އުންމުލް މުއުމިނީން ޢާއިޝަތު ރަޟިޔަ ﷲ ޢަންހާ 02
ތުއްޕުޅު އިރު
أمّ المؤمنين السّيّدة عائشة رضى اللّـه عنــها އުފަންވެވަޑައިގެން، ބޮޑުފުޅުވަމުން އައީ މާތް ވެގެންވާ މައްކާގައެވެ. ދުނިޔެމަތީގައި އެންމެ ފުރަތަމަ މާތް ﷲ އަށް އަޅުކަން ކުރުމަށްޓަކައި ބިނާކުރެވުނު ކަޢުބާގެ ކައިރީގައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، މައްކާއަކީ ހަނަފަސް ބިމެކެވެ. ވަށައިގެން ފެންނަން ހުންނަނީ ބޮޑެތި ބިޔަ ފަރުބަދަތަކެވެ. ގަސްރުއް ފެންނަންހުރީ ދާދިމަދުންނެވެ.
ނަތީޖާއެއްގެ ގޮތުން މައްކާގެ އާބުހަވާއަކީ، ފެންމަދު ވައިގެ ތެތްކަމެއްނެތް ޖައްވެކެވެ. އެފަދަ މާހައުލެއްގައި ދިރިއުޅޭތަކެއްޗާއި އިންސާނުންގެ ހެދިބޮޑުވުމުގައި ފިނިތަންތަނުގައި ދިރިއުޅޭތަކެއްޗާއި އިންސާނުންނާއި އަޅާބަލާއިރު އިޝާރަތެއް އަވަހެވެ. މިކަމަކީ މިހާރުގެ މެޑިކަލް ސައިންސްވެސް ހެކިދޭކަމެކެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنــها ބޮޑުފުޅުވަމުން ވަޑައިގެންނެވި ޢަރަބި މުޖުތަމަޢުގެ ޢަރަބީންނަކީ ބަސްމޮށުންތެރިކަމާއި އެޒަމާނުގައި ރިވެތި އަޚްލާޤުގައި އަރައިތިއްބެވި ބައެކެވެ. ޢަރަބީންގެ ތެރެއިންވެސް އެކަމުގައި ހޮވައިލެވެނީ އެކަމަނާވެސް އެވަންހައަށް ނިސްބަތްވާ ޤުރައިޝްވަންހައެވެ. އެހެންކަމުން އެކަމަނާ ބޮޑުފުޅުވަމުން އައި ދުވަސްވަރު އެ ސިފަތައް ވަނީ އެކަމަނާގައި ހަރުލާފައެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ތުއްޕުޅުއިރު އެކަމަނާގެ އެއްފުރައިގެ އަންހެން ކުދިންނާއެކު ކުޅިވަރު ކުޅުއްވައި ހައްދަވައެވެ. އެކަމަނާ ތުއްޕުޅުއިރު ވަރަށް ގިނައިން ހޭމަތަކާ ކުޅުއްވައި ހައްދަވައެވެ. ހޭމައަކީ ކުޑަކުދިން ކުޅެން ހަދާފައި ހުންނަ ބުދެވެ. އޭރު އަދި އެފަދަ ސޫރަ އެނގޭ ގޮތަށް ހުންނަ ބުދުތައް ގެންގުޅުން ނަހީއެއް ނުކުރައްވައެވެ. أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ވިދާޅުވެފައިވެއެވެ.”އަހަރެންކުޑައިރު އެއްފުރައިގެ އަންހެންކުދިންނާއެކު ހޭމަތަކާއި ކުޅެން އުޅެމެވެ. އެހެން ކުޅެން އުޅެނިކޮށް ބައެއް ފަހަރު ރަސޫލާ އަހަރެމެންގެ ގެއަށް ފައިންޕުޅު ބީއްސަވައެވެ. އަދި ބައެއް ފަހަރު އެކަލޭގެފާނު، އަހަރެންނާއެކު ކުޅޭނެ އެއްފުރައިގެން އަންހެން ކުދިންނަށްގޮވައި ގެންނަވައެވެ.”
