Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

މާފު ކުރެވޭނެހޭ

shuuu Level 1
January 11, 2019 6 Mins Read
2 Comments
ވަށައިގެންވާ މާޙައުލުން އިވެނީ އެތައް ބައެއްގެ ރުއިމުގެ އަޑެވެ. ބައެއް މީހުން ގިސްލަ ގިސްލާފައެވެ. ރަފާގެ ކުޑަ ކުޑަ ކަމެއްގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުން މި ވަނީ އިދިފުށަށް ޖެހިފައެވެ. 2 އަހަރުގެ ކައިވެނީގެ ގޮށް ރޫޅޭ ހިސާބަށް ގޮސްފައެވެ.ރަފާގެ ދިރިއުޅުމަކީ ފެށުނީއްސުރެ އެކަނިވެރި ދިރިއުޅުމެކެވެ. އޭގައި ހިމެނެނީ އޭނާއާއި އޭނާގެ މަންމަ އެކަންޏެވެ. ރަފާއަކީ އޭނާގެ މަންމަ ރަށްމެދަށް ވިހާފައިވާ ކުއްޖެއްކަމުން ޢާއިލާ މީހުން އޭނާގެ މަންމަ ބާކީ ކޮށްލީއެވެ.އުމުރުން އެންމެ 11 އަހަރުގައި މަންމަ މަރުވުމުން އޭނާ އެއްކޮށް އެކަނިވެރިވީއެވެ. މަންމަ ފަރާތު ޢާއިލާ މީހުން އެއް ރަށެއްގައި އުޅުންނަމަވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށެއްނުލައެވެ. ބައްޕަ ފަރާތުގެ ޢާއިލާއެއް ޚުދު ރަފާއަކަށްވެސް ނޭނގެއެވެ. މަންމަ ގާތުން އެވާހަކަތައް އޮޅުން ފިލުވިފައި ނެތީއެވެ. ނަމަވެސް ތުންތުން މަތިން ރަށެތެރެއިން އިވުނު ގޮތުގައި އެއީ ދިވެހިރާއްޖެއަށް ނިޞްބަތްވާ މީހެއްނޫނެވެ. ރަފާވެސް ޤަބޫލުކުރަނީ މިގޮތަށެވެ. އެއީ އޭނާގެ ހަންގަޑު ކުލަ އާންމުކޮށް ރަށުގެ އެހެން މީހުންނާ އަޅައި ކިޔާއިރު ދޮންވެފައި، އިސްތަށިގަނޑު އުފެދުމުގައިވެސް ރަތް ކުލައިގައި ހުރުމެވެ.ރަފާ މަންމަ މަރުވުމާއެކު ރަފާއަށް މަސައްކަތުގެ މައިދާނަށް ނިކުތުން ނޫން އިތުރު މަގެއް ނުފެނުނެވެ. މީހުން ގާތުން ސަލާން ޖަހައިގެން އެއްޗެއް ހޯދުމަށްވުރެ އަމިއްލަ ފައިމައްޗަށް ތެދުވުން ރަގަޅުވާނެތާއެވެ. އެހެންކަމުން ސްކޫލަށްދަމުންވެސް ވަލަށްވަދެ ފަން ހޮވައި، ފަންވިނުމުގެ މަސައްކަތް ކުރަންފެށިއެވެ. އަދި ކައިރީގައި ހުރި ރިސޯޓުތަކަށް އެ ވިއްކައިގެން އެކަށީގެންވާ ފައިސާ ލިބުމުން އެއިން ކުރެހުމަށް ބޭނުންވާ ތަފާތު ސާމާނު ގަތެވެ. ސުކޫލުގައި ކިޔަވައިދިން މުދައްރިއްސެއްގެ އިރުޝާދުގެ މަތިންނެވެ. އަދި ގޭގައި އެކަނި ހޭދަކުރާ ވަގުތުގައި އެކަމަށްވެސް ވަގުތު ހޭދަކުރިއެވެ. ރަފާގެ މި އެކަނިވެރި ދިރިއުޅުމުގައިވެސް އެކަނިމާއެކަނި ހުރިހާ މަސައްކަތެއް ކުރާތަން ފެނިފައި މަދު މަދުން މީހުންގެ ތަޢުރީފުގެ ބަސްތައް ލިބެން ފެށިއެވެ.

