Skip to content
އެސްފިޔަ

އެ މާޒީގެ އިބްރަތް

މާޒީވެގެން ދިޔަ ދުވަސްތަކުގައި މައުޝާއަށް ދިމާވި އެކި އެކި ކަންކަމަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ކަންކަމެއް ނޫނޭ އޭނާގެ ހިތް އަބަދުވެސް ބުންޏެވެ. ކަޅު އަނދިރި ރޭތަކުގައި ދިމާވި ގޮތްނޭނގޭ ކަންތައްތަކާއި، ރޯދުވާލު އިހްސާސް ކުރެވޭ ގޮތްނޭނގޭ އިހްސާސްތަކަކީ މީހަކަށް ކިޔައިދޭން މޮޅު، ރީތި ވާހަކަ ތަކެއް ނޫނެވެ. އެއީ ކިޔައިދިނަސްވެސް ޤަބޫލު ނުކުރެވޭނެތީއެވެ. އަދި ޤަބޫލު ކުރެވުނަސް ވެވޭނެ އެހީއެއް، ކޮތްދެވޭނެ ކަމެއް ނޯންނާތީއެވެ. އެހެންނަމަވެސް ބައެއް ފަހަރު ހަމައެކަނި މައުޝާގެ ވާހަކަތައް ޤަބޫލުކުރާކަން ހާމަކޮށްދީ، އޭނާގެ ވާހަކަތަކުގެ އަޑު އަހާލަދިނީމައިވެސް އެ ހިތައް އެތައް ލުޔެއް ލިބެއެވެ.

ޖިންނި ޝައިޠާނުންގެ ކަންކަމަކީ ގިނަ ބަޔަކު ޤަބޫލު ކުރާ ކަމެއް ނަމަވެސް ބައެއް ފަހަރު ވާގޮތްތައް ކިޔައިދިނުމުން އެހެން އެކަން ވާނެކަމާއިމެދު ޝައްކު ކުރާމީހުން ގިނައެވެ. ޖިންނި ޝައިޠާނުންނަށް އިންސާނުންނަށް ނުދެއްވާ އެތައް ބާރެއް ﷲ ދެއްވާފައިވާކަން އެނގުންވީ ނަމަވެސް ބައެއް ހާދިސާތައް މީހުންގެ ސިކުނޑިއަށް ޤަބޫލުކުރަން ދަތިވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ޖިންނީން އިންސާނުންނަށް ކުރާ ގޯނާތަކަކީ ކޮންމެ ދުވަހަކުހެން މީހުންގެ ތެރޭގައި ދެކެވޭ ވާހަކަތަކެކެވެ. މައުޝާއަކީވެސް އެއިން އެކަކެވެ. އޭނާއަށް ކުރާ އުނދަގޫގެ ފަހަތުގައިވާ ވާހަކަތަކަކީ އޭނާއަށް އެހާ ކުލަ ސާފް ވާހަކަތަކެއް ނޫނެވެ. އެހެންކަމުން އެކަމުގެ ސަބަބު ހޯދުން އޭނާ ހުއްޓާލީ ކޮންމެ ސަބަބަކާއި ހެދި ނަމަވެސް، އެ ޝައިޠާނުންގެ ނުބައިކަމުން ސަލާމަތްވާން، ވަނީ އެއް މަގެއް ކަމަށް ވާތީއެވެ. އެއީ ރުޤްޔާ ކުރުމެވެ. ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ކަންކަމުގައި ހިފައިގެން ރައްކާތެރި ފިޔަވަޅު އެޅުމެވެ. އެއީ ޝޯޓްކަޓެއް އޮތްމަގެއް ނޫނެވެ. ދިގު ރާސްތާއެކެވެ. ނަމަވެސް ހެޔޮކަމުން ފުރިގެންވާ މަގެކެވެ.