އެނގިވަޑައިގަންނަވާނޭފަދައިން أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ގެ ބައްޕާފުޅަކީ ކައުއިތުރު ރަސޫލާގެ މިތުރެވެ. އެންމެ ގާތް އެކުވެރިޔާއެވެ. އެހެންކަމުން އެކަލޭގެފާނު أبوبكر الصّدّيق رضى اللّـه عنــه ގެ ގެކޮޅަށް ވަރަށް ގިނައިން ފައިންޕުޅު ބީއްސަވައެވެ. ކުރިން ދެންނެވިފައިވަނީ އެގޮތަށް ކައުއިތުރު ރަސޫލާ އެގަނޑުވަރަށް ވަޑައިގެންނެވި ފަހަރަކު ހިނގި ޙާދިޘާއެކެވެ.
އޭގެ އިތުރު އެހެން ޙާދިޘާއެކެވެ. أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ވިދާޅެވެފައިވެއެވެ. އެއްފަހަރަކު ރަސޫލާ صلّى اللّـه عليه وسلّم، އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއިރު އެކަމަނާ ކުޅުއްވަން ގެންގުޅުއްވި ހޭމަތަކެއް ދެކެވަޑައިގެންނެވިއެވެ. އެތަނުގައި ދެފިޔަލާފައިވާ އަހެއްވެސް އޮތެވެ. އެއަހުގެ ފިޔަގަނޑަށް އިޝާރާތް ކުރައްވައި ރަސޫލާ صلّى اللّـه عليه وسلّم، ޙަދީޘް ކުރެއްވިއެވެ. މިއީ ކޮންއެއްޗެއް ހެއްޔެވެ؟ أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ވިދާޅުވިއެވެ. އަހަރެން ދެންނެވީމެވެ. އެއީ އެއަހުގެ ފިޔަގަނޑެވެ. ކައުއިތުރު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އަހުގައިވެސް ފިޔަހުރޭ ހެއްޔެވެ؟ أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ވިދާޅުވިއެވެ. އާދޭހެވެ. ސުލައިމާނުގެފާނުގެ ގެންގުޅުއްވި އަހެއްގައިވެސް ފިޔަ ހުރެއެވެ. އަހަރެން އެހެން ދެންނެވުމުން ރަސޫލާ ހިނިވަރުނަ ކުރެއްވިއެވެ.
ޙަދީޘް ފޮތްތަކުގައި ބަޔާންވެގެންވާ އެހެން ރިވާޔަތްތަކުގައި ގޮތުގައި ރަސޫލާ صلّى اللّـه عليه وسلّم، أبوبكر الصّدّيق رضى اللّـه عنــه ގެ ގެކޮޅަށް ވަޑައިގެންނެވުމުން، أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ގެ އަރިހުގައި ކުޅެން އުޅޭ ބައެއް ކުދިން ލަދުފުޅުން އެކަލޭގެފާނަށް ފިލާވަޑައިގެން އުޅުއްވައެވެ.
މިދެންނެވި ޙަދީޘްތަކާއި މެދުގައި ޢިލްމުވެރިން ނަޒަރަކީ އެ ޙަދީޘްތަކަކީ ބުދާއި ތަސްވީރު ޙަރާމްކުރެއްވުމުގެ ކުރިން ހިނގާފައިވާ ޙާދިޘާ ތަކެއްކަމުގައެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ކުޅުއްވަން ގެންގުޅުއްވި ހޭމަ ނުވަތަ ބުދުތަކަކީ ބޯފޮތިން ހެދިފައިވާ ތަކެއްޗެވެ. މިހާރު އަޅުގަނޑުމެންނަށް ފެންނާން މިހުންނަ ބުދުތައް ހުންނަހެން ލޮލާއި މޫނާ އެހެނިހެން ގުނަވަންތައް ފާޅުކޮށް ފެންނަން ހުންނަހެން ހެދިފައިވާ ތަކެތި ނޫންކަމުގައެވެ. ކޮންމެއަކަސް މައުޟޫއަކީ ފިޤުހު ޢިލްމުވެރިންނާ ގުޅޭ މައުޟޫއެކެވެ.
