Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާފެއް ނުކުރާނަން ހެއްޔެވެ؟ 2

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
October 31, 2018 5 Mins Read
8 Comments

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އަހަންނަށް ހޭލެވުނެވެ. ފިލްމު ބަލަށް އޮވެފައި އާންމުކޮށް އަހަންނަށް ނިދޭނީ ބަންގީގެ އަޑަށެވެ. ރޭގައި ޖަންނަތުގެ ޚިޔާލުތަކުގައި އޮއްވައި އަހަންނަށް މާ އަވަހަށް ނިދުނީއެވެ.

އާންމުކޮށް ސްކޫލަށްދާން އެނދުންވެސް އަހަރެން ހިއްލާލަނީ ގަޑިން ޖެހެން ދިހަ މިނެޓަށް ވުމުންނެވެ. އެވެސް މަންމަ ގޮވައި ގޮވައި އޭތިވާ ފަހުންނެވެ.

ގަޑިން ހަގަޑި ބައިވިއިރު ތައްޔާރުވެގެން އަހަރެން ކޮޓަރިން ނުކުތީމެވެ. އޭރު މަންމަ އަހަންނަށް ގޮވަންވެގެން އަންނަނީއެވެ.

“އަނހާ. އަނެއްކާ ކޮންކޮޅަކުން އިރު އަރައިގެން އުޅޭ ދުވަހެއް. ރައްޔާން އަވަހަށް ނުކުމެ ނިކަން ބަލާބަ. އަހަރުމެންގެ އަޝްޖައުއަށް ކަމެއް ވެއްޖެހެން މަށަށް ހީވަނީ” އަހަރެން މާ އަވަހަށް ތައްޔާރުވެގެން އައުމުން މަންމަ ބައްޕައަށް ގޮވައިގެން ކޮޓަރިން ނެރުނެވެ. “ހެހެހެހެހެ. ޒިމްވެސް ދޯ. ދަރިފުޅާ ބައްޕަ ވަރަށް އުފާވެއްޖެ މަންމަ ނުގޮވަނީސް ދަރިފުޅު ހޭލައިގެން ތައްޔާރުވީމަ. ކުރިއަށް އޮތް ދުވަސްތަކުގަވެސް ދަރިފުޅު ތިގޮތަށް އަމަލުކުރާނެ ކަމަށް ބައްޕަ އުއްމީދު ކުރަން. އޯލެވެލްގަ ގެނައި ފަދަ ރަނގަޅު ނަތީޖާއެއް އޭލެވެލްގަވެސް ގެންނަން ވާނެއެނގޭ!” އަހަރެންގެ ކޮނޑުގައި ޖަހާލަމުން ބައްޕަ ނަސޭހަތް ދިނެވެ. އަހަންނަކީ އެއްވެސް އިރެއްގައި ބައްޕަ އަދި މަންމަ ކުރިމަތީ  ބަސްބުނާ ކުއްޖަކަށް ނުވުމުން އިސްޖަހައިގެން އިނދެ ބޯ ޖަހަމުން ގެންދިޔައީމެވެ.

ގްރޭޑް އަށަކާ ހަމައަށް އަންނަށްދެން އަހަރެން އޭ ރިޕޯޓްގެނައީމެވެ. އެންމެ މޮޅު ކުއްޖާއަށް ނުވިއަސް ދަށެކޭ ނުބުނެވޭނެއެވެ. ހިފަހައްޓާ އެއްވަރެއްގައި ނަތީޖާ ހިފެހެއްޓީމެވެ. އެހެނަސް އަށަކާ ހިސާބުން ކިޔެވުމަށްވުރެ އަންހެން ކުދިން އަހަންނަށް މުހިއްމުވިއެވެ. އަށެއްގެ ފުރަތަމަ ޓާމުގައި ދަށްވުމުން ބައްޕަ ވަރަށް ނަސޭހަތްދިނެވެ. އެ ނަސޭހަތް ކަންފަތުގައި ހަރުލާ ހުރީ ފަަސް މިނެޓަށެވެ. އަށެއް އަދި ނުވައެއްގައި އަހަރެން ފާސްވަނީ ކިރިޔާއެވެ. އަހަރެންގެ ނަތީޖާ ދައްވުނުން މަންމަމެން ވަރަށް ދެރަވިއެވެ. އެހެންވެ ދިހައެއްގެ އަހަރު އަހަރެން ވަރަށް ގަދައަށް ކިޔެވީމެވެ. އެކަމުގެ ނަތީޖާވެސް ވަރަށް ފޮންނެވެ. މަންމައާ ބައްޕަ އުފާވާވަރުގެ ނަތީޖާއެއް އަހަންނަށް ލިބުނެވެ. ހުރިހާ މައްދާއަކުން ފާސްވުމުގެ އިތުރަށް ފަސްއޭ އާއި އެއް އޭސްޓާ ލިބުނެވެ. ދެން ލިބުނީ ދެބީއެވެ. މުޅި ސްކޫލުންވެސް ދިވެހިން އޭ ސްޓާ ލިބުނީ އަހަންނަށެވެ. އެކަމާ އަހަރެން ވަރަަށް ފޮނިވެސްވީމެވެ.

