Skip to content
އެސްފިޔަ

ހަދިޔާ (އެއްވަނަ ބައި)

“ކޮބާ ހުރިހާ ކުދިން ތި ކުދިން ތިބެންވާ ތަނަށް ދާންވީ އިނގޭ. ލީޝާ ހުންނާނީ މިތާ ދުރުގަ ނެރޭޝަން ކިޔައިދޭން. ޝައްމު އިންނާނީ މި އުނދޯލި ހެއްލަން ޕާކްގަ. ޢަލީއާ އަހުމަދާ ސާއިމް ފެށޭއިރު މިތާ ބޭރުން ހިނގާފަ ދާނީ. އިއްޔެގަ ޕްރެކްޓިސް ކުރިގޮތައް. ހުރިހާ ކުދިންނަށް ސާފުވެއްޖެތަ؟” މިރްޒާން އޭނަގެ ކުރިމަތީގައި ތިބި 7 އަހަރާއި 8 އަހަރާ ދެމެދުގެ ކުދިން ގާތު ސުވާލު ކުރިއެވެ. އެއާއެކު ސްޓޫޑިއޯގައި ތިބި ހުރިހާ ކުދިން އެކުއެކީގައިހެން ‘ލައްބަ’އޭ ކިޔާލިއެވެ. މިރްޒާން ހިނިތުންވެލުމަށްފަހު ކުޑަކޮށް ދުވެފައި ގޮސް އޭނަ އެތާނގައި ހުރި ކެމެރާގެ ފަހަތުގައި ތިބި އެހެން މީހުންނާއެކީގައި އިށީނެވެ.

 

“ރެޑީ؟ 3، 2، 1 އެކްޝަން!” މިރްޒާން ކެމެރާއިން އެކުދިންނަށް ބަލަން ހުރެ އެހެން ބުނެލުމާއެކުހެން އޭނަ ބުނެދީފައިވި ފަދައިން އެކުދިން ޙަރަކާތްތެރިވާން ފެށިއެވެ. ސްޓޫޑިއޯގެ ތެރޭގައި ނުހަނު އަސްލާއި ގާތްކޮށް ހެދިފައިވި ޕާކްގެ ކައިރިން ތިން ފިރިހެން ކުދިން ހީ ސަމާސާކުރަމުން ޕާކްގެ ތެރެއަށް ވަދެގެން ދިޔަ ވަގުތު، ކެމެރާ ފްރޭމުން ބޭރުގެ ހުރި 7 އަހަރުގެ ލީޝާ އެ ޑްރާމާއިން ވާގޮތް ކިޔައިދެމުން ދިޔައެވެ.

 

“ޢަލީއާއި އަހުމަދާއި ސާއިމަކީ ވަރަށް ގާތް 3 އެކުވެރިންނެވެ. އެއްދުވަހަކު މި ތިން އެކުވެރިން އެކީގައި ޕާކަށް ކުޅެން ދިޔައެވެ. ޕާކަށް ވަންތަނާހެން ފެނިގެން ދިޔައީ އެކަނިވެރިވެފައި އޮތް ކުޑަކުޑަ ބުޅަލެކެވެ.” ލީޝާ ކިޔައިދިނެވެ.

 

“އޭ ސާއިމް ބަލާބަ އެއޮތް އެއްޗެއް.” ޢަލީ އެތާއޮތް އަސްލު ނޫން ހުދުކުލައިގެ ބުޅަލަށް ޢިޝާރާތްކޮށް ބުންޏެވެ.

 

“އޭތި އެއުޅެނީ ބަލިވެހެން އަހަންނަށް ހީވަނީ.” ސާއިމް ކުޑަކޮށް ވިސްނާލުމަށްފަހު ބުންޏެވެ.

 

“ސަޅި! އެހެންވެއްޖެއްޔާ އޭތި ވަރަށް މަޖާ އަޑެއް ލައްވާނެ ފައިން ޖެހީމަ. ހިނގާބަ އެކަން ކުރަން.” އަހުމަދު ބުންޏެވެ.

 

“މަޑުކޮށްބަލަ…..އެސޮރަށް އެހެން ހެދީމަ އެސޮރަށްވެސް ތަދުވާނެއެއްނު؟” ސާއިމް ބުންޏެވެ.

 

“ތިހާވަރަށް ވިސްނާކަށް ނުވާނެ ސާއިމް. މަންމަމެން ވެސް ނެތެއްނު މިތާނގަ؟ ސާއިމް ބޭނުމެއްނޫނިއްޔާ މިތާ ހުރޭ! އާދޭ ޢަލީ!” އަހުމަދު ބުންޏެވެ.

 

“އަހުމަދު އެހެން ބުނުމާއެކު ޢަލީ އޭނައާއި އެކީގައި ގޮސް ބުޅަލުގެ ގައިގައި ފައިން ޖަހަން ފެށިއެވެ. އެވަގުތު ސާއިމް ހުއްޓާލަން ގޮވަން ފެށުމުން ދުރުގައި ހުރި އުނދޯއްޔެއްގައި އިން ޝައްމުއަށް އެމީހުން ފެނުނެވެ. ޝައްމު ވަގުތުން ދުވެފައި އެތަނަށް ދިޔައެވެ.” ލީޝާ ކިޔައިދެމުން ދިޔަހެން ކެމެރާ ފްރޭމްގައި ތިބި ކުދިން އެ މަންޒަރުތައް ދައްކަމުން ދިޔައެވެ. މިރްޒާން ލުއި ހިނިތުންވުމަކާއެކީ ކެމެރާއިން މަންޒަރު ބަލަން އިނެވެ.

 

“ހުއްޓާލާ! އެ ބުޅަލާއި ދުރުވެލާ. އެއީވެސް ﷲ ހެއްދެވި އެއްޗެއް!” ޝައްމު ގޮސް އެހެން ބުނުމުން ޢަލީ އާއި އަހުމަދު އޭނަ ބުނިގޮތަށް ހެދިއެވެ. އެއާއެކު ޝައްމު ތިރިވެ އެ ބުޅާ އަތަށް ނެގިއެވެ.

 

“ސުބްޙާނަ ﷲ! އެސޮރުގެ ލޯ ކައިރިން ލޭ އައިއްސަ އެހެރީ. އަހަރެން ދެން މީތި ގެންދާނީ ގެއަށް.” ޝައްމު އެ ބުޅަލުގައި ފިރުމަމުން ބުންޏެވެ.

 

“އެއީ ކީއްވެ؟ ތިއަށް ރަނގަޅަށް ހިތައިގެން ޝައްމުއަށް ލިބޭނީ ކޯޗެއް؟” ޢަލީ ސުވާލު ކުރިއެވެ.

 

“ﷲ ގެ ލޯބިފުޅު. އެހެނީ ﷲ ލޯބިވެވޮޑިގެންވަނީ މުޙްސިނުންދެކެ.” ޝައްމު ކިޔައިދިނެވެ. ޝައްމުގެ ޖުމްލަ ފެށުނުއިރު މަންޒަރު ބަލަން އިން މިރްޒާންގެ މޫނުމަތީގައި ހިނިތުންވުމެއް ވިޔަސް، އެ ޖުމްލައިގައި ބުނެވުނު ފަހު ބަހާއެކީ މިރްޒާންގެ ހިނިތުންވުން ފޭދެން ފެށިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ. ސިކުނޑިއަށް ވެރިވެގަތް ޚިޔާލުތަކުގެ ސަބަބުން މިރްޒާންއަށް އޭނަގެ ވަށައިގެންވި މާޙައުލަށް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. ނަތީޖާއެއްގެ ގޮތުން ކުދިންގެ ކުރު ޑްރާމާ ނިމި ހުރިހާ ކުދިން އެކީގައި ކުރިމައްޗަށް އައިސް ޝުކުރިއްޔާއޭ ކިޔާލުމުން ވެސް މިރްޒާންއަށް އިންގޮތަށް އިނދެވުނެވެ.

 

“މިއްޒޭ!” މިރްޒާންއަށް ހަމަހޭވެރިކަމެއް ލިބުނީ އޭނަގެ ފުރަގަހުގައި ހުރި މީހަކު އޭނަގެ ކޮނޑުގައި އެއްއަތް އަޅައި ގޮވާލުމުންނެވެ. މިރްޒާން ފަސްއެނބުރި ބަލާލިއިރު އެއީ އޭނަގެ ގާތް އެކުވެރިއެއްކަމަށްވާ އާތިފެވެ. އާތިފްގެ މޫނުމަތީގައިވި ޙަމްދަރުދީ މިރްޒާނަށް ނަގައިގަނެވުނުތަނާހެން އާތިފް އޭނަގެ ބޮލުން ކުރިމައްޗަށް ޢިޝާރާތްކުރިއެވެ. އެއާއެކު މިރްޒާން ކުރިމައްޗަށް ބަލާލުމުން ހަދާނެ ގޮތެއް ނޭނގިފައި ތިބި ކުދިން ފެނިފައި އޭނަ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ ބެލިއެވެ. އޭނަ ފުން ނޭވައެއް އެތެރެއަށް ލަމުން ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ފަތުރައި ކޮޅަށް ތެދުވެލިއެވެ.

 

“އޭންޑް ދެޓްސް އަ ރެޕް! މާ ޝާ ﷲ މީ ހާދަ މޮޅު ކުދިންތަކޭ! އާދެބަލަ ހުރިހާ ކުދިން ބޭބެ ކައިރިއަށް.” މިރްޒާން އޭނަގެ ދެއަތުން ހުރިހާ ކުދިންނަށް ހަނާ އަޅައި އެހެން ބުނެލުމުން ހުރިހާ ކުދިން އުޖާލާވި ހިނިތުންވުންތަކާއެކީ މިރްޒާންގެ ކައިރިއަށް ދުވެފައި އައެވެ. ކުދިން ކައިރިއަށް އައުމުން މިރްޒާން ކުރުފައިމައްޗަށް ތިރިވެ ކޮންމެ ކުއްޖެއްގެ ގައިގައި ވަކިން ބައްދައި ކޯތާފަތަށް ބޮސްދެމުން ދިޔައެވެ. ހުރިހާ ކުދިންނާއި ލޯބިކޮށްލުމަށްފަހު އަނެއްކާވެސް އޭނަ އެކުދިންނާއި މުޚާތަބު ކުރިއެވެ.

 

“ކުދިން އަޑުއަހާބަލަ! މިއަދު ވަރަށް ހެޕީ ނިއުސްއަކާ ވަރަށް ސޭޑް ނިއުސްއެއް އެބައޮތް. ހެޕީ ނިއުސްއަކީ ތިކުދިން ހޮވައިގެން ބޭބެ ހެދި ޓީވީ ޝޯ ވަރަށް ކާމިޔާބު ކަމާއެކީ ނިންމާލެވުނީމަ، މިއަދު ހުރިހާ ކުދިންނަށް ވެސް ގިފްޓެއް ލިބޭނެއޭ. ސޭޑް ނިއުސްއަކީ މިއަދު ބޭބެއާއި ތިކުދިން މުޅިން އަލްވަދާޢު ކިޔަންޖެހޭނެއޭ.” މިރްޒާން އެހެން ބުނެ އޭނަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިކުރުވިތަނާހެން އެ 5 ކުދިން އެކީގައި ޝަކުވާގެ ރާގަކަށް ‘އޯންވް’ އޭ ކިޔާލި އަޑު އިވުނެވެ. މަންޒަރު ފެނިފައި ސްޓޫޑިއޯގައި އެއްޗެހި ޕެކްކުރަން ތިބި މީހުންނަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ.