އެޒަމާނުގެ ޢަރަބީންނަކީ ލިޔަންކިޔަން ދަންނަބައެއް ނޫނެވެ. ޢަރަބީންގެ ތެރެއިން ލިޔަންކިޔަން ދަންނަނީ ވަރަށް މަދު ބައެކެވެ. ނަމަވެސް أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ތުއްޕުޅުއިރުވަނީ ލިޔުއްވަންށާއި ކިޔުއްވަން ދަސްފުޅު ކުރައްވާފައެވެ. ބައެއް މުއައްރިޚުން ލިޔުއްވާގޮތުގައި އެކަމަނާ ލިޔެކިޔުން ދަސްފުޅު ކުރެއްވީ السّيّدة شفّاء بنت عبد اللّـه رضى اللّـه عنــها ގެ އަރިހުންނެވެ. أمّ المؤمنين السّيّدة حفصة رضى اللّـه عنــها ވެސް ތަޢުލީމު ޙާސިލުކުރެއްވީ السّيّدة شفّاء بنت عبد اللّـه ގެ އަރިހުންނެވެ.
އެޒަމާނުގެ އާދަކާދައިގެ މަތިން عائشة رضى اللّـه عنــها، ގެ ޢުމުރުފުޅުން ހައަހަރުފުޅު ނުވަނީސް އެކަމަނާ އާއި جُبَيْرِ بْنِ مُطْعِمٍ بْنُ عَدِي ޚިތުބާ ކުރެވުނެވެ. جُبَيْرِ بْنِ مُطْعِمٍ بْنُ عَدِي ގެ ޚާންދާނުގެ ބޭފުޅުން އޭރަކު އަދި އިސްލާމްދީން ޤަބޫލުފުޅެއް ނުކުރައްވައެވެ. އެބައިމީހުން ތިބީ ކާބަފައިންގެ ދީންމަތީގައެވެ. جبير ގެ ބަފައިކަލުން مُطْعِمُ بْنُ عَدِي އަކީ ރަސޫލާ صلّى اللّـه عليه وسلّم، ޠާއިފުން ވަޑައިގެންނެވި ދުވަހު މައްކާއިން އެކަލޭގެފާނަށް ޙިމާޔަތްދީ އަމާންކަން ދިން މީހެކެވެ. އެގޮތަށް ޙިމާޔަތްދިނުމުން އޭނާއަށް މައްކާގެ މުޝްރިކުން މަލާމާތްކޮށްވެސް އުޅުނެވެ. مُطْعِمُ بْنُ عَدِي މަރުވީ ކާފިރުކަން މަތީގައެވެ.
مُطْعِمُ بْنُ عَدِي ގެ އެ ހެޔޮކަން ރަސޫލާ صلّى اللّـه عليه وسلّم، ހަނދުމަފުޅު ބަހައްޓަވައެވެ. ބަދުރު ހަނގުރާމައިގައި ހައްޔަރުވި މުޝްރިކުންގެ ޢަސީރުންނާއި މެދުގައި ޙަދީޘް ކުރެއްވިކަމަށް ބުޚާރީގައި ރިވާވެގެންވެއެވެ. “މިއަދު مُطْعِمُ بْنُ عَدِي އަހަރެންގެ ގާތަށް އައިސް މިބައިމީހުން ދެއްވުމަށް އެދުނުނަމަ އަހަރެން އޭނާއަށް މިއެންމެން ފިދިޔައަކާއި ނުލައި ދޫކޮށްލާނަމެވެ.”
ޚަދީޖަތުގެފާނު އަވަހާރަވުން
عائشة رضى اللّـه عنــها، ގެ ޚިތުބާ جُبَيْرِ بْنِ مُطْعِمٍ بْنُ عَدِي އާއި ކުރެވުނު ދުވަސްވަރުގެ ފަހުގެ ތާރީޚެއްގައި أمّ المؤمنين السّيدة خديجة رضى الله عنها އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ ޢުމުރުފުޅުން 65 އަހަރުފުޅުގައެވެ. އެކަމަނާ އަވަހާރަވީ ނަބީކަމުން 10 ވަނަ އަހަރުގެ ރަމަޟާންމަހުގެ 10 ވަނަ ދުވަހު ކަމަށް ތާރީޚު ލިޔުންތެރިން ލިޔުއްވާފައިވެއެވެ. أمّ المؤمنين السّيدة خديجة رضى الله عنها އަވަހާރަވުމުން ޢާލަމްތަކަށް ރަޙަމްތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ صلّى اللّـه عليه وسلّم، ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އެހެނީ އެކަލޭގެފާނަށް ކުރިމަތިވެވަޑައިގަންނަވާ ކޮންމެ ދުއްތުރާތަކާއި އަނިޔާތަކަށް أمّ المؤمنين السّيدة خديجة رضى الله عنها ފަރުވާދެއްވާ ތަސައްލީ ދެއްވައެވެ.
ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين السّيدة خديجة رضى الله عنها ގެ މިދެންނެވި އޯގާތެރިކަމާއި ހެޔޮފުޅުކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވައެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންފުމަށް ދާންދެން އެކަމަނާގެ މަތިން ހަނދުމަފުޅު ކުރައްވައެވެ. أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ވިދާޅުވެފައިވާ ކަމަށް އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. ” ޚަދީޖަތުގެފާނު ފިޔަވައި ކައުއިތުރު ރަސޫލާގެ އެއްވެސް އަނބިކަނބަލަކާއި މެދުގައި އަހަރެންގެ ހިތުގައި ޣީރަތުގެ ސުޢޫރެއް އުފެދިފައެއް ނެތެވެ. އެއީ އަހަރެންނަށް އެކަމަނާ ފެނިފައިވެސް ނުވުމާއި އެކުގައެވެ. ނަމަވެސް ރަސޫލާ صلّى اللّـه عليه وسلّم، އެކަމަނާގެ ރަނގަޅުކަމުގެ ވާހަކަފުޅު ވަރަށް ގިނައިން ދައްކަވައި އުޅުއްވައެވެ. ބަކަރިއެއް ކަތިލައްވައިފިނަމަ އެބަކަރިން ޚަދީޖަތުގެފާނުގެ ރަޙްމަތްތެރިންނަށް ޞަދަޤާތް ކުރައްވައެވެ. ބައެއް ފަހަރު އަހަރެން ދަންނަވަމެވެ. “ކަލޭގެފާނުގެ ޢަމަލުފުޅުން ހުންނަގޮތުން ޚަދީޖަތުގެފާނު ފިޔަވައި އެހެން އަންހެނަކު ދުނިޔާގައި ނުވާހެންވެސް ބައެއް ފަހަރު އަޅުގަނޑަށް ހީވެއެވެ.” އެހެން ދެންނެވުމުން ރަސޫލާ صلّى اللّـه عليه وسلّم، ޙަދީޘް ކުރައްވައެވެ. “ޚަދީޖަތުގެފާނަކީ އެވެނި މިވެނި ސިފަތަކުގެ ވެރި ބޭކަނބަލެކެވެ. ތިމަންކަލޭގެފާނަށް ދަރިންގެ ނިޢުމަތް ލިބިވަޑައިގެންނެވީ އެކަމަނާގެ ފަރާތްޕުޅުންނެވެ.”
އެހެން ރިވާޔަތެއްގައިވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم، ޙަދީޘް ކުރެއްވިއެވެ. މީސްތަކުން އަހުރެންގެ ނަބީކަން ދޮގުކުރަމުން ގެންދަނިކޮށް އަހުރެންގެ މައްޗަށް އެންމެ ފުރަތަމަ އީމާންވެވަޑައިގަތީ އެކަމަނާއެވެ. އެކަމަނާ އަހުރެންނަށް އެހީތެރިވެވަޑައިގަތީ އެއްވެސް ފަރާތެއްގެ އެހީތެރިކަމެއްނެތި ހުއްޓައެވެ. އެކަމަނާ އަހުރެންގެ ހިތްހަމަޖައްސައިދެއްވީ މީސްތަކުން އަހުރެން ހިތްދަތިކޮށް އުނދަގޫ ކުރަމުން ގެންދިޔަ ދުވަސްވަރުއެވެ.”
ކޮންމެއަކަސް އެދަފަ މާތް ޚުލުޤުފުޅެއްގެ ވެރި އަނބިކަނބަލަކު އަވަހާރަވުމުން ރަސޫލާ صلّى اللّـه عليه وسلّم، އަށް ވަރަށް ފުންހިތާމަފުޅެއް ލިބިވަޑައިގެންނެވިއެވެ. އެކަމަނާ އަވަހާރަވީ އަހަރު އަބޫތާލިބުގެފާނުވެސް އަވަހާރަވެއްޖެއެވެ. އެހެންކަމުން އިސްލާމީ ތާރީޚުގައި އެ އަހަރުގެ ނަން މަޝްޙޫރުވެފައިވަނީ ހިތާމައިގެ އަހަރުގެ ނަމުންނެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން އެކަމުގެ ސަބަބުން ރަސޫލާ صلّى اللّـه عليه وسلّم، ގަނޑުވަރުންބޭރަށް ނުކުމެވަޑައިގެންނެވުންވެސް މަދުކުރެއްވިއެވެ.
