ހޮނުގުގުރި
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ކޮންމެ ދުވަހަކު އިރުއަރާ އޮއްސެއެވެ. އިރުއެރުމުން ބިންމައްޗަށް އަލިވެއެވެ. އިރުއޮއްސުމުން ރަތްވިލާ އުފެދި އަނދިރިވެއެވެ. އެއަށްފަހު ފަޖުރުގެ އަލިކަން ފާޅުވެ އަލިވަމުންގޮސް އާދުވަހަކަށް އިރުއަރައެވެ. މިއީ އިލާހީ ޤާނޫނެވެ.ދުނިޔެ ދެމިއޮތްހާ ހިނދަކު މިޤާނޫނު މިގޮތަށް ދެމިގެންދާނެއެވެ. މިމަތިވެރިޤާނޫނުން ދަލީލު ލިބެނީ ވަގުތު މަދުވަމުންދާ ކަމެވެ.އަހަރެމެން ކުރަން ހުރިކޮންމެ ކަމެއްގައިވެސް ވަގުތެއްވެއެވެ. އެވަގުތު އެކަމެއް ނުކޮށްފިންމަ ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ.
ރޭދުވާ ތަކުރާރު ކުރައްވާ ރަސްކަލާނގެ އިންސާނާ ހެއްދެވީ ﷲއަށް އަޅުކަން ކުރުމަށެވެ.އެކަލާނގެ ފަރްޟު ފަސްނަމާދު ކުރުމަށް އިންސާނާ އަށް އަމުރު ކުރެއްވިއެވެ. މިނަމާދުތަކަށް ވަގުތުތަކެއްވަނީ ކަނޑައެޅި ބަޔާންވެގެންނެވެ.އެވަގުތުކޮޅުގެ ބޭނުންނުހިފިއްޖެނަމަ ނަމާދު ގެއްލުނީއެވެ. މައިންބަފައިންނަށް އިޙްސާންތެރިވުމަށްވެސް އެކަލާނގެ އެންގެވިއެވެ.
އެއްރަށެއްގައި ހުސޭނު ކިޔާމީހަކު އުޅުނެވެ. އެއްކަށި ވީރެކެވެ. ބަސްވަރުގަދަ ޖެހިލުންކުޑަ މީހެކެވެ. ނަމާދު ހަމައެއްގޮތަކަށްވެސް ނުކުރެއެވެ.ހުކުރަކަށްވެސް ނުދާނެއެވެ. މައިންބަފައިންނަށް ހިތުހުރިގޮތެއް ހަދާލައެވެ.
މައިންބަފައިންގެ ކުރިމަތީގައި ހިތުހުރިއެއްޗެއް ގޮވާލައެވެ.އެދެމަފިރިން ތިބެނީ އަބަދުމެ ބިރުންނެވެ. އެދަފިރިންނަން ހަޅޭއްލަވާ އެއްޗެހިކިޔާ ހަދާތީއެވެ. ހަޅޭއްލަވާއިރު ހީވާނީ ހޮނުގުގުރިއެއް ޖަހާހެންނެވެ. އެއްބަޑު އެއްބަފާ އެހެންކުދިންނަށް ވެސް އެއްޗެހިކިޔުމަކީ ހުސޭނުގެ އާދައެކެވެ.ހުސޭނު ހަޅޭއް ނުލަވާ ރެއެއް ނުދާނެއެވެ. ކޮންމެވެސް ކަމެއް މަތިކޮށްގެން ހަޅޭއްލަވާލެވުނީމަ އޭނައަށް ހިތްހަމަޖެހުން ލިބޭނީ ތޯއްޗެކެވެ.މީހުންނާއި ޒުވާބު ކޮށްއުޅުމަކީ އާދައެކެވެ.
ހުސޭނަކީ މަސްވެރިކެޔޮޅެކެވެ.ޒުވާންދުވަސްވަރު ގައިގެ ބާރުގަދަވެފައި ލޮކިމަސްމުޅިގާގައިޖަހާފައިވެއެވެ. އެހެންކަމުން ނޫކަށިފުރާއިގެ ޒުވާން ކުދިންތައް ތިބެނީ ހުސޭނަށް އިންނަން ބޭނުންވެފައެވެ.ހުސޭނު މިތަނުން އެއްކުއްޖަކާއިއެކުވެސް ޙަޔާތެއް ފަށާކަށް ބޭނުމެއްނުވެއެވެ. ކައިވެނީގެ ބޭރުން ގުޅުހިންގުމަށް މަސައްކަތް ކުރެއެވެ. ޢުމުރުން ވިހިފަންސަވީހުގައިވެސް ހުސޭނު ބުނަނީ އަދި މީހަކަށް އިންނާކަށްނުވާކަމުގައެވެ.ފަހުންވެސް މީހަކަށް އިނދެވިދާނެކަމުގައެވެ. ޙައްޖަށްވެސް ދެވިދާނެކަމުގައެވެ.
