އަސްކަނި
ހިތްގައިމު ހަވީރެކެވެ. ދުވަހުގެ ހޫނުކަން ކެނޑި ފިނިކަން އަތްގަދަކުރަމުން ދިޔައެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުން މާހައުލުގެ ހިތްގައިމުކަން އިންތިހާ ކުރުވައެވެ. ކުއްލިއަކަށް އިވުނީ މީހެއްގެ ހަޅޭކުގެ އަޑެވެ. އަޑު ދިޔައީ ބާރުވަމުން ގަދަވަމުންނެވެ. އަންހެން އަޑެކެވެ. ދުރުން އިވެމުންދިޔަ އަޑުފަށްގަނޑު ފަހަތުން އިވޭހެން ހީވެގެން ތެދުވެ ބަލައިލީމެވެ. ދަންނަ އަޑެއްވީމައެވެ.
“އާދަނާ ނިކަން އަވަހަށް އައިސްބަލަ… ފިޒާން.. ފިޒާންގެ މޭ… ފިޒާންގެ އަނގަ..” ޖޯލިފަތީގެ ފަހަތުގައި ކޮޅަށްހުރި އަޒުލީނާއެވެ. ވަރުބަލިވެ ގުނބުހިލިފައެވެ. މޫނުމަތިން މީހާގެ ހާސްކަން ސިފަވެއެވެ.
“ކިހިނެއްވީ؟” ހައިރާންކަމާއެކު އަހަންނަށް އަހައިލެވުނެވެ.
“އާދެބަ… ހައްވައްތަ… ފިޒާން… މޭގަ.. ތާށިވެގެން…” އަޒުލީނާގެ އަތާއި ފަޔާއި މޫނާއެކު ހަރަކާތްކުރަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. އެކި ވާހަކަ އެކިތަކުން އެއްކުރަމުންނެވެ. “މުނީ ބުނެގެން މިއައީ… ހައްވަތަވެސް ނުވެސް…”
އަވަސް ހަރަކާތްތަކާއެކު އެނބުރި އެއްގަމަށް މިސްރާބު ޖެހީމެވެ. ލިބުނު ކުއްލި ހައިރާންކަމާއެކު ދެ ފިޔަވަޅު އެއްކުރަމުންނެވެ. ވީކަމެއް ސާފު ނުވެގެންނެވެ. ސިކުނޑީގައި ހައިޖާނުގެ ބާންޏެއް އުފައްދާލަމުންނެވެ. އިރުއިރުކޮޅާ އަޒުލީނާ ފަހަތްބަލައިލައެވެ.
“އަޒޫ ކިހިނެއްތަވީ؟” މަޑުން ނުހުރެވިގެން އަހައިލެވުނެވެ.
“ނޭނގެ… ނޭވައެއް ވެސް ނުލާ… ވެއްޓިފަ އޮތީ… އަސްކަނި ދޮށަށް… މިހާރު ގެނެސްފި…” އަޒުލީނާގެ އަޑުގައި ހުރި ރިހުން ގަދަވިކަހަލައެވެ. އޭރު ހައްވައްތަމެންގެ ގެއާ އަރާ ހަމަވަނީއެވެ.
