ފުރަތަމަ ލޯބި (2ވަނަ ބައި)
ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެމެންގެ ގުޅުމަށް މާބޮޑު ބަދަލެއް ނާދެއެވެ. ކުރިއެކޭ އެއްގޮތަށް ވާހަކަ ދެކެވެމުން ދިޔައެވެ. އޭގެ ދުވަސްކޮޅެއް ފަހެވެ. އޭނާ އަހަރެންގެ ފޯނަށް ގުޅާ، މެސެޖު ކުރަން ފެށިއެވެ. ނަމްބަރު ހޯދިގޮތް އޮޅުންފިލުވިއިރު އެނގުނީ އެއީ ގާތް އެކުވެރިއަކު ކުރިކަމެއްކަމުގައެވެ. އާންމު ގޮތެއްގައި އެހެން ކަންތައް ވީނަމަ އަހަރެން ހިތްހަމަނުޖެހުނީހެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ނަމްބަރު ދިނީ ނިލާމަށް ވިއްޔާއެވެ. ސިއްރުން ނަމަވެސް މިހިތް ގޮވަމުން ދިޔައީ އޭނާއަށް ވިއްޔާއެވެ.އެކުވެރިޔާއަށް ފާޅުގައި ނުބުނިކަމުގައިވިޔަސް އަހަރެން ހިތުން އޭނާއަށް ޝުކުރުވެރިވީމެވެ.
ފޯނުން އާލާ ވަމުންދިޔަ ގުޅުން ލަސްލަހުން ނަމަވެސް ބަދަހިވަމުން ދިޔައީތީ އަހަރެން ހުރީ ހިތްހަމަޖެހިފައެވެ. އަހަރެންނަށްޓަކައި ދެގޮތެއްނުވެ ހުރި ފަހުލަވާނެކޭ ހީވެފައެވެ. މިއީ އަހަރެން ގަޔާވާ ކަހަލަ ފިރިހެން ކުއްޖަކު އެގޮތަށް އުޅުނު ފުރަތަމަ ފަހަރު ކަމުން ހިސާބަކަށް ފޮނިވެސް ވެވުނެވެ. އެއީ މައްސަލައެއްކަމުގައި އަހަރެން ނުދެކެމެވެ. އޭގެ ނާޖާއިޒު ފައިދާ ނަގާ، އޭނާ ހައްދާކަށް އަހަރެން މަސައްކަތެއް ކުރީކީ ނޫން ވިއްޔާއެވެ.
ފުރާވަރުގެ ދުވަސްވަރު އެލިބޭ އެކުވެރިންނަކީ ހަނދާނުން ފިލައިނުދާނޭފަދަ ޚާއްޞަ މަޤާމެއް ދެވިފައިވާ ބައެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކަންނެތް ކަމާއެކު ހޭލައިގެން ބޮޑުފަތިހާ ސްކޫލަށް ދާއިރު އާހެނދުނުގެ މަރުހަބާ ކިޔަން ތިބެނީ އެމީހުން ވިއްޔާއެވެ. އެމީހުންގެ ތެރޭގައި ދުވަހުގެ ބޮޑުބައި ކިޔެވުމާ، ކުޅިވަރާ، ސަކަރާތުގައި ވޭތުވެދާއިރު ފަހަށް ރައްކާކުރާނޭ އަގުހުރި ހަނދާންތަކެއް ރައްކާނުކުރެވުނިއްޔާވާ ދެރައެވެ. މިވަރުން އަދި ނިމޭކަށް ނޯވެއެވެ. ސްކޫލު ބަންދު ދުވަސްދުވަހު ހިނގާލަން ދިޔުމާ، ‘ގެޓް ޓުގެދާރ’ތައް ބޭއްވުން ވެސް ވެފައި އޮންނަނީ އާންމު ކަމަކަށެވެ.
އަހަރެންނާ އަހަރެންގެ އެކުވެރިންވެސް އުޅެމުން އައީ އަހަރެމެން ފުރައިގެ އެހެން ކުދިންނެކޭވެސް އެއްފަދައިން އެގޮތުގައި ގުޅުން ދަމަހައްޓަމުންނެވެ. ނިލާމާ އަހަރެންގެ އެކުވެރިންގެ މެދުގައިވާ ރައްޓެހިކަން ވާނީ ކުރިންވެސް ބުނެލެވިފައެވެ. ތެދަށް ބުނަނީނަމަ ރައްޓެހީ ނިލާމް އާ އެކަންޏެއް ނޫނެވެ. އޭނާގެ އެކުވެރިންކޮޅަކާ އެކުދިން ރައްޓެހީއެވެ. ހީވާގޮތުގައި ދެގުރޫޕުގެ ދެކުއްޖެއްގެ މެދުގައި ލޯބީގެ ގުޅުންވެސް އޮތެވެ. އަހަންނަކީ މީހުންގެ އަނގައިން ވާހަކަ ހޯދަމުން ދުވަމުންދާ މީހެއް ކަމުގައި ނުވާތީ އެވާހަކައިގެ ފުންމިނެއް އޮތީ ނޭނގިފައެވެ.