 

“ބޭބެއާ ވަކިވާންވީމަ ވަރަށް ސޭޑް. ބޭބެއަކީ ހުރިހާ ބޭބެމެންގެ ތެރެއިން ވެސް އެންމެ އެންމެ އެންމެ ބެސްޓް ބޭބެ. ވަރަށް ލޯބިވޭ ބޭބެދެކެ.” ކުޑަކުޑަ ލީޝާ އޭނަ މިރްޒާންދެކެ ވާ ލޯބި ކިޔައިދިނެވެ. ހަމަ އެއާއެކު ސާއިމް ކުރިއަށް ޖެހިލަމުން ތިމަންނަ އަދި އެއަށްވުރެ ވެސް ބޮޑަށް ލޯބިވެއޭ ބުންޏެވެ. އެއަށްފަހު ދެންތިބި ކުދިން ވެސް ތަކުރާރުކޮށް އެ ބަސްތައް ކިޔަން ފެށިއެވެ.

 

“ހެހެހެ……ބޭބެވެސް ތިހުރިހާ ކުދިންދެކެ ވަރަށް ބޮޑަށް ލޯބިވޭ. އިން ޝާ ﷲ އަދި ބޭބެއާ ތިކުދިން ދިމާވާނެ. މިދުނިޔޭގަ ދިމާ ނުވިއްޔާ ދެން ކޮންތަނަކުން ދިމާވާނީ؟” މިރްޒާން އެހެން އަހާލުމާއެކުހެން އެންމެން އެކީގައި ސުވަރުގެއޭ ކިޔާލި އަޑު އިވުނެވެ. އެހެން ކިޔައި ނިމުނުތަނާހެން ޝައްމުގެ ޖޯޝުން ފުރިގެންވި އަޑު އިވުނެވެ.

 

“ޖަންނަތުލް ފިރްދައުސްގަ އިން ޝާ ﷲ!” ޝައްމު އުޖާލާވި މޫނަކާއެކީ އެހެން ބުނެލުމުން މިރްޒާންގެ މޫނުމައްޗަށް ވެރިވީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމެކެވެ. 4 ހަފްތާއަށް ދިގުދެމިގެން ދިޔަ ޝޯގެ ތެރެއިން ޝައްމުއަށްޓަކައި މިރްޒާންގެ ހިތުގައި ދެވިފައިވަނީ ޚާއްޞަ މަޤާމެކެވެ. އެހެނީ އެ ޢުމުރުގެ އެހެން ކުދިންނާއި ބަލާއިރު ދީނާއި ބެހޭގޮތުން ޝައްމުއަށް ލިބިފައިވި ޢިލްމު ތަނަވަސްކަން ފާހަގަވެފައިވުމުންނެވެ.

ޝައްމުގެ އެ ސިފަ ހިތަށްވެރިވާ ކޮންމެ ފަހަރަކު މިރްޒާންގެ މޭގައި ރިހުމެއް އުފެދިގެން ދެއެވެ. ލޯ ކުރިމަތިން ސިފަވެގެންދާ މަންޒަރުތަކުން ލޮލުން ކަރުނަ ނުހިލެނީ މަދު ފަހަރަކުއެވެ. އެ ވަގުތު ވެސް އާދައިގެ މަތިން ޝައްމުއަށް ބަލަބަލާ އިންދާ މިރްޒާންގެ ލޮލުން ދިލަ ނަގަން ފެށިއެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އެސްފިޔަ ޖަހާލަމުން ހިނިތުންވެލިއެވެ. އަދި އިން ޝާ ﷲ އޭ ބުނެލަމުން ބޭއިޚްތިޔާރުގައި ޝައްމު އޭނަގެ ކައިރިއަށް ގެނެސް ބައްދާލިއެވެ. ބަދަލުގައި ދެން ތިބި ކުދިންވެސް ހުރިހާ ފަރާތަކުން މިރްޒާންގެ ގައިގައި ބައްދާލުމުން އޭނައަށް ހީލެވުނެވެ.

 

**

 

ކުޑަކުދިންގެ ދީނީ ޑްރާމާ ސިލްސިލާގެ ނިމުން ފާހަގަ ކުރުމަށްޓަކައި އެ ޑްރާމާގައި ބައިވެރިވި ކުދިންގެ ބެލެނިވެރިން ސްޓޫޑިއޯއަށް ގެނެސް، ކުޑަ ރަސްމިއްޔާތެއް ބޭއްވުނެވެ. ރަސްމިއްޔާތުގައި އެ ޑްރާމާގައި ބައިވެރިވި ކުދިންނަށް ހަނދާނީ ލިޔުމާއި ހަދިޔާ ދެވުނެވެ. ރަސްމިއްޔާތު ނިމުމާއެކުހެން އެކިއެކި ބެލެނިވެރިން އައިސް މިރްޒާންއަށް ތަޢުރީފުގެ ބަސްތައް އޮއްސިއެވެ. ކޮންމެ ދުވަހަކު އެމީހުންގެ ކުދިން ގެއަށް ގޮސް ‘މިއްޒޭބޭބެ’ ގެ ވާހަކަ ކިޔައިދޭ ގޮތުގެ ވާހަކައެވެ. އެ ކުޅުނު ޑްރާމާތަކުގެ ތެރެއިން އެކުދިންގެ އަޚްލާޤަށް ރަނގަޅު ބަދަލުތަކެއް އައި ވާހަކައެވެ. އަދި އަމުދުން ހަމައެކަނި މިއްޒޭބޭބެ ނަޞޭޙަތް ދިނީތީ ބައެއް ކުދިން ނުބައި އާދަތައް ދޫކޮށްލި ވާހަކަ ވެސް މިރްޒާންއަށް އިވުނެވެ. މީގެ އިތުރުން ބެލެނިވެރިން ދިޔުމުން އެ ޗެނަލްގެ ވެރިމީހާ މާޖިދު ވެސް އައިސް އަދިވެސް މިރްޒާންގެ ޝޯއަކަށް އިންތިޒާރުކުރާ ވާހަކަ ބުންޏެވެ. މިރްޒާން އޭގެއިން އެއްވެސް ތަޢުރީފަކަށް ހެއްލޭ ހިތެއްނުވިއެވެ. އޭނައަށް ކަމެއް ކާމިޔާބު ކުރެވުނިއްޔާ ކުރެވޭނީ ހަމައެކަނި ﷲ ގެ އިރާދަފުޅުންކަން އޭނައަށް ޔަޤީން ކުރެވޭތީވެއެވެ. އަދި ހެޔޮކަމެއް ކުރަން ހިތަކަށް މަގު ދައްކަވަނީ ހަމައެކަނި އެކަލާނގެކަން ޤަބޫލު ކުރެވޭތީވެއެވެ. އެހެންކަމުން އެ ތަޢުރީފުތަކަށް ހިނިތުންވުންތަކެއް ދެއްކުމަށްފަހު މިރްޒާން އެ ބައްދަލުވުމުން ވަކިވިއެވެ.

 

ދުވަހުގެ މަސައްކަތްތައް ނިންމާލުމަށްފަހު އެރޭ މިރްޒާނަށް އޮފީހުން ނިކުމެވޭ ގޮތްވީ 8:30 ހިކަށްހާއިރެވެ. އާދައިގެ މަތިން ނިކުންނަން ދަމުން އޭނަ އާތިފް ނިމުނުތޯ ބަލާލިއެވެ. އާތިފްގެ ކެބިންއަށް އޭނަ ބޯދިއްކޮށްލުމުން އާތިފް ވަގުތުން މަސައްކަތް ހުއްޓާލީ ދެން ނުހުރެވޭނެއޭ ބުނަމުންނެވެ. އާތިފް އެހެން ބުނެލި ގޮތުން މިރްޒާންއަށް ހެވޭގޮތްވިއެވެ.

 

“އެހެންޏާ ނޫން! ކިތަންމެ މަސައްކަތް ހުއްޓަސް މުޅި ރެއަކު މިތާއެއް ނުހުރެވޭނެއެއްނު؟ އަނބިންނާ ދަރިންނާ ފިރިން ކައިރިއަށް ވެސް އަހަރުމެން ދާން ޖެހޭނެއެއްނު؟” އާތިފް އެހެން ބުނެ ކެބިންއިން ނިކުތެވެ. އަދި މިރްޒާންއާއެކީ އޮފީހުގެ އެ ފްލޯގެ އެއްފަރާތެއްގައި ހުހަށްހުރި މަގުން ހިނގަން ފެށިއެވެ.

 

“ޑޫޑް މިހާރު ފިރިންވެސް ގެންގުޅެން ފެށީތަ؟” މިރްޒާން ހެވިފައި ހުރެ ލާނެތް ރާގަކަށް އެހިއެވެ. އެއާއެކު އާތިފް އައި ސިނގުރުޅިއާއެކީ އޭނަ މިރްޒާންގެ ކޮނޑުގައި އޭނަގެ ކޮނޑުން ޖަހައި މިރްޒާން ކައިރީގައި ހުރި ފާރަށް ލައްކޮށްލިއެވެ. ބަދަލުގައި މިރްޒާން ހުނުން ނޫންކަމެއް ނުކުރިއެވެ.

 

“ބުނެވޭ ބަހަކުން ވެސް ފަނި ހަދަން އުޅޭތި! އެއީ އަހަރެން ސީރިއަސްކޮށް ދެއްކި ވާހަކައެކޭ. މަސައްކަތަށްވުރެ ބޮޑަށް އަހަރުމެން އިސްކަންދޭންޖެހޭނީ އަހަރުމެންގެ ޢާއިލާއަށް، އަންހެނުން ވިޔަސް ފިރިހެނުން ވިޔަސް، މިއީ ދޮގެއްތަ؟ ދެން އެތިބަ ސިންގަލްކޮށް އުޅޭ މީހުން އޯވާރޓައިމަށްފަހު އޯވާރޓައިމަށް ތިއްބަސް އޯކޭ. އެއުޅޭ މާނިއުއާ، ޖާމިޒްއާ…..” އާތިފް ވާހަކަ މެދުކެނޑުނެވެ.