ގޭގެ އިންފާރުން ބޭރުގައި ކޯޅިކޯޅިއަށް މީހުން ތުންގުޅުވައިގެން ތިއްބެވެ. އިންފާރުން އެތެރޭގައި ވެސް ދެ މީހުން ތިން މީހުން ބައިގަނޑުގަނޑު ހަދައިގެން ތިއްބެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އަހަންނަށެވެ. ކޮންމެ މީހަކު ވެސް ހައިރާންވެ ބަލަނީ އަހަންނަށެވެ. އާދޭހުގެ ނަޒަރަކުންނެވެ. ވާނީ ވެސް އެހެންތާއެވެ. ހައްވައްތައަކީ އަހަރުމެންގެ ޢާއިލާގައި ހުރި ހަމައެކަނި އަންހެނެވެ. އަހަރެންނޫނީ ޢާއިލާގައި ފިރިހެނަކު ވެސް ނެތެވެ. ދެން ހުރީ އަޒުލީނާއެވެ. އެއީ ވެސް ދުރުހިލޭ މީހެކެވެ. ހައްވައްތަގެ ގާތް މިތުރެކެވެ. ހައްވައްތަގެ ހުރިހާ ވެސް ރޫޙަކީ ފިޒާނެވެ. ކައިވެންޏަށް ފަނަރަ އަހަރުވީ އިރުވެސް ދަރިއަކު ނުލިބިގެން އެތަކެއް ބޭހެއް ކޮށް، އެތަކެއް ޤުރުބާނަކަށް ފަހުން ލިބުނު އަލަތު ދަރިއަކީ ފިޒާނެވެ.
މީހުންތަކު ތެރެއިން ފުރޭނެމުން، މަގުހަދަމުން ގޭތެރެއަށް ދެމިގަނެވުނީ އަޒުލީނާގެ ފަހަތުންނެވެ. އޭރު ދިމާ އެނދުމަތީގައި ހައްވައްތަ އަޑުން އަޑުނަގައި ރޯން އިނެވެ. ހައްވައްތަގެ ދެ އަހަރަށްދާ ހަލީމާ ގިސްލަގިސްލާ ރޮމުން ހައްވައްތަގެ ކަރުނަތައް ފޮހެމުން ދިޔައެވެ. ހައްވައްތަގެ ފަހަތުން ކޮނޑުގައި ހިފަހައްޓައިގެން، ޒަރީނާ ހިތްވަރުގެ ބަސްތައް ތަކުރާރުކުރަމުން ދިޔައިރު އެ ދެ ލޯ ވެސް ވަނީ ކަރުނުން ތެމިފައެވެ. ހައްވައްތަ މަސަލަސް ކުރެވޭތޯ ދެ ތިން އަވަށްޓެރިން މަސައްކަތް ކުރަމުން ދިޔައެވެ.
“މަ ދަރިއެއްވާ ނެތޭ… މަ ދަރި ސަލާމަތްކުރޭ… ކާސިމާ.. އިބްރާހިމާ… ދަރިޔާ އާދަނާ… މަ ދަރި ސަލާމަތްކުރޭ…” ހައްވައްތަގެ އަޑުން މުޅި ގޭތެރެ ގުގުމަމުން ދިޔައެވެ. ހައްވަތައަށް އަހަރެން ފެނުމުން ކަންތައް ގޯސްވިކަހަލައެވެ. އަހަންނަށް ބަލައިލެވުނީ އަނބި ޒަރީނާގެ މޫނަށެވެ. ޒަރީނާ މޫނުމަތީގެ ހަރަކާތުން އެތެރެއަށް ދިއުމަށް އިޝާރާތްކޮށްލިއެވެ.
އޭރު ރަށު ސިއްޙީ މަރުކަޒުގެ ޑޮކްޓަރާއި ޖަމާއަތުގެ ސިއްޙީ އެހީތެރިޔާ، ޝާހިދު އެތެރެގެތެރޭގައި ތިއްބެވެ. ފަހަތުގައި ރަށު ކައުންސިލްގެ ރައީސާއި ނައިބު ރައީސް ވެސް ހުއްޓެވެ. އަވަސް އަވަހަށް އެތެރެގެއަށް ދެމިގަނެވުނެވެ.
“ކިހިނެއްތޯ ވީ؟” ސުވާލުތަކުން ބަރުހެލިވެފައިވާ އަހަރެންގެ ސިކުނޑިއަށް ކެތެއް ނުކުރެވުނެވެ.
“ބޮޑަށް ލަފާކުރެވެނީ މާ އަވަހަށް ދިރުވާލެވުނީކަމަށް… ޑޮކްޓަރު ޤަބޫލުކުރައްވަނީ އެގޮތަށް” ކައުންސިލްގެ ރައީސް އަހަރެންގެ ކޮނޑުގައި އަތްބާއްވައިލިއެވެ.
