Skip to content
އެސްފިޔަ

ދެނަބީބޭކަލުންގެ އަނބިކަނބަލުންވެސް ދާންޖެހުނީ ނަރަކައަށެވެ.

މާތް ﷲ، ސަދޫމު ސަހަރާއި، އެ ސަހަރުގެ މީހުން ހަލާކުކުރެއްވިއިރު، لوط عليه السّلام އާއި، އެކަލޭގެފާނުގެ އަހުލުބައިތުން ސަލާމަތްކުރެއްވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައެވެ. ހަމައެހެންމެ،نوح عليه السّلام ގެ ޤައުމުގެ މީސްތަކުންނަށް އަޛާބުދެއްވައި ހަލާކުކުރެއްވިއިރު އެކަލޭގެފާނުގެ ދަރިކަލުންނާއި އަނބިކަނބަލުންވީ އަޛާބު ލިބި ގަރަޤުވި މީސްތަކުންގެ ތެރެއިންނެވެ.

أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنها ވިދާޅުވެފައިވެއެވެ. ޖިބްރީލުގެފާނު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ޚަބަރުދެއްވިއެވެ. ނޫޙުގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ واغلة (ވާޣިލާ) އެވެ. ލޫތުގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ والهة (ވާލިހާ) އެވެ. {ތަފްސީރުލް ޤުރުތުބީ}

نوح عليه السّلام އާއި لوط عليه السّلام ގެ އަނބިކަނބަލުންގެ ވާހަކަ ބަޔާން ކުރައްވާ ކީރިތި ޤުރުޢާނުގެ ތަހްރީމު ސޫރަތުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

ضَرَبَ اللَّـهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّـهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ ﴿١٠﴾

“نوح ގެފާނުގެ އަނބިކަނބަލުންނާއި، لوط ގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، كافر ވިމީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ صالح އަޅުންގެ ތެރެއިން ދެ އަޅެއްގެ أمر ގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް خيانة ތެރިވިއެވެ. ފަހެ، اللَّه ގެ حضرة ން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!”

މި ދެންނެވި އާޔަތުގައިވާ ޚިޔާނާތޭ އޮތް ބަސްފުޅާމެދު ތަފްސީރު ޢިލްމުވެރިން ވާހަކަފުޅު ދައްކަވާފައިވެއެވެ. عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވާކަމަށް އިބްނު ކަޘީރު ލިޔުއްވާފައިވެއެވެ. ” نوح عليه السّلام ގެ އަނބިކަނބަލުންނާއި لوط عليه السّلام ގެ އަނބިކަނބަލުން ޚިޔާނާތްތެރިވީ އެބޭކަލުންގެ ދީނީ ދަޢުވަތަށް ފުރަގަސްދިނުމުންނެވެ. نوح عليه السّلام ގެ އަނބިކަނބަލުން އެކަލޭގެފާނަކީ މޮޔަފުޅުވެފައިވާ ބޭކަލޭކޭ ބުނެ ރަށުތެރޭގައި އަޑުއެރުވިއެވެ. نوح عليه السّلام ގެ ރިސާލަތަށް އީމާންވި މީސްތަކުންގެ މައުލޫމާތު އެ ޤައުމުގެ ކާފިރުންނަށް ބަޔާންކޮށްދިނެވެ. لوط عليه السّلام ގެ އަނބިކަނބަލުން އެކަލޭގެފާނުގެ އަރިހަށް މަލާއިކަތް ބޭކަލުން ރީތި ޒުވާން ފިރިހެން ބޭފުޅުންގެ ސިފައިގައި ވަޑައިގަތުމުން އެކަމުގެ ޚަބަރު ރަށުގެ މީސްތަކުންނަށްދިނެވެ.” {ތަފްސީރު ޢިބްނު ކަޘީރު}

އިބްނު ކަޘީރު ވިދާޅުވަފައިވެއެވެ. “އެބޭކަނބަލުން ޚިޔާނާތްތެރިވީ ޒިނޭފަދަ ކުށެއްކޮށްގެންނެއްނޫނެވެ. ނަބީބޭކަލުންގެ އަނބިއަނބިކަނބަލުން ވަނީ އެފަދަ ހަޑިމުޑުދާރު ކަންކަމުން ދުރުހެލިކުރައްވާފައެވެ.”

عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވެއެވެ. “ނަބީބޭކަލުންގެ އަނބިއަނބިކަނބަލުން ޒިނޭފަދަ ބަދު އަޚްލާޤީ ޢަމަލުތަކުން މާތް ﷲ ވަޙީ ރައްކާތެރި ކުރައްވާފައެވެ. އެބޭކަނބަލުން ޚިޔާނާތްތެރިވެފައިވަނީ އެބޭކަލުންގެ ރިސާލަތަށް އިންކާރު ކުރުމުންނެވެ.”

މި ޙާދިސާއިން ދޭހަވާ ވަރަށް މުހިންމު ކަމެއްވެއެވެ. އީމާންތެރި މީހަކާއި ކިތަންމެ ގާތް ގުޅުމެއް އޮތްކަމުގައިވިޔަސް ތިމާ އީމާންނުވާނަމަ އޭގެ އެއްވެސް ފައިދާއެއް ނުވާނެކަމެވެ. އީމާންކަމުގެ މަންފާކުރާނީ ޚުދު ތިމާ އީމާންވުމުންކަމެވެ. ގާތްތިމާގެ މީހެއްގެ ފަރާތުން ޤިޔާމަތް ދުވަހު އެއްވެސް ޝަފާޢާތްތެރިކަމެއް ނުލިބޭނެކަމެވެ.

Comments (3)

  1. rr

    “imantheri meehakaai kithamme gaaiy gulhumeh oiy kamugaiviyas thibaa iman nuvaanama ein kuraane faidhaa eh netheve.”

    aharumennah visnen jehey v bodu haqeeqatheh. Maai Allah alhamenge hiythakah saabithukan dhevvaashi. Ameen!

  2. zeneeshaa

    Jibreel alaihihsalaam eh nuntha kiyany??btw thanks for such a story..loved it❤❤

  3. ismail ali kaleyfaanu

    lyun varah furihama.

Comments are closed.