 

“މިރްޒާންއާ.” މިރްޒާން އެހެން ބުނެލީ އާތިފްއާއެކީ ގޮސް ލިފްޓްގެ ކައިރީގައި މަޑުކޮށްލި ވަގުތެވެ. ލިފްޓް ހުޅުވެން އުޅުނު ވަގުތު އާތިފް މިރްޒާންއަށް ބަލާލީ ކުޑަ ސިހުމަކާއި އެކީގައެވެ. އެ މޫނުމައްޗަށް ވެރިވެފައިވީ ދެކެވުނު ވާހަކައާމެދު ހިތާމަކުރާ ފަދަ އަސަރެކެވެ. އެހެނަސް މިރްޒާން ގަދަކަމުން ކަހަލަ ގޮތަކަށް އާތިފްއަށް ހިނިތުންވުމެއް ދައްކާލަމުން ލިފްޓަށް އެރިއެވެ. އާތިފް ވެސް ލިފްޓް ލެއްޕެން އުޅުނު ވަގުތު އަވަސްއަވަހަށް ލިފްޓްގެ ތެރެއަށް ވަނެވެ. ލިފްޓްގެ ތެރޭގައި އެ ދެއެކުވެރިންގެ ދެމެދަށް ހިމޭންކަމެއް ވެރިވެފައިވިއެވެ. މިރްޒާން ދެބުމަ ކައިރިކޮށްގެން ޚިޔާލެއްގެ ތެރޭގައި ހުރިއިރު އާތިފަށް ދެންވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔަ ފަދައެވެ. ގްރައުންޑް ފްލޯއަށް ދެވުމުން ލިފްޓް ހުޅުވުމާއެކު މިރްޒާން އެންމެ ކުރިން ލިފްޓުގެ ތެރެއިން ނިކުމެ ކުރިއަށް ހިނގައިގަތެވެ. އާތިފް އޭނަގެ ފަހަތުން ދަމުން އޭނަގެ ނަމުން ގޮވާލިއެވެ. މިރްޒާން އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލުމުން އާތިފް އައިސް އޭނައާއި ހަމަ ކުރިއެވެ.

 

“އައިމް ސޮރީ…” އާތިފް ބުންޏެވެ.

 

“އިޓްސް އޯކޭ.” މިރްޒާން ދެންވެސް ހިނިތުންވުމެއް ދައްކާލަމުން ހިނގަން ފެށިއެވެ. އެހެނަސް އެއިން އާތިފަށް ހިތްހަމަޖެހުމެއް ނުލިބުނު ފަދައެވެ. އޭނަ މިރްޒާންއާ އެކީގައި ހިނގައިގަންނަމުން އިތުރަށް ވާހަކަ ދެއްކިއެވެ.

 

“މިއްޒޭ ދެން ނުވިސްނާނަންތަ މުސްތަޤްބަލާމެދު؟” އާތިފް އެހިއެވެ.

 

“ނޫނޭ އެބަ ވިސްނަން. ހިތަށްއަރަނީ ދެން ހަދާނީ ފުރާވަރުގެ ކުދިންނާ ގުޅޭ ކަހަލަ ޕްރޮގްރާމެކޭ. ސަޅިވާނެދޯ؟” މިރްޒާން އެނގިހުރެ ވެސް ފުރިހަމަ ހިނިތުންވުމެއްގައި ހުރެ ޤަޞްދުގައި އާތިފް އެ ދެއްކި ވާހަކަ ނޭނގޭ ކަމަށް ހެދިއެވެ. އާތިފަށް އެކަން މާ ރަނގަޅަށް ވެސް އެނގުނެވެ.

 

“އޮޅުވާލަން ނޫޅެބަ މިއްޒޭ! މިއްޒޭއަށް ތިކަން ދިމާވިތާ މީ ކިހާ ދުވަހެއް؟ އެފަހުން އަހަރެން މީހަކާ އިނދެގެން އަހަންނަށް ދެކުދިން ލިބިއްޖެ.” އާތިފް ސީރިއަސްކަމާއެކީ ވާހަކަ ދެއްކިއެވެ.

 

“މާ ޝާ ﷲ ތަބާރަކަ ﷲ!” މިރްޒާން ދެންވެސް ހިނިތުންވުމެއްގައި ހުރެ އާތިފްއަށް ބަލާލުމެއްނެތި ލާނެތް ރާގަކަށް ބުންޏެވެ. މިރްޒާން އޭނަގެ ވާހަކަ އަޑުނާހަން އުޅޭހެން ހީވުމުން އާތިފް ވީ ނުރުހުމާއެކީ މިރްޒާންގެ އަތުގެ އުޅަނބޮށްޓާއި ދިމާލުން ހިފަހައްޓައި އޭނަ މަޑުކުރުވިއެވެ.  އެ ވަގުތު އެމީހުންނަށް ތިބެވުނީ އޮފީހުގެ ކައިރީގައި ކާރުތައް ޕާކުކޮށްފައި ހުރި ޞަރަޙައްދުގައެވެ. މިރްޒާން އާތިފަށް ބަލަން މަޖުބޫރުވުމުން އާތިފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“މިއްޒޭ އައިމް ސީރިއަސް. އައި ކެއާރ އެބައުޓް ޔޫ. ވަރަށް ބޭނުން މިއްޒޭ އުފަލުގައި އުޅޭތަން ދެކެން. މާޒީގައި އުޅެގެން އެއްވެސް މީހަކަށް ލިބޭނެ ފައިދާއެއް ނެތް. އެ ހުރިހާ ކަމެއް ހަނދާން ނައްތާލާ. ހުރިހާ ކަމެއް ހަނދާނުން ފޮހެލާފަ އާ އުއްމީދުތަކާއެކު އާ ޙަޔާތެއް ފަށާ!” އާތިފް އެހެން ބުނެލީ އޭނަގެ ދުވަސްވީ އެކުވެރިޔާގެ ޙަޔާތަށް އުފާވެރިކަމެއް ގެނެސްދެވޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. އެހެނަސް އޭނަގެ ކުރިމަތީގައި ހުރި މިރްޒާން މިފަހަރު ހިނިތުންވާން އުޅެފައިވެސް ދުރަށް ނަޒަރު ހިންގާލި ގޮތުން އާތިފްގެ އެ އުއްމީދު ފުނޑުފުނޑުވިއެވެ. އެދެމެދުގައި މިރޭ ދެން އިތުރު ވާހަކައެއް ނުދެއްކޭނެހެން ހީވި ވަގުތު އާތިފަށް މިރްޒާންގެ އަޑު އިވުނެވެ.

 

“އަހަރެން ހަނދާން ނައްތާލަން ޖެހެނީ އަހަންނަށް ބޭވަފާތެރިވެ އަހަންނަށް އެތައް އަނިޔާއެއްދިން ބަޔަކަށްވިނަމަ އެ ބަޔަކު ހަނދާން ނައްތާލަން ފަސޭހަވީސް. އެހެންނޫނީ އެމީހުންނަކީ ދުނިޔެ ދޫކޮށް ގޮސްފައިތިބި ބަޔަކަށްވިނަމަ ވެސް ހަނދާނުން ފޮހެލަން ރަނގަޅު ޢުޒުރެއް ލިބުނީސް. އެކަމަކު…” މިރްޒާން އެހާ ހިސާބަށް ބުނެލި ވަގުތު އޭނަގެ ދެލޯ ފެންކަޅިވާން ފެށިއެވެ. އެހެނަސް އޭނަ އެސްފިޔަ ޖަހާލަމުން އަނެއްކާވެސް އާތިފަށް ބަލާލިއެވެ.

 

“މިއަދަކީ އަހަންނަށް އެކަން ދިމާވިތާ 15 އަހަރާއި 10 ދުވަސް ފުރިހަމަވާ ދުވަސް. އެކަމަކު އެނގޭތަ އާތިފް؟ އަހަރެންގެ ހިތުގައި އެދުވަހު އޮތް އުއްމީދު މިއަދާއި ހަމައަށް ވެސް އެއޮތް ތާޒާކަން މަތީ އެބައޮތް. އެ އުއްމީދު އަހަންނަށް ފުދޭ އާތިފް. މި އުއްމީދު ފުރިހަމަ ނުވަނީސް ކިބައިގައި ނުވާނެ އާ އުއްމީދުތަކެއް ކުރާނެ ހިތްވަރެއް. އަހަރެން ބޭނުމެއްނޫން އެހެން އެއްވެސް ކަމެއް އާތިފް.” މިރްޒާން އޭނަ ބޭނުންވާ ގޮތް ކިޔައިދިނެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަމުގެ ވަގުތުކޮޅަށްފަހު އާތިފް ވާހަކަ ދައްކަން އުޅުނުތަނާހެން މިރްޒާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“އޭ ދެން ދަނީ އިނގޭ. ޔައިކްސް! މާ ބޮޑަށް ލަސްވެސްވެއްޖެ. މިރެއަކީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ވަނަތައް އިޢުލާންކުރާ ރޭ. މާޝް މިހާރު އިންނާނީ ދަރުބާރުގޭގަ އެކަނިމާއެކަނި. އެކުއްޖާ ކައިރި ބުނީމަ ވެސް މަންމަމެން އެކޮޅުގަ ބައިތިއްބާފަ މިކޮޅަށް އައީ. ރަސްމިއްޔާތަށްފަހު އޭނަ ފުރުވަން ވެސް ދާން އެބަޖެހޭ. ގޮޓް ޓު ގޯ!” މިރްޒާން އޭނަގެ ގަޑިއަށް ބަލާލަމުން އެތާއޮތް އޭނަގެ ކަޅުކުލައިގެ ކާރާއި ދިމާލަށް ހިނގައިގަންނަމުން އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ. މިރްޒާން މިފަހަރު މަޢުޟޫ ބަދަލުކުރުމުން އާތިފް އިތުރަށް އޭނަގެ އެކުވެރިޔާ މާޔޫސްކުރުވާ ފަދަ ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން މިރްޒާން އެ ދެއްކި ވާހަކައާ ގުޅުވައިގެން ވާހަކަ ކުރިއަށް ގެންދިޔައެވެ.

 

“އެ މަންޖެ އަދިވެސް ޤުރުއާން ކިޔަވަނީތަ؟ އަހަރެން ހީކުރީ ފުރާވަރަށް ދިޔައިމަ އޭނަ ނުކިޔަވާނެކަމަށް. ޢާއްމުކޮށް އެ ޢުމުރުފުރައިގެ ކުދިން ކިޔަވާ ނަހަދައެއްނު؟” އާތިފް ވެސް އޭނަގެ ކާރާއި ހަމަކުރަމުން ބުންޏެވެ.

 

“އާނދޯ؟ މާ ޝާ ﷲ!” މިރްޒާން އެހެން ބުނެ ހީލުމުން އާތިފަށް ވެސް ހެވުނެވެ. މިރްޒާންގެ ހުރި ހަމައެކަނި ކޮއްކޮއަށް ކިޔާ ނަމަކީ މާޝާ ކަމަށްވާތީވެއެވެ. މާޝާއަކީ އެންމެ ކުޑައިރުއްސުރެވެސް ޤުރުއާން ކިޔެވުމަށާއި ޤުރުއާން ހިތުދަސްކުރުމަށް ނުހަނު ފޯރި ހުންނަ ކުއްޖެކެވެ. އެއްވެސް މުބާރާތެއްގައި ބައިވެރިވެފައި މާޝާއަށް ވަނައެއް ނުލިބިފައެއް ނެތެވެ. އެއީ ހަމައެކަނި ޤުރުއާން މުބާރާތެއްގައެއް ނޫނެވެ. ސްކޫލްގެ ކިޔެވުމުން ފެށިގެން ކުޅިވަރުގެ މުބާރާތްތަކާއި ހަމައަށް މާޝާއަކީ ހަމަ ހޮވާލެވޭ ވަރުގެ ކުއްޖެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މި ހުރިހާ ކަމަކާމެދު ކޮންމެ ދުވަހަކުހެން މަންމައާއި ބައްޕަ މާޝާއަށް ތަޢުރީފުގެ ބަސްތައް އޮއްސާ އަޑު މިރްޒާނަށް އިވެއެވެ. ޚުދު މިރްޒާން އަމިއްލައަށް ވެސް އޭނަގެ ކޮއްކޮއާއިމެދު ފަޚުރުވެ އުފާ ފާޅުކުރެއެވެ. އެހެނަސް އެއިން ކޮންމެ ފަހަރަކު އޭނަގެ ހިތުގައި ބިރުވެރިކަމެއް އުފެދެނީ އޭނަގެ ކޮއްކޮގެ ހިތުގައި ކިބުރުވެރިކަމެއް އުފެދި އެއިން އެ ކޮއްކޮގެ އުޅުމަށް ނޭދެވޭ ބަދަލުތަކެއް އައިސްދާނެތީވެއެވެ. ހުޅުމާލެއިން ދަރުބާރުގެއަށް ފެށި ދަތުރު މަތީގައި ވެސް އޭނައަށް މާޝާއަށްޓަކައި ދުޢާ ކުރެވެމުން ދިޔައީ އެހެންވެއެވެ.

