ކައިވެނި
ކައިވެނި
ދިރިއުޅުމަކީ އިންސާނާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު އިމްތިހާނެކެވެ. އެއިމްތިހާނުން ފާސްވާން ވަރަށްގިނަ ހުރަސްތަކާއި ކުރިމަތިލާންޖެހެއެވެ. އެގޮތުން ބައެއް ފަހަރު ކާމިޔާބުވެއެވެ. އަދި އަނެއްބައިފަހަރު ނާކާމިޔާބުވެއެވެ. ނަސީބަކީވެސް ދިރިއުޅުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ އެއްޗެކެވެ. ޙަޔާތުގައި ތިމާ ބޭނުންވާ މީހަކާއި ކައިވެނި ކުރެވެނީ މަދު ނަސީބުވެރިއަކަށެވެ. އަދި އުފާވެރި ފާގަތި ދިރިއުޅުމެއް ވޭތި ކުރެވެނީވެސް މަދު ބަޔަކަށެވެ. ލޯތްބަކީ ބާރުގަދަ ހަތިޔާރެކެވެ. އެހަތިޔާރުން ޒަޙަމްވަނީ ކިތައް ހިތް ހެއްޔެވެ؟.
“އަހަރެން އަދި މީހަކާ އިންނާކަށް ބޭނުމެއް ނޫން މަންމާ! ލޯބިނުވާ މީހަކާ އެކީ އުޅޭނީ ކިހިނެތް؟.” ޢާލާ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. “ކިތަންމެ ވަރަކަށް ރޮއި އާދޭސް ކުރިޔަސް މިފަހަރު މިނޫން ގޮތެއް ނޯންނާނެ. މިހާރު ތިޔަހުރީ ޒުވާން އުމުރު ފަހަނަ އަޅާދާން ކައިރިވެފަ. ދެން ކިހިނެތްތަ ކައިވެނި ނުކޮށް މުޅި އުމުރު އަބަދު ތިހެން ހުންނާނީ؟. މަންމަ ދިނީމަ ކައިގެން. ބައްޕަ ދިނީމަ ލައިގެން. ތިއީ ދިރިއުޅުމެއްތަ؟ މިއަދު ހުސެން އަންނާނެ ޢާލާ އާއި ބައްދަލުކުރަން. މިހާރު އޮތީ ހުރިހާ ކަމެއް ހަމަޖެހި ނިމިފަ. ޢާލާގެ ވާހަކަ ބުނާ އިރަށް ހުސެން ޤަބޫލުވެއްޖެ ކައިވެނި ކުރަން. އަނެއްކާ އެއީ ނުލާހިކު މުއްސަނދި ޤަދަރުވެރި ޢާއިލާއެއްގަ ހުރި ހަމައެކަނި ދަރިފުޅު. ދެން ކޮބާތަ ކަލޭގެ މައްސަލައަކީ؟ ބަލާލަން ހުތުރީކީވެސް ނޫން. ބޭރުން ކިޔަވައިގެން އެއައީ އަދި މިއަހަރު. ކަލެއަށް ޖެހޭނީ މިކައިވެނި ކުރަން. އެހެންގޮތެއް ނޯންނާނެ. މަށަށް މަންމަ ކިޔަންޏާ ޖެހޭނީ ކައިވެނިކުރަން. އަޑު އިވިއްޖެތަ؟.” މަރީނާގެ އަޑުގައިވަނީ ހަރުކަށިކަމެވެ. “މަންމައަށް އުނދަގޫވަނީތަ އަހަރެން މިގޭގައި އުޅޭތީ؟. އަހަރެން ނުކުމެގެން ހިނގައިދާނަމޭ.” ޢާލާ އަށް ރޮވޭގޮތްވިއެވެ. ނަމަވެސް މަންމަގެ ކުރިމަތީގައި އެންމެ ކަރުނަތިއްކެއް ވައްޓާލާކަށްވެސް ޢާލާ ބޭނުމެއް ނުވެއެވެ. “ކަލޭ މިހާރު ހާދަ ގޮތްދޫނުކުރެޔޭ ދޯ!. މަބުނީމަ ދެން އެކަމެއް ކުރީމަ ނިމުނީނު. ކަލޭމެނަށް ރަނގަޅުގޮތް ކިޔައިދޭން ތިބީ އަހަރެމެންނޭ.” މަރީނާ ކޮޓަރިން ނުކުމެގެން ދިޔައީ ރުޅިއައިސްގެން ކަން ޢާލާއަށް އެނގެއެވެ.
މަރީނާ ޢާލާއަށް މަޖުބޫރުކުރަމުންދަނީ، ޢާލާ ނުވެސް ދަންނަ މީހަކާއި ކައިވެނި ކުރުމަށެވެ. އެތައް އާދޭހެއް އެފަކީރު ކުރަމުންދާއިރު މަރީނާ އަޑުއިވޭ ކަމަށްވެސް ހަދާނުލައެވެ.
ދަރިއެއްގެ ދިރިއުޅުން ފައިސާއަށްޓަކައި މަރީނާ ވިއްކާލަން ބޭނުންވަނީއެވެ. މަރީނާ ބޭނުންވަނީ މުއްސަނދިކަމެވެ. އޭނާ ޤަބޫލުކުރާގޮތުގައި އުފަލުގައި ދިރިއުޅެވޭނީ އޭރުންނެވެ. ހުރިހާވެސް އެއްޗަކީ ފައިސާއެވެ. ނަމަވެސް މަރީނާއަށް ނުވިސްނުނީ ލޯބީގެ މަތިވެރިކަމާއި މާތްކަމެވެ. ފައިސާއިން މުދާލާއި ހަށިގަނޑުވެސް ގަނެވިދާނެއެވެ. ނަމަވެސް ލޯތްބެއް ނުގަނެވޭނެއެވެ.
