ހޯދޭތޯ މަންޒިލެއް… 25 (ފަހުބައި)
”އަަހަރެން ކުރި ކަންތަކުގެ ސަޒާ މިއަދު އަހަންނަށް މިލިބެނީ… ކުޑާއަށް ދެރަ ދޭން ހަދައިގެން އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔައީ، އެބައެއްގެ ލޯބީ ހޯދަން ބޭނުންވި ހުރިހާ އެންމެންގެ ނަފުރަތު އަހަންނަށް އަމަޒުވެގެން ދިޔައީ… މަންމަ އަހަންނާ ވާހަކަ ދައްކަނީ ވެސް އަހަރެން އަމިއްލަ ނަފުސަށް އަނިޔާ ދީފާނެ ކަމުގެ ބިރު ހިތުގައި އޮތީތީ، އެހެންނޫންނަމަ މަންމަ އަހަންނާ ދުވަހަކު ވާހަކަ ނުދެއްކީސް، ކިހިނެއް ދައްކާނީ ވެސް، އެމަންމަގެ އުފަން ދަރިއަށް އެފަދަ ބޮޑު އަނިޔާއެއް ދޭން އުޅުނު މީހަކާ ރުޅިވެރިކަމާއެކު ނޫން ގޮތަކަށް ބަލާނީ ވެސް ކިހިނެއް؟، މިއަދު އަހަންނަށް އަމާޒުވެފައި މިވާ ރުޅިވެރިކަމައި ނަފުރަތު އަހަންނަށް ހައްޤު… އެނގި ހުރެ ކިތައް އަނިޔާ ކުޑާއަށް ދެވިއްޖެ، ކުޑާ އުފަލުގައި ވާން ބޭނުން ނުވާތީ ނަހީކްއާ ކުޑާގެ ދެމެދަށް ވަދެ ދުރުކުރީ، އެހެން ކަންތައް ނުކުރި ނަމަ މިއަދު ކުޑާއަށް އުފާވެރި ދިރިއުޅުމެއް ލިބުނީސް، ހިތާމަވެރި ދުވަސްތައް ބަރުދާސްތުކުރާކަށް ނުޖެހުނީސް، އެދުވަހު އަހަންނަށް ވިސްނުނުނަމަ، އަނެކާގެ ދިރިއުޅުން ހަލާކުކޮށްލާފައި ތިމާއަށް އުފަލުގައި ނޫޅެވޭނެކަން ވިސްނުނުނަމަ… މިއަދު އަހަރެން ކުރި ނުބައި ކަންތައް މިވަނީ އަހަންނާ އަރާ ހަމަކޮށްފައި، ރުކާންއަށް ހެދި ދޮގުތަކުން ރުކާން އަހަރެން ދެކެ ރުޅި އައުން ހައްގު، އެކަމާ އަހަރެން ޝަކުވާއެއް ނުކުރާނަން… އަހަރެންގެ މި ދެއަތުން ރުކާންގެ ހިތް ހަލާކުކޮށްލީ ވެސް، ދެން ކޮން މޫނަކާއެކު އަހަރެން ރުކާން ގާތަށް ދާނީ، އަހަރެންގެ ސަބަބުން އަހަރެންގެ ދަރިފުޅު ވެސް ނިކަމެތި ވެގެން ދިޔައީ… އަހަންނަށް… އަހަންނަށް މަޢާފް ކުރޭ… ކުރެވުނު ހުރިހާ ކަމަކަށް އަހަރެން ދެރަވެ ލަދުގަނޭ… ކުޑާ…”
ވޭނީ ގިސްލުންތަކާއެކު ތޫގާ ބުނެލިއެވެ. ތޫގާގެ ވާހަކަތަކުން އިންތިހާއަށް މާއީގެ ހިތަށް އަސަރުކުރިއެވެ. ތޫގާއަށް ހެޔޮ ވިސްނުން ލިބުނީތީ އެކަމަށް އޭނަ ޝުކުރުވެރިވިއެވެ. ކުށެއް ކުރެވުމުން އެކުށުގެ އިހުސާސްކުރެވި އަނިޔާ ދެވުނު މީހާގެ ގާތުން މަޢާފަށް އެދުމުގެ ނަސީބު ލިބޭނީ ވަރަށް ވެސް މަދު ބަޔަކަށެވެ. ހަމައެއާއެކު އެކުށަށް ތައުބާވުމުގެ ފުރުސަތު ވެސް ލިބޭނީ މަދު ބަޔަކަށެވެ. މިއަދު ތޫގާއަށް އެނަސީބު ލިބުމުން މާތްﷲއަށް ހަމްދުކުރެވުނެވެ. ވަގުތު ފާއިތުނުވަނީސް ތޫގާއަށް ހެޔޮވިސްނުން ލިބުނީތީ އެވެ.
ކޮއްކޮގެ އުދާސްތަކަށް ލުޔެއް ހޯދައިދޭން މާއީ އަވަސްވެގަތެވެ. ތޫގާ ގޮސްވައިގެން ގޮސް ހާމަފެންޑާގައި ހުރި އުނދޯލީގައި މާއީ އިށީނެވެ. ދުރުގައި މަންޒަރު ބަލަން ބަސްމާއާއި ޖާވިދު ތިއްބެވެ.
”އަހަރެން ކުޑާ ދެކެ ނަފުރަތުކުރަން ޖެހޭ ސަބަބެއް ވެސް ނެތް، އަހަރެން ހަޤީޤަތުގައި ޖެހޭނީ ކުޑާއަށް ޝުކުރެވިވާން، ކުޑާއަށް ލިބެމުން ދިޔަ މައިންބަފައިންގެ ލޯބި އަހަރެންގެ ސަބަބުން ޖެހުނީ ހަމަހަމަކޮށް ބަހަން، އެކަމާ މެދު ކުޑާ ދުވަހަކު ވެސް ޝަކުވާއެއް ނުކުރޭ، އަހަރެން ދެކެ ލޯބިވީ ވެސް އަމިއްލަ ކޮއްކޮއެއް ފަދައިން، އަހަރެންގެ އެންމެ ގާތުގައި ވެސް ހުރީ ކުޑާ… އެކަމަކު އަހަންނަށް އެއިން އެއްވެސް ކަމަކަށް ޤަދަރެއް ނުކުރެވުނު…” ތޫގާގެ އަޑުގައި ހިތްދަތިކަން ވިއެވެ. އޭނަ ދެރަވެފައިވާ މިންވަރު މޫނުމަތިން ބަޔާންކޮށްދެއެވެ.
ތޫގާގެ ލޮލުން ފައިބަމުން އައި ކަރުނަތައް މާއީ ފޮހެލަދިނެވެ.
”ތިމާއަށް ކުށެއް ކުރެވުމުން އެކަމާ ވިސްނި އެކުށަށް މަޢާފަށް އެދުން އެއީ ހިތްވަރުގަދަ މީހުންނަށް ނޫނީ ކުރެވޭނެ ކަމެއް ނޫން… އަހަރެންގެ ހިތް ތޫގާގެ މައްޗަށް މިއަދު ސާފު ވެގެން ހިނގައްޖެ… އަހަންނަށް އެނގޭ ތޫގާއަށް ކުރެވުނު ކަންތަކާ މެދު ތިހުރީ އިންތިހާއަށް ދެރަވެފައިކަން… ތިލޮލުން ފައިބާ ކަރުނަތައް އެކަމަށް ހެކިދޭ…… މިއަދު މީ މާޒީ ހަނދާންނައްތާލާފައި އައު ފެށުމަކުން ފަށަންވީ ދުވަސް، މާޒީގެ ހިޔަނީގެ ތެރޭގައި އުޅެން ވެއްޖެނަމަ އަބަދު ވެސް ތިމާގެ ނަފުސު ހުންނާނީ މާޔޫސްކަމުގެ ތެރޭގައި ބަދެވިފައި، އުފަލެއް ހާސިލެއް ނުކުރެވޭނެ… ފާއިތުވި ދުވަސްތަކުގައި އަހަންނަށް އެކަން ވަނީ އިހުސާސްކުރެވިފައި… މިއަދު އަހަރެން ތޫގާގެ ގާތުން ވެސް އެދޭނީ ވެދިޔަ ކަންތައް ހަނދާންނައްތާލުމަށް، ހިތްވަރާއެކު އައު ފެށުމަކުން ދިރިއުޅުމާ ކުރިމަތިލުމަށް، މިއަދުން ފެށިގެން ދިރިއުޅުމުގައި ތޫގާ ނަގާ ކޮންމެ ފިޔަވަޅެއްގައި މަދަދުވެރިވާން ގާތުގައި އަހަރެން ހުންނާނަން، ފަޅި ސިކުންތުކޮޅަކަށް ވެސް ހީނުކުރާތީ ތޫގާ ތިހުރީ އެކަނިވެރިވެފައޭ، އެއީ ކުށްހީއެއް، ތޫގާގެ ގާތުގައި ތޫގާގެ މައިންބަފައިން އެބަތިބި، ތޫގާގެ ދައްތަ އެބަހުރި… މީގެ ފަހުން މިއަދު ކުރަން ތިއުޅުނު ކަހަލަ މޮޔަކަމެއް ނުކުރާނަން ކަމަށް ވަޢުދުވޭ…” މާއީ ތޫގާއަށް މަޢާފްކުރިއެވެ.