މިހެން ކަންތައް ވަމުން ދަނިކޮށް ރަފާގެ ސުކޫލުގެ ފަހު އަހަރުގައި ސްކޫލުން ބޭއްވި ފެއާ އެއްގައި އޭނާގެ ކުރެހުންތައް ދައްކާލުމުގެ ފުރުސަތު ލިބުނެވެ. ކަން ދިމާކުރިގޮތުން އެދުވަސްވަރަކީ ރަށަށް ފަތުރުވެރިންތަކެއްވެސް އައިސް އުޅުން ދުވަސްވަރެކެވެ. މި މީހުންތައް ފެއާއަށް ގޮސް ރަފާގެ ކުރެހުންތައް ފެނުމުން އެ ވިއްކުމަށް އެދުނެވެ. ވަރަށް ވިސްނުމަށްފަހުގައި އޭގެ އަގަކީ 200/- ރުފިޔާ ކަމުގައި ރަފާ ބުންޏެވެ. އެއީ އޭނާގެ އަތުން ދިޔަ ޚަރަދުތަކަށް 50/- ރުފިޔާ ފައިދާގެ ގޮތުގައި އިތުރުކޮށްލާފައެވެ. ނަމަވެސް އެމީހާ ރަފާ އަތަށް ދިނީ 200$ ޑޮލަރެވެ. އެމީހާ ބުނި ގޮތުގައި ކުރެހެން އެހާވެސް ރީއްޗެވެ. މި ހިސާބުން ރަފާއަށް ރަށުގައި އިތުރު މަޝްހޫރުކަމެއް ލިބުނެވެ. އެ ކުޑަ ކުޑަ ރަށުގައިވެސް އެ އަގުގައި ކުރެހުމެއް ވިއްކުނީ އަލަށެވެ. ލިބުނު މަޝްހޫރުކަމާއެކު ޢާއިލާ މީހުންވެސް އޭނާ ބަލައިގަތެވެ. ނަމަވެސް މި ހުރިހާކަމެއް ބަދަލުވާކަށް މާ ގިނަ ދުވަހެއް ނުނަގައެވެ.