ކޮންމެޔަކަސް އެމަގުން ކުރިޔަށް ދިޔުމަށް އެތައް ބަޔަކު ލައްވާ އެތައް ފަހަރެއްގެ މަތިން ރުޤްޔާ ކުރެވުނެވެ. ރުޤްޔާގެ އަސަރު ކުރެއެވެ. ލުއިލިބޭ ފަހަރު ގިނައެވެ. ނަމަވެސް މުޅީންވެސް ވާގޮތަކީ މައުޝާއަށް އެމަގުން ކައްސާލެވެނީއެވެ. ކިރިޔާވެސް ރަނގަޅުވާއިރަށް ހަށިރައްކަލަށް ކުރެވޭ ހެނދުނާ ހަވީރުގެ ޒިކުރުތައް ނުވަތަ ކޮންމެ ދުވަހަކު ކިޔަވާ ރުޤްޔާ ނުވަތަ އެނޫންވެސް ކޮންމެވެސް ކަމެއް ދޫކޮށްލެވެއެވެ. އެކަންކަމުގައި ދާއިމީ ވެގެން ނުހުރެވެއެވެ. އޭގެ ނަތީއްޖާއެއްގެ ގޮތުން އޭނާގެ މަގު ދިގުވިޔެވެ. ރަނގަޅުވާން އެތައް ދުވަހެއް އަދި އެތައް ތަޖުރިބާއެއް ކުރަން ޖެހުނެވެ.

މައުޝާ މިހާރުވެސް ހަނދާނުން ނުފިލާ އިހްސާސްތަކަކީ އޭނާއަށް ކުރެވުނު ތަދުތަކުގެ އިހްސާސްތަކެވެ. ވާއުނދަގޫ ބުނެދޭން ނޭނގުމެވެ. އެއީ އާދައިގެ ރިހުމެއްވެސް ނޫނެވެ. އައްސިއެއްވެސް ނޫނެވެ. އަދި ދިލައެއްވެސް ނޫނެވެ. ދެން އެވާ އުނދަގޫ އޭނާ ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ދިވެހިބަހުގައި އެޔަށް ބަހެއް ހެދިފަކާއި ނެތެވެ. އެހުރިހާ ކަމެއް އެކުވެފައި ހުރުމުން ވާކަހަލަ އުނދަގުލެކޭ ބުނެވިދާނެއެވެ.

އޭނާއަށް ދެން އެންމެ އުނދަގޫވެ ހިތް ދަތިވީ ކަމަކީ އަބަދު އެއްވާހަކައެއް ދެއްކުމެވެ. އަބަދުވެސް އެހެންވަނީއޭ މިހެންވަނީއޭ ގާތްމީހުން ކައިރީ ކިޔާކިޔާ ފޫހިވުމެވެ. އެހެން ބުނެވެނީވެސް އެ އުނދަގޫތައް ވާލެއް ބޮޑުކަމުންނެވެ. ނަމަވެސް އަޑުއަހާމީހާ އެކަމާއިމެދު ބުނާނެ އެއްޗެއް ނެތި ބަލަހައްޓައިގެން އެ ހުންނަ ހުރުން އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރެއެވެ. އެމީހުންނަށް ޤަބޫލު ނުކުރެވެނިއްޔޭ ހިތައް އަރައެވެ. ނުވަތަ އެމީހުން އަބަދު އެވާހަކަތައް އަޑުއަހާ އަހާ ފޫހިވިއްޔޭ ހިތައް އަރައެވެ.

