Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދޭތޯ މަންޒިލެއް… 1

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 6, 2018 5 Mins Read
13 Comments

ފަތިހަށް އަލިވިލިގެން އައިއިރު ވެސް ވެހެމުން ދިޔަ ވާރެއަށް އެއްވެސް ބަދަލެއް ނާދެއެވެ. އިހުނަށްވުރެ ވައި ބާރުވެފައިވާއިރު އިރުއިރުކޮޅާ ޖައްވު އަލިކޮށްލާ ވިދުންތަކާ ވިދިގެން އިވިގެންދަނީ ބާރު ގުގުރީގެ އަޑެވެ. ވާރޭގެ ސަބަބުން ތެތްފިނިކަން ސަވާރުވެފައިވާ، އިސްކޮޅުގެ ދިގުމިނުގެ ކުޑަދޮރު ކައިރީގައި މަޑުކޮށްލައިގެން ހުރި މާއީގެ ނަޒަރު ސީދާ ވެފައިވަނީ ބޭރުތެރޭގައި އުފެދިފައި އޮތް ތޫފާނަށެވެ.

ހަލަބޮލި ވެފައި އޮތް މާހައުލުގެ ތެރެއަށް ނަފުސު ދޫކޮށްލަން އެދެވުނު ކަމުގައި ވިޔަސް އެކަމެއް އޭނައަކަށް ނުކުރެވުނެވެ. ވިސްނެމުން ދިޔަ ކަންތަކުން އޭނަގެ ސިކުނޑީގެ ނާރުތަކަށް ވަނީ ވާންވެފައެވެ. އެކަމުން ބޮލުގައި ރިހުމެއް ވެސް އެކުލެވިފައި ވިއެވެ. ލޮލުގެ ހިމަކޮޅުންލާފައި ފައިބައިގެން ދިޔަ ކަރުނަ ރަމުޒުކޮށްދެނީ އެމޭގައި އުފެދިފައިވާ ހައިޖާނުގެ ދިލަހޫނުކަމެވެ. މަޑު އާހެއް އެތުންފަތް ފޫއަޅުވާލާފައި ނިކުތް އިރު އަނެއްކާ ވެސް އެދިގު އެސްފިޔަތައް ބަރާވެގެން އައީ ތާޒާ ކަރުނުންނެވެ. ދެވަނަ ފަހަރަށް އާހުތަކުގެ އަޑު ބޭރުވިޔަ ނުދިނުމުގެ ގޮތުން މަޑު ފިޔާތޮށިކުލައިގެ ތުންފަތުގައި ބާރަށް ދަތްއަޅާލިއެވެ. އޭނަގެ ހިތާމަތައް ސިއްރުކުރަން އުޅޭ ފަދަ އެވެ. އެއަލި މޫނުގެ ދިރުން ގެއްލިފައިވިއިރު ހިތާމައާއި ހިތްދަތިކަމުގެ ތަސްވީރެއް ފަދައެވެ.

ތަޤުދީރުގެ ނިންމުންތަކާ މެދު އޭނަގެ ހިތުގައި އެތައް ޝަކުވާތަކެއް ވިއެވެ. އުފަލެއް އޭނަގެ ނަސީބުގައި ހަމަ ނެތީ ބާވައެވެ. ދިރިއުޅުމަށް ކުރަމުންދާ ކޮންމެ އުއްމީދެއް ވިއްސިވިހާލިކޮށްލާ ފަދަ ތޫފާންތައް ބޯމަތިވަނީ ކީއްވެ ހެއްޔެވެ؟ އޭނަ ކެތްކުރަން ބޭނުމެވެ. ނަމަވެސް ހުރިހާ ހިތާމައެއް ހިތުގައި ވަންހަނާ ކުރުމުގެ ސަބަބުން އޭނަގެ ހިތް އެވަނީ ބަލިކަށި ވެފައެވެ. އެކަމަށް ބަރުދާސްތުކުރުން ވެފައިވަނީ އިތުރު ވޭންތަކެއް ދެނިވި ކަމަކަށެވެ. އުއްމީދެއް ނެތް ދިގު ރާސްތާއެއްގައި އޭނަ ތާށިވެފައިވާ ކަހަލައެވެ. އެއްވެސް އަލިމަގެއް ނެތް ފަދަ އެވެ. ކޮންމެ އިރެއްގައި ވެސް އުއްމީދުގެ ހުޅުކޮޅު ނިވި ހަޔާތަށް އަނދިރިކަން ވެރިވާދާނެ ކަމުގެ ބިރު އެހިތުގައި އޮތެވެ.