އެއް ރެއެއްގެ ދަންވަރުގައި ރަފާއަށް ހޭލެވުނީ ގައިގައި މީހަކު ބީހޭހެން ހީވެގެންނެވެ. ކޮޓަރީގައި އަދިރިކަން ހުރުމުން ކާކުކަމެއް ނޭނެގުނެވެ. ހަޅޭލަވަން މަސައްކަތްކުރުމުން އެމީހާ ރަފާގެ އަނގަމަތީ އެއްޗެއް އެޅި ހިސާބުން އޭނާ ވަގުތުން ހޭނެތިއްޖެއެވެ. ހޭއެރިއިރު މީހާގެ އިއްފަތްވަނީ ވެއްޔާ މޮޑެވިފައެވެ. އެ ހިސާބުން އެކަނި އެގޭގައި ނުނިދާން ރަފާ ނިންމިއެވެ. އަދި މަންމަ ފަރާތު ބޮޑުދައިތަ ގާތުގައި ބުނެގެން އެގެއަށް ބަދަލުވިއެވެ. އެހެނަސް ގެއަށް ބަދަލުވެ މާ ގިނަ ދުވަހެއް ނުވަނީސް އެއް ދުވަހަކު ރަފާ މާ ގަދަޔަށް މޭ ނުބައި ކޮށްފައި ހޮޑުލަވާ ގޮތްވިއެވެ. އަދި ބޯ އަނބުރާން ފެށުމުން ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރު ދިން ހަބަރުން ހީވީ ފައިދަށުން ބިންގަނޑު ދަމައިގަތްހެންނެވެ. ރަފާ ބަނޑުބޮޑުކަމަށެވެ. ގެއަށް އައިސް ބޮޑުދައިތަ ވަރަށް ހަޅޭލެވިއެވެ. ކަންތައް ހިނގާދިޔަ ގޮތް ރަފާ ކިޔާދިނެވެ. ނަމަވެސް ގަބޫލުކުރާނެ މީހަކު ނުވިއެވެ. “މީނާގެ އަމާ ގާތުން ރަގަޅަށް ދަސްކޮށްފައި މިހިރީ އުޅޭނެ ގޮތް.. މަށެއް ބޭނުމެއް ނޫން ތިކަހަލަ މުޑުދާރު މީހަކާ ގުޅުމެއް ބާއްވާކަށް… ހަމަ މިހާރު މިގެއިން ނިކުމޭ..” ބޮޑުދައިތަގެ ޖަވާބު އަހާފައި ރަފާއަށް ރޮވުނެވެ. ކަން ހިނގި ދުވަހު ކިޔާދެވުނު ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް އޭރުގައިވެސް ބިރުވެރިކަމާއި ހާސްވުމުގެ ތެރޭގައި މީހަކަށް ކިޔާދޭން ނުކެރުނީއެވެ.

ކުޑަކުޑަ ރަށެއްކަމުން ވާހަކަ ދައުރުވެގެންދާކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. އަނިއްކާވެސް އިތުރު ނިކަމެތިކަމަކާ ދިމާވީއެވެ. ގިނަ މީހުން ކިޔަނީ ރަފާ ސިއްރު ލޯބިވެރިޔަކު ގެންގުޅުނީކަމަށެވެ. ނަމަވެސް މަދު މީހަކު ކަން ހިނގި ގޮތުގެ ހަޤީޤަތް ގަބޫލުކުރިއެވެ. ކޮންމެއަކަސް ވިހެއުމާއި ހަމައަށް ރަފާ ދިޔައީ ހުރިހާ ކަމެއް އެކަނިވެރިކަމާއެކު ތަޙައްމަލްކުރަމުންނެވެ. ނަމަވެސް ހައިރާންވިކަމަކީ ވިހައި ގަދަވުމާއެކު ރަފާއާ ކައިވެނިކުރަން ނަދީމް ހުށަހެޅުމުންނެވެ. ނަދީމުގެ ޢާއިލާއަކީ ކަން ހިނގާދިޔަ ގޮތުގެ ހަޤީޤަތް ޤަބޫލުކުރާ މަދުބައެއްގެ ތެރޭގައި ހިމެނޭ ބައެކެވެ. ބައްޕައަކުގެ އެހީއާ ނުލާ ބޮޑުވުމުން، ޚުދު އޭނާގެ ދަރިވެސް އެފަދަ ނިކަމެތިކަމެއް ތަޙައްމަލުކުރާކަށް ރަފާއެއް ނޭނދުނެވެ. ދަރިއެއް އެކަނި ބޮޑު ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން ރަފާއަށް އަންދާޒާކުރެވެއެވެ. އެހެންކަމުން ނަދީމުގެ ހުށަހެޅުން ރަފާ ޤަބޫލުކުރިއެވެ. ކަން ދިމާކުރިގޮތުން ނަދީމުގެ ޢާއިލާ ރަފާއަށް ވަރަށް ރަގަޅެވެ. ދަރިފުޅު ރަފްހާނަށްވެސްމެއެވެ. ރަފާގެ ހަޔާތުގެ ހުރިހާކަމެއްވެސް ދިޔައީ ރަގަޅުވަމުންނެވެ. ނަދީމުގެ އެހީއާއެކު ގޭގައި އިދެގެން އަލުން ކުރެހުމުގެ މަސައްކަތް ފައްޓައި، އޭނާގެ ދަރި ބަލައިބޮޑުކުރަމުން ގެންދިޔައެވެ.

