ސަޕްރައިޒް
އެއީ 2012ވަނަ އަހަރެވެ. އަހަރެންނަކީ މާލޭގައި ޓީޗިންގ ކޯހެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކީމެވެ. އަހަރެންގެ މަންމައާއި ބައްޕަ އަހަރެންނަށް ކިޔަވައިދިނުމަށްޓަކައި ނުހަނު ބުރަ މަސައްކަތް ކުރެއެވެ. އަތްމަތި ހުސްކޮށްލައިގެންވެސް އަހަރެންނަށް ކިޔަވައިދެވޭތޯ އެމީހުން ބެލިއެވެ. އަހަރެން ފިޔަވައި އިތުރު ދަރިއަކުވެސް ނުހުންނާތީ ކަންނޭނގެއެވެ. އެމީހުން އަހަރެންދެކެ ވާ ލޯބީގައި ހައްދެއް ނޯވެއެވެ. އަހަރެންނަށް ކިތަންމެ ކުޑަކުޑަ ކަމެއް ދިމާވިނަމަވެސް އެކަމެއް އިންތިހާއަށް ބޮޑުކޮށްލާނެއެވެ. އަހަރެން ބަލިވެއްޖެނަމަ ދުވަސް ދިޔައީއެވެ. އަހަރެން ތެދުވެ އުޅުންވެސް މަނާކުރާނެއެވެ. މަންމަމެންގެ އެ ސިފަތަކުގެ ސަބަބުން ކުޑަކުޑަކޮށް ހިތްހަމަނުޖެހުނަސް އަހަރެންދެކެ އެވަރަށް ލޯބިވާތީ އުފާވެސްވެއެވެ.
އަހަރެންނާއި ޔުނާން ބައްދަލުވީ ޓީޗިންގ ހެދުމުގެ ތެރޭގައެވެ. ދެމީހުންގެ ވިސްނުންވެސް ވަރަށް އެއްގޮތެވެ. އަހަރެންނެކޭ އެއްގޮތަށް އޭނާއަކީވެސް ދިވެހި ބަހަށް ލޯބިކުރާ ޒުވާނެކެވެ. ދެމީހުންވެސް ހަދަމުން ދިޔައީ ދިވެއްސެވެ. އޭނާއަކީ މަޖާ މިޒާޖެއްގެ ޒުވާނެކެވެ. ދީނީ ކަންކަމަށްވެސް ނުހަނު ލޯބިކުރެއެވެ. އަހަރެންނަށް ޔުނާން ކަމުދިޔަ އެންމެ ބޮޑު ސަބަބަކީ އެއީއެވެ. އޭނާގެ ދީންވެރިކަމެވެ. ކޮންމެ ދުވަހަކު އެތައް އިރެއް ވަންދެން ދެމީހުން އެކުގައި ހޭދަކުރެވުނު އިރުވެސް އޭނާ ދުވަހަކުވެސް އަހަރެންގެ ގައިގައި ބީހިފައެއް ނުވެއެވެ. އެއީވެސް އަހަރެން އޭނާއަށް ހިތް ކީ އެއް ސަބަބެވެ.
ކުލާސް ނިންމާލާފައި ގުރޫޕު އޮތްގޮތަށް ދިޔައީ ޕިއްޒާ ކާށެވެ. ޔުނާން ކުރީ ދުވަހެއްގެ ސައި ގަޑީގައި އަހަރެމެންނާއި ބައިވެރި ނުވީތީ އޭނާއަށް އެންމެންނަށް ކާންދޭން ޖެހުނީއެވެ. އެއީ އަހަރެމެންގެ އެކުވެރިކަން ބަދަހިކުރުމަށް ކުރެވޭ ކަމެކެވެ. އެންމެން ސައި ބޯނީ އެކީގައެވެ. ކާނީވެސް އެކީގައެވެ. އެއިން ގަޑިއެއްގައި ބައިވެރިނުވެއްޖެ މީހަކު އެންމެންނަށް ކާންދޭން ޖެހޭނެއެވެ. އެއްވެސް މީހަކު ދެބަހެއްނެތި އެކަމާ އެއްބަސްވާނެއެވެ.