”މާ..އީ…”

މުޅި މާހައުލަށް ވެރިވެފައި އޮތް ހަމަހިމޭންކަން ފޫއަޅުވާލި އަޑު ކަންފަތާ ހަމައަށް ފޯރުމާއެކު އަވަސްއަވަހަށް މާއީ ކަރުނަތަށް ފޮހެލިއެވެ. އަދި އެތެރެއަށް ލީ ނޭވާއާއެކު މޭގެތެރޭގައިވި ހައިޖާންގަނޑު ހިންދާލަން މަސައްކަތްކުރި އެވެ. ހިކިފައިވި ތުންފަތުގައި ދޫ ހިންގާލުމަށްފަހު ހިނިތުންވެލަން އޭނަ މަސައްކަތްކުރިއެވެ. އަދި ފަސްއެނބުރިލަމުން ކުޑަދޮރާއި ތަންކޮޅެއް ދުރުގައި ހުރި އެނދުގައި އޮތް ބަލިމީހާއަށް ބަލާލިއެވެ. އެއާއެކު އޭނަގެ ހިތްވަރު އެލިގެން ނުދިޔައީ ކިރިޔާ އެވެ.

ތަފާތު މެޝިންތައް ގުޅާފައިވިއިރު އެމެޝިންތައް މަސައްކަތްކުރާ އަޑު އިރުއިރުކޮޅާ އިވިގެންދެ އެވެ. އޭގެ ސަބަބުން އެނދުގައި އޮތް ބަލިމީހާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. މުޅި މީހާ ހިކި އަނަރޫފަވެފައި ވާއިރު ހަށިގަނޑުގެ ހަންގަނޑު ކަށިތަކުގައި ތަތްލާފައިވާ ފަދައެވެ. މޫނުމަތި ވެސް މިލައިގެން ގޮސްފައި ވިއިރު ދެލޯވަނީ ވަޅުވަދެފައެވެ. ދެލޮލުގެ ވަށައިގެން ލެވިފައިވަނީ އާދަޔާ ހިލާފު ކަޅުކަމަމުގެ ދާއިރާ އެކެވެ. ހިކިގެން ގޮސްފައިވި ތުންފަތް ވަނީ ތަންތަންކޮޅުން ފަޅައިގެން ގޮސްފައެވެ. ބޮލުގެ އިސްތަށިތަކުގެ އިތުރުން ބުމައާއި ލޮލުގެ އެސްފިޔަތައް ވެސް ވަނީ ފައިބާފައެވެ. ނޭވާތައް ލަސްލަހުން ދޫކުރަމުން ދިޔައީ އެކަމުން ވެސް ހަށިގަނޑަށް ވޭން އިހުސާސްކުރެވޭ ފަދައަކުންނެވެ.

”ޒިވާން… ހޭލީ ދޯ…”

މާއީ ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު މެޔަށް ބާރުވަމުންދާ އިހުސާސް ކުރެވުނެވެ. އޭނަ އައިސް ބަލިމީހާ އޮތް އެނދުގެ ކައިރީގައި ހުރި އެހީތެރިޔާއަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނެވެ. އަދި ޒިވާން އާއި ލުއި ހިނިތުންވުމެއް ބައްދަލުކޮށްލަން އުޅުނެވެ. އެހެނަސް އޭނައަށް އެކަމެއް ކާމިޔާބެއް ނުކުރެވުނެވެ.

ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނުކަމުގައި ވިޔަސް މާއީގެ ހުރިހާ ހިތާމަތަކެއް ޒިވާންއަށް ފާހަގަކުރެވުނެވެ. އެމަޑު މުށިކުލައިގެ ދެލޮލުގެ ތެރޭގައި ވަންހަނާ ކުރަން އުޅޭ ކަރުނަތަކެވެ. މިލައިގެން ގޮސްފައިވާ މޫނުމަތިން އެހިތުގެ އުދާސްތައް ރަމްޒުކޮށްދޭ ގޮތެވެ. ހިނިތުންވެލަން އުޅުނުކަމުގައި ވިޔަސް ފެނިގެންދާ ރިހުންތަކެވެ. އެއާއެކު ވަގުތުން މާއީ ގެނެސް އެމޭގެތެރޭގައި ފޮރުވާލައި އެހިތާމަތަކާ ދުރަށް ގެންގޮސްދޭން އޭނަ ބޭނުން ވިއެވެ. އެހެނަސް އޭނަގެ ނުކުޅެދުންތެރިކަން ހަނދާންވި ހިނދު އެދެލޮލުގެ ހިމަކޮޅުންލާފައި ކަރުނަ ތިއްކެއް ފައިބައިގެން ދިޔަ އެވެ.

މިފަދަ ހިތްދަތި ދުވަސްތަކެއް ދުވަހަކު ވެސް ބައްދަލުކޮށްފާނެ ކަމަކަށް ޒިވާން ހިޔެއް ވެސް ނުކުރެއެވެ. އޭނަ އުއްމީދުކުރި ދިރިއުޅުން ލިބި އެއިން ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި މަހުރޫމުވެދާނެއެކޭ ވެސް ހިޔެއް ނުކުރެއެވެ. ނަމަވެސް ތަޤުދީރުގެ ރޭވުންތެރިކަމާ އޭނަ ދެކޮޅުހަދާނީ ކިހިނެއް ހެއްޔެވެ؟ ވެދިޔަ ކަންތައް ބަދަލުކުރެވޭނެ ނަމަ އޭނަ އެކަން ކުރިތާ ކޮން ދުވަހެއް ހެއްޔެވެ؟ އޭނަ ލަސްލަހުން ނިމިގެންދާ ހިތްދަތި މަންޒަރު ދުވަހަކު ވެސް މާއީއަށް ފެންނަން އޭނަ ބޭނުމެއް ނުވެއެވެ. އެލޮލުން ދުވަހަކު ކަރުނަ ތިއްކެއް ވެސް ފޭބިޔަ ނުދޭން އޭނަ ކުރި ވަޢުދެއް ވެސް ފުއްދައެއް ނުދެވުނެވެ. ލޯތްބާއި އުފާވެރިކަމާއެކު އުމުރަށް ވާނަންކަމުގައިވި ވަޢުދު ވެސް މެއެވެ.

”ޒިވާން…”

ދެފަރާތަށް ބޯހޫރާލަމުން ޒިވާންގެ ލޮލުން ފޭބި ކަރުނަތައް މާއީ ފޮހެލަދިނެވެ. އަދި ނިކަން ފަރުވާތެރިކަމާއެކު ޒިވާންގެ އަތްތިލައިގައި ހިފާލީ އޭނަގެ އެއަމަލުން ޒިވާންއަށް ވޭނެއް ލިބިދާނެތީ ފަރުވާތެރިވާ ހާލުގައެވެ.

ޒިވާންއާއި މާއީގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު ފާޅުކޮށް ދިނީ އެއް ޖަޒުބާތުތަކެކެވެ. ތަޤުދީރުގެ ނިޔާއާ މެދުގައިވި ޝަކުވާތަކެވެ. އެހުރިހާ ހިތާމައެއްގެ ތެރޭން ވެސް އެކަކު އަނެކަކަށްވީ ލޯބި ފެނިގެން ދެއެވެ. ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި މާއީގެ ދެލޯ ފުރިގެން އައެވެ. ޒިވާންގެ ކުރިމަތީގައި ކެތްކުރަން ބޭނުންވި ކަމުގައި ވިޔަސް އޭނަގެ ނަފުސު ބަލިކަށިވެގެން ދިޔައީއެވެ. އޭނައަށް ދެން އެހިތާމަތަކެއް ބަރުދާސްތެއް ނުކުރެވޭނެއެވެ. އެހިތް ބިރުގެންފައިވާ މިންވަރެއް ވެސް މެއެވެ.