ކަރުނުން ފުރިފައިވާ ދެލޮލުން ތޫގާ މާއީއަށް ބަލާލިއެވެ. މާއީގެ ހިތްހެޔޮކަން ފެނި ތޫގާގެ ހިތުގައި ޖެހުނެވެ. އޭނަ މިހުރިހާ ދުވަހު އެއޯގާތެރި ހިތަށް ދޭން އުޅުނީ އަނިޔާ އެވެ. ނަމަވެސް މާއީގެ ހިތުގައި އޭނައާ މެދު އެއްވެސް ބުރަކަމެއް ނެތެވެ. އޭނައަށް މަޢާފް އެކުރީ ވެސް ސާފު ހިތަކާއެކުގަ އެވެ.
މާއީ އެތައް ނަސޭހަތެއް ދީގެން ތޫގާ ހަމައަކަށް އެޅުނެވެ. ބަސްމާ ވެސް އެވަގުތު އައިސް ތޫގާއަށް ހިތްވަރު ލައިދިނެވެ. އައު އަޒުމަކާއެކު ދިރިއުޅުމާ ކުރިމަތިލުމަށް ނަސޭހަތް ދިނެވެ. ކުރެވުނު ކަންތަކަށް ތައުބާވެ އާ ފެށުމަކުން ފަށުމަށް ވެސް ބުނެލިއެވެ. ޖާވިދު ވެސް ތޫގާއަށް ހިއްވަރުލައިދިނެވެ.
އަހަރުތެއް ވަންދެން ތޫގާގެ ހިތުގައި އަނދަމުން ދިޔަ ނަފުރަތުގެ ސިލްސިލާ ނިމި ފުރަތަމަ ފަހަރަށް އެހިތަށް ފިނިކަމުގެ އިހުސާސްކުރެވުނެވެ. އެއާއެކު އޭނަގެ ނަފުސަށް ވެސް ލުޔެއް ލިބުނުކަމުގެ އިހުސާސްކުރެވުނެވެ. ވެއްޓިފައިވި އަނދިރި އަނދަވަޅުން އޭނަ ސަލާމަތްކޮށްދިނީ އޭނަ މިހުރިހާ ދުވަހު ދުޝްމަނެއްގެ ގޮތުގައި ދެކެމުން އައި އޭނަގެ ދައްތަ އެވެ. ސަލާމަތުގެ އައްސޭރިއަކަށް ވެސް ގެންގޮސް ދިނީ ހަމަ އެދައްތަ އެވެ. މާއީ ދިއްކޮށްލި ރަހުމަތްތެރިކަމުގެ އަތުގައި ތޫގާ ހިފި އެވެ. މިހާރު އެހިތުގައި ވަނީ ކުލުނެވެ. އެވެސް ފުރަތަމަ ފަހަރަށެވެ. ދުނިޔެއާ މެދު މުޅިން އައު ނަޒަރިއްޔާތަކުން ވެސް ދެކެވެން ފެށުނެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ ޖިސްމަށް ލިބުނު ތާޒާކަމާއި އާރޯކަމުގެ ސަބަބުންނެވެ.
ތޫގާގެ ހިތުގައި އެވަގުތު އަޒުމެއް ކަނޑައެޅިގެން ދިޔަ އެވެ. މާއީގެ ހިތަށް ދެވުނު އަނިޔާތަކުގެ ބަދަލު އުފާވެރިކަމުގެ ދުވަސްތަކުން ފުރާލަދޭނަންކަމަށް އޭނަގެ ނަފުސަށް ކުރެވުނު ވަޢުދެވެ. މާއީއާއީ ނަހީކް ގުޅުވުމުގައި އޭނައަށް ކުރެވުނު ކޮންމެ ކަމެއް ވެސް ކޮށްދޭނެއެވެ. އެހިތަށް ދެން ފިނިކަމެއް ލިބޭނީ މާއީއާއި ނަހީކް ގުޅޭ ދުވަހަކުންނެވެ.
*****
ތޫގާގެ އުފާތައް ވަނީ ރުކާންއާއެކުގައި ކަމަށް ވުމާއެކު އެދެމެދުގައި ޖެހުނު މައްސަލަތައް ހައްލުކުރަން ބަސްމާ ބޭނުން ވިއެވެ. މިވަގުތު ތޫގާއަށް އެންމެ ބޮޑަށް ބޭނުންވަނީ ވެސް ރުކާންގެ އަޅާލުމާއި ލޯތްބެވެ. ތޫގާގެ ބަލިމަޑުކަން މުޅިން ފަސޭހަވާނީ ވެސް އޭރުންނެވެ. ރުކާންއާ ބައްދަލުކުރަން ބަސްމާ އެގެއަށް ދިޔައީ ވެސް އެހެންވެއެވެ.
ތޫގާގެ ވާހަކަތައް މުޅި ރަށުތެރެއަށް ފެތުރިފައިވުމުން އުމެއިރާ ހުރީ ތޫގާދެކެ އިންތިހާއަށް ރުޅި އައިސްފައެވެ. ތޫގާގެ ނުބައިކަން ހާމަވުމުން އޭނަ ހުރީ ހިތްހަމަވެސް ނުޖެހިފައެވެ. އޭނައަށް ތޫގާ އޮތީ ވަރަކަށް އޮޅުވާލާފަތާއެވެ. މައުސޫމްކަމުގެ ނިވަލުގައި ފިލާ ހުރީ ބޮޑު އިފުރީތެކެވެ. އެއިފުރީތުގެ ނުބައިކަމުން މިއަދު އޭނަގެ ދަރިފުޅާއި ޢާއިލާ ސަލާމަތްވި ކަމަށްޓަކައި އުމެއިރާ ޝުކުރެވެރިވެ އެވެ.
އުމެއިރާ ތޫގާ ދެކެ ރުޅިއައިސްފައި ހުރި އިރު އޭނައަށް އުޅެވެމުންދާ ގޮތެއް ރޭކާނުލައެވެ. ދޭތެރެޖެއްސައި ރަށުގައި ފިތުނަފަސާދަ އުފައްދަމުން ދުވެވޭ ކަމެއް ވެސް ނޭގެއެވެ. ނޫނީ އެނގިހުރެ އެކަންތައް ނޭގޭކަމަށް ހެދެނީ އެވެ. އޭނަގެ ހިތް މާބޮޑަށް ޖާހިލިތްޔަތުކަމަށް ލޯބިކުރަނީ އެވެ.
ހާވީރަށް ގޭގެ ބަގީޗާ ގަސްތަކަށް ފެންދޭން އުޅުނު އުމެއިރާއަށް ގޭޓު ހުޅުވާލާފައި ވަދެގެން އައި ބަސްމާ ފެނި އަތުގައި އޮތް ހޮޅިގަނޑު ވިނަގަނޑު މައްޗަށް ދޫކޮށްލިއެވެ. އަދި އިސްކުރަށް ބާރުކުރަން އޭނަ ގާތުގައި ހުރި ބޭރު ނޯކަރަށް އަތުގެ އިޝާރާތުން އަމުރުކުރަމުން ބަސްމާއާއި ކުރިމަތިލައިފިއެވެ.
