Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 41

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 23, 2018 9 Mins Read
7 Comments

ކުރިމަތީގައި ހުރި ލޯގަނޑުން އިޝްމާ އޭނާގެ އަމިއްލަ ނަފްސާ ދިމާއަށް ބަލާލިއެވެ. އަމިއްލަ ސޫރަ ލޯގަނޑުން ފެނުނު ހިނދު ރަކި ހިނިތުންވުމެއް އޭނާގެ ތުންފަތްމަތީގައި ދުވެލިއެވެ. އޭނާ ރީތިކޮށްފައި ހުރިލެއް ފުރިހަމަކަމުން ހިތާހިތުން މާނީއާއި އިސްރާއަށް ތައުރީފުކޮށްލެވުނެވެ. ޕީޗްކުލައިގެ ކައިވެނި ހެދުމުގައި ހުރި އިޝްމާއާ ކޮށްފައި ހުރި ލުއި މޭކަޕު ނުހަނު ގުޅެއެވެ. ޝޯލް އަޅުވައިފައިވެސް އެހާމެ ރީތި ކޮށެވެ.

އިޝްމާއެކޭ އެއްފަދައިން ނަވްޔާވެސް ހުރީ ޕީޗްކުލައިގެ ކައިވެނި ހެދުމުގައެވެ. ނަވްޔާއާ ގުޅޭ ގޮތަށް އޭނާގެ މޭކަޕް ކޮށްފައި ޝޯލް އަޅުވާފައި ހުއްޓެވެ. މާނީއާއި އިސްރާގެ ހުނަރަށް އިޝްމާއެކޭ އެއްފަދައިން ނަވްޔާއަށްވެސް ތައުރީފު ކުރެވުނެވެ.

ކައިވެނި ކުރަން ހަމަޖެހިފައި އޮތީރޭގަނޑު އަށްގަޑި ބައިގައި މާނީމެންގޭ ޓެރަހުގައެވެ. ޕާޓީވެސް އޮތީ ހަމަ އެތަނުގައެވެ. މުޅި ޓެރަަސްވަނީ ޕީޗްކުލައިން ޒީނަތްތެރި ކޮށްފަައެވެ. ޓެރަހުގެ އެކި ދިމާ ދިމާގައި ބެހެއްޓިފައި ހުރި ވަށްމޭޒު ތަކުގައި ވަނީ ހުދު ފޮތިގަނޑެއް އަޅާގައެވެ. ކޮންމެ މޭޒެއް ކައިރީ މަދުވެގެން ދެގޮނޑިި ބަހައްޓާފައި ހުއްޓެވެ. އެއްބައި މޭޒު ތަކުގައި ހަތަރެެއް ނޫނީ ފަސްގޮނޑިވެސް ބަހައްޓާފައި ހުއްޓެވެ. މޭޒާއި އެއްގޮތަށް ގޮނޑިތަކުގައި ވެސް ހުދު ފޮތިގަނޑެއް އަޅާފައި އޮތެވެ. އަދި ރީތި ފަރުމާއަކަށް ޕީޗްކުލައިގެ ރިބަންވެސް ގޮނޑީގައި އޮޅާފައި ހުއްޓެވެ.

އަށްގަޑި ފަނަރަ ވީއިރަށް އަފްރީން އަދި ރައުފާ މާނީމެން ކޮޓަރިއަށް ދިޔައެވެ. އެހެނީ ނަވްޔާ އަދި އިޝްމާ ތައްޔާރު ކުރެވުނީ މާނީމެން ކޮޓަރީގައި ކަމުން އެދެކުދިން ތިބީ އެތަނުގައެވެ. އަފްރީނައި ރައުފާ އިޝްމާ އަދި ނަވްޔާ ގޮވައިގެން ޓެރަހަށް ދިޔައެވެ.

ކައިވެންނަށް ޓަކައި މާއިޒް އަދި އަކްމަލް ލައިގެން ތިބީ ހުދުކުލައިގެ އަތްދިގު ގަމީހާއި ކަޅު ފަޓުލޫނެވެ. ދެ ޒުވާނުންގެ ކަރުގައިވެސް ޕީޗްކުލައިގެ ޓައިއެއް އަޅާފައި ހުއްޓެވެ.

އަށްގަޑި ބައިވިއިރު މާއިޒް ނަވްޔާ އަކްމަލް އަދި އިޝްމާ ތިބީ ކައިވެނި މޭޒު ދޮށުގައެވެ.

ފުރަތަމަ ކުރެވިގެން ދިޔައީ މާއިޒް އަދި ނަވްޔާގެ ކައިވެންނެވެ. މާއިޒްގެ އަނަގައިން އަނބި ގަބޫލުކޮށްފީމޭ ބުނި ހިނދު ނަވްޔާއަށް ބޭއިޚްތިޔާރުގައި ދެލޯ މަރާ ހިނިތުންވެވުނެވެ. ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދަ ގޮތަކަށް މާއިޒް ނަވްޔާގެ އަތުގައި ހިފެހެއްޓުމާއެކު ނަވްޔާއަށް ދެލޯ ހުޅުވާލެވުނެވެ. އެއަށްފަހު މާއިޒްގެ އަތަަށް ބާރުކޮށްލިއެވެ.

އިޝްމާއަށް ހީވަމުން ދިޔައީ އޭނާއަށް މިހުރެވެނީ ހުވަފެނެެއްގައި ހެންނެވެ. އަކްމަލް އަނބި ގަބޫލުކޮށްފީމޭ ބުނި ހިނދު އަކްމަލާއި ދިމާއަށް ބަލަހައްޓައިގެން އިޝްމާއަށް އިނދެވުނެވެ. ހަގީގަތުގައިވެސް އޭނާއަކީ އަކްމަލްގެ އަންހެނުންތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. “ޔޭސް ލަވް ޔޫ އާ” އޭނާއަަށް އެހެން އެހުނީ ފުދޭވަރަކަށް ބާރަށްކަން އެނގުނީ އަކްމަލް އޭނާގެ ސުވާލަށް ޖަވާބުދިނުމުންނެވެ. އެއާއެކު އިޝްމާގެ މޫނަށް ލޭކުލަ އަަރައިގެން ދިޔައެވެ.

