ރަނގަޅުގޮތް ބުނެދިން ނަމަ ކިހާރަގަޅުވީސް ހެއްޔެވެ.
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
އަލިވިލިއްޖެއެވެ. ރީތިދުވަހަކަށެވެ. ދުވަސްކޮޅަކުން ކޮޅިގަޑުގެ އެއްވެސް އަސަރެއް ނުފެންނާނެއެވެ.ގެތަކަށް ލިބުނު ގެއްލުން މަރާމާތު ކުރާނެއެވެ. ނެތިގެންދިޔަ ގަސްގަހާގެހީގެ ބަދަލުގައި އާކުރިތައް ފަޅާނެއެވެ. މުޅިތަނަށް ފެތުރުނު ފަތްތަކާއި ކުނިތައް ނަގައި ރަށް ޒީނަތްތެރި ކުރާނެއެވެ.
އެތޫފާނީރޭ އަހަރެންގެ ހިތަށް ލިބުނު ކެކުޅުން ބޭރަށް ފެންނާކަށް ނެތެވެ. ވިއްސި ވިހާލިވެގެން ދިޔަ ދިރިއުޅުން އަނބުރާ އިޢާދަ ކުރެވިދާނެހެއްޔެވެ؟ ފަޒާ ގުގުމަމުން ދިޔައީ ބިރުވެރި ގުގުރިއާއި،ޖަހޭބާރުވައިގެ ސަބަބުން ގަސްގަހާގެހިން އުފެދޭ އަޑުންނެވެ. އަހަރެންގެ ކަންފަތް ގުގުމަމުންދިޔައީ ފިރިމީހާގެ ހަޅޭއްލެވުމުންނެވެ. އެއްވެސް ސަބަބެއްނެތް ހަޅޭކެކެވެ.
އެތޫފާނީރޭ އަހަރެން ހޭދަކުރީ ކުޑަދަރިފުޅު މަސަލަސްކުރުމުގައެވެ. އެފިނިރޭވެސް ދަރިފުޅުހީވަނީ އަނގުރު ފައްޗެއްހެންނެވެ. އެރޭގެ ބިރުވެރިކަމުންނާއި،ދަރިފުޅުގެ ހުންގަދަކަމުން އަހަރެން އިނީ ކޮޅަށެވެ. ފިރިމިހާ ދިޔަތަނެއްވެސް ނުއެގެއެވެ. ގޭގައި އެހެންމީހަކު ނޫޅެއެވެ.އެއީ ފިރިމީހާ އެދޭގޮތެވެ.އޭނާގެ ފަރާތުން އަހަރެންނަށް ލިބޭ އަނިޔާތައް ސިއްރުކުރެވޭނީ އެގޮތުގައި ކަމަށްވާތީއެވެ. ކެތްނުކުރެވިގެން އަގައިން ބަހެއްނުކުތްދުވަހު ލައިޓަރުންޖައްސާ އަތް ފިއްސާލިއެވެ.
އަހަރެން ގްރޭޑް9ން ކެނޑުނީ އޭނާ އަށްޓަކައެވެ. ކިޔެވުމަށްވުރެވެސް އޭނައަށް އިސްކަން ދިނީމެވެ. އެނާގެ އުޅުމާއި،އަޚްލާޤު އޭރުވެސް ހުރީ މިގޮތަށެވެ. ބައެއް ހަރުމީހުން ބުނެދިނީ ކައިވެނިކުރުމުން ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެ ކަމުގައެވެ. އެއްވެސް މީހަކު ހެޔޮ ނަސޭޙަތެއް ނުދެއެވެ.
އޭނާގެ އަތުން ލިބުނުފައިސާގެ ދަހިވެތިކަމުގައި ރަށުގެ ހަރުމީހަކު ހަމައެދުވަހު މަދަރުސާއިން ވަކިވުމަށް ނަސޭޙަތްދިނެވެ. މަދަރުސާއިން ވަކިވުމަށް ސިޓީ ލިޔުނީވެސް އެހަރުމީހާއެވެ.ބައްޕަގެ ބޮލުތެރެއަށް ވަދެގެން އެސިޓީގައި ސޮއި ކުރުވީވެސް ހަމަ އެމީހާއެވެ. އަހަރެން ބޭނުންވީ ގްރޭޑް10ނިންމާފައި ކައިވެނި ކުރުމަށެވެ. ނަމަވެސް އޭނާ އެކަމެއް ޤަބޫލެއްނުކުރިއެވެ. ވަޤުތުން ނުއިދެފިމަނަ ދުވަހަކުވެސް ނުއިންނާނެ ކަމުގައި އޭނާ ބުންޏެވެ.