ހުކުރުދުވަސްނޫން ހުރިހާދުވަހަކު ހުސޭނު ހޭދަކުރާނީ ކަނޑުމަތީގައެވެ.ހުކުރުދުވަހު މެންދުރުވަންދެން ނިދާނީއެވެ.މެންދުރެއްހާއިރު ތެދުވިއެއްކަމަކު ހުކުރަކަށް ނުދާނެއެވެ.ދެންކުރާނީ ބުޅިކަންވާރުގެ މަސައްކަތެވެ.ނަނުބައިހެދުމާއި ބުޅީގައި ވަދުހަރުކުރުންފަދަ ކަންކަމެވެ. ހަވީރު ވުމުން އަތިރިމައްޗަށްގޮސް ދޮށީގައި ރޯނުގަޑެއްހަރުކޮށް ރޯނުގަނޑުކޮޅުގައި ގާބުރިއެއް ހަރުކޮށްގެން ކުދިންނަށް މަސްބާނަން ދަސްކޮށްދޭނީއެވެ. އެއްގަމު ކެޔޮޅުކަމަށްވެސް ބައިހަދާލާފައިދާނެއެވެ.
ހުސޭނުގެ ޢުމުރުގެ ދުވަސްތައް ގުނަމުން ދިޔައީ މިފަދަގޮތަކަށެވެ.އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.މައިންބަފައިން ހިތާމަކޮށްކޮށް ނިމިދިޔައީއެވެ. އެމީހުންނާއި، ދިމާއަށް ހަޅޭލައި ހަދަނީ އެއްވެސްކަހަލަ ކަމެއްވެގެންނޫނެވެ. ތިމާގެ ބާރުގަދަކަން އެހެންމީހުންނަށް ހާމަކުރުމަށެވެ.އެދަފިރިންގެއިންވެސް ނެރޭނެއެވެ. ގެހެދީ ހުސޭނުކަމަށް ބުނެއެވެ.
އެއީ ހުޅަގުމޫސުމުގެ ވިއްސާރަދުވަހެކެވެ.ގިނަދޯނިފަހަރު އެދުވަހު މަހަކަށް ނުދެއެވެ.ހުސޭނު ބޭނުންވީ އެދުވަހުވެސް މަހަށްދާށެވެ.ކަނޑަށް ނުކުމެ މަސްބާނަމުންދަނިކޮށް ވަރަށްބޮޑަށް ވިދާގުގުރާން ފަށައިފިއެވެ.ކަނޑުގެ ލޮނުގަނޑުވެސް އުތުރި އަރަނީއެވެ.މަސްއައިނު ދަހިވެފައި އޮތުމުން ހުސޭނު އެތެރެއަކަށް ވަންނާކަށް ބޭނުމެއް ނުވިއެވެ.ހުސޭނު މަސްބާނަން ހުއްޓާ ގަދަވިދުވަރަކާއިއެކު ގުގުރާލާފައި ދޯންޏަށް ހޮނުއެޅީއެވެ.ހުސޭނުއޮތީ ދޯނިމައްޗަށް ދެމިފައެވެ.މޫނުން ބޮޑުބަޔަކައިއެކު ހުސޭނުވަނީ ފިހިފައެވެ. ރަށަށް އާދެވުނުއިރު ހުސޭނުގެ ފުރާނައެއް ނެތެވެ.
ހުސޭނުމެންދޯނި ރަށަށްލެފިއިރު ވަރަށް ގިނަމީހުން ގޮނޑުދޮށަށް ޖަމާވެފައިވެއެވެ. ހުރިހާ އެންމެންވެސް މިޚަބަރުލިބުމުން ދެރަވިއެވެ.ހުސޭނުވަޅުލުމުގެ ކަންތައްތަކުގައި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.ހުސޭނުގެ ދިރިއުޅުމުން ގިނަބަޔަކަށް ޢިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެން ދިޔައެވެ.
( ނިމުނީ )
2 Comments!
Comments are closed.




Very nice… Sorry ingey maa lahun kiywa levunythy
great story………….. i just love it…but not enough scary