އާރާޝްގެ ދެލޯ ހޯދަމުން ދިޔައީ މާނީއެވެ. ކައިވެނިކޮށް ނިމުނުއިރުވެސް މާނީ އަދި އިސްރާވެސް އެތަނަކަށް ނާދެއެވެ. ވަރަށް ނުވާކަމަކަށް ހެދިފައި އާރާޝް އަހުސަމް ގާތު އިސްރާ ނާންނަނީހޭ އަހާލިއެވެ. “ރާއާ މާނީ އެބައުޅޭ އެމީހުންގެ ރޫމް ޑެކަރޭޓްކޮށް. ހިނގާބަ އަހަރުންވެސް ހެލްޕްވާން ދާން” އަހުސަމް އާރާޝްގެ އަތުގައި ހިފައިގެން ޓެރަހުން ނުކުތެވެ.

 

މާނީއާއި އިސްރާ ވަރަށް ފުރިހަމައަށް މާއިޒް އަދި ނަވްޔާގެ ކޮޓަރި ޒީނަތްތެރި ކުރަމުންދިޔައެވެ. ފިނިފެންމަލުގެ އިތުރަށް ކޮޓަރީގެ އެކި ތަންތަނުގައި އުއްބަތި އަތުރަމުން ދިޔައެވެ. ކިންގް ސައިޒްގެ ބޮޑު އެނދުގައި ހުދާއި ޕީޗް ކުލައިގެ ބެޑްޝީޓެއް އަޅާފައި އޮތެވެ. މާނީއާއި އިސްރާ ވެގެން ފިނިފެންމާ ފިޔައިން އެނދުގައި “އެމް” އަކުރާއި “އެން” އަކުރު އެޅިއެވެ. އަދި ދެ އަކުުރުގެ މެދަށް ވާ ގޮތަށް ހިތެއް އެޅިއެވެ. “އައި އޭމް ސޯ ހެޕީ. އަބަދުވެސް ބޭނުންވި އިސްރާ ނޫނީ ނަވްޔާ މަގޭ ފަހަރިއަށް ވާން.” ފިނިފެންމާ ފިޔަތައް އަތު ތެރެއަށް އަޅަމުން މާނީ ބުންޏެވެ. “މިރޭ އެންމެ އުފާވާނީ ރައު ދައްތައާ ދާނިޝްބޭބެ ދޯ. ދެދަރިން އެއްފަހަރާ އެމެރީ ކުރީ އެވެސް އެއްފެމެލީއެއްގެ ދެ ކުދިންނާ” ބިންމަތީގައި ދެފައި ވަށްކޮށްގެން ރީތި ގޮތަކަށް އުއްބަތި އަތުރަމުން އިސްރާ ބުންޏެވެ.

މާނީ އޭނާ އަތުގައި ހުރި ފިނިފެންމާ ފިޔަތަކަށް ފުމެލިއެވެ. އެވަގުތު ވެގެން ދިޔައީ އެކޮޓަރީ ދޮރު ހުޅުވައިފައި އާރާޝް އެކޮޓަރިއަށް ވަން ވަގުތަށެވެ. ފިނިފެންމާ ފިޔަތަށް ދިޔައި އާރާޝާއި ދިމާލަށެވެ. އެއާކު އާރާޝަށް ދެލޯ މަރާލެވުނެވެ. އަނގަޔާއި ދިމާއަށް އަތް ދިއްކޮށްގެން އިންގޮތަށް މާނީއަށް ހުރެވުނެވެ. އެ މަންޒަރު އަހުސަމް އޭނާގެ ފޯނަށް ރައްކާކުރިއެވެ. “ކަސައޮޓީ ޒިންދަގީގެ ރީމެކް ހަދަން މިދެމީހުން ރަނގަޅުވީސް ދޯ އިސްރާ” އަހުސަމް އެހެން ބުނުމާއެކު މާނީއާއި އާރާޝަށް ހަމަބިމަށް އާދެވުނެވެ. “އަސްލުވެސް” އަހުސަމްގެ ވާހަކައަށް އިސްރާ އެއްބަސްވިއެވެ.

ބޮލުގައި ހަރުލާފައި ހުރި ފިނިފެންމާތައް ނެގުމަށްފަހު ބިންމަތިގައި ހުރި ފިޔަތައްވެސް އާރާޝް އަތަށް ނެގިއެވެ. އެއަށްފަހު މާނީ ފުމުނު ގޮތަށް މާނީއާ ދިމާއަށް ފުމެލިއެވެ.

“މަށަށް ފެންނަނީ މިދެމީހުންގެ ކައިވެނިވެސް މިރޭ ކުރުވަން” އިސްރާ ގާތަށް ގޮސް އިސްރާގެ އުނަގނޑުގައި އަތް ވަށާލަމުން އަހުސަމް ބުންޏެވެ. “ހުއް” މޫނަށް ވައްތަރެއް ޖައްސާލަމުން މާނީ ބުންޏެވެ. އަހުސަމް ބުނި ވާހަކައަށް މާނީ ހިތުން ރުހުމުން އެއްބަސް ވިއެވެ. އެހެނަސް އެކަން ދައްކާކަށެއް މާނީ ބޭނުމެއް ނުވިއެވެ.

މާނީ ދިން ޖަވާބުން އާރާޝްގެ ހިތަށް ތަދުވިއެވެ. އެހެނަސް މާނީ ކުރިމަތީގައި ބޭޒާރުނުވާން ވެގެން އާރާޝްވެސް ގޮތް ދައްކާލިއެވެ. “ދެން އަހޫ ވެސް ދައްކާ ވާހަކަ. މަ އެބަ އުޅޭތަ ހަންޑިއަކާ އިންނަ ހިތުން. އެތާ މަތީ ހުރި މުސްކުޅި ދައްތައާ އިންނަން ޖެހުނަސް ސަންތިމަރިޔަނބަކާ ނީންނާނަން” އާރާޝް ޗޮކެއް ކަނޑާލިއެވެ. މާނީއަަށް ހީވީ ބިއްލޫރި ގަނޑެއް ފަދައިން އޭނާގެ ހިތް ތަޅައިގެން ދިޔަހެންނެވެ. އާރާޝް މާނީދެކެ ދުވަހަކުވެސް ލޯބިނުވާނޭ ހިތަށް އެރުމާއެކު ލޮލަށް ކަރުނަ ޖަމާވާން އުޅުނެވެ. އެހެނަސް އަވަހަށް މާނީ ކަރުނަތައް ހިންދާލިއެވެ. “އިސްރާ ހިނގާ ދާން މިހާރު ޕާޓީ ފެށިދާނެ. ދެން އަންނާނީ ދޮންބެމެން ރޫމަށް އަންނަން ކައިރިވީމަ ކޭންޑްލްސް ދިއްލަން” މާނީ އިސްރާ އަތުގައި ހިފައިގެން ކޮޓަރިން ނުކުންނަން ހިނގާގަތެވެ. “މާނީ ވެއިޓް. މަ ބޭނުން އިސްރާ ގޮވައިގެން އުޅެން. މިރޭ ޕާޓީއަށް އަންނާނެ ބައިވަރު ފްރެންޑްސް. އެމީހުންނަށް އިސްރާ އިންޓްރޮޑިއުސް ކޮށްދޭން ޖެހޭނެ. އަހަރުން ވެޑިންގަ ކުޑަ ސައެއް ބޭއްވިމަ އެމީހުންނަކަށް އިންވައިޓެއް ނުކުރަން. ރާ ލެޓްސް ގޯ” މާނީ ދޮރުން ބޭރަށް ނުކުމެ ނުކުމެ ހުއްޓާ އަހުސަމް އިސްރާ ގޮވައިގެން ދިޔައެވެ.