”ކަލޭ ތިއައީ ކީއްކުރަން؟…” އުމެއިރާ ލޯއަޅާލިއެވެ. ސަހަލުކަމަކާއިގެން ބަސްމާ ނާންނާކެން އޭނައަށް ލަފާކޮށްލެވުނެވެ. ”ކަލޭގެ އަންހެން ދަރީގެ ވާހަކަދައްކަން ކަމުގައި ވާނަމަ މިގޭ އެކަކު ވެސް އަޑުއަހާކަށް ނެތް…”
”ރުކާން ކޮބާތަ؟…” އުމެއިރާގެ ވާހަކައަށް ބަސްމާ ސަމާލުކަމެއް ނުދިނެވެ. އޭގެ ސަބަބުން އުމެއިރާ ވަކިން ބޮޑަށް ހިތްހަމަނުޖެހުނެވެ. ތުންއަނބުރާލާފައި މޫނު ކުނިކޮށްލި އެވެ. އަދި ލޯއަޅާލިއެވެ. ރެއާ ދުވާލު ބަލަން ބޫތުކައިފައި ހުންނަ ހިންދީ ސިލްސިލާތަކުގައި އުޅޭ ނުބައި މީހުންތަކުގެ ވައްޓަފާޅި ނަކަލުކުރަން އުޅޭ ކަހަލައެވެ.
”ނުކުރެވޭނެ!…” ހަށަން ބަނދެލަމުން އުމެއިރާ ރުންކުރުރާގަކަށް ބުނެލިއެވެ. ”ބުނެފިން ދޯ ކަލޭގެ ދަރީގެ ވާހަކަތައް އަޑުއަހާނެ މީހަކު މިގޭގައި ނެތޭ!…”
”އަހަރެން މިއައީ އަހަރެންގެ ދަރިފުޅުގެ ފިރިމީހާއާ ބައްދަލުކުރަން… ރުކާންއަށް އޭނަގެ އަނބިމީހާއި ދަރިފުޅުގެ ވާހަކަތައް އެނގެން ޖެހޭނެ… ރުކާންއަށް ގޮވާލަ ދީ…” ބަސްމާ ހުރީ އުމެއިރާ ދެކެ ހިތްހަމަނުޖެހިފައެވެ.
”ރުކާންއެއް ނެތް ގެއަކު…” އުމެއިރާ ހެދީ ދޮގެވެ. ބަސްމާއަށް ރުކާންއާއި ބައްދަލުކުރުމުގެ ފުރުސަތު ދޭން އޭނަ ބޭނުމެއް ނުވިއެވެ. އޭނަ މިހާރު އެދަނީ ތޫގާ ދަރިފުޅު ވިހެއުމުން އަތުލާފައި ތޫގާ ވަރިކުރަން ރުކާންއަށް ވަސްވާސް ދެމުންނެވެ. ބަސްމާއަށް ރުކާންއާއި ބައްދަލުވުމުގެ ފުރުސަތު ދީފިއްޔާމު އޭނަގެ ރޭވުން ކާމިޔާބު ނުވާނެކަމުގެ ބިރު އެހިތުގައި އޮތެވެ. އޭނައަށް ވެގެން ވިއްޔާމު ދެން ތޫގާ އެގެއަށް އައުމުގެ ފުރުސަތެއް ދުވަހަކު ނުދޭނެއެވެ. ތޫގާގެ ސަބަބުން އޭނަގެ އަގު ރަށު އެންމެނެްގެ ކުރިމަތީގައި ވެއްޓިއްޖެއެވެ. ތޫގާގެ ރަގަޅު ވާހަކަ ދައްކަމުން އޭނަ ހާދަ ވަރަކަށް ސަޅިބައިސާކަނޑަމުން ދުވި ހެއްޔެވެ؟ މިއަދު އެއްވެސް މީހަކަށް މޫނު ދައްކާނެ ހިތްވަރެއް ވެސް އޭނަގެ ނެތެވެ. އެހުރިހާކަމެއްގެ ޒިންމާ ވެސް ނަގަން ޖެހޭނީ ތޫގާ އެވެ.
”މަންމާ…” ބޭރުތެރޭގައި އަޑުގަދަވެގެން ފެންޑާއަށް ނިކުތް ރުކާންއަށް ގޮވާލެވުނެވެ. އުމެއިރާ ފަސްއެނބުރި ބަލާލީ ރުޅިވެރިކަމާއެކުގައެވެ. ވަގުތުން ރުކާން އެތަނުން ފޮނުވާލަން އޭނަ ތެޅިފޮޅިގަތެވެ. ނަމަވެސް ރުކާން ހުރީ ބަސްމާ ދައްކަން އައި ވާހަކަ އަޑު އަހަން ތައްޔާރަށެވެ. އޭނަ މިހާރަކަށް އައިސް ހުންނަނީ ތޫގާއާއި ދަރިފުޅާ މެދު ފިކުރު ބޮޑުވެފައެވެ. ހާލުބަލަން ވެސް ދާން ބޭނުންވެފައެވެެ. ކިތަންމެ ވަރަކަށް ހިތްހަމަނުޖެހުނުކަމުގައި ވިޔަސް އަދިވެސް އެހިތުގައި ތޫގާއަށްޓަކައި ލޯބި ވެއެވެ. އުޅެއުޅެ އެއިހުސާސްތަކާއި ދުރެއް ނުވެވުނެވެ. ފާއިތުވި ދުވަސްތަކުގައި އޭނައަށް އޮތީ އެކަން އިހުސާސްކުރެވިފައެވެ. ނަމަވެސް ތޫގާއާ މެދު ކަންތައް ކުރެވުނު ގޮތުން ތޫގާ ގާތަށް ދާން ފަސްޖެހެވެނީ އެވެ.
”މަންމައާއި ވަކިން ބައްދަލުކޮށްލެވިދާނެތަ؟…” ބަސްމާ އެދުނެވެ.
”ނުކުރެވޭނެ!… މިބުނީނު ނުކުންނާށޭ މިގެއިން!، ކެލޭމެންނާ ވައިއެޅޭކަށް ވެސް އަހަރުމެން ބޭނުމެއް ނޫން…” އުމެއިރާ މޫނު ހަދާލިއެވެ.
”މަންމާ…” ތަންކޮޅެއް ބާރަށް ރުކާންއަށް ގޮވާލެވުނެވެ. މަންމައާއި ދިމާއަށް އޭނައަށް އަޑު އިސްކުރުވުނު ފުރަތަމަ ފަހަރަކީ ވެސް އެވެ.
”ރުކާން!!!، މަންމައާ ދިމާއަށް އަޑު އިސްކުރަން ވެސް ދަސްކުރީތަ؟، އެނުބައި ނުލަފާ އަންހެނާއާއެކު އުޅެއުޅެ އޭނަގެ ގާތުން ފިލާވަޅު ދަސްކުރީ ދޯ؟…” އުމެއިރާ ހަޅޭއްލަވައިގަތެވެ. ރުކާން އޭނަގެ ވާހަކަތަކަށް ސަމާލުކަން ނުދީ ބަސްމާއާއެކު ދިއުމުން އުމެއިރާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މޫނު ކުނިކޮށްލަމުން ހަށަން ބަނދެލިއެވެ.
”ކޮން ވާހަކައެއްތަ ދައްކަން މަންމަ ބޭނުންވަނީ؟…” ބަސްމާއާއެކު ގޭގެ މެދު ގޯތީގައި ހުރި ޖޯލީގައި ރުކާން އިށީނެވެ. ބަސްމާ ރުކާންގެ މޫނަށް ބަލާލިއެވެ. އެމޫނުގެ ޝުޢޫރުތައް ދިރާސާކޮށްލި ކަހަލައެވެ.