“ފުރާނައެއް ނެތް… އެހެންވެ މަރުކަޒަށް ނުގެން ގޮސް ގެއަށް ގެނައީ… ކާސިންބެ ކަންނެތްޔަށް ގޮސްވީމަ… ޚަބަރުދޭން އޮޑިވެރި އަލީއަށް އަންގައިފިން..” ކައުންސިލްގެ ނައިބު ރައީސް އޮޅުން ފިލުވައިދިނެވެ. އެވަރުން ވެސް ވީ ނުވީއެއް ސާފެއް ނުވެއެވެ. އެހެންވެ އަހަރެން ބޭނުންވީ ސީދާ ޑޮކްޓަރު ނުވަތަ ޖަމާއަތުގެ ސިއްޙީ އެހީތެރިޔާ ޝާހިދާ ސުވާލުކުރާށެވެ. އެކަން ޝާހިދަށް ފަހުމުވިއެވެ. އެހެންވެ އަހަރެންގެ އަތުގައި ހިފައިގެން ޝަހިދު ނުކުތީ ގިފިލި ފަރާތަށެވެ.
“ފިޒާން… އޭނާ މާ އަވަހަށް އެއްޗެއް ދިރުވާލާން އުޅުމުގެ ތެރޭގައި ކޮށިއެރުމުން ނޭވާލާ ހޮޅި ބުލޮކުވެ މީހާއަށް ލިބުނު ޝޮކެއްގެ ސަބަބުން ފުރާނަ ދިޔައީ” ޝާހިދުގެ އަޑުގައި ރިހުން އެކުލެވިގެންވިއެވެ. “މީ މަދުން ނަމަވެސް ދިމާވާކަމެއް… މިކަހަލަ ކަމެއް ދިމާވެއްޖެ ނަމަ އެންމެ ރަނގަޅު ފަރުވާއަކީ އެ ތާށިވި އެއްޗެއް ނެރުން ނޫނީ ކުޑަކޮށް ގުދުކޮށްލައިފައި މަޑުމަޑުން ބުރަކަށީގައި ޖަހައިލުން.. އޭރުން އެ ތާށިވި އެއްޗެއް ނުކުތުމަށް ފަހިވާނެ… ކެއުމުގައި އަވަސް އަރުވައިލުމުން ވެސް މިކަހަލަ ހިތާމަވެރި ހާދިސާތައް ހިނގާ… އެހެންވެ ލަސްލަހުން ކެއުމަށް ސަމާލުވާންޖެހެނީ”
“ދެން ފިޒާން..” އަހަންނަށް ތެޅި ގަނެވުނެވެ.