“ދެން އެމަންޖެ ނުޤަބޫލިއްޔާ ކީއްކުރަންތަ އެވަރަކުން އެކައިވެނި ކުރުވާކަށް ތިއުޅެނީ؟. އެމަންޖެ ބޭނުން މީހަކާ އިންނަން އެމަންޖެ ބަހައްޓާ.” ފަރީދު ބެލީ މަރީނާއަށް ވިސްނައިދެވޭތޯއެވެ. “ފަރީދުއަކަށް ނޭނގޭނެ. އޭނަ އިންނަން ބޭނުންވާ މީހަކު މިއުޑު ދަށުގައި ހުރި ހެނެއް މަށަކަށް ހިޔެއްނުވޭ. މިހާރު މީހަކާ ނުދެވައިފިއްޔާ މުސްކުޅިވާނީ އެހެން ހުރެ ކަންނޭނގެ. ވަރިހަމަ. ދެން މިފަހަރު ޢާލާއަށް ޖެހޭނީ ކައިވެނި ކުރަން. އެސޮރުވެސް ވަރަށް ޤަބޫލު.” ކޮޓަރީގައިވާ ފަނޑުއަލިކަމުގެ ތެރެއިން މަރީނާގެ މޫނު ފެންނަނީ ރުޅިއައިސްފައިވާ ސިންގާއެއް ފަދައިންނެވެ. މަރީނާ ގޮތް ދޫނުކުރާނެކަން އެނގުމުން ހަތިޔާރު ބަހައްޓަން ޖެހުނީ ފަރީދުއަށެވެ.
ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. ޖެހިލާ ހިތްގައިމު ވައި ރޯޅިން ހިތްތަކަށް އުފާވެރިކަން ގެނެސްދެމުން ދިޔައެވެ. ނަމަވެސް ޢާލާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. މިރޭ ނުވައެއް ޖަހާއިރު ހުސެން ޢާލާއަށް ބައްދަލުކުރަން އަންނާނެ ވާހަކަ މަރީނާ އޮތީ ބުނެފައެވެ. އެހެންކަމުން ކޮންމެހެންވެސް އޭނާއަށް ބައްދަލުކުރަން ޖެހޭނެއެވެ. ބައްދަލުނުކޮށް ހުރެއްޖެނަމަ އޭނާގެ މަންމަގެ ރުޅިވެރިކަމާއި ކުރިމަތިލާންޖެހޭނެކަން ޢާލާއަށް އެނގެއެވެ. އޭނާގެ މަންމަ މަރީނާގެ ހުންނަ ހަރުކަށި މިޒާޖުދެކެ އޭނާވެސް ޖެހިލުންވެއެވެ. ބިރުގަނެއެވެ.
ގަޑިން ރޭގަނޑު ނުވައެއް ޖެހީއެވެ. ޢާލާ އިނީ ކޮޓަރިތެރޭގައެވެ. އޭނާގެ މަންމަގެ އެދުމުގެ މަތިން ހުސެން އަންނަން ވާއިރަށް ތައްޔާރުވާށެވެ. “ދަރިފުޅާ!. ހުސެން އަތުވެއްޖެ. އަވަހަށް އާދޭ.” މަރީނާ ދޮރުގައި ދެފަހަރަކު ޖަހާލުމަށްފަހު ގޮވާލިއެވެ. ޢާލާ އޭނާގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލުމަށްފަހު ބޭރަށް ނުކުތެވެ. ޢާލާ ނުކުތްއިރު މަރީނާ ދޮރުމަތީގައި ހުއްޓެވެ. ޢާލާގެ އުނަގަނޑުގައި ހިފާލައިގެން މަރީނާ އޭނާ ބޭރު ގޭތެރެއަށް ނެރުނެވެ. ޢާލާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. އޭނާގެ ދެލޮލުގައިވާ ކަރުނަތައް ފޮރުވާކަހަލައެވެ. ސޯފާ ގޮނޑިއެއްގައި ޢާލާ ބޭއްދުމަށްފަހު މަރީނާ އިނީ ޖެހިގެން އިން ގޮނޑީގައެވެ. ކުރިމަތީގައި ހުސެން އާއި އޭނާގެ ބައްޕަ ޒާހިރު އިނެވެ. “ހާދަ ލަދުރަކި ކުއްޖެކޭ ދޯ!.” އިސްދަށަށް ޖަހައިގެން އިން ޢާލާ އިންގޮތުން ޒާހިރު ބުންޏެވެ. “އާނ! ވަރަށް ލަދުގަންނާނެ. އެއީ އަދި އަލަށްވީމަ. ފަހުން ރަނގަޅުވާނެ.” މަރީނާ ހިނިތުންވެލިއެވެ.
އެރޭގެ ބައްދަލުވުން ނިމިގެން ދިޔައީއެވެ. އެންމެ ފަހަރަކުވެސް ޢާލާ އިސްއުފުލާ ބަލާވެސް ނުލައެވެ. އެންމެން ވާހަކަ ދެއްކި އިރުވެސް ހުސެން އާއި ޢާލާގެ ދުލުން ބަހެއް ނުނިކުމެއެވެ. އެކަން މަރީނާއަށް ފާހަގަވި ނަމަވެސް ސިއްރުކޮށްގެން ހުރީއެވެ. މަސްލަހަތަށްޓަކައެވެ. ހުސެން ކިތަންމެ ފަހަރަކު ޢާލާއަށް ބަލާލައެވެ. ނަމަވެސް ހުސެން އިނީ ވާހަކަ ދައްކަން ނުކެރިފައެވެ. އޭނާގެ ބައްޕަ އޭނާއާއި ޖެހިގެން އިނުމުންނެވެ. ހުސެން އޭނާގެ ބައްޕައަށް ޤަދަރުކުރެއެވެ. އިޙްތިރާމް ކުރެއެވެ. އޭނާގެ ބައްޕަގެ ކުރިމަތީގައި އިސްވެ ވާހަކަ ދައްކަން ހުސެން ޖެހިލުންވެއެވެ.