މިހެންމިކަންވެފައިވަނިކޮށް خَوْلَةَ بِنْت حَكِيم السّلميّة رضى اللّـه عنــها އެއްދުވަހަކު ރަސޫލާ صلّى اللّـه عليه وسلّم ގެ ގަނޑުވަރަށް ވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ވިދާޅުވިއެވެ.
“އޭ މާތް اللّـه ގެ ރަސޫލާއެވެ. ޚަދީޖަތުގެފާނު އަވަހާރަވީފަހުން ކަލޭގެފާނު ފެންނަނީ، އަބަދުވެސް މާބޮޑަށް ހިތާމަފުޅުންނާއި މޮޅިފުޅުން ހުންނަވަވާތަނެވެ.”
ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
“އާނއެކެވެ. ގޭތެރޭގެ ކަންތައްތައް އިންތިޒާމުކޮށް ހަމަޖައްސަވައި، ހުރިހާމަކެއް ކުރައްވަނީ ޚަދީޖަތުގެފާނެވެ.”
خَوْلَةَ بِنْت حَكِيم ވިދާޅުވިއެވެ. “ކަލޭގެފާނުގެ އަމުރުފުޅު ދެއްވައިފިނަމަ، ދެވަނަ ކާވެނިފުޅަކާ ބެހޭގޮތުން އަޅުގަނޑު ބޭކަނބަލަކާއި ވާހަކަދައްކަފާނަމެވެ.
ރަސޫލާ ޙަދީޘް ކުރެއްވިއެވެ. “އެކަހަލަ ކަންތަކާއިމެދު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ، ތިޔަބޭކަނބަލުންނަށެވެ. އެއީ ފަހެ ކޮން ބޭކަނބަލެއްތޯއެވެ؟”
خَوْلَةَ بِنْت حَكِيم ވިދާޅުވިއެވެ. “ކަލޭގެފާނު ބޭނުންފުޅުނަމަ ބިކުރުވެރި ބޭކަނބަލެކެވެ. ނޫންނަމަ ޘައްޔިބު ބޭކަނބަލެކެވެ. ބިކުރުވެރި ބޭކަނބަލަކީ ކަލޭގެފާނުގެ އެންމެ އެކުވެރި އަބޫބަކުރުގެފާނުގެ ދަރިކަނބަލުން عائشة އެވެ. ޘައްޔިބު ބޭކަނބަލަކީ سودة އެވެ. އެކަމަނާއަކީ ކަލޭގެފާނަށް އެންމެ ފުރަތަމަކޮޅުގައި އީމާންވެވަޑައިގެން އިންނެވި ބޭކަނބަލެކެވެ.”
ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ.
“އެންމެ ރަނގަޅެވެ. ކަމަނާ ތިޔަ ދެބޭކަނބަލުންނާއިވެސް ވާހަކަދައްކަވާށެވެ.”
ރަސޫލާ صلّى اللّـه عليه وسلّم އެފަދައިން ޙަދީޘް ކުރެއްވުމުން، خَوْلَةَ بِنْتِ حَكِيم ވަޑައިގެން އެދެބޭކަނބަލުންނާއި އެ ޚަބަރުދެއްވިއެވެ. އެކަމަނާ أبوبكر الصّدّيق رضى اللّـه عنــه ގެ ގެކޮޅަށް ވަޑައިގެން ގެކޮޅުގެ ދޮރުކޮޅާއި އަރާހަމަކުރައްވައި ވިދާޅުވިއެވެ.
“އޭ އުންމު ރޫމާންއެވެ. މާތް ﷲ ތިޔަބައިމީހުން މާތް ކުރައްވައި މަތިވެރި ކުރައްވައިފިއެވެ.”
أم رُومان رضى اللّـه عنــها ވިދާޅުވިއެވެ. ” އެއީ އަނެއްކާ ކޮންކަމަކުންތޯއެވެ؟”
خَوْلَةَ بِنْتِ حَكِيم رضى اللّـه عنــها ވިދާޅުވިއެވެ. ” އަހަރެން މިއައީ ރަސޫލާ ފޮނުވައިގެންނެވެ. އެކަލޭގެފާނު عائشة އާއި ކާވެނި ބައްލަވައިގަންނަވަން ޤަސްތުކުރައްވައި ވާހަކަ ދެންނެވުމަށެވެ.”