“ޔުނާން މީހަކާ އިންނާކަށް ނޫޅެންތަ؟ މިހާރު މީހާ ތިހިރަ އެއްކޮށް ތަލަވަނީ..” ކޯހުގެ ބައިވެރިއެއް ކަމަށްވާ އަމީޒު ސަމާސާ ރާގެއްގައި އަހާލިއެވެ. އަމީޒުގެ ސުވާލާއިއެކު ހީނގެންފައި ޔުނާން ބަލާލީ އަހަރެންނާއި ދިމާއަށެވެ. އަހަރެންނަށްވެސް ޔުނާންއަށް ބަލަން އިނދެވުނީތީ ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ހަތަރުކަޅި ހަމަވުމާއެކު އަހަރެންނަށް އިސްޖަހާލެވުނީ އޭނާގެ ދެލޮލުގެ ތޫނުކަމުންނެވެ.
“ރަނާ އެއްބަސްވީހާ އަވަހަކަށް އިންނަންވީ..” ޔުނާން ޖަވާބާއިއެކު އަހަރެންނަށް ސިހިފައި ބަލާލެވުނެވެ. އޭރު ހުރިހާ އެންމެންވެގެން އަހަރެމެންނާއި ދިމާކުރުމަށް ފާޑުފާޑުގެ ބަސްތައް ކިޔައި ތުނބުން ފުމެ ހެދިއެވެ. އެމީހުންގެ ދިމާކުރުންތަކުގެ ސަބަބުން އަހަރެން ވަރަށް ރަކިވިއެވެ. އަހަރެންގެ މޫނުން އެކަން އެމީހުންނަށްވެސް ފާހަގަވާނެއެވެ.
“އޭތް ބަލާބަލަ.. ރަނާ އެއޮއްގެން ބްލަޝްވާވަރެއް..” ހެމުން ހެމުން އަހަރެންގެ ކުރިމަތީގައި އިން ރިޒުވީ ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. އިސްޖަހައިގެން އިނީއެވެ. ރަކިވީ ވަރުންނެވެ.
“ރަނާ ނެއްޓީ ކަންނޭނގެ.. ދެން ހުއްޓާލާ..” އަޒުމީ ބުނެލިއެވެ.
“ތީ ހަމަ ހީވާ ގޮތް.. ރަނާ އަހަރެންދެކެ ރުޅިއެއް ނާންނާނެ.. ދޯ ރަނާ؟” ޔުނާން އަހަރެންނަށް ދޯ ދިނެވެ. އަހަރެން އިސްއުފުލާ ބަލާލިއިރު އެންމެން އަހަރެންނާއި ދިމާއަށް ބަލަން ތިބީ އަހަރެން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ކަންނޭނގެއެވެ. އަހަރެންނަށް ބަލާލެވުނީ ޔުނާންއަށެވެ. އޭނާގެ މޫނުމަތިން އަހަރެންނަށް ފެނުނީ ސީރިއަސްކަމެވެ. ސަމާސާ ކުލަވަރެއް އޭނާގެ މޫނުމަތިން އަހަރެންނަކަށް ނުފެނުނެވެ. އެ ދެލޮލުން އަހަރެންނަށް ފެނުނީ އޭނާ އަހަރެންނަށް އެދޭ މިންވަރެވެ.