ހަގަޑި ސާޅިސް އަށެއްވީއިރު އަހަރެން ހުރީ ކުލާހުގައެވެ. އަހަރެންގެ އިތުރަށް އެއްވެސް އެހެން ކުއްޖަކު ނާދެއެވެ. މޭޒުތައްވެސް ހުރީ ތަރުތީބު ނުކޮށެވެ.

ކުއްޖެއްގެ ހިލަމެއްވޭތޯ ބޭރަށް ބޯދިއްކޮށްލިއިރު ފަރި ހިނގުމެއްގައި ޖަންނަތު އަންނަތަން ފެނުނެވެ. ވަގުތުން އަހަރެންގެ ސިކުނޑިއަށް މޮޅު ޚިޔާލެއް ލިބުނެވެ. އަހަރެންގެ ހީވާގިކަން ޖަންނަތުއަށް ދެއްކުމަށްޓަކަައި މޭޒުތައް ތަރުތީބުކުރަން ފެށީމެވެ. އެންމެ ފުރަތަމަވެސް ތަރުތީބުކުރީ ޖަންނަތުމެން ތިބޭ ބަރިއެވެ.

ސަލާން ގޮވުމަށްފަހު ޖަންނަތު ކުލާހަށް ވަނެވެ. އަހަރެން ބަލާލުމާއެކު ލޯބިކޮށް ހީލިއެވެ. ޖަންނަތު ހާސިލް ކުރަން އަހަރެންގެ ހިތް ކުރިއަށްވުރެ ބޮޑަށް އެދުނެވެ. އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަވެސް ޖެހޭނީ އަހަރެންގެ އުޅުން ބަދަލުކުރާށޭ ހިތަށް އެރިއެވެ. ޖަންނަތު ކުރިމަތީގައި ވަރަށް ހަރުދަނާ މީހަކަށް އަހަރެންވާން ޖެހޭނެ ކަމަށް އަހަރެންގެ ހިތަށް ވިސްނައިދިނީމެވެ. މިއަދު ގަޑި ނުޖެހި ސުކޫލަށް އައުން އެއީ އެކަން ކުރަން އެޅުނު ފުރަތަމަ ފިޔަވަޅެވެ.

މޭޒުތައް ތަރުތީބު ކުރަން ޖަންނަތުވެސް އަހަންނަަށް އެހީވިއެވެ. އަންހެންކުއްޖަކަށް ވިއަސް ޖަންނަތު ނިކަން ބާރުގަދައެވެ.

ޖަންނަތު އިސްވެ އަހަންނާ ވާހަކަ ދެއްކިއެވެ. “ހައި އަޝްޖައު.” އަހަރެންވެސް ޖަވާބުގައި ހައިއޭ ބުނީމެވެ. އެވަގުތު ކޮޅު ތެރޭ އަހަންނާ ޖަންނަތުގެ އެކުވެރިކަން ބަދަހިވިއެވެ. ޖަންނަތަކީ ވަރަށް މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ ކުއްޖެއްކަން އަހަންނަށް އެނގުނެވެ. ދެންތިބި ކުދިން ކުލާހަށް އައި އިރު ފަންސާސް ފަހެއް ވެއްޖެއެވެ. އަހަރެން ކުލާހުގައި ހުރިތަން ފެނުމުން ކޮންމެ ކުއްޖަކުވެސް ކޮންމެސް ތަސްބީހަ ފައްޗެއް އަމުނާލައެވެ. ކުލާސް ޓީޗަރުވެސް ހީވީ އެހެންފަދަ ކަމެއްވެގެން އުޅުނު ހެންނެވެ.

