“ސްކްރީން ދެވި”
ދުނިޔެ ބަވަނަވެ، ޓެކޮނޮލޮޖީގެ ރަން ގަހަނާއިން ޒީނަތްތެރިވަމުން ދާއިރު އަޅުގަނޑުމެނަށް މިދަނީ އެތައް ގިނަގުނަ ފަސޭހަތަކެއް ލިބެމުންނެވެ. ކަންކަން ކުރާނެ އަވަސް މަގަށް އަތްތައް ހޭނި، ސިކުނޑިތައް ދެވި ހިފައިފައެވެ. ހަމަ އެއާއެކު މި ގިރިޓީ ގަހަނާގެ ދަޅާގައި ޖެހި އަޅުގަނޑުމެންގެ ދިރިއުޅުން މި ވަނީ “ބިޒީ”ވެސް ވެފައެވެ. ކަންކަން އަވަސް މަގުގައި ކުރެވެން އޮތް މި ޤަރުނުގައި ސައުވީސް ގަޑި އިރު މި ވަނީ އަޖައިބެއް ފަދަ ގޮތަކަށް ކުޑަވެފައެވެ. ކުރީގައި ކުޅިވަރުތައް ކުޅެ ހެދި މަގުތައް ފަޅުވެ، އަރައި ކުޅެ އުޅުނު ގަސްތައް ކަނޑާފައެވެ. މިއަދު ހަޤީޤަތުގައި އެ މަގުތަކުގެ ފަޅު ފިލުވަދީ ގަސްތައް ހައްދަން ތިބީ އަޅުގަނޑުމެނެއް ނޫނެވެ. އަޅުގަނޑުމެންގެ ޅަ ދަރީންނެވެ. އެކާވީސްވަނަ ޤަރުނާއި އަންނަން އޮތް ޤަރުނުތަކުގެ އަހުލުވެރީންނެވެ. ނަމަވެސް ހިތާމައަކީ ތޯއެވެ؟ ހިތާމައަކީ، މި ޖީލުގެ މަދު ކުދިން ނޫނީ މި މަގުތަކުގައި ކުޅެ ހަދައިތަން ނުފެންނަ ކަމެވެ. އެ ކުދިން އެކަކު އަނެކަކާ ވާހަކަ ދައްކާ އުޅޭ އަޑު މަޑު މަޑުން، ނޭނގި ނަމަވެސް ފަނޑުވަމުން ދާކަމެވެ. އެ ކުދިން ކޮބައިތޯއެވެ؟ އާދޭހެވެ! އަޅުގަނޑުމެންގެ ޅަ ދަރީން މިއަދު ޖެހިފައިވަނީ އަޅުގަނޑުމެން ޖެހިފައިވާ ވަރަށް ވުރެން އަދި މާ ނުބައި ވަބާއެއްގައެވެ. “އިސްކްރީން ދެވީ”ގައި ޖެހި ރަނގަޅަށް މިކުދީން ވަނީ ހަތްޔަރު ވެފައެވެ. ވުމާއެކު މި ވަބާގެ އަސްލާއި މި ކަމުގެ ގެއްލުމާއި މި ވަބާގެ ”މަންތިރި”އަށް އަލި އަޅުވާލުން މުހިއްމު ކަމުގާ ދެކެމެވެ.