أم رُومان رضى اللّـه عنــها ވިދާޅުވިއެވެ. ތިޔަކަމުގައި ގޮތެއް ނިމަންއެނގޭނީ أبوبكر ގެއަށް ވަޑައިގެންނެވުމުން އެކަމަވާ ވާހަކަ ދައްކައި މަޝްވަރާ ކުރުމަށްފަހުގައެވެ. މިވަޤުތު އެކަލޭގެފާނު ވަޑައިގެންވީ ބޭރުގައެވެ.”
ދެން أبوبكر الصّدّيق رضى اللّـه عنــه ގެ ގެކޮޅަށް ވަޑައިގެންނެވުމުން خَوْلَةَ بِنْتِ حَكِيم رضى اللّـه عنــها ރަސޫލާ عائشة ގެފާނާއި ކާވެނިބައްލަވަން ޤަސްދުކުރައްވާ ވާހަކަ ވިދާޅުވިއެވެ. އެހެން ވިދާޅުވުމުން أبوبكر الصّدّيق رضى اللّـه عنــه ވިދާޅުވިއެވެ.
“އެކަލޭގެފާނަކީ އަހަރެންގެ އަޚެކެވެ. އެހެންކަމުން عائشة ގެފާނާއި އެކަލޭގެފާނު ކާވެނިކުރެއްވުން ހުއްދަވާނީ ކިހިނެތްތޯއެވެ؟”
خَوْلَةَ بِنْتِ حَكِيم رضى اللّـه عنــها ވަޑައިގެން أبوبكر الصّدّيق رضى اللّـه عنــه ވިދާޅުވި ބަސްފުޅު ރަސޫލާއަށް ދެންނެވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ” އެކަލޭގެފާނަކީ ދީނުގައި އަހަރެންގެ އަޚެކެވެ. ނަސަބުގެގޮތުން އަޚެއްނޫނެވެ. އެކަލޭގެފާނުގެ ދަރިކަނބަލުންނާއި ކާވެނިބެއްލެވުން ތިމަންކަލޭގެފާނަށް ޙަލާލުވެގެންވެއެވެ.”
خَوْلَةَ بِنْتِ حَكِيم رضى اللّـه عنــها ، أبوبكر الصّدّيق رضى اللّـه عنــه ގެ ގަނޑުވަރަށް ވަޑައިގެން އެވާހަކަ ވިދާޅުވުމުން އެކަލޭގެފާނު އެކަމާ އުފާފުޅުކުރެއްވިއެވެ. ކުރިވެސް ދެންނެވިފައިވާނޭ ފަދައިން އޭރު عائشة ގެފާނާއި جُبَيْرِ بْنِ مُطْعِمٍ بْنُ عَدِي އާއި ވަނީ ޚިތުބާ ކުރެވިފައެވެ. އެހެންކަމުން އެކަމާގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް أبوبكر الصّدّيق رضى اللّـه عنــه ، مُطْعِمٍ بْنُ عَدِي ގެ ގެއަށް ވަޑައިގެންނެވުމުން އެ ޚާންދާނުގެ މީހުން ދެންނެވިއެވެ. “ކަލޭގެފާނުގެ ދަރިކަނބަލުންނާއި އަޅުގަނޑުމެންގެ جُبَيْرِ ކާވެނިކޮށްފިނަމަ އޭނާވެސް ކަލޭގެފާނު ތަބާވެވަޑައިގެން ތިޔަ އުޅުއްވާ އާދީނަށް ވަދެފާނެކަމުގެ ބިރު އެބައޮތެވެ. އަޅުގަނޑުމެންނަށް ރަނގަޅީ އެ ޚިތުބާ ފަސްހު ކުރިޔާއެވެ.”
جُبَيْرِ بْنِ مُطْعِمٍ ގެ އާއިލާއިން އިސްވެ އެ އަޤްދު އުވާލިކަމަށްޓަކައި أبوبكر الصّدّيق رضى اللّـه عنــه ، ނިހާޔަތަށް އުފާފުޅު ކުރެއްވިއެވެ.
{ނުނިމޭ}
4 Comments!
Comments are closed.



Maasha allah…..furathama bayaa ehgothah mi part vx ehaa rythi….whn next ????
Nd me first dhw….yahhhhhhh
V furihama.. Waiting for the next part
Your writings r just fantastic. But why do u not reply to reader’s comments