ކައިވެނި ކުރާ ދުވަސް ޖެހިއްޖެއެވެ. ގޭތެރެ ޒީނަތްތެރި ކުރަމުން ދިޔައީ ވަރަށްވެސް ފުރިހަމައަށެވެ. ކުލަކުލައިގެ ބޮކިތައް އެކި ދިމަދިމާލުގައި ހަރުކުރަމުން ދިޔައެވެ. މުޅިގެ ހީވަނީ ބަދަލުކޮއްލަން އުޅޭހެންނެވެ. ޒުވާން ގުރޫޕްތައް މ.ތަރީގައި ހަރަކާތްތެރިވަމުން ދިޔައިރު އެގޭތެރެއިން ފެންނަ ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ތާޒާ ކަމެވެ. ބަދިގެތެރޭގައި ޒުވާން އަންހެން ގުރޫޕެއް މަޖަލާއި ފޯރިއާއިއެކު ހެދިކާ ތައްޔާރުކުރަމުން ދިޔައެވެ.
“ޢާލާ! …ޢާލާ!… ދޮރު ހުޅުވަބަލަ… ހެދުން ހިފައިގެން އައިސް ޒޫނާ އެބަހުރި. އެހެޔޮވަރުތޯ ބަލަން ޖެހޭނެއެއްނު.” އެނދުމަތީގައި އަރިއަކަށްޖެހި ރޯން އޮތް ޢާލާ މަޑު ހިނގުމެއްގައި އައިސް ދޮރު ކައިރީގައި މަޑު ކޮއްލިއެވެ. އަދި މޫނު ރަނގަޅަށް ފުހެލިއެވެ. ނަމަވެސް ދެލޮލުގައިވާ ރަތްކަން ފިލުވާނީ ކިހިނެތް ހެއްޔެވެ؟. ގިނައިރު ރުއިމުގެ ސަބަބުން އެދެލޯ ފެންނަނީ ވަރަށް ރަތްކޮށެވެ. ޢާލާ ދޮރު ހުޅުވާލިއެވެ. އޭރު ޒޫނާ ހެދުން ހިފައިގެން ދޮރުމަތީގައި ހެވިފައި ހުއްޓެވެ.
“މިހާ އުފާވެރި ދުވަހެއްގައިވެސް ޢާލާގެ މޫނުމަތިން ފެންނަނީ މާޔޫސްކަން. ދެލޯ ހީވަނީ ރަތް ޓޮމާޓޯ ކޮޅެއްހެން. ބުނެބަލަ!… ކައިވެނި ކުރެވޭތީ ޢާލާ އުފަލެއްނުވޭތަ؟.” ޒޫނާ އަހާލިއެވެ. ” ނޫނޭ..އަހަރެންވެސް އުފާވާނެއެންނު…” މޫނު އަނބުރާ ލަމުން ޢާލާ ބުންޏެވެ. “ދެން ކީއްވެ ތި މޫނު ފޮރުވަނީ؟ ބުނެބަލަ!.. ކިޔާދީބަލަ!. ފަހަރެއްގަ މަށަށް ވެސް އެހީއެއް ވެވިދާނެއެއްނު. މަށަކީ ޢާލާގެ އެންމެ ގާތް އެކުވެރިޔާ!”. ޢާލާގެ މޫނުގައި ހިފާ އަނބުރާލަމުން ޒޫނާ ބުންޏެވެ.
“ޒޫނާ އަށް އެނގެއެއްނު އަހަރެން ލޯބިވަނީ އިމްރާންދެކެ ކަން. އަހަރެން ދެން ކިހިނެތް ހަދާނީ؟. އަހަރެންގެ ހިތް ބުނޭ ކޮންމެވެސް ދުވަހަކުން އިމްރާން އަދި އަންނާނެޔޭ. އަދި އަހަރެން ގާތަށް އަންނާނެޔޭ. އޭނަ އަހަރެންދެކެ ލޯބިވެޔޭ.” ޢާލާއަށް ރޮވުނެވެ. “އެކަމަކު ޢާލާ!… މިހާރު އޭގެ ފަހުން ފަސް އަހަރުވީ. އަންނަ މީހެއްނަމަ އައިހެއްނު. އޭނަ ޢާލާދެކެ ލޯތްބެއްނުވޭ. އެހެންނޫންނަމަ މިހާދުވަސް ވާއިރު ޚަބަރެއްނުވެ ހުންނާނެތަ؟ ބުނެބަލަ.” ޒޫނާ ފޫހި ގޮތަކަށް ބުންޏެވެ. “އޭނައަށް އަހަރެން އުޅޭ ގެއެއް ނުވެސް އެނގޭނެ. ކިހިނެތް އޭނަ އަހަރެން ހޯދާނީވެސް؟. އޭނަގެ ގެއެއްވެސް މަށަކަށް ނޭނގެ. އަހަންނަށް ބޭރަށް ނުކުތުމުގެ ހުއްދައެއް ނެތް. އޭނަ މާލެ އަޔަސް ކިހިނެތް ހޯދާނީ. އޭރު އޭނަ އަތަކުވެސް އަހަރެން އަތަކުވެސް ފޯނެއް ނެތް.” ޢާލާ ގޮތް ހުސްވެފައިވާ މީހެއްހެން ރޮމުން ގެންދިޔައެވެ. “އަނެއްކާ އޭނަގެ ވާހަކަ ފެއްޓީ! ތިއޮތީވާ މީހެއް. މަށަކީ ޢާލާގެ އެންމެ ގާތް އެކުވެރިޔާޔޯ!. އެކަމަކު މަށަށްވެސް އެއިމްރާނަކު ދެއްކީކީ ނޫން. މަޖަހައިގެންފާނެތީ ކަންނޭނގެ” ޒޫނާ ލާނެއް ގޮތަކަށް ބުންޏެވެ.