މާނީއާ ދިމާއަށް ރަނގަޅަށް އާރާޝަށް ބަލާލެވުނީ އަހުސަމް ދިޔަފަހުންނެވެ. ފައިތިލައާ ހަމައަށް އަންނަ ކަޅު ކުލައިގެ ހެދުމެއް ލައިގެން ހުރިއިރު ހެދުމުގައި ޕީޗްކުލައިގެ ބެލްޓެއް އަޅާފައި ހުއްޓެވެ. ޝޯލްވެސް ހުރީ ޕީޗް ކުލައިގައެވެ. އަދި ޝޯލްގެ އަޑިން ބެލްޓާއި ހަމައަށް އަރާ ރިހިކުލައިގެ ދިގު ފަށެއް އަޅާފައި އޮތެވެ. ހިތާހިތުން މާނީގެ ރީތި ކަމަށް އާރާޝަށް ތައުރީފު ކުރެވުނެވެ.

ޕީޗްކުލައިގެ އަތްދިގު ގަމީހާއި ކަޅު ސްކިނީ ޖިންސެއް ލައިގެން ހުރި އާރާޝް ފެންނަލެއް ނުހަނު ފިރިހެން ވަންތައެވެ. އޭނާގެ ކޮނޑާ ހަމައަށް އޮތް ދިގު އިސްތަށިގަނޑު މިރެއަށްޓަކައި ވަނީ ކޮށާލައިފައެވެ. ރީތި ވަރަކަށް ހުރި އިސްތަށިގަނޑު އޮތީ އެއްފަޅިއަކަށް ހިއްލާފައެވެ. އެއްވަރަކަށް ބަހައްޓާފައި ހުރި ތުނބުޅީގެ ސަބަބުން އާރާޝްގެ ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ. އާރާޝްގެ އިސްތަށިގަނޑު ކޮށާލައިފައޖ ހުރިކަން މާނިއަށް ފާހަގަވީ އަހުސަމްމެން ދިޔަ ފަހުންނެވެ. އާރާޝް އެއްޗެކޭ ބުނުމުގެ ކުރިން މާނީ އަވަހަށް މައްޗަށް އަރަން ދިޔައެވެ. ޖިންސުގެ ޖީބަށް ދެއަތް ޖަހާގެން ހުރެ އާރާޝްވެސް މާނީގެ ފަހަތުން މައްޗަށް އަރަން ދިޔައެވެ.

 

ޓެރަހުގެ އެއްފަރާތުގައި ތިބި ދެ ޖޯޑަށް ކޮންމެ މީހަކުވެސް ތައުރީފުކޮށްލައެވެ. ގައުމީ ޓީމުގެ ކެޕްޓަންގެ އިތުރަށް ގޯލްކީޕަރުގެ ކައިވެނި ޕާޓީ ކަމުން ގިނައަދަދެއްގެ ފުޓުބޯޅަ ކުޅުންތެރިންނާއި ކޯޗުން ޕާޓީއަށް އަންނަމުން ދިޔައެވެ. ކޮންމެ މީހަކުވެސް އަކްމަލާއި މާއިޒްގެ ހޮވުމަށް ތައުރީފު ކުރަމުން ދިޔައެވެ. އަހުސަމްވެސް އިސްރާ ގޮވައިގެން އެއްފަރާތެއްގައި ހުއްޓެވެ. އެހެން ކުޅުންތެރިންނަށާއި ކޯޗުންނަށް އިސްރާ ތައާރަފުކޮށްދެމުން އަހުސަމް ގެންދިޔައެވެ.

 

އަފްރާއަށް އޮރެންޖް ޖޫސް ތަށްޓެއް ހިފައިގެން މާނީ އެނބުރުނު ވަގުތު އޭނާއާ ނުހަނު ގާތު ހުރި އާރާޝް ގައިގަ ޖެހިފައި ދެމީހުން ގަޔަށް ޖޫސް ބަނޑުން ވިއެވެ. މާނީ ވަގުތުން ސޮރީއޭ ބުނެ އެތަނުން ފެންތަށްޓެއް ނަގައި އަތަށް އެޅުމަށް ފަހު އާރާޝްގެ ގަމީސް ދޮވެދިނެވެ. އެއީ މާނީކަށް ގަބޫލުކުރަން ދަތިވެގެން އާރާޝަށް އަނގަހުޅުވައިގެން މާނީއާ ދިމާއަށް ބަލަހަަށްޓައިގެން ހުރެވުނެވެ. މާނީ އަމިއްލަ ހެދުމަށް ޖޫސް އެޅުމުންވެސް އޭނަގެ ގަމީސް ދޮވެދިނީ ކީއްވެތޯ އާރާޝްގެ ހިތަށް އެރިއެވެ.

ކުރެވުނީ ކީއްކަން މާނީއަށް ރޭކައިލީ މާފަހުންނެވެ. އޭރު ގިނަބައެއްގެ ނަޒަރު ހުއްޓިފައި ހުރީ އެދެ ޒުވާނުންނަށެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކޯޗުވެސް ހިމެނެއެވެ.