އަހަރެން ވަރަށް ބަސްއަހައިގެން ފިލާވަޅުވެސް ފޮތަށް ނެގީމެވެ. އެއީ ވަރަށް މަދުން ނޫނީ ނުވާކަމެކެވެ. އަހަންނަށް ވެގެން އުޅޭ ގޮތް އެންމެ ފުރަތަމަ ވިސްނުނީ ޝައުންއަށެވެ.

“އަޝްޖައުއަށް ކުއްޖެއްދެކެ ލޯބިވެވިއްޖެދޯ؟” އެހެން ކުއްޖަކަށް ނޭންގޭނެހެން ޝައުން އައިސް އަހަރެން ގާތު ބުންޏެވެ. އަހަރެން ވަގުތުން ހޭންފެށީމެވެ. “ހަހަ ނޯ. ކަލޭއަށްވެސް އެނގޭނެ ދޯ މަ މީހެއްދެކެ ލޯބިނުވާނެކަން. އައި ޑޯންޓް ލަވް ހާ. އައި ޖަސްޓް ވަންނާ އިމްޕްރެސް ހާ.” އަހަރެން ބޭނުންވާ ގޮތް ޝައުންއަށް އަންގާލީމެވެ. އަހަރެން ޖަންނަތުދެކެ ލޮތްބެއް ނުވަމެވެ. އަހަރެންގެ ބޭނުމަކީ ޖަންނަތު އަހަރެންގެ ލިސްޓަށް އެރުވުމެވެ. ޕަރީއެއް ފަދަ ރީތި ކުއްޖާ ރާއްޖެއިން އެންމެ ފުރަތަމަ ނަގާ ލޯބިވެރިޔާއަށް ވުމެވެ. ހަފްތާއެއް ވަރު އުޅެފައި ދޫކޮށްލާނީއެވެ. އެއީ އަބަދުވެސް އަހަރެންގެ އާދައެވެ. އެއް ކުއްޖަކާ އެކީ އަހަރެން އެންމެ ގިނަ ދުވަހަށް އުޅެވުނީ ދެމަސްދުވަހުއެވެ. އެއީ އެންމެ ފުރަތަމަ ރަށްޓެހިވި ކުއްޖާއާ އެއްކޮށެވެ. ދެން ތިބި ކުދިންނާއެކު އެންމެ ގިނަވެގެން އުޅުނީ ހަފްތާއެއް ވަންދެކަށެވެ.

“އަޝްޖައު އަދިވެސް ތިއުޅުން ދޫކުރާކަށް ނުވޭތަ؟ ކިތައް ކުދިންނަށް ތިހެން ހަދަން ހިތުލައިގެން ތިއުޅެނީ؟” ޝައުން ހިތްހަމަނުޖެހުނެވެ. ފާޑެއްގެ ހުދާއަކާ ރަށްޓެހިވިފަހުން ހަގީގީލޯބި ނޫން އެއްޗެއްގެ ވާހަކަ އޭނަ ނުދައްކައެވެ. އަހަރެއް ވަންދެއް އެކަކާ އެއްކޮށް އުޅެން ޝައުންއަށް ކެއްވީތީވެ އަހަރެން ހަމަ އަޖައިބުވެ އަންތަރީސްވިއެވެ. ޖަންނަތުހާ ރީތި ކުއްޖަކަސް މާގިނަ ދުވަސް ވުމުން ހަމަގައިމު ވެސް އަހަރެން ފޫހިވާނެއެވެ. ޝައުންގެ “ހަގީގީ ލޯބި” ފިލާވަޅު މިއަދުވެސް އަހަންނަށް ނަގައިދެން ފަށަން އުޅުމުން ޗޮކެއް ކަނޑާލީމެވެ. “އަޝްޖައުއަށްވެސް ކޮންމެސް ދުވަހަކުން ލޯބި ވެވޭނެ. އެދުވަހަކުން ރިގްރެޓް ކުރާނެ ތިހެން އުޅެވުނީތީ!” ޝައުން ނުރުހިފައި ދިޔައެވެ. އޭނާ ކިތަންމެ ނުރުހުނަސް އަހަންނަށް އެހީވެދޭނެކަން އެނގޭތީވެ އަހަރެންވެސް އަޅައެއް ނުލަމެވެ.