ދަރިފުޅުގެ އުމުރުން ދެއަހަރު ފުރިއްޖެއެވެ. އެއްދުވަހަކު ރަފާ އަތިރިމަތީގެ މަންޒަރުތައް ކުރަހާ ހިތްވިއެވެ. އެހެންކަމުން ނަދީމް ގާތުގައި އެވާހަކަ ބުނެފައި ގެއިން ނިކުންނަން ދިމާކޮށްލިއިރަށް ދަރިފުޅަށް ރަފާ ފެނިއްޖެއެވެ. ވަގުތުން ފަހަތު އަޅުވާލާފިއެވެ. އެހެންދުވަހަކުން ގެންދާނަމޭ ބުނުމުންވެސް އެއްބަހެއް ނުވިއެވެ. އެންމެފަހުން ރަފާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ދަރިފުޅުދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަތިރިއަށް ގޮއްސައި ރަފާއިނީ ކުރެހުމާއި މަޝްޢޫލުވެގެންނެވެ. ރަފްހާން މޫދަށް އެރެން ކިޔާވަރުން އެންމެފަހުން ގޮޑުދޮށުގައި އޭނާ ބެހެއްޓިއެވެ. އަދި އެއަށްވުރެ ދުރަށް ނުދިއުމަށް ބުނެ އެއްގަމަށް އަރަން ދިމާކޮށްލިއެވެ. ހިޔަލުގައި ހުރި ކުރަހާ ސާމަނާއި ދިމާލަ ށެވެ. ފަސް އެނބުރި ބެލިއިރު ރަފްހާން އޮތީ ފެން މަތީގައެވެ. ރަފާ ގަތީ އަމަށަކު ބިރެއް ނޫނެވެ. މީހާއަށް ހުރެވުނު ތަނެއް ނޭނެގުނެވެ. ގައިގައި ހުރި ބާރެއް ލާފައި މަގޭ ދަރިފުޅާއޭ ކިޔާފައި ދުއްވައިގަތެވެ. ރަފާގެ ހަޅޭކުގެ އަޑަށް އަތިރިމަތީ ހުރި އެހެން މީހުންވެސް އައެވެ. އަދި އެތަނުން މީހަކު ރަފާއަތުން ދަރިފުޅު އަތުލައި ހޮސްޕިޓަލާއި ދިމާލަށް ދުއްވައިގަތެވެ. ރަފާވެސް ފަހަތުން ދުއްވައިގަތެވެ.

ހޮސްޕިޓަލް ހުންނަނީ ފުދޭވަރަކަށް އަތިރިއާ ގާތުގައެވެ. އެހެންކަމުން 2 މިނެޓްވެސް ނުވަނީސް ދެވުނެވެ. އަދި ވަގުތުން ރަފްހާން އެމަރޖެންސީއަށް ވެއްދުނެވެ. ލަސްތަކެއް ނުވެ ނަދީމްއާ ޢާއިލާގެ އެހެން މީހުންވެސް ރަފްހާން ގެބުނު ހަބަރު ލިބިގެން އެތަނަށް ޖަމާވިއެވެ.