“އޭނާއަށް ވީގޮތެއް ނޭނގެ… އޭނާ އެ ދިރުވާލަން އުޅުމުގެ ތެރޭގައި ތާށިވެ ބިންމައްޗަށް ވެއްޓިފަ އޮތީ… މުނީރާމެންގޭ ކުރިމަތީ އެހުރި ފަޅުގޭގެ އަސްކަނި ދޮށުގަ އޮއްވާ ހުސެންމަނިކަށް ފެނިގެން ގުޅީމަ އަހަރެން ވެސް ދިޔައީ… އޭރު ވެސް އޭނާގެ ފުރާނައެއް ނެތް.. ލަފާކުރެވޭ ގޮތުގައި އޭނާ އެ އަސްކަނި ދޮށުގައި ވެއްޓި އޮންނަތާ ބައި ގަޑިއެއްހާއިރު ވެފަ އޮތީ… ފިޒާން ވެއްޓިފައި އޮތްތަނުގައި ކަރައެއްގެ ތޮއްޓާ… ދެ ރެޑްބުލްދަޅާ ހައެއްކަ ބިސްކޯދު ޕެކެޓް ވެސް އޮތް…”
“މީ ހޭލުންތެރިކަން ކުޑަކަމުން ވީގޮތް… އެކަހަލަ ކަމެއްވީމަ ހަނދަންވީގޮތް ނޭގުނީ… ފިޒާނާއެކު އެ ގަޑީ އެ މުޙައްމަދުބޭގެ ޖާބިރު ވެސް ހުރިކަމަށްވަނީ… އެކަން ވީމާވެސް ހަދަންވީ ގޮތްނޭގިފަ ޖާބިރު ބަލަން ހުރިކަމަށް އެ ސޮރުބުނީ… ޖާބިރު ވެއްޖެ ފުލުހުންގެ އިދާރާއަށް ގެންގޮސް… އިތުރު ޓެސްޓެއް ހަދަން ފުލުހުން ބުނެ ސާންޕަލް ނަގަން މި މަޑުކޮށްލަނީ… އޭގެ ފަހުން ކަށުކަމާކެމީގެ ކަންކަން ކުރަންވީ… ދެން ހައްވައްތައަށް ވިސްނައިދީ…” އިސްޖަހައިލައިގެން ޝާހިދުގެ ފަހަތުން އެތެރެއަށް ދިޔައީމެވެ. މޮޅިވެރިކަމުގެ ސާލެއް ފަތުރާލެވިފައިވާ މާހައުލުން އެތަކެއް ޢިބްރަތްތަކެއް ހާސިލުކުރަމުންނެވެ.
ދަރިން ބޭނުންހާ އެއްޗެއް ގަނެ ބޭނުންހާ ގޮތަކަށް ކެއުމުގެ އާދަތައް ގެންގުޅެން ވެއްޖެ ނަމަ މިކަހަލަ އެތައް ހާދިސާތަކެއް ހިނގަން މެދުވެރިވެދާނެ ކަން އަހަންނަށް ވިސްނުނެވެ. މިއީ، ކެއިން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހީނުކުރާ ބޮޑެތި ބަދަލުތައް އަންނަ މި ޒަމާނުގައި، ގޭގެ އަސްކަނި ދޮށުން ފެށިގެން ރަސްމީ މަންޖަހާ ހަމައަށް ގެންދަންވެއްޖެ ކަމެކެވެ. (ނިމުނީ)
6 Comments!
Comments are closed.

ހައްވައްތައަކީ އަހަރުމެންގެ ޢާއިލާގައި ހުރި ހަމައެކަނި އަންހެނެވެ. this is a big mistake
v foohi vaahaka..phachu ganna vaahka thakugaa abadhuvess eyga ulheyy myha maruvegen ulhenyy.. foohi
eu dhogeh ethan kolhu hama jeheyy
ekam v foohi mi vaahakA
Family gai huri hamaekani anhenakah nuvaane ehnunn.. AZLEENA aky men eh tha? … wat a joke
ހައްވައްތައަކީ އަހަރުމެންގެ ޢާއިލާގައި ހުރި ހަމައެކަނި އަންހެނެވެ. އަހަރެންނޫނީ ޢާއިލާގައި ފިރިހެނަކު ވެސް ނެތެވެ. ދެން ހުރީ އަޒުލީނާއެވެ. އެއީ ވެސް ދުރުހިލޭ މީހެކެވެ. ހައްވައްތަގެ ގާތް މިތުރެކެވެ. ހައްވައްތަގެ ހުރިހާ ވެސް ރޫޙަކީ ފިޒާނެވެ. ކައިވެންޏަށް ފަނަރަ އަހަރުވީ އިރުވެސް ދަރިއަކު ނުލިބިގެން އެތަކެއް ބޭހެއް ކޮށް، އެތަކެއް ޤުރުބާނަކަށް ފަހުން ލިބުނު އަލަތު ދަރިއަކީ ފިޒާނެވެ.
Havvahtha akee aharemen aailaaga huri hama ekani anjenaa eve.
Varah habeys