އެހެން އުޅެނިކޮށް ލައިގަތީ ބޮޑު ޢީދެވެ. ޢީދު ހެދުން އަޅާ ފަރިވެގެން އަހަރެންގެ އެކުވެރިންނާއެކު އެދުވަހުގެ ހަވީރު ހިނގާލަން ދިޔައިމެވެ. ނިލާމް މެންނާވެސް އެކުގައެވެ. ކޮންމެހެން ފިރިހެން ކުދިންނަށް ތުއި ދެއްކުމުގެ ނިޔަތް އޮތީމައެއް ނޫނެވެ. ޢީދަށް ރަށަށް ނުދެވޭތީ މާލޭގެ ފޫހިކަމާ ލޮނުމަޑުކަމުން، ޢީދުގެ ފޯރި ކިރިޔާވެސް ފެންނާނީ މަގުތައްމަތީގެ ހަލަބޮލިކަން ފެނިގެން ކަމަށްވާތީއެވެ. ެ
ެީ
ބޭރުމަގުވަށައި އަހަރެމެން ހިނގަމުން ދިޔައިމެވެ. ހީސަމާސާކޮށް މޮޅު ވާހަކަތައް ދައްކަމުން ދިޔަނަމެސް މީހަކަށް އުނދަގޫ ނުވާނޭ ވަރު ބަލައިގެންނެވެ. ނިލާމްވެސް އަހަރެންނާ ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެން މާ ވާހަކަ ގިނައެއް ނުކުރަމެވެ. އޭނާއަހާ ސުވާލަކަށް ޖަވާބެއް ދޭން މެނުވީ އެއްޗެކޭ ނުބުނެ މަޑުމަޑުން ހުރެ ހިނގަމުން ދިޔައިމެވެ.
އަހަރެމެން ދެމީހުނަށް އަޅުވާ ކިޔުމުގައި އެކުވެރިން އުޅުނު އިރުވެސް އަހަރެން ހަމައެކަނި ހިނިތުންވެލައިގެން ހުރީއެވެ. އެއީ އެކަމާ ރުހޭކަން ދެއްކުމުގެ ބޭނުމަކު ނޫނެވެ. އެކަމާ ދެކޮޅުހަދާ، އެމީހުންގެ ވާހަކައިގެ މަޖާކަން ފިލުވައިނުލުމަށެވެ. ނިލާމްއާ ވާހަކަ ނުދައްކާ ހުރީ ކީއްވެބާއޭ އޭނާ ހިތަށް އަރާނެ ކަންނޭނގެއެވެ.
އަހަރެން ހުރީ އޭނާ އުޅޭ ގޮތުން ރުޅިއަކުން ނޫނެވެ. ނަމަވެސް އޭނާ އަހަންނާ މެދު ދެކޭ ނަޒަރުން އަހަންނަށް އޭނާއާ ދިމާއަށް އިސްއުފުލާ ބަލައިލަންވެސް ނުކެރުނީއެވެ. އޮޅިގެންވެސް ހަތަރުކަޅި ހަމަވާ ވަގުތު ގަންނަނީ އަމަށަކު ލަދެއް ނޫނެވެ. ވާހަކަ މަދުކޮށްލެވެނީވެސް ސީދާ ޖަވާބެއް ދޭން ޖެހިދާނެ ކަމުގެ ބިރު އޮތީމައެވެ. އާނއެކޭ ބުނާހާ ހިއްވަރެއް އަދި ނޫނެކޭ ބުނާ ހިތެއްވެސް އޭރަކު ނެތެވެ. އަދިވެސް އަހަރެން ބޭނުންވީ ނިލާމާމެދު އަހަރެން ވަމުންދިޔައީ ލޯބިތޯ ބެލުމަށް ފަހުގައި ނޫނީ ކުރިއަށް ފިޔަވަޅެއް ނޭޅުމަށެވެ.