”މަންމައަށް އިނގޭ ރުކާން ތިހުރީ ތޫގާއާ މެދު ހިތްހަމަނުޖެހިފައިކަން، މަޢާފްކުރަން ވެސް ބެނުން ނުވެފައިކަން، ހަޤީޤަތް އެނގުމުން ރުކާންއަށް ވަރަށް ބޮޑު ޝޮކެއް ލިބިފައިވާކަން ވެސް މަންމައަށް އެނގޭ… ވަގުތު ބޭނުންވާނެކަން ވެސް އެނގޭ… އެކަމަކު ރުކާންއަށް ވަގުތު ދީފިއްޔާ ތޫގާ ރަގަޅު ނުވެދާނެ ކަމުގެ ބިރު ހިތުގައި އޮތުމުން މަންމައަށް އަންނަން މަޖުބޫރުވީ، ތޫގާ މިވީހާ ދުވަހު ވީ ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި، ރުކާންއަށް ވެސް އެނގިފައި އޮންނާނީ ތޫގާ ކުޑަ އިރު ހިނގާ ދިޔަ އެކްސިޑެންޓްގެ ވާހަކަ، އެއެކްސިޑެންޓްގައި ތޫގާގެ މަންމައާއި ބައްޕަ ވެސް މިދުނިޔެ ދޫކޮށް ދިއައީ، އޭގެ ސަބަބުން ތޫގާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވި، މިއަދު އެފެންނަ ބިހޭވިއާރއަކީ ވެސް އޭގެ ސަބަބުން ފެންނަ ކަންތައްތަކެއް، ރުޅީގެ ސަބަބުން އެފަދައިން ކަންތައް ކުރެވެނީ، ނަމަވެސް ރުޅި ފިނިވެގެންދާ ހިނދު ކުރެވުނު ކަންތައް ވިސްނި ދެރަވެ ހިތާމަ ކުރާނެ… މިއަދު ތޫގާ އެހުރީ އެހާލަތުގައި، އެތައް އަހަރެއް ވަންދެން އެހިތުގައި އަނދަމުން ދިޔަ ނަފުރަތުގެ އަލިފާން ނިވުނު ހިނދު ތޫގާއަށް ކުރެވުނު ކަންތައް ވިސްނި އެހިތް ވަނީ ބަލިކަށިވެފައި… މިވަގުތު ތޫގާއަށް ބޭނުންވަނީ ހުރިހާ އެންމެންގެ ލޯބި… ލޯބިވާ މީހުންގެ އެއްބާރުލުމައި އަޅާލުން ލިބިގެން ނޫނީ ތޫގާ ރަގަޅެއް ނުވާނެ…” ބަސްމާގެ އަޑު ކުރެހުނެވެ. ރުކާންއަށް ވެސް އަސަރުކުރިއެވެ.
”ކީއްވެތަ އެއިން އެއްވެސްކަމެއް ތޫގާ އަހަރުމެންނާ ހިއްސާނުކުރީ؟… ކުރިނަމަ އެފަދަ ވޭނެއްގައި އުޅެން ވެސް ނުޖެހުނީހެއްނު…” ރުކާންގެ ހިތުގައިވި ޝަކުވާތައް ބަންޑުން ކުރެވުނެވެ.
”ލިބެމުން އައި ލޯތްބާއި ސަމާލުކަން ބީވެދާނެތީ… ތޫގާއަކީ ވަރަށް ކްރިޓިކަލް ޕޭޝެންޓެއް، ވަރަށް ގިނަ އަހަރު ނަގާނެ ރަގަޅުވާން، އެކަމަކު ލޯބިވާ ފަރާތްތަކުގެ އެއްބާރުލުންލިބެންޏާމު ރަގަޅުވާން ފަސޭހަވޭނެ… މަންމަ ރުކާންގެ ގާތުން އެދޭނީ ހަމަ އެންމެ ކަމަކަށް، މި ދަނޑިވަޅުގައި ތޫގާ ބާކީކޮށްނުލާ… ތޫގާއަށް އެހީވެދީ… މިއަދު ވެސް މަރުވާން ވެގެން ޓެރެސް އިން ފުންމާލަން އުޅެނިކޮށް މާއީއަށް ފެނުނީ…” ބަސްމާގެ ޖުމްލައިން ރުކާންއަށް ހީވީ މެގަނޑު އަނގަޔަށް އައިހެންނެވެ. އޭނައަށް އުނދޯލިން ވެސް ތެދުވެވިއްޖެއެވެ. މުޅި މީހާއަށް ވެރިވެގެންއައީ ސިހުމާއި ބިރުވެރިކަމެވެ.
”މިހާރު… މިހާރު… ތޫގާ ކޮބާތަ؟…” ރުކާންގެ ހިތުގެ ތެޅުން އަވަސްވިއެވެ. އަމިއްލަ ނަފުސު އިންތިހާއަށް ކުށްވެރިކުރެވުނު ވަގުތު ކޮޅެކެވެ. ތޫގާ އެންމެ ބޮޑަށް ނިކަމެތިވި ދުވަހު އެހީތެރިކަން ފޯރުކޮށްދޭން ގާތުގައި ވެސް ނުހުރެވުނެވެ. އޭނަގެ ލޮލުން ކަރުނަ ނީރާލައިގެން އައީ ފާއިތުވި ދުވަސްތަކުގައި ތޫގާ އުޅުނު ހިތްދަތި ދުވަސްތައް ތަސައްވަރުކުރެވުމުންނެވެ. އެފަދަ ކަތި ފިޔަވަޅެއް އަޅަން އުޅޭނީ ވެސް ހިތާމަތަށް ބަރުދާސްތުކުރަން ދަތިވުމުންެނެވެ. ކުށްވެރިކަމުގެ އިހުސާސްތަކާއެކު ރުކާންއަށް އިސްޖަހާލެވުނެވެ.
”މާތްﷲގެ ރަހުމަތްޕުޅުން ދެރަކަމެއް މެދުވެރިނުވޭ… އަދިވެސް ވަގުތު އެބައޮތް… ހުރިހާ އެންމެންގެ އެއްބަރުލުމާއެކު ތޫގާ ރަގަޅުވާނެ…” ބަސްމާ ބުނެލިއެވެ.
*****
ރުކާންއާއި ބައްދަލުވުމުން ފުރަތަމަ ތޫގާ އަނގައިންނެއް ނުބުންޏެވެ. މޫނު އަނބުރާލަމުން އެނައަށް ރޮވުނީއެވެ. ރުކާން އައިސް އޭނަގެ މަގަތުގައި އިށީންނަމުން އަތުގައި ހިފާލުމުން ތޫގާގެ ތުންފަތް ފޫއަޅުވާލާފައި މަޑު އާހެއް ބޭރުވެގެން ދިޔަ އެވެ. އެދެލޮލުން ކަރުނަތައް ވެސް ފައިބައިގަތެވެ.
”އަހަރެން މިއައީއެއްނު، ދެން ރޮއިގެން ނުވާނެ…” ތޫގާގެ ކަރުނަތައް ފޮހެލަމުން ރުކާން ބުންޏެވެ. އެޖުމްލައިން އިތުރަށް ތޫގާއަށް ރޮވުނީއެވެ.
”ޝްޝްޝް…” ރުކާން އޯގާތެރިކަމާއެކު ބުނެލިއެވެ. އަދި ތޫގާގެ ކަރުނަތައް އަނެއްކާ ވެސް ފޮހެލަދެމުން ނިތުގައި ތުންފަތް ޖައްސާލިއެވެ. ހޫނުކަމެއް އެކުލިެވިގެން ވި ރުކާންގެ ތުންފަތުގެ އިހުސާސާއެކު ތޫގާއަށް ރުކާންގެ ޓީޝާޓުގައި ހިފާ ބޮޑިކޮށްލެވުނެވެ. އަދި ރުކާންގެ މޭގައި މޫނު ޖައްސާލެވުނެވެ.