ހުރިހާ ކުދިންވެސް ވަރަށް ބަސް އަހައިގެން ގަޑިއަށް ފިލާވަޅު ނިންމުމުން ކުޅުމުގެ ހުއްދަ ޓީޗަރު ދިނެވެ. ޓީޗަރުންގެ ހުއްދައާއެކު، އެހެން ކުލާސްތަކަށް އުނދަގޫ ނުވާނެހެން ކުޅުމަކީ އަހަރުމެން ސުކޫލްގައި ހުއްދަކަމެކެވެ. އަހަންނަކީ ކުޅެން އެހާ ފޯރި ހުންނަ މީހެއް ނޫނެވެ. އެހެނަސް ޝައުންމެން އާދޭސް ކުރުމުގެ އިތުރަށް ޖަންނަތުއަށް ފޮނިދައްކަން ކުޅެން އެއްބަސްވީމެވެ.

ހުރިހާ މޭޒުތަކެއް އެއްފަރާތަށް ޖެއްސުމަށްފަހު ކުޅެންވެގެން ހުސްތަން ހެދިއެވެ. ކުލާހުގެ ދެފަރާތުގައި ދެމޭޒު ބައިދަންފައި އެދެމޭޒު ގޯލަށް ހެދިއެވެ. ދެން ފެށީ ޓީމްބެހުމުގެ މަސައްކަތެވެ. އަހަރެން ކުޅެން އެއްބަސް ވުމުން އެއްޓީމަށް އެކަކު ގިނަވެއެވެ. އާންމުކޮށް ކުޅޭއިރު ކުޅެނީ ޓީމެއްގައި ތިން ކުދިންނެވެ. އެއީ ގޯލްކީޕަރާ ދެ ކުޅުންތެރިންނެވެ.

ޓިީމްބެހި އިރު އަހަރެންގެ ޓީމުގައި ތިބީ އަހަރެންގެ އިތުރަށް ޝައުންއާ ޒައްޔާނެވެ. އަރްހާންއާ ފައިހާން އަދި އަޔާލް ތިބީ އިދިކޮޅު ޓީމުގައެވެ. ނަހީކް ހުރީ ރެފްރީއަކަށެވެ. ސާރ ހުރީ އަންހެން ކުދިންނާ އެއްކޮށް މެޗު ބަލަން އެއްކައިރިއެއްގައި އިށީންދެގެންނެވެ.

ނަހީކު ތުން ފުމެލުމާއެކު ކުޅުން ފެށުނެވެ. އަހަރެން ހުރީ ގޯލްބަލަހައްޓާށެވެ. އާންމުކޮށް ނުކުޅެނެއް ކަމަކު ކީޕަރެއްގެ ހުނަރު އަހަރެންގައިގައި ހުއްޓެވެ. އަހަރެމެން ހަދާފައި އޮންނަ ގަވައިދުގައި ކީޕަރަށް ވެސް ބޯޅައިގައި އަތެއް ނުލެވޭނެއެވެ. ކަރުދާސް ބޯޅަ ދިފާއުކުރަން ޖެހޭނީ ފައިންނެވެ. ބޯޅަ މައްޗަށް ފައިން އެރުންވެސް މަނާވާނެއެވެ.