ޒޫނާ އަކީ ޢާލާގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާއަކީ ރާއްޖެތެރޭ ކުއްޖެއް ނަމަވެސް ދެމީހުންގެ ދެމެދުގައި ތަފާތެއް ނުވެއެވެ. ދެމީހުންނަކީ އެއްމިޒާޖެއްގެ ދެމީހުންކަމުން އެދެމެދުގައި ދުވަހަކުވެސް ދެބަސްވުމެއް ނުހިނގައެވެ. ޢާލާ އާއި ޒޫނާ ދިމާވީ ޒޫނާ ކޮމްޕިއުޓަރ ކޯހެއް ހެދުމަށްޓަކައި މާލެ ބަދަލުވި ހިސާބުންނެވެ. ޒޫނާ މާލޭގައި ހުރީ ޢާލާމެންގެ ގެއާއި ޖެހިގެންހުރި ޢާލާގެ ބޮޑުބޭބެގެ ގޭގައެވެ.
ޢާލާގެ ކުރިމަތިން ކަޝްފުވަމުން ދިޔައީ މީގެ ފަސްއަހަރު ކުރީގެ ހަނދާންތަކެކެވެ. އޭރު ޢާލާއަށް ވާނީ އެންމެ ސޯޅަ އަހަރެވެ. ޢާލާ އުޅެނީ ގުރޭޑް ދިހައެއްގައެވެ. އިމްރާން އުޅެނީ ބާރަވަނަ ގުރޭޑްގައެވެ. ޢާލާ އާއި އިމްރާންގެ ލޯބީގެ ގުޅުން ބަދަހިވީ އެއަހަރުތެރޭގައެވެ. ޢާލާމެންގެ ފެއަރވެލް ޕާޓީ ތެރެއިންނެވެ. ޢާލާ އަޅާ ކޮންމެ ފިޔަވަޅަކަށް ފާރަލަމުން ހިނގާތާ ދެއަހަރު ފަހުން އިމްރާންއަށް ޢާލާގެ ލޯބި ކާމިޔާބުވިއެވެ. ޢާލާވެސް އިމްރާންދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އަންހެން ކުއްޖަކަށް ވީތީ އިސްނަގަން ނުކެރިފައި ހުއްޓާ، އިމްރާން ޢާލާގެ ލޯތްބަށްއެދި އައުމުން ޢާލާ ހުރީ ބަސްހުއްޓިފައެވެ. މިއީ ހޭލާހުއްޓާ ފެންނަ ހުވަފެނެއް ނޫންބާއޭ ކިތަންމެ ފަހަރަކު ޢާލާގެ ހިތަށް އަރަމުން ދިޔައެވެ.
އިމްރާންގެ ލޯބި އެހާ ފަސޭހައިން ކާމިޔާބު ވުމުން އިމްރާން ހުންނަނީ ވަރަށް އުފަލުންނެވެ. ކުރަމުން އައި ފޮނި އުއްމީދުތަކުގައި ހަޤީޤީ ކުލަ ޖެހެމުންދާތީ ޢާލާވެސް ހުންނަނީ އުފަލުންނެވެ. ދެމީހުން އެކީގައި ވަގުތު ހޭދަކޮށް ބައްދަލުކޮށް ހަދަނީ ސްކޫލުގެ ލައިބްރަރީންނެވެ. ދެމީހުންކުރެ އެކަކަށްވެސް ކިޔާ ނަން ނޫނީ އެއްވެސް މަޢުލޫމާތެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ދެމީހުންނަކީވެސް މާލެއަށް އުފަން ދެމީހުންކަމެވެ. އިތުރު މަޢުލޫމާތު ހޯދަން ދެމީހުންވެސް ބޭނުން ނުވާ ކަހަލައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަށެވެ. އަހަރުގެ ކިޔެވުންނިމި ނަތީޖާވެސް ލިބިއްޖެއެވެ. ޗުއްޓީގެ ވަގުތު ޖެހުނީއެވެ. ނަމަވެސް ޢާލާ އާއި އިމްރާން ބައްދަލުކުރަމުން ދިޔައީ އެއްވެސް ދަތިކަމެއް ނެތިއެވެ. އާޓިފިޝަލް ބީޗުގައި ދެމީހުންގެ ލޯބި ގަތަމުން ގެންދިޔައީ ފުރިހަމަ މިނިވަންކަމާއިއެކުގައެވެ. އެދެމެދަށް އެއްވެސް މީހަކަށް ނުވަދެވޭނެހާ ވަރުގަދައަށެވެ.
އިރުއޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސެން ދަނީއެވެ. ދުނިޔެމަތީގައިވާ މަޑުހޫނު، ފިނިކަމަށް ބަދަލުވަމުންދެއެވެ. އުޑުމަތީގައިވާ ނޫވިލާތައް ދޮންވަމުންދެއެވެ. ޢާލާ އާއި އިމްރާން ތިބީ މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ބަހައްޓާފައިވާ ގާތަކުގެ މަތީގައެވެ. “އަހަރެން މިއުޅެނީ ވަރަށް އަވަހަށް ރާއްޖޭން ބޭރަށް ފުރަން. ބައްޕަ ބޭނުންވަނީ އަދިވެސް އަހަރެން ކިޔަވަން. އަދި އަހަރެންވެސް ވަރަށް ބޭނުން އިތުރަށް ކިޔަވަން. އެހެންވެ އެހާ އަވަހަށް ދާން އެއްބަސްވީވެސް”. އިމްރާން އުފާވެފައިއިނދެ ބުންޏެވެ. “އިމޫ…ދެން އަހަރެން ކިހިނެތް ހަދާނީ؟. އިމޫ އަންނާނީ ކޮން ދުވަހަކުން؟.” ޢާލާގެ އަޑުގައިވަނީ މާޔޫސްކަމެވެ. އޭނާ އެންމެ ލޯބިވާ މީހާއާއި އެންމެ ހިނދު ކޮޅަކަށްވެސް ވަކިވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟. މިއީ ތަޤުދީރެވެ. ތަޤުދީރު ބަދަލުކުރެވޭނީ ކާކަށް ހެއްޔެވެ؟. އެއީ ދުނިޔޭގެ ޤާނޫނެވެ. ކިތަންމެ ބޭނުންނުވިޔަސް ދެން ޖެހޭނީ ވަކިވާށެވެ. ނަމަވެސް ޢާލާގެ ހިތުން އެލޯބި ދުވަހަކުވެސް ނުފިލާނެކަން ޔަޤީނެވެ. އެއީ ތެދުވެރި މާތް ލޯތްބެކެވެ. ދުނިޔޭގެ ގަދަފަދަ ބާރަކަށްވެސް އެލޯބި ނިގުޅައި ނުގަނެވޭނެކަން ކަށަވަރެވެ. “އާދެވޭނީ ފަސް އަހަރު ފަހުން. އައިސް އަހަރެން އެންމެ ފުރަތަމަވެސް ހޯދާނީ ޢާލާ. އަހަންނަށް އިންތިޒާރު ކުރައްޗޭ. ބޭވަފާތެރި ނުވައްޗޭ. ދުވަހަކުވެސް އަހަރެން ނޫން މީހަކަށް ނީންނާނަން ކަމަށް ވަޢުދުވޭ. ބުނޭ ތީ އަހަރެންގެ މީހެކޭ. ބުނޭ.” އިމްރާންގެ އަޑުވަނީ ކުރެހިފައެވެ. “އާނ! އިމޫ! މީ އިމޫގެ މީހެއް. އަހަރެން ދުވަހަކުވެސް އިމޫ ނޫން މީހަކާއި ނީންނާނަން. މިގޮތަށް ހުރެ ފަނާވާން ޖެހުނަސް ވަރިހަމަ.” ޢާލާ އަށް ރޮވޭގޮތް ވިއެވެ. “ވަރަށް އުފާވެއްޖެ. ވަރަށް އުފާވެއްޖެ. އަހަންނަށް އިތުބާރު ކުރާތި. އަހަރެން ޢާލާ ދެކެ ވަރަށް ލޯބިވޭ.” އިމްރާން ލޯތްބާއިއެކު ބުނެލިއެވެ.
މާޒީގެ ފުން ހިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިން ޢާލާ ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. ޢާލާ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ އޭނާގެ ކޮއްކޮ ޔާނާ އެވެ. “ދައްތާ! އެ ހުސެން ހާދަ ސަޅިއޭ. އަހަރެން ހިތަށް އަރާ އެކަހަލަ ސުމާޓް މީހެއް މަށަށްވެސް ލިބޭނެ ނަމައޭ. އޭނަ މަށަށް އިންނަން އެއްބަސް ވިނަމަ. އޭނައަށްވެސް ކަމުދިޔައީ ދައްތަ ވިއްޔަ. ވަރަށް ފޫހިވޭ”. ޔާނާ ބެލީ ޢާލާއާއި ދިމާ ކުރެވޭތޯއެވެ. “ކޮންމެހެން ދިމާ ކުރަން އުޅޭނެ ކަމެއް ނެތް. މިހާރު ޔަޤީން ކޮއްކޮވެސް ބިޓެއް ނަގާނެ ކަން. މިހާރު ނުނަގައެއް ނުހުންނާނެ.” ޢާލާވެސް ދިމާ ކޮއްލިއެވެ. “އައްދޭ މި ދައްތަ މިހާރު ހާދަ ފޮނިވެގެންނޭ އުޅެނީ މެރީ ކުރެވޭތީ. ބަލައްޗޭ މަވެސް މެރީ ކުރާނީ ހުސެންބެ އަށް ވުރެ މާ ސުމާޓް މީހަކާ. ޔަޤީން ދައްތަ ޖޭ ވާނެ ކަން.” މަޖާވެފައި އިނދެ ޔާނާ ބުންޏެވެ. “ހޫނ! ދެން ހެވޭ. ކީއްކުރަންތަ ތި އައީ.” ޢާލާ ބުންޏެވެ. “ގޭގަ އެބައިން ކަލާގެ ހުސެން. ދެން ދޭބަލަ އެކަނި ފިލުވާލަ ދޭން.” ލާނެއް ގޮތަކަށް ހީލާފައި ޔާނާ ނުކުތުމުން ޢާލާ އަވަސް އަވަހަށް ދޮރު ތަޅުލިއެވެ.
