Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަދީނީ

ބަހާއި ޢަމަލުގައި ތެދުވެރިވެއްޖެނަމަ ކިތަންމެ ބޮޑު އުޤޫބާތަކުންވެސް ސަލާމަތްވެދާނެއެވެ.

Ali Ihsaan Level 210 Stories100 Login
January 12, 2019 3 Mins Read
3 Comments

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްތާބުގެ ޚިލާފަތުގެ ދުވަސްވަރުގެ ހާދިޘާއެކެވެ. އެއްފަހަރަކު މަދީނާއަށް ދިޔުމަށް ޒުވާންފުރައިގެ ފިރިހެން ކުއްޖަކު ދަތުރުފެށިއެވެ. ދަތުރުގެ ސަވާރެއްކަމުގައި ގެންދިޔައީ ޖަމަލެކެވެ. ދަތުރަކީ ދިގު ދަތުރެކެވެ. އެހެންކަމުން ބައެއް ފަހަރު ދަތުރުކުރަމުން ގޮސް ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި މަޑުކޮށްލައެވެ.

އެގޮތުން އެއްފަހަރަކު މަންޒިލަކަށް ފައިބައި އޭނާ އަރާމުކޮށްލުމަށްޓަކައި މަޑުކޮށްލިއެވެ. އިރުކޮޅެއްގެ ތެރޭގައި އޭނާގެ މައްޗަށް ނިދިގަދަވެގެންފިއެވެ. ފުންނިންޖަކުން ނިދިއްޖެއެވެ. އޭރު އޭނާގެ ޖަމަލު ވިނަކަމުންގޮސް، އެހެން މީހެއްގެ ދަނޑުބިމަކަށް ވަދެގެން އެތަނުގެ ގަސްތަކާއި ވިނަތައް ކާންފަށައިފިއެވެ. އެމަންޒަރު ފެނި އެދަނޑުގެ ވެރިޔާ ވަރަށް ރުޅި އަތުވެއްޖެއެވެ.

އެޖަމަލު ފައްސާލުމަށްޓަކައި އެ މުސްކުޅިޔާ ބޮޑު ހިލަގަނޑެއްނަގައި އެއްލުމުން ގޮސް ޖަމަލުގައިގައި ޖެހި ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ. އެލިބުނު އަނިޔާގައި އެޖަމަލު އެސާހިތަކު މަރުވެއްޖެއެވެ. މިކަންތައް މިހެން ހިނގުމަށް ފަހު އިރުކޮޅެއްގެ ތެރޭގައި އެ ޒުވާނާ ނިދިން ހޭލައިފިއެވެ. ކަންތައް ވެގެން ދިޔަ ގޮތާއިމެދުގައި އޭނާ ވަރަށް ދެރަވެ ރުޅި އަތުވެއްޖެއެވެ. އައިސްފައިވާ ރުޅީގައި ބޮޑު ހިލަގަނޑެއް ނަގައި މުސްކުޅިޔާ އާއި ދިމާލަށް ހޫރާލައިފިއެވެ. އެ ހިލަގަނޑު ގޮސް މުސްކުޅިޔާގައިގައި ޖެހި އޭނާ މަރުވެއްޖެއެވެ.

ވަގުތުތައް ފާއިތުވަމުން ދެއެވެ. އެޒުވާނާ އައިސްފައިވާ ރުޅިވެސް ވަގުތުގެ ބުރު އެނބުރެމުން ދިޔަ ވަރަކަށް އިންދިރާސްވެ ނެތެމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް ކުރެވުނު ކުށުގެ ބޮޑުކަން ހިތަށް ތަޞައްވުރު ކުރެވެން ފަށައިފިއެވެ. އެކުށާއި ދޭތެރޭގައި ދެރަވެ ހިތާމަކުރެން ފަށައިފިއެވެ. އެގޮތަށް އެތަނުގައި ގުޑިލަންވެސް ނޭނގިފަ ކަހަލަގޮތަކަށް ހުއްޓައި އެ މަރުވި މުސްކުޅިޔާގެ ދެދަރިން އެތަނަށް އަތުވެއްޖެއެވެ. ކަންވެގެން ދިޔަގޮތް އެނގުމުން އެދެކުދިން ބޭނުންވީ އެކަމަށް އިންޞާފު މަގުން ޙުކުމެއް އިއްވައިދެއްވާތޯ ޢުމަރުގެފާނުގެ ހިރިޔާފާތުރާގެ ދަށައް އެމައްސަލަ ގެންދިޔުމަށެވެ.