ބައެއް ފަހަރު ފަލަމަސްގަނޑުން، އަނެއް ބައިފަހަރު އަތުގެ ތެރެއިން ފަނި ދުވާހެން އެއްޗެއް ދުވާކަމުގެ އިހްސާސް ވާ ވާހަކަ ބުނުމުން މީހުން ބުނާނީ ކީކޭ ހެއްޔެވެ؟ އެއްވެސް ސަބަބެއް ނެތި ވަލަށް ވަންނަން ބޭނުން ވާ ވާހަކަ ބުނުމުން މީހުން ބުނާނީ ކީކޭ ހެއްޔެވެ؟ ކޮންމެ މީހަކުވެސް ހައިރާން ވާނެއެވެ. ޖިންނީގެ ކަމެއްކަން އެނގުނު ނަމަވެސް ހައިރާންވެ އެކަމާއި މެދު ބުނާނެ އެއްޗެއް ނޭނގޭނެ ނޫން ހެއްޔެވެ. ނަމަވެސް ބައެއް ފަހަރު ބައެއް މީހުން ވަރަށް ނަސޭހަތް ދެއެވެ. އެއީ މައުޝާ ބޭނުންވާގޮތް ނޫންކަން ހަނދާން ކޮށްދެއެވެ. އަދި އެކި އެކި ދުޢާތައް ނުވަތަ އާޔަތްތައް ކިޔަން ނަސޭހަތް ދެއެވެ.

ބައެއް ފަހަރު އެ ވާ އުނދަގޫތައް ގިނަވެގެން ގޮސް ނަފްސާނީ ގޮތުން މައުޝާ ބަލިކަށިކޮށްލާ ފަހަރު އާދެއެވެ. އެކަމާއިހެދި މީހުން އޭނާދެކެ ފޫހިވާކަން އިހްސާސް ވަނީއެވެ. މީހުން އޭނާދެކެ ބިރުގަންނަކަން އިހްސާސް ވަނީއެވެ. އޭނާ ގެންގުޅޭ މީހުންނަށް އޭނާއީ ބޮޑުވޭނަކަށްވާ ކަމުގެ އިހްސާސް ވަނީއެވެ. އެ ހުރިހާ އިހްސާސްތަކާއި ހެދި މީހުންނާއި ކުރިމަތިލައި ވާހަކަ ދައްކަން ފޫހިވެ، އެކަނި ހޭދަކުރެވޭ ވަގުތު ގިނަވެއެވެ. އެކަމުން ވީހާވެސް އަވަހަށް ސަލާމަތްވާން ބޭނުން ވެއެވެ. އަދި ރަނގަޅު ނުވާތި އަމިއްލަ ނަފްސުދެކެވެސް ރުޅި އާދެވެއެވެ. މައުޝާއަށް އެ އިހްސާސްތަކުން އަރައިގަންނަން ފަސޭހަވީ ދީންވެރި، އަޚްލާޤް ރަނގަޅު މީހުން ގާތްމީހުންނަށް ތިބޭތީއެވެ.

އެމީހުން އޭނާއަށް ކެތްތެރި ވުމަށް ނަސޭހަތްދިނެވެ. ގިނަގިނައިން އަޅުކަންކަމުގައި ޝާމިލުވުމަށާއި، ﷲ އަށް އިތުބާރު ކުރުމަށް ނަސޭހަތް ދިނެވެ. ދަމުނަމާދު ކުރުމަށާއި، ގިނަގިނައިން ޒިކުރު ކޮށް އުޅުމަށް ބާރުއަޅާ އަދި އެކަންކަން ކުރޭތޯ ބަލާ ހެދިއެވެ.

މައުޝާގެ އެ ވޭނީ ތަޖުރިބާއިން އޭނާއަށް ކަންކަމާއި ކުރިމަތިލާން ދަސްވިއެވެ. އެއީ އޭނާގެ އެކެނި ހަނގުރާމައެއްކަން ވިސްނި އަމިއްލަ އަށް އެކަމުން ސަލާމަތްވުމަށް ހިތްވަރާއި އެކު މަސައްކަތް ކުރަން ފެށިއެވެ. މީހުންނަށް ޑިޕެންޑުނުވެ އަމިއްލަ އަށް ރުޤްޔާ ކުރާ ގޮތާއި، ކަންކަން ދަސްކޮށްގެން އަމިއްލަ ނަފްސައް ރުޤްޔާ ކުރަން ފެށިއެވެ. އަދި ކޮންމެ ހެންވެސް ކުރަން ޖެހޭ ކަންކަމުގައި ދާއިމީ ގޮތެއްގައި ދެމި ހުރުމަށް އަޒުމް ކަނޑައަޅާ އެކަމަށް މަސައްކަތް ކުރިއެވެ.