ޢާލާ ހީވަނީ ހުސެންއަށް ފިލައިގެން އުޅޭ ހެންނެވެ. ކައިވެނީގެ ވާހަކަ ގޭތެރޭގައި ދެކެވުނީއްސުރެ ކޮޓަރިން ބޭރަށް ޢާލާ އެއްގޮތަކަށްވެސް ނުނިކުމެއެވެ. މިހާރު އެއްވެސް މީހެއްގެ ކުރިމައްޗަށް އަރާކަށް ޢާލާ ބޭނުމެއް ނުވެއެވެ. ޢާލާ ލޯބިވީ އެންމެ މީހެއް ދެކެއެވެ. އެއީ އިމްރާން އެވެ. މިއަދު އިމްރާންވީ ކޮންތާކު ކޮން ޙާލެއްގައި ކަމެއްވެސް ޢާލާއަކަށް ނޭނގެއެވެ. ނަމަވެސް މިއަދަކީ ޢާލާގެ މުޅި ދިރިއުޅުން ބަދަލުވެގެންދާނެ ދުވަހެވެ. އިމްރާންއަށް އާދެވިއްޖެނަމަ އިމްރާން ބުނާނީ ޢާލާއަކީ ބޭވަފާތެރިއެއް ކަމުގައެވެ. ޢާލާ މަކަރުހެދީ ކަމުގައެވެ. އޮޅުވާލާ ދޮގު ހެދީ ކަމުގައެވެ.
ޢާލާގެ ދޮން މޫނު މިހާރު ވަނީ މިލާ މޯޅިވެފައެވެ. އެމޫނުމަތީގައި ތާޒާ ކަމެއް ނުވެއެވެ. ހިތާމަ ކުރަން ކިތަންމެ ބޭނުން ނުވިޔަސް ތަޤުދީރު އެކަމަކަށް ތަނެއް ނުދެއެވެ. ދުނިޔޭގައި އެމީހަކު ލޯބިވާ މީހަކާއި ކައިވެނި ކުރެވެނީ މަދު ނަސީބުވެރިއަކަށެވެ. ލޯބި ކާމިޔާބު ވިޔަސް އުފަލުގައި އުޅެވެނީވެސް މަދު ބަޔަކަށެވެ. ދުނިޔެ އެކި ދުވަހު ދައްކަނީ އެކިކުލައެވެ. ޙަޔާތުގައި އުސްގަނޑަކަށްފަހު އަޑިގަނޑެއް އަންނާނެޔޭ ބުނާއަޑު ޢާލާވެސް އަހައެވެ. މިއަދު މިއީ އެއަޑި ގަނޑެވެ. ނަމަވެސް ދެރައީ އެއަޑި ގަނޑުން އެރޭނެ މަގެއް ފެންނަން ނެތުމުންނެވެ. ޙަޔާތުގެ މިސްރާބު ބަދަލުކުރަންޖެހިއްޖެއެވެ. ހުންގާނުގައި ހުރެ ބޭނުންވާ މަންޒިލަށް ނުދެވި މިސްރާބު ބަދަލުކުރަން ޖެހުނީއެވެ. މިއީ އިންސާފެއް ހެއްޔެވެ؟. ނޫނެކެވެ. މިއީ އިމްތިހާނެކެވެ. ދުނިޔެ މައްޗަށް އިންސާނާ ފޮނުއްވުނީ އިމްތިހާން ކުރުމައްޓަކައެވެ. ވީއިރު ކެތްނުކުރެވެންވީ ކީއްވެހެއްޔެވެ؟. މިއީވެސް ދުނިޔެއެވެ.
ކޮންމެ ގޮތެއްވިޔަސް ހުސެންގެ އެކަނިވެރިކަން ފިލުވާލަދޭން ދާކަށް ޢާލާ ބޭނުމެއް ނުވިއެވެ. ގަދަކަމަކުން ލޯތްބެއް ނުވެސް ހޯދޭނެއެވެ. ލޯބިނުވާ މީހަކާއިއެކު ދިރިއުޅޭނީ ކިހިނެތްހެއްޔެވެ؟. ލޯތްބަކީ ވާ އެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. އެހެން ނޫންނަމަ މިއަދު ޢާލާ އިމްރާންގެ ލޯބި ކަފުންކޮށް ހުސެންދެކެ ލޯބިވީހެވެ. މައިންބަފައިންނަށްޓަކައެވެ. ޢާއިލާއަށްޓަކައެވެ. އޭނާއަށް ކައިވެނިކުރަން ތައްޔާރަށްހުރި ހުސެން އަށްޓަކައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އޭނާގެ އަމިއްލަ ނަފްސަށް ޚުދު އޭނާއަށްވެސް ބާރު ނުފޯރުވޭ ކަހަލައެވެ.
ވަގުތަކީ އިރުއޮއްސޭ ވަގުތެވެ. މަގުމަތިން މީހެއްގެ ހިލަމެއްވެސް ވަނީ މަދުފަހަރަކުއެވެ. ނަމަވެސް މ.ތަރީގައި މީހުންތައް ހަރަކާތްތެރިވަމުން ދިޔައެވެ. މަރީނާ ޢާލާގެ ޚަބަރެއް ނުވެގެން ދެތިން ފަހަރަކު ކޮޓަރީގެ ދޮރުގައި ޓަކިދީފިއެވެ. ނަމަވެސް ޢާލާ ހަމަ އަޅާވެސް ނުލާ އޮތީއެވެ. އަޑު ނީވޭ ކަމަށް ހަދައިގެންނެވެ. އެހެން ނަމަވެސް އެހެން ދެން މާގިނައިރު ނޯވެވޭނެކަންވެސް އޭނާއަށް އެނގެއެވެ. ކައިވެނިކުރުމުގެ ވަގުތު ކުޑަ ތަންވަނީއެވެ. އެކަމަކު ކުރާނީވެސް ކީއްހެއްޔެވެ؟. އޭނާ އެކޮޓަރިން ބޭރަށް އެއްމެ ފިޔަވަޅެއްވެސް އަޅާކަށް ބޭނުމެއް ނުވެއެވެ.