“ކޮންކަމަކާ ރުޅި އަންނަންވީ؟ ޔުނާން އިންނަން ހުރިއްޔާ އަހަރެން ހަމަ ޤަބޫލު..” އަހަރެން ހީލަމުން ބުނެލީ ހިތުގައިވާ ގޮތަށެވެ. ނަމަވެސް އެމީހުން އެކަން ނެގީ ސަމާސާއެއްގެ ގޮތުގައިކަން ޔަޤީނެވެ. ނޫންނަމަ އެމީހުން އެހާ އަވަހަކަށް އެވާހަކައެއް ނުހުއްޓީހެވެ. ކުޑަމިނުން އަހަރެމެން ދެމީހުން ރައްޓެހިވީ ކޮންއިރަކުތޯއެއްވެސް އެމީހުން ނާހައެވެ. އަހަރެން ހިތްހަމަޖެހުނެވެ. ނޫންނަމަ އަހަރެންނަށް ދޮގުތަކެއް ހަދަން ޖެހުނީހެވެ. އަހަރެންނާއި ޔުނާންއެއް ރައްޓެއްސެއް ނުވަމެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައިވަނީ ހިތާއި ހިތުގެ ގުޅުމެކެވެ. ދުލާއި ހަމައަށް އެވާހަކަތައް ގެންނަން ނުކެރިފައި ތިބެވުނީއެވެ.
ގެއަށް އާދެވުނު ތަނާހެން އަހަރެންގެ ފޯނު ރިންގުވިއެވެ. ގުޅަނީ ޔުނާންއެވެ. އަހަރެންގެ ހިތުގެ ތެޅުން ބާރުވެ ވިންދުތައް އަވަސްވިއެވެ. އަނެއްކާ ޔުނާން އެ ގުޅަނީ އޭނާ ދެއްކި ވާހަކަތައް ސީރިއަސްކޮށް ނުނެގުމަށް ބުނުމަށްބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ހުރީ ދެޚިޔާލެއްގައެވެ. ފޯނު ނަގަންވީބާވައެވެ. ނުވަތަ ނުނަގާނީބާވައެވެ. ފޯނު ނަގާއިރަށް އެއީ ޔުނާން އަހަރެންނާ ކޮށްލި ސަމާސާއެކޭ ބުނާ އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިފަދަ ޚިޔާލުތަކެއްގައި ހުއްޓާ ފޯނު ކެނޑުނެވެ. ކެނޑުމާއި އެކު އަނެއްކާ ރިންގުވިއެވެ. ފޯނު ނުނަގައިގެން ސަލާމަތްވެވުނަސް ކުލާހުން ދިމާވާނެއެވެ. ވީއިރު ފޯނު ނުނެގުމުގެ ބޭނުމެއް ނެތޭ ހިތާ އަހަރެން ފޯނު ނެގީމެވެ.
“ހެލޯ.. ރަނާ.. ރުޅިއައިސްފަތަ؟” އަހަރެން ފޯނު ނެގުމާއެކު ޔުނާން އެހިއެވެ. އޭނާ ހުރީ އަހަރެން ރުޅި އައީކަމަށް ހީކޮށް ކަންބޮޑުވެފައެވެ.
“ނޫން..” އަހަރެން މާގިނަ ވާހަކައެއް ނުދައްކަމެވެ. އަހަރެން ހުރީ ޔުނާން ދެން ބުނެފާނެ އެއްޗަކާއިމެދު ހިތް ނުތަނަވަސްވެފައެވެ.
“ރަނާ ހީކޮށްފާނެ އަހަރެން ކޮށްލި ސަމާސާއެކޭ އެއީ.. އެކަމަކު އެއީ ހަމަ އަހަރެން ސީރިއަސްކޮށް ބުނި އެއްޗެއް.. ރަނާ ޤަބޫލުވެއްޖެއްޔާ އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ރަނާއާއި ކައިވެނިކުރަން.. އަހަރެން ބޭނުމެއްނޫން ރައްޓެހިވެގެން ދިރިއުޅުމުގެ ދުވަސްތަކެއް ބޭކާރު ކޮށްލާކަށް.. ބޭނުންވަނީ ކައިވެނިކޮށްގެން ރަނގަޅު ރީތި ދިރިއުޅުމެއް އުޅެން..” ޔުނާން ބުނި ވާހަކައިން އަހަރެން ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.