“ސޮރީ.. ދަ ބޭބީ ވޯޒް އޯލްރެޑީ ޑެޑް.. ވީ ޓްރައިޑް އަވަރ ބެސްޓް” ޑަކްޓަރ ގެ ޖަވާބު އިވުމާއެކު އަޑުން އަޑު ނަގާފައި ރަފާ ރޯންފެށިއެވެ. ނަދީމްގެ ލޮލުންވެސް ހޯސްލާފައި ކަރުނަފޭބިޔެވެ. ނަމަވެސް އެހެންނާ ރަފާއަށް ހިތްވަރުދޭން ހުންނަ ނަދީމް މި ފަހަރު ގޮއްސަ ހުރީ އޭނާއާ ދުރުގައެވެ. “ރަފާ… މި ކަން މިވީ ރަފާގެ ސަބަބުން.. އަހަރެން މަޢާފެއް ނުކުރާނަން” ނަދީމް ހުރީ ހިތާމައާއެކު ރުޅިވެސް އައިސްފައެވެ. އޭނާގެ ހިތުގެ އެންމެ ފުންމިނަށް ވަނީ އަސަރު ކޮށްފައެވެ. ވާނީވެސް އެހެންތާއެވެ. ގެއްލިގެން ދިޔައީ ދަރިއެއް ފަދައިން އޭނާވެސް ލޯބިކޮށްގެން ގެންގުޅުނު ކުއްޖެކެވެ. ނަމަވެސް އޭނާއަށް ނުވިސްނޭ ކަމަކީ، އޭނާއަށްވުރެއް އެތައް ގުނައަކަށް ރަފާއަށް މިކަމުން އަސަރުކުރާކަމެވެ. 9 މަސް ދުވަހުގެ ގަދަ ވޭނުގައި އުޅުމަށްފަހު އުފަންކޮށް، ހުރިހާ ލަދަކާއި ކެރިގެން ކުރިމަތިލައި ސާބިތުކަމާއި އެކު ލޯބިން ބޮޑުކުރި ދަރިފުޅު ދުނިޔެ ދޫކޮށްދިޔައީއެވެ. ފަސް އެބުރި ބަލާނުލައި ހޭދަވި ދެތިން މިނެޓް ތެރޭގައި ރަފާގެ ދުނިޔެ އެފުށް މިފުށަށް ޖެހުނީއެވެ.

ކަށުކަމާކެމީގެ ކަންތައް ކުރެވެން ފެށުނެވެ. މެންދުރު ނަމާދަށް ފަހު ކަށު ނަމާދުކުރެވޭ ގޮތަށް ހަމަޖެހުނެވެ.

“މޫނު އަޅަންވީ ދެން..” ގޭގައި ހުރި މުސްކުޅި ފުރައެއްގެ މީހަކު ބުންޏެވެ. ރަފާގެ ޚިޔާލުތަކުން ދުރުވެވުނީ މި އަޑަށެވެ. ފަހު ފަހަރަށް ދަރިފުޅަށް ބަލާލިއެވެ. އަދި އޭނާގެ ކަފުން ކުރެވިފައިވާ އަތާއި ދިމާލަށް ތިރިވެ ބޮސްދިނެވެ. މޫނު އެޅުމަށްފަހު ނަމާދު ކުރުމަށްޓަކައި މިސްކިތަށް ގެންދެވުނެވެ. ކަށު ނަމާދުކޮށް ރަފްހާން ވަޅުލެވުނެވެ. ގެއަށް އައުމާއެކު އެންމެންނަށް އިޙްސާސް ކުރެވުނީ ފަޅުކަމެކެވެ. ގޭތެރޭގައި ރަސްކަންކުރަމުން ދިޔައީ ހަނުހިމޭންކަމެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކޮޓަރިއަށް ދިޔައެވެ. ނަދީމް ފިޔަވައެވެ. ނަދީމް ދިޔައީ ގެއިން ބޭރަށެވެ. ރަފާ މިކަމާއި އެއްޗެއް ނުބުނެއެވެ. ކޮޓަރިއަށް ވަތް ގޮތަށް އޮތީއެވެ.