މަޑު ގިސްލުމެއް މާއީގެ ތުންފަތް ފޫއަޅުވާލާފައި ނިކުތެވެ. އޭގައިވި ރިހުމާއި ވޭން ޒިވާންގެ ހިތުގެ އެންމެ ހިމަނާރާ ހަމައަށް ވެސް ވާސިލުވި އެވެ. އެވަގުތު ހަށިގަނޑުގައި އެޅީ ތަފާތު ވޭނެކެވެ. މުޅި މީހާއަށް އެނގުން ގެނުވި ކަހަލައެވެ.

”ޕްލީޒް ސްޓޭ…”

ރޮވިފައިވާ އަޑަކުން މާއީ އާދޭސްކުރިއެވެ. ޒިވާންއާއި ވަކިވެގެންދާކަށް އޭނަގެ ނަފުސު ތައްޔާރެއް ނޫނެވެ. އެކަމަށް ދުނިޔޭގެ ކޮންމެ ބާރަކާއި ވެސް ހަނގުރާމަކުރަން އޭނަ އެހުރީ ތައްޔާރަށެވެ. އެހެނަސް އެއީ ވުން މުސްތަޙީލުކަމެއްކަން އޭނައަށް އެނގެ އެވެ.

”ޝްޝްޝް…”

ޒިވާން މަޑުމަޑުން ބުނެލިއެވެ. ކަރުތެރެ ހިކި ފާރުވެފައި ވާތީ އޭނައަށް ވާހަކަދެއްކުންވީ އުނދަގޫކަމަކަށެވެ. އެއަޑުގައި ކުރަކިކަން އުކުލެވިގެންވީ އެހެންވެ އެވެ.

ޒިވާން ބުނިކަމުގައި ވިޔަސް މާއީއަށް ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. މޭގައި އުފެދިފައިވި ހައިޖާނަށް ލުޔެއް ހޯދަދޭން އޭނަގެ ހިތް އެދޭތީ އެވެ.

”ޕްލީޒް…”

އަނެއްކާ ވެސް އާދޭހެވެ. އެއްވެސް ހާލެއްގައި ޒިވާންއާއި ވަކިވެގެންދާކަށް މާއީ ބޭނުމެއް ނޫނެވެ. އެލޯތްބާއި އޯގާތެރިކަން އޭނައަށް އިންތިހާއަށް ބޭނުމެވެ. ވަކިން ހާއްސަގޮތެއްގައި އޭނަ މިހާރު އިން ހާލަތުގެ ސަބަބުންނެވެ. ޒިވާންއާއެކު ދިރިއުޅުމުގެ ހުރިހާ އުފަލެއް ހާސިލުކުރަން އޭނަ ބޭނުމެވެ.

ޒިވާންއަށް އެހިތުން ދެވިފައިވަނީ މަތިވެރި ދަރަޖައެކެވެ. އޭނަ އެކަނިވެރިވެ ދިރިއުޅުން މަތިން ފޫހިވެފައި ވަނިކޮށް، ވީރާނާވެފައިވި އޭނަގެ ހަޔާތް އާރާސްތުކޮށް ދިން ފަރާތަކީ ޒިވާން އެވެ. އޭނައަށް ލޯބިވާން ދަސްކޮށްދިން ފަރާތަކީ ވެސް އެއެވެ. އޯގާތެރިކަމާއި، ރައްކާތެރިކަން އިހުސާސްކޮށްދިން ފަރާތަކީ ވެސް މެއެވެ. އެހެނަސް މިހާރު އޭނަގެ ހިތް ބިރުގަނެއެވެ. އަނެއްކާ ވެސް އިހުގެ އަނދިރި ދިރިއުޅުމަށް އޭނަގެ ނަފުސު ހުށަހެޅިގެން ހިނގައިދާނެތީއެވެ. ދިރިއުޅުން ހީނަރުވެ މިންޖުވެވެން ނެތް އުދާސްކަމުގެ ކަސްތޮޅުތަކެއްގެ ތެރޭގައި ގައިދު ވެދާނެތީ އެވެ.