ޚިލާފަތުގެ ދަރުބާރުން މައްސަލަބައްލަވައި ތަޙްޤީޤު ކުރުމުގެ މަރުހަލާގެ ތެރޭގައި އެއްސެވިއެވެ.

“ކަލޭގެ އެ މުސްކުޅިޔާ ޤަތުލުކުރީމު ހެއްޔެވެ؟” އޭގެ ޖަވާބެއްގެ ގޮތުން އެ ޒުވާނާ އެކަމަށް އިއުތިރާފު ވާކަމުގައި ދެންނެވިއެވެ. އަދި އެއީ އެ މުސްކުޅިޔާ ޤަތުލު ކުރުމުގެ ޤަޞްދެއްނެތި އެއްލި ހިލަގަނޑެއްކަމުގައިވެސް ދެންނެވިއެވެ. ނަމަވެސް، ޚިލާފަތުގެ ދަރުބާރު ޙުކުމް އިއްވީ މަރަށް މަރުހިފުމުގެ މައްޗަށެވެ.

އެޒުވާނާ މުސްލިމުންގެ ޚަލީފާގެ ކިބައިން އެދިވަޑައިގެންނެވީ އެ ޙުކުމް ތަންފީޒުކުރެއްވުން ކުޑަ ދުވަސްކޮޅަކަށް މަޑު ޖައްސަވައި ދެއްވުމަށެވެ. އެހެނީ އޭނާއަކީ ބައްޕަނެތް ޔަތީމު ކުއްޖެކެވެ. އޭނާގެ ބެލުމުގެ ދަށުގައި، އޭނާގެ ގޭގައި ކުޑަ ފިރިހެން ކުއްޖަކު އެބަހުއްޓެވެ. އޭގެ ދެބެއިންނަށް ބައްޕާގެ ފަރާތުން ވާރުތަވިމުދާތައް ހުރީ އޭނާގެ އަތުގައެވެ. އެހެންކަމުން އެމުދާތައް އެ ކުޑަފިރިހެން ކުއްޖާބޮޑުވުމުން އޭނާއަށް ލިބޭނެގޮތް ހެދުމަށްޓަކައި ކުޑަ ދުވަސްކޮޅަކަށް ރަށައް ފޮނުވާލެއްވުމަށް ދެންނެވިއެވެ. ޢުމަރުގެފާނު އޭނާގެ ޙުކުމް ފަސްކުރެއްވުމަށް ނިންމެވީ ޝަރުތަކާއެކުގައެވެ. އެއީ، އޭނާ ދިޔުމުގެ ކުރީން އޭނާގެ ފަރާތުން ޖާމިނުވާނެ މީހަކު ހަމަޖެއްސުމެވެ.

އެ ފިރިހެން ކުއްޖާއަކީ ދަތުރުވެރިއެކެވެ. މަދީނާގެ އެއްވެސް މީހަކު ނުދެކޭ ބީރައްޓެއްސެކެވެ. އެތަނަށް ޙާޒިރުވެގެންތިބި އެންމެން ތިބީ އިސްދަށައް ޖަހައިލައިގެންނެވެ. އެއްވެސް މީހަކު، ދުވަހަކުވެސް ނުދަންނަ މީހެއްގެ ފަރާތުން، ޖާމިނުވާން ބޭނުން ނުވާ ކަހަލައެވެ. އޭނާ އެނބުރި ރަށަށްގޮސްފައި ނައުމުގެ ސަބަބުން އެޖާމިނުވާ ފަރާތުގެ ބޯކަނޑާލެވުމަށް ނޭދެވެނީއެވެ. އެޒުވާނާ ހިތުގެ އަޑީން އެދެމުން ގެންދިޔައީ އޭނާގެ ފަރާތުން ޖާމިނުވާނެ މީހަކު ވޭތޯއެވެ. ނަމަވެސް އެންމެން ގެ ތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ.