“ރަނާ.. ކީއްވެ އެއްޗެކޭ ނުބުނީ؟ ހިތްހަމަނުޖެހުނީތަ؟” އަހަރެން އެއްވެސް ވާހަކައެއް ނުދައްކާ ހުރުމުން ޔުނާން އަނެއްކާވެސް އެހިއެވެ. އޭނާގެ އަޑުން އޭނާ ހުރީ ކަންބޮޑުވެފައިކަން އަހަރެންނަށް ހަމަ ރަނގަޅަށް އެނގުނެވެ. ޔުނާން އަހަރެންނާއި ބަހައްޓަމުން އައި ގާތްކަމަކީ ލޯބިކަން އަހަރެންނަށް އެނގުމުން އަހަރެންނަށް އުފަލުން ރޮވުނެވެ.
“ރަނާ ރޮނީތަ؟ އަޅެ ޕްލީޒް.. ނުރޮއި ހުއްޓާލަބަލަ.. ރަނާ ހިތްހަމަނުޖެހެންޏާ މީ ނުދައްކާ ވާހަކައެކޭ ހީކޮށްލާ..” އަހަރެންނަށް ރޮވުމުން ޔުނާން އަނެއްކާވެސް ކަންބޮޑުވެފައި ބުނެލިއެވެ. ޔުނާންގެ އެ ކަންބޮޑުވުމުން އަހަރެން ހައިރާންވެސްވިއެވެ. ރަނގަޅަށް ނުވެސް ދަންނަ މީހަކު އަހަރެންނާއިމެދު އެހާވަރަށް ކަންބޮޑުވަނީ ކީއްވެ ހެއްޔެވެ؟ މީހުން އެބުނާ ލޯތްބަކީ މިއީ ހެއްޔެވެ؟
“ނޫން.. އަހަރެން ހިތްހަމަނުޖެހުނީއެއް ނޫން.. އުފަލުން ރޮވުނީ.. އަހަރެންވެސް ޔުނާންދެކެ ލޯބިވޭ..” އެންމެ ފަހުން އަހަރެންނަށް ޔުނާންދެކެ ލޯބިވާ ވާހަކަވެސް ބުނެވުނެވެ. އެޔާއެކު ޔުނާން ހޭން ފެށިއެވެ. އަހަރެންގެ ހިތް ފިސްފިސްވިހެން ހީވިއެވެ. ޔުނާން އެ ކުރީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ އެކަހަލަ ސަމާސާ ކުރަން ހެޔޮނުވާނެއެވެ.
“ވަރަށް އުފާވެއްޖެ.. އަހަރެންގެ ލޯބި ޤަބޫލުކުރީމަ ވަރަށް އުފާވެއްޖެ.. އަހަރެންދެކެ ރަނާ ތިހާ ލޯބިވާކަން އެނގުނީމަ އަދި މާ އުފާވެއްޖެ..” އަހަރެންގެ ހިތަށް ކުޑަ އިރުކޮޅެއް ކުރިން ވެރިވި ނުތަވަސްކަމާއި މާޔޫސްކަން ވަގުތުން ފިލައިގެން ދިޔައެވެ. މީހުން ތަޅުވާލަން ޔުނާން ހަމަ މޮޅީއެވެ. އަހަރެންގެ ހިތް ނުތަނަވަސްކޮށްލައި ހިތުގައި ޖައްސާލާފައި ހެއްވާލަން ހާދަހާ ކުޅަދާނައެވެ.