“އާރާޝް އިޒް ދިސް ޔުއާސް؟” ކޯޗު އައިސް މާނީއަށް އިނގިލި ދިއްކޮށްލަމުން އަހާލިއެވެ. އެއާއެކު މާނިގެ މުޅި މޫނު ރަތްވެގެން ދިޔައެވެ. މާނީގެ މޫނު ރަތްވިތަން ފެނުމުން އާރާޝް ސަމާސާއެއް ކޮށްލާހިއްވިއެވެ. “ޔެޕް ޝީއިޒް މައި” އާރާޝްގެ ޖަވާބާއެކު މާނީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ރުޅިވެރިކަމާއެކު އާރާޝާއި ދިމާއަށް ބަލާލިއެވެ. “އައި އޭމް ހިޒް ކަޒިން.” މާނީ އަވަހަށް ބުންޏެވެ. “އޯ އައި ތޯޓް” ކޯޗު ޖުމްލަ ފުރިހަމަ ނުކޮށް އާރާޝްގެ ކޮނޑުގައި ޖަހާލައިފައި ކޯކްތަށްޓެއް ނަގައިގެން ދިޔައެވެ. ކޯޗު ދިޔަތަނާ އާރާޝާއި އެއްކޮށް ނިއުރޭޑިއަންޓަށް ކުޅުނު އެހެން ކުޅުންތެރިއެއް އެތަނަށް އައެވެ. “އޭ މީ ކައޭގެ މަންޖެތަ؟” ރައިހާންވެސް މާނީއާ ދިމާއަށް އިނގިލި ދިއްކުރަމުން އެހިއެވެ. “ނޫން. ކައޭވެސް ދޯ. މަނަގާ މަންޖެ އެއަށްވުރެ ރީތި ވާނެއްނު. އެއީ މާއިޒްގެ ކޮއްކޮ މާނީ. މަގޭ ކަޒިންއެއް” ރައިހާންގެ ކޮނޑަށް އަތްވަށްޓާލަމުން ހިނިގަނޑަކާއެކު އާރާޝް އެހެން ބުންޏެވެ. އާރާޝްގެ ކޮންމެ ބަހެއް ތީރެއް ފަދައިން މާނީގެ ހިތަށް ހެރެމުންދާ ކަމެއް އާރާޝަކަށް ނޭންގެއެވެ. އޭނާ އެގޮތަށް ވާހަކަ ދައްކަމުން ދިޔައީ އަމިއްލަ ހިތްހަމަ ޖެއްސުމުގެ ބޭނުމުގައެވެ. އެހެނަސް މާނީއެކޭ އެއްފަދައިން އާރާޝްގެ ހިތަށްވެސް ތަދުވަމުން ދިޔައެވެ.

ރައިހާންގެ ކޮނޑަށް އަތް ވައްޓާލައިގެންދިޔަ އާރާޝާއި ދިމާއަށް މާނީ ބަލަހައްޓައިގެން އިން އިރު މާނީގެ ބޮޑު ދެލޮލުގައި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. އާރާޝްގެ އަނަގައިން ކޮންމެ ފަހަރަކުވެސް ނުކުންނަ ބަސްތަކުން އާރާޝްގެ ހިތުގައި އޭނާއާ މެދު އެއްވެސް އިހްސާސެއް ނުވާކަން މާނީއަށް އެނގުނެވެ. މާނީ ލޮލުން ފައިބަން ތައްޔާރު ވަމުން ދިޔަ ކަރުނަތައް ބޮޑުވައިއިނގިލިން ފޮހެލިއެވެ.

ރައުފާއާއި ދާނިޝް ވަރަށް ހެވިފައި ތިބެ ޕާޓީ ތެރޭގައި ހަރަކާތްތެރި ވަމުން ދިޔައެވެ. އެދެމީހުންގެ ދެކުދިންގެ ކައިވެނި އެއްދުވަހެއްގައި ކުރެވުމުން ދެމަފިރިންވެސް ތިބީ ނުހަނު އުފަލުންނެވެ.

އިޝްމާ އޭނާއާއި ދުރައް ދާން އުޅޭތީވެ އަފްރީންގެ މޫނު މަތިން ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. އުމުރުން އަދި ވީ އެންމެ އަށާރަ އަހަރެވެ. “ރީން. މަށަށް ޔަގީން އަކްމަލް އިޝްކޮއަށް ދެރަގޮތެއް ނަހަދާނެކަން. އަކްމަލް އިޝްކޮދެކެ ލޯބިވާކަން އޭނަގެ ދދެލޯ ހެކި ދޭ. ދެން ކޮންކަމަކާ ރީން ތި ކަންބޮޑުވަނީ؟” އަފްރީންގެ މޫނު މަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން އަރްޝާދަށް ފާހަަގަވިއެވެ. އަނގައިން ބުނާނެހާ ހިއްވަރެއް އަފްރީން ގައިގަ ނެތުމުން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ.

މީހުންނާ ދުރުގައި ހުރި މޭޒެއްފައި އަފްރާއާއި އައްޒާމް އިށީންދެގެން ތިއްބެވެ. އައްޒާމް އޭނާގެ އަތުން އަފްރާއަށް ކާންދެމުން ދިޔައެވެ. “އަފް ބޭނުނީ ކޮންކަހަލަ ކުއްޖެއް؟” ކުއްލިއަކަށް އިނދެފައި އައްޒާމް ސުވާލުކޮށްލިއެވެ. “އޯކޭ ކޮންމެ ކަހަލަ ކުއްޖަކަސް. ޒާމް ބޭނުމީ ކޮންކަހަލަ ކުއްޖެއް؟” “މިހާރު ފިރިހެން ކުއްޖެއް އެބަ ހުއްޓެއްނު ދޯ. ދެން އަހަރެން ބޭނުމީ އަފް ކަހަލަ ލޯބިލޯބި އަންހެއް ކުއްޖެއް” އަފްރާގެ ކޮލުގައި ހިފާލަމުން އައްޒާމް ބުންޏެވެ. އެއާއެކު އަފްރާގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ.

 

ޕާޓީ ތެރޭގައި އުޅުނުއިރު އައްމާރު އާލާއަށް ކުދި ކުދި ގޯނާ ކުރަމުން ދިޔައެވެ. އެއްފަހަރު އާލާގެ ފައިގައި ކޮށްޓާލަފާނެއެވެ. އަނެއް ފަހަރު އާލާއަށް އެއްލޯ މަރާލަފާނެއެވެެ. މިއިން ކޮންމެ ފަހަރަކު އާލާ ހުންނަނީ ލަދުން ގޮސް ހަލާކުވާން ކައިރިވެފައެވެ. “އައްމާރު ތީދެން ކޮން ކަމެއް. މާމަ ކާފަ ކިޔާ އުމުރަށް ދިޔައިމަވެސް އައްމާރު ތިއުޅެނީ އަލަށް މެރީ ކޮށްގެން އުޅޭ މީހެއްހެން. އަހޫއަށް ވުރެވެސް އައްމާރުގެ ކަންތައް ބޮޑު” އައްމާރުގެ ކަންފަތް ދޮށުގައި ވައިއަޑުން އާލާ ބުންޏެވެ. “އައި ލަވް ޔޫ ބޭބީ” އާލާއާ ދިމާއަށް އެއްލޯ މަރާލަމުން ރައްދުގައި އައްމާރު ބުންޏެވެ. އެއާއެކު އާލާގެ މުޅި މޫނު ރަތްވެގެން ދިޔައެވެ. ދުރުގައި އެމަންޒަރު ބަލަން ހުރި އިސްރާއަށް ހެވެމުން ދިޔައެވެ. އައްމާރެކޭ އެއްފަދައިން އަހުސަމްވެސް އެހެން އުޅޭނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ.