 

**

 

ރޭގަނޑު 9 ޖަހަން ގާތްވެފައިވަނިކޮށް ދަރުބާރުގޭ މާލަމެއް ފުރިފައިވީ އެކި ޢުމުރުފުރައިގެ ކުދިންތަކާއި އެކުދިންގެ ބެލެނިވެރިންގެ ހާޒިރީންނެވެ. ކުދިންނާއި ބެލެނިވެރިން ދެފަރާތެއްގައި ވަކިން ރޭވިފައި ތިބިއިރު އެންމެ ބޮޑެތި ކުދިން ރޭވިފައި ތިބީ ފަހަތު ސަފުގައެވެ. އެކި ޢުމުރު ފުރައިން ވަނަތައް ލިބުނު ކުދިންގެ ނަންތައް އިޢުލާން ކުރެވެމުން ދިޔައިރު އެ ސަފުގެ އެންމެ ކޮޅުގައި އިށީނދެގެން އިން އަންހެން ކުއްޖާގެ ނަޒަރު ހުއްޓިފައިވީ އޭނަގެ އަތުގައި އޮތް ރަތް ކުލައިގެ ކަވަރެއް ލެއްވިފައިވި ފޯނަށެވެ. އެ ސަފުގައި ހުސްވެސް އަންހެން ކުދިން ތިބިއިރު އެ ހުރިހާ ކުދިން ތިބީ ބޮޑުކޮށް ބުރުގާ އަޅައިގެން ސީރިއަސް ކަމާއެކީ ކުރިމައްޗަށް ބަލަހައްޓައިގެންނެވެ. އެހެނަސް ފޯނު ބަލަހައްޓައިގެން އިން އަންހެން ކުއްޖާގެ ބުރުގާ ރޫތައް ނަގާފައި ސްކޫލް ޔުނިފޯމް ބެޖްގެ ބައެއް ފެންނަވަރަށް އެޅިފައިވީއިރު، އޭނައަށް ފޯނުން ފެންނަމުން ދިޔަ އެއްޗަކަށް ހެވެމުން ދިޔައެވެ. އެކޮޅުން އެ ފޯނަށް އަންނަމުން ދިޔަ މެސެޖުތަކެއްގެ ޒާތުން އޭނަ ވާހަކަ ދައްކަމުން ދިޔައީ އޭނަގެ ލޯބިވެރިޔާއާއިހެން ހީވަމުން ދިޔައެވެ.

 

“އޭ ދެން އޮތީ އަހަރުމެންދޯ؟” ކައިރީގައި ހުރި ކުއްޖަކު އެހެން ކުއްޖެއް ކައިރީގައި އެހެން ބުނެލި އަޑަށް ފޯނަށް ބަލަހައްޓައިގެން ހުރި ކުއްޖާ ސީރިއަސްވެލިއެވެ. ސްޓޭޖުން ކިޔަމުން ދިޔަ އެއްޗަކަށް ސަމާލުކަން ދެމުން އޭނަ ކުއްލިއަކަށް ސީދާވެ ސެލްފީ ކެމެރާ ޖައްސާލަމުން އޭނަ ހުރީ ރީއްޗަށްތޯ ބަލާލިއެވެ. ލެނބިފައިވި ދިގު އެސްފިޔަތަކެއްގެ ވެރި އެ އަންހެން ކުއްޖާއަށް ލިބިފައިވީ ހިތުގެ ބައްޓަމަށް ހުރި އަލި މޫނެކެވެ. އަނދުން އެޅިފައިވި ގަދަ ބުމައާއި ކުލައެއް ނެތް ލިޕް ގްލޮސްއެއް ލެވިފައިވި އޮމާން ތުންފަތުން އޭނައަކީ ބޭރުފުށުގެ ރީތިކަމަށް ނުހަނު ލޯބިކުރާ ކުއްޖެއްކަން އެނގެއެވެ. 19 އަހަރުން ދަށުގެ ޢުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ވަނަތައް ކިޔަން ފެށުމުން އެކުއްޖާ އޭނަގެ ފޯނު އުނގުމަތީގައި އޮތް ކުޑަ އަތްދަބަސް ތެރެއަށް އަޅާލި ގޮތުން ދެން ނުހަނު އަވަސް މުހުލަތެއްގައި އޭނަގެ ނަން ކިޔޭނެހެން އޭނައަށް ޔަޤީންވި ފަދައެވެ.

 

“19 އަހަރުން ދަށުގެ ޢުމުރު ފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ……މާޝާ ޢަބްދުއްލަތީފް!” އެ ނަން އިވިގެން ދިޔުމާއެކު މާޝާ އިހުނަށްވުރެ ބޮޑަށް އިސްއުފުލާލީ ނުބުންޏަސް ތިމަންނައަށް އެނގެއޭ ބުނާ ފަދައަކުންނެވެ. މޫނުމައްޗަށް ވެރިވި ކޮންޓްރޯލް ކުރެވިފައިވި ހިނިތުންވުމާއެކު މާޝާ ތެދުވެ ހިނގަން ފެށީ ދެ ފަރާތުގައި ތިބި މީހުންގެ ނަޒަރުތައް ވެސް އޭނައަށް އަމާޒުވާނެ ފަދައަކުންނެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ އޭނަ ކިހާ މޮޅުކަން އެންމެންނަށް އެބަ އިނގޭހޭ ބުނަން ބޭނުންވާ ފަދަ އަސަރެކެވެ. މާޝާ ގޮސް ސްޓޭޖް މައްޗަށް އެރީ މިފަދަ އިޙްޞާޞްތަކާއެކީގައެވެ. އެއްވަނަ ލިބުނީތީ މާޝާއަށް ތަށްޓެއްގެ އިތުރުން ހަނދާނީ ފިލައެއް ލިބުނެވެ. އެ ފިލާ ފަރުމާ ކުރެވިފައިވީ ކީރިތި ޤުރުއާނުގެ ހުޅުވާލެވިފައިވި މުޞްޙަފެއްގެ ބައްޓަމަށެވެ. ދެއްކުންތެރި ހިނިތުންވުމަކާއެކީ އެ ފިލާގައި ހިފަހައްޓައިގެން ކެމެރާއަށް ބަލަން ހުރިއިރު، އޭނައަށް މި ޤަދަރު ގެނެސްދިން ފޮތަކީ ހަމައެކަނި މިފަދަ ތަނެއްގައި ކިޔަވައިގެން ކިބުރުވެރިކަން އިތުރުކުރުމަށް ބާވައިލެއްވި ފޮތެއް ނޫންކަން މާޝާއަށް ރޭކާނުލައެވެ. އެ ފޮތް ބާވައިލެއްވުނު މަޤްޞަދަކީ ގެއްލެނިވެފައިވި ބަޔަކަށް ހިދާޔަތް ދެއްކެވުންކަން އޭނައަށް އެވަގުތު ފަހުމެއް ނުވެއެވެ. އެ ފަހުމްވުމުން އޭނައަށް ލިބޭނެ އުފާވެރިކަމަކީ މިވަގުތު އިޙްޞާޞް ކުރެވޭ އުފާވެރިކަމާއި އަޅާވެސް ނުކިޔޭނެ އުފާވެރިކަމެއްކަން އޭނައަށް ނޭނގެއެވެ. މިރޭ އޭނަގެ ޙަޔާތުގައި ކަންތައް ވެގެން ދާނެ ގޮތުން އޭނައަށް އެ ހުރިހާ ކަމެއް އެނގެން ނުހަނު ގާތްވެފައިވިކަން އޭނައަށް ފޮރުވިފައިވިއެވެ.

 

މާޝާ އޭނައަށް އެންމެ ފަހުން ލިބުނު ފިލައާއެކީ ސްޓޭޖުން ފައިބަން ފެށި ވަގުތަކީ މިރްޒާން ދަރުބާރުގޭގެ އެ މާލަމަށް ވަން ވަގުތެވެ. ސްޓޭޖުން ފައިބައިގެން ކުރިއަށް ހިނގަން ފެށިތާ މާ ގިނައިރެއްނުވެ މާޝާއަށް އޭނަގެ ދޮންބެ ފެނިގެން ދިޔުމުން އޭނަގެ މޫނުމަތި އުޖާލާވެ ފުރިހަމަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

 

“ހާއި ދޮންބްސް!” މިރްޒާނާއި އަރާ ހަމަކޮށްލަމުން މާޝާ ގޮވާލިއެވެ. އެއާއެކު މިރްޒާން ވެސް މާޝާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

 

“ކޮބާ ނިމުނީތަ؟ އެއްވަނަ؟” މިރްޒާން އަހާލިއެވެ.

 

“އޮފްކޯސް! ދޮންބެއަށް އެނގެއެއްނު މާޝްއަށް އެނޫން އެއްޗެއް ނުލިބޭނެކަން؟” މާޝާ ފަޚުރުވެރިކަމާއެކީ ބުނެލިއެވެ. އެއާއެކު މިރްޒާން ލުއިގޮތަކަށް ހީލިއެވެ.

 

“ކާމިޔާބީއަކީ ހަމައެކަނި ﷲ ދެއްވާ އެއްޗެއް މާޝް. އެކަލާނގެ އިރާދަކުރެއްވިނަމަ އެހެން ކުއްޖަކަށް ތި ވަނަ ލިބުނީސް. އަބަދުވެސް އެކަން ހަނދާން ކުރައްޗޭ.” މިރްޒާން މަޑުމައިތިރި އަޑަކުން އޭނަގެ ކޮއްކޮއަށް ވިސްނައިދެވޭތޯ ބެލިއެވެ.