“ދެ ރޮނގު .. ޕޮޒިޓިވް… މަންމަގެ ކުޑަ ކުޑަ ބޭބީ” ބަޑުގައި އަތް އަޅާލުމުން ރަފާ އޭނގެ އަމިއްލަ ނަފްސާ މުޚާތަބު ކުރަމުން ދިޔައެވެ. ރަފާއަށް އޭނާ ބަނޑުބޮޑުކަން ހިވާތާ ހަފްތާއެއްވެއްޖެއެވެ. ރަފްހާންގެ ކަންތަކާއި އަބަދު އުޅެން ޖެހުމުން ޓެސްޓް ކުރަން ހަނދާން ނުހުންނަނީއެވެ. ނަމަވެސް އެކަނި ކޮޓަރީގައި އޮވެ މިކަމުގެ މަތިން ހަނދާންވުމުން ޓެސްޓް ކުރީމައި ޕޮޒިޓިވްވީއެވެ. ގެއްލިގެން ދިޔަ ފުރާނައިގެ ބަދަލު އިތުރު ފުރާނައެއް ދިރިއުޅުމަށް އަންނަން އުޅެނީއެވެ. ނަދީމަށް މެސެޖް ކުރަން އުޅެފައިވެސް އެކަން ނުކުރީ، މިއީ މި ފަދަ ޚަބަރަކަށް އެންމެ އެކަށީގެންވާ ވަގުތުކަމަށް ރަފާއަށް ޤަބޫލުނުކުރެވުމުންނެވެ.

ގަޑިން މެންދަމުން އަލިވެ 3 ޖަހަނީއެވެ. ނަދީމް އަދިވެސް ގެއަށް ނާދެއެވެ. މިކަމާއި ހާސްވެގެން ރަފާ އެތައް ފަހަރަކު ގުލަންވެސް ގުޅައިފިމެއެވެ. ނަމަވެސް ފޯން އޮންނަނީ ނިއްވާލާފައެވެ. އެންމެ ފަހުން ނަދީމް އަންނަން ހޭލާ އޮންނަން ނިންމައި، ނަދީމު ކިޔަން ގެންގުޅޭ ވާހަކަ ފޮތް ހަރުގަނޑަށް މިސްރާބު ޖެހިއެވެ. ފުރަތަމަވެސް އަޅައިގަތީ އޭގެ ތެރޭގައި އޮތް ޑައިރީއެއް ވައްތަރު ޖަހާ ފޮތެކެވެ. އެންމެންވެސް މީހުންގެ ޑައިރީ އެއްޗިސް ކިޔަން ނުވާނޭ ބުނާ އަޑު ރަފާ އަހައެވެ. ނަމަވެސް ނަދީމަކީ ފިރިމީހާއަށްވުމުން ސިއްރުކުރަންޖެހޭ ވާހަކައެއް އޮވެގެން ނުވާނެކަމަށް ހިތަށް ވިސްނައިދެމުން ފޮތް ނަގައި ކިޔަން ފެށިއެވެ. ފޮތުގެ ވަކި ހިސާބަކަށް ގޮއްސައި ރަފާގެ ވާހަކަ ހުރުމުން އިތުރަށް ޝައުޤުވެރިކަން އުފެދުނެވެ. އެހެންކަމުން ހުއްޓާނުލައި ކުރިއަށް ގެންދިޔައެވެ.