ކުއްލިއަކަށް އެއެންމެންގެ ތެރެއިން މީހަކު އަތްޕުޅު ހިއްލަވައި ލައްވައިފިއެވެ. އަދި އޭނާގެ ފަރާތުން ޖާމިނުވާން އެއްބަސްވެވަޑައިގެން ފިއެވެ. އެއީ އަބޫ ޛަރުލް ޣިފާރީ ރަޟިޔަ ﷲ ޢަންހުއެވެ. ކައުއިތުރު ނަބިއްޔާގެ މަތިވެރި ޞަހާބީ ބޭކަލެކެވެ. އެހެންކަމުން އެ ޒުވާން ފިރިހެން ކުއްޖާ ދޫކޮށްލެވުނެވެ. އޭނާގެ މަސްޢޫލިއްޔަތު އަދާކުރުމަށްފަހު އެނބުރި އައުމަށްޓަކައެވެ.

ފުރަތަމަ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އޭނާގެ އެއްވެސް ހިލަމެއް ނުވިއެވެ. ދެވަނަ ދުވަސްވެސް ފާއިތުވެގެން ދިޔައީ ހަމައެގޮތުގެ މަތީން އޭނާގެ އެއްވެސް ހިލަމެއް ނުވެއެވެ. އެކަމާއިހުރެ މީސްތަކުން ހާސްވެ ކަންބޮޑުވާން ފަށައިފިއެވެ. ތިންވަނަ ދުވަސް އަތުވެއްޖެއެވެ. އެފިރިހެން ކުއްޖާގެ އެއްވެސް ޚަބަރެއް ނުވިއެވެ. މީސްތަކުންގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވަން ދެއެވެ. އެޒުވާނާގެ ބަދަލުގައި ދަރަޖަ މަތިވެރި، ވަރަޢަވެރި، ތަޤްވާވެރި، ޞަހާބީގެ އިސްތަށިފުޅު ކަނޑުއްވުމަށް ޚިލާފަތުގެ ދަރުބާރަށް ޖެހިވަޑައިގެންފާނެތީއެވެ.

ތިންވަނަ ދުވަހުގެ އެންފަހު ވަގުތުތައް ފާއިތުވަމުންގޮސް މަޣްރިބު ނަމާދު ވަގުތު ނުހަނު ގާތްވެއްޖެއެވެ. އަބޫ ޛައްރުގެފާނުގެ އަރިހަށް ދުވަމުން ކަހަލަގޮތަކަށް އެކަލަ ޒުވާނާ އޭނާގެ ކޮއްކޮ އާއި އެކުގައި އައިސްފިއެވެ. އެކަލޭގެފާނު އެޒުވާނާއަށް ވިދާޅުވިއެވެ. “އަދި ދުވަހެއް ނުނިމެއެވެ. މަޣްރިބު ނަމާދުގެ ވަގުތެއް ނުވެއެވެ.”

ދެން، އެޒުވާނާ އާއި އޭނާގެ ކޮއްކޮ އާއި އެކު އަބޫ ޛައްރުގެފާނު ޢުމަރުގެފާނުގެ ދަރުބާރަށް ވަޑައިގެންނެވިއެވެ. އެނާ އައިސް ހުރި މަންޒަރު ޢުމަރުގެފާނަށް ފެނިވަޑައިގެންނެވުމުން އެކަލޭގެފާނު ވަރަށް ހައިރާންވެވަޑައިގެންނެވިއެވެ. އެއީ އެފަދަ ބޮޑު ޙުކުމެއް ކޮށްފައިވާ މީހަކު ފިލައިގެން ދިޔުމަށްޓަކައި ފުރުޞަތު ލިބި ތެދުވެރިކަމާއިއެކުގައި އައުމުންނެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ.

“ކަލޭގެ އެނބުރި ތިޔަ އައީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ކަލޭގެފަހަތުން ކަލެއަށް ފާރަލުމަށްޓަކައި މީހަކު ނުފޮނުވަމެވެ.”

