އިސްމާޢިލް ޢަލީ ކަނދޮޅުދޫ
މުޙައްމަދު ހެނީއެވެ.މޫނުބަލާ ލޯގަނޑު ބަލަހައްޓައިގެން ހުރެ އެތަކެއް ފަހަރު މިގޮތަށް ހުނުނެވެ.އަންހެނުންނެތް ދަނޑިވަޅެއްގައި އެހިތާމަ ގޭގައި ގެންގުޅޭ ކުއްޖަކު ފިލުވާލަ ދިނީތިއެވެ. ކައިވެނީގެ ޙަޔާތައް ހަތް އަހަރު ވެފައިވާއިރު އަދި މިވަރުގެ އުފަލެއް ނުލިބެއެވެ.އެކުއްޖާގެ އޯގާތެރިކަމުގެ ނިޝާންތައް މުޅިގައިގެ އެތައް މިތަނުގައި ވެއެވެ.އެ ނިޝާންތައް ފެނުމުން ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދެއެވެ. ހަމައެއާއިއެކު ހިތަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ވެރިކުރުވައެވެ. މާދަމާ އަންހެނުން އެނބުރި ރާއްޖެ އަންނަނީއެވެ. އައުމާއި އެކު މިނިޝާންތައް ހައިޖާނެއް އުފައްދާނެއެވެ.
މުޙައްމަދުގެ އަންހެނުން ރީމާ ރާއްޖެ އެއަންނަނީ ފުރިހަމަ ތިން އަހަރަށްފަހުގައެވެ.ވޭތުވެދިއަ ދިގު މުއްދަތުގައި މިދެމެދުގައިވާ ގުޅުމަކީ ހަމަ އެކަނި ގުޅާލެވޭ ފޯނު ކޯލެވެ.ކައިވެންޏަށް މިހާ ދުވަސްވީއިރުވެސް ދެމީހުން އެކުގައި އުޅެން ލިބިފައިވަނީ ވަރަށް މަދު ދުވަސް ކޮޅެކެވެ.މިދުވަސްތަކުގައިވެސް ދެމީހުން އުޅެން ޖެހިފައިވާ އަވަދިނެތިކަމުގެ ސަބަބުން އެކަށީގެންވާ ގުޅުމެއް ނުއުފެއްދެއެވެ.އަދި މިކާވެންޏަކީ ދެފަރާތުގެ ޢާއިލާއިން ރޭވިގެން ކުރެވުނު ކާވެންޏަކަށް ވާތީ،މިދެމެދުގައި މާބޮޑު ގުޅުމެއް ނޯވެއެވެ.
ދެމަފިރިން އުޅެނީ ސަރުކާރުގައެވެ. ދެމީހުންނަކީ،ޒިންމާ ބޮޑު ދެމީހުންނެވެ. ދެމީހުންވެސް ވަރަށް ގިނައިން ސަރުކާރުގެ ދަތުރުތަކުގައި އުޅެން ޖެހެއެވެ.
ޝަރީފާ އަކީ ހއ.ކެލާ ކުއްޖެކެވެ. މިގެއަށް އޭނާއަށް އާދެވުނީ މުޙައްމަދުގެ މަންމަގެ ރައްޓެހި ކަމުގައެވެ.އޭނާ މާލެ އައިސް އެއުޅެނީ ކޯހެއް ހެދުމަށްޓަކައެވެ.ޝަރީފާއަށް ކުރެވުނުކަންތަކާއި މެދު އިންތިހާއަށް ދެރަވެ ލަދުގަނެ ބިރުގެންފިއެވެ.ﷲ ސުބްޙަނަހޫ ވަތަޢާލާ ޙަރާމް ކުރެއްވި ބޮޑުފާފައަކަށް އަރައިގަނެވުނީތީ،އެކަމާ ވަރަށް ބޮޑަށް ފިކުރު ކުރެވޭން ފަށައިފި އެވެ. ބޯއަޅާލައިގެން އޮތް މަޑުފިޔާތޮށި އުރަލީ މަޑު ބާލީސް ތެންމަމުން ދަނީ ޝަރީފާ ގެ ލޮލުން ފައިބާ ކަރުނައިންނެވެ.
ޝަރީފާ މާލެ އައުމުގެ ކުރިން މަންމަދިންހައި ނަސޭޙަތް ތަކުގައި ކޮޅުފައިން ޖެހުނިތީ އެކަމާ ވަރަށް ދެރަވެއެވެ.މަންމަމެންނަށް ހުތުރު ނަމެއް ލިބޭނޭފަދަ ޢަމަލެއް ނުހިންގާނޭ ކަމަށް މަންމަގާތު ތަކުރާރުކޮށް ބުނެފައިވެއެވެ.
ކޯސް ނިމުނުއިރު މުޙައްމަދާއިއެކުގައިވެސް ވަގުތުތަކެއް އެކަހެރިކޮށް ހޭދަ ކޮށްފައިވެއެވެ.ޝަރީފާއަކީ މާލެ އައިއިރު ފޮޅޭން ތައްޔާރުވއފައި އިން މަލެއް ފަދަ ކުއްޖެކެވެ. މާބުރެއް އައިސް ކިރިޔާ ޖެހިލާއިރަށް ފިޔަ ހުޅުވިގެން ދާފަދައިން އެމާ ފޮޅިއްޖެއްވެ.މުޙައްމަދަކީ ތަޖްރިބާހުރި އެހެނަސް ފުރުސަތެއް ނުލިބިގެން އުޅޭ މީހެކެވެ.
ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން މުޙައްމަދުގެ އަންހެނުން ރީމާ މާލެ އަތުވެއްޖެއެވެ.މުޙައްމަދުގެ މަންމަގެ ބުއްދިވެރިކަމުން ރީމާ އައުމުގެ ކުރީން ޝަރީފާ ވަނީ އެގެއިން ފޮނުވާލާފައެވެ.އެހެނަސް މުޙައްމަދުގެ ހިތުގައި ޝަރީފާ އިންދި ލޯބީގެ އޮށްތައް ޝަރީފާގެ ފަރިފަރި އަދާތައް ހިތުން ފިލުވާލެވިދާނެބާއެވެ.
ރީމާ ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ.ފިރިމީހާގެ ވާޖިބު ވަޒީފާއަށް ވުރެ މުހިއްމު ވެއްޖެއެވެ. މިހާރު ކުއްޖަކު ބޭނުން ކަމަށްވެސް ބުނެފިއެވެ.މަންމައާއިވެދސް ގޭތެރޭގެ މަސއްކަތްކަތުގައި ބައިވެރިވާން ފަށައިފިއެވެ.
މުޙައްމަދު ހުންނަނީ ނެގިމަޑުވެފައެވެ.ވާހަކަ ދައްކާ އުޅެނީ ވަރަށް މަދުންނެވެ. ރީމާއާއިއެކުގައި ހޭދަކުރާ ވަގުތވެސް މަދެވެ.އަދި މާބޮޑުޖޯޝެއް ފޯރީއެއް ނެތެވެ.މުހައްމަދު ދަނީ ފިކުރުގެ ކަނޑަށް ގެނބެމުންނެވެ. އެކަނޑުން ނެގޭނެ މީހަކުހުރިމަނަމަ އެމީހަކީ ކެލާ ޝަރީފާއެވެ.
ރިމާ ކިޔެވި އެއްޗެއްގެ ބޭނުން ހިފައިގެން މުހައްމަދަށް އައިސްފައިވަ ބަދަލު ވަރަށް ރަގަޅަށް ދެނެގެންފިއެވެ.އަދި ރަޙުމަތްތެރިންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ގޭތެރޭގައި ހިނގި ކަންތައްގަޑު ވަރަށް ސާފުކޮށް އެނގިއްޖެއެވެ.
ރީމާގެ ކުށް އޭނަ ޤަބޫލު ކުރެއެވެ. ފިރިމީހާއަށް ދޭންވާ އަޅާލުމާއި ލޯބި ނުދެވި އެހާދުރުގައި ހުންނަން ޖެހުމުން އެއީ ދިމާވެދާނެ ކަމެއްކަން އެނގެއެވެ.އެހާ ހިސާބުން އެކަން ނުހުއްޓުވޭނެ ސިއްރުތަކެއް ވާކަން ޤަބޫލު ކުރެވެއެވެ.
ރީމާ ބޭނުންވީ ވަރަށް އެކަނިވެރި މާޙައުލެއްގައި ދެމީހުން ބައްދަލު ވެލާށެވެ.ދިރިއުޅުމުގައިޖެހިފައިވާ ލައްތައް ދޮވެސާފު ކޮށްލާށެވެ.ދެމަފިރިންގެ ދެމެދުގައި ބަދަހި ގުޅުމެއް އޮތުމަށްޓަކައެވެ.
ބުރާސްފަތި ދުވހެއްގެ މެންދުރުފަހު އެދެމަފިރީން މާލެ އަތޮޅު ހުރާއަށް ދަތުރު ދިޔައެވެ.ރީތި ދޮންވެލިގަނޑުގައި ތިބެހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. މުޙައްމަދު އެއްވެސް ފޮރުވުމެއް ނެތި ޝަރީފާއާއި ދެމެދުގައި ހިނގި ލޯބީގެ ގުޅުމުގެ ވާހަކަ ކިޔައިދިނެވެ.
މިހާރު އުފެދޭ ސުވާލަކީ ޝަރީފާއަށް ހަދާނެ ގޮތަކާއި މެދު އުފެދޭ ސުވާލެވެ.އޭނާއަށް ހިތާމައެއް ނުދިނުމަށް ދެމީހުންވެސް އެއްބަސް ވިއެވެ. މިގޮތުން ޝަރީފާގެ ޙަޔާތް ކުރިއަށް ގެނދާނެ ގޮތުގެ ޕްލޭނެއް ރީމާ ހުށައެޅިއެވެ.އޭނާ އަށް ކިޔވައިދިނުމަށާއި،ރަނގަޅު މުސްތަޤްބަލެއް ފެންނަންދެން އެހީވުމަށް ނިންމިއެވެ.
ހުރާއަށް ކުރި މިދަތުރު ވެގެންދިޔައީ ވަރަށް ކާމިޔާބު ދަތުރަކަށެވެ.އެމީހުން އެނބުރި މާލެ އައީ ޙަޔާތުގައި ޖެހުނު ހުރިހާ ދަބަރުތަކެއް ހުރާގެ ސާފު މޫދާއި ހަވާލުކޮށްފައެވެ.އަދި ލޯބީގެ ކުރިތަކެއް އެދެހިތުގައި އިންދައިގެންނެވެ.
މުޙައްމަދުމެންގެ ޢާއިލާއަށް އުފާވެރިކަމުގެ ރަނގަބީލްތައް ޖެހެން ފަށައިފިއެވެ.ދިގުމުއްދަތަކަށްފަހު އެދެމަފިރީންގެ ޙަޔާތް ފަޅުފިލަން އުޅެނީއެވެ.
( ނިމުނީ )
3 Comments!
Comments are closed.




nice storyy
Shaan thax
Amaabandu liyega