ފޮތް ކިޔައި ނިމުނުއިރު ރަފާއަށް ވަނީ ނަދީމުގެ އެންމެ ބޮޑު ޙަޤީޤަތް ފަޅާއަރާފައެވެ. މިއޮއް ހުރިހާ ދުވަހު ނަދީމު އޮޅުވާލި ކަންތައް އެނގިފައެވެ. އޭނާއަކީ ކެހިވެރިއެކެވެ. އޭނާ ރަފާއަށް އޮޅުވާލީއެވެ. ރަފާ ރުއިމުގައި އެތައް އިރަކު އޮތުމަށްފަހުގައި ފަތިސްނަމާދަށް ބަންގި ގޮވުމުން ނަމާދު ކުރިއެވެ. އަދި އެއަށްފަހު އަނެއްކާވެސް އެ ފޮތް ނަގައި ދެވަނަ ފަހަރަށް ކިޔަންފެށިއެވެ. ކުރިން ކިޔުނީ ރަގަޅަށްތޯ އިތުރަށް ޔަޤީންކުރުމަށެވެ. އެހެން އިންދާ މީހަކު ދޮރު ހުޅުވާލި އަޑަށް ސިއްސައިގެންގޮސް ރަފާ އަތުން ފޮތް ދޫވިއެވެ. ދޮރުން ވަތް ނަދީމްވެސް ސިހުނެވެ. ރަފާ ކިޔަން އިން ފޮތް ފެނިފައެވެ. ” އަހަރެން ހިއެއް ނުކުރަން ދީމް އަހަންނަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލާނެކަމަށް. އެނެމްންގެ ތެރޭގައި އަހަރެންގެ އަގު ވެއްޓުނީ.. ރީތި ގޮތުގައި ފުރަތަމަވެސް އަހަންނާ ގުޅުންނަމަ.. އެންމެން އަހަންނަށް ސިއްރު ލޯބިވެރިޔޭ ކިޔައިގެން އެއްޗިސްކީ.. އެކަކުވެސް އަހަރެން ރޭޕްވިކަމަށް ޤަބޫލުނުކުރި…”ރަފާ އަޑުން އަޑު ނަގާފައި ނަދީމްއަށް އެއްޗިސް ގޮވަމުންދިޔައެވެ. ނަދީމް މަޑުމަޑުން އަޑުއަހަން ހުރީއެވެ. އޭނާއަށް ކުރެވުނު ކުށް ފަޅާއެރުމުން ބުނާނެ އިތުރު އެއްޗެއް ނޭނގޭތީއެވެ. ރަފާ ވަގުތުން ފޮށްޓަށް އެއްޗިހި އަޅަން ފެށިއެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެގޭގައި ނުހުންނާނެކަމަށް ބުނެއެވެ. ނަދީމްގެ ކެތްތެރިކަން ކޮޅުންލީ މިހާ ހިސާބުންނެވެ. އޭނާ ދޫކޮށް ނުދިއުމަށް ރޮއި އާދޭސްކުރިއެވެ. އަދި އޭނާގެ ކުށް އޮތްކަމަށް ބުނެ މަޢާފަށް އެދުނެވެ. ލޯބިވާ ވާހަކަ ކެޑިނޭޅި ބުނަމުންދިޔައެވެ. އަދި އެވަރުންވެސް ރަފާ އެއްޗިހި ޕެކް ކުރުން ހުއްޓާނުލުމުން، އެންމެފަހުން ކޮޓަރިން ނުކުމެގެން ދިޔައެވެ. ރަފާއަށް ހަމަ ނޭވާއެއްލެވުނީ ދެނެވެ.