މާއީގެ އާދޭސްތަކަށް ބޯލަނބަން ޒިވާން ނުހަނު ބޭނުމެވެ. ދެމަފިރިން އެކުގައި ބިނާކުރި ގުލްޝަނުގެ އާރޯކަން ލިބެން ވެސް މެއެވެ. އެހެނަސް އެދެލޯބިވެރިންނަށް ހުރަހަކަށް ވީ ވަގުތެވެ. ވަގުތު ވެގެންދިޔައީ އުފަލާއި ހިތްހަމަޖެހުން ނެތިކޮށްލަން އައި ރަހުމު ކުޑަ ދުޝްމިނަށެވެ. ބަސްބުނާހާ މަދު ހިނދުކޮޅެއްގެ ތެރޭގައި ޒިވާންއާއި މާއީގެ އުފާވެރި ހަޔާތް މިހާރު އޮތް ވޭނާއި ކެކުޅުމުގެ ބާބުގެ ތެރެއަށް ހުށަހެޅިގެން އައީ ސިހުން ގެނުވާފައެވެ. އެފަދަ ކަމަކަށް ތައްޔާރު ވެސް ނުވެވެނީހެވެ. މަންޒަރު ބަދަލުވެ ގޮތް ހުސްވެފައި ވިއެވެ. އެކަކު އަނެކަކާއި ވަކިވާން ނޭދުނު ކަމުގައި ވިޔަސް ދާދި ގާތުން ހަނާ އަޅަމުން އައި ހަޤީޤަތް ޤަބޫލުކުރަން މަޖުބޫރުވެފައިވާ ފަދަ އެވެ. ނަމަވެސް ފަހު ވަގުތާ ޖެހެން ދެން ވެސް އުއްމީދު ކަނޑަލަން މާއީ ބޭނުމެއް ނުވެއެވެ. އެހެނަސް ލޯކުރިމަތިން ފެންނަ ހަޤީޤަތަށް އޭނައަށް ކަނު ލޮލެއް ދެވޭނީ ކިހިނެއް ހެއްޔެވެ؟ ވަގުތު އެވަނީ އިންތިހާއަށް ކުޑަތަން ވެފައެވެ. ކޮންމެ ހިނދެއްގައި ވެސް ތައްޔާރުނުވެވޭ ހާލުގައި އެގިލަންވެރިކަމާ ކުރިމަތިލާން ޖެހިދާނެއެވެ.

”މާއީ ރޮންޏާ އަހަރެން ހިތަށް އަސަރުކުރާކަން އެނގެއެއްނު…”

މާއީގެ ކޯތާފަތުން ރޮނގުދަމާލާފައި ފައިބަމުން އައި ކަރުނަތައް ދަތްދޮޅީގެ ކޮޅުންލާފައި އޮހޮރެމުން ދިޔަ އެވެ. ޒިވާން އޭނަގެ އަތްތިލަ އުފުއްލާލަމުން އެކަރުނަތައް ފޮހެލަދިނެވެ. ޒިވާންގެ އެބީހިލުމުން ވެސް މާއީގެ ހިއްސުތަކަށް އެނގުން ގެނުވިއެވެ. އޭނައަށް ޒިވާންގެ އަތްތިލައިފައި ހިފަހައްޓާލެވުނީ އަސަރާއެކުގަ އެވެ. އަދި ހަށިފުރާ ދޫކޮށްލި ނޭވާއާއެކު އުދާސްތައް ދިރުވާލަން އުޅުނެވެ. އޭނަ ރޮންޏާ ޒިވާންގެ ހިތަށް ކުރާނެ އަސަރުތައް އޭނައަށް ރަގަޅަށް އިހުސާސް ވެއެވެ. އެދެމެދުގައިވާ ހިތާހިތުގެ ގުޅުމުގެ ސަބަބުން އެއްވެސް ކަމެއް އެދެމެދުގައި ސިއްރެއް ނުވެއެވެ. އެހެނަސް ނަފުސު ބަލިކަށިވާ ހިނދު އޭނައަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެވެއެވެ.