އޭނާއާއި ވަކިވާން ބޭނުން ނުވާތީ އަހަރެން އެގޮތާއި ރުހުނީމެވެ. ކައިވެނީގެ ފުރަތަމަ ރޭވެސް އޭނާގެ އަޅާލުން ކުޑަކަން އެނގުނެވެ.ނިދަން އައީ މެންދަމުން އަލިވީފަހުންނެވެ. މީހާ ހުރީ ގުބުހިލިފައެވެ. ކިޔާނުކިޔާ އެއްޗެއް ނޭގެއެވެ. އެނދުމައްޗަށް ވެއްޓިގަތުމާއިއެކު ނިދީއެވެ.
ކައިވެންޏަށް އަހަރުނުފުރެނީސް ދަރިފުޅަކު ލިބިއްޖެއެވެ. ކުއްޖަކު ލިބުނީމާ އުޅުން ރަގަޅު ވެދާނެކަމުގައި އެތައްބަޔަކު އަހަންނަށް ވިސްނައިދިނެވެ. އެކަމަކު ކަންތައްވީ އެގޮތަކަށްނޫނެވެ. ރުޅިއިތުރަށް ގަދަވީއެވެ. ދަރިފުޅު ކިރިޔާ ކުކުރާލިޔަސް އެދެން ނިމުނީއެވެ. އޭނާބޭނުންވާ ގަޑީގައިއޮންނަންވާނީ އެދަރި ނިދާފައެވެ.
ލިބޭ ލާރިއަށް ހަދާ ނުހަދާއެއްނެގެއެވެ. ބައެއްފަހަރު ލިބޭލާރި އެއްކޮށްވެސް ދީފާނެއެވެ. ހަމައެރޭވެސް ހުރިހާފައިސާއެއް އަތުލަފާނެއެވެ. ކިޔާނުކިޔާއެއްޗެއް ނޭގޭފަހަރު ވަރަށް ގިނައެވެ. ޚާއްޞަކޮށް މެންދަން އަލިވުމަށްފަހު ކިޔާނުކިޔާ އެއްޗެއްނޭގޭނެއެވެ. ބަބުލިގަމާއި،ސްޕާރީ ބަކަރިއަށް ފަތް ބޭނުންވާ ވަރަށް ބޭނުން ވެއެވެ. ސެންޓަކަށް ބޭނުން ކުރަނީ އެންމެ ވަސްގަދަ ސެންޓެވެ.ޓީޝާޓުގައި ލޭ ވަރަށް ގިނައިން ހުރެއެވެ. މިކަންކަމާއި އަހަރެން ނުބެހޭންވީއެވެ. އެއްޗެކޭ ނުބުނާންވީއެވެ.އެތަކެއް ފަހަރު ދަރިފުޅާއިއެކު އަހަރެން ބޭރަށް ފޮނުވައިލާފިއެވެ.ހެދުންގަޑު ވީދާ އޮރިޔާންކޮށްފައެވެ. މިހުރިހާ ކަމަކާއިވެސް ކެތްކޮށްގެން އަހަރެން މިބަލަނީ އޭނައާއިއެކު ދިރިއުޅެވޭތޯއެވެ.
އެހެންނަމަވެސް މިރޭ އެހުރިހާ އަނިޔާތަކަކުންވެސް އޭނަގެ ހިތެއްނުފުރުނެވެ.އެންމެފަހުގޮތް ހެދީއެވެ. ގައިގެ އެތަން މިތާގައި ވަކިއަޅާ ހެދުމަށްފަހުގައެވެ.
( ނިމުނީ )
3 Comments!
Comments are closed.




Really devastating. Prayers for the victims.
Liyan neygenyaa nuliyanvnu dho
Anonymous ah liyan engenyaa amihleyah vaahaka liyegen kiyan v nu.. And try not to be so judgemental.. Miss or whatever.. ??