އެގޮތުން އެކިކަންކަން އެކި ދުވަހުގެ މަތިން ތަޖުރިބާ ކުރެވެމުން ދިޔައެވެ. ދީނީ ކަންކަމަށް ލޯބި ޖެހި ޤުރުއާނުން ލިބެމުން ދިޔަ ޝިފާތައް އިހްސާސް ކުރެވެން ފެށިއެވެ. މަޑުމަޑުން ވަމުން ދިޔަ އުނދަގޫތައް ކެނޑެމުން ދިޔައެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތައް ދާއިމީގޮތެއްގައި ދިރިއުޅުމުގެ ބަޔަކަށް ހެދިއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލް ކުރުސި އާއި ތިރީ ތިންސުރަތް ކިޔަވަން ފެށިއެވެ. އަދި ކޮންމެ ދުވަހަކުވެސް ބަޤަރާތް ސޫރަތް އެކީ ކިޔަވަމުން ދިޔައެވެ. އަދި އޭގެ އިތުރުން ކޮންމެ ދުވަހަކުވެސް ރުޤްޔާގެ އާޔަތްތައްވެސް ކިޔަވަމުން ދިޔައެވެ.

ﷲގެ ހެޔޮ ރަޙުމަތުން މައުޝާއަށް އޭނާގެ ބައްޔައް ލިބެމުންދިޔަ ފަރުވާތައް އިހްސާސް ކުރެވެން ފެށުނެވެ. ތަކުރާރުކޮށް ފެންނަ ބިރުވެރި ހުވަފެންތައް ފެނުން ހުއްޓުނެވެ. ނިދީގައި ދެބަޔަށް ދެވުން ހުއްޓުނެވެ. ކުރިން ކުރެވެމުންދިޔަ އެކަނިވެރިކަމުގެ އިހްސާސްތަކާއި، ބަލިން ރަނގަޅު ނުވެގެން މީހާ ނަފްސާނީ ހާލަތައް ވެއްޓުން ފަދަ ކަންކަމުން ދުރުވެވުނެވެ. އަދި ޖިންނީންގެ ބާރު އެކީހެން އޭނާގެ ހަށިގަނޑުން ކެނޑިގެން ދިޔައެވެ. އޭނާގެ ސިކުނޑިއަށް ނުބައި ޚިޔާލުތައް ވަނުން ހުއްޓި ތާޒާކަމާއި ހިތްހަމަ ޖެހުން އިހްސާސް ކުރެވެން ފެށިއެވެ.  ޖިންނީންގެ ބާރުން މޮޔަ ގޮވުމާއި، ތެޅިފޮޅުން ފަދަ ކަންކަމުން ސަލާމަތް ވެވުނެވެ.

އޭނާޔަށް ޔަޤީންކަމާއި އެކު ބުނަން އެނގެނީ މިހާރު ގާތްގަނޑަކަށް 90 އިންސައްތަ އޭނާ ރަނގަޅު ވެއްޖެއެވެ. ބާކީ އިން 10 އިންސައްތައަކީ ކުދި ކުދި އުނދަގޫ އަދިވެސް ނުކެނޑޭތީ ، އެކީ ރަނގަޅު ނުވާތީ އިން 10 އިންސައްތައެވެ. މިހާރު އޭނާއަށް ވާ ހަމައެކަނި އުނދަގުލަކީ ކުޑަކުޑަ ނުކެނޑޭ ރިހުމެއް ވާތް ފަރާތުގައި ހުރުމެވެ. ބައެއް ފަހަރު ކިޔަވާ ގަޑީގައި ތަދުވާލެއް ބޮޑެވެ. ނަމަވެސް މައުޝާ ޤަބޫލު ކުރާގޮތުގައި ﷲ ގެ އިރާދަ ފުޅާއިއެކު އޭނާ ވަރަށް އަވަހަށް މުޅިންހެން ރަނގަޅު ވާނެއެވެ.