”އެނގޭ… އެކަމަކު…”

މާއީ އޭނަގެ ޖުމުލަ ފުރިހަމަނުކޮށް ދޫކޮށްލިއެވެ. އެދުލުން އިތުރަށް ބޭރުވެދާނެ ލަފުޒުތަކާ މެދު އޭނަ ބިރުގަތީއެވެ. އެއީ އޭނަ ޤަބޫލުކުރަން ބޭނުންނުވާ ހަޤީޤަތަށް ވާތީއެވެ. އެކަމުން އެހިތަށް އިތުރު ތަކުލީފެއް މެނުވީ ނުލިބެއެވެ. އެއިންކޮންމެ ފަހަރަކު ނަފުސުގެ ބަލިކަށިކަމާއި ނުކުޅެދުންތެރިކަން ހާމަވެގެން ދެއެވެ. ހެއްދެވި ފަރާތަށް ނުހަނު އާދޭހާއެކު ދެންނެވެނީ އަލިމަގެއް ދެއްކެވުން އެދި އެވެ. ހިތާމަޔާއި ހިތްދަތި ކަމުގެ ކަޅުވިލާތަކު ތެރޭން އުއްމީދުގެ ދޯދިތަކުން ހަޔާތަށް އަލިކަން ގެނެސްދެއްވުން އެދި އެވެ.

”މާއީ… އެކަކު ނުބުނިކަމުގައި ވިޔަސް އަހަންނަށް އެނގޭ ދެން އަހަރެން ރަގަޅުނުވާނެކަން، ކޮންމެ ދުވަހަކު މާއީ އަހަންނަށް އަންގާދޭން އުޅެނީ ހުރިހާކަމެއް ވެސް ރަގަޅުވެދާނެކަން… އެކަމު މިހާރު ތިދެލޮލުން ފެންނަ ކަރުނަތަކުން އަހަންނަށް ހުރިހާކަމެއް އަންގައިދޭ… މިއަދު ހެދި ޓެސްޓްތަކުގެ ނަތީއަކީ އެއީދޯ؟…”

ދައްކަން އުނދަގޫ ކަމުގައި ވިޔަސް މާއީ އޮއްބާލަން އުޅުނު މައުޟޫއަށް ޒިވާން ވާހަކަދެއްކިއެވެ. ދެމީހުން ވެސް އެހަޤީޤަތަށް ފިލަން އުޅުނުކަމުގައި ވިޔަސް އެކަމެއް ނުވާނެއެވެ. އެއީ އިލާހީ ޤާނޫނެވެ. ބަދަލުވުމެއް ނެތް ކަމެކެވެ. އެކަމާއި ބައްދަލުކުރަން ހިތް ނޭދުނަސް ތައްޔާރުވާން އެވަނީ މަޖުބޫރު ވެފައެވެ. ވަގުތު އިންތިހާއަށް ކުޑަތަންވެފައިވާކަން އޭނައަށް ރޭކާ އެބަލައެވެ. އޭނަގެ ހަށިގަނޑު އެވަނީ ކެސްރާއި ހަނގުރާމަކޮށް ބަލިކަށިވެފައެވެ. އެފަދަ ނިކަމެތި ހާލެއްގައި އޭނަ ވަނިކޮށް މާއީއަށް ފެންނަން ނޭދުނުކަމުގައި ވިޔަސް މިހާރު އެވަނީ ކަންވެ ނިމިފައެވެ. ދެން އޮތީ އެއަށްވުރެން ހިތި ހަޤީޤަތަކާ ކުރިމަތިލާން ޖެހޭ ވަގުތު އައިސް ޖެހިފައެވެ. މިހާރުއްސުރެ އެކަމަށް ތައްޔާރުވުން ނޫން ގޮތެއް ނެތެވެ.

”މާއީ…”

ހަމަހިމޭންކަން ވެރިވެފައިވި މާއީއަށް ބަލަން އޮވެފައި ޒިވާން ގޮވާލިއެވެ. އެއަޑުގައި ރިހުމެއް ވިއެވެ.