“ޔުނާން ވަރަށް ގޯސް.. އަހަރެން ދެންމެ ހީކުރީ ޔުނާން އަހަރެން ހައްދާލީ ކަމަށް، ލޯބިވެޔޭ ކިޔާފައި އަހަރެން ލޯބިވާ ވާހަކަ ބުނީމަ ހޭން ފެށީމަ..” އަހަރެން އެހެން ބުނެލުމުން ޔުނާން ހިނިގަނޑެއް ޖަހާލާފައި ބުނެލީ މޮޅު ވާހަކައެކެވެ. އެފަދަ ސަމާސާތަކުން ލޯބި އިތުރުވާނެޔޭ ބުނުމުން އަހަރެންނަށް ހެވުނެވެ.
“ވަރަށް.. ޔުނާން އެހެން ކަންތައް ކުރީމަ އަހަރެން ފޯނު ކަނޑާލާފައި ގުޅުން ކަނޑާލިނަމަ ހުންނާނީ ލޯބި އިތުރުވެފައި..” އަހަރެންވެސް ސަމާސާކޮށްލީމެވެ.
“ދެން ރަނާ މަންމަމެންނާ ވާހަކަ ދައްކާނީ ކޮން އިރަކުން؟ އަހަރެން ބޭނުން ވީ އެންމެ އަވަހަކަށް ކައިވެނިކުރަން..” ޔުނާން ބުނެލިއެވެ.
“އަހަރެން މިރޭ މަންމަމެންނާ ވާހަކަ ދައްކާނަން..” ރަނާ ބުނެލިއެވެ.
އަހަރެން ހަމަ އެރޭ މަންމަމެން ގާތުގައި ޔުނާންއާއި ރައްޓެހިވީ ވާހަކަ ބުނީމެވެ. އަދި އަހަރެންވެސް ޔުނާންވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން ކަމަށް ބުނީމެވެ. ޔުނާންއަކީ ކޮންކަހަލަ މީހެއްކަން އަހަރެން މަންމައަށް ކިޔައިދިނީމެވެ. އަހަރެންގެ ވާހަކަތައް އަޑުއަހާފައި މަންމަ ވަރަށް ހިތްހަމަޖެހުނެވެ. އަދި ޔުނާންއާއި ބައްދަލުވާނެ ގޮތެއް ވީހާވެސް އަވަހަށް ހަދައިދިނުމަށް ބުންޏެވެ. އަހަރެންވެސް ރަށަށް ދާއިރު ޔުނާން ގެންދާނަމޭ ބުނީމެވެ.
ޖެހިގެން އައި ދުވަހު އަހަރެން ކުލާސް ނިންމާފައި ޔުނާންއާއި ބައްދަލުކުރީމެވެ. އަދި މަންމަމެން ދެއްކި ވާހަކަތައް ކިޔައިދިނުމުން ޔުނާން އަހަރެންގެ މަންމަގެ ނަންބަރު ހޯދިއެވެ. އަދި މަންމައާއި ގުޅާނެކަމަށް ބުންޏެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ ކޯހުގެ ކިޔެވުން ނިމިއްޖެއެވެ. ރަށަށް ދާން ތައްޔާރުވަމުން ދިޔައީމެވެ. އެދުވަހު މަންމަ ގުޅާފައި ބުނި ވާހަކައަކުން އަހަރެންގެ މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. ބައްޕަ އަހަރެންގެ ކައިވެނި މުއްސަންޖަކާއި ހަމަޖައްސާފައި އޮތް ވާހަކަ ބުނުމުން އަހަރެން ރަށަށް ދާން ފޫހިވިއެވެ. ޔުނާންއާއި ވަކިން އަހަރެންނަކަށް ނޫޅެވޭނެއެވެ. މަންމައަށް ގުޅާފައި އެތައް އާދޭހެއް ކުރީމެވެ. ނަމަވެސް މަންމަގެ ޖަވާބުން އަހަރެން މުޅިން މާޔޫސްވިއެވެ. ބައްޕަގެ ނިންމުމަކާއި ދެކޮޅު ހެދެން މަންމައަކަށް ނޯންނާނެޔޯލައެވެ. އަޖައިބެއް ނޫން ހެއްޔެވެ؟ ލޯބިނުވާ މީހަކާ ކައިވެނި ކުރުވުމުން ދަރިންނަށް އުފަލެއް ލިބިދާނެހެން އެމީހުންނަށް ހީވަނީ ހެއްޔެވެ؟ އަހަރެންގެ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. މަންމަމެން އަހަރެންނާއި ދޭތެރޭ ކުޑަކޮށްވެސް ވިސްނާނުލައޭ ހިތަށް އެރިއެވެ. ނޫންނަމަ އަހަރެންގެ ޚިޔާލެއްވެސް ނުހޯދާ، އަހަރެންގެ އިހުސާސްތަކަށް އިޙުތިރާމުނުކޮށް އަހަރެންގެ ކައިވެނި ހަމައެއް ނުޖެއްސީހެވެ.
