދީގެ أهل ވެރިންނަށްވާ عبرة އަކާއި، نصيحة އެއް ކަމުގައެވެ.”

އަދި އަންބިޔާއު ސޫރަތުގެ 83 ވަނަ އާޔަތުންފެށިގެން އެ ސޫރަތުގެ 84 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ ﴿٨٣﴾ فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ ۖوَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَابِدِينَ﴿٨٤﴾

“އަދި أيوب ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި حال ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ންނާއި، އެ أهل ންނާއެކު ހަމަ އެފަދަ أهل ން ދެއްވީމެވެ. ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ.”

أيّوب عليه السّلام ކެތްތެރިކަމުގެ ނަތީޖާއަކީ މާތް اللّـه سبحانه وتعالى އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވުމެވެ. ޞާދު ސޫރަތުގެ 43 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَوَهَبْنَا لَهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُولِي الْأَلْبَابِ﴿٤٣﴾

“އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައްޔާއި، ބުއްދީގެ أهل ވެރިންނަށްވާ عبرة އަކާއި، نصيحة އެއް ކަމުގައެވެ.”

މުޖާޙިދު ވިދާޅުވެފައިވާކަމަށް إبن كثير ގެ ތަފްސީރުގައި ލިޔުއްވާފައިވެއެވެ. “ސަލާމްލެއްވި أيّوب عليه السّلام އަށް އެންގެވުނެވެ. އޭ أيّوب عليه السّلام އެވެ. ކަލޭގެފާނަށްޓަކައި ކަލޭގެފާނުގެ އާއިލާގެބޭފުޅުން ސުވަރުގޭގައިވެއެވެ. ނަމަވެސް ކަލޭގެފާނު އެދިވަޑައިގެންފިނަމަ އެބޭފުޅުން ދުނިޔޭގެހަޔާތަށް ގެނެސްދެއްވާނަމެވެ. ނުވަތަ ކަލޭގެފާނު އެބޭފުޅުންނާއި ބައްދަލުކުރައްވަންދެން ސުވަރުގޭގައި އެބެފުޅުން އުޅުމަށް ދޫކޮށްލާނަމެވެ. އަދި އެފަދަ އެހެންބަޔަކު ކަލޭގެފާނަށް ދުނިޔޭގައި ދެއްވާނަމެވެ. أيّوب عليه السّلام ވިދާޅުވިއެވެ. އެބައިމީހުން ސުވަރުގޭގައި އުޅުމަށް ދޫކޮށްލައްވާށެވެ. ދެން އެބޭފުޅުން ސުވަރުގޭގައި ވަޒަންވެރިވުމަށް ދޫކުރައްވާ އެފަދަ އެހެންބަޔަކު އެކަލޭގެފާނަށް ދުނިޔޭގެ ހަޔާތުގައި ދެއްވުނެވެ.”

ޙަވާލާ

  1. ސްޓޯރީސް އޮފް ޕްރޮފެޓް ރަޝާދު އަޙްމަދު އަޒަމީ ދާރުއްސަލާމް
  2. ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާ ރަޢީސް އޮފީސް
  3. ފަޖުރުތަރި ދިވެހިރާއްޖޭގެ އަޑު
  4. ކީރިތި ޤުރުޢާނުގެ ތަރުޖަމާއާއި ތަފްސީރު މަލިމްގޭ ހުސައިން ދީދީ
  5. ތަފްސީރު އިބްނު ކަޘީރު
  6. ތަފްޙީމުލް ޤުރްއާން

 

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ކަލާޔާ ނުލާ 7

Next

އެލީ

Next
January 31, 2019

އެލީ

Previews
January 30, 2019

ކަލާޔާ ނުލާ 7

3 Comments!

  1. Anonymous says:
    January 31, 2019 at 10:25 am

    Jazakallah Kahir
    A good Reminder

  2. Shaikko says:
    January 31, 2019 at 3:54 pm

    Masha Allah.

  3. juma says:
    March 7, 2019 at 8:10 pm

    masha allah

Comments are closed.



All Right Reserved!