މަންޒަރު ފުސްވެގެންއައީ ލޮލަށް ޖަމާވި ކަރުނުންނެވެ. އޭރު މާއީގެ ކަންފަތުގެ ތޫރީގެ ތެރޭގައި ރަނގަބީލެއްގެ ސިފައިފައި ތަކުރާރުވަމުން އައީ ޒިވާން އެންމެފަހުން ހެދި ޓެސްޓްތަކަށް ބިނާކޮށް ޑޮކްޓަރު ފާޅުކުރި ނަތީޖާއަށެވެ. ކެންސަރު އެންމެފަހުން ކުރި ހޯދީ އޭގެ މޫތައް މުޅި ހަށިގަނޑަށް ފަތުރާލައި މަރުގެ ތުންފަތްމައްޗަށް ހުށަހަޅަމުންނެވެ. ޑޮކްޓަރީ އެއްވެސް ފަރުވާއަކަށް އެކަމަށް ކުރިއެއް ނުހޯދުނެވެ. އެއާއެކު ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލާފައެވެ. އެއީ އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ނާޒުކު އެހިތް އެވަނީ ހަލާކުވެފަ އެވެ.

ރޮމުންރޮމުން މާއީއަށް ޒިވާންގެ މޭގައި ބޯއަޅާލެވުނެވެ. އެހިނދު ޒިވާންއަށް މަޑު އާހެއްގެ އަޑު ބޭރުކޮށްލެވުނެވެ. އެއާއެކު އޭނައަށް އަސަރާއެކު ލޯމަރާލެވުނެވެ. މާއީ ނުބުނިކަމުގައި ވިޔަސް އޭނައަށް ހުރިހާކަމެއް ފަހުމުވެ ނިމިއްޖެއެވެ. މަރާލެވިފައިވި ދެލޮލުގެ ހިމަކޮޅުންލާފައި ކަރުނަތައް ފޭދިގަތެވެ. އެދެމަފިރިންނަށް ވަގުތެއް ނެތެވެ. ލޯތްބާއި އުފާލާއެކު ބިނާކުރަމުން އައި އުފާވެރިކަމުގެ ގަނޑުވަރު ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އެދިޔައީ ބިމާ ހަމަވެގެންނެވެ. އެކުގައި ދެކުނު ހުވަފެންތަކުގައި ކުލަ ނުޖެހެނީސް ބިލާހަކަށް ބަދަލުވެގެން ދިޔައީ އެވެ. ދެމަފިރިންގެ ލޯބީގެ ގުލްޒާރުގައި ފޮޅުނު މަލުން ހިތްހަމަޖެހުން ނުލިބެނީސް އެވަނީ އަލްވަދާއު ކިޔަން މަޖުބޫރުވެފަ އެވެ. ހާދަ ދެރަ އެވެ.

”މި އަނިޔާވެރި ދުނިޔެއަށް އަހަރެން އެކަނި ދޫކޮށްލާފައި ނުދޭ… ޒިވާންއާ ނުލާ އަހަންނަށް ނޫޅެވޭނެ… ނޫޅެވޭނެ… ޕްލީޒް…” ރޮމުން މާއީ ބުނެލިއެވެ. އޭރު މާއީގެ ލޮލުން ފައިބާ ކަރުނަތަކުން ޒިވާންގެ މެޔަށް ފިނިވެފައި ވިއެވެ. ރާޅުބާނީކަން އެކުލެވިފައިވާ މާއީގެ އިސްތަށިގަނޑުގައި ޒިވާން ތުންފަތް ޖައްސާލި އެވެ. އޭރު އޭނައަށް ވެސް ރޮވެނީ އެވެ.

”އަހަރެން ވެސް ބޭނުމެއް ނޫން ދާކަށް… އެކަމަކު ތަޤުދީރުގެ ނިންމުންތަކާ ދެކޮޅު ހަދާނީ ކިހިނެއް؟…” ޒިވާން ބުނެލިއެވެ.

”ކީއްވެތަ މިހެންވާންވީ؟…” މާއީއަށް އަނެއްކާ ވެސް ޝަކުވާ ކުރެވުނެވެ. ”އަހަންނަށް އެއްވެސް ކަހަލަ އުފަލެއް ލިބެން ނެތީތަ؟…” މާއީ ޝަކުވާކުރި އެވެ. އޭނަގެ ހިތަށް އިންތިހާއަށް އަސަރުކޮށްފައި ވިއެވެ.