 

ރައިހާން ދިއުމުން އަނެއްކާވެސް އާރާޝް އެކަނިވިއެވެ. އަހުސަމް އަބަދުހެން އުޅެނީ އިސްރާ ގޮވައިގެން ކަމުން އޭނާއާ އެއްކޮށް އުޅޭނެ މީހެއް ނުވިއެވެ. އާރާޝް ފޫހިވެގެން އުޅެނިކޮށް އަރްޝާދް އޭނާއަށް ގޮވާލުމުން އަރްޝާދް ގާތަށް އާރާޝް ދިޔައެވެ.

“އާރާޝް އަދިވެސް ހަމަ ކުއްޖަކު ނެތްތަ؟” ސަމާސާ ގޮތަކަށް އަރްޝާދް އާރާޝް ވާތު އެހިއެވެ. “ނޫން އެބަހުރި އެކަމު ހިއެއް ނުވޭ އެކުއްޖާއަށް އަޅުގަނޑު ކަމުދާހެނެއް.” ހިތި ހިނިތުންވުމަކާއެކު އާރާޝް ޖަވާބު ދިން ގޮތުން އަރްޝާދް ދެރަވިއެވެ. “އެކުއްޖާ ގާތު ބުނިންތަ ލައިކްވާ ވާހަކަ؟” އާރާޝް ނޫނެކޭ ބުނުމުގެ ގޮތުން ދެ ފަރާތަށް ބޯހުރުވާލިއެވެ. އެއާއެކު އަރްޝާދް ޗޮކެއް ކަނޑާލިއެވެ. “ދެން ކިހިނެއް އެނގެނީ އެކުއްޖާއަށް އާރާޝް ކަމުނުދާ ކަމެއް؟” “އެކުއްޖާ އެހެން ކުއްޖެއްދެކެ ލޯބިވޭ” އާރާޝް އެހެން ބުނިއިރު އޭނާގެ އަރުތެރެ ބޭދެގޮތް ވިއެވެ. “ދަރިފުޅާ. އެކުއްޖާ ވެދާނެ އެއީ ދަރިފުޅަށް އެންމެ އެކަށޭނަ ކުއްޖާ ނޫންކަމަށް. އެކުއްޖާ ނުލިބުނޭ ކިޔާފަ މީހަކާ އިނުމުގެ ޚިޔާލު ދޫކޮށްނުލާތި. އެއަށްވުރެ ރަނގަޅު އަދި މާ ފުރިހަމަ ކުއްޖެއް ލިބިދާނެ.” އަރްޝާދްގެ ތަޖުރިބާގެ އަލީގައި އާާރާޝަށް ވިސްނައިދެމުން ދިޔައެވެ. އަފްރާ ގޯސްނުކޮށް ވާހަކަ ދެއްކޭތޯ އަރްޝާދް ވަރަށް މަސައްކަތް ކުރިއެވެ. އަރްޝާދް ވާހަކައިގަ ހުއްޓާ މާނީއަށްވެސް އެތަނަށް އާދެވުނެވެ. އޭރު ކޮންމެސް ކަމަކާ މާނީއަށް ރޮވެމުން ދިޔައެވެ. “ނުންުނު ކިހިނެއްވީ؟”  މާނީ ރޯތަން ފެނުމުން އަރްޝާދް ކަންބޮޑުވިއެވެ. މާނީގެ ފަހަތުން އައި ޒަހީނު ފެނި ވީ ކިހިނެއްކަން އަރްޝާދަށް އެނގުނެވެ. އެއާއެކު އޭނާގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ. މާނީ އެންމެ ކުޑައިރުއްސުރެ ޒަހީނު މާނީދެކެ ރުޅިއާދެއެވެ. އޭނާގެ ދެންތިބި ކާފަ ދަރިންނާއި މާނީއާ ވަރަށްވެސް ތަފާތު ކުރެއެވެ. ޒަހީނުއާއި މިޒްނާ މާލެއައީ މާއިޒް އަދި އިޝްމާގެ ކައިވެންނަށެވެ. ސުހެއިދުވެސް އެމީހުންނާއެކު މާލެއައެވެ. “އަރްޝާދް ދަރިފުޅު މިތާގަތަ. ދެން މިހުރީ އަފްރާގެ އާރާޝްތަ؟ އާރާޝް ވަރަށް މަޝްހޫރު ދޯ.” މާނީއަށް ބެލުމެއްނެތި ޒަހީނު ވާހަކަ ދައްކަމުން ދިޔައެވެ. އާރާޝްގެ ބައްޕައަކީ އަރްޝާދް ކަމެއް ޒަހީނަކަށް ނޭންގެއެވެ. ޒަހީނުގެ މިޒާޖުގެ ގޮތުން އެވާހަކަ ޒަހީނަށް އަންގާކަށެއް ބޭނުމެއް ނޫނެވެ. “މާނީ މާދަމާ ހަވީރު ތައްޔާރަށް ހުންނާތި. އެސޮރު އަންނާނެ މާދަން މިގެއަށް އަހަރެން ބޭނުން އެކޮޅަށް އަނބުރާ ދިއުމުގެ ކުރިން މާނީގެ ކައިވެނިވެސް ކުރެވެން.” ޒަހީނު އެހެން ބުނުމާއެކު ކަރުނަވީ ދެލޮލުން މާނީ އަރްޝާދާ ދިމާއަށް ބަލާލިއެވެ. އަރްޝާދް އެއްޗެކޭ ބުނަން އުޅެނިކޮށް ވަރަށް ހަމަޖެހިލާފައި ޒަހީނު އަނބުރާ އައިކޮޅަށް ދިޔައެެވެ.