އެކި މީހުންގެ ފަރާތުން ހުށަހެޅުންތައް އޭރުވެސް ދިޔައީ ލިބެމުންނެވެ. ދެދުވަހަކު ދިމާވެފައި ލޯބިވެވުނީއޭ ބުނާ މީހުން ވެސް މަދެއްނޫނެވެ. އެކަހަލަ ޤަބޫލު ކުރަންދަތި ވާހަކައެއްގެ މަޅީގައި މިހާރުގެ އަންހެން ކުއްޖެއް އެހާ ފަސޭހައިން ޖެއްސުމީ ނާދިރުކަމެއްކަން ނޭނގުނީބާވައެވެ؟ އެކަމަކު އެމީހުންގެ ތެރޭގައިވެސް ތެދުވެރި، ވަފާތެރިއަކު ހުރުމީ އެކަށީގެންވާ ކަމެކެވެ.
އޭގެ ތެރޭގައި އަހަރެން އުއްމީދު ކޮށްގެން ހުރި ކަހަލަ ރީތި ފިރިހެން ކުދިން ވީނަމަވެސް އެހެން މީހުނަށް ދެވޭ ޝައުޤުވެރިކަން ދިޔައީ ކުޑަވަމުންނެވެ. ނިލާމްއާމެދު ޚާއްޞަ ސަމާލުކަމެއް ދެވެން ފެށުނީ ކަންނޭނގެއެވެ.
އަހަންނަށް ނިލާމް ކަމުދެއެވެ. ހުތުރެއް ނޫނެވެ. ޢަމަލުތަކުގެ ރީތި ހުތުރު އޮޅުން ފިލާގޮތް ވީ އަދި ނުވެފައެވެ. އޭނާއާ ބެހޭ މަޢުލޫމާތު އެނގެން ބޭނުންވިއެވެ. ނިލާމްގެ އެކުވެރިން މަޖަލަށް ނަމަވެސް އޭނާގެ ހުރި ސިފައަކަށް ނުވަތަ ކުރާ ކަމަކަށް ފާޑު ކިޔާ، ދެކޮޅަށް އެއްޗެއް ބުންޏަސް އަހަރެންގެ ލޭ ކެކޭ ގޮތްވިއެވެ. އަހަރެންނަށް ވެވެމުން އައި ފުރަތަމަ ލޯބީގެ އިހުސާސްތައް ފޮނިވެ، އާރޯ ވަމުން ދިޔައެވެ.
ޢީދުގެ ފަހުން އެކުވެރިންގެ ގޭގައި އޮތް އެއްވުންތަކުން ނިލާމް ފުދޭވަރަކަށް ފެންނަން ފެށިއެވެ. އޭނާގެ އެންމެ ފެނިލުމަކަށްވެސް އަހަރެން އެދިއެދި ހުރިވަރު އެނގުނީ ދެނެވެ. އަދި އޭނާ އެ އެދޭ ކަންތަކާމެދު އިހުނަށްވުރެ ބޮޑަށް ފިކުރު ކުރަންފެށިމެވެ.
ނިލާމަކީ އަހަރެން ނުރުހޭ ސިފަތަކެއް އަށަގެންފައިވާ ޒުވާނެކެވެ. ކަންމަތީ ގުރޫޕެއްގެ ކުދިންނާ އޮންނަ ގާތް ގުޅުމުން ބިރުން މޭ ކަރައިގެން ދިޔަޔަސް އޭނާއާމެދު ހިތް ނުބައި ކުރެވޭ ގޮތެއް ނުވިއެވެ. ސިނގިރޭޓުގެ ވަސްދުވީމާ ފޫހި ވިޔަކަސް، ސިނގިރޭޓް ބޯ ނިލާމްދެކެ ފޫއްސެއް ނުވެވުނެވެ. އެހުއްޓާލަން ބުނީމާ އޭނާ ދިން ޖަވާބު އަހަރެންގެ އަނގަ ބަންދުކޮށްލިއެވެ. އޭނާ ބުނީ ރައްޓެހިވެއްޖެއްޔާ އެކަން ކުރަންވެސް ތައްޔާރަށް ހުރި ކަމަށެވެ.
އަދިވެސް އޭނާގެ ފަރާތުން ފެނުނު އަހަންނަށް ކަމުނުދާ ސިފައެކެވެ. ނިލާމް މާ ރުންކުރީއެވެ. އެއްފަހަރަކު އަހަރެން ބިޒީ ވަގުތެއްގައި ފޯނު ނުނަގައި ގިނައިރުތަކެއް ވީފަހުން އެހެން މީހަކު ލައްވާ ނެގުވީމާ ނިލާމް އޭނާއާ ވާހަކަދެއްކި ރުޅިވެރިގޮތުން އަހަރެންވެސް ލަދުގަތެވެ. އެއީ ނިލާމް އަހަންނާ ވާހަކަ ދައްކާހިތް ވާލެއް ބޮޑުކަމުން ވީގޮތެއް ކަމުގައި ހީކޮށް އަހަރެން ހިތްހަމަޖައްސާލީމެވެ. އޭނާގެ އެދުމަށް ހޫނު މަރުހަބާއެއް ނުކީތީ ފަހަކަށް އައިސް އެކަމާވެސް އޭނާ ރުޅިއާދެއެވެ. އޭނާގެ ރުޅިވެރިކަމުންވެސް އަހަންނަށް ފެންނަމުން ދިޔައީ ލޯތްބެވެ. އަހަރެންނަށް އޭނާ އެދިއެދި ހުރިވަރެވެ. އެއީ ވެސް ލޯބީގެ ވައްތަރެކޭ އަހަރެން ހީހުރީމެވެ.