”ތިހެން……”

ޒިވާންއަށް އޭނަގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ކުއްލިޔަކަށް ކެއްސަން ފެށުމާއެކުގައެވެ. އެއާއެކު ނިކަން އަވަހަށް މާއީ ޒިވާންގެ މޭމަތިން ބޯހިއްލާލިއެވެ. އޭރު އޭނަގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އޭނަ އަވަސްވެގަތީ ނަރުހަކަށް ގޮވުމަށެވެ. ނަމަވެސް އޭގެ ކުރިން ޒިވާން ވަރަށް ބާރަށް މާއީގެ އަތުގައި ހިފަހައްޓާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ވީމޭ މަ ކައިރީގާ 15

Next

ހުވަފެނުގެ ރާނީ 1

Next
October 6, 2018

ހުވަފެނުގެ ރާނީ 1

Previews
October 6, 2018

ވީމޭ މަ ކައިރީގާ 15

13 Comments!

  1. Shine says:
    October 6, 2018 at 9:04 pm

    Wow….vrh reethi maashaa allah…heevey vrh reethi vaane hn…vrhaka ekkh genesdhechey plx..n gud luk

  2. Mariyam Ubaid says:
    October 6, 2018 at 9:12 pm

    Varah Reethi Asma thoa keyvanthi mi vaahekeyaa

  3. Mutha/ S.Hithadhoo says:
    October 6, 2018 at 9:25 pm

    Assalam Alaikum. Varah gina dhuvas takeh fahun Mutha ah kiyuntherinaa badhalu vumuge furusathu milubuni. Mi furusathugai Mutha fuatahamves beynun vani kiyunteringe faraathun maafah eden vaahaka hutukamah aiithii. Adhi dhimaavi kameh ge sababun vaahaka kuriah gen diumugai duvas negi kamah takai ves maafah edhen.
    Unmeedhu kuran kiyuntherin ge faraathun mi vaahaka ah tharuheebu libene kamah. Hurihaa kiyuntherin ge khiyaalah ves mutha maruhabaa kiyan, adhi rangalhu kuran jehei kameh vaanama faahanga kohla dhinun ves edhen. Iraadha kureh viyaa hafthaa eh ge konme Angaara adhi Honihhiru duvaheh gai vaahaka genes deynan (In Sha Allah)

  4. AHU says:
    October 6, 2018 at 9:29 pm

    STORY FESHUN VARAH REETHI WAITING FOR NEXT PART

  5. Shazoo says:
    October 6, 2018 at 9:49 pm

    V.reethi mi part.. waiting for next part ?

  6. Aysha says:
    October 6, 2018 at 10:24 pm

    Wow vaahaka eh kiyunu ihisaas vehjje mutha vaahaka thakakee kiyaa foohi nuvaa vaahaka thakeh

  7. Thaashaa says:
    October 6, 2018 at 10:49 pm

    Story feshun varah reethi

  8. Shau says:
    October 6, 2018 at 11:11 pm

    Finally muthaa is back… Yuhr stories r just awesome ? Mi story ves Reethi vaane kamah varah ummeedh kuran… Can’t wait to da next part???

  9. samm says:
    October 6, 2018 at 11:13 pm

    nice waitng

  10. Z❤️?Y says:
    October 7, 2018 at 1:15 pm

    Mi vaahaka kurin kiyaifa oiy handhaan vey

  11. Ma says:
    October 7, 2018 at 1:38 pm

    R yuh a boy or a girl? ?
    just asking ingey… Maa Sha Allah v rythi nd varah asaru kohfi

  12. Lotus says:
    October 7, 2018 at 2:53 pm

    V emotional.. manzarutha hama sifavey.. keep it up dear

  13. Mixuhan says:
    October 7, 2018 at 4:24 pm

    Mutha..you is the best writer..my favorite writer…mutha vaahaka liyan haadha molhey ..maashaa allah. Mutha ge vaahaka thah kiyaa foohi nuvaane. Sifa kurun thah vx ehaa furihama ..heeevany hama kurmathy hingaa kanthah thakeh hn …varah emotional .. .Dhuvasthakakah fahu anehkaavx mutha ge vaahaka eh kiyaalan kibunyma varah ufaa vehje ..storyge feshun varah salhi…curiously waiting for the next part ..

Comments are closed.

Next Episodeހޯދޭތޯ މަންޒިލެއް… 2←


All Right Reserved!