 

“އޯކޭ އޯކޭ ދޮންބެ. ހާޑް ދެޓް އޯލްރެޑީ! ދެން ހިނގާ އަވަހަށް އެއާރޕޯޓަށް. އެއޮތްގެން ޗެކިންގް ގަޑި ޖެހެނީ. އެބައަންނަން އެތާ ހުރި ކުއްޖާ އަތުން އަހަންނަށް ލިބުނު އެހެން އެއްޗެހި ހިފައިގެން. ބީ ރައިޓް ބެކް!” އާދައިގެ މަތިން މާޝާ އޭނަގެ ދޮންބެ ދިން ނަޞޭޙަތުގެ ވާހަކައަށް އަވަސްއަވަހަށް ފަސްއަޅާލަމުން ދޮންބެއަށް ފަސްދިނެވެ. މާޝާ އެހެން ހެދީ ޤަޞްދުގައިކަން އެނގުންވި މިރްޒާނަށް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

 

މާޝާއަށް ލިބުނު އިނާމުތައް ހިފައިގެން ދެބެއިން އެކީގައި ގޮސް ކާރަށް އެރިއިރު ގަޑިން 9:10 ހިނގައިފިއެވެ. މާޝާ މުލަކަށް އަނބުރާ ފުރުމަށްޓަކައި އޮތް ފްލައިޓްގެ ޗެކިންގް ފެށެން އޮތީ 9:15 ގައި ކަމަށްވުމުން މިރްޒާން ކާރު ދުއްވާލީ އޭނަ ޢާއްމުކޮށް ދުއްވާވަރަށްވުރެ ތަންކޮޅެއް ބާރަށެވެ. އެއާރޕޯޓަށް ދިޔުމުގެ ކުރިން މާލޭގައި މާޝާ އެދުވަސް ހޭދަކުރި ބޮޑުދައިތަގެ ގޭގައި ހުރި އޭނަގެ ހެދުން ފޮށި ވެސް ނަގަން ޖެހުމާއި އެކީގައެވެ. އެގެއަށް ދިޔުމުން ބޮޑުދައިތަ ދެއްކި ވާހަކަތަކުން މިރްޒާން ނުރުހުންވާ ގޮތްވިއެވެ. ބޮޑުދައިތަ ބުނި ގޮތުގައި މާޝާ އެ ރަސްމިއްޔާތަށް އެކަނި ދާން ބޮޑާ ހާކައިގެން ބޮޑުދައިތަ ވެސް ނުގެންދިޔައެވެ. ހެދުން ފޮށްޓާއެކީ ކާރަށް އެރުމާއެކު މިރްޒާން ވަގުތުން އެކަމާމެދު ސުވާލުކުރިއެވެ.

 

“ކީއްވެ އެހެން ހެދީ؟” ނުރުހުންވިޔަސް މިރްޒާން ކާރު ސްޓާޓް ކޮށްލަމުން އެހެން އަހާލީ މަޑުމައިތިރި އަޑަކުންނެވެ.

 

“ކިހިނެއް؟” މާޝާ ނޭނގޭ ކަމަށް ހަދާފައި ހިސާބަކަށް ބުމަގޮށްޖަހަމުން އަހާލިއެވެ.

 

“ކަމޯން މާޝް! ކޮންމެ ކަމެއް ނޭނގޭކަމަށް ނަހަދާ! ތި ތޫނު ވިސްނުމަށްވެސް ކޮށިއަރާފާނެ ތިހެން ހަދަންޏާ. އެހެންނޫނަސް ވިސްނުންތޫނު، މޮޅެތި ކުދިންނަކީ ތިހެން ކަންތައް ކުރާ ކުދިންނެއް ނޫނެއްނު؟ މާޝްގެ އެދުމުގެ މަތިން ދޮންބެ މިކޮޅަށް ނައީ މާޝްދާނީ އެހެން މީހަކާއެކީ ކަމަށް ނިންމައިގެން. އެކަމަކު އެއްވެސް މީހަކާނުލާ އެކަނިމާއެކަނި ޓެކްސީއަކުން ދަނިކޮށް ކަމެއް ދިމާވިނަމަ ކިހިނެއް ހަދާނީ؟ އެއީ މިހާރު ބޮޑެތި އަންހެނުންވެސް ކުރުން އެހާ ރައްކާތެރި ކަމެއްނޫންކަން މާޝްއަށް ވެސް އެނގެއެއްނު؟” މިރްޒާން ކާރު ދުއްވާލަމުން އޭނަގެ ނުރުހުންތެރިކަން ފޮރުވޭތޯ މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. ކިރިޔާވެސް ނުރުހުންތެރިކަމެއް ދައްކައިފިނަމަ ފުރާވަރަށް ގޮސްފައިވި މި ގޮތްދޫނުކުރާ ޒާތުގެ ކޮއްކޮ އޭނަގެ އަތުން ބީވާނެކަން ދަނެގެންނެވެ. މިރްޒާންގެ އިޚްލާޞްތެރި ނިޔަތުގެ ސަބަބުން ކަންނޭނގެއެވެ. އޭނަ ދެއްކި ވާހަކަތައް މާޝާގެ ހިތާއި ހަމައަށް ވާޞިލުވިއެވެ. ދޮންބެގެ ވާހަކައިގެ ކުރީކޮޅު ވަގުތުން ރައްދެއްދޭން އުޅުނެއްކަމަކު އެންމެ ފަހުން ބުނެލި ވާހަކައިން އޭނައަށް އެއްޗެއް ވިސްނޭ ގޮތްވިއެވެ. އެއާއެކު އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ސޮރީ ދޮންބޭ. ދެން އެހެން ނަހަދާނަން.” މާޝާ ބުނެލިއެވެ. މިރްޒާނަށް ހިސާބަކަށް ޙައިރާންވެ އިނދެ މާޝާއަށް ފަޅި ސިކުންތަކަށް ބަލާލެވުނެވެ. އެއާއެކު މާޝާ އެހެން ބުނީ ހިތުގެ އަޑިންކަން އޭނައަށް އެނގުންވިއެވެ.

 

“އިޓްސް އޯކޭ ކޮއްކޯ….އަސްލު ދޮންބެއަށް އެހާ ކަމަކު ނުދޭ މާޝް އެކަނި ފްލައިޓްގަ މިހާ ދިގު ދަތުރެއް ކުރަންވެސް. ކީއްވެ މަންމަމެންނާއެކީ ނައީ؟” މިރްޒާން ސުވާލުކުރިއެވެ. އެއާއެކު މާޝާ ނުރުހުންވެގެން ދިޔަ މޫނަކާއެކީ ވަގުތުން ވާހަކަ ދެއްކިއެވެ.

 

“އެއީ……އައި ޑޯންޓް ނޯ ދޮންބޭ. އައި ޑޯންޓް ލައިކް މަންމާ އެންޑް ބައްޕާ. އަބަދުވެސް ބުނަމެއްނު މި ވާހަކަ؟ މަންމަމެން އަބަދު އުޅޭނީ އަހަރެން ކޮންޓްރޯލް ކުރަން. އެނގޭތަ؟ މަންމަ އަދިވެސް އަހަރެން ސްކޫލަށް ލާން ދާން އުޅޭނީ އަހަރެންގެ ދަބަސް މަންމަގެ ކޮނޑުގަ އަޅުވައިގެން. އަހަންނަށް ފަސޭހަ ކުރާށޭ ކިޔާފަ. ފޯ ހެވެންސް ސޭކް އައި އޭމް 17!!! ބައްޕަ އަބަދުވެސް ބުނާނީ ފިރިހެން ކުދިންނާ ދުރުން އުޅޭށޭ. އެއީ އަހަރެންގެ އެކުވެރިން ކަމަށްވިޔަސް. ބައްޕަމެން އެހާ މުސްކުޅިވީމަ ކަންނޭނގެ އެހާ ބެކްވާޑް ވިސްނުމެއް ހުންނަނީ. ސޯ ފްރަސްޓްރޭޓިންގް!” މާޝާ އެ ވާހަކަތައް ކިޔައިދިނީ ގަދަ ރުޅިއެއްގައި އިނދެއެވެ. އޭނަގެ ވާހަކަތައް އަޑުއަހަން އިން މިރްޒާންގެ ނުރުހުންތެރިކަން ވެސް އިންތިހާއަށް ދިޔައެއްކަމަކު އޭނަ ދެންވެސް އެކަން ކޮންޓްރޯލް ކުރެވޭތޯ ބެލިއެވެ. މާޝާ އެފަދަ ވާހަކައެއްވެސް އޭނައާއި ޙިއްޞާ ކުރެވޭ ވަރަށް އޭނައާއި ގާތްވެފައިވަނީ އޭނަ މާޝާގެ ކުރިމަތީގައި ރުޅި އިސްނުކުރާތީވެކަން ހަނދާން ކުރަމުން މިރްޒާން ވާހަކަ ދެއްކިއެވެ.

 

“މަންމަ އެހެން ހަދަނީ މަންމަ މާޝްދެކެ ލޯބިވާތީވެއެއްނު؟ މަންމަގާތު މާޝްވެސް ލޯބިން ބުނޭ މާޝް ބޭނުންވާ ގޮތް. ސިމްޕްލް! ދެން ބައްޕަގެ ވާހަކައާމެދު ދޮންބެ އެގްރީ ވަން. ފިރިހެން ކުދިންނާ އެހާ ގާތްކޮށް އުޅޭކަށް ނުވާނެ.” މިރްޒާން އެކުވެރިއެއް ފަދައިން އޭނަ ދެކޭ ގޮތް މާޝާއަށް ކިޔައިދިނެވެ.

 

“އެކަމަކު އަހަރެންގެ ވެސް އެ ކުދިންގެ ވެސް އެއްވެސް ނުބައި ނިޔަތެއް ނެތޭ ދޮންބެ. އެނގޭތަ؟ މިހާރު އަހަރެން ބޯއިފްރެންޑަކަށް އުޅޭ ލިއާމް ވެސް ވަރަށް ރަނގަޅުވާނެ. ނަމާދުވެސް ކުރާނެ. ދީނީ ޕޯސްޓްތައް ވެސް ޝެއާރ ކުރާނެ….އޭނަ ވަރަށް ރަނގަޅު.” ލޯބިވެރިޔާގެ ރަނގަޅު ވާހަކަތަކަށް އެންމެ ދެ ސިފަ ހިއްސާ ކުރުމަށްފަހު މާޝާ އެންމެ ފަހު ޖުމްލަ ބުނެލީ ބުނާނެ އިތުރު އެއްޗެއް ނުވިސްނުމުންނެވެ. އެ ދެ ސިފަ ވެސް އޭނައަށް ކިޔައިދެވުނީ އެންމެ ދެ ދުވަހެއްގެ މަތިން އޭނައަށް އެ ލޯބިވެރިޔާގެ ފަރާތުން ފެނުނު ކަންތައްތަކެއްގެ މައްޗަށް ބުރަވެ ހުރެއެވެ. ދޮންބެއަށް ވިސްނައިނުދެވުނަސް މާޝާއަށް ލިއާމްގެ ރަނގަޅުކަން އޭނަގެ އަމިއްލަ ނަފްސަށް ވިސްނައިދެވިފައިވި ފަދައެވެ.

 

“މާޝް އަނެއްކާ ބޯއިފްރެންޑެއް ނެގީތަ؟ އެ ހައިސަމް ކުރި ކަންތަކަށް ފަހު ވެސް؟ ދޮންބެއަށް ޕްރޯމިސް ކުރީމެއްނު ދެން ދުވަހަކުވެސް ކުއްޖަކާ ރައްޓެހިނުވާނަމޭ؟” އިވުނު ވާހަކައިން ވީ ދެރައެއްގެ ސަބަބުން މިރްޒާނަށް އެތައް ސުވާލެއް އެއްފަހަރާ ކުރެވުނެވެ. ކުރިން މާޝާ ރައްޓެހިވެގެން އުޅުނު ކުއްޖާ އޭނައަށް ބޭވަފާތެރިވުމުން އެހީއަކަށް އެދި މާޝާ އައީ އޭނަ ކައިރިއަށެވެ. އެދުވަހު އޭނަގެ އެތައް ނަޞޭޙަތަކަށްފަހު މާޝާގެ ޙަޔާތް މުޅިން ބަދަލުވެގެން ދާނެކަމަށް އެހެން ހީކުރިއެވެ. އެހެނަސް އެހެން ނުވިތާއެވެ.