އަހަރެން ޔުނާންއަށް ގުޅީމެވެ. ބައްޕަމެން އަހަރެންގެ ކައިވެނި ހަމަޖެއްސި ވާހަކަ ބުނީމެވެ. ޔުނާން ހުރި ވަރަށް ދެރަވެފައެވެ. ނަމަވެސް މަންމަމެންގެ ނުޤަބޫލުގައި އަހަރެންނާއި ކައިވެނި ނުކުރާނެކަމަށް ބުނެ ޔުނާން ފޯނު ކަނޑާލީ އޭނާއަށް އިތުރަށް ނުގުޅުމަށް ބުނެފައެވެ. އަހަރެންގެ ހިތް ކުދިކުދިވި ކަހަލައެވެ. އަހަރެންދެކެ ލޯބިވާ އެކަކުވެސް ނެތެވެ. ޔުނާންއާއި ވަކިވާން ޖެހުމުން އިތުރަށް މާލޭގައި ހުރުމުގެ ބޭނުމެއް ނެތޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެންކަމުން އަހަރެން ރަށަށް ދާން ތައްޔާރުވީމެވެ. ހަވީރު ރަށަށް ފުރި ލޯންޗުން އަހަރެން ރަށަށް ދިޔައިރު އަހަރެންގެ ދިރިއުޅުމާއި ދޭތެރޭ ވިސްނާލެވުނެވެ. ކުރިއަށް އޮތް ތާނގައި އަހަރެން އުޅެން ޖެހޭނީ ކިހިނެއްބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
ލޯންޗު ލެފިއިރު ބައްޕަ އިނީ ސައިކަލުގައި އަހަރެން ބަލާ އައިހެވެ. އަހަރެން ބައްޕައާއިއެކު ދާހިތެއް ނުވިއެވެ. ނަމަވެސް ބައްޕައާއި ދެކޮޅަށް އެއްވެސް އެއްޗެއް ބުނާނެހާ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އެހެންކަމުން ބައްޕަގެ ސައިކަލު ފަހަތަށް އަރައި އިށީނުމާއެކު ބައްޕަ ސައިކަލު ދުއްވާލައިފިއެވެ. ގެއަށް ދެވުމާއެކު މަންމަ އަހަރެންނަށް މަރުޙަބާ ކީ އުފަލާއިއެކުގައެވެ. ނަމަވެސް އަހަރެންނަށް ހިނިތުންވެލަންވެސް ނޭނގުނެވެ. އަހަރެންގެ ޙާލަތު މަންމައަށް ވިސްނުނެވެ. އަހަރެން ގާތުގައި ހިތްވަރުގެ ދެތިން ބަހެއް ބުނެލިއެވެ. ފަހުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ބުނިނަމަވެސް އެއްވެސް ކަމެއް ރަނގަޅުވާނެހެނެއް އަހަރެންނަކަށް ހިޔެއް ނުވެއެވެ.