”އަހަންނަށް މަޢާފްކުރޭ…” ރޮމުން ތޫގާ ބުނެލިއެވެ. ”އަހަންނަށް ރުކާންއާ ނުލާ ނޫޅެވޭނެ… އަހަރެން އެކަނިކޮށްފައި ދޭން ދުވަހަކު ވެސް ނުދައްޗޭ…”
”އަހަރެން ނެތިން ތޫގާ ދޫކޮށްފައި ދާކަށް، އެއަށްވުރެ ބޮޑަށް ލޯބިވޭ، އެދުވަހު އެފަދައިން ކަންތައް ކުރެވުނީ ހިތަށް ކޮށްފައިވި އަސަރުތަކުން، އެކަމަކު ތޫގާއަށް ކުރެވުނު ކަންތައް ވިސްނި މައީ ގާތުން މަޢާފަށް އެދުމުން ތިހިތް ސާފުވެއްޖެކަން އަހަަންނަށް އެނގިއްޖެ، ރަގަޅުވާން ތޫގާ ބޭނުންވާ ކަން ވެސް… މިއަދުން ފެށިގެން އަހަރެން ތޫގާއާ އެކު އަބަދުވެސް ހުންނާނަން، ތިއަތުގައި މިހިިފީ ދެން ދުވަހަކު ވެސް ދޫކޮށްނުލާނަން ކަމަށް ވަޢުދުވަމުން……” ރުކާން ޔަޤީންކަން ދިނެވެ. އެޖުމްލައިން ތޫގާއަށް އިތުރަށް ރޮވުނީއެވެ.
ރުކާން ތޫގާ ގެެނެސް މެޔާލާ ބޮޑިކޮށްލިއެވެ. އަދި އޯގާތެރިކަމާއެކު ތޫގާގެ ބޮލުގައި ފިރުމާލަމުން އިސްތަށިގަނޑަށް ބޮސްދިނެވެ. ރުކާންގެ ލޯބި ފިރުމުންތަކާއި ބޮސްދިނުންތަކުން ޒަހަމްވެފައިިވި ތޫގާގެ ހިތަށް ރާހަތެއް ލިބުނެވެ.
*****
ދެ މަސް ފަސް…
މާއީ ވިހާ ދުވަސް ކައިރިވަމުން އައިއިރު ގޭތެރޭގެ ހާލަތު ވެސް ހަމައަކަށް އެޅިއްޖެއެވެ. ތޫގާ ވެސް ރަގަޅުވަމުން ދެއެވެ. އޭނަގެ ހިތުގައި ކުރިން މާއީ ފެނުމުން އަންނަ ރުޅިވެރިކަން ފިލައި މިހާރު އެހިތުގައި އޮންނަނީ އެއްބަިއވަންތަކަމުގެ ކުލުނެވެ. އޭނައަށް ވަރަށް ބޮޑު ލުޔެއް ލިބިއްޖެކަމުގެ އިހުސާސް ވެސް ކުރެވުނެވެ. އަބަދު މީހުންގެ ލޯތްބާއި ސަމާލުކަން ހޯދަން އުޅުން ދޫކޮށްލެވިއްޖެއެވެ. ދޮގު ހެދުމާއި ހީލަތްތެރިކަމުގެ ނުބައި އާދަތަކާ ދުރުވެވެން ފަށައިފިއެވެ. އޭގެ ސަބަބުން ހިތަށް ފިނިކަމެއް ވެސް ލިބިއްޖެއެވެ. ދީނުގެ ކަންތަކާއި އުޅެން ފެށުމުން ހިތަށް ބަޔާންކުރަން ދަތި ރާހަތެއް ވެސް ލިބުނެވެ. ހަމަމަގަށް އެނބުރި ރުޖޫއަވެއްޖެކަމުގެ އިހުސާސް ވެސް ކުރެވުނެވެ.
ތޫގާ ނަހީކްގެ ގާތުން ވެސް މަޢާފަށް އެދުނެވެ. އަދި ނަހީކްއާއި މާއީ ގުޅުވަން އެންމެ ބޮޑަށް މަސައްކަތް ކުރީ ވެސް ތޫގާ އެވެ. މާއީގެ އުފާތައް ވަނީ ނަހީކްއާއެކުގައި ކަމަށް ވުމުން އެއުފާތަށް މާއީއަށް ލިބެން އޭނަ ހުރީ ނުހަނު ބޭނުންވެފައެވެ.
*****
އެއް އަަހަރު ފަސް…
”މަންޒިލް”އަށް ހީވަނީ ބޮޑު ޢީދެއް އައިސްފައި ވާހެންނެވެ. ރަށުގެ އެތައް ބަޔަކު ގޭތެރޭގައި ހޭލަމޭލަވަމުން ދާއިރު ބޮޑު ހަފްލާއަކަށް ތައްޔާރުވަމުންދާކަން އެނގެއެވެ. އެންމެ ބުރަކޮށް އުޅޭތަން ވެސް ފެންނަނީ ބަސްމާއާއި އާބިދާއެވެ. އުމެއިރާ ވެސް ހަރަކާތްތެރިވާތަން ފެނެއެވެ. އޭނަވެސް ތޫގާއަށް މަޢާފްކޮށްފިއެވެ. މާމަ ދަރިފުޅު ލިބުނު ފަހުން އޭނަގެ ހިތް ބަދަލުވީ އެވެ. ހަމައެއާއެކު ގެއްލުނު އިތުބާރު ހޯދަން ތޫގާ ކުރަމުން އައި މަސައްކަތާއި ތޫގާގެ ހިތްހެޔޮކަން ފެނި ތުން އަނބުރާލައިގެން އޭނައަކަށް ނުހުރެވުނެވެ.
ހުރިހާކަމެއް ބޭނުންވާހާ ފުރިހަމައަށް ނިންމާލެވުނީ ހަޔެއްޖަހަން އުޅެނިކޮށެވެ. އޭރު މުޅިގެ ދިއްލާއަޅާފައިވާ ބޮކިފަތިތަކުގެ ޖާދުލުން އަނދިރިވަމުން އައި ދުނިޔެއަށް ސިހުރެއް ޖައްސަމުން ދާކަހަލައެވެ. ގޭގެ ގޭޓުން ފެށިގެން ގޮސް ހާމަ ފެންޑާއާ ހަމައަށް ދެވެންދެން ވެސް ފެންނަނީ ހަފުލާ އިންތިޒާމުކުރަން ހަވާލުކުރެވުނު މީހުންގެ ހުނަރުވެރިކަމެވެ. ފެންނަ ކޮންމެ މީހެއް ވެސް އާޝޯހުކުރުވާހާ ވެއެވެ.
ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި ހުރި މާއީ ފެންނަނީ ޕަރީއެއް ފަދައިންނެވެ. ކޮއްފައިވާ ލުއި މޭކަފާއި ހެދުމުގެ ޑިޒައިނާރ ގުޅުވައިގެން އަޅާފައި ބުރުގާގެ ސަބަބުން މާއީގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެެސްދެއެވެ. ރީތިވާމޭޒުގެ ގޮނޑީގައި އޭނަ އިށީންދެލައިގެން އިން އިރު ކައިރީގައި ފަލަކްގެ އިތުރުން ޒީޝާންއާއި ޔުމްނާ ވެސް ތިއްބެވެ. އޭރު މާއީ ޒީނަތްތެރިކުރަން އައި ބިއުޓީޝަނުންތައް އެމީހުންގެ މަސައްކަތާމެދު ފަހުރުވެފައިވާ ހާލު މާއީއަށް ތައުރީފުކޮށްލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
”ޔޫ ލުކް ސޯ ޕްރިޓީ… ދޮންބެ މިރޭ މޮޔަވާނެކަން ޔަޤީން…” ފަލަކް ދިމާކޮށްލިއެވެ. އޭރު އެނދުމައްޗަށް އަޅާލެވިފައި ހުރި ހެދުންތަކާއި، މާތަކުގެ އިތުރުން ޒީނަތްތެރިވާން ބޭނުން ސާމާނުތަކާ ކުޅެން ދެއަަހަރުގެ ޔަލްވީ އިނެވެ. ޔަލްވީ ވެސް ހުރީ ނަލަހައްދާފައެވެ. މާއީގެ ހެދުމާ ގުޅުވައިގެން ފަހާފައިވި ހުދުކުލައިގެ ”ބޯލްގައުން ޑްރެސް”ގައި ފެންނަލެއް ނިކަން ލޯތްބެވެ.