ބަޤަރާތް ސޫރަތަކީ ކޮންމެ ދުވަހަކު ކިޔޭ ނަމަ ކިޔާ މީހާއަށް އެތައްގުނަ ހެޔޮކަންތައްތައްވެސް ލިބޭ ސޫރަތެކެވެ. ރަސޫލާގެ ހަދީޘެއްގައި ވާގޮތުން އެގެއެއްގައި ސޫރަތުންބަޤަރާ ދާއިމީ ގޮތެއްގައި ކިޔެވޭ ގެއަކަށް ޝައިޠާނުން ނުވަންނާނެއެވެ. އަދި އެގެއެއްގެ މީހުންނާއި، މުދާ ވަނީ ނުބައިކަންކަމުން ރައްކާ ކުރެވިގެންނެވެ. އަދި އާޔަތުލް ކުރުސިއާއި ތިރީ ތިން ސޫރަތަކީވެސް މީހާގެ ހަށިރައްކަލަކަށް ކިޔަވަން އެންމެ ރަނގަޅު ތަކެއްޗެވެ.

މައުޝާގެ މި ތަޖުރިބާއާއި، އެ ހިތްދަތިކަމާއި، އުނދަގޫތަކުގައި އޭނާ އެތައް ދުވަހެއް ހޭދަކުރިއެވެ. އޭނާ ފަދައިން އެކަންކަން ތަޖުރިބާ ކުރަމުން ދާ އެހެން ފަރާތްތަކަށް އޭނާ ދޭން ބޭނުންވާ ނަސޭހަތަކީ ރުޤްޔާއަކީ ޝޯޓްކަޓެއް ވާ އެއްޗެއް ނޫނެވެ. ބައްޔައް ޝިފާ ދެއްވާނީ ﷲ އެވެ. ބައެއް މީހުން ވަރަށް އަވަހަށްވެސް ރަނގަޅު ވެއެވެ. އަނެއް ބަޔަކަށް އެތައް ދުވަހެއް ނަގައެވެ. ކޮންމެޔަކަސް މީގައި އޮތީ އެމީހެއްގެ ހިތްވަރާއި ވަރުގަދަ އަޒުމެއްގައި ކުރިއަށް ދިޔުމެވެ. ހިފަންޖެހޭ ކަންކަމުގައި ދާއިމީކޮށް ހިފުމެވެ. ސުންނަތް ތަކުގައި ދާއިމީކޮށް ހިފައިފިނަމަ އެމީހަކަށް ޝިފާ ލިބުން އަވަސް ވެއެވެ. އެއީ އެންމެ މޮޅު ދިރިއުޅުމެވެ. އަދި ރުޤްޔާ ކުރަން ވާ ގޮތުގައި ރުޤްޔާ ކުރާނަމަ އެކަމުން ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެއެވެ. މުޅިންވެސް ލިބޭނީ ހެޔޮކަމެވެ. ފުރަތަމަ ކޮޅު ހަށިގަނޑައް އުނދަގޫވާލެއް ބޮޑު ވެދާނެއެވެ. ނަމަވެސް ދާއިމީކޮށް ކުރާނަމަ ފަހުން މަޑުމަޑުން ރަނގަޅު ވާނެއެވެ.