އަހަރެންގެ ކޮޅަށް ލަނޑު ޖެހުންވީ އަރްހާންމެންނަށް އުނދަގޫ ކަމަކަށެވެ. އަހަރެން ފައިން ބޯޅަ މަތަކުރާ ކޮންމެ ފަހަރަކު އަންހެން ކުދިންތައް ހަޅޭއްލަވައިގަނެއެވެ. ޖަންނަތުވެސް ވާއުއޭކިޔައެވެ. އަހަރެންގެ މޮޅުކަން ޖަންނަތައް ފެންނާތީވެ ނިކަން ފޮނިވެފައި އަހަރެން ހުރީމެވެ.

ގަޑި ނިމުމާއެކު ކުޅުން ހުއްޓާލުމަށް ސަރ ބުންޏެވެ. އަހަރުމެންވެސް ބަސް އަހައިގެން ކުޅުން ހުއްޓާލިމެވެ. މޮޅުވީ އަހަރުމެންގެ ޓީމެވެ. ކޮންމެ މީހަކު ހީވަނީ ހަމަ ދެންމެ ޝަވަރު ދަށުން ނުކުމެގެން އައިސް ތިބިހެންނެވެ.

ސަރ ކުލާހުން ނުކުތީ އަހަރުމެން ލައްވާ ކުލާސް ތަރުތީބުކުރުވުމަށްފަހުއެވެ. ގަދައަަށް ކުޅުމުގެ ސަބަބުން އެންމެ ތިބީ ވަރުބަލިވެފައެވެ. ކޮންމެ މީހަކު ފެންފުޅި ނަގައި އެއްފަހަރުން ދަމާލިއެވެ.

“ބްރޯ. ކަލޭ މާދަން އަރާނީ އަަހަރުން ޓީމަށް. ނުކުޅުނެއް ކަމަކު ކަލޭ ގަދަ އެނގޭ!” މައި ނޭވާ ލަމުން އަރްހާން ބުންޏެވެ. “ނޯނޯ. ޖެކް ކުޅޭނީ އަހަރުން ޓީމަށް” ޝައުން ވަގުތުން ދެކޮޅު ހެދިއެވެ. “ޖެކް” އަކީ އަހަރެންގެ އެކުވެރިން އަހަންނަަށް ކިޔާ އުޅޭ ނަމެވެ. އަންހެން ކުދިންގެ ތެރޭގައި އަހަރެން މަޝްހޫރީ “ޗައި ވާލާ” ގެ ނަމުންނެވެ. އެއްދުވަސް ވަރެއްގައި މާ މަޝްހޫރުވި ޗައި ވާލާ އަަހަރެން މާ ވައްތަރީ ޔޯލައެވެ. އެމީހުންނަށް ވައްތަރަސް އަހަންނަކަށް އަހަރެން ޗައި ވަލާއަކާ ވައްތަރެއް ނޫނެވެ. އޭނައަށް ވުރެ އަހަރެން މާ ރީއްޗެވެ.

އަހަރެން ކުޅޭނެ ޓީމަކާ ދޭތެރޭ ކުލާހުގައި ކުޑަ ދެބަސްވުމެއް އުފެދުނެވެ. ޝައުންއާ އަރްހާން ވަރަށް ފޯރީގައި އަރާރުން ވަމުން ދިޔައެވެ. ހީވަނީ ޓޮމް އެންޑް ޖެރީ ހެންނެވެ. އަންހެން ކުދިން ތައް މަޖާވެފައި ހޭން ތިއްބެވެ.

“ދެން ހުއްޓާލާ ވާވަރަށް ޒުވާބު ކުރެވިއްޖެއްނު! މަށެއް ދެން ނުކުޅޭނަން. ކަލޭމެންނަށް ވެސް އެނގެއެއްނު ފުޓުބޯޅައަކީ މައޭ އެހާ ލައިކްވާ އެއްޗެއް ނޫންކަން. ފުޓުބޯޅައިގެ އަލިފެއް ބާއެއް މަށަކަަށް ނޭންގެ. ކަލޭމެން އާދޭސް ކުރާތީވެ މިއަދުވެސް އަހަރެން ކުޅުނީ!” ޝައުންއާ އަރްހާން ނުހުއްޓި ކަމަށް އަހަރެން ބުނީމެވެ. ވަގުތުން ދެ މީހުންގެ މޫނު މިލާ މޯޅިވިއެވެ.