 

“އާނ ދޮންބޭ….އެކަމަކު ލިއާމް ވަރަށް ރަނގަޅޭ. ދެންމެ މި ބުނީއެއްނު ނަމާދުވެސް ކުރެއޭ؟ އަހަންނަށް ހީވަނީ ފިއުޗާރގަ އަހަރެން އިންނަން ބޭނުންވާނީ ވެސް އެކަހަލަ ޞާލިޙު ކުއްޖަކާހެން.” މާޝާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުންޏެވެ.

 

“މާޝާއަށް ނޭނގެނީ ޞާލިޙު ކުދިން ތިބޭ ގޮތް. ޞާލިޙު ކުއްޖަކާ ދިމާވާ ދުވަހު މާޝާއަށް އިޙްޞާޞް ކުރެވޭނެ ތި ކުރެވެނީ ކިހާ ލަދުކުޑަ ކަމެއްކަން.” އެފަދަ ބަހެއް ބޭނުން ނުކުރަން އިނދެފައި ވެސް މިރްޒާނަށް އެހެން ބުނެލެވުނީ އިޚްތިޔާރުން ބޭރުގައެވެ. އޭނަ އެހެން ބުނުމާއެކު މާޝާ ނުރުހުންވެގެން ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލިތަން މިރްޒާނަށް އޭނަގެ ލޮލުގެ ކޮޅުން ފެނުނެވެ. އެއާއެކު އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

 

“ދޮންބެއަކަށް މާޝްއަށް ފޯސްއެއް ނުކުރެވޭނެ އެއްވެސް ކަމެއް ކުރަން. ދޮންބެއަށް ހަމައެކަނި ބުނެދެވޭނީ ރަނގަޅު ގޮތަކީ ކޮބައިކަން.” މާޝާ އެއްޗެކޭ ނުބުނުމުން މިރްޒާން ބުނެލިއެވެ. އެއާއެކު މާޝާގެ ރުޅިވެރި ރައްދެއް އޭނައަށް އަމާޒުވިއެވެ.

 

“އައި ސިމްޕްލީ ޑޯންޓް ކެއާރ! ވަރިހަމަ ދޮންބެއާ ބައްޕައާ ދުނިޔޭގަ ތިބި އެންމެން އަހަރެން ލަދުކުޑަ ކަމަށް ހީކުރިއަސް! އެހެން މީހުން އަހަންނާ ދެކޭ ގޮތާމެދު އަހަރެން ފަރުވާލެއް ނުބަހައްޓަން!” މާޝާ ރުޅިން ރަތްވެފައި އިނދެ ބުނެލިއެވެ. މިއީ މާޝާ ފުރަތަމަ ފަހަރަށް އޭނަގެ ދޮންބެއާއި މިފަދަ ގޮތަކަށް މުޚާތަބު ކުރި ފަހަރަށް ނުވުމުން އެއީ މިރްޒާންއަށް އާ ކަމަކަށް ނުވިއެވެ. އެހެންކަމުން މިރްޒާން ދެންވެސް އޭނަގެ އަޑު އިސްއުފުލަން ޚިޔާލެއް ނުކުރިއެވެ.

 

“ރަނގަޅަށް ތިބުނީ. މާޝާ ވިސްނާކަށް ނުޖެހޭ އެއްވެސް މީހަކު މާޝާއާމެދު ދެކޭ ގޮތާމެދު. މާޝާ ވިސްނަންވީ ﷲ މާޝާއާމެދު ދެކެވޮޑިގެންވާ ގޮތާއިމެދު. ކޮންމެ ކަމެއް ކުރުމުގެ ކުރިން ވެސް ﷲ އެކަމާމެދު ރުހިވޮޑިގެންވާނެތޯ އަމިއްލަ ނަފްސާ ސުވާލުކުރޭ. އިޚްލާޞްތެރި ހިތަކުން ވިސްނައިފިނަމަ އެ ސުވާލުގެ ޖަވާބު ރަނގަޅަށް ލިބޭނެ ކޮންމެ ފަހަރަކު އިން ޝާ ﷲ!” މިރްޒާން ބުނެލިއެވެ. މިފަހަރު އޭނަ ދެއްކި ވާހަކައިން އަނެއްކާވެސް މާޝާ ހުއްޓުން އަރާ ގޮތްވިއެވެ. ކުއްލިއަކަށް ދެންމެ ދޮންބެ ނުރުހުންވި އެ ކަމަކީ ﷲ ރުހިވޮޑިގެންވާނެ ކަމެއްތޯ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ. އެއާއެކު އެ މޫނުމަތި ބަނަވެގެން ދިޔައެވެ. އެ ދަތި އިޙްޞާޞްތަކުގެ މަތިން ހަނދާން ނައްތާލުމަށްޓަކައި މާޝާ ވަގުތުން އޭނަގެ އަތް ދަބަހުގައި އޮތް އޭނަގެ ފޯނު ނެގިއެވެ. އަދި އެއަށް އިއާރފޯނު ގުޅާލަމުން އިއާރފޯނު ކަންފަތުގައި ޖަހައި ފުލް ވޮލިއުމަށް ލަމުން އިނގިރޭސި ލަވައެއް ޕްލޭ ކޮށްލިއެވެ. އެ ލަވައިން އިވެމުން ދިޔަ ބަސްތަކުން އޭނައަކީ ވަކި ދޮންބެގެ އެ ބަހުން ވެސް އަސަރެއް ކުރަންޖެހޭ މީހެއް ނޫންކަމަށް މާޝާ އަމިއްލަ ނަފްސުގާތު ބުނެލައިފިއެވެ.

 

އެވަގުތުކޮޅުން ފެށިގެން އެއާރޕޯޓަށް ކުރި އެ ދަތުރުވެގެން ދިޔައީ ހިމޭން ދަތުރަކަށެވެ. މިރްޒާން އެކަމާމެދު މާޔޫސްވިއެއްކަމަކު އޭނަ ދެން އިތުރު ވާހަކައެއް ދައްކާކަށް ނުއުޅުނެވެ. އަމިއްލަ ޚިޔާލުތަކުގައި ދެބެއިން ވެސް ތިއްބާ ދަތުރު ނިމުމަކަށް އައެވެ. މާޝާ ވަގުތުން ކާރުން ފައިބައިގެން ދޮންބެ ޑިކީއިން ނަގައިދިން ފޮށި ދޮންބެއަށް ފުރުޞަތެއް ނުދީ އަމިއްލައަށް ދަމައިގަންނަމުން ކުރިއަށް ހިނގައިގަތެވެ. ދޮންބެ އޭނަގެ ފަހަތުން ދިޔައެއްކަމަކު ޗެކިންގް ގެ ހުރިހާ ކަމެއްހެން މާޝާ އަމިއްލައަށް ކުރީ އޭނަގެ ރުޅިވެރިކަން ދޮންބެއަށް ސާފުކޮށް އަންގައިދިނުމަށެވެ. މިރްޒާން އެކަން ދަނެގެން މާޝާއަށް އެ ފުރުޞަތު ދިނެވެ. ޗެކިންގް ކުރުމަށްފަހު މާޝާ ފާޚާނާއަށްވަދެ އޭނަގެ ކޮނޑުގައި އޮތް އަތް ދަބަހުގައި އޮތް އަތްދިގު ޓީޝާޓަކާއި ބާރު ޖިންސަކަށް އޭނަގެ ޔުނިފޯމް ބަދަލުކުރުމުން ވެސް މިރްޒާން އިތުރު ނަޞޭޙަތެއް ދޭކަށް ނުއުޅުނެވެ. މިވަގުތު ކޮންމެ އެއްޗެކޭ ބުންޏަސް އެ ބަސްތައް މާޝާގެ އެއްކަންފަތުން ވަދެ އަނެއް ކަންފަތުން ނިކުންނާނެކަން ޔަޤީންވީތީވެއެވެ. ކޮންމެއަކަސް މާޝާ ޑިޕާރޗާރއަށް ވަންނަންދެން މިރްޒާން އޭނަ ފެންނަ ހިސާބުގައި ހުއްޓެވެ. މާޝާ އޭނަގެ ލޯމަތިން ގެއްލުމުން މިރްޒާން އެއާރޕޯޓުން ނިކުންނަން ދިޔައީ އަނެއްކާވެސް މާޝާގެ ހިދާޔަތަށްޓަކައި ދުޢާކުރަމުންނެވެ. މިރްޒާނަށް އެއާރޕޯޓުން ނިކުމެވުނު ވަގުތަކީ އެއްފަރާތަކުން މީހަކު އޭނައަށް ގޮވާލި ވަގުތެވެ. އެދިމާލަށް ބަލާލިއިރު އެއީ ހަމަ އެރޭ އޮތް ފްލައިޓަކުން އައްޑޫއަށް ފުރަން އައި އޭނައާއެކީ މަސައްކަތް ކުރާ ނޫސްވެރި އެކުވެރިއެއް ކަމަށްވާ ފަޔާޒެވެ.

 

“އަނހަ ފަޔާ މިހިރީއޭ ދޯ؟ ޝޯ ނިންމާލާފަ ވަރަށް ހޯދީމޭ އޮފީސްތެރެއިން. ކޮންތާކު އުޅުނީ؟” މިރްޒާން ފަޔާޒްގެ ގައިގައި ބައްދާލަމުން ސުވާލުކުރިއެވެ.

 

“ފުރާތީ ތަންކޮޅެއް އަވަހަށް މިއަދު ގެއަށް ދިޔައީ. ކޮބާ މިރްޒާން ބުނީމެއްނު އައްޑޫއަށް ގެންދަން އެއްޗެއް އެބައޮތޭ؟” ފަޔާޒް މިރްޒާނާއި ދުރުވެލަމުން ސުވާލުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު މިރްޒާންގެ ހިނިތުންވުން ފަނޑުވިއެވެ.

 

“އެބަ އަންނަން ހިފައިގެން. މަޑުކޮށްލަދެއްޗޭ!” މިރްޒާން އެހެން ބުނެލީ އޭނަގެ ފަނޑުވެފައިވި ހިނިތުންވުން އުޖާލާ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އޭނަ އެ ދިޔަގޮތަށް ދިޔައީ އޭނަގެ ކާރާއި ދިމާލަށެވެ. ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވާލިއިރު އެ ސީޓުގެ މަތީގައި ހުދުކުލައިގެ ޕާރުސަލެއްވިއެވެ. ޕާރުސަލުގެ ވަށައިގެން ރަތްކުލައިގެ ރިބަނެއް އެޅުވިފައިވީއިރު އޭގެ މަތީގައި ކަޅުކުލައިގެ މާކަރަކުން އެއްޗެއް ލިޔެވިފައިވިއެވެ. އެހެނަސް ކާރުތެރޭގައި އަނދިރީގެ ތެރެއިން އެއީ ކޯޗެއްކަން ސާފެއްނުވިއެވެ. މިރްޒާން އެ ޕާރުސަލް ނަގައި އެ ލިޔުންކޮޅަށް ބަލާލިއެވެ. އަދި ނުހަނު ލަސް ޙަރަކާތްތަކުން އޭގައި ލިޔެވިފައިވި ނަމުގެ މަތިން އޭނަގެ އަތް ހިންގާލިއެވެ. އޭގައި އޮތީ “ފޯ: ޢަބްދުﷲ މުޙްސިން، ޕްލީޒް ކޯލް…” މިހެން ލިޔެވި މިރްޒާންގެ ނަންބަރު ލިޔެވިފައިވިއެވެ. ސިކުންތުކޮޅަކަށް ހިތާމަވެރި މޫނަކާއެކީ އެއަށް ބަލަން ހުރެފައި މިރްޒާން ފަޔާޒްގެ ކައިރިއަށް ދިޔައެވެ. ފަޔާޒްގެ އަތަށް އޭތި ދިން ތަނާހެން އޭނަގެ ވެސް ނަޒަރު ހުއްޓިގެން ދިޔައީ އޭގައި ލިޔެވިފައި އޮތް ނަމަށެވެ. އެ ނަން ފެނިފައި ފަޔާޒް އެއަށް ބަލަން ހުރެފައި ދެރަ މޫނަކާއެކީ މިރްޒާނަށް ބަލާލިއެވެ.