ކޮންމެފަދަ ނުރުހެވޭ ކަމެއް ނިލާމްގެ ކިބައިގައި ހުއްޓަސް ކިރިޔާވެސް ފެނުނު ރަނގަޅު ސިފައަކީ އޭނާދެކެ ލޯބި ވާންވީ ސަބަބެއް ކަމުގައި އަހަރެން ހެދީމެވެ. ލޯތްބަކީ ކަނުއެއްޗެކޭ ބުނާބުނުން މޭރުން މިވީ އަދި ކިރިޔާތާއެވެ.
އަހަރެން ނިލާމްދެކެ ވަމުން އައީ ލޯބިކަން އޭރު ކަށަވަރު ވެފައި ވީނަމަވެސް އަވަސް އަރައިގަނެގެން ނޫޅެ އިހަށް މަޑުޖެހިލީމެވެ. މިހާދުވަހުވެސް ތަކުރާރުކޮށް މެދުކެނޑުމެއްނެތި އިންތިޒާރު ކުރީތީ ދެންވެސް ދުވަސްކޮޅަކު ހުރެދާނެކަމަށް ހިތައި ކަންފަސޭހަވީ ކަންނޭނގެއެވެ. ނަމަވެސް…. މީހެއްގެ ވިސްނުމާ އިހުސާސްތައް ބަދަލުވާނޭ ވަގުތެއް އެނގޭނީ ކާކަށް ހެއްޔެވެ؟
ދެން އިވުނީ ނިލާމް އަހަރެންގެ އިންތިޒާރުގައި އަދި ހުރެދޭނޭކަމަށް ކުރެވުނު ހީތަކަކީ ކުށްހީތަކެއްކަން ސާބިތު ކޮށްދިން ވާހަކައެކެވެ. އިންތިޒާރަކީ އެއްވެސް މީހަކު ދާއިމަށް ކުރުމުގައި ދެމިނުހުރެވޭނޭ އެއްޗެއްކަން އެނގުނީ އެލިބުނު ޚަބަރުންނެވެ. ނިލާމް އެހެން ކުއްޖަކާ ރައްޓެހި ވެއްޖެކަމުގެ ޚަބަރެވެ. އަހަރެން މާޔޫސްވާގޮތްވިއެވެ. އަހަންނަށް އޭނާއާމެދު ކަންތައް ކުރެވުނީ ހަމަ އެހާ ފިނިކޮށް ހެއްޔެވެ؟ ދޭންވީ ވަރަށް ސަމާލުކަން ނުދެވުނީ ހެއްޔެވެ؟ އެހާ ދުވަހަށްފަހު ނިލާމްގެ ލޯތްބަށް އަހަރެންގެ ހިތް ބޯލަނބައި ކިޔަމަންވީ، މިދުވަސް ދެކެން ހެއްޔެވެ؟
ނުނިމޭ))
11 Comments!
Comments are closed.

masha allah!! salhi mi part…….dhn othy last part tha??is dis a true story?? first luv dw!!gina kudhinge 1st luv eha kamiyabee eh noon..e goi kanneynge mi vahakaiga vx vany dw!! e boy kuhja dhoka dheny
mi part wes w w reethi .. thankxx 4 updating so sooon 😀 hope 2 see the next part soon
Last part eh nun bt eha dhigeh vs nukuraanan.
Maigandaky true story eh dhn baeh changes genehsa hunnaany and fr her request names vs badhalu kohfa
Maee dhen ninmaa edheny dhoaka or ehn ehchehtho.ekujja dhekey goi next part ga engeyne hen heevany.
Tnx maee n shaph.hopefully mi weekend ga next part will be uploaded
Vara reethi vaahaka
i ge life aa vv gulhun ebahuri…..vaahaka vv salhi 🙂
vvvvvvv vvvvv vvv reethi mi part ves… avahah upload kohdhinii thee thanx Aimy 🙂 waiting for the next part eagerly 🙂 🙂
Thank u all fr ur support 🙂
alhe awahah up kohba … plxxx … waitingg