”ދާނިޔާލް ނިދައިފި އިނގޭ، މަންމަ ކޮޓަރީގަ ބާއްވާފަ މިއައީ، ކުޑާ ކޮޓަރި ގޮނޑެއްހެން އޮތީމަ ކިހިނެއް މިތަނަށް ގެންނާނީ، އަނެއްކާ ޔަލް އެހާ ސިޔާސަވާނެ، ކުރީފަހަރު ވެސް ނިންދަވާފަ ބޭއްވި އިރަށް މޮޑެލައިފިވިއްޔާ…” މާއީގެ ކޮޓަރީގެ ދޮރުހުޅުވާފައި ވަން ތޫގާ ބުނެލިއެވެ.
ދާނިޔާލް އެއީ މާއީގެ ދަރިފުޅެވެ. މާއީގެ ފުރާނައެވެ. އެދަރިފުޅު ފެންނަ ކޮންމެ ފަހަރަކު ޒިވާންގެ ފަރާތުން އޭނައަށް ލިބުނު މަތިވެރި ލޯބި ހަނދާން ވެއެވެ. މިއަދު އެހިތުގައި ދުނިއުމުރަށް އެލޯބި ރައްކާކުރަމުން އޭނަ އެދަނީ އޭނަގެ ހިތް ނަހީކްއަށް ހުޅުވާލަން ތައްޔާރުވަމުންނެވެ. އޭނަގެ ފުރަތަމަ ލޯބި ހާސިލުވާން އުޅޭކަމުގެ ފޮނި އުއްމީދުތަކާއެކު ހިތަށް ވެރިވެގެން ދަނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. ރާހަތެކެވެ.
”ތިބުނީ ހަމަ ތެދެއް، ކިރިޔާއޭ އެފަހަރު ޔަލް ހުއްޓުވުނީ، އެސޮރު ރޮއިގަތް އިރު ވެސް މޮޑެންށޭ ކިޔާފައޭ އުޅުނީ ވެސް…” ތޫގާއަށް ބަލާލަމުން ފަލަކް ހިނިތުންވެލިއެވެ. ”ކޮބާތަ ލުޔޫން؟…”
”ލުޔޫ ގޮވައިގެން ރުކާން ބޭރުގަ އެބައުޅޭ، އެމަންޖެ ނިންދަވަން އުޅެއުޅެ ނުނިދި، އެންމެފަހުން ރޯން ފެއްޓީމަ ދާން ހޭލަފާނެތީ ނުކުތީ ވެސް، ކޮޓަރިއަށް އަންނަނިކޮށް ރުކާން ފެނިގެން ރުކާން ގާތަށް ނުދެވިގެން ރޯން ފަށައިފި، ނުލާހިކު ބައްޕަ ވެގެންނޭ އުޅޭނީ…” ދަރިފުޅާ ގުޅޭގޮތުން ފަލަކް ކުރި ސުވާލަށް ތޫގާ ޖަވާބު ދިނެވެ. އަދި ގޮސް ތޫގާ ގާތަށް ހުއްޓިލިއެވެ.
”މާޝާﷲ، ކުޑާ ވަރަށް ފުރިހަމަ، އަހަރެން ވަރަށް އުފާވެއްޖެ ކުޑާގެ ފުރަތަމަ ލޯބި މިއަދު ހާސިލުވާތީ… އަބަދު ވެސް އުފާވެރިކަމަށް އެދެން…” ތޫގާ ބުނެލިއެވެ. އޭނަ ހުރީ މާއީގެ އުފާވެރިކަން ފެނި ނުހަނު ހިތްހަމަޖެހިފައެވެ. އޭނަގެ ހިތުގެ މުރާދު ވެސް ފުރިހަމަވީ އެވެ.
”ނަހީކް ފެނުނީމަ ކުޑާ ފެއިންޓް ވެދާނެހެން ހީވަނީ، މިރޭ ވަކިން ބޮޑަށް ހޭންޑްސަމްކަމަށް ދައްކާ، މޭޒުދޮށުގައި އިށީންތަން ބަލާފަ ފޮޓޯ ވެސް ނަގައިގެން މިއައީ…” ތޫގާ އޭނަގެ ފޯނުން ނެގި ނަހީކްގެ ފޮޓޯ ދައްކާލުމުން މާއީގެ ހިތް ތެޅިލިއެވެ. ތެދެކެވެ. ނަހީކްގެ ފިރިހެންވަންތަކަން އެހެނިހެން ދުވަސްތަކަށް ވުރެން ފުރިހަމައެވެ. މާއީގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ.
”އަދި ފޮޓޯއަކުންނޭ ތި ފެނުނީ، ތިވަރުން ދަންޏާ ދެމީހުން އެކަނި ވީމަ ކިހަވަރެއް ވާނެ… ސްޕެޝަލް ނައިޓްގަ ލަދުން ގޮސް ހަލާކުވެފައެއްނު ހުންނާނީ…” ފަލަކް ދިމާކޮށްގަތެވެ. އެއާއެކު ގޮނޑިން ތެދުވުނު މާއީ ފަލަކްގެ ގައިގައި ބޮޑިއެއް އަޅާލިއެވެ. ފަލަކްއާއި ތޫގާގެ ހުނުމުގެ އަޑު ކޮޓަރި ތެރޭ ގުގުމާލައިގެން ދިޔަ އެވެ. ދިމަކުރުމާއިގެން އުޅެނިކޮށް ބަސްމާގެ އިތުރުން މައުސޫމާ ވެސް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.
”ސާބަހޭ…” ބަސްމާ ބުނެލިއެވެ. އޭރު ކުދިވެރިންގެ ސަމާސާ ފެނި މައުސޫމާއަށް ހެވިއްޖެއެވެ.
”ގާޟީން އައިސްފި، ހިނގާ އަވަހަށް ދަމާ…” ބަސްމާ ބުނެލިއެވެ. އެއާއެކު މާއީ، ތޫގާ އަދި ފަލަކް ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. މާއީގެ ކޮނޑުގައި އަތް ޖައްސާލި މައުސޫމާ ހިނިތުންވެލިއެވެ. މާއީގެ އުފާވެރިކަން ފެނި އޭނަގެ ހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް ލިބިއްޖެއެވެ. ހިތާމަތަކާއި ހިތްވަރާއެކު ކުރިމަތިލުމަށް ފަހު އައު ހަޔާތަކަށް މާއީ ކުރި އުއްމީދުތަކަށް އޭނަ މަރުހަބާކީ އުފަލާއެކުގައެވެ. ނަހީކްއަކީ ހިތްހެޔޮ އަދި އެހާމެ ހަރުދަނާ ޒުވާނެކެވެ. ދާނިޔާލްގެ ބައްޕައަކަށް ވުމަށް އޭނަ އެންމެ އެދޭނެ ފަރާތް ވެސް މެއެވެ. ހަމައެއާއެކު ނަހީކް މާއީ އުފަލުގައި ބަހައްޓާނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އޭނައަށް އޮތެވެ.
*****
”އަނބި ޤަބޫލުކޮށްފިން…”
ނަހީކްގެ ބަރު ފިރިހެންވަންތަ އަޑުން އެލަފުޒުތައް އިވުމާއެކު މާއީގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވެގެން ދިޔަ އެވެ. ގައިން ހީބިހި ނަގައިގެން ދިޔަ ހިނދު، ހިތުގައި ދުވެލި ލަދުވެތިކަމުގެ ބާނީތަކާއެކު ކޯތާފަތަށް ޖަންބުކުލަ ވެސް ވެރިވެއްޖެއެވެ. އެވަގުތު ނަހީކް އޭނަގެ އަތްތިލައިގައި ހިފާލަމުން މާއީގެ ހިތްވެސް ތެޅެން ފެށީ ނުހަނު ބާރަށެވެ. ހިތްވަރުކޮށްލަމުން އިސްއުފުލާލި ވަގުތު ނަހީކްއާއި ހަތަރުކަޅި ބައްދަލުވުމާއެކު މާއީގެ ހިތް ލޯބީގެ ފުން ކަނޑުގައި ގެނބިގެން ދިޔަ އެވެ. އެތައް ދުވަހަކަށް އިންތިޒާރުކުރި ލޯބި އޭނައަށް ހާސިލުވީއެވެ. ދިރިއުޅުމުގައި އެތައް ވޭނާއި ތަކުލީފެއް ބަރުދާސްތުކުރުމަށްފަހު ހަޔާތަށް އަނެއްކާ ވެސް ބަހާރު މޫސުންއައީ އެވެ.