މާނީގެ ލޮލުގައި ހުރި ކަރުނަތައް ވަގުތުން ފައިބަން ފެށިއެވެ. އާރާޝަށް އެ މަންޒަރު ބަލަން ކެއްނުވުމުން އަނެއްފަރާތަށް މޫނު އަނބުރާލެވުނެވެ. ޒަހީނު ދެކެ އައި ރުޅީގައި އާރާޝްގެ އަތް މުއްކެވުގެން ދިޔައެވެ. “ނުންނު ބަލާބަ ކުއްބެއާ ދިމާއަށް. ކުއްބެ ހުއްޓަކާ އެއްްވެސް މީހަކަށް ނުކެރޭނެ ނުންނުގެ ނުގަބޫލުގަ މީހަކާ ދެވާކަށެއް. ކުއްބެއަަށް ޔަގީން މާއިޒްވެސް އެހެން ވިޔަކަ ނުދޭނެކަން. މިއޮށް އުފާވެެރިރޭ ނުންނު ތިހެން ރޯކަށް ނުވާނެއްނުދޯ. އަވަހަށް ހުއްޓާލާ” މިހްރާން ނެތްކަމުގެ ފަޅުކަން މާނީ އަދި މާއިޒަށްވެސް އިހްސާސް ކުރެވޭކަށް އަރްޝާދް ބޭނުމެއް ނުވެއެވެ. އޭނާގެ ތިން ކުދިންނެކޭ އެއްވަރަށް މާއިޒް އަދި މާނީދެކެވެސް އޭނަ ލޯބިވެއެވެ. “އާރާޝް ބައްޕަ އެބައަންނަން. ބައްޕަ އަންނަން ދެކަށް ނުންނުގާތު މަޑުކޮށްލާ” ދެހިތުގެ ހާލަތު ނޭންގި މާނީ ގާތު މަޑުކުރުމަށް އާރާޝްގާތު އަރްޝާދަށް ބުނެވުނެވެ.

މާނީ ބޭނުންވީ އާރާޝްދެކެ ލޯބިވާވަރު އެވަގުތު ބުނަންށެވެ. އެހެނަސް އެއީ އޭނާއަށް ކުރެވޭނެ އެންމެ މޮޔަކަންތަކޭ ހިތަށް އެރުމާއެކު ފަސްޖެހެވުނެވެ.

މާނީއެކޭ އެއްފަދައިން އާރާޝްވެސް ބޭނުންވީ ލޯބިވާވަރު އަންގާދޭށެވެ. އޭނާ ހުއްޓާ އެއްވެސް މީހަކަށް މާނީއަށް އެއްވެސް ކަމެއް މަޖުބޫރު ނުކުރެވޭނެ ބުނެ މާނީގެ ހިތްހަމަޖައްސާދޭން ބޭނުންވިއެވެ. އެހެނަސް އެކަމުގެ ސަބަބުން މާނީއަށް އިތުރު ހިތްދަތިކަމެއް ލިބިދާނެހެން ހީވުމުން އާރާޝް އޭނާގެ އިހްސާސްތައް ހިފެހެއްޓިއެވެ. އާރާޝް ބެލީ މާނީގެ އެންމެ ގާތް އެކުވެރިޔާގެ ހައިސިއްޔަތުން މާނީއަށް ހިތްވަރު ދޭށެވެ.

“ހެއި. މެރީ ކުރާނެ ކުއްޖެއް ލިބުނީމަވެސް ރޮނީތަ؟ ހަސަނު ނުލިބޭނެތީތަ ތިރޮނީ؟ ވެދާނެއްނު އެހަސަނަށް މާނީ ޑިޒާވް ނުވަނީކަމަށްވެސް. މާނީއަށް ތިލިބެން އުޅެނީ އޭނައަށް ވުރެ ރަނގަޅު ފިރިއެއް ކަމަށް. ސަންތިމަރިޔަނބު ޔޫ އާ އަ ސްޓްރޯންގް ގާލް. މާނީގެ ދޮންބެއާ ދޮންތައާ ބެސްޓް ފްރެންޑްގެ ވެޑިން ނައިޓްގަ ތިހެން ރުއިމަ ކިހާ ދެރަ. މާއިޒަށް އެނގިއްޖެޔާ މާއިޒްގެ މޫޑު ވަގުތުން ޚަރާބުވާނެ. އިޝްކޮވެސް ދެރަވާނެއްނު. އައި ޕްރޮމިސް ޔޫ އިފް ހީ އިޒް އަ ބޭޑަ ގާއި އައި ވޮންޓް ލެޓް ޔޫ މެރީ ހިމް. އައި ޕްރޮމިސް. ނުންނުގެ ވެޑިން އޮންނަ ރޭ ކިޑްނެޕްކޮށްގެން ގެންގޮއްސަ އާރާޝް މެރީ ކުރާނީ އެގޮތް އޯކޭނު؟” ސަމާސައަކަށް ހަދާފައި ނަމަވެސް އާރާޝް ބުނީ އޭނާ ކަންތައް ކުރަން ބޭނުންވި ގޮތެވެ. “އައްޗި ނޫޅެން. ހެޔޮ އެމީހާއާ އިންނަން ޖެހުނަސް އާރާޝަކާ ނީންނާނަން.” މާނީ މޫނަން ފަކުރު ގަންނަ ވައްތަރެއް ޖައްސާލަމުން ބުންޏެވެ. އެހެނަސް އޭނާގެ ހިތް އެދުނީ އާރާޝް އެފަދައިން ކަންތައް ކުރުމަށެވެ. އާރާޝް މާނީ ގޮވައިގެން ފިލަން ދާ މަންޒަރު މާނީއަށް ޚިޔާލު ކުރެވުނެވެ. އެއާއެކު ކަރުނައިގެ ތެރެއިން މާނީއަށް ހިނިތުންވެވުނެވެ. އާރާޝާއި އެކު މަޖާ ވަގުތު ކޮޅެއް ހޭދަ ކުރެވުމާއެކު މާނީ އެހެންކަންތައް މަތިން ހަނދާންނެތުނެވެ.

 

ޕާޓީ ނިމެން ގާތް ވުމާއެކު އިސްރާ ގާތު ބުނެފާ އާރާޝާއި އެއްކޮށް މާނީ ތިރިއަށް ދިޔައެވެ. އެއަށްފަހު ދެކުދިން ވެގެން އުއްބައްތި ތަކުގައި އަލިފާން ރޯކުރިއެވެ.

ގަޑިން އެގާރަ ގަޑި ބައިވި އިރު ޓެރަސް މަތީގައި ތިބީ ދެފަރާތު އާއިލާގެ އެންމެ ގާތް މީހުންނެވެ. އަންޖަލް ނިދިއައިސްގެން އުޅުމުން އަޒީޒާއާއި އަބްދުﷲ އަންޖަލް ގޮވައިގެން ގެއަށް ދިޔައެވެ. އާލާއާއި އައްމާރު މަޑުކުރީއެވެ. ޕާޓީ ތެރޭގައި އަޝްވާ ނިދުމާއެކު އާރާޝް އަޝްވާ ތިރިއަށް ގެންދިއައެވެ. އަފްރާވެސް ވަރު ބަލިވެފައި ހުރުމުންނާއި އައްޒާމްގެ އެދުމުގެ މަތިން ތިރިއަށް ދިޔައެވެ. އަފްރާގެ އެދުމަށް އާރާޝް އަޝްވާ ގެންދިޔައީ އަފްރާމެން ބަޔަށެވެ.