އެ ޒުވާނާ ދެންނެވިއެވެ. ” އޭ އަމީރުލް މުއުމިނީންއެވެ. މުސްލިމުންނަކީ އެބައިމީހުންގެ ވަޢުދު ނުފުއްދާ ބައެއްކަމުގައި މީސްތަކުން ބުނާތަން ދެކޭން އަޅުގަނޑު ބޭނުމެއްނުވެއެވެ. އަޅުގަނޑުގެ ފަރާތުން ޖާމިނުވެވަޑައިގެންނެވި ބޭފުޅާ އަޅުގަނޑުގެ ބަދަލުގައި ޤަލުތުކޮށްލެވުމަށް އަޅުގަނޑަށް ރުހެވޭނީ ކިހިނެތްތޯއެވެ؟”

ޢުމަރުގެފާނު އެ ޒުވާނާގެ ޖަވާބު އިވިވަޑައިގެން އަދި އިހުނަށްވުރެ ހައިރާންވެވަޑައިގެންނެވިއެވެ. ދެން އަބޫ ޛައްރުގެފާނާއި މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. “ކަލޭގެފާނު، ނުވެސް ދެނެވަޑައިގަންނަވާ ކުއްޖަކަށް ޖާމިނުވުމަށް ކެރިވަޑައިގެންނެވީ ކިހިނެތްތޯއެވެ؟ އޭނާގެ އެނުބރި ނައިނަމަ ކަލޭގެފާނުގެ އިސްތަށިފުޅު ކެނޑޭނެކަން އެގިވަޑައިގަންނަވާ ޙާލު އޭނާގެ މައްޗަށް ޖާމިނުވެވަޑައިގަންނަވާން ކެރިވަޑައިގެންނެވީ ކިހިނަކުންތޯއެވެ؟”

އަބޫ ޛައްރުގެފާނު ޖަވާބުދެއްވިއެވެ. “އަޅުގަނޑު އެކަން އެގޮތަށް ކުރީ، މުސްލިމަކު އަނެއް މުސްލިމެއްގެ އެހީއަށް އެދުމުން އެއްވެސް މީހަކު އޭނާއަށް އެހީތެރިއެއް ނުވިއޭ މީސްތަކުން ބުނެފާނެތީއެވެ. މުސްލިމުންނަކީ އެކަކު އަނެކަކަށް އެހީތެރި ނުވާ ބައެކޭ  ބުނެފާނެތީއެވެ. އެގޮތުގައި ޖާމިނުވެ ހުރެ އޭނާ އަތުނުވެއްޖެނަމަ އަޅުގަނޑުގެ ބޯކަނޑާލެވުނަސް އަޅުގަނޑުވާނީ ޝަހީދަކަށެވެ.”

މި އަޑުއަހާންތިބެފައި ޤަތުލުވެގެންދިޔަ މުސްކުޅިޔާގެ ދެ ފިރިހެން ދަރީން ޢުމަރުގެފާނުގެ އަރިހުގައި ދެންނެވީ އެކުދީން އެޒުވާނާގެ މައްޗަށް މާފުކޮށްދެއްވައިފި ކަމުގައެވެ. އެއީ ކީއްވެގެންތޯ އެއްސެވުމުން އެކުދިން ދެންނެވިއެވެ.

” އެއީ މުސްލިމަކު އަނެއް މުސްލިމެއްގެ ގާތުން މާފަށް އެދުމުން އޭނާއަށް މާފު ނުދިނޭ މީސްތަކުން ބުނުމަށް އަޅުގަނޑުމެން ނޭދޭތީއެވެ.”

.

 

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ކޮކާލުގެ ނަސީބު ( ފަހުބަޔާއި އެކު )

Next

ވުމުން ހިތެއްގެ މިލްކުގައި 12

Next
January 13, 2019

ވުމުން ހިތެއްގެ މިލްކުގައި 12

Previews
January 12, 2019

ކޮކާލުގެ ނަސީބު ( ފަހުބަޔާއި އެކު )

3 Comments!

  1. ismail ali kaleyfaanu says:
    January 12, 2019 at 11:51 pm

    ibratheri reethi

  2. nux says:
    January 13, 2019 at 9:00 pm

    v ibrahtheri well done ???

  3. shanhaa says:
    January 13, 2019 at 10:56 pm

    varah furihama ibrahthyri vaahaka eh

Comments are closed.



All Right Reserved!