ހެއްދެވި ފަރާތަށް ހިތާހިތުން މާއީ ޝުކުރުކުރި އެވެ. އޭނަ ހޯދަން ބޭނުންވި މަންޒިލަށް މިހާރު އެވަނީ އާދެވިފައެވެ. ނަހީކްއާއެކު އުފާވެރި ދުވަސްތަކަށް މަރުހަބާ ކިޔަން މާއީ ތައްޔާރުވެލި އެވެ. ހަޔާތުގައި ކުރިމަތިވާ ކޮންމެ ހިތާމައަކާއި ވެސް ދެމަފިރިން އެކީގައި ކުރިމަތިލާން އަޒުމު ކަނޑައެޅި އެވެ.
*****
ކައިވެންޏަށް ފަހު ދެދުވަހުގެ ކުރު ޗުއްޓީއަކަށް އަލަތު ދެމަފިރިން ރިސޯޓަކަށް ދިޔައީ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި އެދަތުރު ހަމަޖެހިގެން ދިއުމުންނެވެ. މާއީ ކުދިވެރިން ގޮވައިގެން ދާން އުޅުމުން އެކަމާ ދެކޮޅު ހެދީ ތޫގާ އެވެ. އެއީ އަލަތު ދެމަފިރިންނަށް ހާއްސަ ކުރެވުނު ތަދުރަކަށް ވީތީ އެވެ. ދެމަފިރިން ޗުއްޓީ ނިންމާލާފައި އަންނަން ވާއިރަށް އޭނަ ދާނިޔާލްއާއި ޔަލްވީ ބަލާނެ ކަމަށް ވެސް ތޫގާ ބުންޏެވެ.
*****
ސާދަވިލޭރޭގެ ފުރިހަމަ ހަނދުގެ ދޯދިތަކުން ހުޅުދާންވެފައިވި ރިސޯޓްގެ ގޮނޑުދޮށުގައި މާއީއާއި ނަހީކް ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ އެވެ. ރާޅުފަށަށް ބީއްސަމުން ދިޔަ ރާޅުތަކާއި ކަންފަތްދޮށުގައި ސިއްރުތައް ބުނަމުން ދިޔަ ލުއި ރޯޅިތަކުން މާހައުލަށް އިތުރު ދިރުމެއް ގެންދެއެވެ. މޭޒުމަތީ ބެހެއްޓިފައިވި އުށްބައްތީގެ ފަނޑު އަލި މާއީގެ މޫނަށް އެޅިފައިވާއިރު ނިކަން ހިތްގައިމެވެ. ހަމައެއާއެކު ހަނދުވަރާއި އުށްބައްތީގެ ފަނޑު އަލިކަމުގެ ތެރޭން ނަހީކްގެ ތޫނުފިލި ދެލޯފެންނަ ކޮންމެ ފަހަރަކު މާއީގެ ހިތްތެޅިލައެވެ. ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ދުވެލައެވެ.
ރޭގަނޑުގެ ކެއުމަށް ފަހު ދެމަފިރިން ދިޔައީ ރާޅުފަށުގައި ހިނގާލާށެވެ. ފިޔަވަޅުތަކުގެ ނިޝާންތައް ދޮންވެލިގަނޑާ ހަވާލުކުރަމުން ކުރިއަށް ދިޔަ އިރު ދެމަފިރިންގެ އަތުގެ އިނގިލިތައް ވަނީ ގުޅިލާމެހިފަ އެވެ. އެކަކު އަނެކަކަށް އިރުއިރުކޮޅާ ބަދަލުކުރެވޭ ހިނިތުންވުންތަކާއި ލޮބުވެތި ބެލުންތަކުން ވެސް ދެހިތުގައި އޮތް ސާފު ލޯބި ބަޔާންކޮށްދެއެވެ. ދެމަފިރިންގެ ދެމެދުގައި މުސްތަޤުބަލާމެދު ކުރެވެމުން އައި އުއްމީދުތައް ވެސް ހިއްސާ ކުރެވުނެވެ. މިއަދު އެދެމަފިރިންގެ އުއްމީދުތަކާއި ހާސިލުކުރަން އެދުނު އުފާވެރިކަން އެވަނީ މިލްކުކުރެވިފަ އެވެ. ތަފާތު އިމްތިހާނުތަކާ ކުރިމަތިވިކަމުގައި ވިޔަސް އުގުޅުމުގެ ވަރުގަދަކަން ވަނީ ދުނިޔެއަށް ސާބިތުކޮށްދީފަ އެވެ. ހިތާހިތުގެ ގުޅުން އެއީ ވަކިނުކުރެވޭނެފަދަ ބާރެއްކަން ވެސް ވަނީ ހާމަކޮށްދީފަ އެވެ. ދިގު އިންތިޒާރަކަށް ފަހު ދެހިތުގެ މަންޒިލާ ހަމައަށް ވެސް އެވަނީ އާދެވިފައވެ. ހިތުގެ މުރާދަކީ ތާއަބަދު އެމަންޒިލްގައި ދެމަފިރިން ސާބިތުވެތިބުމެވެ.
*****
އުށްބައްތިތަކުގެ ފަނޑު އަލިކަމާއި އޭގެ މީރު ވަހުން ކޮޓަރިއަށް ވެރިވެފައި އޮތީ މަސްތުކުރުވަނިވި ހިތްގައިމުކަމެކެވެ. ހަނދުވަރުގެ އަލިވެސް ފަރުދާތަކުގެ ތެރޭން ފުރޭނިގެން އައިން ކޮކާހަނދުވަރު ދީފައި އޮތެވެ. އެއިޝްގީ މާހައުލުގެ ތެރޭން މާއީ ފެންނަނީ ޕަރީއެއް ފަދައިންނެވެ. ހުޅިއެއްގެ އެހީގައި އިސްތަށިގަނޑު ގައިދުކުރެވިފައިވާ ހިނދު ބައެއް ރާޅުކޮޅުތައް ހުޅީގެ ތެރޭން މިނިވަންވެގެން ގޮސް ހާމަވެފައިވި ދޮން ކަނދުރާގައި ބޮސްދެއެވެ. މަޑުފިޔާތޮށިކުލައިގެ ތުންފަތުގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ކޯތާފަތުގައި ވެސް އެހިނިތުންވުމުގެ އަސަރު ވެއެވެ. ފައިގެ ފަލަމަސްގަނޑާ ހަމައަށް އަންނަ ލޭސްފޮތީގެ ނިދާހެދުމުން އެހަށިގަނޑުގެ ފުރިހަމަ ވަނާތަކުގެ ޗާލުކަން ހާމަވެއެވެ.
ނަހީކް އޭނަ ގާތަށް ދިއުމަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު މާއީގެ ހިތުގެ ތެޅުން އަވަސް ވެއެވެ. އެދެމެދުގައި ވި ދާއިރާ ހަނިކުރަމުން އައި ނަހީކް މާއީއާއި ދާދި ގާތުގައި ހުއްޓުނެވެ. އަދި މާއީގެ އިސްތަށިގަނޑުގައި ޖަހާފައިވި ހުޅިއާ ހުޅެލުމާއެކު މިނިވަންވެގެން ދިޔަ ރާޅުބާނީ އިސްތަށިގަނޑާއެކު މާއީގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދިނެވެ. އެހިނދު ނަހީކްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
ނަހީކްގެ ހޫނު ނޭވާގެ އިހުސާސްތައް ކުރެވުނު ވަގުތު އެއަތުގެ އިނގިލިތައް، ހިކަނދިމަސްގަނޑުން މައްޗަށް ދާކަމުގެ އިހުސާސް މާއީއަށް ކުރެވުނެވެ. ނާރުތަކުގައި ދުވެލި ކަރަންޓުގެ ބާނީތަކާއެކު ހިތުގައި ހީލިކެރެވުމެއް އުފެދުނެވެ. ހަށިގަނޑުގެ ލޯލިތައް ވެސް ކޮޅަށް ޖެހުނެވެ. ދެލޯމަރާލެވުނީ ލިބުނު އަރާމެއްގެ ސަބަބުންނެވެ.