“ކާފަ ވަރަށް އުފާވެއްޖެ ކާފަ ދުނިޔޭގައި ހުއްޓާ މާއިޒް އަދި އިޝްމާ ކައިވެނި ކުރީމަ. ދެކުދިންގެ ހޮވުމަށްވެސް ކާފަ މަރުހަބާ ކިޔަން. ކާފަ އުއްމީދު ކުރަނީ މިހްރާން ކަހަލަ ރަނގަޅު ފިރިއަކަށް މާއިޒް ވާނެކަމަށް. އަފްޝަން ހުރިނަމަ މިއަދު ވަރަށް އުފާވީސް. ކާފަ އުއްމީދު ކުރަން ކާފަ ދުނިޔޭގަ ހުއްޓަ އާރާޝް އަދި މާނީވެސް ޒަވާޖީ ހަޔާތެއް ފަށާނެކަމަށް” އަފްޝަންގެ ވާހަކަ ބުނިވަގުތު ސުހެއިދުގެ ލޮލުން ކަރުނަ ހިލުނެވެ. އެހެނަސް އޭނާ މާއިޒަށް ނުފެންނާނެހެން ކަރުނަ ފުހެލިއެވެ.

މާނީގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެ ވާހަކަ ބުނަން އުޅެފައިވެސް ޒަހީނު އެވާހަކަ އެވަގުތު ނުބުނީ މާއިޒް ރުޅިއަންނާނެ ތީއެވެ. މާއިޒްގެ އުފާވެރިރޭ މާނީގެ ސަބަބުން ޚަރާބުވާކަށް ޒަހީނު ބޭނުމެއް ނުވިއެވެ.

“މާއިޒް ރަނގަޅަށް މަގޭ ނަވްޔާ ބަލާތި. ނަމަނަަމަ މަގޭ ނަވްޔާއަށް ދެރަ ގޮތެއް ނުހަދާތި.” ރައުފާ ނަވްޔާގައިގަ ބައްދާލިއެވެ. “ރައު ހާސް ނުވޭ އިރާދަކުރެއްވިއްޔާ މާއިޒް ނަވްޔާއަށް ދެރަގޮތެއް ނުހަދާނެ. މަހުއްޓަކާ ލާހިކެއް ނޫން ނަވްޔާއަށް ދެރަ ގޮތެއް ހަދާކަށް. ނާޔާގެ ބަދަލުގަ ރައުއަށް އިޝްކޮ ލިބުނީނު. އިޝްކޮގެ ބަދަލުގަ ނާޔާ މިގެއަށް” އިޝްމާގެ ބޮލުގައި ފިރުމާލަމުން އަފްރީން ބުނެލިއެވެ.

މަންމަމެންާ ވަކިވާ ވަގުތު ގާތް ވެއްޖެކަން ނަވްޔާއަށް އިހްސާސްވީ ހިނދު އޭނާއަށް ރޮވުނެވެ. ނަވްޔާ ގާތު ނުރިއުމަށް ބުނެ ރައުފާ ނަވްޔާގެ ކަރުނަތައް ފުހެދިނެވެ.

މާނީއަށް އިޝްމާ ގައިގައި ބާރަކަށް ބައްދާގަނެވުނެވެ. “ދޮންތާ އައި އޭމް ގޮއިން ޓު މިސް ޔޫ އަ ލޮޓް. އަންނައްޗޭ ގެއަށް ވަރަށް ގިނައިން. އާކޭ އޫޕްސް ސޮރީ ދޮންތަބޭ. ޑޯންޓް އީވަން ތިންކް އެބައުޓް ހަރޓިން ހާ.” އަކްމަލާއި ދިމާއަށް ލޯކުޑަކޮށްލަމުން މާނީ އިންޒާރު ދިން ގޮތުން އަކްމަލް ގާތަށް ހިނިއައެވެ. “ޝީއިޒް ރައިޓް. މިކަމުގެ އަހަންނާ ސަންތި އެއްޓީމުދޯ. އާކޭ އައި ޓްރަސްޓް ޔޫ އުއްމީދު ކުރަން އިޝްކޮއަށް ދެރަަގޮތެއް ނުހަދާނެ ކަމަށް. އިޝްކޮ އާކޭ ކިރިޔާވެސް ގޮތެއް ހެދިއަސް ދޮންބެ ގާތު ބުނާތި” އާރާޝް އިޝްމާ ގައިގަ ބައްދާލިއެވެ. އަހަރެއްހާ ދުވަސް ކުރިން އެެދެމެދުގައި ނުތަނަވަސްކަން ވިއްސް މިހާރު އެކަމެއް ނެތެވެ. އާރާޝް އިޝްމާދެކެ ވީ އިޝްގީ ލޯބި ނޫންކަން އާރާޝަށް މިއަދު އެނގެއެވެ. އޭނާގެ ހިތުގައި އޭރުވެސް އުފެދެމުން ދިޔައި ބޭބެއަކު ކޮއްކޮއެއް ދެކެ ވާ ލޯތްބެވެ. އެހެނަސް އޭރު އާރާޝަށް އެކަން ނުވިސްނުނީއެވެ. ހަގީގަތަކީ އޭރުވެސް ތަފާތު ނަޒަރަކުން އޭނާއަށް ވިސްނެމުން ދިޔައީ މާނީއާ މެދުގައެވެ. ނަމަވެސް އޭނާގެ ބޯހަރުކަމުން އެކަމަށް އެއްބަސްވާން އޭނާގެ ހިތް ދެކޮޅު ހެދީއެވެ.

 

މާއިޒާއި ނަވްޔާ ކޮޓަރިއަށް ވަންއިރު ދެޒުވާނުންވެސް ހައިރާންވިއެވެ. މުޅި ކޮޓަރި ވަނީ ފިނިފެންމަލުންނާއި އުއްބަތިން ޒީނަތްތެރިކޮށްފައެވެ. ކޮޓަރިއަށް ވަނުމާއެކު ނަވްޔާ ލަދުން ގޮސް މަރުވާވަރު ވިއެވެ. އެރޭ ވާނެކަންތައް ލޮލަށް ސިފަވާން ފެށުމާއެކު އޭނާއަށް ދެލޯ މަރާލެވުނެވެ.