މައުޝާ ބޭނުންވަނީ އެފަދަ ޖިންނީންގެ އުނދަގޫތަކުން ސަލާމަތްވުމަށް ރުޤްޔާ ކުރަމުންދާ މީހުންނަށް ހިތްވަރު ދޭށެވެ. އަދި މައުޝާ އެއީ އެކަމުން ރަނގަޅުވާކަމުގެ ދިރިހުރި މިސާލެއްކަން މީހުންނަށް ބުނެދޭށެވެ. ރުޤްޔާއަކީ އޭގައި އެއްވެސް ގެއްލުމެއް ވާ ކަމެއް ނޫނެވެ. ޤުރުއާނުގެ އެންމެ އަކުރެއް ކީ ނަމަވެސް އެ ކީ މީހަކަށް ދިހަ ސަވާބު ދެއްވާނެކަން ﷲ އަންގަވާފައި ވާއިރު ކިޔަވާ ކޮންމެ އާޔަތަކަށް ޘަވާބު ލިބޭނޭ މިންވަރު ވިސްނާލާށެވެ. އަދި އެ ކިޔެވެމުންދާ އާޔަތްތަކުގެ މާނަ އެނގިހުރެ އެއަށް ވިސްނަމުން ﷲ މަތިން ހަނދާން ކުރަމުން ކިޔަވާނަމަ އޭގެ އަސަރު ގަދަވާނޭކަން ޔަޤީނެވެ.

މައުޝާ ގެ ދިރިއުޅުން މިހާރު އެވަނީ ބަދަލު ވެފައެވެ. ކުރީގައި އޭނާގެ ދިރިއުޅުމާއި ބިރުވެރިކަ ފިލްމަކާއި ތަފާތެއް ނެތެވެ. ކޮންމެ ދުވަހަކުވެސް އެތައް ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހުނެވެ. އެހެން ނަމަވެސް މިހާރު އެ ހުރިހާ ކަމެއް ކެނޑި ނިމި ހިނގައްޖެއެވެ. އެއީ މިހާރު މާޒީއެވެ. އެ މާޒީން މައުޝާ އިބްރަތް ހޯދިއެވެ. އަދި އެ އިބުރަތްތަކުގައި ހިފައި ދިރިއުޅުން ބަދަލުކޮށް މިއަދު އޭނާ ދަނީ އެކަމުގައި އޭނާއަށް އެހެން މީހުންނަށް އެހީވެދެވޭ ވަރަކުން އެހީ ވަމުންނެވެ. އެކަންކަމުން ސަލާމަތްވާނެ ގޮތަތައް މީހުންނަށް ބުނެދީ ހިތްވަރު ދެމުން ނެވެ.

**ނިމުނީ**

Comments (9)

  1. Khajja

    Masha allah v furihama liyunkolheh

  2. ?SHIFU?

    Masha allah. V.bodah ufaa vejje faathi ge vaahaka eh kiyaalan libuneethi. Mihaa iburai theri vaahaka eh genes dhineetheeve faathi ah fahfashun shukuru adhaaru kuran. Keep it up. Waiting 4 a new storyy……..

  3. liyaa

    mashaa allahu

  4. ????

    Maa sha Allah.. Vrh furihama.. Keep up the good work dear.. ☺️???????

    1. ????
      ????

      And yeah, imthihaan vaahaka dear huhtaalytha? Vrh reethi vaahakaeh aee Maa sha Allah☺️?

    2. Faathii
      ????

      Yap. Daily koh up kuran v ma varah undhagoo. Ehenve huttaaly.. Ekam eba balan e story ninmeytho, so that i can upload it alun. In Shah Allah. But before that ehen dhigu story eh eba liyan. And nimunyma up kohladheynan. In Shah Allah. Hope this is a good news for everyone who loved to read my stories. 🙂 Jazaakumullah khair.

  5. Faathii

    Jazaakumullah khair. 🙂

  6. Fathimath

    Faathii he dhigu story akah inthizaar kurevey… Anwaar story miss vey.. Faathii Jana and aish noor are my fav writers in this site. May Allah bless you guys

    1. Faathii
      Fathimath

      May Allah bless u too..
      🙂

Comments are closed.