ބެލް ޖެހުމާއެކު އެންމެން ތިރިއަށް ފޭބިއެވެ. އަހަންނާ ޝައުން ގެއަށް ދާން ނިކުތްއިރު ޝައުންގެ ލޯބިވެރިޔާ ހުދާވެސް ނުކުންނަނީއެވެ. ހުދާ ފެނުމުން އަހަންނަށް ހަނާ އަޅާލަމުން ޝައުން ދިޔައީ ހުދާ ގާތަށެވެ. އަހަރެންވެސް ޝައުންއަށް ހަނާ އަޅާލުމަށްފަހު ޖެހިގެން އިން މަގަށް އަޅާލަންވެގެން އެނބުރުނީމެވެ. އެނބުރުނު ވަގުތު ކުރި މަތީގައި ހުރި ޖަންނަތު ފެނި އަހަރެން ސިއްސައިގެން ދިޔައެވެ. ޖަންނަތުގެ މޫނަށް އެރި ކުލަވަރުން އޭނާވެސް ސިހިނުކަން އަހަންނަށް އެނގުނެވެ.

“މްމް އަޝްޖައު. ކޭން ޔޫ ހެލްޕް މީ. އައި ފޮގޮޓް ހައު ޓު ގޯ ބެކް ހޯމް.” ޖަންނަތުއާ އިތުރަށް ގުޅުން ބަދަހި ކުރަން އަހަންނަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ލިބުނު ފުރުސަތުގެ ބޮޑު ކަމުން ހުރިހާ ދަތްތަކެއް ފެންނަ ވަރަށް އަހަންނަށް ހެވުނެވެ.

ޖަންނަތު އުޅޭގެ ހުންނަނީ އަހަރެމެންގޭ ކައިރީގައެވެ. އަހަރެން ހިތްއެދޭ ކަންތައް ކުރަން އިތުރަށް ފަސޭހަވީއެވެ. މާދަމާ ހަގަޑި ބައިގަ ޖަންނަތު ބަލާ އަންނާނެކަމަށް ބުނެފައި އަހަރެން ގެއަށް ދިޔައީމެވެ.

“އަނހާ ދަރިފުޅާ ހާދަ ހެވިފަ؟” ގެއަށް ވަންއިރުވެސް އަހަރެން ހުރީ ހެވިފައިކަން އެނގުނީ ބައްޕަގެ ސުވާލުންނެވެ. އަހަރެން ބޯކަހާލުމަށްފަހު އިތުރު އެއްޗެކޭ ނުބުނެ ކޮޓަރިއަށް ދިޔައީމެވެ.

ކޮޓަރިއަަށް ވަން ގޮތަށް ދަބަސް ސްޓަޑީ ޓޭބަލް މަތީ ބެހެއްޓުމަށްފަހު އެނދަށް ވެއްޓިގަތީމެވެ.

ކުއްލިއަކަށް ހޭލެވުނީ މޫނަށް ފިނި ފެން  އެޅުމުންނެވެ. އޭރު އުނގަނޑުގައި ކަނާއަތް ވިއްދައިގެން އަނެއް އަތުން ފެންޖަގެއް ހިފައިގެން މަންމަ އިނެވެ. “ކޮން އިރެއް މިހާރު ގޮވާތާ! ޔުނީފޯމްވެސް ބަދަލުނުކޮށް ނުވެސް ކައި ހަމަ ގަދަ ނިދީގަ. ގޮވާ ގޮވާ ނުހޭލިކަމަށް ފެން މިޖެހީ. މަށަށް ވާ ދަރިއެއް ލިބިފަ މިހިރީ. ސަހާދެއް!” މަންމަ އަކަުރުތަކަށް ދަމަމުން އެއްޗިހި ކީ ގޮތުން އަހަންނަށް ހެވުނެވެ. “ސޮރީ. މިއަދު އަވަހަށް ހޭލެވުނީމަ ކުޑަކޮށް ނިދުނީ.” ކުޑަކުއްޖެއް ފަދައިން ވަރަށް މައުސޫމްކޮށް އަހަރެން މާފަށް އެދުނީމެވެ. “ދެންވެސް އަވަހަށް ކާން އާދެ. ތި ޔުނީފޯމް ދާވަށިގަނޑަށް އެނގޭ ލާނީ!” އެހެން ބުނުމަށް ފަހު ކޮޓަރި ދޮރު ލައްޕާފައި މަންމަ ދިޔައެވެ.

އަހަންނަކީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންވެ މަންމަ އަދި ބައްޕަވެސް އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. ބައެއް ފަހަރު މަންމަ އަހަންނާ ދިމާއަށް އަޑު ލިއަސް އެއީ ލޯބިންކަން އަހަންނަށް އެނގެއެވެ. އެމީހުން އަހަންނަށް އެއްވެސް ކަމެއް އުނިވިޔަކަށް ނުދެއެވެ. ތަނަވަސް ބައެއް ކަމުން ބޭނުން އެއްޗެއް ބޭނުން ވަގުތަކު އަހަންނަށް ބައްޕަމެން ހޯދައިދެއެވެ. އަންހެން ކުދިންވެސް އެވަރަށް އަހަންނާ ހެދި މޮޔަވަނީ ރީތިކަމާ އެއް ވަރަށް މުއްސަނދިވެސް ވީމައެވެ.

ފެންވަރައި ރީތި ވެގެން ނަމާދުކޮށްގެން އަހަރެން ކާން ނުކުތީމެވެ. ކިތަންމެ ފޮނިވެފައި “ޕްލޭ ބޯއި” އެއްހެން އުޅުނަސް އަހަރެން ބަރާބަރަށް ނަމާދުކުރަމެވެ. ފަތިސް ނަމާދާއި މެންދުރު ނަމާދުފިޔަވާ ހުރިހާ ނަމާދެއް ޖަމާއަތުގައި ކުރަމެވެ.

ކައިގެން އެނބުރި ކޮޓަރިއަަށް އައިސް އަހަރެން ފޯނު ހުޅުވާލީމެވެ. އޭރު އިންސްޓަގްރާމުން ބައިވަރު ނޮޓިފިކޭޝަން އައިސަށް ހުއްޓެވެ. އަހަރެން އަވަހަށް ނޮޓިފިކޭޝަންސްތައް ހުޅުވާލީމެވެ. ޖަންނަތު އަހަންނަށް ފޮލޯ ކޮށްފައި ހުރިހާ ފޮޓޮއަކަށް ލައިކް ދީފައި ހުއްޓެވެ. އުފަލުން ގޮސް އަހަންނަށް ފުއްމައިގަމެވުނެވެ. ދުވަހުގެ ބާކީބައި އަހަރެން ހޭދަ ކުރީ ޖަންނަތުއާއި ވާހަކަ ދެއްކުމުގައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އެވްލީން… 28

Next

އެވްލީން… 29

Next
October 31, 2018

އެވްލީން… 29

Previews
October 31, 2018

އެވްލީން… 28

8 Comments!

  1. Kiyara says:
    October 31, 2018 at 4:36 pm

    Slm alaikum. Mi bai ves hurihaa kiyuntherinnnah kamu dhaane kamah ummedhu kuran♥️
    Kiyara

  2. Uknwme;) says:
    October 31, 2018 at 4:49 pm

    Yes yesss i luvvvv it ❤❤❤

  3. Kiyaa's fan?? says:
    October 31, 2018 at 4:50 pm

    Wslm.. Maa sha Allah.l Vrh furihama.. Ashjau noonakas I ah ves funmaiganevunu mi part upvefa inthan fenifa..???? ??????????????

    1. Shaina says:
      October 31, 2018 at 5:43 pm

      Me too???????????

  4. Alyra says:
    October 31, 2018 at 9:00 pm

    varah salhi… dhen oii bai varah kiyaa hiy vejje!!!!!!

  5. Kiaraa says:
    November 1, 2018 at 12:44 pm

    Beautiful

  6. Kiaraa says:
    November 1, 2018 at 1:09 pm

    When is the next part uploading

  7. $#@¥@ says:
    November 1, 2018 at 3:04 pm

    Love it

Comments are closed.

Next Episodeމާފެއް ނުކުރާނަން ހެއްޔެވެ؟3←


All Right Reserved!