 

“މިއްޒޭ….އަދިވެސް؟” ފަޔާޒަށް އެހެން އަހާލެވުނީ ވައި އަޑުންނެވެ. މިރްޒާން އޭނަގެ ދެޖީބަށް އަތްޖަހައި ހިތާމަވެރި ހިނިތުންވުމެއް ދެއްކިއެވެ.

 

“އެއްވެސް ޚަބަރެއްވިތަ މިހާތަނަށް؟” ފަޔާޒް އެނގެން ބޭނުންވެފައި އަހާލިއެވެ. އެއާއެކު މިރްޒާންގެ ހިނިތުންވުން މުޅިން ފިލައިދިޔައެވެ. އެއަށްފަހު އޭނައަށް އިސްޖަހާލެވުމުން އޭނަ ބޯހޫރުވާލީ ޖަވާބެއްގެ ގޮތުންނެވެ. ފަޔާޒް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“ކޮން އެޑްރެހަކަށް ގެންދަންވީ އައްޑޫއިން؟ ކުރީފަހަރު ލާމަށް ގެންދިޔައިމަ އަހަންނަށް ހީވަނީ މުޙްސިން ހޯދަން މިރްޒާން ވާހަކަ ދައްކާފަ ތިބި މީހުންހެން އޭގަ ހުރި އެއްޗެހި ކާލީ. އެކަހަލަ މީހުންނާ މިކަހަލަ އަމާނާތެއް ޙަވާލު ނުކުރައްޗޭ.” ފަޔާޒް ބުންޏެވެ.

 

“މިފަހަރު އިން…..ޝާ ﷲ އެހެންނެއްނުވާނެ. މިފަހަރު ވަރަށް ހީވޭ ފެންނަން ވެސް ފެންނާނެހެން.” މިރްޒާން އަނެއްކާވެސް އުޖާލާވި ހިނިތުންވުމެއް ވެރިކުރުވޭތޯ ބަލަމުން ބުނެލިއެވެ.

 

“ކޮންމެ ފަހަރަކުވެސް މިއްޒޭ ބުނަނީ ތިހެންނޭ….އެނީވޭސް، އަހަރެންގެ ވެސް އުއްމީދަކީ މިއްޒޭގެ ތި އުއްމީދު ފުރިހަމަވުން. އަހަންނަށް ވީވަރަކުން މަސައްކަތް ކޮށްދޭނަން އިރާދަކުރެއްވިއްޔާ.” ފަޔާޒް ބުންޏެވެ. އެއާއެކު މިރްޒާން އަނެއްކާވެސް އޭނަގެ އެކުވެރިޔާގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު އަނެއްކާވެސް ދުރުވެލަމުން ފަޔާޒަށް ހިނިތުންވުމެއް ދައްކާލިއެވެ. އަދި އެޑްރެސް އެސް.އެމް.އެސް ކުރާނެ ވާހަކަ ބުނުމަށްފަހު އޭނަގެ އެކުވެރިޔާއަށް އަލްވަދާޢު ކިޔުނެވެ.

 

މާޝާގެ ފްލައިޓް ނުފުރިއެއްކަމަކު މިރްޒާން ދެން އިތުރަށް އެއާރޕޯޓުގައި މަޑުކުރާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. ފަޔާޒާއި ވަކިވުމަށްފަހު އޭނަ ގޮސް އެރީ އޭނަގެ ކާރަށެވެ. އެއަށްފަހު ހުޅުމާލޭގައި އޭނަ އުޅޭ އެޕާޓްމެންޓް ހުންނަ ޢިމާރާތަށް ދާން ދަތުރު ފެށިއެވެ. މިނެޓްތަކެއްގެ ދަތުރަކަށްފަހު މިރްޒާނަށް އޭނަގެ މަންޒިލާއި ހަމައަށް ދެވުނެވެ. މިރްޒާން ފެނުމާއެކު އެ ޢިމާރާތުގެ ސެކިއުރިޓީ ގާޑަކަށް ހުރި ބޭބެ އޭނައާއި ހިނިތުންވެލަމުން ޙާލު އަހުވާލު ބެލިއެވެ. މިރްޒާން އާދައިގެ މަތިން އޭނަގެ ހިތުތެރޭގައި ފޮރުވިފައިވި ޖަޒުބާތުތައް ފޮރުވަމުން، ނަންބަރު ޖަހައި ގޭޓު ހުޅުވި ވަގުތު ހިތްހެޔޮ ހިނިތުންވުމަކާއެކީ އެ ބޭބެއާއި ވާހަކަ ދެއްކިއެވެ. ގޭޓުން ވަދެ ވަދެ ޢިމާރާތުގެ ގޯތި ތެރެއިން ގޮސް ލިފްޓެއްގެ ތެރެއަށް އެރި ވަގުތު ވެސް އޭނައަށް އެނގޭ ބައެއް މުސްކުޅި ދައްތައިން ފެނުމާއެކު އޭނަ ހިނިތުންވެލަމުން ގޮވާލައި ވާހަކަ ދެއްކިއެވެ. 5 ވަނަ ފްލޯއާއި ހަމައަށް ދެވުމުން އެ ދައްތަމެން ފައިބައި ދެން އެރީ ޅަ ކުއްޖެއް އުރައިގެން ހުރި މިރްޒާން ދެކެފަރިތަ މެދު ޢުމުރުގެ އަންހެނެކެވެ. އެ އަންހެން މީހާގެ ޒާތުން އޭނައަކީ މާ ގިނައިން ވާހަކަ ދައްކާ މީހަކަށް ނުވުމުން މިރްޒާންވެސް ހިމޭންކަން ޚިޔާރުކުރިއެވެ. ލިފްޓް ތެރޭގައި އަންހެން މީހާގެ ފުރަގަސް މިރްޒާންއަށް ވިޔެއްކަމަކު އެ މީހާގެ އަތުގައި ހުރި އެއް އަހަރަށްދާ ފިރިހެން ކުއްޖާގެ މޫނުވީ އޭނައާއި ފަރާތަށެވެ. އެކުއްޖާ އެސްފިޔަ ޖަހާލުމެއްނެތި މިރްޒާނަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އޭނަގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އެ ކުއްޖާ ހެއްވާލުމުގެ ޝައުޤެއް އޭނަގެ ހިތުގައި އުފެދުނެވެ. އެއާއެކު އޭނަ މޫނުގައި އަތް އަޅައި ނަގައި މޫނަށް އެކި ވައްތަރު ޖައްސަން ފެށިއެވެ. އެކުއްޖާއަށް އެންމެ ފަހުން ހެވޭ ގޮތްވީ 7 ވަނަ ފްލޯއަށް ދެވި، ލިފްޓް ހުޅުވުނު ވަގުތު މިރްޒާން ދެކޯ ވަޅު ވައްދާލުމުންނެވެ. އެކުއްޖާއާއެކީ މިރްޒާންވެސް ހޭންފެށުމުން އަންހެން މީހާއަށް ފަހަތަށް ބަލާލެވުނެވެ. އޭނަ މާ ބޮޑު ފަރުވާލެއްނެތި ލިފްޓުން ނިކުތް ވަގުތުވެސް ކުއްޖާގެ ނަޒަރު ހުއްޓިފައިވީ މިރްޒާނަށެވެ. ލިފްޓު ބަންދުވެ ކުއްޖާ ލޯމަތިން ގެއްލުމުން ވެސް ނޭނގޭ ސަބަބަކާހުރެ މިރްޒާނަށް ހެވުނެވެ. އެ ހުނުން ހުއްޓާފައި ދެންވެސް އެކަނިހުރެ ގަދައަށް ހެވުނެވެ. ހަމައެކަނި އޭނަގެ ބޮޑު އެޕާޓްމެންޓަށް ޚާއްޞަ ކުރެވިފައިވި 8 ވަނަ ފްލޯއަށް ދެވި ލިފްޓު ހުޅުވުމުން އޭނަ ނިކުމެގެން އައީވެސް ހިނިތުންވުމެއްގައި ހުރެއެވެ. އޭނަ ގެއަށް އައިސް ބައްދަލުކުރަން އުޅެނީ ނުހަނު އުފާވެރި މާޙައުލަކާހެން ބަލާ މީހަކަށް ހީވެދާނެއެވެ. އެހެނަސް އޭނަ ގޮސް އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމާއެކު އޭނައަށް މަރުޙަބާ ކިޔުނީ އަނދިރިކަމާއި ފަޅުކަމެވެ. ފަޅުވިއެއްކަމަކު ކުރިމަތިން ފެންނަމުން ދިޔަ ބެލްކަންޏާއި ދިމާލުން އަންނަމުން ދިޔަ ފަނޑު އަލީގެ ތެރެއިން އެޕާޓްމެންޓްގެ ތަނަވަސްކަން ހާމަވަމުން ދިޔައެވެ. ސިޓިންގް ރޫމަށް ސީދާ ވަދެވޭ ގޮތަށް ހުރިއިރު އެތަން ފަހަނަޅައި ދެވެން އޮތް ހިސާބުން ފެންނަމުން ދިޔައީ ހަތަރު މީހުންނަށް އިށީނދެވޭ ކާމޭޒެކެވެ. މިރްޒާން ލަސް ހިނގުމެއްގައި އެ ދެތަން ވެސް ފަހަނަޅާފައި ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. ބޭރުން ފެންނަމުން ދިޔަ ބެލްކަނީ ވަނީ އޭނަގެ ކޮޓަރިއާއި ވެސް ގުޅިފައި ކަމަށްވުމުން ކޮޓަރިއަށް ވެސް ފަނޑު އަލިކަމެއް ވެރިވެފައިވިއެވެ. އެ ފަނޑު އަލިކަން މިރްޒާނަށް ފުދުނު ފަދައެވެ. އޭނަ ބޮކި ދިއްލުމެއްނެތި ލަސް ފިޔަވަޅުތަކެއްގައި ގޮސް ބެލްކަންޏަށް ނިކުމެ ރެއިލިންގް ގައި އަތް އަޅުވާލިއެވެ. އެއަށްފަހު މަތިން ފެންނަމުން ދިޔަ ތަރިތަކަށް ނަޒަރު ހިންގާލިއެވެ.