 

އަކްމަލާއި އިޝްމާއަަށް ގެއަށް ދެވުނު އިރު ހުރީ ބާރަވެސް ޖަހާ ބޮޑުވެފައެވެ. ދެކުދިންވެސް ތިބީ ވަރަށް ވަރުބަލި ވެފައެވެ. އެހެނަސް ކޮޓަރިއަށް ވަދެވުމާއެކު ވަރަބަލިކަން މަތިން ދެކުދިންވެސް ހަނދާންނެތުނެވެ.

 

އާރާޝާއި މާނީ ރޭގަނޑު ހަތަރު ދަމު ތިބީ ވައިބާއިން މެސެޖް ކުރާށެވެ. އޭނާގެ ހުރިހާ އެކުވެރިން އެމީހުންގެ ބައިވެރިންނާއެކު ތިބިއިރު އޭނާ އޮންނަށް ޖެހެނީ އެކަނި ކަމަށް ބުނެ މާނީއަށް މެސެޖް ކުރިއެވެ. ދެން އާރާޝްވެސް މީހަކާ އިންނާނީނޫންހޭ ކިޔާ މާނީ ޖަވާބު ފޮނުވިއެވެ. ފަތިސް ނަމާދަށް ބަންގި ގޮވީވެސް އެދެކުދިން އެހެން ތިއްބައެވެ. ހޭލާ އޮތުމުން އާރާޝް ތެދުވެގެން ޖަމާޢާތަށް ދިޔައެވެ. އައްޒާމް އާރާޝަށް ގޮވަންވެގެން ކޮޓަރިން ނުކުތްއިރު އައްޒާމް ގެއިން ނުކުންނަތަން ފެނުމުން ހީލުމަށްފަހު އާރާޝާއެކީ މިސްކިތައް ދިޔައެވެ.

މާނީވެސް ނަމާދުކޮށްގެން ނިދަން އޮށޯތެވެ. އޭނާއަށް ހޭލާ އޮވެވުނުކަން ނަސީބެކޭ ހިތަށް އެެރިއެވެ. އެހެން ރޭތަކާ ޚިލާފަށް އޭނާގެ ދޮންބެ މާނީއަށް ގޮވަން ނާދެވޭނެކަން ހިތަށް އެރިއެވެ. މާއިޒް މާނީއަށް ގޮވަން ކޮޓަރިއަށް ނަޔަސް ފޯނުން އޭނާއަށް ގުޅިއެވެ. މާނީ ފޯނުނަގާފަ ނަމާދުކޮށްފީމޭ ބުނުމުން އަވަހަށް ނިދާށޭ ބުނެ މާއިޒް ފޯނު ކަނޑާލިއެވެ. އެނދުގެ އެއް ފަރާތެއްގައި ފޯނު ބާއްވާފައި މާނީ އޮށޯތެވެ. އޭނާ ބެލީ އަވަހަށް ނިދޭތޯއެވެ. ނިދާއިރު ކިޔާ ދުޢާ ކިޔުމަށްފަހު މާނީ ދެލޯ މަރާލިއެވެ. އެއާއެކު ފުން ނިންޖަކަށް މާނީ ގެނބިގެން ދިޔައެވެ.

ނަމާދުން ގެއަށް އައިއިރު އާރާޝްގެ ލޯ މެރެމުން ދިޔައެވެ. އޭނާއަށް ކޮޓަރިއާ ހަމައަށް ދެވުނީވެސް ކިރިޔާއެވެ. ހެދުންވެސް ބަދަލުކުރުމެއްނެތި އާރާޝް އެނދަށް ވެއްޓިގަތެވެ. އެއާއެކު ނިދީގެ އާލާމަށް އާރާޝް ދަތުރު ކުރިއެވެ.

އާރާޝް އޭނާގެ ހުވަފެނުގައި މާނީ ގޮވައިގެން ދުނިޔެ ވަށާ ބުރެއްޖަހާލަން ދިޔައެވެ. އާލާއުއްދީންގެ ކާޕެޓްގައި ދެކުދިން އުފާވެރިކޮށް ދަތުރުކުރަމުން ދަނިކޮށް ކުއްްލިއަކަށް ނުބައި ބަޔަކު ބަޑިއާއި އޭތި މީތި ހިފައިގެން ކާޕެޓާއި ދިމާއަށް އައެވެ. ދުޝްމަނުންގެ ލަޝްކަރު އެންމެ ކުރީގައި ބޮޑު ބަޑިހިފައިގެން ހުރި މީހާ ފެނި އާރާޝާއި މާނީއަށް ދެމީހުންނާ ދިމާއަށް ބަލާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހިތް އެދުނަސް… (6)

Next

އުންމީދު

Next
September 23, 2018

އުންމީދު

Previews
September 22, 2018

ހިތް އެދުނަސް… (6)

7 Comments!

  1. Eh says:
    September 23, 2018 at 12:46 am

    First?

  2. mrs siraj says:
    September 23, 2018 at 12:49 am

    Heheheh….. Story ge last part…. Wowowow so cartoonist dream ever.. Araash ur going to be mad about maany………. BTW story habeys ingey….

    1. mrs siraj says:
      September 23, 2018 at 12:50 am

      Me second

  3. Zarah says:
    September 23, 2018 at 2:02 am

    ❤❤❤❤ Next part when?
    Can’t wait❤❤

  4. Anonymous says:
    September 23, 2018 at 6:16 am

    Alhey.. Vrh salhi.. Maa sha Allah.. Hama nuhurevey dhn oiyy bai kiyaalaa hithun.. When next? When next? H
    When next? Hehehe

  5. Kiyara says:
    September 23, 2018 at 6:20 am

    Assalaam alaikum. Kury baithakuge comments thakahreply nukurevunythyve koyuntheringe kibain nihaayathah maafah edhen. Baeh kudhin edhemun dhiyaee storyge cover badhal kohdheyn ehenve alhugandu varah massiakai kurin cover badhal kuran. Ekam hama ehvves gothakah cover badhalvaa gotheh nuvi. Alhuganduge vaahaka ah hurihaa kudhinves dhevva supportah varah bodah snukuriyya. Kuriah oii dhehafthaaga konme dhuvahaku vaahaka nugenes dhevudhaane ekam varah masakkai kuraanan geneadheveytho. Hueihaa kiyuntherinnnah understand vaane kamah hykuran. Shukuriyya
    Kiyara

    1. Anonymous says:
      September 23, 2018 at 6:28 am

      It’s ok kiyaa.. Bxy ves vaane ehnu dhw baeh faharah.. Hamajehilaigen publish kohlaa.. Alhugandu men thibeynan inthizaaruga.. In sha Allah..☺️

Comments are closed.

Next Episodeރާސްތާ 42←


All Right Reserved!