“އިސްކްރީން ދެތްވޭ” އަޅުގަނޑު މި ލިޔުމުގައި ބުނެފައި އެވަނީ ދިރިއުޅުމުގެ ގިނަ ވަގުތު އެކި ކަހަލަ ސްކްރީންތަކައް ބެލުމުގައި ހޭދަ ކުރުމެވެ. މި ދެންނެވި ސްކްރީން ހިމެނޭ ތަކެތީގެ ތެރޭގައި ހިމެނެނީ ފޯނާއި، ޓީވީއާއި ޓެބްލެޓް ފަދަ ޓެކްނޮލޮޖީގެ މެމްބަރުންނެވެ. އިނގިރޭސި ބަހުން ދަންނަވާނަމަ، މިއީ “ސްކްރީން ޑިޕެންޑެންސީ ޑިސްއޯރޑާ”އެވެ. އެމެރިކަން އެކަޑެމީ އޮފް ޕީޑިއަޓްރިކްސް އިން އިރުޝާދުދެއްވާ ގޮތުގައި ދެ އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންގެ “ސްކްރީން ޓައިމް” ނުވަތަ ސްކްރީނަށް ބަލަން ހޭދަ ކުރަންޖެހޭ ވަގުތުގެ އެންމެ ގިނަ މިންވަރީ ފަސްދޮޅަސް މިނެޓް ނުވަތަ އެއް ގަޑި އިރެވެ. އަދި މިއަށްވުރެ ހަގު އުމުރެއްގެ ކުއްޖެއް ނަމަ ސްކްރީނަށް ބެލުމާ އެއްކޮށް ދުރުހެލިވާން ޖެހެއެވެ. “ސްކްރީން ޑިޕެންޑެންސީ ޑިސްއޯރޑާ” ގެ ކެޓަގަރީއަށް ކުދިން ވެއްޓެނީ މި ދެންނެވި އިރުޝާދީ ވަގުތައް ވުރެން ގިނަ ވަގުތު ސްކްރީނަށް ބެލުމުގައި ހޭދަކުރުމުންނެވެ. އަޅުގަނޑުމެންގެ ދިރިއުމުގެ ކަންކަން ކޮށްލަން މިއީ އެންމެ ފަސޭހަ، އަވަސް މަގުގައި ވީ ނަމަވެސް ހަޤީޤަތުގައި މިއީ ޅަ ކުދީންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
“ސްކްރީން ޑިޕެންޑެންސީ ޑިސްއޯރޑާ”ގެ ސަބަބުން އަޅުގަނޑުމެންގެ ދަރީންގެ ސިއްޚަތައް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. މި ވަބާގެ ސަބަބުން ޅަ ކުދިންގެ ނިދި ޚަރާބުވެ އެކުދިންގެ ސިކުނޑީގެ މަސައްކަތް ލަސްކޮށްލައެވެ. ދިރާސާއަކުން ދެއްކި ގޮތުގައި ގިނަ ވަގުތު ސްކރީން ހިމެނޭ ތަކެއްޗާއެކު ވަގުތުތައް ހޭދަކުރި ކުދިންނަށް ލިބިފައި ވަނީ މަދު ނިންޖެކެވެ. އަދި މިކުދިންނަށް ކަންކަމަށް ފޯކަސް ކުރަން ވެސް އުނދަގޫވެއެވެ. މި ކަމުގެ ސަބަބުން ކުދިން ދުވާލުގެ ވަގުތުގައި ނިދި އަންނަލެއް އަދި ނިދާލެއްވެސް ގިނަވެއެވެ. މިއީ އަޅުގަނޑުމެނަށް ފަސޭހައެއް ކަމަށް ހީވި ނަމަވެސް ހަޤީޤަތުގައި ސިއްޚީ ގޮތުން އެއީ ފުރިހަމަ ނިދުމެއް ނޫނެވެ. މި ދިރާސާއިން ދެއްކި ގޮތުގައި މި ކުދިން ސްކުރީނަށް ބެލުމުގައި ހޭދަ ކުރި ކޮންމެ ހަތަރު ބައިކުޅަ އެއްބައިގެ ވަގުތައް، އެއް ގަޑިއިރުގެ ނިދިން އެކުދިން މަހުރޫމުވެއެވެ.