 

“އަހަންނަށް މިގޮތަށް މިހެން ހުރެވިދާނެ ތަރިތަކަށް ބަލަހައްޓައިގެން ކިތަންމެ އިރެއްވިޔަސް.” އެ ޖުމްލަ މިރްޒާންގެ ކަންފަތުގައި ގުގުމާލީ އަންހެން ކުއްޖެއްގެ އަޑުންނެވެ. އެ ހިނދު އެ އަޑުގެ ވެރިޔާގެ ސޫރަ އޭނަގެ ކުރިމަތީގައި ހުރިހެން ހީވާ ފަދައަކުން މިރްޒާނަށް ސިފަވެގެން ދިޔައެވެ. އެ އުޖާލާވި ހިނިތުންވުމެވެ. އެ ލޮލުގައިވި ވިދުމެވެ. ސާދަވިލޭރޭގެ ހަނދަށްވުރެ މިރްޒާންގެ ހިތަށް ރީތިވި މޫނެވެ. މިރްޒާން އެ ހިނދު ދެލޯ މަރާލީ އެ އަސްލެއްނެތް މަންޒަރު އިތުރަށް ސާފުވޭތޯއެވެ. އެހެނަސް ދެން އޭނަގެ ލޮލަށް ސިފަވާން ފެށި މަންޒަރުތަކުން އޭނަގެ ދެބުމަ ކައިރިވިއެވެ. ކަންފަތުގައި ގުގުމަން ފެށީ ހިތް ނުތަނަވަސްކުރުވާ އަޑުތަކެވެ. އެ ހުރިހާ މަންޒަރުތަކާއި އަޑުތަކެއްގެ ތެރެއިން ޅަ ކުއްޖަކު ރޮއިގަތް އަޑު އިވެން ފެށުމުން މިރްޒާންގެ ލޯ ހުޅުވާލެވުނެވެ. އޭނަ އިރުކޮޅެއް ވަންދެން ހުރެފައި ކުއްލިއަކަށް ކޮޓަރިތެރެއަށް ވަންނަން ދިޔައެވެ. ކޮޓަރީގެ އެއްފަރާތެއްގައި ހުރި ބޮޑު ހެދުން އަލަމާރިއާއި ހަމަވުމާއެކު އޭނަ ތިރިވެލަމުން އޭގެ އެންމެ ތިރީ ވަތްގަނޑަށް ދަމާލިއެވެ. އެއާއެކު ފެނިގެން ދިޔައީ، މަދު މަސްތަކެއް ފުރިފައިވާނެ ޅަ ފިރިހެން ކުއްޖެއްގެ ކުދިކުދި ޓީޝާޓްތަކެވެ. އޭގެ ތެރޭގައި އޮތް މުށިކުލައިގެ އަތްދިގު ޓީޝާޓެއް މިރްޒާން އޭނަގެ އަތަށް ނެގިއެވެ. އަދި އެއަށް ބަލަހައްޓައިގެން ހުރެ އޭނަގެ އެނދުގައި ގޮސް އިށީނެވެ. އޭގެ މާގިނައިރެއްނުވެ މިރްޒާންގެ މުޅި މޫނުމައްޗަށް ހިތާމަވެރިކަން ސަވާރުވެ ކަރުނަތަކުން އޭނަގެ ދެލޯ ވިދަން ފެށިއެވެ.

 

“މުޙްސިން.” ކަރުނައެއް އޭނަގެ ލޮލުން ފައިބައިގެން އައި ވަގުތު ވައި އަޑުން އޭނަގެ އަނގައިން ނިކުތް ނަމަކީ އެއީއެވެ. އޭގެ ދެވަނަ ސިކުންތުގައި މިރްޒާން އެ ޓީޝާޓް މެއާއި ލައި ބޮނޑި ކޮށްލުމާއެކު އޭނަގެ ގިސްލުމުގެ އަޑު އެކޮޓަރީގައި ހަރުލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. Jana

    Bismillaahirrahmanirraheem. Assalaam’alaikum wa rahmathullaahi wa barakaathuhu. 😀 Anekkaves thiya kiyuntherinna hama ah vaahaka eh genesdhinumuge furusathu libunythy ufaakuran. Alhamdhulillah! Faaithuvi dhuvasthakuge thereyga kiyuntheringe faraathun jana ah libunu khiyaaluthakah burave mifaharu jana vaahaka genesdheyne gothah badhaleh genesfin. Thireegai mivaa link aky kiyuntherinnah vaahakaige baithakaai vaahaka aai gulhey post thah ehthanakun fennane fadha blog akah dhevey link eh.
    https://guidancefromquran.blogspot.com/

    Kureege vaahaka thakaa gulhey post thah jana ah save nukurevi hurumun e ehchehi jeheyny esfiyaige comment thakuge therein in retrieve kuran. In Sha Allah mi vaahaka kuriah dhaavarakah jana e post thah ves update kuramun dhaanan.

    Jana ge vaahaka eh alah fenunu hurihaa kiyuntherinnah varah bodah maruhabaa. 😀 mi dhakkany kon post thakegge vaahaka kan engigen dhaane vaahaka kuriah dhaavarakah. Kurukoh bunaanama vaahaka kiyaa iru annaane ey kon vaahaka eh hey hithah araa thanthankolhu. E thankolhuthah saafuvegen dhaany post thakun. In Sha Allah adhi miavvure rangalhah engeyne vaahaka kiyan feshyma.

    Maai Allah alhamenge niyaiythah ikhlaastheri kuravvai heyo amal thah qabool kuravvaashi. Adhi alhamenge heyo amalthakugai barakaaiy lavvai alhamennaky Allah ge loabifulhu libigenvaa bayaku kamugai lavvaashi. Ameen!

  2. Jana

    Blog post:

    “You don’t need to think about what other people think of you. But you need to think of how you are in the Sight of Allah. Whenever you are about to do something, ask yourself, is this pleasing to Allah? You will get the right answer every time if you think about it with a sincere heart In Sha Allah.”

    Wallaahi this is life-changing if we gave it a thought

  3. Shyma

    Yey.masha Allah.jana is baaaack.

    1. Jana
      Shyma

      happy to be back too Alhamdhulillah! 😀

  4. Eenash

    Omg sis you are back. Yayyyy. I’m so happy. Adhi vaahaka nukiyan ingey.kiyaafa comment kohlaanan

    1. Jana
      Eenash

      😀

  5. Someone?

    Yesss! Jana is bacckkkk. Finallly. I’ve been waiting for sooo longgggg.?
    Ma Sha Allah. Vrh reeethi mi parttt. And yesss can’t wait for next partt ahh. When next update innaaneee???
    Update kohdheychey when possible?

    1. Jana
      Someone?

      Alhamdhulillah! (All praise and thanks belong to Allah) 😀 In Sha Allah next part maadhamaa 🙂

  6. Eenash

    Ma sha Allah hama reethi.but fashaigen ulheythy adhi kudakoh vaanuvaaga mi ulheny??. Ankehbaivess vyhaavess avahakah kiyan libeynekamah ummydhukutan.ly❤️

    1. Jana
      Eenash

      aan dho? jana beynumeh nooney vaa nuvaa anganves 😛 hehe…In Sha Allah next part maadhamaa. Love you too sis <3

  7. Shaai

    Alhamdhulillah.. Inthizaaru kuri vaguthu jehijje.. Anekkaawes janage waahaka eh kiyaalan libijje. Ummeedhakee miwaahakawes “Aisha” haa furihamabwaane kamah.. May Allah bless u janaa…

    1. Jana
      Shaai

      May Allah bless you more. Ameen!
      hehe….Ma Sha Allah mihaaru dheenee vaahaka thah ginaveema liyuntherinnai vaahaka ves olhey goiyvey dho? 😀 varah ufaavey dheenee vaahaka thah fenifa Alhamdhulillah! dheenee shakhsiyyathu thah emme furihama gothugai vany kihinehkan mujuthama ah angaidheveyne v faseyha gotheh mee. Maai Allah e fadha vaahaka thah liyaa hurihaa liyuntheringe masakkathugai barakaaiy lavvaashi. Ameen ya Rabb!

  8. lam

    aisha akee jana ge vahaka eh noon. e ee hayyu ge vahaka eh

    1. Jana
      lam

      Jazaakillah Khairan lam! 🙂

  9. Shahu

    Al hamdhulillah we got another story of you which will help us to show the right path?..
    BaarakaAllah?

    1. Jana
      Shahu

      its only Allah Who guides sis. this is just a means of reminder. if we had guidance in our hands, everyone we wished for would be guided. but Allah guides whom He Wills from among those who have goodness in them. and those who seek guidance with a sincere heart. May Allah make all of us among those who are guided. Ameen!
      Baarakallah Feeki! <3

  10. ?shifrraa?Shifnaa?

    Alhamdhulillah. Anekkaa vx jana ge iburathun furifaa vaa vaahaka eh kiyaalumuge naseebu libijje. Masha allah. Mi part vx varah varah reethi. Anei part varah avahah kiyan libeyne kamah ummeedhu kuran. LY jana. May allah bless you

    1. Jana
      ?shifrraa?Shifnaa?

      May Allah bless you more. Ameen! <3 next part maadhamaa In Sha Allah 🙂

  11. l

    my fav writer <3

    1. Jana
      l

      Alhamdhulillah! <3 🙂

  12. Xaahko

    Maasha Allah v reethi
    May Allah bless u

    1. Jana
      Xaahko

      Alhamdhulillah! May Allah bless you more. Ameen! <3

  13. Jana

    Blog post (dhivehi):

    “އެހެން މީހުން ތިބާއާއިމެދު ދެކޭ ގޮތާމެދު ތިބާ ވިސްނާކަށް ނުޖެހެއެވެ. އެހެނަސް ތިބާ ވިސްނަން ޖެހޭނީ ﷲ ގެ ޙަޟްރަތުގައި ތިބާއަކީ ކޮން ކަހަލަ މީހެއްކަމާއި މެދުގައެވެ. ތިބާ ކޮންމެ ކަމެއް ކުރުމުގެ ކުރިން އަމިއްލަ ނަފްސާއި ސުވާލު ކުރާށެވެ. މިއީ ﷲ ރުހިވޮޑިގެންވާނެފަދަ ކަމެއް ހެއްޔެވެ؟ އިޚްލާޞްތެރި ހިތަކުން ވިސްނައިފިނަމަ އެ ސުވާލުގެ ރަނގަޅު ޖަވާބު ކޮންމެ ފަހަރަކު ލިބޭނެއެވެ.” (އިން ޝާ ﷲ)

  14. Anonymous

    Al’hamdhulillaah… Vrh Vrh Vrh dhigu inthizaarehge nimun mihaa foni v ma Vrh ufaavehje… Neynge Dhn Hama Bunaane ehcheh ves.. Vrh ufaavehje.. Maa sha Allah Vrh reethi furathama part ves Hama.. Ummeedhu kuran migothuga vaahaka nimendhen ves kiyaalan libeyne kamah.l ☺️☺️☺️ Btw, Jana akee girl eh tha? Baeh comments thakuga sis ey jahaafa inyma.. Kurin heevi boy eh hn ves.. I’m confused now. Eh ve ahaaly.. Hehe.. ☺️

    1. Jana
      Anonymous

      Alhamdhulillah! 🙂 In Sha Allah masakkaiy kuraanan vaahaka vee emme furihama ah genesdheveytho. jana mee girl eh 🙂

Comments are closed.