“ދަރިފުޅާ.. މިރޭ ރަންކިޔަން އަންނާނެ.. ކައިވެނި ލަސްކުރާނެ ކަމެއް ނެތެއްނު..” ބައްޕަ އެހެން ބުނެލުމުން އަހަރެންނަށް ހީވީ އަހަރެންގެ ހިތުގައި ހިފާ ފިއްތާލިހެންނެވެ. އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ. ޔުނާންއަށް ގުޅޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ ނިވާލާފައެވެ. ބައްޕަގެ ސަބަބުން ޔުނާންވެސް އަހަރެންދެކެ ރުޅި އައީއެވެ. ދެން އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟
އެރޭ ނުވައެއް ޖެހިއިރު ބައްޕަ އަހަރެންނަށް ގޮވިއެވެ. ރަން ކިޔުއްވަން އައިސް ތިބި ވާހަކަ ބުންޏެވެ. ކިތަންމެ ބޭނުން ނުވީނަމަވެސް އަހަރެން ނުކުތީމެވެ. ގޭތެރެއަށް ނުކުތުމާއެކު އަހަރެންނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ސިޓިންގރޫމު ސޯފާގައި އިށީނދެލައިގެން އެއިނީ ޔުނާން ނޫން ދެވަނަ މީހެއް ނޫނެވެ. ފެންނަމުންދިޔަ މަންޒަރުން އަހަރެން އިނީ ވާނުވާ ނޭނގިފައެވެ. މަންމަ އައިސް އަހަރެންގެ އަތުގައި ހިފައިގެން ގެންގޮސް ސޯފާގައި ބޭންދިއެވެ.
“ދަރިފުޅާ.. ބައްޕަ ދަރިފުޅުގެ ކައިވެނި ހަމަޖެއްސީ ޔުނާންއާ..” ބައްޕަގެ ޖުމުލައިން އަހަރެންނަށް އަނގަމަތީ އަތް އަޅާލެވުނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ދެލޮލުން ކަރުނަ އޮހިގަތެވެ.
“ދެން ނުރޮއި.. ކިހިނެއް ވަނީ ބައްޕަމެން ދިން ސަޕްރައިޒް..” ބައްޕަ އަހަރެންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އަހަރެންނަށް ބައްޕަގެ މޭގައި ބޮނޑިވެލަމުން ބާރަށް ބައްދާލެވުނެވެ. އެ ހުރިހާ ކަމަކީވެސް ޔުނާން މަންމަގެ ނަންބަރު ހޯދުމަށްފަހު ގުޅައިގެން އެމީހުން ރޭވި ރޭވުމެކެވެ. އެމީހުން ބޭނުންވީ އަހަރެންގެ ހިތުން ނުފިލާވަރުގެ ސަޕްރައިޒެއް ދޭށެވެ. އެކަން އެމީހުންނަށް ޙާސިލުވިއެވެ. ބައްޕަމެންގެ ސަޕްރައިޒް އަހަރެންނަށް ވަރަށް ކަމުދިޔައެވެ. ވަރަށް ސަޅިއެވެ.
(ނިމުނީ)
21 Comments!
Comments are closed.






Awwwww. Ma Sha Allah. Varahh reethi storyyyy.?☺
Thank You dear 🙂
Kalogeyaa varah rythi vaahaka eh
Auto in heveny ufalun hevey gothah??
Thank You dear 🙂
haadha asaru gadha vaahaka ekey??……..maasha allah??…. saandy ah vaane????✌✌
Thank You Ishaan 🙂
varah salhi vaahaka eh imgey
Thank You afuar 🙂
Nice
Thank You Shaya 🙂
Mi vaahaka mee kurin vx mi site ga liyefa in vaahaka yeh dhw….alhugadu kurin vx kin mi vaahaka…
Maasha allah varah salhi vaahaka ey
Thank You mauoo 🙂
v asarugadha ???
Thank You baby 🙂
Vrh reethi….maasha allah?❤❤❤❤❤
Thank You Amsh 🙂
nice ……
Thank You jin 🙂
salhi vaahaka eh
Shukuriyyaa imkooooo 🙂