ނައިޓީގެ ކޮނޑުގައިވި ފަށަށް ދޫކޮށްލެވުނު ކަމުގެ އިހުސާސް މާއީއަށް ކުރެވުނެވެ. ދެން ނަހީކްގެ ހޫނު ނޭވާތައް އެޅިގެން ދިޔައީ ކަނދުރާއަށެވެ. އެހޫނު ތުންފަތުގެ ބީހުން ލިބުމުގެ ކުރިން އެފިރިހެންވަންތަ އަޑުން ކަންފަތް ދޮށުގައި ލޯބިވާކަން ހާމަކޮށްލުމާއެކު ގައިން ހީބިހިނަގައިގެން ދިޔަ އެވެ. ހިތުގެ ތެޅުން ވެސް އަވަސްވިއެވެ. ނޭވާ ފުންވިއެވެ. އުފާވެރިކަމުގެ ރާހަތު ޖިސްމުގެ ތެރެއަށް ފޭދުނެވެ.
ލައްޒަތުގެ ފުން ކަނޑުގައި މާއީގެ ހިތް ބެހިގެން ދިޔަ ވަގުތު ނަހީކް އޭނަގެ ތުންފަތުން އަރާމުލިބިގަތްކަން އިހުސާސްވި އެވެ. ނޭވާ ފުންވެ ހިތުގެ ތެޅުން އަވަސްވިއެވެ. ނަހީކްގެ މޭގައި ފިނިވެފައިވި އަތްތިލަ ޖައްސާލެވާއެކު އެހިތުގެ ތެޅުން މާއީއަށް އިހުސާސްކުރެވުނެވެ. އެހިތްވެސް ބުނަމުން ދިޔައީ އެއްވާހަކައެކެވެ. ބަހާއި އަމަލުން ސާބިތުކޮށްދެނީ އެއްކަމެކެވެ. އެދެހިތުގައި އޮތް ލޯތްބެވެ. އެކަކު އަނެކަކަށް ދެވުނު މަތިވެރި މަގާމެވެ. އެއީ ދުވަހަކުވެސް ފަނޑުވުމެއް ނެތް އިހުސާސްތަކެކެވެ.
ފުންވެގެން ދިޔަ ނޭވާތަކާއި އިތުރުވެގެން ދިޔަ ބީހުންތައް އެދެހިތް ގެން ގޮސް ދިނީ ލޯބީގެ ދާނަށެވެ. އަވަސްވެފައިވި ހަރަކާތްތަކުން މާހައުލުގެ ތެރެއަށް ވެރިވެފައި މަސްތުގެ ރާހަތު ދެމަފިރިން ވެސް ހާސިލު ކުރި އެވެ. ލޯބީގެ އާލަމަށް ގެނބިގެން ދިޔައީ ހިތާއި ޖާނާއެކުގަ އެވެ.
-ނިމުނީ-
21 Comments!
Comments are closed.




Alhamdulillah, Mi vaahaka ninmumuge taufeeq devi kamatakai Allah ah hanmdukuran.
Avahah proofread kohlevunima buni duvahah vure kurin miupkohli.
Mi vaahaka feshigen nimendhen shaquverikamaaeku kiyunu adhi khiyaalu faalhukuri hurihaa kiyuntherinah ves shukuru danavan. Vaahaka mihaahisaabun mi nimuni, unmeedu kuran kiyuntherinah vaahakaige nimun kamudhaane kamah.
Kiyuntherin Mutha ah dhemundaa ebaarulumaki mi daairaain kuriah diumah Mutha ah libei varah bodu hivareh. Abadhu ves kiyuntherin Mutha aa eku vane kamah unmeedhu kuran, adhi khiyaalu tah ves hisaakuraane kamah unmeedhu kuran (kiyuntherin ge hurihaa khiyaalakah ves Mutha marukhabaa kiyaanan, Mutha ge liyuntherikan rangalhu vaani ves kiyuntherin ge faadhukiyunthakun).
Dhen au vaahaka eh genes devene duvaheh bunan mivaguthu Mutha akah neigei. Plot eh aba in plane kohfa. Thriller eh vima Mutha beynun plot ah varah gina vaguthu heidhakuran. Au vaahakaeh feshumuge kuri iraaadhakurehviyaa kiyuntherinah khabareh velaanan.
Dhen mihaahisaabun vakivelanan.
Unmeedhukuran mi vaahaka aki kiyuntheirnah kamudiya vaahaka eh kamah. Baajaveri duvahakah edhen.
Salam
Awwn emme fahun nimuny dhw mi waahaka wes. Warah warah reethi muthaa ge hurihaa waahaka eh wes. And I’m in love with this story too. Waiting for your next story. Good luck?
Maasha Allah vvvvv reethi mi vaahaka….❤? your one of my favorite writer… ???❤❤❤
Omg Omg Omg… Love it soooooo much.. ?????????????????????❤️❤️????❤️❤️??????????❤️???????????
Vv nice ❤️?
Me first ?
My opinion inge fashsigen anna iru varah salhi fhen hama tas laafa mutha hurihaa vaafska eh ves nimmaalany
Thankx muthaa.. thigothah kuri ah dhanyaa. Mutha akee kiyun therin maa ginain inthixaaruga mahahtaa liyun theriyeh nun.. vrh bodah thankx mutha. Thi gothah vaahaka up koh dhinythy. Alhugadaky vaaahaka thakah comment kuraa kujjeh nun.
Vvv nice. Mutha adhi misite ga vaahaka liyaanan dhw. Plx plx?. U are my favorite writer. Love u????
Vaahakaige ninmun vvvv nice?
❤❤masha allah❤❤
mashaa allah v v v reethi varae furihama ☺??????????
Muthaaa
Feshigen ai iru vvvvv salhiii
Heevaakahala kulliakah nimmalee hen..
Story reeethi
Bt feshunu baithahh hama vvv habeyssss…
And nimmun maaa avass…
Vvv vaahakareethi nimuneema dheravehje ❤❤❤❤❤❤❤❤
Masha allah v reethi ❤?
Masha allah v reethi ❤?
Masha allah v reethi ❤?
Mutha pls don’t leave us.. luv ur storys… miss u mutha..
Vaahaka vvvvvvsalhi
vaahaka nimunee dhoo
konme feshumakah nimumeh vey dhoo kithanme dhera vius dhen anme avahah kiyaaln libeynee kon sitakun?
Mi situntha? Bey nun ahen
site kun lian fetti us mi site ga iulaan kolla dhi nun
vvvinthi zaaru kuraann
inshaa Allah adhi ves buneveynee muthee maash ge anme favourite writters
ey hivvaraa eku kuriah dhaashey anme than kolheh fahathah nuje hey shey??????????
Shukuriyaa hurihaa kiyuntheringe khiyaalu takah ves, varah ufaavejje mi vaahaka ves kiyunterinah kamudiyaiithy.
Dhen esfiya site in nufeni hingaidaane noohakah liyumuge furusathu libifa othyma, au vaahakaeh feshumuge kurin kiyuntherinah reminder eh deinan (In Sha Allah).
Mutha ge au vaahaka akah intizaaru kuraanekamah unmeeduluran ???
Salam
Hope to see ur new story soon…keep writing n posting dear ?…ur the best…maasha allah…?
Maasha Allah. Mutha thi nim ge fav writers ge therein writer eh, abadhu ves vvv reethi mutha liyaa vahakatah. Sifakurun, adaby fenvaru and husahalahi dhinumaai kiyai dhinun varah ves furihama, thy hama top level writer eh, abadu ves kaamiyaabah eden.
nice but not so satisfied……….