“ދަރިފުޅާ!.. ދަރިފުޅާ!..” އެންމެ ފަހުން ވަގުތު ކުޑަތަންވުމުން މަރީނާ އައިސް ޢާލާއަށް ގޮވަން ފެށިއެވެ. ޢާލާ މަޑުމަޑުން ހިނގާފައިގޮސް ދޮރު ހުޅުވާލިއެވެ. “ކިހިނެތްވެފަތަ ކޮޓަރިއަށްވަދެ ތިއޮންނަނީ؟. މިހާރު އެއޮއްގެން އަށެއް ޖަހަނީ. އަވަހަށް ތައްޔާރުވޭ. އިރުކޮޅަކުން ކައިވެނި ކޮއްދޭ މީހުންތައް އަންނާނެ. މިއަދު ހުސެން އައިމަވެސް ނުނިކުތީމެއްނު. އެކަމަކު މިރޭ ކައިވެންޏަށްފަހު ދެން ޖެހޭނީ އެގެއަށް ދާން.” މަރީނާގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. “މިހިރީ ގަހަނާތައް.” މަރީނާ އަތުގައި އޮތް ގަހަނާ ފޮށި އެނދުމަތީގައި ބެހެއްޓުމަށްފަހު ކޮޓަރިން ނުކުތެވެ.
“ދައްތާ!. ހުސެން އެބަހުރި ބޭރުގަ. ބުނީ ދައްތަ އަށް ގޮވާ ދީބަލާށޭ. ވަރަށް ހާސްވެފަ ހުރީ.” އެވަގުތު ކޮޓަރިތެރެއަށް ވަދެގެން އައި ޔާނާ ބުންޏެވެ. އޭނާގެ އަޑުގައިވެސް ވަނީ ސީރިޔަސްކަމެވެ. ޔާނާ ޢާލާގެ އަތުގައި ހިފާ އެނދުން ނަގަމުން ހިނގައިގަތެވެ.
އެމީހުން ބޭރަށް ނުކުތްއިރު ބޭރުގައި އެމީހުންނަށް ފުރަގަސްދީގެން ހުސެން ހުއްޓެވެ. ޢާލާ ހުސެން އާއި ދިމާއަށް ބަލާވެސް ނުލައެވެ. ޢާލާ ދޮރުމަތީގައި ބެހެއްޓުމަށްފަހު ޔާނާ ގޭތެރެއަށްވަނެވެ. ޢާލާ އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން ހުރީއެވެ. އެދެމެދުގައިވަނީ ހަމަހިމޭންކަމެކެވެ.
އެތައްއިރަކު އެހެން ހުރުމަށްފަހު އެހަމަހިމޭންކަން ފޫދުއްވާލީ ހުސެންއެވެ. “ޢާލާ!.. އަހަރެންނާ ކައިވެނި ކުރަން ތިއުޅެނީ މަޖުބޫރުންތަ؟.” ހުސެންގެ އަޑުގައިވަނީ މާޔޫސްކަމެވެ. ޢާލާއަށް ބޭއިޚްތިޔާރަކާއިނުލާ ހުސެންއަށް ބަލާލެވުނެވެ. ޢާލާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އޭނާގެ ކުރިމަތީގައި އެހުރީ ދެވަނަ ދެމީހެއް ނޫނެވެ. އެއީ އޭނާ ދެލޯނޭދި އެދޭ އޭނާގެ ލޯބިވެރިޔާއެވެ. ކެތްތެރިކަމެއްނެތި އެމީހަކަށް އިންތިޒާރު ކުރަމުންދިޔަ އިމްރާނެވެ. ޢާލާ އެއްވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. އެމީހަކުދެކެ އިންތިހާއަށް ލޯބިވިމީހާ އޭނާއާއި އެހާ ގާތުގައި ހުރިއިރުވެސް އޭނާއަށް ނޭނގުނީ ކީއްވެހެއްޔެވެ. އެއީ ހަމަ އިމްރާންއެވެ. އެކަމަކު މިއަދު އޭނާއަށްވަނީ ވަރަށްބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބާމަތިފުޅާ ބޮޑު ހަށިގަނޑެކެވެ. ފިރިހެންވަންތަ ބަރުއަޑެކެވެ. ކުރިއަށްވުރެވެސް މިހާރު އިމްރާން ރީއްޗެވެ. ފުން ހިޔާލުތަކުގެ ތެރެއަށް ގެނބެމުންދިޔަ ޢާލާ ސިއްސައިގެން ދިޔައީ ހުސެންގެ އަޑަށެވެ. “ކިހިނެތްވެފަ ތިހުރީ އަނގައިންވެސް ނުބުނެ؟. އަހަރެން އެނބުރި އައިމަތަ؟ ޤަބޫލުނުކުރެވެނީތަ؟ ހީކުރީތަ އޭރު އަހަރެންކުރީ ސަމާސާއެއް ކަމަށް؟.” އެތައް ސުވާލެއް އެއްފަހަރާ ހުސެން ކުރިއެވެ. “ތީ އިމްރާންތަ؟.” ޢާލާވެސް ކުރީ ސުވާލެކެވެ. “މިހާރު ވަކިކުރަންވެސް ނޭނގުނު. ތީތަ އަހަރެންދެކެ ވީ ލޯތްބަކީ؟.” ހުސެންގެ އަޑުގައިވަނީ ހައިރާންކަމެވެ. ޢާލާ ދުވެފައިގޮސް ހުސެންގެ ގައިގައި އޮޅުލައިގަތެވެ. އޭނާއަށް މުޅި ދުނިޔެވެސް މިލްކުވި ކަހަލައެވެ. “ކީއްވެ އަހަރެންނަށް އަންގާނުލީ. ކީއްވެ ޚަބަރެއްނުވީ. މިއީ ކިހާ ބޮޑު އިއްތިފާޤެއް.” ޢާލާ ހުރީ އުފަލުން ގޮސް ރޮވޭވަރު ވެފައެވެ. “އަހަރެން ކިޔަވާ ނިންމާފަ އައިތަނުން ބައްޕަ ޢާލާގެ ފޮޓޯއެއް ދައްކާފަ ބުނި ޤަބޫލުހޭ. އަހަރެން ވަގުތުން ބުނިން އާއެކޭ. އަހަރެންވެސް ހުރީ ހައިރާންވެފަ. އެކަމަކު އަހަރެން ހީކުރީ ޢާލާއަށްވެސް އެނގޭނެ ކަމަށް. ދެން މައްސަލައެއް ނެތްތާ. މިހާރު ތިއީ މަގޭ ވާން އުޅޭ އަނބިމީހާ. އަހަރެން ޢާލާއަށް ބައްދަލުކުރަން ބޭނުންވީ ޢާލާގެ މޫނުމަތިން މާޔޫސްކަން ފެންނާތީ. އަހަރެން އައުމުން އުފާވެރިކަން ފެންނަންނެތީމަ. މިހާރު ހުރިހާ އެއްޗެއްވެސް އެނގިއްޖެ. ދެން ދޭ އަވަހަށް ތައްޔާރުވާން. އަހަރެންވެސް މިދަނީ.” ލޯތްބާއިއެކު ޢާލާގެ މޫނުގައި ފިރުމާލުމަށްފަހު ހުސެން ހިނގައިގަތެވެ. ޢާލާވެސް ގޭތެރެއަށްވަނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ޢާލާގެ މޫނުމަތިން ފެނުނު މާޔޫސްކަން ފިލާ މިހާރު އެމޫނުމަތީގައިވަނީ އުފާވެރިކަމެވެ.