“ދަރިފުޅާ.. މަންމައަކަށް ނޭނގި ހަދާނެ ގޮތެއް..” ބަޑުގައި ފިރުމަމުން ރަފާ ވާހަކަ ދައްކަމުންދިޔައެވެ. އަދި މޭޒުމަތީގައި އިން ރަފްހާންގެ ފޮޓޮއެއް ނަގައި ރޯންފެށިއެވެ. ތަޤުދީރު ކުޅުން ކުޅިވަރު ދެކިބަލާށެވެ. ރަފްހާން މަރުވެގެންދިޔައީ އޭނާ “ބައްޕި” ކިޔަމުން ދިޔައީ އަސްލު ބައްޕައަށްކަން ނޭނގިއެވެ. “ކަމެއްގައި ގޮތެއް ނުނިންމެންޏާ ގޮސް އިސްތިހާރާ ނަމާދު ކޮށްލަބަލަ ދަރިފުޅާ.. ” ކުޑައިރު އޭނާގެ މަންމަ ބުނި ބަސްތައް ރަފާގެ ކަންފަތުގައި ގުގުމައިގަތެވެ. އެހެންކަމުން ނަމާދުކުރުމަށް އަވަސްވެގަތެވެ. އަދި ނިންމާފައި ނަދީމަށް ގުޅާފައި އައުމަށް ބުންޏެވެ.
“އަހަރެން ޕްރެގް” ނަދީމް ދޮރުން ވަދެގެން އައުމާއެކު ރަފާ ބުންޏެވެ. ނަދީމްގެ އާދޭސްތައްވީ އިތުރެވެ. “މަޢާފުކޮށްފިން” ހިތުގައިވާ އުދާސްތައް ފޮރުވާލަމުން ރަފާ ބުންޏެވެ. އޭނާ ވިސްނީ އޭނާގެ ދަރިފުޅަށް އެންމެ ރަގަޅު ގޮތަށެވެ. އެހެންވެ ނަދީމްގެ ސަބަބުން އޭނާވީ ބަދުނާމު ހަނދާން ނައްތާލަން ނިންމިއެވެ. އެއީ ކިތަންމެ ބޮޑުކަމަކަށް ވިނަމަވެސްއެވެ. ކޮންމެ ގޮތެއްވިޔަސް ޙަޤީޤަތަކީ ކައިވެނި ކުރިއްސުރެ، ނަދީމްގެ އޯގާވެރިކަމާއި އަޅާލުން ލިބިފައިވާތީ ރަފާއަށް ނަދީމްދެކެ ލޯބިވެވުނުކަމެވެ.

އެހެންކަމުން ކުރިއަށް އޮތް ތަން އުފާ ދިރިއުޅުމަކަށް ހެދުމަށް އެ ބޮޑު ކަންތައް މަޢާފުކުރުން މުހިންމެވެ. އެހެނީ މާތްﷲ ވެސް އިންސާނުންކުރާ ކުށްތަކަށް ފުރިހަމަ ތަޢުބާއަކުން ތައުބާވުމުން ޤަބޫލުކުރާވާހަކަ އަބަދުވެސް ސްކޫލު ދައުރުއްސުރެ ކިޔަވާދިން މުދައްރިއްސުން ކިޔަމުންދާއިރު، އިންސާނުން އެކަކު އަނެކަކަށް ކުރެވޭ ކުށްތަކަށް ފުރިހަމައަށް ދެރަވެ މަޢާފު އެދިފިނަމަ ނުކުރަންވީ ކީއްވެހެއްޔެވެ؟ ރަގަޅު ގޮތަކީ މީހުންގެ މައްޗަށް ހިތް ބުރަ ނުކުރުންތާއެވެ. އެހެންވެ ރަފާ ޤަބޫލުކުރަނީ ރަގަޅުވާން ހުރި ކޮންމެ މީހަކަށް އެ ފުރުސަތު އޮންނަން ވާނެކަމަށެވެ. ނަދީމްގެ ކުށަށް ރަފާ މަޢާފުކުރީ އެހެންވެއެވެ. އޭނާގެ ބަޑުގައިވާ ދެމީހުންގެ ދަރިފުޅަށްޓަކައެވެ. ދެމީހުންނަށްޓަކައެވެ.

ނިމުނީ

Share Article

Follow Me Written By

shuuu

Level 1

Other Articles

Previous

ޙަރާމް

Next

ވުމުން ހިތެއްގެ މިލްކުގައި 11

Next
January 11, 2019

ވުމުން ހިތެއްގެ މިލްކުގައި 11

Previews
January 11, 2019

ޙަރާމް

2 Comments!

  1. Nattu says:
    January 11, 2019 at 10:35 pm

    nice stry keep it up

  2. shaan says:
    January 12, 2019 at 8:26 am

    maasha allah nice ☺?

Comments are closed.



All Right Reserved!