“ސްކްރީން ޑިޕެންޑެންސީ ޑިސްއޯރޑާ” އިން ދިމާވާ އަނެއް ސިއްޚީ މައްސަލައަކީ ކުދިންގެ ވާހަކަ ދެއްކުމުގައި ލަސްވުމެވެ. އަދި ކުދިންނަށް ކަންކަން ރާވައި ހިންގައި މުހިއްމު ކަންތައް ފާހަގަ ކުރަން އުނދަގޫވުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ސިކުނޑިއަށް އަސަރު ކުރުމެވެ. މި ކަންކަން ވަނީ ދިރާސާތަކުން ސާބިތުވެފައެވެ. މީގެ އިތުރުން ވެސް ބަރުދަން އިތުރުވުން ނުވަތަ ދަށް ވުން، ބޮލުގައި ރިއްސުން، ރަނގަޅަށް ނުކެއުން، ފެނުމުގެ މައްސަލަތައް ފަދަ ސިއްޚީ މައްސަލަތައް ކުރިމަތިވެއެވެ. އަދި ކަންކަމާ މާ ބޮޑަށް ފިކުރު ބޮޑުވުމާއި، އެކަނިވެރިކަން އިހުސާސްވުމާއި، ދޮގުހެދުން ފަދަ ކަންކަން ކުއްޖާ ދަސްކުރެއެވެ. މި “ޑިސްއޯޑާ”ގައި “ވިތްޑްރޯވަލް” (ފޯނު ފަދަ ތަކެތި ނުދިނުމުން) ފެންނަ އަލާމާތްތަކެއް ހުރެއެވެ. މިސާލަކަށް ކުއްޖާގެ އަތުން ފޯނު ފަދަ ތަކެތި އަތުލުމުން ރޮއެ ބޮޑާ ހެކުންފަދަ ދެވި ހިފައިފާ ވާކަމުގެ އަލާމާތްތަކެއް ފެނުމާއި، އެ ގެންގުޅޭ އެއްޗެއް އެ ދުވަހަކު ކުޅެވުނީ ކިހާ ކުޑަ ވަގުތަކު ކަން ދޮގު ހަދައި އޮޅުވާލައިގެން ބުނުން ފަދަ ކަންކަން ވަރަށް އާއްމެވެ. ހަމަ އެހެންމެ، ކުދިން ބޭރުގެ ކުޅިވަރުތަކަށް ހުންނަ ޝައުޤުވެރިކަން ނެތި ދިއުމާއި އެހެން ކުދީންނާއި އެކު އުޅެން ނޭނގުން ފަދަ ކަންކަން ދިމާވެއެވެ.
ހައްލުތޯއެވެ؟ މި ވަބާގައި ހިތާމައާއެކު ބުނެލަން ޖެހޭނީ ފުރަތަމަ އިސްލާހު ކުރަން ވީ ކުދިންނަށް ވުރެން އަޅުގަނޑުމެންގެ އުޅުން ކަމުގައެވެ. ކޮންމެ ކަމަކީވެސް ހައްދެއްގެ ތެރޭގައި އޮންނަން ޖެހޭނެ ކަންކަން ކަމުގައި ބުނާތީ ކޮންމެ މީހަކަށްވެސް އިވޭނެއެވެ. އަޅުގަނޑުމެން ތަންކޮޅެއް މުރާލި އަދި ކެރޭ ބަޔަކަށް ވާން ވެއްޖެއެވެ. ކުދިން ނުކާން ބޮޑާ ހޭކުމުން ފޯނު ތަކުން “އޭ ބީ ސީ” އަޅުވައިދިނުން ހުއްޓާލާ އެކުދިންނަށް ކުޅޭ އެއްޗެއްސަކީ ކޮބައިކަން ދައްކައިދޭން ވެއްޖެއެވެ. ކުދިންނަށް ދިރިއުޅުމާއި ޅަފަތުގެ މުހިއްމުކަން އިހުސާސްކޮށްދޭން މަސައްކަތް ފަށަން ވެއްޖެއެވެ. ކުދިން ކޮންމެ ދުވަހަކު ސްކްރީނާއެކު ހޭދަ ކުރާ ވަގުތު ކައިރިން ބަލައި ދެވިހިފުމުގެ ކުރިން ވަބާއިން ކުދިން ދުރުކުރަން ވެއްޖެއެވެ. ކުދިންގެ “ސްކރީން ޓައިމް”ތައް މަދުކުރަން ވެއްޖެއެވެ. މިއީ ” ތިމަންނާއަށް ނޭނގުނީ” އޭ ބުނެ ފުއްދައިލެވެން ނެތް، މަޢުލޫމާތު ފަސޭހައިން ލިބެންހުރި ޒަމާނެވެ. މި ލިބުނު މަޢުލޫމާތުވެސް އެހެން މީހުންނަށް ޚިއްސާކުރާށެވެ. ހޭލުންތެރި ކުރުވާށެވެ. ގެންނަން ބޭނުންވަނީ ބަދަލެކެވެ. އެކަން އެންމެ މީހެއްގެ ފަރާތުންވެސް ފެށިދާނެއެވެ. އެ ބަދަލީ އަދި އެ މީހަކީވެސް ތިމާ ކަމުގައި ހަދާށެވެ.
މަޢުލޫމާތު ހޯދީ: https://www.momjunction.com/articles/screen-dependency-disorder-is-real-and-it-damages-your-childs-brain_00442190/
2 Comments!
Comments are closed.

I guess it’s all about teaching balance, and the quality of the screen-time.
We can’t go back to living in 18th Century.
Great message..keep itup