ދެޢާއިލާ އަކީވެސް މުއްސަނދި ބައެއްކަމުން އެގެއަށް ވަދެ ނުކުމެ ހަދާތަންވެސް ފެންނަނީ އެމީހުންނާ ދާދި އެއް ފެންވަރެއްގެ ބަޔެކެވެ. އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނޭ ބުނެއެވެ. މުއްސަނދިންނަކީ ފަޤީރުންނާއި އެއްފަންތިއަކަށް ވާޞިލުވެވޭނެ ބައެއް ނޫންކަން ދަޢުވަތު ދެވިފައިވާ މީހުންނަށް ނަޒަރު ހިންގާލުމުންވެސް ވަރަށް ރަނގަޅަށް ފާހަގަވެއެވެ. ވަގުތު ޖެހުނުއިރު މުޅި އެގޭތެރެވަނީ ފުރިބާރުވެފައެވެ.
ގޯތިތެރޭގައި ދިއްލާފައިވާ ކުލަ ބޮކިތަކުން ތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. ކައިވެނިކުރާ މޭޒު ކައިރީގައި ކައިވެނި ހެދުމުގައި އިން އަންހެން ކުއްޖަކީ ޢާލާއެވެ. ހުދުހެދުމެއްގައިވާއިރު ޢާލާ ފެންނަނީ ސާދަވިލޭރޭގެ ހަނދެއްފަދައިންނެވެ. އެހާވެސް ފުރިހަމައެވެ. އެމޫނުމަތިން މިހާރު ފެންނަނީ ތާޒާކަމެވެ. އުފާވެރި ހިނިތުންވުމެކެވެ. އިމްރާންއާއި ޢާލާގެ ކައިވެނިކުރެވިއްޖެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރި ހިނިތުންވުމެކެވެ. “މަންމަ ބުނީމެއްނު ކައިވެނި ކުރުމުން ޢާލާ އުފާވާނެޔޭ.” މަރީނާ ވާހަކަ ދެއްކީ އެއްވެސް އެއްޗެއް ނޭނގިހުރެއެވެ. ޢާލާ ހިނިތުންވެލިއެވެ. އަދި އޭނާގެ ލޯބިވާ ފިރިމީހާގެ މޭގައި ބޯއަޅާލިއެވެ. ހިތާހިތާ ޅެމެއް ކިޔާލަމުންނެވެ.
ހިތަށްމަގޭ އިންތިހާ ކުރިއަސަރު ފިލާނުދޭ
ފަސްނުޖެހި އުމުރުގާ ބީވި ލޯބި ދޭންބުނޭ
އިއްތިފާޤަކުން ވެވުނު ކައިވެނީގެ ބާރުގާ
ފާޅުގާ ނަށާލަމުން ލިބުނު ބޮޑު އުފަލުގާ
ނިމުނީ!
ލިޔުނީ ޙައްވާ ނާޞިޙާ
16 Comments!
Comments are closed.

Reethi .. Adhi heekuran naash ge thafaathu vaahakaeh kian libeyne kamah
Konmess thaakun ky vaahaka eh mee
vaahakagai vaaney goi kitun therinnah visneygothaliyefai othumakee shaugu gelleyne kameh. vaahakaige emme muhimmu eh kamakee kiyun theringe shaugu hifeyttun. dhen liyaa vaahaka eh ggai ekama visnaane kamah ummeedhu kuran
kee vaahakaeh noon. adu ehi vaahaka eh…… miee alhugandu 2012 vana aharu kuruvaahaka mubaaraathah liyunu vaahaka eh…
Alhey neesh haadha molhey vaahaka liyan maasha allah.v. V nyc mivaahaka
Aharen mee kuru vaahaka adu ahaa myheh nun.
Ekam ves mi story dhen kudakoh diffrent koh adu e hin.
Story ga hama kuda kuda change a vanee.
vara Reeth
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv.nice.
kon husain eh dhen??ajaibeh!
wow
Hussain ge nan aiy keeve
thedheh husen aky kaaku dhen
Wow i just love this… It looks like my Life story..
Wow
??
Yeah same question… I want an answer… Who is Husain …. Never mind… Varah varah mi story … And who is this liar???? This can’t be ur life story…,
*reethi